'ދޯދި' ކިހިނެތް ހެއްޔޭ އަހާލުމަށް އަނގަހުޅުވާލުމާ އެކު މީހަކު ބުންޏެވެ؛ ތިޔަ ފިލްމަކަށް ކަލޭ ދާނެ ކަމެއް ނެތެވެ. ކަލޭ މުސްކުޅިވެއްޖެ އެވެ.
ބްރޯ، އެކަމަކު އަދި މަޑުކޮށްބަލާށެވެ. މާތްކަލާކޯ އެވެ. ނިކަން ބައްލަވާށެވެ. މި ހިތުގައި ސިނަމާ އަށް އޮތް ލޯބި މުސްކުޅިވެދާނެ ކަމަށް ތިބޭޅާ ގަބޫލުކުރަނީތޯ އެވެ؟ މަގޭ މި ދެ ލޮލުން މިވަގުތު ވެސް ނުކުމެގެން އެ ދަނީ ޒުވާން ދިވެހި ފިލްމެއްގެ ދޯދި އެވެ.
ލޮލުން ނުކުމެގެން ދިޔަ ދޯދިތަކަށް ބަލަން ހުރެފައި އޭނާ ބުންޏެވެ؛ ތިޔައީ ޒުވާންކަމުގެ ދޯދިތަކެއް ނޫނެވެ. ތިޔައީ ދިވެހި ފިލްމަށް ކަލޭގެ ހިތުގައި އަނދަމުންދާ އަލިފާނުގެ ދޯދި އެވެ. ކަލޭ އެއްވެސް ދިވެހި ފިލްމެއް ބަލަން ދާނެ ކަމެއް ނެތެވެ. މި ފިލްމަށް އަމުދަކުން ދާނެ ކަމެއް ނެތެވެ. އެއީ ޖެންޒީންނަށް ހަދާފައި އޮތް ފިލްމެކެވެ. އެއީ ޖެންޒީ ފިލްމެކެވެ.
އަހަރެން އެހީމެވެ؛ ޖެންޒީންނަކީ އަނެއްކާ ކޮންއިރަކު އުފަންވި ފިލްމު ޖޮންރާއެއް ހެއްޔެވެ؟
ޗޮސް ކަނޑަމުން ދިޔަ އެކުވެރިޔާ ގޮސް ގެއްލުމާ އެކު އޮލިމްޕަހަށް ވަދެ އަހަރެން ގޮނޑިއެއްގައި ހަމަޖެހިލައިފީމެވެ. އާދަޔާހިލާފަށް މީހުން މަދު ޝޯއެކެވެ. އެކަމަކު ރިހި ސްކްރީނުން އަރުވަން ފެށި ދޯދިތަކާ އެކު އެއްހާސް އެތައް ހިޔާލެއް ދިރިގެން އައިސް އަނެއްކާވެސް ބޮލު ތެރޭގައި ޖައްސާލައިފި އެވެ. މި ފިލްމަކާ ބެހޭ ގޮތުން ހިފެހެއްޓުމެއް ނެތި މަށަށް ލިބެމުން ދިޔަ ފީޑްބެކްތައް ޗުކުޗުކުތަޅުވަން ފަށައިގަތެވެ.
"އެ ފިލްމުގައި އެއްވެސް އަދަބެއް ސަދަބެއް ޕްލޮޓެއް ނެތެވެ. އެ ފިލްމުގައި އުޅެނީ ވެސް އަދި އެ ފިލްމު ހެދީ ވެސް ވިޔާނުދާކަންކަން ޕްރޮމޯޓްކުރާ ކުދިންކޮޅެކެވެ. އެ ފިލްމަކީ ޖެންޒީންނަށް ހަދާފައި އޮތް ފިލްމެކެވެ. އެ ފިލްމަކީ ކޫލުވާން އުޅޭ ކުދިންތަކެއް ހާވާފައި އޮތް ހަޑިއެކެވެ. މަގޭ ހަތަރު އަހަރުގެ ދަރީގެ އަތަށް ފޯނެއް ދިނީމަ އެކުއްޖާ ފަކީރު ވެސް އެ ފެންވަރުގެ ފިލްމުގަނޑެއް ހަދާނެ އެވެ. ހީވަނީ ކުރާނޭ ކަމެއް ނެތިގެން އުޅުނު މީހަކު ހަދާފައި އޮތް ވްލޮގުގަނޑެއް ބެލުނުހެންނެވެ."
އަގަލެއް ނެތް މި ފީޑްބެކްތައް ބޮލަށް ލައިގެން އިންދައި ފެށި ފިލްމު އޭގެ ފެށުމުގައި ހަމަ އަސްލަށް ވެސް ވަނދުވެގަތެވެ. އަދި އެ ހުރިހާ ފީޑްބެކްތަކެއް ހަގީގަތަށް ވެދާނެ ކަމުގެ އަލާމާތްތައް ފެންނަން ފެށުމުން ގޮނޑީގައި ބާރަކަށް ހިފަހައްޓާލެވިއްޖެ އެވެ. ފިލްމު ރަނގަޅަށް ނުފެށިއުޅެނިކޮށް ކްރޭޝްވެ، އަނެއްކާވެސް އޮލިމްޕަހުގައި ބަނގުރޫޓުވެ ބޭގަރާރު ވެދާނެ ކަމުގެ ރަނގަބީލު މުޅި ހަށިގަނޑަށް ފެތުރިގަތެވެ.
އެކަމަކު އިހަށް އަދި އެ ވާހަކަ ބާއްވަމާ ހިނގާށެވެ.
މޮވަނު ޝަފީގު ލިޔެ ޑައިރެކްޓްކޮށްފައިވާ އޭނާގެ އަލަތު ފީޗާ، 'ދޯދި' އަކީ ވަރަށް ސާދާސީދާކޮށް އުފައްދާފައި އޮތް ކަމިން-އޮފް-އޭޖު ޑްރާމާ އެކެވެ. ފިލްމުގައި ދައްކުވައި ދެނީ 'މަލް' ނަމަކަށް ކިޔާ އަންހެން ކުއްޖެއްގެ ފުރާވަރުގެ ޗެޕްޓާތަކެއްގައި ހިނގާ ހާދިސާތަކަކާއި ކުރިމަތިލާ ތަޖުރިބާތަކެކެވެ. ކައިވެނި ރޫޅި ދިރިއުޅުމުގެ އުދާހުގައި ރުޅިގަދަވެފައިވާ އޭނާގެ އެކަނިވެރި މަންމައާ ދެމެދު ކެކި ހޫނުވެ ބޮކިޖަހަމުންދާ ގުޅުން އޭނާ ގެންގޮސް އެއްލައިލާ ހިސާބާއި ހިޔާރުކުރެވޭ ރައްޓެހިންނާއި މަގުތައް ގޮސް އޭނާ އެއްލައިލާ ހަތަރު އަނގޮޅިއެއްގެ ތަޖުރިބާ އެވެ.
ފިލްމުގައި 'މަލް' ގެ މަންމަ ރޯލު ކުޅެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފިލްމީ ދާއިރާގައި މަސައްކަތްކޮށްފައި ފިލްމަކުން ނުފެންނަތާ އެހާ ގިނަ ދުވަސްވެފައިވީ ތަޖުރިބާކާރު ބަތަލާ އާމިރާ އިސްމާއިލް އެވެ. އެއަށް ފަހު މި ފިލްމުން ދެން މުޅިން ހެން ފެނިގެން ދަނީ ދާއިރާ އަށް މުޅިން އަލަށް ނުކުމެފައިވާ ވަރަށް ޒުވާން މޫނުތަކެވެ. އަދި ފިލްމުގައި އެއަށް ވުރެ ޒުވާން ހަށިގަނޑަކާއި ހިތެއް އޮތުމަކީ މި ފިލްމު ބަލަން ދިޔަ ވަރަށް ގިނަ މީހުން މި ފިލްމު 'ޖެންޒީއެއް' ގެ ގޮތުގައި ސިފަކުރި ސަބަބަށް ވެދާނެ އެވެ.
އެކަމަކު ބުނަން ހެއްޔެވެ. މި ފިލްމަކީ އެއްގޮތަކަށް ވެސް އެ ބުނާ ޒާތުގެ 'ޖެންޒީންގެ ހާކާލިބުރުވާލިއެއް' ނޫނެވެ. މި ފިލްމަކީ ދިވެހި އާދައިގެ އާއިލާއެއް ނުވަތަ ހަމަ ކޮންމެ އާއިލާއެއް ވެސް ރަމްޒުކޮށްދޭ ވަރަށް ތެދުވެރި ތަސްވީރެކެވެ. މިސާލަކަށް ބަލަމާ ހިނގާށެވެ.
އާއިލާ ރޫޅި ދަރިން ބިކަވުމެވެ. މާއްދީ ދުނިޔެއެއްގައި އަނގަޔާ އަތާ ދިމާކުރަން ހަދައިގެން ގޮސް އަމިއްލަ ދަރިން މަތިން ހަނދާންނެތުމެވެ. ގޭތެރެއިން ކަށަވަރުނުވާ ރައްކާތެރިކަމާއި ލޯބި ހޯދަން ނުކުމެ މަގުއޮޅިގެންދާގޮތެވެ. ބަލިކަށިވެ ނިކަމެތިވެފައިވާ އިންސާނާގެ ނާޖާއިޒު ފައިދާ ނަގަން ގަދަބަދަވި އިންސާނާ އިންތިޒާރުކުރަމުން ގެންދާ ގޮތެވެ. އަދި ހުވަފެނެއް ހަގީގަތަކަށް ހެދުމަށް ވީހާލެއްގައި ކޫއްތެމުން ކުރިއަށް ދިއުން ނޫން ގޮތެއް ނެތްކަން ހަނދާންކޮށް ބުނެދޭ ދިރިއުޅުމުގެ ހަގީގަތެވެ.
މިއީ މުޅިން ވެސް މޮވަނުގެ 'ދޯދި' ބަލަމުން ދިޔައިރު ހަނދާންކޮށްދިން ދިރިއުޅުމުގެ ހަގީގަތެވެ. އަދި މިއީ ދިވެހިންގެ މިއަދުގެ ހާލަތާއި އިހުސާސްތައް ހިތުގެ އެންމެފުންމިނުން ކިޔައި ދައްކުވައިދިން ފިލްމެއް ކަމާ މެދަކު މި ހިތުގައި އެއްވެސް ޝައްކެއް ނެތެވެ.
އެންމެ ރަނގަޅެވެ. އެކަމަކު މި ފިލްމު ކިހިނެތް ހެއްޔެވެ؟

ކުރިން ވެސް ބުނި ފަދައިން، ފިލްމު އުދުއްސައިގަތުމުން ހިތް ތެޅިގަތީ އިށީނދެ އިން ގޮނޑިއާ އެކުގަ އެވެ. ހީވީ ވިލާގަނޑެއްގެ ތެރެއަށް މަތިންދާބޯޓު ގޮސް ވަން ހެންނެވެ. ފިލްމުގައި އޮތް އެ ލޮނުމަޑު ފެށުމާ އެކު 'ދޯދި' ގެ ފްލައިޓް ވައިގައި ހިފައިފާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ފުރަތަމަ ވިއްސަކަށް މިނެޓުގައި އަހަންނަކަށް ނެތެވެ.
އެހެން އެކަންވީ މިހެންވެގެން ކަމަށް ވެސް ވެދާނެ އެވެ؛ ދިވެހި ސިނަމާގައި އިންނަ ބެލުންތެރިއެއްގެ އަނގަ އަތާ ދިމާކޮށްދޭ އެއްވެސް ފޯމިއުލާއެއް އޭގައި ނެތް ދިވެހި ފިލްމަކަށްވުމުން އޭގައި އޮތް ރިސްކު ހިތަށް ވަނީ އެވެ. މިސާލަކަށް ބުނަނީ ނަމަ، ޑާކް ރެއިނާއި ފާތުމަތު ނަހުލާ އާއި ހުސެން މުނައްވަރުމެން ކަހަލަ ބަޔަކު ގެނެސްދޭ ފިލްމަކަށްދާއިރު އަބަދުވެސް ކޮންމެވެސް ވައްތަރެއްގެ ޔަގީންކަމެއް އަހަންނަށް އޮވެ އެވެ. އެހެން ނުވެއްޖެއްޔާމު މިހެން ވާނެ ކަމުގެ ޔަގީންކަން އޮވެ އެވެ.
އެކަމަކު އެ ޔަގީންކަމާއި އިތުބާރު އުފެދިފައި ނެތް ޑައިރެކްޓަރަކާއި އަދި އެއަށް ވުރެ އައު މޫނުތަކެއް ލީޑުކުރާ ފިލްމަކަށް ގޮސް ވަދެވުމުން އެވަރުގެ ބަޔަކާ އެކު އެހާ ބޮޑު ސްކްރީނެއްގައި އުދުހިގަތުމަށް ޖެހިލުންވީ ކަމަށް ވެސް ވެދާނެ އެވެ.
ފިލްމުގައި އޮތް ފެށުން، އާންމުކޮށް ދިވެހި ފިލްމު ބަލާ މީހަކަށް ފެނިއްޖެ ނަމަ ބުނާނީ އެ އޮތީ އޮލިމްޕަހަށް 'އޭލިއަނުންގެ ބޯޓެއް' ވެއްޓިފަޔޯލަ އެވެ. މަށަށް ހަމަ ޔަގީނެވެ. ސަބަބަކީ މިކަހަލަ އެހެން އެއްވެސް ފިލްމެއް މީގެ ކުރިން ދިވެއްސަކު އޮލިމްޕަހަށް ގެނެސްފައި ނުވާތީ އެވެ.
ކޮންމެއަކަސް ފިލްމުން ފާހަގަވި ދޯހަޅި ހުރިހާ ކަމެއް އާޚިރުގައިވީ އެ ފިލްމަށް އިތުރު ބާރެއް ދިން ސަބަބުތަކަކަށެވެ. މިސާލަކަށް ބުނަނީ ނަމަ ބައެއް ޑައިލޮގްތަކުގައި އެއްވެސް ފުންކަމެއް ނުވަތަ މާ ބޮޑު ހަރުދަނާ ކަމެއް ނެތްހެން ހީވި އެތައް ފަހަރެއް ދިޔަ އެވެ. ފުރިހަމަވާން އުޅެފަ ފުރިހަމަ ނުވެ މަރުވެދަނީ އެވެ. މައްޗައް އަރަން އުޅެފަ މައްޗަށް ނާރައި ވެއްޓެނީ އެވެ.
އެކަމަކު ފިލްމު ރަނގަޅަށް ގޮސް ވައިގައިހިފާލީމަ އެ އަޑިގުޑަންތައް މައްސަލައަކަށް ނުވެ އެވެ. ސަބަބަކީ މުޅި ފިލްމުގައި ޑައިރެކްޓަރު ދައްކުވައިދޭން މަސައްކަތްކޮށްފައިވާ މަލްގެ އެ ދަތުރުގައި ހަގީގަތުގައި ވެސް އަޑިގުޑަންތައް އެވަރަށް ގިނަވީމަ އެވެ.
މޮވަނުގެ ކެރެކްޓާސްތައް އެ އުޅެނީ ކުޑަކުދިން އުޅޭހެންނޭ ހީވެދާނެ އެވެ. ބޮޑެތިވެފައި ތިބި މީހުންގެ ކިބައިން ވެސް ހަރުދަނާ ސިފަތަކެއް ނުފެނެ އެވެ. ފަހަށް ރައްކާކޮށްލާނެ ކަހަލަ ރަނގަޅު ވާހަކައެއް ދައްކާ ކެރެކްޓާއެއް މީގައި ނެތެވެ. މިހެން ހިތަށް އެރި އެތައް ފަހަރެއް ދިޔަ އެވެ. އެކަމަކު އެއީ އޭނާގެ ލިޔުމާއި ޑައިރެކްޝަނުގައިވީ ފަގީރުކަމެއް ނޫނެވެ.
'ދޯދި' ގެ ހުރިހާ މައްސަލައެއް ހައްލުކޮށްދޭ ސިފައަކީ އޭގައިވީ މި 'އާދަޔާހިލާފު' ފަގީރުކަމެވެ. މޮވަނު ލިޔެފައިވާ ކެރެކްޓާތައް އެވަރަށް ވަރުގަދަވެފައި ވަނީ އެހުރިހާ އުނި ސިފަތަކެއް އެމީހުންނަށް ދީފައިވާގޮތް ފުރިހަމަކަމުންނެވެ. ހަޔާތުގެ އުނިކަމާއި ހުސްކަން ބޭނުންކޮށްގެން ގެނެސްފައިވާ މުއްސަނދި ކަމެވެ.
އެހެންވީމަ ކުރުކޮށް ބުނަނީ ނަމަ މި ފިލްމު ވައިގައިހިފާލީމަ، އެ ދަތުރުގައި ހަމަ އެއްވެސް ޖެހިލުމެއް އަދި ފަސްއެނބުރި ބެލުމެއް ނެތެވެ.

މި ފިލްމުވެގެން ދިޔައީ ހަމަ ރަނގަޅަށް ވެސް އަހަރެން ހައިރާންކޮށްލި މަސައްކަތަކަށެވެ. އޭގެ ބައެއް ސީންތައް އަހަރެން ދަމައިގެން ގެންގޮސް އެމީހުންގެ ދުނިޔެއަށް ވައްދައި ފެންކަޅި ވެސް ކޮށްލި އެވެ. އޭގެ ތެރެއިން އެއް ސީނަކީ ދިރިއުޅުމުގެ ކުރިމަތީގައި ގޮތްހުވެފައިވާ މަލް އޭނާގެ ބައްޕަ ހޯދަން ގޮސް އެ ބައްޕަގެ ހިތުގައި އޭނާ އަށް އެއްވެސް ކަހަލަ ކުލުނެއް ނެތްކަން އިހުސާސުކޮށްދޭ ވަގުތުކޮޅެވެ.
މި ފިލްމަކީ ހަގީގަތުގައި ވެސް ދިވެހި ސިނަމާ އިން ހަނދާން ނައްތާލާފައިވާ އެތައް އިހުސާސެއް ބެލުންތެރިއެއްގެ ހިތުގައި ރޯކޮށްދޭ ފިލްމެކެވެ. އެކަކު އަނެކަކާ ދެމެދު އޮންނަ ގުޅުމާއި ނެތް ގުޅުމާއި ހަޔާތުގެ އަޑިގުޑަން ތަމްސީލުކޮށްދިނުމުގައި މޮވަނު ކަހަލަ ޒުވާން ޑައިރެކްޓަރަކު ހާސިލުކޮށްފައިވާ މުއްސަނދިކަމަކީ ހަގީގަތުގައި ވެސް ތައުރީފު ހައްގު މަސައްކަތެކެވެ. ފަންސާހަކަށް ދުވަހުން އޭނާ ޝޫޓުކޮށް ނިންމި މި ފިލްމު ލިޔެ ފައްކާކުރަން ހޭދަކުރި ދެ އަހަރުގެ ނަތީޖާ ހަގީގަތުގައި ވެސް ފޮންޏެވެ.
އޭނާގެ ބެލުމުގެ ދަށުގައި މި ފިލްމުން ފެނިގެން ދިޔަ އައު މޫނުތަކަކީ ވެސް އުއްމީދުން ފުރިފައިވާ ހުނަރުތަކެކެވެ. ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދިޔަ ލާނާ ޖަލީލާއި އާމިނަތު އިނާ އަދި ޝަހުދާން ޝަރީފުގެ ހުށަހެޅުމުގައި ތުރުތުރެއްލިޔަސް އެންމެން ވެސް ވަރުގަދަ އެވެ. ހުރިހާ ދިމާލަކުން ވެސް ފިލްމު ވަށައި ޖެހެ އެވެ.
އެކަމަކު މަޑުކޮށްބަލާށެވެ. ފިލްމު ސަޅި ހެއްޔެވެ؟
އަހަންނާ އެކު ފިލްމަށް ދިޔަ އެއްވެސް މީހަކަށް މި ފިލްމު ސަޅިއެއް ނޫނެވެ. އެމީހުން ތިބީ ގެއަށް ނުދެވިގެން ލަސްވެފަ އެވެ. ޕްލޮޓް ފެނޭތޯ ބަލަން ގުގުރީގައި ވާ ޖަހައިގެންނެވެ. އަދި ފިލްމު ބެލި އެހެން މީހަކާ ކޮފީއަކުން ދިމާވެގެން "ދޯދި ވަރަށް ސަޅި ދޯ" އޭ ކިޔާފައި ފަށައިގަތުމާ އެކު މޫނަށް އެ ޖަހާލީ ބޯން ނެގި ކޮފީ ތައްޓެވެ.
ފިލްމެއް މޮޅުވުމާއި ރީތިވުމަކީ ވަރަށް ތަފާތު ދެ ކަމެކެވެ. އަދި ފިލްމެއް މޮޅުވެފައި ރީތިވުމުގައި އެކި މީހުން ބަލާ މިންގަނޑުތައް ވެސް ތަފާތެވެ.
އަހަރެންގެ ނަޒަރުގައި މޮޅު ފިލްމެއްގެ އޮނިގަނޑު ވަރުގަދަވެފައި ސްކްރިޕްޓް އެއަށް ވުރެ ވަރުގަދަވާން ޖެހޭނެ އެވެ. ކެރެކްޓަރުންގެ އާކުގައި ބެލުންތެރިޔާ ގޮވައިގެން އުޅެލެވޭ ވަރުގެ އިމޯޝަނަލް ބާރުތަކެއް ހުންނަންވާނެ އެވެ. ބަލަމުންދާ ފިލްމުގެ އަސަރުކުރުވަން ޖެހޭނީ އޮބިއަޅައިގެނެއް ނޫނެވެ. އަދި ފިލްމު ބަލައި ނިމުނީމަ ހިތަށް ތަސައްލީއެއް ލިބެންވާނެ އެވެ.
ރީތި ފިލްމަކީ މި ހުރިހާ އިހުސާސެއް ހިފައިގެން ގެއަށް ގޮސް އެ ފިލްމެއްގެ ވާހަކަ މީހުންގެ ގާތުގައި ދައްކައި ފޫހިނުވާ ކަހަލަ ފިލްމެވެ.
އެހެންވީމަ 'ދޯދި' އަކީ ޕާފެކްޓް ފިލްމެއް ނޫނެވެ. އެކަމަކު ވަރަށް ރީތި ދިވެހި ފިލްމެކެވެ.



