އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ދިވެހި ފިލްމު 'ލަމްހާ' ބަލަން ގޮސް، ހޭދަވި ހިނދުކޮޅަކަށް ފަހު ހިނދުކޮޅެއްގައި، އޭގެ މަންޒަރަކަށް ފަހު މަންޒަރެއްގެ ތެރެއަށް އަހަރެން ވަދެ ގެއްލުނީ މީގެ ކުރިން ދުވަހަކުވެސް ދިވެހި ފިލްމެއް ބަލައިގެން ކުރެވިފައި ނެތް ތަޖުރިބާއެއް ފަދައިންނެވެ. ދިވެހި ފިލްމެއް ބަލައިގެން މިފަދަ ފުން އަސަރުތަކެއް އަދި މިވަރުގެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު މިއީ ފުރަތަމަ ފަހަރޭ ބުނާއިރު އަހަރެންގެ ހިތުގައި ހަމަ އެއްވެސް ޝައްކެއް ނެތެވެ.
މިވަރަށް ރަނގަޅަށް ގޮސް ވަށައި ޖެހުނު ދިވެހި ފިލްމެއް ހަޔާތުގައި މި ބެލުނީ އަލަށެވެ. އަދި ފިލްމު ބަލައި ނިމުމުން އަހަރެންގެ ހިތަށް އެރީ ތަންދޮރުފިލާފައި ހުރި މީހަކު ލިޔެ ޑައިރެކްޓްކޮށްފި ނަމަ ދިވެހި ފިލްމެއް ވެސް އެ ކިޔާ އެބްސޮލިއުޓް ސިނެމާގެ ދަރަޖަ އަށް އަރުވާލުން މިއީ ކުރެވިދާނެ ކަމެކޭވެ.
މި ފިލްމުގައި ވެސް އެ ތިބީ ދިވެހި އެންމެ ކައްޕަޅި ފިލްމު ވެސް ކުޅެން ތިބި މީހުންނެވެ. ދައްކުވައި ދެނީ ރާއްޖޭގެ ކޮންމެވެސް ރަށެކެވެ. ދިވެހި ކޮންމެވެސް އާއިލާއެއްގެ ވާހަކަ އެވެ. އެކަމަކު މި ފިލްމު ޕްރޮޑިއުސްކޮށް، ލިޔެ ޑައިރެކްޓްކޮށްފައިވާ މުހައްމަދު ހިލްމީ ސާބިތުކޮށް ދީފައި މި އޮތީ ކިތަންމެ އާދައިގެ ނުވަތަ ކިތަންމެ ކުޑަ ހިނދުކޮޅެއް ވެސް ހަނދާނުން ފިލައިގެން ނުދާވަރުގެ އާދަޔާހިލާފު ސިނެމާ އެކްސްޕީރިއަންސަކަށް ބަދަލުކޮށްލެވިދާނެ ކަމެވެ.
އެކަމަކު، އެކަން ކުރެވޭނީ އެކަން އެނގޭ މީހަކަށެވެ. ހިލްމީ އަކީ ޔަގީނަށް ވެސް އެފަދަ މޭސްތިރި އެކެވެ.
ފިލްމުގައި ދައްކުވައި ދެނީ އެކަނިވެރި މައެއްގެ ތަނަވަސް ދުނިޔެއެއްގައި ފުރާވަރަށް އަރައި ބޮޑުވަމުން އަންނަ ލަމްހާގެ ހިތް ލޯބީގެ މޮޔަ ދުނިޔެއަކަށް ވެއްޓުމުން އުފެދޭ އޮއިވަރެއްގައި އޭނާގެ ކުޑަކުޑަ ދުނިޔެ ޖަހައިގެން ދާ ގޮތެވެ. އަދި ހިތް ދޫވި ކަނޑުގައި ނަގައި ބޮޑުވަމުން އަންނަ ރާޅުތައް، ސިއްރަކަށް ފަހު ސިއްރެއްގެ ސިފައިގައި އޭނާގެ ހަޔާތަށް ބިންދަން ފެށުމުން އެ ހިތް ރޫޅި ކުދިކުދިވަމުންދާ ގޮތެވެ.
ދިރިއުޅުން ބަލައި މިނުމަށް ލަމްހާ ބޭނުންކުރާ އެންމެ އުފާވެރި ލޯގަނޑަކީ އޭނާގެ މަންމަގެ ހަޔާތެވެ. މަންމަގެ ޒަވާޖީ ހަޔާތުގައި އޮތް އުމުރުގެ ތަފާތުން ހިތްވަރު ހޯދާ ލަމްހާގެ ހިތް، އޭނާ އަށް ވުރެ އެތައް އަހަރެއް ދޮށީ މީހަކަށް ހިނދުކޮޅެއްގެ ތެރޭގައި ބަންޑުންވާ ހިސާބަކީ މި ފިލްމުގައި ތެޅިގަންނަ ހިތް، ހިފެހެއްޓުމެއް ނެތި ބެލުންތެރިޔާގެ ހިތާ ކުޅެން ފަށައިގަންނަ ހިސާބެވެ.
ލޯތްބަކީ ހާދަ ވަރުގަދަ ޖަޒުބާތެކެވެ. ފުރާވަރުގެ ހިތަކީ ހާދަ މޮޔަ ހިތެކެވެ. ހިނދުކޮޅެއްގެ ތެރޭގައި ލޯބި އުފަންވެދާނެ އެވެ. ހިނދުކޮޅެއްގެ ތެރޭގައި އެ ލޯބި ހަޔާތެއް ފަނާކޮށްފާނެ އެވެ. އަދި އެ ހިނދުކޮޅު މުޅި ހަޔާތުގައި ޖެހޭ ލައްގަނޑަކަށް ބަދަލުވެދާނެ އެވެ. ލަމްހާގެ ފެށުމާއި ނިމުން ގެންގޮސް ގުޅުވައި ގޮށްޖަހައިދޭ ވަރުގަދަ ކެޓަލިސްޓަކީ އެ ހިނދުކޮޅެވެ.
އެކަމަކު އެ ހިނދުކޮޅުގެ ސިއްރު ހޯދުމަށް ބެލުންތެރިޔާގެ ހިތް ކިތަންމެ ވަރަކަށް ތެޅުނަސް، މި ފިލްމު ވިޔެފައި އޮތީ އެހާ ފަސޭހައިން އެ ސިއްރުތައް ދޫކޮށްލާ ގޮތަކަށް ނޫނެވެ. އަދި މި ފިލްމުގެ އެންމެ ހާއްސަ ސިފަ އަކީ މި އެވެ.
އޭގެ ކުރި މަރާނުލައި މި ވާހަކަ އޭގެ އެންމެ ފަހު ފްރޭމާ ހަމަ އަށް ގެންދަން ހިލްމީ ހިޔާރުކޮށްފައިވާ އުސްލޫބެވެ. މިއީ އެއްގޮތަކަށް ވެސް ދިރިއުޅުން އޭގެ އަސްލު ސޫރައިގައި، ފިލްޓަރެއް ނެތި ތަމްސީލުކޮށްދޭ ފިލްމެއް ނޫނެވެ. އަދި ހަމަ އެހެންމެ، ދިރިއުޅުމުގެ ހަގީގަތުގައި ނެތް ހުރިހާ ފޮނިތޮށިކާފޫރުތޮޅިއެއް ލައިގެން އެއް އަތަކަށް ގޮސް ބުރަވެފައި އޮތް މެލޯޑްރާމާއެއް ވެސް ނޫނެވެ. އެކަމަކު 'ލަމްހާ' އަކީ ސިނަމާގެ ފަންނީ އުކުޅުތައް ބޭނުންކޮށްގެން ހިލްމީ ކުރަހާފައި އޮތް، އެޔަށް ބަލަން ގެއްލި އިނދެވޭ، ހަޔާތުގެ ވަރަށް ކުލަގަދަ ތަސްވީރެކެވެ.
އަސްލު ދިރިއުޅުމަށް ޖާދޫގެ ކުނޑިވަރެއް ބުރުވާލީމަ ފެންނާނެ މަންޒަރާއި ކުރެވޭނެ އިހުސާސަކީ 'ލަމްހާ' އެވެ.
މި އާދައިގެ ވާހަކަ ހިލްމީ ކިޔައި ދެނީ ފްލޭޝްބެކާއި މޮންޓާޖާއި ޑްރީމް ސީކުއެންސްތަކުގެ ތެރެއިންނެވެ. މިއީ އެއްގޮތަކަށް ވެސް އޭނާ ތައާރަފްކުރި އައު އުކުޅުތަކެއް ނޫނެވެ. އެކަމަކު ދިވެހި އެހެން ފިލްމަކާ ހިލާފަށް ހިލްމީ މި އުކުޅުތައް ބޭނުންކޮށްފައި ވަނީ އޭނާގެ އަތުގައި އޮތް އާދައިގެ ޕްލޮޓް މުއްސަނދިކުރާށެވެ.
އޭނާގެ ފިލްމުގައި ފުރާނައެއް އަޅުވައި، ފިލްމު ބަލަން ގޮސް އިން މީހާގެ ހިތާ އެއްވަރަކަށް ތެޅެން އެނގޭ ހިތެއް އެ ފިލްމުގައި އަޅުވައިދޭށެވެ.
ހިތާއި ހިތުގެ ގުޅުމެއް ފިލްމަކާއި އެ ފިލްމެއް ބަލަން ގޮސް އިންނަ މީހަކާ ދެމެދު އުފެދެނީ ސިނަމާގެ ބަހުރުވަ ލިޔަން ތޫނުކޮށްފައި ހުރި އެ ހުރިހާ އާލާތެއް މިގޮތަށް ބޭނުންކުރަން އެނގުނީމަ އެވެ.
އެހެންވީމަ، ރަށަކުން ހޮވާލި ނޮން އެކްޓަރުންގެ އާދަޔާހިލާފު ހުނަރުން ފަޅުފިލުވައިދޭ ދުނިޔެއެއްގައި، (ފުލްޓައިމްކޮށް ރާއްޖޭގައި އެކްޓަރުންގެ ގޮތުގައި މަސައްކަތްކުރާ) ޖުމްލަ ހަތަރު އެކްޓަރުން ބޭނުންކޮށްގެން ދިރިއުޅުމެއް އާލާކޮށް، ހަލަބޮލިވަމުންދާ ގޮތް ލަޔަވާއި ޅެންވެރިކަމުން ގަތައި ހިލްމީ ވާންކޮށްލާފައި އޮތް އޮތުމަކީ ހަގީގަތުގައި ވެސް ސިނެމެޓިކް ޕޮއެޓްރީގެ މާސްޓަކްލާހެކެވެ.
މިއީ މީހަކު އުފައްދާފައި އޮތް ފިލްމެއްކަން އެނގިހުރެ، އޭގައި ދައްކުވައިދޭ ދުނިޔެ އަށް އަހަރެން ވެއްޓިގެން ދިޔައީ ހަތަރެސްފައިން ވާގިދޫވެ، ހަގީގަތެއްގެ ތެރެއަށް ވެއްޓިގެންދާ އުސޫލުންނެވެ. އެ ޖާދޫވި ބާރު އުފައްދައި ދިނީ ޝައްކެއް ވެސް ނެތް ގޮތުގައި ހިލްމީ ހިޔާރުކޮށް ވިރުވައިއެޅުވި އުސްލޫބުގެ ފުރިހަމަ ވަށްބުރެވެ.
އަހަރެން މި ފިލްމަށް ދިޔައީ ހަމަ އެއްވެސް އުއްމީދެއް ކޮށްގެނެއް ނޫނެވެ. ޓްރެއިލާގަނޑު ބަލާފައި ހިތަށް އެރީ މިފަހުން އެޅުވި ދިވެހި ފިލްމަކަށްވުރެ މި ފިލްމު ވެސް، އޭގެ ކައްޕަޅި ސިނަމާއިން ތަން ފުކެއް ވެސް ދޫނުކުރާނެ ކަމަށެވެ.
އެކަމަކު ދެ ގަޑި އިރާއި 18 މިނެޓްގެ މި ފިލްމުގައި އަހަރެންގެ ހިތަށް ފޫހިކަމެއް ގެނުވި ހަމަ އެންމެ ފްރޭމެއް ވެސް ނެތެވެ. އަދި ހިލްމީގެ މި ފިލްމަށް އަޅުގަނޑުގެ މި ކީބޯޑުން ކިޔާނެ ފާޑެއް ވެސް ނެތެވެ. ތައުރީފު ނޫން އެހެން އެއްވެސް އެއްޗެއް މި ދެ އަތުގައި ނެތެވެ.
ފިލްމެއް ހެދުމަކީ އެއްގޮތަކަށް ވެސް ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު އެ ބުރައިގެ ތަކުލީފު ބެލުންތެރިޔާގެ ބޮލަށް ނުވެއްޓޭނެ ފަދަ ގޮތަކަށް އެ ފިލްމެއް އުފެއްދުމަކީ ފިލްމު މޭކަރެއްގެ ހުނަރު އިތުރަށް ސާބިތުކޮށްދޭ ކަމެކެވެ. ހިލްމީ އަށް ތައުރީފު ހައްގީ އެހެންވެގެންނެވެ.
'ލަމްހާ' ގެ ވާހަކަ ދެ ގަޑި އިރާއި 18 މިނެޓަށް ނިއުޅުވަމުން ދިޔައިރު ފާހަގަކުރެވުނު އަނެއް ވަރުގަދަ ސިފަ އަކީ އޭގެ ޕޭސިން އެވެ. މުހައްމަދު އިކްރާމްގެ މިއުޒިކުން ފުރާނަ އަޅުވައިދޭ މަންޒަރުތައް ދިރެމުން ގެންދިޔައިރު ކޮންޑަކްޓަރެއް ފަދައިން ހިލްމީ ގެންދިޔައީ އޭނާގެ އަތުގައިވީ ތީރުތައް ބެލުންތެރިޔާގެ ހިތަށް ހަރަމުންނެވެ.
އެ ތީރުތައް ހަރަން ޖެހޭ ތަންތަނާއި ވަގުތާއި ހާލަތު ހިލްމީ ލިޔެ ކުރަހާފައި އޮތީ މީހެއްގެ ހިތުގެ ފުނުގައި ފޮރުވާފައިވީ ސިއްރުތައް ދަންނަ މިތުރެއް އަދި ހަތުރެއް ފަދައިންނެވެ. ފިލްމު ބަލައި ނިމިގެން ތިއޭޓަރުން ނުކުމެގެން ދިޔައިރު ވެސް އެ ތީރުތަކުގެ ތޫނުކަން ހިތުން ފިލައިގެން ނުދިޔައީ އެހެންވެގެންނެވެ.
މި ފިލްމުން ފާހަގަވި މިހުރިހާ ކަމެއް ލިޔަންވެއްޖެ ނަމަ ތީސިސްއެއްގެ ދިގުމިން މި ފިލްމު ރިވިއު އަށް ލިބުމަކީ ސުވާލެއް އުފެދޭ ކަމެއް ނޫނެވެ. އެކަމަކު އަދިވެސް ދެ ތިން ކަމެއް ފާހަގަކޮށްލަން ބޭނުމެވެ.
މި ފިލްމަކީ ދިވެހި ސިނަމާ އަށް މިއަދު ކުރިމަތިވެފައި އޮތް ވަރަށް ނުރައްކާތެރި ދެ ބަލިމަޑުކަމަކުން ވެސް ސަލާމަތްވެފައި އޮތް ފިލްމެކެވެ. އެ ދެ ބަލިމަޑުކަމަކީ، އަސްލު ދިރިއުޅުން ސިނަމާގައި އެންމެ މޮޅަށް ތަމްސީލުކުރެވޭނީ ހަގީގަތަށް ވުރެ އަޑުގަދަކޮށް އަވަގުރާނަ ގޮވާ ފިލްމެއް އުފައްދައިގެން ކަމަށް ގަބޫލުކުރުމާއި ހެއްވައި މަޖާކޮށް ރޯ ރުއިމުގައި ގޮސް ހައްދުން ނެއްޓިގެން ކަމަށް ގަބޫލުކުރެވުމެވެ.
މި ދެބަލިމަޑުކަމުގެ ތެރެއަށް ޣަރަގުވެފައި އޮތް ދިވެހި ސިނަމާގައި 'ލަމްހާ' އަކީ ސްޓޭންޑް އައުޓް މަސައްކަތެކެވެ. ވަކިން ހާއްސަކޮށް މި ފާހަގަކުރި އެއްވެސް ސިފައެއް އޭގައި ނުޖައްސައި، އަނެއްކޮޅުން މައްދިވެހި ބަހުރުވައިން ގަތައި 'ލަމްހާ' ޖަރީކޮށްފައި އޮތް އޮތުމަކީ ފިލްމީ ދާއިރާ އަށް ނަގައިދިން އަލިފު ބާގެ ވަރުގަދަ ފިލާވަޅެކެވެ.
އަވަގުރާނަ އެވަރަށް ނުގޮވިޔަސް އަވަގުރާނައިގެ އިހުސާސު ހިތަށް ވެއްދިދާނެ އެވެ. ގޮހޮރު ނެރެ އޭގައި ގޮށް ނުޖެހިޔަސް މީހަކު ހެއްވިދާނެ އެވެ. ރޮއެ ރޮއެ ދެ ލޯ އިދިފުށަށް ޖެހޭ ވަރުނުނުކުރިޔަސް މީހެއްގެ ލޮލުން ކަރުނަ ހިލުވައިލެވިދާނެ އެވެ.
ބެލުންތެރިންގެ ސަމާލުކަން ހޯދަން ކޮންމެ ދިވެހި ފިލްމެއް ކަސްބީ ޓިކްޓޮކް ސްޓާރަކަށް ވާކަށް ނުޖެހެ އެވެ. ކޮންމެ ފިލްމެއްގައި ރާއްޖޭގެ އެންމެ އަގުބޮޑު ބަތަލުން ތިބޭކަށް ނުޖެހެ އެވެ. ކޮންމެ ފިލްމަކަށް އަތްނުފޯރާ ވަރުގެ އިކްއިޕްމަންޓާއި ކްރޫއަކާއި ބަޖެޓެއް ބޭނުމެއް ނުވެ އެވެ.
ސިނަމާ އަކީ ހަމައެކަނި ރިސޯސްތަކެއް ނޫނެވެ. ސިނަމާގެ ފުރަތަމަ ފިޔަވަޅަކީ އަދި ފަހު ފިޔަވަޅަކީ ވެސް 'ވިޝަން' އެވެ. އެހެންކަމުގައިވާ އިރު ފިލްމަކުން ފެންނަން ވާނީ މާކެޓިންގެ އުކުޅުތަކަށް ވުރެ ބޮޑަށް އެ ވިޝަންގެ ތެދުވެރިކަމެވެ. އިންސާނީ ތަޖުރިބާގެ ތެދުވެރިކަމެވެ. 'ލަމްހާ' ގެ ހިތް ގޮސް ބެލުންތެރިޔާގެ ހިތާ އެހާ ފަސޭހައިން ގުޅުނީ މި ސިފަ އެ ފިލްމުގައި ޖެހިފައިވާލެއް ވަރުގަދަކަމުންނެވެ.
ނިންމާލުމުގެ ކުރިން ދެން ފާހަގަކޮށްލަން ބޭނުންވަނީ ވިއްސަކަށް އަހަރު ވަންދެން ހިލްމީގެ ހިތުގައި ފޮރުވައިގެން އުޅުނު މި ފިލްމުގެ ހަތަރު ކެރެކްޓާގައި ފުރާނަ އަޅުވައިދިން ކާސްޓެވެ. އާންމުކޮށް މިހެން ބަލާ ދިވެހި ފިލްމެއްގައި އުޅޭ އެކްޓަރުންގެ ވާހަކަ ރިވިއުއެއްގައި އަހަރެން މާ ބޮޑު ކަމަކަށް ނުވެސް ހަދަމެވެ.
ސަބަބަކީ، އެކްޓަރެއްގެ ހުނަރުވެރިކަމުގެ 50 ޕަސެންޓް އަބަދުވެސް ބަރޯސާވަނީ ކުޅެން ލިބިފައި އޮންނަ މެޓީރިއަލްއަކަށެވެ. ބާކީހުރިހާ ޓެލެންޓެއް ނެރުމުގެ ބާރު އޮންނަނީ ފިލްމެއް ޑައިރެކްޓްކުރާ މީހެއްގެ މުށު ތެރޭގައި ކަމަށްވާއިރު އެކްޓަރު ގޯސްކުރުން ވާނީ ކަނޑު ގޯސްކުރުން ފަދަ ކަމަކަށެވެ. ފިލްމެއްގެ ކެޔޮޅަކީ އޭގެ ޑައިރެކްޓަރެވެ.
ކަން މިހެން އޮތްއިރު، މި ފިލްމުން ފެނިގެންދިޔަ އައިޝަތު އަލީ އާއި އަހުމަދު އީސާ އަދި ނުޒުހަތު ޝުއައިބު އާއި އަހުމަދު ޝާރިފް ދީފައި އެ ވަނީ އެމީހުންގެ ކެރިއަރުގެ އެންމެ މަތީ ދަރަޖަ އެވެ. އެމީހުން ހާދަ މޮޅޭ ހިތަށް ނާރާ މަންޒަރެއް ނާދެ އެވެ. މި ތައުރީފު އެމީހުންނަށް ހައްގުވާއިރު މި ހުރިހާ މޮޅަކަށް ބާރު ދޭ ހަގީގީ ބާރަކީ ހިލްމީ އަޅައިދިން ބިންގައުކަން ފާހަގަކުރަން ޖެހެ އެވެ.
މި ރިވިއުގައި އަހަރެން މި އޮތީ ފިލްމުގެ ޕްލޮޓުން އެންމެ ފިއްޔެއް ވެސް ސްޕޮއިލް ނުކޮށެވެ. ސަބަބަކީ މި ފިލްމަކީ އޭގައި ވާ ގޮތް މީހަކު ލިޔެފައި އޮތް ލިޔުމަކުން ކިޔުމަށް ވުރެ ބޮޑަށް އޮލިމްޕަހަށް ގޮސް ފިލްމު ބަލައިގެން އަމިއްލަ އަށް ތަޖުރިބާކުރަން ޖެހޭ ކަހަލަ އިހުސާސެކެވެ.
މި ފިލްމު ބަލާފައި އަހަންނަށް އިނދެވުނީ ބަސްހުއްޓިފަ އެވެ. އެއަށް ފަހު ހިތަށް އެރީ، ދެން ތިބި އެންމެން މި ހަދަނީ ކޯއްޗެއް ހެއްޔެވެ؟ ފިލްމަކަށް ވާވަރުގެ ދިވެހި ފިލްމެއް މި ބެލުނީ އަދި އަލަށެވެ.
ދިވެހި ސިނަމާ އަށް ހައްގު މިންވަރަކީ މި އެވެ. ހިލްމީގެ ފިލްމު އެކަމަކު އެއަށް ވުރެ ވެސް ދީލައްޗެވެ.
ދިވެހި ފިލްމެއް ހަޔާތުގައި ބަލަން ގަސްދުކުރާ ނަމަ މި ފިލްމަށް ދާށެވެ.
މިއީ އޭގެ އެންމެ ފަހު މަންޒަރާ ހަމަ އަށް ނޭވާ ހިފަހައްޓާލައިގެން ހުންނަން މަޖުބޫރުކުރުވާ ފިލްމެކެވެ. އަދި ލަމްހާގެ މާނައިގައި އޮތް ހިނދުކޮޅަކީ ކޮބައިކަން އެނގުމުން އިންތަނުން ތެދުވިގެން ދާހިތެއް ވެސް ނުވާނެ އެވެ. ގެއަށް ދެވުނަސް ހަނދާނުން ފިލައިގެން ނުދާނެ ފިލްމެކެވެ.



