ދިވެހި ފިލްމީ ދާއިރާގެ އުދަރެހުން އެކި ރަހަތަކުގެ، އެކި ފަންވަރުގެ ޑައިރެކްޓަރުން ފެނިއްޖެއެވެ. ބައެއް ބޭފުޅުން އައިސް ސިނަމާގެ ޓެކްނިކަލް ފެންވަރު މަތިކޮށްފި އެވެ. އަނެއް ބަޔަކު ތަފާތު ވައްތަރުގެ "ޖޮންރާ" ތައް ތަޢާރަފުކޮށްފި އެވެ. އެކަމަކު، ވިޔަފާރީގެ ގޮތުންނާއި ބެލުންތެރިންގެ ނުފޫޒުގެ ގޮތުން މުޅި ސިނަމާ އަމިއްލަ މުށުތެރެއަށްލައި، ޖީލަކަށް ފަހު ޖީލެއް "މޮޔަކޮށްލެވުނު" ހަމައެކަނި ބްރޭންޑަކީ އަދިވެސް ފާތިމަތު ނަހުލާ އެކަންޏެވެ.

އޭނާގެ މި ބްރޭންޑް އުފަންކުރުވީ، މީގެ ތިރީސް އަހަރު ކުރިން، 1998 ގައި 'ފަހުނޭވާ' އެވެ. ނަމަވެސް އެ އިއުލާނުކުރުން ވެގެން ދިޔައީ ފަހުނޭވާއަކަށް ނޫނެވެ. އެ ކާމިޔާބީން ފެށިގޮތަށް، ދާދި އިހަށް ދުވަހު ދައްކައި ނިމުނު 'ސޮރި' އާ ހަމައަށް ވެސް ނަހުލާގެ ނުފޫޒާއި ބާރު ދިވެހި ސިނަމާއިން ކަނޑުވައެއް ނުލެވުނެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އެނބުރި އަޔަސް އޭނާގެ "މޯޖޯ" އެއް ނުގެއްލެއެވެ. ބޮކްސް އޮފީހުގެ ނަމްބަރުތަކަށް ބަލާލުމުން އެނިގެން ދަނީ އެ މޯޖޯ އަށް ހަމަ އެއްވެސް އަސަރެއްކޮށްފައި ނުވާ ފަދަ އެވެ.

މިފަދަ ކޮންމެ ކާމިޔާބީއެއް ނަހުލާ ފެންމެޓަޔެއްހެން ތަކުރާރުކޮށްލާ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް އަރަނީ މި ސުވާލެވެ؛ ނަހުލާގެ ބޮކްސް އޮފީސް ފޯމިއުލާގައި މުއްދަތު ހަމަވުމެއް ނެތީ ކީއްވެގެން ހެއްޔެވެ؟ ކޮންމެ ކަމަކަށް ވެސް ނިމުމެއް ލިޔެފައިވާ ކަމަށް ބުނެވޭ ތަގުދީރުގެ ތަރުތީބު 'ނަހޫ-ސްޓައިލުން' ހެކްކޮށްލީ ތޯ އެވެ؟

ސިނަމާގެ ތާރީޚަށް ބަލާއިރު، މިސާލަކަށް، އިޓާލިއަން-ނިއޯ ރިއަލިޒަމުން ފަށައިގެން ގޮސް ހޮލީވުޑްގެ މެލޮޑްރާމާތަކާ ހަމަ އަށް ބެއްޔަސް، ބެލުންތެރިން ސިނަމާގެ ހޯލަށް ވައްދައިދިން އެންމެ ބޮޑު ސިއްރަކީ އަބަދުވެސް އެ ފިލްމެއްގައިވީ އިންސާނީ އިހުސާސްތަކެވެ. އޭގައި އޮތް ދިރިއުޅުމުގެ ހަގީގަތެވެ.

ފާތިމަތު ނަހުލާގެ ފިލްމު ފޯމިއުލާ ބިނާވެފައި އޮތީ ހަމަ ރަނގަޅަށް ވެސް މި ފަލްސަފާގެ މައްޗަށެވެ. އެހެން ޑައިރެކްޓަރުން އަގުބޮޑު ލެންސުތައް ކެމެރާތަކަށް އިންސްޓޯލްކޮށް، ގޯލްޑެން އަވާގެ ހިތްގައިމު މަންޒަރަށް ފާރަލަމުން ދިޔައިރު ނަހުލާ އޭނާގެ ކޮންމެ ފިލްމެއްގައި ވެސް ފާރަލީ އިންސާނާގެ ނަފުސަށެވެ.

އޭނާގެ ކޮންމެ ސްކްރިޕްޓަކީ ދިވެހި މުޖުތަމައުގެ ހިތުގެ ވޭނައި، ލޯތްބާއި، އާއިލީ ގުޅުމާއި ރޫޅުމުން ނަގާފައި އޮތް ސިނެމެޓިކް އެކްސްރޭ ގަނޑެކެވެ. ސްކްރީނުން ފެންނަ ކޮންމެ މަންޒަރަކުން އަމިއްލަ ދިރިއުޅުމުގެ މާޔޫސްކަން ބަލަން ބޭނުންވާ މީހާ އަށް ނަހުލާ އެ ދެނީ އެ މަންޒަރު ތަބަކަށް ލާފަ އެވެ.

މިއީ އޭނާގެ ފޯމިއުލާގައި މުއްދަތެއް ނެތުމުގެ ފުރަތަމަ ސަބަބެވެ.

އެއަށް ފަހު ދެން މި އޮތް ކަމެއް ނިކަން ބަލާލަބަލާށެވެ.

ކޮންމެ ޑައިރެކްޓަރަކަށް އަދި ފަންނާނަކަށް ވެސް އެމީހެއްގެ ކެރިއަރުގައި 'ޕީކެއް' އާދެ އެވެ. ނުވަތަ އެމީހެއްގެ މަސައްކަތުގައި އެކިޔާ އެންމެ އުސްމިނަށް ފޯރަނީ ކެރިއަރުގެ ވަކި ދުވަސްވަރެއްގަ އެވެ. ދެން އެމީހަކު ވެއްޓެން ފަށަ އެވެ. މިއީ އިންސާނުންގެ މަސައްކަތުގައި ކަނޑައިނެގިފައި އޮތް ލޮޖިކެވެ.

އެއް ޒަމާނެއްގައި ވަރަށް ގަދަކޮށް އުޅުނު ޑައިރެކްޓަރުން ރާއްޖޭގައި ވެސް ވެއްޓި ނިމިފައި އެބަތިއްބެވެ. ވަކިން ހާއްސަކޮށް ޒަމާނާއި ޓެކްނޮލޮޖީ އާއި ޖީލުތަކަށް އައިސްފައިވާ ބަދަލުތަކާ އެކު، އެއް އިރެއްގެ ކާމިޔާބު ޑައިރެކްޓަރުންގެ ފަހުގެ މަސައްކަތްތައް މިފަހުން ވެފައި ވަނީ ކުންޏަށެވެ.

ނަމަވެސް ނަހުލާ މި އޮތީ މި ލޮޖިކް ވެސް އެއްކޮށް ފުނޑާލައިފަ އެވެ. ނަހުލާ އަދިވެސް އެހެރީ މީގެ ތިރީސް އަހަރު ކުރިން އެރި އުސްމިނުގަ އެވެ. ނުވަތަ އެއަށް ވުރެ ވެސް މައްޗަށް އަރަ އެވެ.

މިސާލަކަށް ބަލަމާ ހިނގާށެވެ؛ ނަހުލާގެ އެންމެ ބޮޑު ހިޓެއްގެ ގޮތުގައި ދެމިގޮތް 'ޔޫސުފް' ފިލްމުގެ 50 ޝޯ އޭނާ ދެއްކީ މީގެ 17 އަހަރު ކުރިންނެވެ. އެ އަދަދު ހަމަކުރީ ދެ ސިނަމާގައި ޝޯތައް ދައްކައިގެންނެވެ. އަދި އެ އަދަދު އޭނާ މިދިޔަ އަހަރު އެ މުގުރާލީ 'ސޮރީ' އޭ ކިޔާފައި ގެނެސްދިން އަނެއްކާވެސް ހަމަ އެ ސިހުރުވެރި ފޯމިއުލާގެ ޖާދޫއަކުންނެވެ.

އެހެންވީމަ ޒަމާނަށް އަންނަ ބަދަލާ އެކު މީހެއްގެ ހިތް އަދި ބަދަލުވިޔަސް، ނަހުލާގެ މި ފޯމިއުލާ ވެފައި މި އޮތީ 'ޓައިމްލެސް' އުފެއްދުމަކަށެވެ. އޭނާގެ މި ފޯމިއުލާ ވިޔެފައި އޮތީ އަލަށް އުފަންވާ ކުދިންގެ ހިތްތަކާ ވެސް ކުޅެލެވޭނެ ފަދަ ގޮތަކަށްކަން މިހާރު މަށަށް ޔަގީނެވެ.

މުއްދަތު ހަމަވުމެއް ނެތް ސަބަބު އެހެންވީމަ ވަރަށް ވެސް ސާފެވެ.

ދެން މި އޮތީ އެހެން ވާހަކަ އެކެވެ.

ނަހުލާގެ ކެރިއަރުގެ ކުރީކޮޅަށް ބަލާއިރު، 'ފަހުނޭވާ' އިން ފެށިގެން ގޮސް 'ޒުލޭޚާ' އާ ހަމަ އަށް އޭނާ ހޯދި ކާމިޔާބީގެ ކްރެޑިޓް ސަރުކާރުގެ އޭރުގެ ފިލްމު ކުންފުނި، މާޕާ އަށް ނުލިބޭނެ ގޮތެއް ނެތެވެ. އެމީހުންގެ ބޮޑު ބަޖެޓާއި އެމީހުންގެ ނުފޫޒު އޮތް ސަރުކާރުގެ ޕްރޮމޯޝަނަލް މެޝިނަރީތައް ބޭނުންކޮށްގެން ނަހުލާގެ ހުނަރުގައި ފިޔަފަޅައި އުދުހިގަތެވެ.

އެހެންކަމުން ވަރަށް ގިނަ ފާޑުކިޔުންތެރިންގެ ނަޒަރުގައި ނަހުލާ އަކީ މުއްސަނދި ސްޓޫޑިއޯ ސިސްޓަމެއްގެ ތެރޭގައި ބޮޑުވެ، އަމިއްލަ އެއްވެސް ފެންވަރެއް ނެތް ޑައިރެކްޓަރެކެވެ. އެމީހުން ބުނީ، ސަރުކާރުގެ ބަޖެޓާއި ޕްރޮމޯޝަނާ ނުލައި، ނަހުލާގެ ފޯމިއުލާ ރެޔަކާއި ދުވާލުން ކުނިވެދާނެ ކަމަށެވެ.

ނަމަވެސް ފިލްމީ ދުނިޔެ ގަބޫލުކުރާ ހަގީގަތެއް ވެސް އެބައޮތެވެ. އެއީ ސިގްނޭޗާ ސްޓައިލެއް ގެންގުޅޭ ޑައިރެކްޓަރުންނަކީ އަބަދުވެސް ސްޓޫޑިއޯގެ ބޮޑު ހިޔަނިން ނުކުމެ އަމިއްލަ ދެފައި މައްޗަށް ތެދުވާ އާޓިސްޓުންނެވެ. ނަހުލާގެ ބާރު ވެސް ދިވެހި ސިނަމާ އިން ކަނޑުވައި ނުލެވުނު އެންމެ ބޮޑު ސަބަބަކީ މިއެވެ.

މާޕާގެ ކުޑައިން ނުކުމެ އޭނާ ދެން ޖެއްސީ މާ ގަދަކޮށެވެ. އަމިއްލަ ފިލްމު ކުންފުންޏެއް ހަދައިގެން އަމިއްލަ ބަޖެޓުގައި ކުރިއަށް ވުރެ މާ ބޮޑެތި ކާމިޔާބީތަކެއް ހޯދައި ފާޑުކިޔުންތެރިންގެ އަނގަމަތީގައި އަތް އެޅީ އެވެ.

މާޕާގެ މާލީ އެހީތައް ދޫކޮށްލާފައި ނަހުލާ ކުރިމަތިލީ އޭނާގެ ފިލްމީ ހަޔާތުގެ އެންމެ ބޮޑު ނުރައްކަލާ އެވެ. އަދި ސާބިތުކޮށްދިނީ އޭނާގެ  ފޯމިއުލާ އޮތީ މާޕާގެ ސްޓޫޑިއޯގެ މޭޒުދަށުގައި ނޫން ކަމެވެ. އެކަމަކު އެ ފޯމިއުލާ އޮތީ ސީދާ ނަހުލާގެ ސިކުނޑީގައި ކަމެވެ.

ފިލްމެއްގެ ކާމިޔާބީގެ ދުވެއްޔާ ގުޅިފައި އޮންނަ އަނެއް ބޮޑު ސިއްރަކީ އޭގެ 'ޕޭސިން' އެވެ. ދުވެލި އޭގެ ގޮތުގައި ހިފަހައްޓާނުލެވިއްޖެ ނަމަ އެ ފިލްމަކަށް މީހަކު ފޫހިކޮށްފާނެ އެވެ. ނުވަތަ އެ ފިލްމަކުން ހިތްނުފުރިދާނެ އެވެ. އެހެންކަމުން 'ޕޭސިން' ގެ ވިންދުން ޖަހަން ޖެހޭނީ ފިލްމުގައި ޕާފެކްޓްކޮށެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު މިދިޔަ އަހަރު 'ސޮރީ' ގެނެސްދިންއިރު ނަހުލާ އެންމެ މުހިންމުކަމެއް ދިން އެއް ސިފައަކަށް ވެފައި އޮތީ ފިލްމުގެ ޕޭސިން އެވެ.

އޭނާގެ ލޯބީގެ ފިލްމީ ފޯމިއުލާ ބަދަލުނުވިޔަސް ޒަމާނާއެކު މީހުންގެ ސަމާލުކަމަށާއި ޓެކްނޮލޮޖީ އަށް އައިސްފައިވާ ބަދަލުތަކަށް ނަހުލާ ވަނީ ރަނގަޅަށް ހޭލައިފަ އެވެ. ނަހުލާ ފިލްމު އެ ހަދަނީ އޭނާ އަކީ މީގެ 30 އަހަރު ކުރީގެ ޑައިރެކްޓަރެއްކަން އެނގި ހުރެ އެވެ. އަދި އޭނާގެ ފިލްމުތައް ބަލަން މިއަދު ދާން ތިބީ މީގެ 30 އަހަރު ކުރިން އެ ފިލްމުތައް ބެލި މީހުން ނޫންކަން ދަނެ ހުރެ އެވެ.

ތިމަންނާގެ ބޯދާ ވިސްނުން އަދިވެސް މާ މޮޅޭ ކިޔާފައި ނުހުރެ ނަހުލާ އެ ވަނީ އޭނާގެ ފޯމިއުލާގައި ޒަމާނީ ކުލަ ވެސް ޖައްސައިފަ އެވެ. ޖީލުން ޖީލަށް އެ ފޯމިއުލާ އައުކޮށްފަ އެވެ.

އެހެންވީމަ މިހައި ހިސާބުން ދެން މި ވާހަކައެއް ކުރުކުރަމާ ހިނގާށެވެ.

ބުނެލަން އޮތީ އަދި ބުނެވެން އޮތީ ވެސް މިހެންނެވެ.

ރާއްޖޭގެ ސިނަމާގައި ކިޔޫގައި ތިބެ ޓިކެޓް ގަނެގެން، ހެދުން ފަހައިގެން، ކިއޫ ހަދާފައި ގޮސް ފިލްމު ބަލާނެ "ގެރެންޓީޑް" އޯޑިއަންސެއް އޮތް ހަމައެކަނި ބްރޭންޑަކީ އަދިވެސް 'ނަހޫ ސްޓައިލް' އެވެ.