ގަޑިޖެހުނުއިރު އޮލިމްޕަހުގެ ސިނަމާ ހޯލު ފުރި ބާރުވެއްޖެ އެވެ. އެކަމަކު ސޭންޑީ ޑައިރެކްޓްކުރި އަލަތު ފިލްމުގެ ރެޑް ކާޕެޓް ލިބާސް ނަރަކައިގެ އެންމެ އަޑިން ފަހައި ތައްޔާރުކުރާތީ ގަޑިޖެހުނުއިރު ވެސް އާދައިގެ މަތިން ފިލްމެއް ނުފެށުނެވެ.
ޖިންނިތަކަށް މި ފިލްމެއްގައި ދީފައި އޮތް ލަނޑު ބޮޑުކަމުން އެ ސޮރުމެން ސޭންޑީމެންގެ ކިބައިން ބަދަލު ހިފީކަން އެހިސާބުން ޔަގީންވެއްޖެ އެވެ.
ކޮންމެއަކަސް، ނަރަކައިގެ އެންމެ އަޑިން ވައްޓާލި ރެޑްކާޕެޓް ލިބާސް އޮލިމްޕަހުގެ ރިހި ސްކްރީނާ ހަމަ އަށް އައީ ނުވަ ގަޑި ބައިވާން އުޅެނިކޮށެވެ. އެއީ ފިލްމު ފަށަން ލިޔެފައި އޮތް ވަގުތަށް ވުރެ ގަޑިއެއްހާއިރު ފަހެވެ. އާނއެކެވެ. މިއީ އަދި ޕްރިމިއާ ނައިޓެއް ވެސް ނޫނެވެ. ނުވަތަ ޕްރިމިއާ ނައިޓުގެ ހެދުންތަކާ ހަވާލުވި ޖިންނިތަކަށް އަދިވެސް އެ ހެދުންތައް ނުނިންމޭތީ މި ފިލްމުގެ ޕްރިމިއާ ނައިޓު މިއޮތީ މުޅި މަހަށް ދަންމާލެވިފަ ތޯއްޗެވެ.
އެންމެފަހުން، ނަރަކައިން ނަގައި އެއްލައިލެވުނު ޖިންނިއެއް ފަދައިން --- ނޫނެކެވެ. އަދި މަޑުކޮށްބަލާށެވެ. ސުވަރުގެއިން ނަގައި އެއްލައިލެވުނު އިބިލީހެއް ފަދައިން، 'ދެވި' އޭ ކިޔުނު މި ފިލްމެއް އައިސް އޮލިމްޕަހަށް ވެއްޓިގަނެފި އެވެ.
މާތްކަލާކޯއެވެ. އެ އޮތް އޮޕެނިންގެކެވެ. އެއޮތް ޑްރޯންޝޮޓް ނުކުމެގެން އެ އައީ ސީދާ ހަތް ވަނަ އުޑަށް ވުރެ ވެސް މަތިންކަން މަށަށް ޔަގީނެވެ.
ވިލާތައް ތޮރުފަމުން، ރުއްރުކުގެ ފަންތައް ތޮރުފަމުން، ގަސްގަހާ ގެހީގައި މާތްރަސްކަލާނގެ ލެއްވިއްޔާ ލެއްވިހާ ދިރުމަކާއި ހިމަނާރެއްގެ ތެރެއިން ދެމިގެން ދިޔަ އިބިލީހުގެ އެ ޝޮޓް، އަހަރެންގެ ދެފައިދޭތެރެއިން ދެމިގެން ގޮސް ދެން އެފަހައި ދުއްވައިގަތީ ފިޔޮއްކުކުޅެކެވެ.
ބުނަންތޯ އެވެ؟ ދިވެހި ފޯކްލޯރުގައި 96 ފިޔޮއް ގޮވައިގެން ކުކުޅެއްގެ ސިފައިގައި މީހުންނަށް ދުއްޕާންކޮށް އުޅޭ ހާމުންޑިއޭ ކިޔާ ސިފައިން ހުތުރު ދެއްވެއް އުޅެ އެވެ. އެކަމަކު މި ސީންގައި ފެންނަނީ ގައިން ހީބިހި ނަގައިގެންދާވަރުގެ ހާމުންޑިއެއް ނޫނެވެ.
ޖިންނިއެއްގެ ބާރު މިނުގައި ދަތުރުކުރަމުން ދިޔަ ޑްރޯން ޝޮޓުގައި ފެންނަ ކުކުޅާއި ފިޔޮއް ހީވަނީ މާލޭގައި އަލަށް ހުޅުވަން އުޅޭ ކުކުޅު ފިހާރައެއްގައި ހަވާދުލައިގެން ފިހެލަން އޭއައި އިން ފަލަކޮށްފައިވާ ކުކުޅެއް އޭގެ އެންމެ ފަހު ނޭވާގައި، އެންމެފަހުން އަތުނުޖެހޭން ވެގެން ދަރިންކޮޅު ގޮވައިގެން ޕްރިޒަން ބްރޭކް ފަށައިގެން އުޅޭހެންނެވެ.
މިއީ އެއްގޮތަކަށް ވެސް އަހަރެން ހަދަހަދައިންގެ ކިޔައިދޭ ވާހަކަތަކެއް ނޫނެވެ. މިއީ ހަމަ ހަގީގަތުގައި ވެސް މި ފިލްމު ފަށާ ގޮތެވެ.

އެއަށް ފަހު މުޅި ފިލްމުގައި މި ބުނާ އެސްޓަބްލިޝިން، ފާސްޓް ޕޭސްޑް ޑްރޯން ޝޮޓްތައް ވެފައި އޮތީ ފިލްމުގައި ގަޑި ދެ ގަޑިއިރު ވަންދެން އައްޒާ ފަކީރުގެ ޑަބަލް ރޯލުގައި އަވަލައިގެން އުޅުނު ޖިންނިތަކަށް ވުރެ ވެސް ބޮޑު ނުހޮރުއްޕާނަކަށެވެ.
ބިރުވެރި ފިލްމެއް ހަދަން މޯލްޑިވިއަން އައިޑޮލްގެ އެސްޓަބްލިޝިން ޝޮޓްތައް ހެދި ތަޖުރިބާކާރުން ހަޔާކުރީމަ މި އޮތީ ހަމަ ރަނގަޅަށް ވެސް ޓީވީއެމުން މީގެ "100 އަހަރު ކުރިން ގެނެސްދިން މޯލްޑިވިއަން އައިޑޮލްގެ ޓްރެންޑްތަކާ" އަވަލައި އިނދެ ވަރިކުރަން ޖެހޭ ހިސާބަށް ކަންތައް ގޮސްފަ އެވެ. މުޅި ފިލްމުގެ އެތަން މިތަން ހީވަނީ މޯލްޑިވިއަން އައިޑޮލްގެ ނުދައްކައި އޮތް ސީޒަނެއް ހެންނެވެ.
މި ބުނާ އެސްޓަބްލިޝިން ޑްރޯން ޝޮޓްތަކެއް ވަދެގެން، އެނބުރެމުން ސެނބުރެމުން އަންނައިރު ހީވަނީ އުޑުމަތިން ކޯފާއެއް ފާޅުވެގެން އުޅޭހެންނެވެ. ކޭލަކުނު ތަޅާލި ބޮޑު ވިއްސާރަ ލަދުން ފިލާނެކަން މަށަށް ޔަގީނެވެ.
ފިލްމުގައި މި ބުނާ ޝޮޓްތަކެއް ބޭނުންކޮށްފައިވާ މިންވަރު ބަޔަކު މީހުން ރަނގަޅަށް ދިރާސާކޮށްފި ނަމަ ދުނިޔޭގެ ރިކޯޑް ފޮތަށް އެރުމަކީ ވެސް މުޢަތަބަރު ކަމެކެވެ.
ބައްލަވާ މި ފިލްމެއްގައި ދައްކުވައިދޭ ލޮކޭޝަންތައް ސިކުންތަކު ޕްލެނެޓަކަށް ބަދަލުވަނީތޯ އެވެ؟ އެހެންޏާ އަޅެ މީހަކު ގެއިން ބަދިގެ އަށް، ބަދިގެއިން ކައިގެން ފާހާނާ އަށް ދިޔަޔަސް އެއްކަލަ ޑްރޯން ޝޮޓްގަނޑު ނަގޫރޯޅިއެއްހެން އެނބުރިގަންނަނީ މީހެއްގެ ގަޔަށް ބިރުން ގުއިރެވިދާނެ މިންވަރަށެވެ.
ފިލްމުގައި ބޯއަނބުރައިގެން ހޭނެތިގެން ވެއްޓުނުހާ ބަޔަކު ވެއްޓުނީ ވެސް ރަނގަޅަށް ވެއްޖެއްޔާމު އޭގައި ކޮންޓްރޯލުން ނެއްޓިފައިވީ މި ބުނާ ޑްރޯން ޝޮޓްތަކަކާ ހެދި އެވެ. އެހެނީ، ބައްލަވާ، އޭގައި ވަނީ ބޯއެނބުރުން އެކަނިތޯ އެވެ؟ ނޫނެކެވެ. އެ ޝޮޓްތައް ބަލައިގެން އިންސާނަކު ދާއިމީ ގޮތަކަށް މައިގްރެއިންނަށް ބޭސްކުރަން ނުޖެހުނިއްޔާ އެއީ ނަސީބެކެވެ.
ދެން މީހަކު ހިތަށް އަރާފާނެއެވެ. ބަލަ ނަދީމޫއެވެ. ތިޔަ ބުނާ ޑްރޯން ޝޮޓެއް ނޫނިއްޔާމު ތިޔަ ފިލްމަކު ކަލޯ ނެތީތޯ އެވެ. – އާނއެކެވެ. މި ނޫން އެހެން އެއްޗެއް ހަމަ އަސްލު ވެސް މި ފިލްމަކު ނެތެވެ. ފިލްމުގެ ބަތަލަކީ ވެސް މިބުނާ ޝޮޓެވެ. ފިލްމުގައި ޑަބަލް ރޯލާއި ޓްރިޕަލް ރޯލު ވެސް ކުޅެފައި އޮތީ މި ބުނާ އެސްޓަބްލިޝިން ޑްރޯން ޝޮޓްތަކެވެ.
ޓެކްނިކަލް އުސްމިނަކީ ކޮންމެ ފަހަރަކު މީގެ ޝޮޓެއް މަތިން ތިރިއަށް، މަތިން ތިރިއަށް ދިއުންތޯއެވެ؟ ނުވަތަ ފިލްމާ ނުވެސް ގުޅޭ މިއުޒިކެއް ލައިގެން ބެލުންތެރިންނަށް ނަފުސާނީ އަނިޔާ ދިނުންތޯ އެވެ؟

މަތިން ފޭބި ޑްރޯން ޝޮޓްތަކަށް ފަހު ކަންފަތުގެ ތޫރި މުގުރައި ކުދިއަރުވާލި ހެވީ މެޓަލް މިއުޒިކަކީ ފިލްމުގެ ހިތް ރޮލާ ކާލި ހިތެއް ނެތް އޭގެ ބަތަލާ އެވެ. ފިލްމެއްގައި މި ފެންވަރަށް ހެވީ މެޓަލް ބޭނުންކޮށްފައި ވަނިކޮށް އަދި މި ފެނުނީ މުޅިން އަލަށެވެ.
އޭގެ ބައެއް ސީންތަކުގައި ރިފްތަކުން އިރައިގަތީމަ މަގޭ ދަތްދޮޅިއަށް ވީގޮތުގެ ވާހަކަ މިތަނުގައި ދައްކަންވީ ކީއްކުރަންތޯ އެވެ؟ އަހަރެންގެ ފުރާނަ މި ހަށިގަނޑުން ނުކުމެގެން ގޮސް ފިލްމު ނިމެންދެން ހުރީ އޮލިމްޕަހުގެ ބޭރުގައި ބޯތަޅުވާލަތަޅުވާލަ އެވެ.
ގިޓާ ރިފާއި ޑަބަލް ކިކް ޑްރަމުން އިރަމުން ގޮސް ޑިސްޓޯޓެޑް ބޭހާއި ސޯލޯތަކުން އަޅައި ވިހެމުން ދިޔައިރު ފިލްމުގައި އައްޒައާ އަވަލައިގެން އުޅުނު ޖިންނީންގެ ބައިގަނޑުތައް ހީވަނީ ހެވީ މެޓަލް ކޮންސެޓަކަށް ތައްޔާރުކޮށްފައި އޮތް މޮޝް ޕިޓެއްގައި ނަށައި ވަޖިދު އަރުވަމުން ދިޔަ މަންޒަރުތަކެއް ހެންނެވެ.
މި ފިލްމުގައި އަންހެން މީހާ ވޭންވަރަށް ހިފަމުންދިޔައިރު ވެސް މީހަކު ހެވީ މެޓަލް އަލްބަމެއް ކުޅެ ނަގަނީ އެވެ. ގަހަކުން ފަތެއް ހެލިލިޔަސް އެ ބޭއްވީ ހެވީ މެޓަލް ކޮންސަޓެކެވެ. އެއްގޮތަކަށް ވެސް އެ މިއުޒިކް ދެރަވެގެނެއް ނޫނެވެ.
ނުބައި ފަންޑިތައެއް ހަދައިގެން އިންސާނެއްގެ ހަށިގަނޑުގައި ފިލްމުގެ ޖިންނި ތާށިވީ ގޮތަށް އޭގެ މިއުޒިކް އެ ވަނީ ނުބައި ފިލްމެއްގެ ތެރޭގައި ތާށިވެފަ އެވެ. އެހެން ނޫން ނަމަ އެ މިއުޒިކް ކެޓަލޮގް އޮތްގޮތަށް ގަނެގެން ގެއަށް ގޮސް އިރުއަރަން ދެން ވެސް އެއަށް ބޯތަޅުވަން އިނދެވުނީހެވެ.
ކޮންމެއަކަސް ކޮންމެ ނޭވާއެއްގެ ދެކޮޅުގައި ބައްދަލުކުރަމުން ދިޔަ މި ބުނާ މޮޅު ޑްރޯން އެސްޓަބްލިޝިން ޝޮޓްތަކާއި ހައުސްފުލްކޮށްލި ހެވީ މެޓަލް ބެކްމިއުޒިކާ ހެދި މި ފިލްމު ރަނގަޅަށް ނުފެށި އުޅެނިކޮށް އަހަންނަށް އޭތި މަރުވެއްޖެ އެވެ.
ނަމަވެސް ފިލްމުގެ ޕްލޮޓް އަހަންނަކަށް ގޯހެއް ނޫނެވެ. އަދި ސްކްރިޕްޓްގެ ސްޓްރަކްޗަރިން އާއި ޕޭހުގައި ވެސް ހަގީގަތުގައި މިކަހަލަ ފިލްމަކަށް ބަލާއިރު މާކަ ބޮޑު މައްސަލައެއް ނެތެވެ. ކުރުކޮށް ބުނަނީ ނަމަ މި ފިލްމުގެ އެ ޑިޕާޓްމަންޓް އެހެން ދިވެހި ބިރުވެރި ފިލްމަކާ އަޅާ ކިޔާ ނަމަ ލައްކަތަނުން ރަނގަޅޭ ވެސް ބުނެވިދާނެ އެވެ.
އާދަޔާހިލާފަށް މޮޅު ނުވަތަ ތަފާތު ވާހަކައެއް އޭގައި ނެތަސް ފިލްމުގައި ދައްކުވައި ދެނީ ވަރަށް ސިމްޕަލް، ހަމަޖެހޭ އަދި މީހަކަށް ފަސޭހައިން ފަހުމުވާނޭ ސިހުރުހާހޫރުގެ އާއިލީ ބިރުވެރި ވާހަކަ އެކެވެ. އޮޅުންބޮޅުމެއް މިޔަކު ނެތެވެ. އެކަމަކު ޑައިރެކްޓަރު ކިޔައިދޭން މަސައްކަތްކޮށްފައިވާ މި ވާހަކައިގެ ވިޝުއަލް ފެންވަރު ހުރީ ދިވެހި ރާއްޖޭގެ ސިނަމާގެ ޓެކްނިކަލް ގާބިލުމަކަށް ވުރެ ހަތް އުޑު މަތީގައޭ ބުނަމާ ހިނގާށެވެ.
ކޮންމެ މަންޒަރެއް ފަށަން އެ ހުރިހާ މަންޒަރެއް އެހާ މަތިން ގެންނަން ޖެހުނީ ވެސް ފަހަރެއްގައި އެހެންވެގެންނެވެ.
ކޮންމެއަކަސް ފިލްމަށް ބޭނުންވި ވިއުޝަލް ފެންވަރަކާ ގާތަށް ވެސް އޭގެ އެންޑްޕްރޮޑަކްޓް ގެންގޮސްދެވިފައެއް ނެތެވެ. ނަތީޖާއަކަށްވީ ފިލްމުގެ އެ ދުނިޔެ އަށް ބެލުންތެރިޔާ ވަންނާނެ ހަމަ އެއްވެސް ދޮރެއް އެ މާހައުލުގައި ހުޅުވިގެން ނުދިއުމެވެ.

ގައިން ހީބިހި ނަގާނެ މަންޒަރެއް ނުވަތަ ފަކުރުގަންނަވަރުގެ ލޭގެ ކުޅިވަރުތަކެއް އޭގައި ނެތެވެ. މީހަކު ބިރުން ސިއްސައިގެން ދާ ވަރުގެ ހަމަ އެންމެ މަންޒަރެއް ވެސް މި ފިލްމުގައި ނެތޭ ބުނާއިރު މިއީ އަހަރެން ހަދާ ދޮގެއް ނޫނެވެ. އަދި އެންމެގިނައިން އިވެމުން ދިޔައީ ޖިންނި އަވަލައިގެން އުޅޭއިރު އައްޒަ ޖައްސާ ވައްތަރުތަކަށް މީހުން ހޭއަޑެވެ.
ބިރުން ގޮސް އެންމެނަށް ހެވެނީ ކަމެއް ނުވަތަ އޭގައި ދައްކާ މަންޒަރުތައް މަޖާވެގެން ގޮސް ގަޔަށް ހީސްލެވޭ ވަރަށް ބަޔަކަށް ހެވެނީ ކަމެއް އަހަންނަކަށް ނޭނގެ އެވެ. މަށަށް އެނގެނީ އޮލިމްޕަހުގައި އަޅުވާފައި އެ އޮތީ މަޖާ ފިލްމެއް ނޫން ކަމެވެ.
ނަމަވެސް އެއީ ކޮމެޑީ ފިލްމެކޭ މީހަކަށް ހީވާވަރަށް އޭގައި ޖިންނިތައް ވެސް އެބަ ނަށަ އެވެ.
އަނެއްކޮޅުން އޭއައިގެ ސިފަތައް އަހަރެމެންގެ އިނގިލިކުރިއާ ހަމަ އަށް އައިސްފައިވާ ޒަމާނެއްގައި ފެންވަރު ދަށް ވިޝުއަލް ފެނުނީމަ ހަމަ ކޮންމެ މީހެއްގެ ލޮލުގައި ވެސް ވަރަށް ފަސޭހައިން އެ ހަޑިހޭވުން މި ޒަމާނުގައި އަޅައިގަންނާނެ އެވެ. އެއް މަންޒަރުގެ ކުލަ އަނެއް މަންޒަރާ ދިމާނުވީމަ ފިލްމު ބަލަން ތިބޭ މީހުންގެ މޫނުމަތިން ވެސް ކުލަ ބަދަލުވާން ފަށާނެ އެވެ. އަދި ފިލްމު އޭގެ އެންމެ މުހިންމު ހިސާބުގައި ހެޑަށް އޮޅި ހޮޑުލަވައިގަންނަ ކަހަލަ ކަންތައް ވާން ފެށީމަ މި ފިލްމު އުފެއްދި މީހުންގެ ގާބިލުކަމާ މެދު ހިތުގައި ސުވާލު އުފެދެން ވެސް ފަށާނެ އެވެ. އަޅުވާފައި މި އޮތީ އޭގެ މަސައްކަތް ނިމިފަ އޮތް ފިލްމެއްތޯއޭ ވެސް ހިތަށް އަރަން ފަށާނެ އެވެ.
ކުރުކޮށް ބުނަނީ ނަމަ ރަނގަޅުކޮށްލަން ޖެހޭ ލައްކަ ގިނަ މައްސަލަ މި ފިލްމުގައި އެބަހުއްޓެވެ. ހުތުރުކޮށް ބުނަނީ ނަމަ މި ފިލްމު އަޅުވާނެ ވެސް ކަމެއް ނެތެވެ. އަދި މި ހުރިހާ މައްސަލަތައް ލިޔަންވެއްޖެ ނަމަ މި އަހަރު ނިމޭއިރު ވެސް މި ރިވިއު ލިޔެ ނުނިމިދާނެ އެވެ. އެހެންވީމަ ނިންމާލުމުގެ ކުރިން މި ފިލްމުން އަޅުގަނޑަށް އެންމެ ކަމުދިޔަ ކަންތައް މިހިސާބުން ކިޔައިދޭނަމެވެ.

އެއީ ފިލްމުގައި ދައްކުވައިދިން އައިޝަތު ރިޝްމީ އާއި މުހައްމަދު މަނިކުގެ ކެމިސްޓްރީ އެވެ. ފްލޭޝްބެކް މަންޒަރުތަކެއްގައި ދެ އެކްޓަރުން މި ފިލްމުގައި ވަރަށް ސަޅިކޮށް ގެނެސް އެއްތަންކުރެ އެވެ. އަދި އެ މަންޒަރުތައް ވެގެން ދިޔައީ މީގެ ކުރިން އަހަރެން އެއްވެސް ދިވެހި ފިލްމަކުން ނުދެކޭހާ ރީތި ހިތްގައިމު މަންޒަރުތަކަކަށެވެ.
އެ ދެ ތިން މަންޒަރަށް ފަހު އަހަރެން މިހިރީ މަނިކު އާއި ރިޝްމީ ލީޑް ރޯލު ކުޅޭ ރޮމޭންޓިކް ފިލްމަކަށް ވިކި ނިމިފަ އެވެ.
އެއީ ނިސްބަތުން ކުރު މަންޒަރުތަކެކެވެ. ނަމަވެސް ދެ މީހުންގެ އެކްޓިން އުފައްދައިދިން ޑައިނަމިކާއި ކެމިސްޓްރީ ފެނިފަ އަހަންނަށް އިނދެވުނީ ހަމަ ބަސްހުއްޓިފަ އެވެ. އެއަށް ފަހު އަހަރެންގެ ހިތަށް އެރީ މިހެންނެވެ.
މި ފިލްމަކު ދެރަ އެކަކު ވެސް ހަމަ ނެތެވެ. ރާއްޖޭގައި ދެރައީ އެހެން ހުރިހާ ޑިޕާޓްމަންޓެކެވެ. އަދި އަޅުގަނޑުގެ ހިޔާލުގައި މިކަހަލަ ދޯހަޅިކަންކަން ދިވެހި ސިނަމާގައި ތަކުރާރުވަމުން ދަނީ ފިލްމު ލެންގުއޭޖުގެ އަލިފު ބާ އަދިވެސް ރަނގަޅަށް ދަސްނުވާތީ އެވެ.
ސަބަބަކީ އެތައް ލައްކަ ރުފިޔާއެއް ހޭދަކޮށްގެން އެއްވެސް މީހަކު ގަސްދުގައި ހާކާލިބުރުވާލިއަކަށް ވާކަހަލަ ފިލްމެއް އުފައްދަފާނެ ކަމަކަށް އަޅުގަނޑުގެ ހިތެއް ނުބުނެ އެވެ. އެކަމަކު ނުކުންނަހާ ދިވެހި ފިލްމެއް މިހާ ގޯސްކަމުގައި ވަނީ ނަމަ އެ ފިލްމުތަކަށް ވުރެ ބޮޑު ގޯހެއް އުޅެނީ އެ ހުރިހާ ފިލްމުތަކެއް އުފައްދާ ބައެއްގެ މެދުގައި ނޫންތޯ އެވެ؟
މި ފިލްމުތައް މިވަރަށް ކަޑަކަން ހަމަ ނޭނގެނީ ހެއްޔެވެ؟ ނުވަތަ ދިވެހި ފިލްމުތައް މިވަރަށް ގޯސްވެގެން މި އުޅެނީ ބަލަ އަހަންނަށް އެކަނި ހެއްޔެވެ؟
ރޭގަ ވެސް އެ ނިމުނީ ހައުސްފުލް ޝޯއެކެވެ. އަދި އެ ބިރުވެރި ފިލްމު ބަލަން ވަދެ ތިބި މީހުންތައް ޗަކަޗަކަލާފައި ހޭ އަޑު އަހަންނަށް އަދިވެސް އެބަ އިވެ އެވެ.
މިވަރުން ދާނަމަ ގޯހީ ކޯއްޗެއް ހެއްޔެވެ؟
ފިލްމު ބަލަން ވަދެ ތިބި މީހުން ހެއްޔެވެ؟ ފިލްމު ހެއްޔެވެ؟ ފިލްމު އުފައްދާ މީހުން ހެއްޔެވެ؟
ނުވަތަ ނަދީމު ހެއްޔެވެ؟



