މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި އެންމެންގެ އަނގަތައް ހުޅުވި، ކޮފީ ޓޭބަލް ތަކުގައި އެންމެ ހޮޓް ޓޮޕިކް އަކަށްވީ ވިލިނގިލިން ހައްޔަރުކުރި ފިލްމީ ތަރިންގެ ވާހަކައެވެ. މި ހާދިސާއާ ގުޅިގެން، މުޅި ފިލްމު އިންޑަސްޓްރީއަކީ އެއްވެސް އުޅުމެއް ނެތް މީހުން އުޅޭ ހާއްޔެއްކަމަށް ނިންމައި، އެންމެން އެއް ގޯންޏަކަށް ލައިގެން ފާޑުކިޔަން ފެށުމަކީ ހަގީގަތުގައި ވެސް ދިވެހިންގެ ވިސްނުން ހުރި ފެންވަރު ވަރަށް ރަނގަޅަށް ހާމަވެގެންދިޔަ ކަމެކެވެ.
"މި މީހުންނަށް ރެޑް ކާޕެޓުން މަރުހާބާ ކިޔަންވީތޯ؟" ސުވާލުކޮށް ބައެއް މީހުން ކުރި އެ މަލާމާތަކީ، އަމިއްލަ މުޖުތަމައުގެ ހަގީގަތް ގަބޫލުކުރަން ބޭނުންނުވާ ބަޔަކު ކުރި ވަރަށް ވެސް ހެއްވާ ކަމެކެވެ.
މި މައްސަލައިގައި ސޯޝަލް މީޑިއާގައި އަނގަފުޅާކޮށްލަން ކެރެންޏާމު މި ހިޔާލު ވެސް ކިޔަންވާނެ އެވެ.


ކެމެރާ ކުރިމައްޗަށް އަރާ ކޮންމެ މީހަކީ ޑްރަގް ބޭނުންކުރާ، އަބަދު ޕާޓީކުރާ މީހެއްކަމަށް ލޭބަލް ކުރުމަކީ ދިވެހިންނަށް ފެށުނީއްސުރެ ވެސް ވަރަށް ފަސޭހަ ކަމެކެވެ. ނަމަވެސް، އަހަރެމެން އަމިއްލަ އަށް ކޮށްލަންޖެހޭ ސުވާލަކީ، ހަގީގަތުގައިވެސް އެ ދާއިރާގެ މެޖޯރިޓީއަކީ އެފަދަ މީހުން ހެއްޔޭވެ؟
ވަކި މީހެއްގެ އަންބަކަށް ވީތީ، ވަކި މީހެއްގެ ކޮއްކޮ އަކަށް ވީތީ ނުވަތަ ކުށެއްގެ ތުހުމަތު ކުރެވޭ މީހަކާއެކު ކޮފީ މޭޒެއްގެ ދޮށުން ފެންނަ ކޮންމެ މީހަކީ މުޖުރިމެއް ކަމަށް ނިންމާނަމަ، މާލޭގެ ކެފޭތަކަށް ވަދެނުކުމެ ހަދާ "ޝަރަފުވެރި" އާންމު ރައްޔިތުންވެސް މިއަދު ތިބެންޖެހޭނީ ގޮޅީގައި ނޫންތޯ އެވެ؟ އެހާވެސް ދިވެހިންގެ ވިސްނުން ހަނިވެފައި، ކަންކަމުގައި ގޮތް ނިންމުން އަވަހެވެ.
މި ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައަކީ ހަމައެކަނި ފިލްމީ ތަރިންނަށް ހާއްސަވެފައި އޮތް ވީއައިޕީ ކްލަބެއް ނޫނެވެ. ދުނިޔޭގެ ކުޅިވަރުގެ މައިދާނާއި، ވިޔަފާރީގެ ތެރޭގައިވެސް މިކަން އެބައޮތެވެ. ރާއްޖޭގައި ވެސް މި މައްސަލައެއް އޮތީ ފިލްމީ ދާއިރާއަކު އެކަންޏެއް ނޫނެވެ.
ޕާޓީކުރުމުގެ ހާލިތައް ހަދާފައި ވަނީ ފިލްމީ ދާއިރާގައި އެކަނިތޯ އެވެ؟ މަސްތުވާ މަޝްހޫރު ނަންތަކުގެ ޑްރަގާއި ފާމަސީއެއްގެ ކައުންޓަރުން ފަސޭހައިން ލިބޭ ތަދުކަނޑުވާ ބޭސްތަކާއި ކެއްސާތިބޯ ބޭސްތަކަށް ވެސް ދެވިހިފައި އެ ބޭސްތައް ޕާޓީކުރުމެއް ފަދައިން ބޭނުންކުރާ ދިވެހިން ގޭގައި ނެތީތޯ އެވެ؟
އެކަމަކު ހަމަ ކަމެއް ވެލާ އިރަށް ފިލްމުކުޅޭ މީހާ ގަންހިންގުން ނޫން ވަރެއް ދިވެހިންނަކަށް ނުވެ އެވެ.



ސިޔާސީ މީހުންނާއި، ގާނޫނީ ދާއިރާގެ ބޭފުޅުންނާއި، ޓޫރިޒަމް ދާއިރާގެ އިސްވެރިންގެ ޕާޓީކުރުމުގައި ހިނގާ ކަންކަމާއި، ޖުވާކުޅުމާއި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތައް ނުފެންނަ ކަމަށް ހަދައިގެން ތިބެނީ، އެއީ މަޝްހޫރު ނަންތަކަށް ނުވާތީތޯ އެވެ؟ ނުވަތަ އޮލިމްޕަހުގައި ރެޑް ކާޕެޓް ދަމައި ޕްރިމިއާކުރާ ފިލްމުތަކުން އެމީހުން ނުފެންނާތީތޯދޯ އެވެ؟
ބަދުނާމުކޮށްލަންވީމަ ހަމަ އެންމެ ފަސޭހައީ އަބަދުވެސް ފިލްމީ ދާއިރާއެވެ. ފިލްމުކުޅޭ މީހުންނެވެ.
ބަޔަކު ކަމެއް ނުކުރާ ވާހަކައެއް ނޫނެވެ. އެކަމަކު މި އިންޑަސްޓްރީގައިވެސް ގަދަރުވެރިކަމާއެކު އުޅޭ އެތައް ބަޔަކު އެބަތިއްބެވެ. ލިސްޓަކުން ނުވަތަ ނަމަކުން ނުކިޔަސް ފިލްމީ ދާއިރާގައި މަސައްކަތްކުރާ ވަރަށް ގިނަ ފަންނާނުންނަކީ އެމީހުންގެ ހުނަރުވެރިކަމާއި ޕްރޮފެޝަނަލިޒަމް އަކީ ކޮބައިކަން ތަކުރާރުކޮށް ސާބިތުކޮށްދީފައިވާ މީހުންނެވެ.
ދިވެހި ފިލްމީ ދާއިރާ އަކީ ސަމާސެއް ކަމަށް ބަޔަކަށް ހީވިޔަސް އެމީހުންނަކީ ސަމާސާ ބައެއް ނޫނެވެ. އަދި މިގައުމުގައި ކާރިސާއެއް ހިނގައިގެން އުޅޭއިރު އެކަން ވަރަށް ރަނގަޅަށް ހަމަ ކޮންމެ ދިވެއްސަކަށް ވެސް ފެންނާނެއެވެ.
ކާރިސާގެ ވަގުތުތަކުގައި ހިންގާ ޓެލެތޯނަކާއި އަނެއް ތޯނަކަށް އަބަދުވެސް އެންމެ ޑިމާންޑުބޮޑުވެފައި އޮންނަނީ ފިލްމުކުޅޭ މީހާގެ އެވެ. ކަންމިހެން އޮތްއިރު މަދުބަޔަކު ކޮށްލާ ކަމަކާ ހެދި މުޅި ފިލްމީ ދާއިރާ ކަނޑައި ވައްޓާނުލާށެވެ.
މަދު ބަޔަކު ކުރާ ގޯސް ކަމެއްގެ ޒިންމާ މުޅި ދާއިރާގެ އެންމެންގެ ބޮލަށް ކަނޑާލުމަކީ ކޮން ކަހަލަ އިންސާފެއްތޯއެވެ؟


ދިވެހި ފިލްމު އިންޑަސްޓްރީއަކީ މިހާރު ކިޔަވައިގެން ތިބި ޒުވާން ޓެކްނިކަލް ކުދިންނާއި ގަދަރުވެރި ތަޖުރިބާކާރުންނާއި ހުނަރުވެރި އެތައް ބަޔަކާ އެކު ކޮޅަށް ތެދުވަމުން އަންނަ އުންމީދުން ފުރިފައި އޮތް ދާއިރާއެކެވެ. އެކަމަކު، ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކު ވެސް ތޯތޯ ވާހަކަތަކަށް ފޮނިތޮށި ކާފޫރުތޮޅި ލައިގެން މުޅި އިންޑަސްޓްރީއަށް ހަޑިއެއްޗެހި ގޮވާނަމަ، މިއަށްވުރެ ކުރިއަށް މި ދާއިރާ ދާނީ ވެސް ކިހިނެއް ހެއްޔެވެ؟
މުޅި އިންޑަސްޓްރީއަކީ ގޯސްތަނެއް ކަމަށް މުޖުތަމައުން ލޭބަލް ކުރާނަމަ، އަމިއްލަ ދަރިފުޅު މި ދާއިރާއިން ކުރިއަށްދާން ހިތްވަރުދޭނީ ކޮން މަންމައެއް، ކޮން ބައްޕައެއް ހެއްޔެވެ؟ ވަކި ބަޔަކު ކުރާ ކުށެއްގެ ސަބަބުން މުޅި އިންޑަސްޓްރީ އެއްކޮށް ބަދުނާމު ކުރުން ހުއްޓާލައި، ދިވެހިން ހޭއަރަން ވެއްޖެ ނޫން ހެއްޔެވެ؟
އެންމެ ހެއްވާ އަދި އެންމެ ލަދުވެތި ކަމަކީ މިފަދަ ކަމެއް ފެންމަތިވެގެން އުޅޭއިރު ފެންނަ ދިވެހިންގެ ދެފުށްކެހެރިކަމެވެ. އޮލިމްޕަހުގައި ފިލްމެއް އަޅުވާ ދުވަހު ޓިކެޓް ނުލިބިގެން ކިޔޫގައި ތަޅާފޮޅަނީ އެވެ. ސްކްރީނުން ފެންނަ މަންޒަރުތަކަށް އަތްޖަހައި، ތަރިންގެ އެކްޓިން އަށް ތައުރީފުކޮށް ޓިކްޓޮކްތައް ހަދައި، "މިވަރުގެ ފިލްމެއް ނުދެކެމޭ" ކިޔާފައި އޮލިމްޕަސް ދޮރުމަތީގައި ރޮއެ ހޭރޭނީއެވެ.
އެކަމަކު، ފިލްމު ބަލާފައި ނުކުމެ، އޭގެ ފަންނާނަކާ ބައްދަލުވީމަ އޭނާގެ މަސައްކަތަށް އެންމެ ކުޑަމިނުން އިހްތިރާމްގެ ބަހެއް ބުނެލަން މި ދެވެހިންނަށް ނޭނގޭތީ އަހަރެން ހަމަ އަޖާއިބު އަންތަރީސްވަމެވެ. އެތައް ފަހަރަކު އެއް ފިލްމެއް ބަލާފަ އެމީހުންގެ ހުނަރަށް ސަނާކިޔަމުން، އަނެއްކޮޅުން އެމީހުންނަކީ މުޖުތަމައުގެ އެންމެ ދަށް ފަންތީގެ މީހުން ކަމަށް ހަދައި މަލާމާތް ކުރުމަކީ ދެން ކިހާވަރެއްގެ ބޮޑު ޖޯކެއް ހެއްޔެވެ؟


މިއީ ހަމަގައިމުވެސް ދިވެހިން އަމިއްލަ ނަފްސާ ކުރަންޖެހޭ ސުވާލެކެވެ. ތިމާއަށް މުނިފޫހިފިލުވައިދޭ މީހުންނަށް އިހުތިރާމް ކުރަން ނުދަންނަ މުޖުތަމައެއްގައި، އެއްވެސް އިންޑަސްޓްރީއެއް ކުރިއެއް ނާރާނެއެވެ. ފިލްމީ ދާއިރާ ކުރިއެރުވޭނީ، ހަމައެކަނި އޮލިމްޕަހުގެ އަނދިރިކަމުގެ ތެރޭގައި ތިބެ އަތްޖެހުމުގެ ބަދަލުގައި، އާންމު މުޖުތަމައުގައިވެސް އެމީހުންގެ މަސައްކަތް ބަލައިގަނެ، އެމީހުންގެ ބުރަ މަސައްކަތުގެ ދިފާއުގައި ނުކުންނަން ވެސް ކެރިގެންނެވެ.
ހަމަ ކަމެއް ވެލާއިރަށް ފިލްމުކުޅޭ މީހުން ފަހަތުން އެންމެން މި ދުއްވައިގަންނަނީ ކީއްވެގެންބާވަ އެވެ؟ އަޅެ މި ރާއްޖޭގައި ޕާޓީކޮށް ވިޔާނުދާ ގޮތަކަށް އުޅެނީ ފިލްމުކުޅޭ މީހުން އެކަނިތޯ އެވެ؟



