ދިވެހި ފިލްމީ ދާއިރާގައި ކޮންމެ ދުވަހަކު ވެސް ބުރަކޮށް މަސައްކަތްކުރާ މީހުން އުޅެއެވެ. ދިވެހި ފިލްމީ ދާއިރާއަށް އެކި ގޮތްގޮތުން އެހީތެރިވެދޭ މީހުންވެސް ކޮންމެ ދުވަހަކު ފެނެ އެވެ. އެކަމަކު މުހައްމަދު ރަޝީދު މިއީ މި ދެ ކެޓަގަރީން ވެސް ފާހަގަކޮށްލެވޭ އާދަޔާހިލާފު ޝަހުސިއްޔަތެކެވެ.

އޭނާއަކީ 1980 ވަނަ އަހަރުން ފެށިގެން، ހިނިތުންވުމާއި ނުގުޑާ ފަދަ އަޒުމަކާއެކު މި ހުރިހާ ކަމެއް އެކަތިގަނޑެއްގެ ގޮތުގައި ހިފަހައްޓަމުން އަންނަ ދިވެހި ސިނަމާގެ ހަގީގީ ލެޖެންޑެކެވެ.

ދަރާ ރަޝީދުގެ ހިދުމަތަށް މި އަހަރު ސާޅީސް ފަސް އަހަރު ފުރުނީ އެވެ.

މިކަމާ ފުންކޮށް ވިސްނާލައްވާށެވެ. މިއީ މިހާރު ތިބި ގިނަ އެކްޓަރުންނާއި، ދެބައިކުޅަ އެއްބައި ޑައިރެކްޓަރުންގެ އުމުރަށްވުރެ ވެސް ދިގު މުއްދަތެކެވެ. އަދި "ޑިޖިޓަލް ސިނަމާ" އަކީ ފޯނުން ފިލްމު ކުޅުން ކަމަށް ގަބޫލުކުރާ ތިން ޖީލެއްގެ ބެލުންތެރިންނަށްވުރެ ވެސް ގިނަ ދުވަހެވެ.

ރަޝީދު އޭނާގެ މަސައްކަތް ފެށީ 1980ގެ ޑިސެމްބަރު 10 ގައެވެ. އެއީ ޓީވީ މޯލްޑިވްސްއިން ކެމެރާ ޖައްސާނެ ބަޓަނެއް ހޯދުމުގައި އުޅުނު ދުވަސްވަރެވެ. އޭނާ މި ދާއިރާއަށް ނުކުތީ، ފިލްމީ ސިނާއަތެއްގެ ސިފަ މިކަމުގައި ނުޖެހެނީހެވެ. އެވޯޑެއް، ޔޫޓިއުބެއް، ނުވަތަ "ބަޖެޓް ކުޑަވުމުގެ" ޝަކުވާ ކުރުމުގެ ފުރުސަތެއް ނެތް ޒަމާނެއްގައެވެ. އެއީ ބަޖެޓަކީ އާދޭސްކޮށްގެން ހޯދާ ލައިޓަކާއި ކުރާ ދުއާއެއް ކަމުގައި ބެލެވުނު ދުވަސްވަރެވެ.

އެހެންނަމަވެސް، އެ އާދައިގެ ފެށުމުން ފެށިގެން އޭނާ ބިނާކުރެއްވި ކެރިއަރުގެ ބޮޑުކަމުން، އޭނާގެ ވަނަވަރު ކިޔާލުމަކީ ދިވެހި މީޑިއާގެ މުޅި ތާރީޚު ކިޔާލުން ފަދަ ކަމެކެވެ.

ހުރިހާ ކަމެއް އެންމެ ކުރިން ކުރި މީހާ

ރަޝީދަކީ ފިލްމު ސެޓެއްގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮށްފައިވާ ދިވެހި މަދު ފަންނާނުންގެ ތެރެއިން އެކެކެވެ. "ކޭޓަރިން" ފިޔަވައި އެހެން ހުރިހާ ކަމެއް އޭނާ ވަނީ ކޮށްފައެވެ. އަދި ތެދަށް ބުނާނަމަ، ސައިކުރައަކާއި މައިލޯ ޕެކެޓެއް ދީފިނަމަ އެކަންވެސް އޭނާ އެންމެ ފުރިހަމައަށް ކޮށްފާނެއެވެ.

އޭނާ އަދާކޮށްފައިވާ ދައުރުތަކުގެ ތެރޭގައި ކެމެރާމަން، ސީނިއާ ކެމެރާމަން، ހެޑް ކެމެރާމަން، އެޑިޓަރު، ޑައިރެކްޓަރު، ޕްރޮޑިއުސަރު، ލައިން ޕްރޮޑިއުސަރު، އެސިސްޓަންޓް ޑައިރެކްޓަރު އަދި ސްޓޫޑިއޯ މެނޭޖަރު ވެސް ހިމެނެ އެވެ. މީގެ އިތުރުން އޭނާ އަކީ ފްލޯ މެނޭޖަރެކެވެ. ޓެކްނިކަލް ސުޕަވައިޒަރެކެވެ. އެކި ޖަމިއްޔާތަކުގައި ޗެއާމަންއެކެވެ.

މިހާތަނަށް 35 އަށްވުރެ ގިނަ ފީޗާ ފިލްމާއި ގުނައި އަދަދު ނުކުރެވޭހާ ގިނަ ޑްރާމާ ސިލްސިލާތަކުން އެކްޓަރެއްގެ ގޮތުގައި ފެނިގެންގޮސްފައިވެ އެވެ.

ދިވެހި ފިލްމީ ދާއިރާއަކީ ކަނޑުދަތުރުކުރާ އުޅަނދެއް ނަމަ، ރަޝީދަކީ އެ އުޅަނދު ދުއްވަން ހުރި މީހާކަން ޔަގީނެވެ. ބޯޓުގައި ޖެހޭ ބޯކަނޑާލުންތައް މަރާމާތުކޮށް، ފަލިޖަހައި، އަދި އިންޖީނު ހުއްޓޭ ވަގުތުތަކުގައި ކަނޑަށް ފުންމާލައިގެން ބޯޓު ކޮއްޕާ މީހަކީ ވެސް އޭނާއެވެ.

ތެދުތެދަށް އެއްބަސްވަމާ ހިނގާށެވެ؛ އިންޖީނު ހުއްޓުމަކީ މި ދާއިރާގައި ވަރަށް ގިނައިން ވާ ކަމެކެވެ. ރަޝީދަކީ އެ ހާލަތަށް ވެސް ކުޅަދާނަ އާރުކާޓީއެކެވެ.

އެކްޓްކުރުން އަދިވެސް ހުއްޓާނުލި އެކްޓަރު

'ނަތީޖާ'، 'ސަޒާ' އިން ފެށިގެން 'އޯކިޑް އޭނާގެ މާ' އާ ހަމައަށް، 'ޔޫސުފް އެންޑް ޒައިނަބް'، 'ލޫދިފާ' އިން ފެށިގެން 'ބަވަތި' އާ ހަމައަށް، އަދި 'ޖިންނި'، 'ހައްދު' އިން ފެށިގެން 'ކަމަނާ' އާ ހަމައަށް، ރަޝީދު ވަނީ އެކި ކަހަލަ ރޯލުތައް ކުޅެފައެވެ. އޭގެ ތެރޭގައި ލޯބިވެރިޔާގެ ބައިން ފެށިގެން، ހިތާމަވެރި ބައްޕައެއްގެ ބަޔާއި، ޝައްކުބޮޑު ބޮޑުބޭބެއެއްގެ ބައިން ފެށިގެން، ކަމެއް އެނގޭކަން އެނގިހުރެވެސް 9 ވަނަ އެޕިސޯޑާ ހަމައަށް އެއްޗެއް ނުބުނެ ހިމޭނުން ހުންނަ ކަހަލަ މީހުންގެ ރޯލުތައް ފުރިހަމައަށް އަދާކޮށްފައެވެ.

އޭނާ ވަނީ 35 އަށްވުރެ ގިނަ ފީޗާ ފިލްމާއި ގިނަ އަދަދެއްގެ ޑްރާމާ ސިލްސިލާތަކުގައި ހަރަކާތްތެރިވެފައެވެ.

އޭނާގެ ހުނަރުވެރިކަން ހުރި މިންވަރަކީ އަންތަރީސްވާހާ ބޮޑު ކަމެކެވެ. ބައެއް ފަހަރަށް އޭނާ އަކީ އާއިލީ ޑްރާމާއެއްގެ އެންމެ މުހިންމު ޝަހުސިއްޔަތެވެ. ޖެހިގެން އަންނަ ޝޯގައި އޭނާއަކީ މަޖާ މީހެކެވެ. ދެން ފެންނަނީ ނުބައި ބައި ކުޅޭ މީހެއްގެ ރޯލުންނެވެ.

އަދި އަނެއް ވަގުތު އޭނާއަކީ ވަރުގަދަ ހިކުމަތްތެރި ބަސްތަކެއް ބުނެދޭ ދުވަސްވީ ކެރެކްޓާއެކެވެ.

އާނއެކެވެ. ރަޝީދަކީ ހަމައެކަނި އެކްޓުކުރާ މީހެއް ނޫނެވެ. އޭނާ އެ ކުޅޭ ކެރެކްޓަރެއްގެ ތެރެއަށް ވަދެ، އެއީ އޭނާގެ އަމިއްލަ ސިފައެއް ކަމުގައި ހަދާލައެވެ. މި ހުރިހާ ކަމެއް އޭނާ ކުރަނީ ގައުމީ ފެންވަރުގެ އަގުހުރި ޝަޚްސިއްޔަތެއްކަން ހަނދާން ނައްތާލެވޭ ފަދަ އާދައިގެ، މަޑުމައިތިރި މިޒާޖެއްގައިކަން އިނދެ ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

ދިވެހި ސިނަމާގެ ބައިނަލްއަޤްވާމީ މޫނު

"ބައިނަލްއަޤްވާމީ ގުޅުން" މިއީ އާންމު ބަހަކަށް ވުމުގެ މާ ކުރިން ވެސް، ރަޝީދު ދިޔައީ އެ މަސައްކަތް ކުރަމުންނެވެ.

– 1983 — ނޯވޭގެ ޑައިރެކްޓަރެއްގެ ފިލްމެއްގެ ޑީ.އޯ.ޕީ

– 1984 — ރާއްޖޭގެ ފުރަތަމަ 35 އެމްއެމް ފިލްމު 'ޔޫސުފް އެންޑް ޒޭނަބް' ގެ ޕްރޮޑަކްޝަން މެނޭޖަރު

– 2002 — އިންޑިއާގައި ޔުނިސެފުން ތައްޔާރުކުރި 'ބޫންދު ބޫންދު' ގެ ޑީ.އޯ.ޕީ

– 2007-2016 — އިންޑިއާގެ ވެބް ސިލްސިލާ '69 އޮޕޮސިޓްސް އެޓްރެކްޓް' ގައި މަސައްކަތްކުރުން

– 2019 — ހިންދީ ވެބް ސިލްސިލާއެއްގައި މުހިންމު ރޯލެއް އަދާކުރި ފުރަތަމަ ދިވެހި ފަންނާނުގެ ޝަރަފު ހޯދުން

މިއީ ދިވެހި ހުނަރުވެރިން ދުނިޔެއަށް ފެންނަންދެން މަޑުކޮށްގެން ހުރި މީހެއް ނޫނެވެ. އޭނާ އަމިއްލައަށް ދުނިޔެއަށް ނުކުމެ، އެ ހުނަރު ދައްކައިދިނީއެވެ.

އޭނާގެ ހުނަރާ އެއްވަރު ނުވެވުނު އެވޯޑުތައް

ރަޝީދު ހޯދާފައިވާ އެވޯޑުތައް ގިނަކަމުން، އެ ތަކެތި ބަހައްޓާފައި ހުރި ހަރުގަނޑަށްވެސް ބާރުބޮޑުވާނެއެވެ. އޭގެ ތެރޭގައި:

–       އެންމެ މޮޅު ކެމެރާމަންގެ އެވޯޑު (1996)

–       އެންމެ މޮޅު ކެމެރާމަންގެ އެވޯޑު (ނޯވޭ)

–       ހިތްވަރު ދިނުމުގެ ގައުމީ އިނާމު (2005)

–       ފިލްމީ ދާއިރާއިން ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު (2019)

–       އިންޓަރނޭޝަނަލް ލައިފްޓައިމް އެޗީވްމަންޓް އެވޯޑު (ބެންކޮކް، 2023)

–       ދާދާސާހޭބް ޕާލްކޭ އެޗީވާސް އެވޯޑު (އިންޑިއާ، 2024)

އެވޯޑުތަކަށް ވާހަކަ ދެއްކޭނަމަ، ބުނާނެއެވެ، "މިހާރު ދެން ހުއްޓާލާށެވެ. އަހަރެމެން މިތިބީ ވަރުބަލިވެފައެވެ."

ފިލްމު އިންޑަސްޓްރީ ކޮނޑަށް ލައިގެން ބޭރަށް

ރަޝީދުގެ އިސްނެގުމާއެކު މޯލްޑިވްސް ސޮސައިޓީ ފޯ ޕާރފޯމިން އާޓްސް (އެމް.އެސް.ޕީ.އޭ) އުފެއްދީ ހަމައެކަނި ޗެއާމަންކަން ބޭނުންވެގެނެއް ނޫނެވެ. އޭނާ އެ ޖަމިއްޔާ އުފެއްދީ މި ދާއިރާއަށް ވަރުގަދަ ތަނބެއް ބޭނުންވެފައި އޮތުމުންނެވެ.

އެތައް އަހަރެއް ވަންދެން ދިވެހި ފަންނާނުން މަސައްކަތް ކުރަމުން ދިޔައީ ވަކިވަކިންނެވެ. ހުނަރާއި ޝައުގުވެރިކަން ހުއްޓަސް، އެހީތެރިކަމެއް ނެތެވެ. އެއް އަޑަކުން ވާހަކަދައްކާނެ ޕްލެޓްފޯމެއް ނެތެވެ. ރަޝީދު މިކަން ދެނެގަތީ އެހެން އެންމެންނަށްވުރެ މާ ކުރިންނެވެ.

އޭނާ އެމް.އެސް.ޕީ.އޭ ބިނާކުރީ:

–       ފަންނާނުންގެ ހައްގުގައި ވާހަކަދައްކާނެ ބަޔަކު ބޭނުންވާތީ

–       ދާއިރާ ތަރުތީބުކުރަން ޖެހޭތީ

–       ޒުވާން ފަންނާނުންނަށް މަގުދައްކައި ދޭންޖެހޭތީ

–       އަދި ދިވެހި ސިނަމާއަކީ ހަމައެކަނި މަސައްކަތްކުރާ ތަނަކަށްވުރެ ބޮޑަށް، އެއީ ފަންނާނުންގެ އަމިއްލަ މަރުކަޒަކަށް ހަދަން ބޭނުންވާތީއެވެ.

އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނާ ގަބޫލުކުރި ކަމަކީ: "އަހަރެމެންގެ އަމިއްލަ މަސައްކަތަށް އަހަރެމެން އިހްތިރާމް ނުކުރާނަމަ، އެހެން ބަޔަކު އެ އިޙްތިރާމެއް ނުކުރާނެ" ކަމެވެ.

އެމް.އެސް.ޕީ.އޭ އަކީ އެތައް އަހަރެއް ވަންދެން ބައިބައިވެފައި އޮތް ދާއިރާއަކަށް އޭނާ ގެނެސްދިން ހައްލެވެ. ދާއިރާގެ ގަދަރާއި، އޮނިގަނޑާއި އަދި މުސްތަގުބަލް ބިނާކުރުމުގެ މަގެވެ.

އަދި އެ މުސްތަޤްބަލް މިއަދު މިދަނީ ފެންނަމުންނެވެ.

ރަޝީދުގެ އިސްނެގުމާއެކު އެމް.އެސް.ޕީ.އޭ އާއި ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލާ ދެމެދު އުފެދުނު ގުޅުމަކީ އޭނާގެ މަސައްކަތުގައި ފާހަގަކޮށްލެވޭ ވަރަށް މުހިންމު ބާބެކެވެ.

މިއީ ހަމައެކަނި ގުޅުމެއް ނޫނެވެ. މިއީ ރަޝީދު ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއްގެ ފެށުމެވެ. އެއީ ދިވެހި ފިލްމުތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ، އަދި އެފަދަ ޕްލެޓްފޯމެއްގައި ދައްކާލެވޭނެ ފެންވަރުގެ އުފެއްދުންތަކަކަށް ހެދުމެވެ.

ކަރްނާޓަކާ އާއި އެކު އޭނާ މުޢާމަލާތް ކުރީ މެހެމާނެއްގެ ގޮތުގައެއް ނޫނެވެ. އޭނާ ކުރިމަތިލީ އެއީ ހަމަހަމަ ބައިވެރިއެއްގެ ގޮތުގައި، އިތުބާރާއި، ގަދަރާއި އަދި އޭނާއަށް ހާއްސަ އެ ވަރުގަދަ އަޒުމާއެކުގައެވެ.

އޭނާ ގަބޫލުކުރީ ދިވެހި ސިނަމާ ދުނިޔެއަށް ފެންނަން ޖެހޭނެ ކަމަށެވެ. އޭނާ ގަބޫލުކުރީ ދިވެހިންގެ ވާހަކަތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރަން ޖެހޭނެ ކަމަށެވެ. އޭނާ ގަބޫލުކުރީ ދިވެހި ފަންނާނުންނަކީ ދުނިޔޭގެ މަސްރަހުގައި ފަހުރުވެރިކަމާއެކު ތިބެވޭނެ ބައެއް ކަމަށެވެ.

އަދި ކަރްނާޓަކާއިން ވެސް އެކަން ގަބޫލުކުރިއެވެ.

އޭނާގެ ހިތްވަރުގަދަ މަސައްކަތުގެ ސަބަބުން:

–       ބައިނަލް އަގުވާމީ ގޮތުން އެމް.އެސް.ޕީ.އޭ ފާހަގަކުރެވިގެން ދިޔައެވެ.

–       ދިވެހި ފިލްމުތަކާ ބެހޭގޮތުން އާ ވާހަކަތަކެއް ދެކެވެން ފެށުނެވެ.

–       ދިވެހި ފަންނާނުންނަށް ބައިނަލްއަޤްވާމީ މައިދާނަކުން މަރުޙަބާ ކިޔެވެ.

–       އަދި ދިވެހި ފިލްމީ ދާއިރާ ދުނިޔޭގެ ސަމާލުކަމަށް އައުމަށް އިތުރު ފިޔަވަޅެއް ކުރިއަށް އެޅުނެވެ.

ރަޝީދު ހަމައެކަނި ދޮރެއް ހުޅުވައިދިނީކީ ނޫނެވެ. އޭނާ އެ ދޮރު ހުޅުވައިގެން ހުރީ އަހަރެމެން އެންމެންނަށް އެ މަގުން ކުރިއަށް ދިއުމުގެ ފުރުސަތު ދިނުމަށެވެ.

ނުގުޑާ އަޒުމެއްގައި ހުރި އިންސާނާގެ ފަލްސަފާ

ސާޅީސް ފަސް އަހަރަކީ ދިގު މުއްދަތެކެވެ. މިއީ މި ދާއިރާ ކުރިއަރައި، ދަށަށް ގޮސް، އަދި އަލުން އާލާވަމުން އައިސް، މިހާރުގެ ޒަމާނީ ވަސީލަތްތަކާއެކު ކުރިއަށްދާ މަންޒަރު ބަލަން ހުރި މީހެކެވެ.

އެހެންނަމަވެސް، ރަޝީދު ދުވަހަކުވެސް ޝަކުވާއެއް ނުކުރެއެވެ. އޭނާ ދިޔައީ ޒަމާނާ އެއްގޮތަށް ބަދަލުވަމުންނެވެ. އޭނާ ދިޔައީ އާ ކަންކަން ދަސްކުރަމުންނެވެ.

އޭނާގެ މަސައްކަތުގައި އާދައިގެ ނަމަވެސް ވަރުގަދަ ފަލްސަފާއެއް އޮވެއެވެ. އެއީ ފަންނުވެރިކަމަކީ ހަމައެކަނި ފުރިހަމަކަން ނޫން ކަމާއި، އެއީ ދެމިހުރުން ކަމަށް ގަބޫލުކުރުމެވެ. ފިލްމީ ދާއިރާއަކީ ހަމައެކަނި ފެންނަ އުޖާލާކަމެއް ނޫން ކަމާއި، އެއީ ބުރަ މަސައްކަތެއްކަން ގަބޫލުކުރުމެވެ. އަދި ވާހަކަ ކިޔައިދިނުމަކީ ހަމައެކަނި މަޝްހޫރުވުމެއް ނޫން ކަމާއި، އެއީ ޚިދުމަތެއް ކަމަށް ގަބޫލުކުރުމެވެ.

އޭނާ އެއްފަހަރަކު އަޅުގަނޑު ގާތު ބުންޏެވެ: "ކަލޭ ކުރާ މަސައްކަތްދެކެ ލޯބިވާނަމަ، އެ މަސައްކަތް ވެސް ކަލޭދެކެ ލޯބިވާނެއެވެ."

މިއީ ވަރަށް އާދައިގެ، ނަމަވެސް ތެދުވެރި ވާހަކައެކެވެ. މިއީ ހަމަ އަސްލުގަވެސް ރަޝީދުގެ ގޮތެވެ. އަދި ގައުމެއްގެ ސަގާފީ ހަނދާންތައް ބިނާކުރުމުގައި ހޭދަ ހޭދަކުރި 45 އަހަރުގައި ވަނީ އެ ލޯތްބާއި ކުލުނާއި އަޅާލުމެވެ.

ރަޝީދު، މި ލިޔުން ކިޔާނަމަ، ޝުކުރިއްޔާއެވެ. އެ ކުޅުނު ފިލްމުތަކަށެވެ. އެ އުފެއްދި ހަނދާންތަކަށެވެ. އެ ގެނެސްދިން ހިނިތުންވުމަށެވެ. އަދި ދަސްކޮށްދިން ފިލާވަޅުތަކަށެވެ. ދިވެހި ސިނަމާއަކީ ކުރިއެރުވުން ހައްޤު އެއްޗެއްކަން ސާބިތުކޮށްދިނުމުގައި ތިޔަ ދެއްކި ސާބިތުކަމަށްޓަކައި ޝުކުރިއްޔާއެވެ.

ސާޅީސް ފަސް އަހަރަކީ ބޮޑު ކާމިޔާބީއެކެވެ. ނަމަވެސް ތިޔަ ބިނާކުރި ތާރީހަކީ އަބަދަށް ދެމިއޮންނާނެ އެއްޗެކެވެ.