ފާތިމަތު ނަހުލާ ލިޔެ ޑައިރެކްޓްކުރާ ފިލްމެއް ދިވެހިންގެ މެދުގައި އަބަދުވެސް އެވަރަށް ހިޓުވަނީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ފިލްމުގައި އޮތް ދިރިއުޅުމުގެ ހަގީގަތާ ހެދި އެވެ.
ދިރިއުޅުމުގެ އެ ހަގީގަތް ނަހުލާ ދަސްކުރީ ކިހިނެތް ހެއްޔެވެ؟ ޝައްކެއް ވެސް ނެތް ގޮތުގައި، ރިހި އިސްކްރީނަށް އޭނާ ގެނެސްދިން ކޮންމެ ފިލްމަކީ އޭނާގެ އަމިއްލަ ހަޔާތުގެ ރިވެއްޔެކެވެ. ރިވިއުއެކެވެ. ރިވާވެކެވެ.
ހަޔާތުގެ އެ ދަތުރާއި ދިވެހި ސިނަމާގެ މި ދަތުރުގައި އޭނާ ދެގޮތެއް ނުވެ ހިފަހައްޓާލީ ކިހިނެތް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު ވަރަށް ވެސް ކުރެވެ.
އޭނާގެ އަތުގައި އޮތް މަޖުނޫނެއްގެ މޮޔަ ހިތެވެ. އޭނާގެ ދިރިއުޅުމުގައި އޮތް މަޖުނޫނެއް ލެޔާއި ލޯބީގެ އަސަރުގަދަ ވާހަކަ އެވެ.
ނަހުލާގެ 28 އަހަރުވީ ކާމިޔާބު ފިލްމީ ހަޔާތުގެ ވާހަކަތައް ލިޔަމުންދިޔައިރު މީގެ ކުރިން އަހަރެންގެ ލޮލުގައި އަޅައިގެންފައި ނެތް، އެކަމަކު އޭނާގެ ފިލްމީ ހަޔާތުގެ ވާހަކަ ދައްކާއިރު ކޮންމެހެން ވެސް ކިޔައިދޭން ޖެހޭ އެންމެ މުހިންމު ވާހަކަ އަކީ މިއެވެ؛ ނަހުލާ އާއި ހުސެއިން ސިނާންގެ ލޯބީގެ ވާހަކަ އެވެ.
މިހައި ހިސާބުން ލޯބީގެ މި ކެސެޓު ރޯލު 90ގެ ހަނދާންތަކާ ހަމަ އަށް އޮޅާލަމާ ހިނގާށެވެ.

"އޭރު ސިނާނު އެންމެ ގިނައިން ފެންނާނީ އޭނާ ހިންގި ވީޑިއޯ ކެސެޓު ވިއްކާ ފިހާރައަކުން. އަބަދު ޓޭޕު އޮޅައޮޅަ ހުންނާނީ އެތަނުގައި،" އޮޅަމުން ދިޔަ ހަނދާންތައް ދެ މީހުންގެ ހަޔާތުގެ ރަންޒަމާނަށް ގޮސް މަޑުކޮށްލުމާ އެކު ނަހުލާގެ ހިނިގަނޑު އެހިސާބަށް ބިންދައިގެން ހިނގައްޖެ އެވެ.
އެކަމަކު މިއީ އަދި އެ ދެ މީހުންގެ ލޯބީގެ ވާހަކަ ފެށުނު ހިސާބެއް ނޫނެވެ. މި ދެ ލޯބީގެ ދޫންޏަށް ބަހާރު މޫސުމް އައީ ޓިއުޝަނަށް ގޮސް އެއް ކްލާހެއްގެ ފުރާޅުދަށުގައި އެއް ފިލާވަޅަށް ފޫހިވެފައި ތިއްބައެވެ. އާނއެކެވެ. ނަހުލާ ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެއްގައި ވެސް އޮންނަ ކަހަލަ ފެށުމެކެވެ.
ފުރާވަރުގެ ފިލާވަޅު ނުކިޔަވައި ތިއްބައި ދެ ހިތް ފައްތަރުވީ އެވެ.
"އަހުމަދިއްޔާ ސްކޫލްގެ އެ ޓިއުޝަން ކްލާހުން ދެ މީހުން ބައްދަލުވިއިރު ހީވަނީ އަހަންނަށް ވާނީ 12 ވަރަކަށް އަހަރުހެން. ޓިއުޝަނަށޭ ކިޔާފައި ވެސް ދާނީ ސިނާންއާ ބައްދަލުކުރަން. އެކަމަކު މާ ބޮޑު ބައްދަލުކުރުމެއް ވެސް ނޯންނާނެ އޭރަކު. ދުރުގައި ތިބެ ފެނިލާފައި، ހީލާފައި، ތުއިވާނެ ވަރަކަށް ތުއިވެފައި އެނބުރި ދާނީ ގެއަށް،" ފުރާވަރުގެ މޮޔަ ހިތެއްގައިވީ ގަނޑުތައް އުކަމުން ނަހުލާ ކިޔައިދިނެވެ.
"ދެން ސިނާންއާ ބައްދަލުކުރަން ބޭނުންވާވަރު ބޮޑުކަމުން، ދެނަމާދު ދޭތެރޭގައި، މަންމަ ނަމާދުކުރަން ވަންނަ ގަޑިއާ ދިމާކޮށް ނައްޓާލާނީ ވަގުވަގަށް. އަހަރެމެންގެ ގެ މި ހުންނަނީ މަޖީދީމަގު ޑިލައިޓް ފިހާރަ ކައިރީގައި. ސިނާންމެންގެ ގެ ހުންނާނީ އަހުމަދިއްޔާ ސްކޫލް ކުރިމަތީގައި."


ލޯބީގެ އެ ސިއްރު ބައްދަލުވުންތަކުގެ ސިންގަލް ސިނާނަށް ފޮނުވައި ދޭން ބޭނުންކުރީ ވަރަށް ވަރުގަދަ، އެހާމެ ސިއްރު ފްރިކްއެންސީއެކެވެ. އަދި ލޯބީގެ މި ވާހަކަ ނަހުލާ މަޑުމަޑުން އެ ފްރިކްއެންސީ އަށް ސެޓްކޮށްލި އެވެ.
"އަހަރެން ދާނީ ރައްޓެއްސަކާ އެކު އެގޭދޮށަށް. އަދި އެގެއާ އަރައިހަމަވުމާ އެކު އަހަންނާ އެކު ހުންނަ ރައްޓެހި ކުއްޖާ ބާރަކަށް ނަހުލާއޭ ކިޔައި މަށަށް ގޮވާލާއިރަށް ވިދުވަރެއްހެން އެގޭގެ ދޮރުމަތިން ފާޅުވާނީ ސިނާން،" ނަހުލާ ކިޔައިދިނެވެ.
"އެއީ އަހަރެމެން ދެ މީހުންގެ ސިއްރު ބައްދަލުވުންތަކަށް އެލާޓްދޭ ސިގްނަލަކީ. މަގުމަތިން ދަމުން އަހަރެންގެ ނަމުން ގޮވާލީމަ ސިނާނަށް އެނގޭނެ އޭނާ ބޭރަށް ނުކުންނަންވީ ވަގުތު ޖެހުނީކަން"
"ދެން ދެ ކަންމަތީގައި ތިބެ ދެ މީހުން ދެ މީހުންނަށް ބެލުނު ވަރަކަށް ބަލާފައި ވެވުނު ތުޔެއްވުމަށް ފަހު އެނބުރި ދާނީ އަވަހަށް ގެއަށް. މަންމަ ނަމާދުކޮށް ސަލާންދޭއިރު އަހަރެން ހުންނާނީ އަނެއްކާވެސް ގޭގައި. އެއީ ވަރަށް ބަސްއަހާ ޒަމާނެކޭ."
މިހެން ކިޔައިދިނީމަ ބައެއް މީހުންނަށް ހީވާނީ ލޯބީގެ އެ 'މަޖުނޫނަކީ' ނަހުލާ ކަމަށެވެ. ނޫނެކެވެ. އޭނާ އަކީ ލައިލާ ކަމުގައި ވަނީ ނަމަ އަސްލު މަޖުނޫނަކީ ސިނާނެވެ. އަދި ސިނާނުގެ ލޯބީގެ އެ ތީރުތަކުން ކުދިކުދިކުރަމުން ގެންދިޔައީ ނަހުލާގެ ގޭގައި ހުރި ޓެލެފޯނެވެ.
"އޭރަކު ދެ މީހުން ކިތަންމެ ބޭނުންވިޔަސް މި ޒަމާނުގައި ވާހެން އެހާ ފަސޭހައެއް ނުވާނެ އެކަކު އަނެކަކާ ބައްދަލުކުރާކަށް. ދެން ގޭގައި ހުންނަ ޓެލެފޯނަށް ސިނާން ގުޅާނީ،" ނަހުލާ ކިޔައިދިނެވެ.
"ސިނާން ގުޅާ ކޮންމެ ފަހަރަކު ފޯނު ނަގާނީ ބައްޕަ. އަންނަ ރުޅީގައި ބައްޕަ ބުނާނެ އަނގަޔަށް ފޯއްކިބައެއް ލައިގެން އުޅޭ މީހަކު އެބަ ގުޅައޭ މި ފޯނަށް. އެހެން ކިޔާފައި ފޯނު ނަގައި ޖަހާލާނީ ރުޅިއައިސްގެން."


ސިނާނުގެ އެ ފޯނު ކޯލުގެ އަޑު އިވި ފަރިތަވެ ހޭނިފައިވިޔަސް ނަހުލާ އަށް ނުލިބުނު އިންޒާރު އޭނާއާ އަހަރައި ހަމަކުރީ ދެނެވެ. އަދި ލޯބީގެ މި ވާހަކަ އަށް އަނެއްކާވެސް 'ނަހޫސްޓައިލް' ގެ ޓްވިސްޓެއް އަންނަ ހިސާބަކީ މިއެވެ.
ފުރާވަރުގެ އެ ލޯތްބާ ދެކޮޅަށް ދެ މީހުންގެ އާއިލާތެރެއިން ވެސް މީހުން ނުކުމެއްޖެ އެވެ. ނަމަވެސް ފުރާވަރުގެ އެ ހިތަކީ ހާދަ މޮޔަ ހިތެކެވެ. ދެކޮޅުވީވަރަކަށް އެ ދެ ހިތް ބަދަލުވީ އެކައްޗަކަށެވެ. ޓިއުޝަން ކްލާހުގެ ލޯބި ފިޔަގަނޑު ފަޅައި އޭގެ އަމިއްލަ ބާރުގައި އެންމެފަހުން އުދުހިގަތެވެ.
"އިންސްޓިޓިއުޓް އަށް ދާމަގުމަތީގައި ސިއްރުން ބާއްވަމުން ދިއަ ބައްދަލުވުންތައް އެންމެ ފަހުން ފަޅާއަރާ ގޭގައި ހައްޔަރު ކޮށް، ޕޮލިހަށް ގެންދެވުނު ދުވަސްވެސް ހަނދާން އެބަހުރި. އެހެން ނަމަވެސް އޭގެ ސަބަބުން ގުޅުން ވީ އިތުރަށް ވަރުގަދަ،" ނަހުލާ ބުންޏެވެ.
އެއަށް ފަހު ނަހުލާގެ އަމިއްލަ ގަލަމުން އޭނާގެ މި ލޯބީގެ ވާހަކަ ސިފަކޮށްފައި ވަނީ މިހެންނެވެ.
"އެދުވަހު ފިލްމް ކުޅެވިފައި އެވަނީ އަޅުގަނޑުމެން ދެކުދީންނަށެވެ. އެންމެ ފަހުން ދެކުދީން ވަކި ނުވާނެ ކަން އެނގުމުން ދެން ޖެހުނީ މައިންބަފައިން ހަތިޔާރު ބަހައްޓާށެވެ."
އަސްލު ވެސް، ނަހުލާ އާއި ސިނާންގެ ލޯބީގެ މި ވާހަކަ އެދެމަފިރިން ޕްރޮޑިއުސްކޮށް ގެނެސްދޭ ލޯބީގެ ފިލްމެއްގައި ހިމެނޭ ހުރިހާ އަސަރެއް އޭގައި އެކުލެވި ކުލަޖެހިފައިވާ އިޝްގުގެ ދުނިޔެއެކެވެ. އުމުރުން 18 އަހަރުގައި ފެށި ޒަވާޖީ އެ ހަޔާތުގައި އައި ކޮންމެ ޓްވިސްޓަކީ ބޮޑުސްކްރީނުގައި ނަހުލާ މުޅި ދިވެހި ރާއްޖެ އަށް ނަގައިދެމުންދާ ފިލާވަޅުތަކެވެ.
"ޓީވީއެމް އިން ގެނެސްދިން ކައްތިރި ޑްރާމާގެ މަސައްކަތުގައި އަޅުގަނޑު ބައިވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީ. އަލަތު ކައިވެންޏާ އެކު އަމިއްލަ އަށް ކުރަން ޖެހުނު ތަޖުރިބާ އަށް ފަހު އަޅުގަނޑު ބޭނުންވީ އާއިލީ އެފަދަ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރަން،" ނުވަ ދިހައިގެ ފަހުކޮޅު ޓީވީއެމުން ގެނެސްދިން އާއިލީ ޑްރާމާ ކައްތިރީގެ ލީޑް ރައިޓަރެއްގެ ގޮތުގައި މަސައްކަތްކުރި ނަހުލާ ބުންޏެވެ.
ނަހުލާ ބުނީ ޒުވާން އުމުރުގައި ޒަވާޖީ ހަޔާތެއް ކުއްލިގޮތަކަށް ފަށަން ޖެހުމަކީ ހީވެސް ނުކުރާ ފަދަ ބޮޑެތި ބަދަލުތަކެއް ކުއްލިއަކަށް އޭނާގެ ދިރިއުޅުމަށް އައި ދުވަސްވަރެއް ކަމަށެވެ.
"ކައިވެނިކުރިތާ ހަ މަސްވީތަނުން އަލަތު ދަރިފުޅަށް ބަނޑުބޮޑުވެއްޖެ. އުމުރުން 19 އަހަރު ފުރުނުއިރު ދެ ވަނަ ދަރިފުޅު ލިބިއްޖެ. އަދި އަލަތު ދަރިފުޅަށް ބަލިވެ އިން ހިސާބުން ފެށިގެން އަޅުގަނޑުގެ ވަޒީފާ ވެސް ދޫކޮށްލާފައި ގޭގައި މަޑުކޮށްލައިފިން،" އިނގިރޭސި މީޑިއަމްގެ ޓީޗަރެއްގެ ގޮތުގައި ޖަމާލުއްދީނު ސްކޫލްގައި އަދާކުރަމުން ދިޔަ ވަޒީފާ ނިމި ހަޔާތުގެ މުޅިން އައު ބާބެއް ހުޅުވިގެން ދިޔަ ގޮތް އޭނާ ކިޔައިދިނެވެ.
އާނއެކެވެ. މިއީ ހައްތަހާ ވެސް ނަހޫގެ ފިލްމުތަކުން ދިވެހިންނާ ބައްދަލުކުރާ ކަހަލަ މަންޒަރުތަކެވެ. ނަމަވެސް މި މަންޒަރުތައް އަހަރެމެން މިކިޔަނީ ނަހުލާގެ ހަޔާތުގެ ސަފުހާތަކުންނެވެ. އަދި މި ފިލްމަށް ލޯބީގެ ފުރިހަމަ ވަށްބުރެއް ކަށަވަރުކޮށްދެނީ ނަހުލާ އާއި ސިނާނުގެ ހިތުގައި އެކަކު އަނެކަކަށްޓަކައި އެންމެ ފުރަތަމަ ދުވަހު ވެސް އުފެދުނު ލޯތްބެވެ.


"ސިނާން އަޅުގަނޑު ސިފަކުރާނީ ފްރެންޑެއްގެ ގޮތުގައި. އަދިވެސް އެއީ ފްރެންޑެއް. ބެސްޓްފްރެންޑެއް. އޭރު ވެސް އަދިވެސް މިހާރު ވެސް ހަމައެހާ ކޫލް މީހެއް އޭނާ އަކީ،" މިއީ ނަހުލާގެ ހިތުގައި އޮތް ލޯބީގެ ތަރުޖަމާ އެވެ.
"ބޭނުން ވާހަކައެއް ދެއްކޭނެ. ބޭނުން އެއްޗެއް ކިޔާލެވޭނެ. އަހަރެމެން ދެ މީހުން ޖެހުނީމަ ނުދެއްކޭނެ ކަހަލަ ވާހަކައެއް ނޯންނާނެ،" މިހެން ބުނެފައި އޭނާ ކިޔައި ދިނީ ހަޔާތުގެ މި ދަތުރުގައި އޭނާ އަށް ލިބުނު ކާމިޔާބީގައި ސިނާން އަދާކުރި ރޯލާއި މިއަދުވެސް ކޮންމެ ދުވަހަކު އަދާކުރަމުންދާ ރޯލެވެ.
ނަހުލާ ބުނީ އޭނާގެ ކްރިއޭޓިވް މަސައްކަތުގައި ވެސް އޭނާގެ ހަގީގީ 'މަޖުނޫނަކީ' ސިނާން ކަމަށެވެ.
"އަޅުގަނޑަށް ކުދިން ލިބިގެން ވަޒީފާއަކަށް ނުގޮސް ގޭގައި ހުރިއިރު ކުދިން ބެލުމުގައި ވެސް ސިނާން އުޅޭނެ. ދެ މީހުން އެކުގައި ހައެއްކަ އަހަރު ވަންދެން ގޭގައި ޓިއުޝަން ވެސް ދިނިން އަހަރެމެން ދެ މީހުންވެގެން"
"ދެން އަނެއްކޮޅުން ސިނާން އަކީ އަޅުގަނޑުގެ މި ކްރިއޭޓިވް މަސައްކަތްތަކަށް އެންމެ ބޮޑު ހިތްވަރެއް ދޭ އެކަކު. އެންމެ ބޮޑަށް މި މަސައްކަތުގައި އިންޕަޔާވަނީ އޭނައާ ހެދި،" ފިލްމީ ދާއިރާ އަށް ނުކުތް ފުރަތަމަ ދުވަހުން ފެށިގެން މިއަދު ވެސް އެކުގައި ހުރި އެންމެ ގަދަފަދަ ބާރަކީ ސިނާން ކަމަށް ބުނެ ނަހުލާ ކިޔައިދިނެވެ.
"އޭނަ އަކީ ވަރަށް ގިނައިން ފިލްމު ބަލާ މީހެއް. އެހެންވީމަ އަހަރެން ވާހަކައެއް ލިޔުނަސް، ޅެންހެދިޔަސް އަބަދުވެސް ވަރަށް އައިޑިއާސް ދޭން. އޭނަ އަކީ މުނިފޫހިފިލުވުމުގެ މަސައްކަތާއި ދުނިޔެ އަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުރި މީހެއް އަބަދުވެސް"
"އަހަރެން މިއީ އެގޮތަށް ފިލްމުބަލާ މީހެއް ނޫން. އެކަމަކު އަހަރެންގެ އައިޑިއާ އާއި އޭނަގެ އައިޑިއާތައް އެކުވެގެން ބެލުންތެރިންނާ ހަމަ އަށް އަންނަ މި ފިލްމުތައް އުފެދިގެން މި އަންނަނީ."


މި މަހުގެ 26 ވަނަ ދުވަހު އޮލިމްޕަހުގައި ދައްކަން ފަށާ ކްރިސްޓަލް އެންޓަޓެއިންމަންޓްގެ އާ ފިލްމު "މަޖުނޫން" އަކީ ވެސް ދެ މީހުންގެ މެދުގައި އޮތް މި އެކުވެރިކަމާއި ލޯބީގެ މޭވާއެކެވެ. އެ ފިލްމު ސިފަކުރާނީ ކިހިނެތްތޯއޭ އަހާލުމުން ނަހުލާ ބުނީ މިހެންނެވެ.
"ކުޑައިރުގައި އުފެދޭ ލޯތްބަކީ ހަނދާން ނައްތާލެވޭނެ އެއްޗެއް ނޫން. ހަގީގީ ލޯތްބަކީ ދުވަހަކު ވެސް ބަދަލުވާނެ އެއްޗެއް ނޫން. އެ މަންޒަރު ފެންނާނެ މި ފިލްމުން ވެސް."
އެއީ ތެދެކެވެ. ނަހުލާ އާއި ސިނާންގެ ހަޔާތުގައި ވެސް އޮތީ އެ މަންޒަރެވެ.
"ދިރިއުޅުން ބަދަލުވިޔަސް، ޒަމާން ބަދަލުވިޔަސް، މީހާ ބަދަލުވިޔަސް ހަގީގީ ލޯބި ބަދަލެއް ނުވާނެއޭ،" ނަހުލާ ބުނެލި އެވެ.



