"ކުދިންތައް ސްކޫލަށް ލާފަ މައިންޑް ފްރެޝްވެލާ ގަޑިކޮޅު މިއީ. އެހެންވީމަ ބުނީ މި ގަޑީގައޭ އަޅުގަނޑަށް ވަގުތެއް ވާނީ،" ނެގި ފޯނު ކަންފަތުގައި ޖަހާލުމާ އެކު އައިމިނަތު އަފްރާހާ ބުނެލީ މިހެންނެވެ.
އޭނާގެ އަޑުގައި ވަނީ މަޑުމައިތިރި ކަމާއި އޯގާވެރިކަމެވެ. އެކުވެރިކަމުގެ ރާގެކެވެ. އަދި އުފާވެރިކަމުގެ ޖަޒުބާތެވެ.
"ހަމަ އަސްލު ވެސް ވަރަށް އުފަލުން މިއަދު އަޅުގަނޑު މިހިރީ. ވަރަށް އުފާވެއްޖެ މިގޮތަށް އަޅުގަނޑުގެ ވާހަކަ ކިޔައިދޭން ފުރުސަތެއް ލިބުނީމަ. ދުވަހަކުވެސް ހީއެއް ނުކުރަން އަޅުގަނޑުގެ ވާހަކަ ލިޔަން މީހަކު އަޅުގަނޑަށް ގުޅާފާނެއެކޭ"
އޭނާ އެހެރީ އުފަން ރަށް، ށ. ޅައިމަގުގަ އެވެ. އެ ރަށުގެ އެންމެން ވެސް އޭނާ ދަންނަ އެކުވެރި ނަމަކީ 'އަފޫ' އެވެ. އުމުރުން 36 އަހަރުގެ މި މަންމަ އަކީ އެ ރަށުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ޖަމިއްޔާގެ ރައީސާ އެވެ. ނަމަވެސް އޭނާގެ ހަޔާތުގެ އުސްއައްޔަކީ ދެ ކުދިންގެ މަންމައެއްގެ ރޯލު އަދާކުރަމުން ރަށު ފެންވަރުގެ ތަރައްގީގައި ސާބިތުކޮށްދެމުން އަންނަ ހިދުމަތުގެ ހީވާގި ކަމެއް ނޫނެވެ.
އެކަމަކު ސުމަކުން ފެށި ދިރިއުޅުމަކަށް އޭނާގެ މުރާލި ހިތްވަރު ގެނެސްދިން ބަޔާންކުރަން ދަތި ހިނިތުންވުމާއި އުފާވެރިކަމެވެ.
"ނިކަން ބަލާބަލަ،" ތޭރަ އަހަރުގެ އަންހެން ދަރިފުޅާއި ހަ އަހަރުގެ ފިރިހެން ދަރިފުޅު ސްކޫލަށް ލާފައި އައިސް އަފޫ އޭނާގެ ވާހަކަ ފަށަން ތައްޔާރުވެގަތެވެ.
"އަޅުގަނޑަކީ މިއީ ކޯއްޗެއް ކިޔަވައިގެން ހުރި މީހެއް؟ ގްރޭޑް ދިހައަކާ ހަމަ އަށް ކިޔަވައި ފާސްނުވީމަ ސަރުކާރު ވަޒީފާގަނޑެއް ވެސް ލިބޭ ވަރެއް ނުވި. ކުޑައިރު އަޅުގަނޑުގެ މަންމަ އާއި ބައްޕަ ނިޔާވެއްޖެ. އެއަށް ފަހު ގޮސް ވަންނާނެ އަމިއްލަ ގެއެއް ގެދޮރެއް ވެސް ހުރި މީހެއް ނޫން،" އަފޫ ކިޔައިދިނެވެ.
"އެކަމަކު މިހިސާބަށް މިއަދު މި އާދެވުނީ އަޅުގަނޑު ބެލި ހުވަފެން ދޫނުކޮށް ކޮންމެ ދުވަހަކުވެސް ގަދައަޅައި މަސައްކަތްކުރީމަ. އަޅުގަނޑުގެ ދިރިއުޅުން އަޅުގަނޑުގެ ދެ އަތުން ބަދަލުކުރެވިދާނެ ކަމުގެ އުއްމީދުގައި، ހިތްވަރާ އެކު ކޮންމެ ދުވަހަކުވެސް މަސައްކަތްކުރުމުގެ ނަތީޖާ މިއަދު މި ފެންނަނީ"
"މިހެން ހުންނައިރު މިއަދު ވަރަށް ބައިވަރު އެއްޗެހި ހިތަށް އަރާ. އެކަމަކު އެ ހުރިހާ އިހުސާސްތަކެއް ބޭރުކުރާނެ ގޮތެއް ވެސް ނޭނގޭ އަޅުގަނޑަކަށް. އެހާ ވެސް އުފާވެރި ދަތުރެއް މިއީ."
އުތުރިއަރަމުން ދިޔަ އެ ޖަޒުބާތުތައް އިރުކޮޅަކަށް އޭނާގެ އަޑު ކަނޑުވާލި އެވެ. އެއަށް ފަހު ދެން އޭނާ ފަށައިގަތީ ދިރިއުޅުމަށް ހިޔާވަހިކަމާއި އުފާވެރިކަން ގެނެސްދިން 'ތިން މިރުސް ގަހެއް' ގެ ވާހަކަ އެވެ.
އެ ތިން މިރުސް ގަހުގައި ފޮނިކަމެއް
އެއީ ކޮވިޑްގެ ފުރަބަންދެވެ. އަފޫ އޭރު އުޅުނީ ހަގު ދަރިފުޅު ވިހައިގެންނެވެ. ރިސޯޓުގެ ޒަމާންވީ ވަޒީފާ އިން ނަގަން މަޖުބޫރުވި ޗުއްޓީއެއްގައި ގޮސް އޭނާގެ ފިރިމީހާ ވެސް އެ ދުވަސްކޮޅު އުޅުނީ ރަށުގަ އެވެ. އަދި އެއީ ކޮވިޑްގެ ބިރުވެރިކަމާއި ފޫހިކަމުން އަރައިގަތުމަށް އެންމެން ވެސް ދަނޑުގޮވާމުގެ އަޖުމަ ބަލަމުން ދިޔަ ދުވަސްކޮޅެކެވެ.
"އަޅުގަނޑުގެ ފިރިމީހާ އަކީ ގަސް ހައްދަން ވަރަށް ފޯރި ހުންނަ މީހެއް. ދެން އެހެން އުޅެމުން ގޮސް މީނަ ގޭގައި އިންދައިފި ގަސްތަކެއް. އެކަމަކު އަޅުގަނޑެއް ނުދަން ފެންދޭކަށް ވެސް. ކޮންމެ ދުވަހަކުވެސް ގަހަށް ފެންދީ ބަލަހައްޓަމުން ދިޔައީ ވެސް އޭނަ،" ދިރިއުޅުން އަރޯކޮށްދިން ދަތުރުގައި އޮތީ ވަރަށް މަޖާ ފެށުމެއް ކަމަށް ބުނެ އަފޫ ކިޔައިދިނީ މިހެންނެވެ.
"އެކަމަކު އެ ގަސްތައް ނުފޯދި އުޅެނިކޮށް މީނަ ވަޒީފާ އަށް ނުކުންނަން ރިސޯޓުން އަންގައިފި. އެހިސާބުން ބުނެފި މި ގަސްތަކަށް ފެން ދެއްޗޭ. ތިމަންނަ މި ފުރަނީއޭ."
ދަރިފުޅު އުރާލައިގެން ގޮސް އަފޫ ބެލިއިރު، އޭނާގެ ފިރިމީހާ، ގޭގައި އިންދާފައި ހުރީ ތިން މިރުސް ގަހެވެ.
"ދެން ވަރަށް ބޮޑާހާކާފަ ބުނެފިން ނުވާނެއޭ މިކަމެއް. އެއީ އަޅުގަނޑު މިއީ ދުވަހަކުވެސް ގަސް އިންދާ ހިތްވި މީހެއް ނޫން. އެކަމަކު ވެސް ހަމަ ކޮންމެ ދުވަހަކު އެ މިރުސް ގަސްތަކަށް ފެން ދޭން ފެށިއްޖެ،" އަފޫ ބުނެލި އެވެ.
އެކަނި މާ އެކަނި ދެ ކުދިން ބަލަމުން، ގޭގައި ޖެހުނު ހުރިހާ ކަމެއް ކުރަމުން، މި ތިން ގަހަށް ފެން ދެމުން ދަނިކޮށް އެންމެފަހުން އެ ގަސްތައް ފޯދިއްޖެ އެވެ. މައު އަޅައިފި އެވެ. އަދި އެ މަލުން ނުކުތް މިރުސްތައް ބޮޑުވެ ފުރިހަމަވަމުން ދިޔަ ނަލަކަމުން އިސާހިތަކު އަފޫގެ ހިތް އެ މިރުސްތަކުގެ ތެރެއަށް ވެއްޓިއްޖެ އެވެ.
"ދަނޑުވެރިކަމަށް ހިތްޖެހުނީ ބަލަހައްޓައިދޭށޭ ކިޔާފައި ފިރިމީހާ ހަވާލުކޮށްފައި އެ ދިޔަ ތިން މިރުސް ގަހުންނޭ ބުނެވޭނީ،" އަފޫ ބުނެލި އެވެ.
"އެ ހިސާބުން އުފެދުނު މި ޝައުގުވެރިކަމުގައި ގޮސް ރައްޓެއްސެއްގެ އަތުން ހޯދައިފިން ބަށި ގަސްތަކެއް. އޭނަ ދީފި އޭގެ އަށް ގަސް އަޅުގަނޑަށް. ދެން މި ގަސްތައް އިންދައިގެން އޭގައި ބަށިއަޅަން ފެށި ތަނުން ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ވެސް ލިބެން ފަށައިފި އަޅުގަނޑަށް އެ ގަސްތަކުން"
"އެހިސާބުން ހިތަށް އެރީ، އާމްދަނީއެއް ހޯދަން ވަރަށް ރަނގަޅު މަސައްކަތަކަށް ވެދާނެއޭ ދަނޑުވެރިކަން ކުރުން."
އެ ފެށުން ވެގެން ދިޔައީ ދެކޮޅުނުޖެހިގެން އުޅުނު އޭނާގެ ދިރިއުޅުމުގެ އަގަޔާއަތާ ދިމާކޮށްދިން ސަމުގާއަށް އެކަންޏެއް ނޫނެވެ. އޭނާގެ ތުއްތު ދެ ކުދިންގެ އުރާލައިގެން އަބަދުވެސް ބަލަމުން ދިޔަ ހުވަފެން ހަގީގަތަކަށް ހެދުމުގެ ބިންގާ ވެސް އެޅިގެން ދިޔަ ދުވަހަށެވެ.
އަބަދުވެސް ބޭނުންވީ އަމިއްލަ ގެއެއްގައި ކުދިން ގޮވައިގެން އުޅެން
އަފޫގެ މަންމަ ނިޔާވިއިރު އޭނާގެ އުމުރުން އެންމެ ހަތަރު އަހަރެވެ. މަންމަ ނިޔާވުމުން މައެއްގެ އަޅާލުމާއި ލޯބި އޭނާ އަށް ދެމުން ދިޔައީ މާމަ އެވެ. މާ ގިނަ ދުވަސްތަކެއް ނުވެ އެ މާމަ ވެސް ނިޔާ ވެއްޖެ އެވެ. އޭރު ބައްޕަ ދަނީ މަހަށެވެ. މަހަށް ދާއިރު އަންހެން ދަރިއަކު ގޮވައިގެން ނުދެވޭނެތީ މަހަށް ފުރައިގެން ދިޔައީ އަބަދުވެސް ކޮންމެވެސް ރައްޓެއްސެއްގެ ގޭގައި އެ ދަރިފުޅު ބަހައްޓާފަ އެވެ.
އެންމެފަހުން އެ ތަރުތީބު ބަދަލުވީ އަފޫގެ އާންމު ދިރިއުޅުމަށެވެ. އަދި ފުރާވަރަށް އަރައިގެން ގޮސް އުމުރުން 18 އަހަރު ފުރުނުއިރު ބައްޕަ ވެސް ނިޔާވެއްޖެ އެވެ.
"ދެން އަޅުގަނޑު އުޅެ ބޮޑުވީ ބައްޕަގެ މި ރައްޓެއްސެއްގެ ގޭގައި. އެ ގޭގެ ވެރިންނަށް މަންމަ އާއި ބައްޕަ ކިޔައިގެން. އެގޭގެ ކުދިންނަކީ އަޅުގަނޑުގެ އެއްބަނޑުއެއްބަފާ ކުދިން ކަމުގައި ބަލައިގެން،" އަފޫ ކިޔައިދިނެވެ.
ނިޔާވި ބައްޕަގެ ވީރާނާވެ ހަސްނެތެމުން ދިޔަ ގޭގައި ގޮސް ދިރިއުޅެވޭނެ ހާލަތެއް ވެސް އޭރަކު ނެތެވެ. އެފަދަ ތަނަވަސްކަމެއް ވެސް އަމުދަކުން ނެތެވެ.
"އެހިސާބުން ފެށިގެން އެއް ގެއިން އަނެއް ގެއިން ކައިގެން، އެއް ގެއިން އަނެއް ގޭގައި މީހުންނަށް މަސައްކަތްކޮށްދީގެން، އެއް ގެއިން އަނެއް ގޭގައި ނިދައިގެން އުޅެ ބޮޑު މީހެއް އަޅުގަނޑަކީ. އަދި އެ ހާލުގައި އުޅުނުއިރު ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލީ މީހެއް އަޅުގަނޑަކީ،" އަފޫ ކިޔައިދިނެވެ.
"އެހެންވީމަ އެކަނި މިހެން އަދި ކިތަންމެ ބުރަކޮށް އުޅެން ޖެހިފައިވިޔަސް މިއީ އޭގެ އުނދަގޫ އިހުސާސުވާ ދިރިއުޅުމެއް ނޫނޭ މިހާރަކު. އެއަށް ވުރެ ބޮޑަށް މި ދިރިއުޅުމާ ރައްޓެހިވެ މި ދިރިއުޅުމަށް ފަރިތަވެފައި ހުރި މީހެއް އަޅުގަނޑަކީ"
"އެކަނިމާއެކަނި އުޅެލުމަކީ އަޅުގަނޑަށް އެއްވެސް ކަމެއް ނޫނޭ މިއަދު. އެކަނި ދިރިއުޅޭނެ ގޮތާއި ދިރިއުޅެން ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް އިރާދަކުރެއްވިޔާމު އަޅުގަނޑަށް މި ވަނީ ދަސްވެފައޭ."
ނަމަވެސް އޭނާގެ އަމާޒަކީ އެ ދިރިއުޅުމުގެ ޒައްރެއްގެ މިންވަރު ވެސް އޭނާގެ އަމިއްލަ ދެ ކުދިން ތަޖުރިބާކުރަން ނުޖެހޭނެ ހާލަތަކަށް ދިއުމެވެ. އެއްކަލަ ތިން މިރުސް ގަހުން ފެށި ދަނޑުވެރިކަމުގެ ކުރިތަކަށް ފެންދީ ބޮޑުކުރި ސަބަބަކީ ވެސް އެއީ އެވެ.
"މިއަދު މިހާ ހިތްވަރާ އެކު އަޅުގަނޑު ކޮންމެ ދުވަހަކުވެސް މަސައްކަތްކުރާ ބޭނުމަކީ އަޅުގަނޑުގެ ކުޑައިރު އަޅުގަނޑު އުޅެން ޖެހުނު ހާލު ކުދިންނަށް ނުޖެއްސުމަށް. އެފަދަ ހާލެއްގައި ކުދިން ތަޅުވަން އަޅުގަނޑު ބޭނުން ނުވާތީ ކޮންމެ ދުވަހަކު ފަތިހު ހޭލައިގެން މިވަރަށް މަސައްކަތް މި ކުރަނީ،" އަފޫ ބުނެލި އެވެ.
"އެ ކުދިން ދިރިއުޅޭނެ، އަމިއްލަ ގެއެކޭ ބުނެވޭ ވަރުގެ ބޯހިޔާވަހިކަމެއް އެ ކުދިންނަށް ބިނާކޮށްދިނުން އަޅުގަނޑުގެ އަޒުމަކީ. އިރާދަކުރެއްވިޔާމު ކުރިއަށް އޮތް ރޯދަ މަހު އަޅުގަނޑުގެ އަމިއްލަ އެ ގެޔަށް ގޮސް ވަދެވޭ ވަރުވާނެ."
މިހެން ބުނެލުމާ އެކު އަފޫގެ އަޑުގައިވީ އުފާވެރިކަމުގައި އަނެއްކާވެސް އަސަރު ހިފާލި އެވެ.
ދަނޑުވެރިކަމުގެ ފޮނި މޭވާ ހިފައިގެން އަމިއްލަ ގެއަށް
އެހެން ރަށަކަށް ނިސްބަތްވި ބައިވެރިޔަކާ ކައިވެނިކޮށްގެން އަފޫ ބޭނުންވީ އުފަން ރަށުގައި ދިރިއުޅޭށެވެ. ދެ މީހުން އެގޮތަށް އެއްބަސްވެގެން އެމީހުންގެ ކުޑަކުޑަ އާއިލާ ދިރިއުޅެން ކުއްޔަށް ހިފީ ރަށުގައި މީހުން ދިރިނޫޅޭ ގެ އެކެވެ. މިއަދު ވެސް ދެ ކުދިން ގޮވައިގެން އަފޫ ދިރިއުޅެމުން ދަނީ ރަށުގައި ކުއްޔަށް ދިރިއުޅޭ އެ ކުޑަ ގޭގަ އެވެ.
އެކަމަކު އެ ގޭގައި އިންދި ތިން މިރުސް ގަސް ފޯދުނު ދުވަހުން ފެށިގެން އޭނާގެ ހިތުގައި އަޒުމު ކަނޑައެޅި އަމާޒުގެ މަލަމަތި މިއަދު އޭނާގެ ކުޑަކުޑަ އާއިލާ އަށް އެބަ ފެނެ އެވެ. އަދި އެ ތިން މިރުސް ގަހުން ފެށި ދަނޑުވެރިކަން އޭނާގެ ހިތްވަރުން އެ އޮތީ ރަށުގެ ތޮށިގަނޑުން ވެސް ބޭރަށް ގެންގޮސްފަ އެވެ.
އަފޫގެ އޯގޭނިކް ފާމުތަކުގައި އޭނާ ހައްދާ ތަރުކާރީ އާއި މޭވާ އަށް ޑިމާންޑެއް އުފެދިފައި އޮތީ ރަށުގައި އެކަންޏެއް ނޫނެވެ. ކައިރީގައި މީހުން ދިރިއުޅޭ އެހެން ރަށްތަކުން ވެސް އޯޑަރުތައް ލިބެމުން ދަނީ އަތުފަތު ނޭނގޭ ވަރަށެވެ.
"އެއް ދަނޑުގައި އަޅުގަނޑު މި ހައްދަނީ ބައްޓާއި ކިއުކަމްބާ އާއި ތޮޅި މިރުހާއި ގިތެޔޮ މިރުސް. އަނެއް ދަނޑުގައި މި ވަގުތު ހައްދަނީ ޖުމްހޫރީ މޭވާ އެކަނި. ޑިމާންޑް ނެތް އެއްޗެއް ނެތް،" ވަރަށް އުފާވެފައި ހުރެގެން އަފޫ ކިޔައިދިނެވެ.
"މިރުސްތައް ވަރު ހަރުނުވެގެން މީހުން ތިބެނީ. އެކަމަކު މިވަގުތު ރަށުން ބޭރަށް މި ފޮނުވަނީ ބަށި އެކަނި އަދި. ކައިރީގައި އޮތް ދެ ތިން ރަށަކަށް ހަފުތާއަކު ދެ ދުވަހު އެބަ ފޮނުވަން 10 ކިލޯގެ ބަށި."
އަފޫ ބުނީ ފިރިމީހާ އަށް ލިބޭ އާމްދަނީގައި ނުޖެހި ކުދިންނާއި ގޭގެ ހުރިހާ ޚަރަދެއް ހަމަޖެއްސޭވަރުގެ ނަސީބެއް އެ މަސައްކަތުން އުފެދިފައި އޮތްއިރު އޭނާ އެންމެ އުފާވަނީ އަމިއްލަ ބުރަ މަސައްކަތުން މިވަރުގެ ފޮނި ނަތީޖާއެއް ނެރެވުމުން ކަމަށެވެ.
"ބަލަ މި ހުރިހާ ކަމެއް މި ކުރަނީ އަޅުގަނޑު އެކަންޏޭ. ފިރިމީހާ އައިސް ރަށުގައި އުޅޭއިރު އޭނަ ކުރާނީ ހުރިހާ ކަމެއް. އެކަމަކު އޭނަ އުޅޭނީ ވަޒީފާގައިތާ. އެހެންވީމަ ދަނޑުތަކުގައި ވެސް ކުރަން ޖެހުނު ހުރިހާ ކަމެއް މި ކުރަނީ އަމިއްލަ އަށް. ފެންދޭ ހޮޅީގެ ވަޔަރިން ވެސް ކުރީ އަޅުގަނޑު އަމިއްލަ އަށް،" އަފޫ އުފާވެފައި ހުރެ ކިޔައިދިނެވެ.
"ދަނޑަށް ގޮސް މަސައްކަތްކޮށްލީމަ އެ ލިބޭ ހިތްހަމަޖެހުން މީގެ އެންމެ ފޮނި މޭވާ އަކީ. ކަންކަމާ ހާސްވެ ފިކުރުތައް ގިނަވީމަ ވެސް ގޮސް މީގެ ދަނޑެއްގެ ތެރޭގައި މަސައްކަތްކޮށްލީމަ އެ ހުރިހާ ބޮލުރިހުމެއް ފިލައިގެންދޭ ހަމަ އެއްކޮށް."
"އެހެންވީމަ އަޅުގަނޑު ބުނާނީ ކެރިގެން ދިރިއުޅުމުގެ މި ދަތުރާ ކުރިމަތިލާށޭ. ރަނގަޅު ކޮންމެ މަސައްކަތަކީ ވެސް އާމްދަނީއެއް ހޯދިދާނެ ކަމެކޭ އެކަމަކާ ގަޔާވެގެން އުޅެވިއްޖެ ނަމަ. އަދި އެގޮތުގައި ކުރިއަށް ގޮސް ތިމާގެ ހުވަފެންތައް ހަގީގަތަކަށް ހަދަން ކޮންމެ މީހަކު ވެސް މަސައްކަތްކުރާށޭ."
އެ ހުވަފެން ހަގީގަތަކަށް ހެދުމަށް މިއަދު ވެސް ފަތިހު ހަތަރު ގަޑި ބައިވި އިރު އަފޫ ހުރީ ހޭލައިގެން މަސައްކަތަށް ނުކުމެ އެވެ. މާދަމާ ވެސް އޭނާގެ އަޒުމަކީ ހަމަ އެ ގަޑީގައި ދުވަސް ފަށައިގެން އޭނާގެ އަމިއްލަ ގެއަށް ދެވެން ދެން މި ހިތްވަރު ކޮންމެ ދުވަހަކުވެސް ކަށިން ނެރުމެވެ.
ބައްޕަގެ ގޯތި ބަހާލައިގެން ލިބުނު ބިންކޮޅުގައި އޭނާ އަޅައި ހިޔައުކޮށް ފަރިކުރަމުންދާ ގެއަށް ދީފައި ވަނީ 'މޫނިމާ' ގެ ނަމެވެ. އެއީ ހިޔާ ބޮޑު، ގަހެއްގައި އަޅާ މަޑު ރީނދޫކުލައިގެ ވަރަށް މީރު ވަހެއް ދުވާ މަލެކެވެ. މޫނިމާ ގަހުގެ ކީލިހިމަ ލަކުޑި އަކީ އެންމެ މޮޅު ލަކުޑީގެ ތެރެއިން ގުނާލެވޭ އާރެކެވެ.
ތިން މިރުސް ގަހަށް ދިން ފެނުން، އަފޫގެ ހަޔާތަށް އެ ލިބުނީ މޫނިމާ ގަހެއްގެ ފިނި ހިޔަލެވެ. އޭގެ އާރޯ ކަމާއި ބާރެވެ. ރީތި ކަމެވެ.



