އޭނާގެ ކިބައިގައިވީ ކުޅަދާނަ ކަމަށް ތައާރަފްކޮށްދިނީ އޮލިމްޕަހުގައި އޮތް ޕްރިމިއާ ނައިޓެކެވެ. އަހުމަދު އާސިމް ލިޔެ ޑައިރެކްޓްކުރި އެ ފިލްމުގެ ކްރެޑިޓްސްއާ އެކު އިވެން ފެށި 'ހުވަދޫ ބަހުރުވައިގެ' އެކޯސްޓިކް ލަވަ އެކެވެ. އެ ލަވައިގައި ކިޔާ ނުކިޔާ އެންމެ ރަނގަޅަށް ފަހުމު ނުވި ކަމުގައިވިޔަސް އެ އުފެއްދުމުގެ ފަހަތުގައިވީ ކުޅަދާނަކަން ވަގުތުން ސާފުވެއްޖެ އެވެ.
"އެއީ އަބޫ އެވެ. އެއީ އޭނާގެ އޮރިޖިނަލް ލަވަ އެކެވެ. އެ ލަވަ ސަޅިކަމުން މި ފިލްމުގައި ހިމަނަން ގަތީއެވެ،" ފިލްމު ނިމިގެން ނުކުމެ އަނގަތަޅަން ފެށުމުން އާސިމު މިހެން ބުނެފި އެވެ. އަދި މި އަބޫއަކާ ގުޅޭނެ ނަމްބަރެއް ވެސް ދީފި އެވެ.
ފޯނަށް ސޭވުކޮށްލި އެ ނަމްބަރަށް ގުޅާލުމާ އެކު އޭނާ ވަގުތުން ފޯނު ނަގައިފި އެވެ.
ވަރަށް އެކުވެރި މިޒާޖެއްގެ މުރަނަ އަޑެކެވެ. އަދި އޭނާ ރިކޯޑްކުރި 'ތަގޭން ކޮޅައު' ލަވައާ ބެހޭ ގޮތުން އިންޓަވިއު އަކަށް ވެސް އެ ނޭވާގައި އެއްބަސްވެއްޖެ އެވެ.
"އެކަމަކު މި ދުވަސްކޮޅު މި އުޅެނީ ރިސޯޓެއްގައޭ ބްރަދާ. މާލެ ގޮސްސަ ހިނގާ ތީތި ޖައްސަން،" އޭނާ ބުނެލި އެވެ.
އެއީ މި އަބޫއެއް ތައާރަފުވި ގޮތާއި އޭނާއާ ވާހަކަ ދެކެވުނު ފުރަތަމަ ދުވަހެވެ. އަހަރެމެން އޭރު ވާހަކަ ދައްކައި މަޝްވަރާކުރަމުން ގެންދިޔައީ އޭނާގެ އެ ލަވައިގެ ލައިވް ސެޝަނެއް ސްޓޫޑިއޯ ސެޓަޕެއްގައި ރިކޯޑްކުރާށެވެ. އަދި އެ ވާހަކަ ނޫން އެހެން ވާހަކައެއް އޭރަކު ނުދެކެވެ އެވެ.
އޭނާގެ ހަޔާތުގެ ހާލު އޮތީ ބަލާނުލެވި އެވެ. އަދި އެ ހަޔާތުގެ ހާލީގައި އޭނާގެ ދުވަސްތައް ގުނަމުން ދިޔަ ގޮތުގެ ވާހަކައެއް އަމުދަކުން ނުވެސް ދެކެވެ އެވެ. އަދި އެހެން އުޅެނިކޮށް ދިރިއުޅުމުގެ އޮޔާއި ވައިގެ ތެރޭގައި އެ ދުވަހުގެ ރޭވުންތައް ވިއްސިވިހާލިވެ ހަނދާން ނެތިގެން ހިނގައްޖެ އެވެ.

އޭނާގެ ކިތާބީ ނަމަކީ އަބްދުﷲ ހަސަން އެވެ. އޭރު އޭނާ ދިރިއުޅެމުން ދިޔައީ އާމްދަނީ ހޯދުމަށް އިން-ހައުސް މިއުޒިޝަނެއްގެ ގޮތުގައި މަސައްކަތްކުރަމުން ގެންދިޔަ އައްޑޫ އަތޮޅުގެ ސައުތު ޕާމް ރިސޯޓުގަ އެވެ. މާލެ އަންނާނެ ވާހަކަ ބުނެފައި އޮތުމުން ދޭތެރެއަކުން އޭނާގެ ފޯނަށް އެހެން އުޅެފައި ގުޅާލެވުނެވެ. ނޫހަށް ކޮންޓެންޓް ހަމަކުރާއިރު އަބަދުވެސް އަބޫގެ އަޕްޑޭޓެއް ހޯދާލެވެ އެވެ.
ނަމަވެސް އޭނާގެ ލަވަ އާއި ހުނަރުގެ ވާހަކަ ކިޔުންތެރިންނާ ހަމަ އަށް ގެނެސްދިނުމަށް ކުރި މަސައްކަތް އޮތީ އަހަރު ދުވަސްވީއިރު ވެސް ފެށި ހިސާބުގަ އެވެ. އެ ފޯނު ކޯލާ ހަމައިގަ އެވެ. އަބޫވީ އައްޑޫގަ އެވެ. އަހަރެން ހުރީ މާލޭގައި ބިޒީވެފަ އެވެ.
އައްޑޫ އަށް ދެވުނީ އޭގެ އަހަރަކާއި ބައިވީ ފަހުންނެވެ. އެއްކުރަމުން ގެންދިޔަ ކޮންޓެންޓް ހާވަމުން ގޮސް އަބޫ އަށް މިފަހަރު ގުޅާލެވުނީ އޭނާއާ ބައްދަލުކޮށް އިންޓަވިއު ނެގޭނެ ކަމަށް ޔަގީންކޮށްގެންނެވެ.
"ނޫނެކޭ ބްރަދާ. މިހާރު މި އުޅެނީ ރަށުގައޭ،" ދައްކަން ހިތުލި ވާހަކަ ނުފެށިގެން އުޅެނިކޮށް އޭނާ ބުނެފި އެވެ.
"އައްޑޫ އަށް އެނބުރި ދިއުމުގެ ވިސްނުމެއް ނެތޭ މިހާރު"
"އޭހ އަދި އެނގޭތަ. މިއުޒިކް ކުޅުން ވެސް މިހާރު ހުއްޓާލައިފީމޭ"
"މިއުޒިޝަނެއްގެ ގޮތުގައި ތަމްސީލުވާކަށް ދެން ބޭނުމެއް ވެސް ނޫން. އެކަމަކު މި ރަށުގައި އަޅުގަނޑުމެން ހިންގާ އެންޖީއޯގެ ޚަބަރު ބަލާލައިފި ނަމަ ލިޔަން ރަނގަޅު މާ ބައިވަރު ވާހަކަތައް ބްރަދާ އަށް ފެންނާނެ."
ގދ. ތިނަދޫގައި މެދު އުމުރުގެ ދުވަސްތައް ގުނަމުން އަންނަ އަބޫގެ ހަޔާތަށް ދިއްކޮށްލި ލެންސް ބަދަލުކޮށްލަން އެހިސާބޫން މަޖުބޫރު ވެއްޖެ އެވެ. އަދި އޭނާގެ 44 އަހަރުވީ ހަޔާތުގެ ބުރަ އާއި އަސަރުގައި ޖެހި ލަވަ އާއި މިއުޒިކްގެ އަޑު އޭނާގެ މި ވާހަކައިން ވަގުތުން ކެނޑިއްޖެ އެވެ.

އެ ހިސާބުން ދެން ފެށުނީ އަބޫގެ އަސްލު ވާހަކަ އެވެ. އޭނާ ކިޔައި ނުދީ ހުރި އެކަމަކު އެންމެ ކިޔައިދޭން ބޭނުންވާ ވާހަކަތެކެވެ. 'ނޫފަޅެއް' ގައި މީގެ 25 އަހަރު ކުރިން އޭނާ ފެށި ދަތުރު ގޮސް ގަދަ ކަނޑަކަށް ގެއްލުނު ގޮތެވެ. މައިންބަފައިންނާއި އާއިލާގެ މީހުންނާއި ގާތް އެކުވެރިން އޭނާގެ އަތުން ދޫވެ ގެއްލިގެން ދިޔަ ގޮތެވެ.
"ނަފުސަށް މައާފުކޮށްގެން ނޫން ގޮތަކަށް އެއްވެސް މީހަކަށް ކުރިއަކަށް ނުދެވޭނެ. މާޒީގައި ހިނގާފައި ހުރި ކަންކަމުން އަރައިގަނެގެން ނޫނީ އެމީހާ ހޯދަން ބޭނުންވާ ކުރިއެރުމެއް ނުލިބޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާގެ ހަޔާތުގައި އޮތް އޮރިޖިނަލް ވާހަކަ އޭގެ މެދުން ހުޅުވައިލުމާ އެކު އަބޫ ބުނެލީ މިހެންނެވެ.
އޭނާގެ އަޑު މުރަނަ ވެގަތެވެ.
"ގާތްގަނޑަކަށް 25 އަހަރު ވަންދެން މެދުނުކެނޑި މަސްތުވާތަކެތީގެ ތެރޭގައި އުޅެވިފައި ހުރި މީހަކަށްވީމަ މި ދަތުރު ފެށިއިރު ވަރަށް ބައިވަރު ރިގްރެޓްސް ހުރި. އަމިއްލަ ނަފުސު ކުށްވެރިކުރެވޭ ވަރަށް ގިނަ ކަންކަމާއި ސަބަބުތައް ހުރި،" އުފަން ރަށުގައި ހުރެ ފޯނުން ވާހަކަ ދައްކަމުން އަބޫ ކިޔައިދިނެވެ.
"އެކަމަކު އެ ހުރިހާ އެއްޗެއް އަޅުގަނޑު ދޫކޮށްލީ. އެންމެ ފުރަތަމަ ވެސް ކުރި ކަމަކީ އަމިއްލަ ނަފުސަށް މައާފުކުރުން. މާޒީގައި ހެދިފައި ހުރި ގޯސްތައް ނެހެދޭ ކަމަކަށް ނުވާނެތާ އެކަމާ ކިތަންމެ ވަރަކަށް ދެރަވިޔަސް"
"ދެ ވަނަ އަށް ކުރި ކަމަކީ އެހެން މީހުންގެ ކިބައިން ގޮސް މައާފަށް އެދުން. އަޅުގަނޑު މައާފަށް އެދެން ޖެހޭ ވަރުގެ ކަމެއް ކުރެވިފައިވާ މީހެއް ނަމަ އެމީހެއްގެ ގާތަށް ގޮސް މައާފަށް އެދުނީ. އަދި އިރާދަކުރެއްވިއްޔާމު އެމީހުންގެ ފަރާތުން އަޅުގަނޑަށް މިއަދު މައާފު ވެސް ލިބިއްޖެ"
ރަށުގެ އާންމުން އަދި އެކުވެރިންނާ ގުޅިގެން މަސްތުވާ ތަކެއްޗާ ދެކޮޅު ހަރަކާތްތައް މުޅި ހުވަދޫ އަތޮޅަށް ފުޅާކުރަމުން އަންނަ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ، 'ގިރިންދާ' ގެ ދަތުރަށް ކަމަރު ބަނދެ މަސްތުގެ ދުނިޔެއިން ހަށިފޮޅާލައިގެން ހުރި އަބޫ ދެން ބުނެލީ މިހެންނެވެ.
"މިވަރަށް ސާފުނުކޮށްފި ނަމަ މާޒީގެ ކަންކަމުގައި ވީ ރިގްރެޓްސް އެނބުރި އަތުވެދާނެ. އެހެންވީމަ މިއީ ރިކަވަރީގެ ދަތުރުގައި ކުރި އަރައި ދިއުމުގެ އެންމެ މުހިންމު ސިފަތައް ކަމަށް އަޅުގަނޑު ދެކެނީ."

މަސްތުވާތަކެއްޗާ ދެކޮޅަށް އޭނާ ތެދުވިތާ މިހާރު 10 އަހަރުވީ އެވެ. ގިރިންދާގެ އެކްސްއޯ މެމްބަރެއްގެ ގޮތުގައި އެ އެންޖީއޯއާ އެކު އޭނާ ހަރަކާތްތެރިވަމުން ދަނީ 2023 ވަނަ އަހަރުން ފެށިގެންނެވެ.
"ރިކަވަރީގައި އުޅުނު ކުދިންތަކެއް ގުޅިގެން އުފެއްދި އެންޖީއޯއެއް މިއީ. މި މަސައްކަތުގައި ބިޒީވެގެން އުޅުމުން ވަރަށް ކުރާ ހިތްވާ މަސައްކަތަކަށް ވެފައި މިހާރު މި އޮތީ މިކަންތައް. މިހާރުގެ ލައިފް އެހެންވީމަ ވަރަށް ސަޅިކޮށް މި ދަނީ،" އޭރާއި މިހާރުގެ ދިރިއުޅުމުން އަބޫ ކިޔައިދިނެވެ.
"ކުރިން އަޅުގަނޑު އުޅުނީ މަސްތުވާތަކެތި ބޭނުންކުރަން. މިހާރު މި އުޅެނީ މަސްތުވާތަކެތިން ދުރުވާން މަސައްކަތްކުރާ މީހުންނަށް އެހީތެރިވުމަށް. އަދި މަސްތުވާތަކެއްޗާ ދެކޮޅު ކެމްޕޭނުތައް މުޅި އަތޮޅުގެ ރަށްތަކުގައި ހިންގުމަށް އަޅުގަނޑުގެ ހުރިހާ ވަގުތެއް ހުސްކޮށްލައިގެން."
މަސްތުވާތަކެތީގެ ދުނިޔެ އަކަށް އަބޫ އުދުހި އަރައިގެން ގޮސް ގެއްލުނީ އޭނާގެ އުމުރުން 13 އަހަރުގަ އެވެ. އެ ދުވަހުން ފެށިގެން އޭގެ އެއް ހާލިން އަނެއް ހާލީގައި ލެވެމުން ދަނިކޮށް އޭނާގެ އުދާހަށް އިތުރުވި ބޮޅަކީ މި އިންޓަވިއުގައި އޭނާ އެންމެ ކިޔައިދޭން ބޭނުންވެގެން ކިޔައިދިން ވާހަކަ އެވެ.
"މިއީ އަޅުގަނޑު ވަރަށް ކިޔައިދޭން ބޭނުންވާ ވާހަކައެއް،" މިހެން ބުނެފައި އޭނާ ފަށައިގަތީ އުމުރުން 21 އަހަރުގައި އޭނާއާ ވަކިވެ ދިޔަ މަންމަގެ ހަނދާންތަކެވެ. އޭރު އޭނާ އަށް ވިސްނައި ނުގަނެވުނު ކަންކަމާއި ހިތާމަ އާއި ތުރާލުގެ ވާހަކަ އެވެ.
"މަންމަ ނިޔާވީމަ އެ ހިތާމައިގެ ތެރޭގައި އާއިލާގެ ވަރަށް ގިނަ މީހުން ކުށްވެރިކުރީ އަޅުގަނޑު. ސަބަބަކީ އަޅުގަނޑު މަސްތުވާތަކެތި ބޭނުންކުރަން ފަށައިގެން އޭގެ ފިކުރު ބޮޑުވެގެން އެކަމާ ވިސްނާ ވިސްނާ ނަފުސާނީ ގޮތުން މަންމަ ވަރަށް ބޮޑަށް ބަލިވާން ފެށީ ހަމަ އަސްލު ވެސް އަޅުގަނޑުގެ ސަބަބުން،" އަބޫ ކިޔައިދިނެވެ.
"އޭރަކު ނުވިސްނޭ އެމީހުން އެގޮތަށް އަޅުގަނޑު ބްލޭމްކުރިޔަސް އެއީ ކިހާ ވަރެއްގެ ކަމެއްކަން ނުވަތަ އަޅުގަނޑުގެ އަމަލުން މަންމަ އަށް ކުރަމުން ދިޔައީ ކިހާ އަސަރެއްކަން ވެސް"
"އެކަމަކު މިހާރު އަޅުގަނޑަށް ވެސް ގަބޫލުކުރެވޭ މަންމަ އަށް ދިމާވި ހިތްދަތިކަމުގެ ޒިންމާ އަޅުގަނޑު ވެސް ނަގަން ޖެހޭނެކަން. މަންމަ އެހާލަތަށް ވެއްޓިގެން ދާން ޖެހުނު އެއް ސަބަބު އަޅުގަނޑުގެ އެ ވިޔާނުދާ ދިރިއުޅުމަކީ. އެކަން މިއަދު އަޅުގަނޑަށް ގަބޫލުކުރެވޭ."
އަބޫ ބުނީ އެ ހަގީގަތް އޭރު ވިސްނިފައި ނެތް އޭނާގެ ސިކުނޑި، މަންމަގެ މަރާ އެކު ވެއްޓިގެން ދިޔައީ ހިފެހެއްޓުމެއް ނެތް ފުންކަމެއްގެ ތެރެއަށް ކަމަށެވެ.
"ދެން މަންމަ ނިޔާވީމަ އަޅުގަނޑުގެ އުޅުން އިތުރަށް ގޯސްވީ އޭރު. އެންމެން އަޅުގަނޑު ކުށްވެރިކޮށް ވާހަކަ ދައްކަން ފެށީމަ އެ ހުރިހާ ބުރައެއް އުފުލަން ބޭނުން ނުވީ. އުމުރުން 21 އަހަރުގައި އެ ހުރިހާ ބުރައެއް އުފުލަން ޖެހުނީމަ ބޭނުންވީ އެ ތުހުމަތުން ސަލާމަތްވާން،" އޭނާ ކިޔައިދިނެވެ.
"ދެން ވެއްޓުނީ މަސްތުވާތަކެތީގެ އެންމެ ފުނަށް. ވަރަށް ބޮޑަށް ހެރޮއިން އެޑިކްޝަންގެ ތެރެއަށް ވަދެވުނީ."
"އަހަރެން އޭރު ވެއްޓިގެން ދިޔަ ހިސާބު ކިޔައިދޭ ނަމަ ބުނެވޭނީ އަޅުގަނޑު ދުވަހަކުވެސް މަސްތުވާތަކެތީގެ ދެވިން ސަލާމަތްވެދާނެ ކަމަށް ގަބޫލު ވެސް ނުކުރެވެއޭ އޭރަކު. މަސްތުވާތަކެއްޗާ ނުލައި މަށަށް ދެން ދުނިޔޭގައި އުޅެވިދާނެ ކަމަކަށް އަމިއްލަ ނަފުސު ވެސް ގަބޫލުނުކުރާ ހިސާބަކަށް ދިރިއުޅުން ވެއްޓިގެން ދިޔައީ"

އެކަމަކު އޭނާގެ އެ ގަދަ ކަނޑު ކުއްލިއަކަށް މަޑުވެ ހިމޭންވެގެން ދިޔަ ގޮތް ދެން ބަލާށެވެ. ކޮވިޑްގެ ފުރަބަންދު އައިއިރު އޭނާ އުޅުނީ ކ. ހިންމަފުށީގެ ރިހެބު ފަރުވާގަ އެވެ. ފުރަބަންދުގެ ދުވަސްތަކުގައި ހުކުރުގެ ޖަމާއަތްތައް ވެސް މެދުކެނޑިއްޖެ އެވެ. އަދި ހުކުރު ކުރަން ކޮންމެ ހަފުތާއަކު ރީހެބަށް އަންނަ އިމާމަށް އެތަނުގެ ދޮރު ވެސް ބަންދުވެއްޖެ އެވެ.
ސަލާމަތުގެ އައްސޭރި އަބޫގެ އަތުގައި ހިފި ދުވަހަކީ އެއީ އެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ހިމޭންވެ ހަމަބިމަށް ތިރިވެގެން ދިޔަ ދުވަހެއްގަ އެވެ.
"އޭރު ރީހެބަށް އައިސް ހުކުރު ކުރާނީ ހުއްދަ އޮންނަ މީހަކު ކޮންމެ ހަފުތާއަކު ވެސް. ދެން ލޮކްޑައުންއާ އެކު ހުކުރުގެ ޖަމާއަތް ކެންސަލްކުރިއިރު ވެސް ރީހެބުގައި އޮތީ ހުކުރު ކުރާ ގޮތަށް. އެއީ އޭރު އެތަނުގެ ތެރޭގައި ކޮވިޑެއް ނެތް. އެހެންވީމަ ޖަމާއަތް ހެދޭނެތާ،" އަބޫ ކިޔައިދިނެވެ.
"އެކަމަކު ހުކުރު ކުރާނެ މީހަކު އެ ދުވަހު ނުލިބުނީ. ދެން އަޅުގަނޑު ގާތު އެހައިފި އިމާމުވެ ހުކުރު ކުރެވިދާނެތޯ. ދެން ބުނެފިން ކުރެވިދާނެއޭ. މައްސަލައެއް ނެތޭ"
"އެކަމަކު އަޅުގަނޑުގެ އަތުގައި ހުއްދައެއް ނެތީމަ އަޑުގަދަކުރާ ކަނޑާލައިގެން ދޯއޭ ހުކުރުކުރާނީ. ދެން އެ ދުވަހުގެ ހުތުބާ އަތަށް ލިބިއްޖެ. އަރަބި ދިވެހި ކިޔަން ވެސް ފަރިތަ މީހަކަށްވީމަ ހުތުބާގައި އޮތީ ކީކޭތޯ ވެސް ނުބަލަން އަޅުގަނޑެއް."
ދެން އެ ޚުތުބާ ހިފައިގެން ގޮސް އެ ދުވަހު އޭނާ އެރީ މިމްބަރަށެވެ. ހުޅުވާލި ޚުތުބާގައި އޮތީ މަސްތުވާތަކެއްޗާއި ޒުވާނުންނާއި މުޖުތަމައުގެ ވާހަކަ އެވެ. އެ ހިސާބުން އޭނާގެ ދެ ލޯ ފެންކަޅިވެއްޖެ އެވެ.
"އެވަރުގެ ހުތުބާއެއް ކިޔަންވީމަ ކިހާ އަސަރެއް ކުރާނެ އަޅުގަނޑަށް. އޭރު އެތަނުގައި 150 ވަރަށް ޒުވާނުން ތިބި. އެންމެންނަކީ ވެސް މަސްތުވާތަކެތި ބޭނުންކުރަން ޖެހޭތީ ފަރުވާ ހޯދަން ގޮސް ތިބި މީހުން،" ކުޑައިރުން ފެށިގެން ރީއްޗަށް ގުރުއާން ކިޔަވައި ރަށުގެ މިސްކިތުގައި އިމާމުވެ ނަމާދުކުރުމުގެ ތަޖުރިބާ ވެސް ހޯދައި ފަރިތަވެފައި ހުރި އަބޫ ކިޔައިދިނެވެ.
އޭނާ ބުނީ އެ އެންމެންގެ ކުރިމަތީގައި އެ މެސެޖު ފޯރުކޮށްދޭން ޖެހުނު ދުވަހަކީ، ދުވަހަކުވެސް މަސްތުވާތަކެތި ބޭނުން ނުކުރަން އޭނާ އަޒުމު ކަނޑައެޅި ވަގުތު ކަމަށެވެ.
"އަޅުގަނޑުގެ އަމިއްލަ ޒަމީރު އަޅުގަނޑަށް މަލާމާތްކުރަން ފަށައިފި. އަޅުގަނޑަށް ބަވަން ފަށައިފި. ކަލޭ މިކަމުން ރަނގަޅުވާން ވެއްޖެއެއް ނޫން ހެއްޔޭ ކިޔާފައި. ވިސްނަންވީ ވަގުތު އައިސް ޖެހިއްޖެއޭ ކިޔާފައި،" އޭނާ ކިޔައިދިނެވެ.
"އެ ހިޔާލުތަކާ އެކު އަމިއްލަ ނަފުސާ މެދު ވަރަށް ދެރަވެއްޖެ. ދެން، އަޅުގަނޑުގެ ހިތާ ހިތުން ބުނެލެވުނީ، އާނއެކޭ. މި ނިމުނީއޭ ދެން މިކަންތައް."

އެ ޚުތުބާ ނިމިގެން މިމްބަރުން ފޭބި ދުވަހު މަސްތުގެ ފިޔަގަނޑު ދެ އަތުން ކޮށާލި އެވެ. އަދި ހަމަބިމުގައި ޖެހުނު ގޮތަށް މިއަދު، ފަސްއެނބުރި ބެލުމެއް ނެތެވެ.
"ލަވަކިޔުން ހުއްޓާލައި އަޅުގަނޑު ރަށަށް ބަދަލުވިތާ މިހާރު އަހަރެއް ވަނީ. އެ ރިސޯޓުގައި ހޭދަކުރި ހަތަރު އަހަރު ނިމެންދެން އެތަނުގެ މިސްކިތުގައި އިމާމުވެ ނަމަދުކޮށް ހެދީ ވެސް އަޅުގަނޑު. ހުކުރު ކުރާނެ މީހަކު ނުލިބިއްޖެ ނަމަ ހުކުރު ވެސް ކުރަން،" މަސްތުގެ ހާލިން ސަލާމަތްވި ކަމަށް ޝުކުރުކުރަމުން މިއުޒިކީ ހަޔާތަށް ކިޔާލި އަލްވަދާއުއާ އެކު އަބޫ އޭނާގެ ވާހަކަ ކުރުކޮށްލި އެވެ.
އޭނާގެ ދިރިއުޅުން މިއަދު އެ އޮތީ އަމާން އައްސޭރިއެއްގައި ހިމޭންވެފަ އެވެ.
"މީގައި އޮންނާނީ ހަމަ އެންމެ ގޮތެއް. ފަހަރަކު ފިޔަވަޅެއް ކުރިއަށް އަޅަން ވާނީ. ކުދިކުދި ފިޔަވަޅުން ކުރިއަށް ދާން މަސައްކަތްކުރަންވާނީ. މާ ދުރުގައި އެ ފިޔަވަޅުތައް އަޅަން ވެއްޖެ ނަމަ ދެ ފައި އިރައިގެން ހިނގައިދާނެ"
މިހެން ބުނެފައި އޭނާ ހީގަތެވެ. އޭނާގެ ހަޔާތް މިއަދު ލަމުން އެދާ ކޮންމެ ނޭވާ އަކާ އެކު މި އައު ފެށުމުގައި ނިއުޅެމުން އެ ދަނީ މުޅިން ވެސް އުފާވެރިކަމެވެ.



