ނޫސްވެރިކަމުގެ ގޮޅި އަކީ ދިވެހި ރާއްޖޭގައި މީހަކު ގޮސް ފެތޭނެ އެންމެ ނުރައްކާތެރި އެއް ގޮޅިއެވެ. ވަކިން ހާއްސަކޮށް ލިޔުންތެރިކަމުގެ ހުނަރު ވަށައި ޖެއްސުމުގެ ހުވަފެން ދެކޭ މީހަކު ގޮސް ފެތޭނެ އެންމެ ކުޑަ ގޮޅިއަކީ ވެސް ރާއްޖޭގައި މިއަދު މި އޮތް ނޫސްވެރިކަމުގެ ވައްޓަފާޅިއެވެ.
އެ ގޮޅިއަށް ވަންނަ ލިޔުންތެރިޔާގެ ހަތަރެސްފައި އެމީހުން އަނދަގޮނޑީގައި ޖަހައެވެ. އެއަށް ފަހު އެ ލިޔުންތެރިޔާ މުސްކުޅިކޮށް ވަރުބަލިކޮށްލާނީ ނިއުސްރޫމޭ ކިޔުނު ކުޑަގޮޅިއެއްގައެވެ. ސުރުހީގައި އެ އޮތީ އެ ކުޑަގޮޅީގައި މުސްކުޅިނުވެ އާލިމް އަބްދުއްލަތީފު މިނިވަންވި ވާހަކަ އެވެ.
އުމުރުން 21 އަހަރުގައި އަމިއްލަ ނޫހެއްގެ ކުޑަ އަޅައިގެން ލިޔުންތެރިކަމުގެ މި ހަލަބޮލި ދުނިޔޭގައި އޭނާ އުދުހިގަތެވެ. އަދި ދިވެހި ލިޔުންތެރިކަމުގެ ޖައްވުގައި މިއަދު ވައި ބަދަލުކޮށްލާފައި އެ އޮތީ 24 އަހަރުގެ މި ޒުވާނާ ޝާއިއުކުރި އަލަތު ފޮތުގެ ސަފުހާތަކުންނެވެ.
އޭނާގެ ފޮތް ގަތުމަށް މުޅި ރާއްޖޭގައި އެ އޮތީ ކިޔޫ ދަމާލައިފައެވެ. އޭނާގެ ލިޔުންތެރިކަމަށް އެންމެންގެ ހިތްތަކުގައި އެ ވަނީ ރަތްދޫލަ ދަމާލައިފައެވެ.
ދިވެހި ނޫސްވެރިކަމުގެ ކުޑަގޮޅިން ސަލާމަތްވެ ލިޔުންތެރިއެއްގެ ގޮތުގައި އަމިއްލަ ދެ ފައި މައްޗަށް ތެދުވުމަށް އާލިމް "ޖެއްސި މިޝަން" މި އޮތީ ހަގީގަތުގައި ވެސް ދިވެހި އަދަބީ ތާރީޚުގެ ތާރީޚު ލިޔަން މަޖުބޫރު ކުރުވައިފައެވެ.
މިހެން ބުނީމާ، ޗަކަޗަކަލާފައި ބަޔަކު މީހުން ހީގެންފާނެތެވެ. އެކަމަކު އާލިމް ވަރުގެ ދެ ވަނަ "ކަލްޗަރަލް ސެންސޭޝަނެއް" ރާއްޖޭގައި މިއަދު ކޮބައިތޯއެވެ؟ ނުވަތަ މިވަރުގެ "ގުޑުމެއް" ދިވެހި ލިޔުންތެރިކަމުގެ ޖައްވާއި ކިޔުންތެރިންގެ ހިތަށް އަދި ފާޑުކިޔުންތެރިންގެ މެޔަށް އަމާޒުކުރި ދެ ވަނަ އެހެން ލިޔުންތެރިޔަކު މިވަގުތު އެބަހުރިތޯއެވެ؟
މި ސުރުހީ އަށް ޒުވާބުކުރަންވީއެވެ. އެކަމަކު އޭގެ ކުރިން އާލިމްގެ މި ހާއްސަ އިންޓަވިއު ކިޔަންވާނެއެވެ.


1- ކެތްތެރިކަން އަދި ސާބިތުކަމުގެ މައްޗަށް ބިނާކޮށް ފޮތެއް ލިޔުމުގެ ހިޔާލު އެންމެ ފުރަތަމަ އައީ ކިހިނެއް؟
އާލިމް: ފޮތެއް ލިޔުމަކީ އަޅުގަނޑު އަބަދުވެސް ދެކެމުން އައި ހުވަފެނެއް. ކުރިން ހިތަށް އަރަނީ ބަޔޮގްރަފީއެއް ލިޔާށޭ. އެކަމަކު މުޅި ހަޔާތް ބަދަލުވީ 2025 ވަނަ އަހަރު ލިބުނު ހައްޖު ދަތުރާ އެކު، އަލްހަމްދުލިﷲ. އެ ދަތުރަށް ފަހު ކަންކަމާ މެދު ދެކޭ ގޮތް، ހާއްސަކޮށް ދީނީ ކަންތައްތަކާ މެދު ދެކޭ ގޮތް ބަދަލުވީ.
ނޫސްވެރިކަމުގެ ހަ، ހަތް އަހަރު ތެރޭގަ ވެސް އެކި ދަތި އުނދަގޫ ހާލަތްތައް ތަޙައްމަލު ކުރާ އެތައް ބަޔަކާ ބައްދަލުވި. ސޯޝަލް މީޑިއާގަ ވެސް އެމީހުންގެ ދަތި ވާހަކަތައް ކިޔާދޭން މެސެޖު ކުރޭ. އެންމެންނަށް ވަކިވަކިން ހިތްވަރު ދޭން ވަގުތު ހޯދަން އުނދަގޫވީމަ ފޮތެއް ލިޔަން ހިތަށް އެރީ. އެންމެ ގާތް އެކުވެރިޔާ ޝެއިޚް އާޒިމް ހަލީމްއާ މަޝްވަރާ ކުރުމުން އޭނާ ވެސް ތާއީދު ކުރި. ގާތްގަނޑަކަށް އަހަރެއްހާ ދުވަހުން ނިންމާލީ. ރިސާޗަށާއި ފޮތުގެ ކަންކަން ރޭވުމަށް ވެސް ގިނަ ވަގުތު ހޭދަވި. އަދި ހަޔާތުގެ ބައެއް ހާލަތްތަކުގަ މޯޓިވޭޝަނަލް ސްޕީޗްތައް، ހާއްސަކޮށް މުފްތީ މެންކުގެ ވާހަކަތައް އަޑުއެހުމަކީ ވެސް މިކަމަށް ރިލޭޓެޑް ކުރެވުނު ކަމަކަށް ވެދާނެ.
2. "އޭހިތާއޭ ކެތްތެރިވާށޭ" ގެ ނަން ގެނައީ ކިހިނެއް، އަދި އަމިއްލަ ތަރުޖަމާގައި އެ ނަމުގެ މާނައަކީ ކޮބާ؟
އާލިމް: އެއް ފަހަރަކު ޕިންޓްރެސްޓުން ފެނުނު އިސްލާމިކް ކޯޓެއް؛ ޑިޔަރ ހާޓް، ޔޫ ހޭވް ޓު ބީ ޕޭޝަންޓް، ޔޫ ހޭވް ޓު ބީ ސަމްތިން. ކެތްތެރިކަމާ ގުޅޭ ފޮތެއް ލިޔަން ވީމަ ފުރަތަމަ ލިޔުނީ ހިތާއޭ ކެތްތެރިވާށޭ. އެކަމަކު މިހެން ލިޔެގެން އުޅެނިކޮށް ހަނދާންވަނީ، (ލަވަކިޔުންތެރިޔާ) ޝަލަބީގެ މަދަހައެއް. އޭގައި އޮންނަނީ، "އޭ ހިތާއޭ ކީއްވެހޭ ތިޔަ ގިސްލަނީ..." މި މަދަހަ އައީ ހިތަށް. އައީމަ ނަން ބަދަލުކޮށްލީ "އޭ ހިތާއޭ ކެތްތެރިވާށޭ" އަށް. (މި ނަން އެގޮތުގައި) ސްޓްރޯންގްވާ ސަބަބަކީ ހިތާ މުހާތަބުކުރުން. މީހަކާ ވާހަކަ ދައްކާއިރު ވެސް މީހަކު އަޑު ނޭހީމަ ނަން ކިޔާފައި ގޮވާލާހެން، ހިތުގެ އެޓެންޝަން ހޯދަން "އޭ ހިތާއޭ" ކިޔައިގެން ދިން ނަމެއް މިއީ.


3. ތިޔައީ އެންމެ 24 އަހަރުގެ ޒުވާނެއް، އެކަމަކު ފުރަތަމަ ފޮތަށް ބޮޑު ކާމިޔާބީއަކާއި މަގުބޫލުކަމެއް ލިބިއްޖެ. އެހާ ޅަ އުމުރެއްގައި މިކަހަލަ ފޮތެއް ލިޔަން ވިސްނީ ކީއްވެ؟
އާލިމް: ތަޖުރިބާ މިންކުރާ ތަރާދަކީ ނުރައެއް ނޫން، އުމުރެއް ވެސް ނޫން. 21 އަހަރުގަ އަމިއްލަ ނޫހެއް ހަދައި ވިޔަފާރިއަށް ވަދެ، 24 އަހަރުގަ ފޮތެއް ލިޔެ ޝާއިއުކުރަން ޟަމީރު މަޖުބޫރުކުރީ ޒުވާނުންނަށް ވެސް ކުރެވޭނެކަން ދައްކަން. އަޅުގަނޑަށް ވުރެ އުމުރުން ދޮށީ މީހުންނާ މަސައްކަތްކޮށް ވާހަކަދައްކާއިރު، އެމީހުންގެ އެންމެ ބޮޑު ރިގްރެޓަކީ ޒުވާން އުމުރުގަ ގިނަ ކަންކަން ހާސިލުކުރެވިފައި ނެތުން.
ނޫސްވެރިކަމުގެ ހައެއްކަ އަހަރު ތެރޭގަ ގިނަ ވާހަކަތައް އަޑުއިވި، ތަޖުރިބާކޮށް، ދިރާސާކުރެވިއްޖެ. މިއަދު ލިޔާ އެއްޗަކީ ޕާފެކްޓް އެއްޗަކަށް ނުވިޔަސް ގޯސް މައުލޫމާތެއް ނޫން؛ މާދަމާ އަޅުގަނޑަށް މާ ރަނގަޅު ފޮތެއް ވެސް ލިޔެވިދާނެ. އެކަމަކު މާދަމާއަށް ޕްރޮކްރާސްޓިނޭޓް ކުރާކަށް މަޑެއް ނުކުރާނަން. ފޭސްބުކް އާއި އިންސްޓަގްރާމް ލިޔުންތަކަށް ލިބުނު ލޯބީގެ ސަބަބުން، މިއީ ދިވެހި މުޖުތަމައަށް ބޭނުންތެރި މައުޟޫއެއް ކަމަށް ޤަބޫލުކޮށްގެން ލިޔުނީ.
އެހެންވީމަ އުމުރަކީ އެއްވެސް ކަމަކަށް އޮތް ހުރަހެއް ނޫން.
4. މި ފޮތް ލިޔުމުގައި އެންމެ އުނދަގޫވީ ކޮން ބައެއް؟ އަމިއްލަ ނަފްސަށް ޝައްކުވެ، ނުވަތަ ހުއްޓާލަން ވިސްނުނު ވަގުތުތަކެއް އައިތަ؟
އާލިމް: އަމިއްލަ ނަފްސާ މެދު ދުވަހަކު ވެސް ޝައްކެއް ނުކުރެވޭ، އަލްހަމްދުލިﷲ؛ ވަރަށް ބޮޑު ކޮންފިޑެންސް އޮވޭ. އެކަމަކު ދީނީ ނުވަތަ މޯޓިވޭޝަނަލް ފޮތެއް ލިޔަން އަހަރެން މީ ކާކުބާއޭ، އަހަންނަށް ވުރެ މޮޅެތި މީހުންނާއި ލިޔުންތެރިން ރާއްޖޭގަ އެބަ ތިއްބެއޭ، ކާކުބާއޭ ކިޔާނީ، ކޮން އޮއްޓަރެއްބާއޭ ހުންނާނީ. މި ހިޔާލުތައް ގިނައިން އާދޭ.
ނަމަވެސް ގާތް ރަހުމަތްތެރިންނާއި ލޯބިވާ މީހުން ލިޔުންތައް ބޭނުންވާ ކަމަށް ހަނދާންކޮށްދޭތީ ކުރިއަށް ދިޔައީ. ބިޒީ ޝެޑިއުލްއާ އެކު ލިޔުމަކީ އުނދަގޫ ކަމެއް؛ އެއްތަނެއްގަ އިށީނދެގެން އިންނަން އުނދަގޫވިއަސް ހަ، ހަތް، އަށް ގަޑިއިރު ވެސް ވަގުތު ހުސްކޮށްގެން ލިޔުނީ. ﷲ ގެ ރަހުމަތާއެކު މާ ބޮޑެތި ދަތިތަކަކާ ކުރިމަތިލާކަށް ނުޖެހުނު.


5. ފުރަތަމަ ފޮތަށް މިހާ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ހީކުރިންތަ؟ ކާމިޔާބީގެ ބޮޑުމިން ފެނުނު ވަގުތު ވީ ކިހިނެއް؟
އާލިމް: ހައެއްކަ މަސްތެރޭގަ 3,000 ފޮތް ވިއްކުމަކީ ޓާގެޓެއް ކަމަށް ވިޔަސް، މަހެއް ވެސް ނުވަނީސް 3,000 އަށް ވުރެ ގިނަ ފޮތް ވިކިއްޖެ، އަލްހުމްދުލިﷲ. ފޮތް ނުކިޔާ ކަމަށް ބުނާ ޒަމާނެއްގަ މިއީ ފޮތްތެރިކަމަށް ގެނެވުނު ބޮޑު އިންޤިލާބެއް.
މި ވަރު ވާނެ ކަމަކަށް ހިއެއް ނުކުރަން، ވަރަށް ސަޕްރައިޒް ވި. ވިޔަފާރީގެ ނަޒަރުންނާއި މީހުންނަށް ހަމަޖެހުން ލިބޭތީ އުފާވިޔަސް، ދެރަވާ ސަބަބަކީ ރާއްޖޭގަ މާޔޫސްކަން ބޮޑުވެފައި އޮތް މިންވަރު. އެހެންނަމަވެސް އެ މާޔޫސްކަމަށް ލިޔުންތަކާއި ބަސްތަކުން ތަސައްލީ ލިބޭތީ ހިތްހަމަޖެހޭ.
6. މި ފޮތް ކިޔުންތެރިންނާ މިހާ ބޮޑަށް ގުޅެނީ ކީއްވެ ކަމަށް ގަބޫލުކުރަނީ؟ މިހާ ގިނަ ބަޔަކު މީގެ މެސެޖު ބަލައިގަންނަ ސަބަބަކީ ކޮބާ؟
އާލިމް: ރާއްޖޭގަ މާޔޫސްކަން ބޮޑު؛ ލޯބިވާ މީހުން ގެއްލުމާއި، ވާނުވާ ނޭނގޭ ހާލަތްތަކާއި، ފާފަތަކަށް އަރައިގަތުމާއި، ފައިނޭންޝަލް ސްޓެބިލިޓީ އާއި ލޯނުތަކުގެ ސަބަބުން މީހުން މާޔޫސްކަމަށް ދޭ. ޒުވާނުންނާއި މެދުއުމުރުގެ މީހުންގެ ތެރޭގަ ޑިޕްރެޝަން އާއި އެންޒައިޓީ ގިނަ.
ފޮތުގަ ގެނެސްދީފައި ވަނީ ކޮންމެ މީހެއްގެ ހަޔާތުގަ ވެސް އަންނާނެ ހާލަތްތައް. ދުވާލު ހިނިތުންވެގެން އުޅުނަސް ދަންވަރު އަނދިރި ކޮޓަރީގަ ރޯން ޖެހޭ ވަގުތުތަކާއި، އެންމެން ނިދިފައި އޮތަސް ނުނިދި ސީލިންގަށް ބަލަހައްޓައިގެން އޮންނަ ރޭތަކުގެ ވާހަކަތައް.
އަނެއް ކަމަކީ "ތިބާ" މި ލަފުޒު ފޮތުގައި ބޭނުންކޮށްފައި އޮތް އުސްލޫބު؛ އިނގިރޭސިން "ޔޫ" ބުނާހެން "ތިބާ" އޮތުމުން ކިޔުންތެރިޔާއަށް ޕާސަނަލައިޒްޑް އަދި ރިލޭޓަބަލް އިހުސާސެއް ގެނެސްދޭ. އަދި ދިވެހިބަހުގެ ރީތި ގޮތްގަނޑު ދުއްވާނުލައި، ސާފު، ސީދާ، ސާދާ ޢިބާރާތުން ތިލަކޮށް ގެނެސްދިނުމަކީ ވެސް ގުޅޭ ސަބަބެއް.

7. މި ފޮތުގައި އިސްލާމީ ތައުލީމުތަކާއި ވިސްނުންތަކަށް ބޮޑު އިސްކަމެއް ދީފައިވާތީ، ދިރާސާ ކުރިއަށް ގެންދިޔައީ ކިހިނެއް؟ ދީނީ މެސެޖުތަކާއި ރިފަރެންސްތަކުގެ ސައްހަކަން ޔަގީންކުރަން އެޅީ ކޮން ފިޔަވަޅުތަކެއް؟
އާލިމް: ދީނީ ދައުވަތުގެ ތެރޭގަ ލިބުނު އެންމެ ގާތް އެކުވެރިޔާ ޝައިޚް އާޒިމް ހާލިދުއާ އެކު ފޮތުގެ ރިސާޗްގަ ގިނައިން މަޝްވަރާ ކުރިން. އިންޓަނެޓާއި އޭ.އައި ވެސް ބޭނުންކުރިން، އެކަމަކު ޗެޓްޖީޕީޓީން ހަދާފައި ނިންމާލީއެއް ނޫން؛ ހޯދާ ކޮންމެ މައުލޫމާތެއް ޝައިޚުން ކައިރިން ވެރިފައިކޮށް، ސައްހަ ނައްސު ބަލައި، އިލްމުވެރިން މެދުވެރިކޮށް ކަށަވަރުކުރިން.
ފޮތް ނިންމުމުން ޝައިޚް އާޒިމް ދެތިން ފަހަރު ކިޔުއްވައި ދީނީ މައްސަލައެއް ނެތް ކަމަށް ނިންމެވި. ރިފަރެންސްތައް ދީފައި ހުރީ މަޢުލޫމާތު ހޯދި ތަންތަނުން، އަދި ޚިލާފީ، ފިޤުހީ މައްސަލަތަކަށް ވުރެ ބޮޑަށް އެކަކު އަނެކަކަށް ދޭންޖެހޭ ނަސޭހަތްތައް ހިމެނީ. ނަމާދުކުރާށޭ ނުވަތަ ހެޔޮކަންކަން ކުރާށޭ ބުނަން ޝައިހަކަށް ވާކަށް ނުޖެހޭ؛ އަސްރު ސޫރަތުގަ ވެސް އޮތީ ހައްޤާއި ކެތްތެރިކަމަށް އެކަކު އަނެކަކަށް ވަސިއްޔަތްކުރުން.
8. ބައެއް ކިޔުންތެރިން މި ފޮތަށް ފާޑުކިޔައި، މިއީ ކޮޕީ ނުވަތަ ކުރީގެ މަސައްކަތްތަކުގެ ނުފޫޒު ބޮޑު ލިޔުންތަކެއް ކަމަށް ބުނޭ. އެ ވާހަކަތަކަށް ދޭ ޖަވާބަކީ ކޮބާ، އަދި އެ ފާޑުކިޔުންތަކާ ކުރިމަތިލަނީ ކިހިނެއް؟
އާލިމް: މަލާމާތްކޮށްފައި އޮތީ ކިޔުންތެރިންނެއް ނޫން. މި ފޮތަކީ ޑޯންޓް ބީ ސޭޑް ގެ ކޮޕީއެކޭ ބުނާއިރު، އަޅުގަނޑު އެ ފޮތް އެއްކޮށް ކިޔާނުވެސް ނިމޭ އަދި. ޑޯންޓް ބީ ސޭޑް އަކީ ވަރަށް މޮޅު އިސްލާމީ ފޮތެއް، އެ ފޮތާ އަޅާކިޔާއިރު މާ ދެރަ ފޮތެއް މި ފޮތަކީ. އަދި އޭގެ ވާހަކަތަކާ މި ފޮތުގެ ވާހަކަތަކާ އެއްގޮތަކަށް ވެސް ނުގުޅޭ.
އެއްގޮތް މައުޟޫއަކަށް ލިޔާއިރު މަދުން އެއްގޮތް ވާހަކަ ހުރެދާނެ. ކޮޕީކުރީއޭ ބުނާތީ ޑޯންޓް ބީ ސޭޑް ގެ މައްޗަށް ދިވެހި ޝަރަހައެއް ލިޔާ ހިތް ވެސް ވެއްޖެ. ޑޯންޓް ބީ ސޭޑްގެ މައްޗަށް ދިވެހި ފޮތެއް ލިޔާނަން އަޅުގަނޑު އިރާދަކުރެއްވިއްޔާމު. އަޅުގަނޑު ވަރަށް ރުޅި އަންނަ ކަމެއް ދޮގު އިލްޒާމު އެޅުވުމަކީ. އެ އިލްޒާމު އެޅުވީމަ އަޅުގަނޑު ބޭނުންވޭ މިކަމަކީ ވެސް އަޅުގަނޑަށް ކުރެވިދާނެކަމެއްކަން ސާބިތުކޮށްދޭން.
އަޅުގަނޑު ލިޔެފައި މި އޮތީ އެއްވެސް ފޮތެއްގެ ތަރުޖަމާއެއް ނޫން، އަމިއްލައަށް ރިސާޗްކޮށްގެން ލިޔުނު ދިވެހި ފޮތެއް. ކޮޕީ ކުރީއޭ ބުނާ ނަމަ އަޅުގަނޑު ކޮފީކުރި ކަމަށް ބުނާ ފޮތެއް ދައްކަންވީ. އެކަމެއް ނުވާނެ. އެއީ އަޅުގަނޑު އެއްވެސް އެއްޗެއް ކޮޕީކޮށްފައި ނެތީމަ.
މި ފޮތް ލިޔުމުގެ ކުރިން އަޅުގަނޑު ކީ "ރިވައިވް ޔުއާ ހާޓް" ކިޔާ ފޮތެއް. ރިވައިވް ޔުއަރ ހާޓް ވެސް ކޮޕީއެއް ނުކުރަން، އެކަމަކު އެ ފޮތް ކަމުދިޔަ އަދި އިންސްޕަޔާވި އެއް ސަބަބު.
އެެހެންވީމަ ކިހިނެތްހޭ މި ފާޑުކިޔުންތަކާ ކުރިމަތިލަނީ؟ އަޅުގަނޑު ދޫކޮށްލަނީ. އެމީހުން ކިޔާ އެއްޗެއް އެމީހުންނަށްތާ އޮންނާނީ. ދޮގު ވާހަކަ ދެއްކީމަ ވެސް އެމީހުންގެ ފަރާތުން އަޅުގަނޑަށް ލިބޭ ސަވާބު އިތުރުވެދާނެތީ އުފާވަނީ.
އެކަމަކު ހެޔޮނުވާނެއޭ ފޭކް އައިޑީ ހަދައިގެން ފިނޑިކޮށް ކަންކަން ނުކޮށް، އަމިއްލަ މޫނު ދައްކައިގެން ކުރިމަތިލާށޭ ބުނަން އޮތީ. އައި ޑޯންޓް ކެއާ.

9. ހިތްވަރާއި އިރުޝާދު ހިމެނޭ ފޮތަކުން ކިޔުންތެރިންނަށް ބޮޑު އަސަރެއް ކުރާނެ. ހިތްހަމަޖެހުމާއި އިލްހާމު ހޯދަން ތި ލިޔުންތަކަށް ބަލާ މީހުންނާ މެދު ޒިންމާއެއް އޮތް ކަމަށް ގަބޫލުކުރެވޭތަ؟
އާލިމް: ޒިންމާއަކީ ބޮޑު ލަފުޒެއް. މީހަކަށް ނޭދެވޭ އަސަރެއް ކުރާ ވާހަކައެއް ލިޔެފައެއް ނުހުންނާނެ، ހިތްތަކަށް ތަސައްލީ ލިބޭ ވާހަކަ ދެއްކޭތޯ މަސައްކަތްކޮށްފައި ހުންނާނީ. އަޅުގަނޑުގެ ބޭސިކް އަންޑަސްޓޭންޑިން އަކީ ހުރިހާ ހާލަތެއްގަ ވެސް ﷲ ވޮޑިގެން ވުން. ދަތި ހާލަތުގަ ޝައިޠާނާ އައިސް ހާލަތު ހިތާމަވެރިކަމަށް ގެންގޮސް، ﷲ ގެ މަތިން ހަނދުމަނައްތާލަން މަސައްކަތްކުރޭ. އެ ވަގުތު ހަނދާންކޮށްދޭ މީހަކަށް މި ފޮތް ވެ، ﷲ އާ ގާތްކޮށްދޭ.
ޤުރުއާން ކިޔަވަންޖެހޭ ވާހަކަ ވެސް ފޮތުގަ އޮންނާނެ؛ ހިތުގެ ހަމަޖެހުން ހޯދަން ދާންވީ ދިމާތައް ކިޔާދީފައިވާނެ. ދީނާ ދުރު ވާހަކައެއް ނުހުންނާނެ؛ ހިތަށް އުނދަގޫވާ ވާހަކައެއް އޮތިއްޔާ ﷲ މައާފުކޮށްދެއްވާށި.
ރިވިއުތަކުން މީހުންނަށް ހިތްހަމަޖެހުން ލިބޭކަން އެނގޭތީ އުފާވަނީ. ފޮތުގެ ނިންމުމުގަ ވެސް ލިޔެފައި އޮންނާނެ، އަޅުގަނޑު މި ދުނިޔޭގަ ނެތް ދުވަހަކު ވެސް މީހަކަށް ތަސައްލީ ލިބިއްޖެނަމަ މަސައްކަތުގެ އަގު ހަމަވީ ކަމަށް. މައިގަނޑު މަގްސަދަކީ ދިގުދެމިގެންވާ ސަދަޤާތެއް ދޫކުރުން.
10. ވިޔަފާރީގެ ކާމިޔާބީއާއި އާންމުންގެ ތަރުހީބުގެ އިތުރުން، މި ފޮތުން އަމިއްލަ ނަފްސަށް އައީ ކޮން ބަދަލެއް؟ ލިޔުންތެރިއެއްގެ ގޮތުގައި އަމިއްލަ ނަފްސު ދެކޭ ގޮތަށް އެކަމުގެ އަސަރު ކުރިތަ؟
އާލިމް: މިފަހަރު ލިބުނު ލޯތްބާއި ތަރުހީބުން ވަރަށް ސަޕްރައިޒް ވެ އުފާވި. ރަހްމަތްތެރިޔާ ހަމީދު ހަނދާންކޮށްދިން ފަދައިން، ފޮތެއް ވިކެނީ ﷲ އިރާދަކުރެއްވީމަ؛ އެއީ އަޅުގަނޑުގެ މޮޅުކަމެއް ނޫން، ދެއްވި އަގުހުރި ނިއުމަތެއް. އެންމެ ގިނައިން ކުރާ ދުއާއަކީ ޒައްރެއްގެ މިންވަރަށް ވެސް ބޮޑާކަމެއް، ކިބުރުވެރިކަމެއް ނެތުން.
ފޮތް ވިކުނަސް އަމިއްލަ ދިރިއުޅުމާއި ލައިފްސްޓައިލް ބަދަލެއް ނުކުރާނަން؛ އަޅުގަނޑަކީ އަދިވެސް އެއްކަލަ ނ. މާފަރުގެ އާދައިގެ ދެރަދަރަ އާލިމް.
ބެސްޓްސެލާ ފޮތެއް ވިއްކުނީމަ އަމިއްލަ ނަފްސަށް ޕްރައުޑް ވެ، ސެލްފް ކޮންފިޑެންސާއި ކުރިއަށް ދާނެ އުއްމީދު ލިބިއްޖެ. ރައިޓަރެއްގެ ގޮތުގަ ދެކޭ ގޮތް ބަދަލެއް ނުވިޔަސް، ކުރިން ޤަބޫލުނުކުރިޔަސް މިހާރު އަޅުގަނޑުގެ ލިޔުންތަކުގަ އޮއްޓަރު ހުރިކަން ދިވެހިން ޤަބޫލުކޮށްފިކަން އެނގޭތީ ވަރަށް ހިތްހަމަޖެހޭ.


11. ފުރަތަމަ ފޮތުގެ ކާމިޔާބީއަށް ފަހު، ދެން ލިޔަން ވިސްނަނީ ކޮން ކަހަލަ ފޮތެއްތަ؟ ހަމަ މި ރާގުގެ އެއްޗެއްތަ، ނުވަތަ މުޅިން ތަފާތު ދާއިރާއަކުންތަ؟
އާލިމް: އަޅުގަނޑަކީ ޑައިވާސިފިކޭޝަނަށް ލޯބިކުރާ މީހެއް. އެކަމަކު އެންޓަޓެއިންމަންޓް ފޮތެއް ނުލިޔާނަން؛ ލިޔާނީ އިޖުތިމާޢީ، ދީނީ ނޫނީ ކޮންމެސް މީހެއްގެ ވާހަކައެއްގެ ފޮތެއް. ކުރިއަށް ފޮތްތަކުގެ މަސައްކަތް އެބަ ކުރަން، އެކަމަކު ސަޕްރައިޒެއްގެ ގޮތުގަ ބާއްވަން ބޭނުންވަނީ.
މިދޭތެރެއިން ބްރޭކެއް ނަގައިގެން އެން.އެލް.ޕީ ނިއުރޯ ލިންގުއިސްޓިކް ޕްރޮގްރާމިން ހަދައި، ލައިފް ކޯޗުކަން ކޮށްދިނުމުގެ ޕްރެކްޓިޝަނަރަކަށް ވެއްޖެ. ކުރިއަށް އޮތްތާނގަ ލިޔުމާ ލައިފް ކޯޗިންއާ ދެކަމުގަ އުޅެވޭނީ. ތަފާތު މައުޟޫތައް ފެނިދާނެ؛ ފުޓުބޯޅައާ ބެހޭ ފޮތެއް ވެސް ލިޔެވިދާނެ، އެކަމަކު އަދި އެ ހިޔާލެއް ނެތް. އަބަދުވެސް ލިޔާ ހިތްވަނީ މީހުންނަށް ހިތްވަރު ލިބޭ، މޯޓިވޭޓް ކޮށްދޭ ވާހަކަތައް.
12. އެންމެ ފަހު ސުވާލެއްގެ ގޮތުން، ހިއްސާކުރަން ބޭނުންވާ ހިޔާލުތަކާއި ވާހަކަތައް ހުރެމެ، ފުރަތަމަ ފޮތް ނެރުމުގެ ހިތްވަރު ނުލިބިފައި ތިބި ދިވެހި ޒުވާނުންނަށް ދޭނެ މެސެޖަކީ ކޮބާ؟
އާލިމް: ޒުވާނުންނަށް ނުވާނެއޭ، ފޮތެއް ނުލިޔެވޭނެއޭ، ބެސްޓްސެލިން އޯތާއަކަށް ނުވާނެއޭ ބުނި މީހަކަށް އެ ބަހެއް ދޫކޮށްލާށޭ؛ މާދަމާ ވާނެ ގޮތާއި ކާމިޔާބު ކުރާނެ ކަންތައްތައް ދެނެވޮޑިގެންވަނީ ﷲ. ފުރަތަމަ ކަމަކީ ތިމަންނައަށް މިކަން ވާނެއޭ އަމިއްލަ ނަފްސު ޤަބޫލުކުރުން؛ ދެވަނައަށް މަސައްކަތްކުރުން؛ ތިންވަނައަށް އެސްޓަބްލިޝް މަސައްކަތަކަށް ހެދުމަށް މަސައްކަތްކުރުން.
އަޅުގަނޑުމެންގެ ޕަބްލިޝިން ހައުސް އުފަންވަމުންދާއިރު، ޒުވާން ލިޔުންތެރިންނަށް އަޅުގަނޑު އެހީތެރިވާނަން. އެކަމަކު ފެށުމުގެ ކުރިން ﷲ ގެ ހަޟްރަތުން ތައުފީޤާއި ހިތްވަރަށް އެދި ދުއާކުރަންޖެހޭ. ނުވާނެއޭ ނުބުނެ، ވާނެއޭ ބުނެ، ކޮންފިޑެންސް ބަހައްޓާށޭ.
އަޅުގަނޑަށް ފޮތެއް ލިޔެވުނިއްޔާ ކާސިމަށް ވެސް ފޮތެއް ލިޔެވޭނެ. އާދަމް އަބްދުއްލަތީފަކީ ވަކި ހާއްސަ އިންސާނެއް ނޫން، އެންމެންނަށް ވެސް ފޮތް ލިޔެވޭނެ. ފޮތެއް ލިޔަން ބޭނުންވާ ޒުވާނުން ހިތްވަރު ހޯދަން އަންނާށޭ.



