1970 ގެ އަހަރުތަކަކީ ރާއްޖޭގެ މިއުޒިކީ ތާރީޚުގައި އާ ރޫހަކާއި ޖޯޝެއް އުފަންވި ދުވަސްވަރެކެވެ. އަމިއްލަ ސާމާނެއް ނެތި، ކުއްޔަށް ސެޓު ނަގައިގެން މިއުޒިކަށް ލޯބިކުރި ޒުވާނުންތަކެއް އުފެއްދި "ކުއިކް ސޭންޑް" ބޭންޑާއި، އެ ބޭންޑުގެ ޖާދޫން މުޅި މާލެ ހެއްލުވާލި މަޝްހޫރު "އައިސްގޭ" އަކީ ދިވެހި ލައިވް މިއުޒިކްގެ މުހިންމު ބިންގަލެކެވެ.

ކުއިކް ސޭންޑް އުފަންވުން

ކުއިކް ސޭންޑް އުފެދިގެން އައީ މަޢުދީ، އަސްތާރު ޔޫސުފް، ހަބީބު، ޢަލީ ނަޢީމް އަދި ޑްރަމަރުގެ މައްޗަށް އެކުލެވުނު ފަސް މެންބަރުންގެ ޓީމަކުންނެވެ. ފުރަތަމަ "ސޭންޑްސް" ގެ ނަމުގައި ފެށި ނަމަވެސް، ފަހުން އެންމެންގެ މަޝްވަރާއާއެކު ނަން "ކުއިކް ސޭންޑް" އަށް ބަދަލުކުރެވުނެވެ. އެ ދުވަސްވަރު ކިޔަވަން އަސްތާރު ޔޫސުފް ބޭރަށް ވަޑައިގަތުމުން، ބޭންޑުގެ އެދުމުގެ މަތިން އެ ދުވަސްވަރުގެ މަޝްހޫރު އަދި ސީނިއަރ ގިޓަރިސްޓެއް ކަމަށްވާ ޝަފީޤު ބޭންޑާ ގުޅުނެވެ. މިއީ މިއަދުގެ ވާދަވެރި މާކެޓްތަކުގައި ހުނަރުވެރިން ގެންނަން ކުރާ މަސައްކަތް ފަދަ، އެ ދުވަސްވަރުގެ މިއުޒިކް ސީނުގައި ހިނގި ވަރަށް ބޮޑު "ޓްރާންސްފަރ" އެކެވެ.

އައިސްގޭގެތާރީޚީ ރޭތައް

އައިސްގެއަކީ އޭރު ޔުނިވާސަލް ހެޑް އޮފީސް ހުރި ސަރަޙައްދުގައި ހިންގި އައިސްކްރީމް ޕާލާއެކެވެ. ކުޑަކޮށް ފެށި މި ތަނުގައި ކުއިކް ސޭންޑުން ކުޅެން ފެށުމާއެކު، އައިސްގޭގެ މަގުބޫލުކަން އިންތިހާއަށް އުފުލުނެވެ. މި ކުރިއެރުން ފެނިވަޑައިގެން، ޔުނިވަރސަލްގެ އިސް ބޭފުޅުން ކަމަށްވާ މުޙައްމަދު ޢުމަރު މަނިކާއި އަޙްމަދު ޢުމަރު މަނިކު އަދި އަޙްމަދު އަައްޕާހާ ވަނީ އެތަން ބޮޑުކޮށް، ބޭންޑަށް ބޭނުންވާ ސާމާނު ބޭރުގެ ކެޓަލޮގުތަކުން ބަލައިގެން އިންވެސްޓްކޮށްދެއްވާފައެވެ. މިއާއެކު ފަތުރުވެރިކަން ފެށިގެން އައި ދުވަސްވަރު، ރިސޯޓުތަކުގައި ޕްރޮފިޓް ޝެއާ އުސޫލުން ޝޯވތައް ދިނުމުގެ ރަން ފުރުސަތުވެސް ބޭންޑަށް ތަނަވަސްވިއެވެ.

ހަފްތާއަކު އެއް ރެއަކު—ބުރާސްފަތި ވިލޭރޭ—ރޭގަނޑު 9:00 އިން 12:00 އަށް އޮންނަ މި ޝޯވތައް ބަލަން އައިސްގެއޮންނަނީ ފުރިބާރުވެފައެވެ. ކޮންމެ 45 މިނެޓަކުން 15 މިނެޓުގެ ބްރޭކެއް ނަގަމުން ގެންދިޔަ މި ހަރަކާތްތައް ކުރިއަށްދިޔައީ ވަރަށް އަދަބުވެރި އަދި ހަމަޖެހޭ މާހައުލެއްގައެވެ.

އައިސްގެއާއި ހޮޓުގޭ: މާލޭގެ މިއުޒިކީ ވާދަވެރިކަން

އައިސްގޭގެމަގުބޫލުކަމާއެކު މާލެތެރޭގައި މިއުޒިކީ އެހެން ހަރަކާތްތައްވެސް ފެށުނެވެ. އެގޮތުން ދިވެހި މިއުޒިކަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި ކުޑަދޮންއަސްތާރު، އައިސްކޭއާ މާ ދުރުނޫން ހިސާބެއްގައި ހުންނަ ހެރެތިހާރު ފަތީގައި "ހޮޓުގޭ" ގެ ނަމުގައި ތަނެއް ހުޅުވިއެވެ. އައިސްކޭގައި އައިސްކްރީމް ވިއްކައި ފިނި މާހައުލެއް އޮތްއިރު، ހޮޓުގޭގައި އޮންނަނީ ކަޅުސަޔާއި ހޫނު މާހައުލެކެވެ. ނަމަވެސް ދެތަނުގައިވެސް ހިނގީ ފޯރިގަދަ މިއުޒިކެވެ. ފަހުން ރާއްޖޭގެ މަޝްހޫރު ފަންނާނަކަށް ވެގެންދިޔަ ޢަބްދުއްނާޞިރު މޫސާދީދީ ފަދަ ތަރިންނަކީ މިފަދަ ގްރޫޕުތަކުން މިއުޒިކީ ހަޔާތް ފެށި ބޭފުޅުންނެވެ.

ކެސެޓް ރޭޑިއޯގެ ބުރަ މަސައްކަތް

މިއަދުގެ ޒަމާނީ ވަސީލަތްތަކާ ޚިލާފަށް، އޭރު ލަވަ ދަސްކުރުމަކީ އިންތިހާއަށް އުނދަގޫ މަސައްކަތެކެވެ. ލަވަތައް ނަގަނީ 2-އިން-1 ކެސެޓް ރޭޑިއޯއިން އަޑުއަހައިގެންނެވެ. ޓޭޕް އެނބުރި އެނބުރި މެގްނެޓިކް ފީލްޑާއި، ހެޑާއި، އަދި ޕެގްސްތައް ހަލާކުވެގެން އެތައް ފަހަރަކު ރޭޑިއޯ ބަދަލުކުރަން ޖެހުނެވެ. އެކަކު އަޑުއަހާ ނިމުމުން އަނެކަކު އަޑުއަހައި، ކޮންމެ މީހަކުވެސް އެމީހެއްގެ ނޯޓުތައް އަމިއްލައަށް ވަކިން ނަގައިގެން ކޮންމެ ދުވަހަކު ގަވާއިދުން ދެ ގަޑިއިރު ޕްރެކްޓިސް ކުރެއެވެ.

ގާތްގަނޑަކަށް ތިން އަހަރެއްހާ ދުވަހަށް ދެމިގެންދިޔަ އައިސްގެއާއި ކުއިކް ސޭންޑުގެ މި ދަތުރަކީ، ދިވެހި ޒުވާނުން އަމިއްލަ ހުނަރާއި ބުރަ މަސައްކަތުން ރާއްޖޭގެ ލައިވް މިއުޒިކް މުޅިން އާ ހަރުފަތަކަށް ގެންގޮސްދިން ތާރީޚީ ބާބެކެވެ.