ބައެއް މީހުންގެ އަޑު އެއްފަހަރު އިވިފައި ދެން ހަނދާނުގައި ނުހުރެ އެވެ. އަދި ބައެއް މީހުންގެ އަޑު، ތަން ވައްޓާލާހާ ވަރުގަދަ އެވެ. އަލީ އިއުފާފް އިސްމާއިލްއަކީ އެފަދަ އަޑެއްގެ ވެރިއެކެވެ.

އިއުފާފްގެ މިއުޒިކީ ހަޔާތް ފެށީ ފުރާވަރުގެ އަހަރުތަކުގައި، ބާ އެކޫސްޓިކް ގިޓައެއް ހިފައިގެންނެވެ. އަހަރެއްހާ ދުވަހު އޭގެ ނަރުތަކުގައި ކޮއްޓަމުން ގޮސް އިލެކްޓްރިކް ގިޓައަށް ބަދަލުކޮށްލި އެވެ. އެމްޕަކަށް ގުޅައި، އޭނާގެ ރަސްމީ، ރޮކު އަދި ހެވީ މެޓަލް ފޯރީގައި ކުޅެން ފެށި އެވެ.

އެކަމަކު ބުނަން ހެއްޔެވެ؟ މި ހުރިހާ ކަމަކަށް ވުރެ މި ޒުވާނާ މަޝްހޫރުވީ އޭނާގެ ވަރުގަދަ އަޑަށެވެ. އެކަމަކު މުހިންމީ އެ އަޑުން ފާޅުކުރާ ޝުއޫރުތަކެވެ.

ތިރީގައި މިއޮތީ ދިވެހި މިއުޒިކީ އިންޑަސްޓްރީގައި، އޮޔާއި ވަޔާ ދެކޮޅަށް އިއުފާފް ކުރަމުންދާ ދަތުރާ ބެހޭގޮތުން ކުރި 10 ސުވާލާއި އޭގެ ޖަވާބުތަކެވެ.

1. މިއުޒިކަށް ވަދެވުނީ ކިހިނެއް؟ މިކަމުގެ ފެށުން ކިޔައިދީބަލަ؟

އިއުފާފް: ލަވަކިޔަން ފެށި އަސްލު 18 އަހަރު ވެސް ވީ ފަހުން. އޭގެ ކުރިން ގިޓާ ކުޅުނީ. ބާ އެކޫސްޓިކެއް ނަގައިގެން. އަސްލު އާޓްސް ބައި ވަރަށް ބޮޑުވާނެ ގޭގައި، އެންމެންގެ ވެސް. އޭގެ ތެރެއިން ސަޅި ބޭންޑުތަކުގެ (ލޯކަލް އަދި ބޭރުގެ ވެސް) ލަވަތައް އިވި، އެކަން ވީ ލައިފްސްޓައިލަކަށް. އަހަރެން ވެސް ބޭނުންވީ އެކަން ކުރަން.

ފެށީ ހޮބީއެއް ގޮތަށް. ދެން ވީ ޕެޝަންއަކަށް. ކޮންމެވެސް ހިސާބަކުން އާމްދަނީ ހޯދަން ކުރާ މަސައްކަތަކަށް ވެސް ބަދަލުވެއްޖެ.

2. ދެން ލަވަ ކިޔަން ފެށުނީ ކިހިނެއް؟ މިހާރު ހުރި ހިސާބަށް އާދެވުނީ އަޑުގެ ސަބަބުންތަ؟

އިއުފާފް: އޭރު ކައިރީގައި އުޅުނު މީހުން ޕްރެޝާ ކުރާވަރުން. އާއިލާ މީހުން ވެސް ބުނާނެ "އޭ ލަވަ ކިޔާބަލާށޭ ބޮޑު އަޑެއް އެބައޮތެއް ނޫންހޭ. ކޮންމެވެސް ދުވަހަކުން ޔޫ ކުޑް ބީ އޮފް ޔޫސް ފޮަ އަ ބޭންޑެއް. ދެން އޭރު ވެސް ގިޓާ ތިއަރީއާ އެއްޗެހި އެނގޭތީ ވޯކަލްސް ނަގަން މާ އުނދަގޫ ކަމަކަށް ނުވި.

ދެން އޭގެ ކުރިން، ކުޑައިރު ވެސް ލަވައެއް ނުކިޔަން. ސްކޫލްތަކުގެ ލަވަ މުބާރާތަކަށް ވެސް ނާރަން. އެކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި ކުޑައިރު ބައިވެރިވި ގުރުއާން މުބާރާތްތައް ކޮންޓްރިބިއުޓަޑް އިން ސަމް ވޭ، ވޯކަލްސް ރަނގަޅުކުރަން. ގުރުއާން މުބާރާތްތަކުގައި ވަރަށް އުޅެވިފައި ހުންނާނީ.

ބުނެވިދާނެ އިއުފާފްގެ އަޑަކީ ޕްރިވިލެޖްއެކޭ. ނޫނީ ބްލެސިންއެކޭ. ހަމަ ވަރަށް ގިނަ ފުރުސަތުތައް ލިބިއްޖެ، އަޑާ ހެދި. އެހެންވެ ވަރަށް ޝުކުރުވެރިވަން އެކަމަށް.

ދެން ފިލްމަތައް، އަސްލު ފިލްމަކަށް ވުރެ ކުރިން އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތެއްގައި އެމްއޭސީއެލްގެ ޑްރާމާއަކަށް ލަވައެއް ކީ. ފަތޯ ހެދި ލަވައެއް. އެއީ އަދި 2017 ނޫނީ 2018 ހިސާބުގައި، ލަވަކިޔަން ފެށި ދުވަސްކޮޅުގައި. އޭގެ ފަހުން ވެސް ހަމަ އެމްއޭސީއެލް ޑްރާމާއަކަށް، ހަމަ ފަތޯ ހެދި ލަވައެއް. ދެން ނޫރުބެ ދިން ފުރުސަތެއްގައި 'އަބަދަށް' ފިލްމުގެ ލަވަ.

ފިލްމަކަށް ލަވައެއް ކިޔުމަކީ ވެސް ވަރަށް ތަފާތު ކަމެއް. އަދި ހާއްސަކޮށް ޓައިޓްލް ޓްރެކަށް ވޯކަލް އެޅުމާ މިހެން ގިގަކަށް އަރާލާފައި ނޫނީ ރެކޯޑުކުރަން ލަވައެއް ކިޔުމާ ވަރަށް ތަފާތު. އެއީ މުޅި ފިލްމުގެ މެސެޖު މި ބުނެދެނީ ލަވަޔަކުން ވީމަ. އެހެންވެ ވަރަށް ބަލަން މުޅި ފިލްމުން ދޭ މެސެޖާއި ލަވައިގެ ޑައިރެކްޝަންއާ އެއްޗިއްސަށް. އެ ކަންކަން ސަޅިވެއްޖެއްޔާ އޯކޭ.

3. އިއުފާފްގެ އަޑާ ބެހޭގޮތުން މީހަކު ބުނި އެންމެ ހަނދާން ހުންނަ ކޮމެންޓަކީ ކޮބާ؟

އިއުފާފް: އެންމެ ހަނދާން ހުންނަނީ މުހައްމަދު މާޖިދު (މެޒޯ މޯޑު އަދި އިއުފާފް ކިޔާ ގޮތުން ނަމަ މެޒޯބެ) އެއް ދުވަހަކު ދިން ކޮމެންޓެއް. މި ސޮރުގެ ހުންނަނީ ވަރުގަދަ އަޑެކޭ. ވަރަށް އުފާވި ދުވަހެއް އެއީ.

ވަރަށް ރެންޑަމްކޮށް ދިމާވީ. މިހެން ބާއްވައެއްނު ކުދިކުދި ޝޯތައް؟ އެގޮތަށް ބޭއްވި ޝޯއެއްގައި އިއުފާފް ވެސް ލަވައެއް ކިޔާލަން އެރި ރެއެއް އެއީ. އޭރު ނުވެސް އެނގޭ އެތަނުގައި މެޒޯބެ ހުރި ކަމެއް. ލަވަ ނިންމާލީމަ ބުނީ 'މި ސޮރުގެ ހުންނަނީ ވަރުގަދަ އަޑެކޭ'. ވަރަށް ހަނދާން ހުރޭ އެ ކޮމެންޓު.

އެއީ ހަމަ ވަން އޮފް ދަ ބެސްޓު، އެންމެ ކުޑައިރުއްސުރެ ވެސް. ލޯކަލް މިއުޒިކް ސީންގައި އަބަދުވެސް އުޅޭނެ، ޔަންގް އާޓިސްަޓުންނަށް ސަޕޯޓު ވެސް ކުރާނެ.

4. އިއުފާފްގެ ކްރިއޭޓިވް ޕްރޮސެސް ކުރުކޮށް ކިޔާލަދީބަލަ؟

އިއުފާފް: އަބަދުވެސް ބަލަނީ ދުނިޔޭގައި ހިނގާ، ރިއަލިސްޓިކް ކަންކަމަށް ލަވަ ހެދޭތޯ. ފިކްޝަން އެންޑް ފެންޓަސީ އިޒް ނޮޓް މައި ތިންގް. ލަވަ ލިޔަން ބޭނުންވަނީ ދުނިޔޭގައި ހިނގާ، އެހެން މީހުން ދައްކަން ބޭނުން ނުވާ ކަންކަމާ ބެހޭގޮތުން.

ފުރަތަމަ ލަވައިގެ ބަސްތައް (ލިރިކްސް) ލިޔެލަނީ. ދެން މެލޮޑީއަށް ވުރެ ކުރިން ލަވައިގެ ބެކްގްރައުންޑް މިއުޒިކަށް ގޮތެއް ހަދަނީ. އެއަށްފަހު ލިރިކްސް، މެލޮޑީއަކަށް ފިޓު ކޮށްލަނީ. ކުދި ކުދި ބަދަލު ގެންނަމުން.

5. މިހާތަނަށް ޖެއްސި ޕްރޮޖެކްތުތަކުގެ ތެރެއިން އެންމެ ހާއްސަ އަދި ހަނދާން ހުންނަ ޕްރޮޖެކްޓަކީ ކޮބާ؟ އަދި އެއީ ކީއްވެ؟

އިއުފާފް: އެންމެ ހާއްސައީ 2023ގައި ޖެއްސި ތަންކޮޅެއް އަންއޯތޮޑޮކްސް ޕްރޮޖެކްޓެއް. ލަވައެއް ނޫން، ހަލާލް ޖެނެރޭޝަން ޕްރޮޑަކްޝަންސްގެ މަދަހަ އަލްބަމެއް. އެމީހުން ހުރީ ވަރަށް ރީތި ޅެމާ އެއްޗެހި ހަދާފައި.

ހިޔެއް ވެސް ނުކުރަން އިއުފާފްއަކީ ލަވަ ކިޔާ މީހެއް ވީމަ މަދަހަ ކިޔަން ބަޔަކު އެޕްރޯޗް ކޮށްފާނެ ކަމަކަށް. އެކަމަކު އެމީހުން އަހަރެންގެ އަޑު ބޭނުންވެގެން އައީ. ވަރަށް ސަޅި، އައުޓްސައިޑް ދަ ބޮކްސް ޕްރޮޖެކްޓެއް އެއީ.

ވަރަށް ކަމާ ވެގެން އެ ޕްރޮޖެކްޓުގައި އުޅުނީ. ކްރިއޭޓިވް ފްރީޑަމް ވެސް ލިބުނު. އެއީ އެންމެ ހާއްސަ ޕްރޮޖެކްޓަކީ.

6. ދިވެހި މިއުޒިކް އިންޑަސްޓްރީއާ މެދު ބުނަން އޮތީ ކީކާ؟ މަދުވަނީ ކޮން ކަމެއް؟

އިއުފާފް: ޕްލެޓްފޯމްސް މަދު. އަސްލު ހަގީގަތުގައި ފައިނޭންޝަލީ ކުރިއަރާނެ ގޮތެއް ނެތް. ޖުމްލަކޮށް އާޓްސް ނެތީ.

އެކަމަކު ބަޔަކު ކުރާ ހިތްވާ ކަމަކުން ކުރިއަށްދިއުމުގެ ފުރުސަތު އޮންނަން ވާނެ. މީހުންގެ ހުނަރުތައް ދައްކާލެވޭނެ ފުރުސަތުތައް ލިބެން އެބަޖެހޭ. އެކަމަކު ބެއާ މިނިމަމް ވެސް ނެތް.

ވަކި ބަޔަކަށް އެކަހަލަ ފުރުސަތުތައް ލިބެނީ. ޖީބުގައި މަދުން ހުންނަ މީހަކަށް ނުލިބޭ. މިހެން ދިމާވާ ނަމަ ބިނާވާނީ ވަރަށް 'ރުޅިގަދަ މީހުން' ޖީލެއް. މުޅި މުޖުތަމައަށް ވެސް ކުރާނީ ގެއްލުން.

ބައްޕަ އަބަދުވެސް ބުނާނެ، މުޖުތަމައުގައި އާޓްސް ބައި ނެތިއްޔާ ދެން އުފެދޭނީ ހަމަނުޖެހުމާއި ފިތުނަ ފަސާދައޭ. އެއީ ހަމަ ވަރަށް ބޮޑު ހަގީގަތެއް.

މިކަމުގައި ސަވައިވް ވާނީ މިކަމަށް %150 ދީގެން. މިކޮޅުގައި މިއޮތީ ހަމައެކަނި ހޮޓެލް އިންޑަސްޓްރީ ލާރިއެއް ހޯދޭނެ ގޮތަކަށް. އަނެއްހެން ބުނާ ނަމަ، އާދައިގެ މީހަކަށް ވާނެ ކަމެއް ނޫން، ޑިސްޓްރިބިއުޝަން ސާވިސަސްއާ ގުޅިގެން ލާރިއެއް ހޯދަން. އަނެއްކާ ވަރަށް ކުޑަ އެއްޗެއް ލިބޭނީ.

ވަރަށް ގިނަ ކަންކަން ސެކްރިފައިސް ކޮށްގެން. އަހަރެން އެބަ ދަން 4-5 ދުވަހު ކުޅެން އެކި ތަންތަނަށް. ދެކޮޅަށް ދަތުރުކުރަމުގައި. އެއްވެސް ހާއްސަ އޮކޭޝަންއެއް، އާއިލާ މީހުންނާ އެއްކޮށް ފާހަގައެއް ނުކޮށްލެވޭ. އެހެންވީމަ [މިކަމުގައި ކުރިއަށް ދިއުމަކީ] ވަރަށް އުނދަގޫ ޗޮއިސްއެއް.

7. ތިޔަކުރާ މަސައްކަތުގައި، ރެސްޕެކްޓު ލިބޭތަ؟ މީހުން އިހުތިރާމް ކުރޭތަ؟

އިއުފާފް: އެއްވެސް ވަރަކަށް ނުލިބޭ ރެސްޕެކްޓެއް. ދެން ބައެއް މީހުންގެ ހުންނާނެ ވަރަށް ސްޓްރޯން އޮޕީނިއަންސް ދޯ. އެކަމަކު އާޓްސް ކޮމިއުނިޓީގައި ޕެޝަންއަށް ވިޔަސް ޕްރޮފެޝަނެއް ގޮތަށް މަސައްކަތް ކުރާ މީހުން އަދި މި އިންޑަސްޓްރީއާ ގުޅިފައި ހުންނަ ވިޔަފާރިވެރިން ވެސް އެއްބަސްވާނެ މިކަމަށް. ފަހަކަށް އައިސް ރާއްޖޭގައި އެއްވެސް ރެސްޕެކްޓެއް، ގަދަރެއް ނޯވޭ ޕާފޯމިން އާޓްސްއަށް.

އާޓްސް ދާއިރާގައި އުޅޭ މީހުން ފެންނަނީ ކަމެއް ބޭނުންވީމަ. މިސާލަކަށް އަމިއްލަ ދަރި ހިތާނުކުރަން ވީމަ ފެންނާނެ، ނަށާ ގްރޫޕެއް، ބޭންޑެއް ގެންނަން ޖެހޭނެ. ނޫނީ ސްކޫލްގައި އުޅޭއިރު ދަރިފުޅުގެ އާޓްސް ކްލާހަށް ޓިއުޓަރެއް ބޭނުންވީމަ ފެންނާނެ. ޕީއޭ ޓީޗަރު ވަރުގެ މީހެއް ނުހުންނާނެ. އެކަމަކު އެހެން ނޫނީ އެއީ ބޭކާރު ކަމެއް.

މަގުމަތީގައި ނޫނީ ލައިވް އިވެންޓެއްގައި ކުރަހަން ނޫނީ ނަށަން ނޫނީ ކުޅެން ހުންނަ މީހަކު ފެނުނަސް ބުނާނެ، ދަރިފުޅާ ރަނގަޅަށް ކިޔަވައްޗޭ އެހެން ނޫނީ އެގޮތަށޭ އުޅެން ޖެހޭނީ. އޭތި ވަރަށް ހަޑި އަސްލު، އެއީ އަބަދުވެސް ދިވެހިންގެ ހުންނަ ވަރަށް ހަޑި އާދައެއް. ބޭފުޅިޒަމްއިން އައި ސިފައެއް އެއީ. ވަކި މަސައްކަތެއް ހަޑިއޭ، މިއުޒިކް ކުޅޭ މީހުން ހަޑިއޭ، އެހެން ނޫޅެއްޗޭ، ބޯ ދިގު ނުކުރައްޗޭ، އެއީ ފަތްބޯ ކުދިންނޭ. އެންމެންނަށް ވެސް އެނގޭ ސްޓީރިއޯޓައިޕްސް ދޯ.

8. މިހާރު ކޮން ކަމެއްގައި ތިއުޅެނީ؟ އެހުންތެރިން އިންތިޒާރު ކުރާވަރުގެ ކަމެއް ނެތްތަ؟

އިއުފާފް: މިހާރު މި މަސައްކަތް ކުރަނީ އަމިއްލަ ސޯލޯ އަލްބަމެއް ނެރެވޭތޯ. ގާތްގަނޑަކަށް 8 ލަވަ ހިމެނޭނެ. ފަހަރެއްގައި އެއަށްވުރެ ގިނަ ނޫނީ މަދު ވެސް ވެދާނެ. މީގެ ތީމްއަކަށް އިންނާނީ އެހެން މީހުންގެ ސަފަރިން ވަރަށް ފަސޭހައިން ޑިނައިކޮށްލާ ގޮތް.

ހުސް ހެވީ މެޓަލް ދިވެހި ލަވަ ހުންނާނީ. ފަހަރެއްގައި ދިވެހިންނަށް ކަމުނުގޮސްފާނެ، މިތާ ބޮޑަށް އޮންނަނީ ބޮލީވުޑް ކަލްޗާ ވީމަ. އެހެންވީމަ މީތި 'ރިހަ' ވާ މީހުން އަޑު ނާހާ ދޫކޮށްލަންވީ ހަމަ.

މި ބަލަނީ އަންނަ އަހަރުގެ މެދު ތެރޭގައި މި އަލްބަމް ނެރެވޭތޯ.

9. ކެރިއާގައި ފަތޯއަކީ ވަރަށް މުހިންމު މީހެއްހެން ހީވޭ. މި ބުނެވުނީ ރަނގަޅަށްތަ؟

އިއުފާފް: ޔެސް. ފަތޯ އެނގުނީ ބައްޕަ (އިސްމާއިލް ރަޝީދު - ކޮޕީ އިއްސެ)ގެ ފަރާތުން. އިއުފާފް މިއީ ފަތޯގެ ފޭންއެއް. ރާއްޖޭގެ މޯޝަން ޕިކްޗާއަށް އިންގިލާބެއް ގެނައި މީހެއް އެއީ. މި ޒަމާނީ ފިލްމުތަކުގެ ހުރިހާ ލަވަތަކުގައި ކަހަލަ ގޮތަކަށް ފަތޯގެ އިންފްލުއެންސެއް އުޅޭނެ ކޮންމެވެސް ލެވެލްއެއްގައި.

ފަތޯއަށް ނޭނގޭނެ މިކަމެއް އެކަމަކު ފަތޯއާ އެއްކޮށް މަސައްކަތްކުރިއިރު، ފަތޯ ލަވަ ހަދަން ބޭނުންކުރި އުކުޅުތައް ވީ އިއުފާފްގެ ކެރިއާގެ ހުރިހާ އެސްޕެކްޓްސްއަށް ވެސް އެހީވި ކަންކަމަށް.

ފަތޯ ދަސްކޮށްދިނީ ލަވައެއް ގެންދަން ޖެހޭނީ ސްޓޯރީއެއް ގޮތަށް ކަން. އެއީ ކެފޭއެއްގައި ކުޅޭ ލަވަޔަކަށް ވިޔަސް، މިހެން ގޭތެރޭގައި އިނދެ ލަވައެއް ޖެއްސިޔަސް. އަދި ލަވައެއްގެ އިމޯޝަނަލް އެސްޕެކްޓްސް ވެސް ކިޔައިދިން.

10. ތި ކެރިއާގައި އަދި ހަޔާތުގައި ކުރިއަށްދާން ލިބުނު އެންމެ މުހިންމު ނަސޭހަތް؟

އިއުފާފް: ބައްޕަ ދިން ނަސޭހަތެއް އަބަދުވެސް ހަނދާން ހުންނާނެ. ބައްޕައަކީ، އެއްވެސް ސަބަބަކާ ނުލާ، ހުސް ތިމާޔާ ދެކޮޅަށް އުޅޭ ބަޔަކު ތިބި ތަނެއްގައި އިއުފާފްއަށް ވަރަށް މުހިންމު ހަތަރު ކަމެއް ދަސްކޮށްދިން މީހެއް. އެއީ ލޯޔަލްޓީ، ސަޕޯޓް، ރެސިލިއެންސް އަދި ރެސްޕޮންސިބިލިޓީ. ބައްޕައަށް ނޭނގިދާނެ މިކަން.

އަބަދުވެސް ސަޕޯޓު ދޭނެ. އެކަހަލަ ބައްޕައެއް ލިބުމަކީ އިއުފާފްގެ ނަސީބު. ކިތަންމެ އުނދަގޫ ކަމެއް ދިމާވިޔަސް، ދެޓް މޭން ވިލް ފައިޓް. ފޯކަސް އިންނާނެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަސް. އިއުފާފްއަށް ވުރެ މާ ހާލުގައި، މާ ހާޑުކޮށް ބައްޕަ ކުޑައިރު އުޅުނީ. މިއަށްވުރެ ވެސް ކުޑައިރު އެއީ.

ބައްޕަ ދަސްކޮށްދިނީ ނޮޓް ޓު ލެޓް އެނީވަން އިންފްލުއެންސް ޔޫ އޯ މޭކް ޔޫ ފީލް ޑައުން. ބައްޕަ އިއުފާފްއަށް ދިން އެންމެ ބޮޑު ހަދިޔާއަކީ އެއީ.