އެކަނިމާއެކަނި ކޮފީއަށް ދިއުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެކެވެ. ކޮންމެސް ކަމެއް ބޮލުތެރޭ ރާވާލަން ބޭނުމިއްޔާ، ނޫނީ މާ ބާރުބާރަށް ދުވަހުގެ ކަންކަން ދާހެން ހީވަންޏާ އެކަނިމާއެކަނި އިރުކޮޅަކު ނަމަވެސް ގޮސް އިނދެލަން ބޭނުންވެއެވެ. އަދި މިހެން ގޮސް އިންނަ އިރު، ތަފާތު ކަންކަން އޮބްޒާވްކުރެވެއެވެ.

މިސާލަކަށް ވަރަށް ގާތް ދެ މީހަކު އެތަނަށް އައިސް، ކޮފީއެއް ނަގައިގެން ސިނގިރެޓެއް ބޮއެގެން، އެކަކު އަނެކަކު ކޮށްފަ ހުންނަ ޓްވީޓް، ރީލްސް ދައްކަ ދައްކާ އެތަނުގައި ގަޑިދެގަޑިއިރު ވަންދެން ވެސް ތިބެދާނެއެވެ. ފޮޓޯއެއް ނަގައިލަފާނެއެވެ. އަނގައިންވެސް ނުބުނެ ތިބެ، ފޯނަށް ގެއްލި ތިބެ، ކޮފީ ބޯލައިގެން ނައްޓައިލަފާނެއެވެ.

މިއީ މިހާރެވެ. މިއީ ޒަމާނަށް އައި ބަދަލެކެވެ. އިވޮލިއުޝަނެކެވެ. އެއީ ރަނގަޅު ބަދަލެއްތޯ ނުވަތަ ނުރަނގަޅު ބަދަލެއްތޯ ބަހުސްކުރުމަކީ މާ މުހިންމު ކަމެއްވެސް ނޫނެވެ.

މީގެ 25 އަހަރު ކުރިއެވެ. އަސްލު އެކަމަކު އެއީވެސް ހަމަ އިހަކަށް ދުވަހެވެ. "ވައިބް" އާއި "އެސްތެޓިކް" ފަދަ ލަފްޒުތައް އަހަރެމެންގެ ބަސްކޮށާރަށް ނުވަންނަ ދުވަސްވަރެކެވެ. މީހުން ކޮފީއަށް ދިޔައީ ކޮފީ ތަށީގެ ފޮޓޯ ނަގައި، އޭގެ ރީތިކަންދައްކާކަށް ނޫނެވެ؛  ދިރިއުޅުން ކުޑަކޮށް މަޑުޖައްސައިލައި، އަނެކާއާ ވާހަކަދައްކައިލައިށެވެ.

ވާހަކަ ނުދައްކަންޏާ އެ މޭޒުގައި އިންނަ ވާހަކަ ދައްކާ ހަމައެކަނި މީހާ ދައްކާ ވާހަކަ އަޑުއަހާށެވެ. އަދި އެ ދުވަސްވަރަކީ ރާއްޖެއަށް އިސްލާހީ އޮއިވަރު އެންމެ ބޮޑުވެގެން އައި ޒަމާނެވެ.

އެއީ "ކޮފީއަށް ދިއުން" ވަކި ހާއްސަ ސަގާފަތަކަށް ވެގެންދިޔަ ދުވަސްވަރެކެވެ. އޭރުގެ ކޮންމެ ކެފޭއަކީ މިއަދުގެ ތަފާތު ގްރޫޕް ޗެޓެއް ފަދައިން، ވަކި މިޒާޖެއްގެ ބަޔަކު އެއްވި ހާއްސަ ތަންތަނެވެ. މިއީ އެއްވެސް އިލްމީ ދިރާސާއަކަށް ނޫނީ 'ޑޭޓާ'އަކަށް ބިނާކޮށް ބުނާ ވާހަކައެއް ނޫނެވެ. ހަމައެކަނި އަހަރެންގެ އޮބްޒަވޭޝަންއެކެވެ.

އޭރު އެންމެ ގިނައިން އަހަންނަށް ދެވިފައި ހުރީ މި މާލޭގެ އަލްފްރެސްކޯއަށެވެ. މިލްކް ކޮފީއަކާއި ޓޫނާ ޕަނީނޯއެއް ނޫނީ ކްރީމް ބަނަހެއް ކާން އެ ތަނަށް ދަމެވެ. އެ ތަނަކީ މުޅިން ތަފާތު ފަންނެއްގެ މީހުން ގުޅުވައިދޭ ތަނެކެވެ.

އެއްކޮޅުން ފަންނުވެރިންނާއި އީޖާދީ ޚިޔާލުތަކުގެ ޒުވާނުންނެވެ. އަނެއްކޮޅުން ބާޒާރުމަތީގެ އެކި އުމުރުގެ، އެކި ފަންތީގެ ވިޔަފާރިވެރިންނެވެ. ޑޯން ކެފޭ ނުވަތަ ބޮޑުހޮޓާ ފަދަ ޒަމާންވީ ސައިހޮޓާތަކުގެ ބަދަލުގައި، މޮޑަން ކެފޭއެއްގެ ތަޖުރިބާ ހިޔާރުކުރި ޒުވާނުންނެވެ. އެކި ދާއިރާތަކުގެ މީހުން އެއްވެ، ވިޔަފާރި އާއި ފަންނުވެރިކަމުގެ ތަފާތު ވާހަކަތައް އުފަންވީ އެ ތަނުގައެވެ.

އަނެއްކާ އެވަރަށް ޒުވާބުތަކާއި، އެކި ކަހަލަ ޖަދަލުތައް ވެސް އެތަނުގައި އޮވެއެވެ. އެއްވެސް މީހަކު ގޫގުލް ބަލައިގެން ނޫނީ ނެޓުގައި އޮތިއްޔޭ ކިޔައިފައި އެއްވެސް ވާހަކައެއް ނުދައްކައެވެ. ހަމައެކަނި، ކޮންމެ މީހެއްގެވެސް މައިގަނޑު މަސްދަރަކީ އާންމު ޚަބަރުތަކުން ނޫނީ ކިޔަވައިގެން ހުރި އެއްޗަކުން ނުވަތަ ލިބި ހުރި ތަޖުރިބާއެއްގެ އަލީގައި ދައްކާ ވާހަކައެވެ.

އެ ތަނަށް ދާ ހަމަ ކޮންމެ މީހަކީވެސް ތަފާތު "ކެރެކްޓާ" އެކެވެ.

ކަންކަން އޭރު ރޭވިފައި ހުންނަ ގޮތުން ބައްޕަ ގޮވައިގެން އެސްބީއައިއަށް ވަރަށް ގިނައިން ދާން ޖެހެއެވެ. އެ ދާދިއުމުގައި ބައެއް ފަހަރު ނަސަންދުރައިގައި ހުންނަ ޓްރެންޑްސް ގާޑަން ރެސްޓޯރަންޓަށް ވަދެލަމެވެ. އެކަމަކު ޓައި އަޅާފައި ތިބޭ މީހުން ގިނަކަމުން މާ ގަދަގަދަކޮށް އުޅޭކަށް ނުވެސް ކެރެއެވެ.

އެކަމަކު އެ ތަނަށް ވަދެއްޖެނަމަ ފެންނަނީ ދިރިއުޅުމުގެ މުޅިން އެހެން ފަށަލައެކެވެ. އެ ތަނުގެ ފެހި ގަސްތަކުގެ ހިޔަލާއި، މަޝްހޫރު ކްލަބް ސޭންޑްވިޗަކީ މާ މީރު އެއްޗެއް ކަންނޭނގެއެވެ. ނޫނީ އެއީ ހަމައެކަނި މެނޫގައި ހުންނަ އެތި ބާއޭ ހިތަށްއަރައި ފަހަރުފަހަރުވެސް އާދެއެވެ.

އެ ތަނަކީ އޭރު "މާލޭގެ ވައިޓް ކޮލަރ" މި ކިޔާ ވައްތަރު މީހުންގެ ނެޓްވޯކިންގެ މައި މަރުކަޒެވެ. ސަރުކާރުގެ އިސް މަގާމުތަކުގެ މީހުންނާއި ކުންފުނިތަކުގެ ވެރިންނާއި ނުފޫޒުގަދަ ބޮޑެތި ވިޔަފާރިވެރިން އެއްވެ، ރަސްމީ އަދި ނުރަސްމީ ވާހަކަތައް ދައްކަން އޮތް އެންމެ މަގުބޫލު މާހައުލެވެ. އެ މީހުންގެ އެތައް ބޮޑެތި ނިންމުންތަކެއްގެ ފެށުމަކީވެސް، ނިމުމަކީވެސް، ރޫޅުމަކީވެސް ޓްރެންޑްސްއެވެ.

ދެން ހުންނަނީ ގޯޑައުން ކެފޭއެވެ. އެ ތަން އިނގޭ ގޮތަކީ، މިފްކޯއާ ޖެހިގެން ހުންނަ ޖީ6 ކެފޭއަށް ގޮސް އިންނަ އިރު މީހުން ގޯޑައުން ކެފޭއެއްގެ ވާހަކަ މާ އޮލަކޮށް ދައްކާތީއެވެ.

އެ މީހުންގެ ބަހުންނަމަ އެ ތަނަކީ މުޅިން އެހެން ރޫހެއްގެ ތަނެކެވެ. ވަރަށް އުސް ސިޑިއަކުން އެރޭ އެ ތަނަށް ދެ ދުވަހެއްގެ މެންދުރުފަހު ދިޔަ އިރު، އެ ބުނާހެން، ބިލިއާޑު ކުޅުމާއި ކޮފީ ބުއިމާއި ގިޓާ ކުޅުން ފަދަ ކަންކަމުގައި މީހުން އަވަދިނެތި އުޅެއެވެ.

އަހަރެންގެ ހިތަށް އެރި އެވެ؛ މިއީ އަސްލު ވެސް އެހެން ރޫހެކެވެ.

އެތަނުގައި މާ ބޮޑު ވާހަކައެއް އެއްވެސް މީހަކު ނުދައްކައެވެ. ދެއްކިޔަސް ދައްކަން ޖެހެނީވެސް ވަރަށް ބާރަށެވެ. އެއީ އެ ތަނުގައި މިއުޒިކްގެ އަޑު ގަދަވީމައެވެ. ދުންގަނޑު އެހާ ބޮލެވެ. އެއީ ފިސާރި ޒުވާނުން މި ކިޔާ ކަހަލަ މީހުން އައިސް ގޮސްވި ތަނެކެވެ. އަހަރެންގެ ކަޓުކަމުން ކްލަބް ސްޓައިލްގެ އެ ވައްޓަފާޅިއަށް ފިޓެއް ނޫނެވެ.

ސިނގިރެޓެއް ނުބޮއި، ގިޓައެއް ނުކުޅެ، ބިލިއާޑުވެސް ކުޅޭކަށް ނުކެރެއެވެ. އަހަރެންނަށް ރޭގަނޑު އެ ތަނަށް ދިއުމުގެ ނަސީބެއް ވެސް ނުލިބެއެވެ. އަސްލު ދެން ދާން ނުވެސް ކެރެނީއެވެ. އެ ތަނަށް ރޭގަނޑު ދިޔަ މީހަކު މި އާޓިކަލްއަށް ކޮމަންޓްއެއް ކުރާނެ ކަމަށް ހީކުރަމެވެ.

ދެން ހުރީ އެސްޖެހި ގެލެރީއެވެ. މިހާރުގެ އޯވީއެސް ފިހާރަ ހުރި ތަނުގައި ހުރި އާސާރީ އެ ގެއަކީ އާޓް ގެލެރީއެއް ގޮތަށް ވެސް ބޭނުންކުރި ތަނެކެވެ. އަލްމަރްހޫމް މައިޒާން ހަސަން މަނިކުގެ އޮފީހެއް ނުވަތަ ސްޓޫޑިއޯއެއް ކަހަލަ ތަނަކަށް ބައްޕައާއެކު ދެވުނު ހަނދާނެއްވެއެވެ.

އެކަމަކު އެއީ ކެފޭއަކަށް އެ ތަން ހެދުމުގެ ކުރީންކަމެއް، ފަހުންކަމެއް މާ ރަނގަޅަކަށް ހަނދާނެއް ނެތެވެ. ބޮޑަށް ހީވަނީ ކުރީންހެނެވެ. ދެން އޯކޭ އެވެ. އެ ކެފޭއަކީ އެ ގޯތި ތެރޭގެ ބޮޑެތި ގަސްގަހުގެ ހިޔަލުގައި މާލޭގެ "އިންޓެލެކްޗުއަލް" ފަންތީގެ ގިނަ ބަޔަކު ޖަމާވި ތަނެވެ.

އެއީ އެ ތަނަށް އަހަރެން އެންމެ ފުރަތަމަ ގެންދިޔަ މީހާ އެ ތަން ސިފަކޮށްދިން ވެސް ގޮތެވެ - "އިންޓަލެކްޗުއަލް" އެވެ.

އަލްފްރެސްކޯއެކޭ އެއް ފަދައިން ކުރެހުންތެރިންނާއި ލިޔުންތެރިންނާއި ލޯޔަރުންނާއި ފަލްސަފާވެރިންނާއި އެކި ނަޒަރިއްޔާތުގެ ވިސްނުންތެރިން އެ ތަނުގައި ތިބެ ފުން ބަހުސްތައް ކުރިއަށް ގެންދިޔައެވެ. އެކަމަކު އަލްފްރެސްކޯއަށް ދާ މީހުންނާ މި ތަނުގައި މި ތިބޭ މީހުންނާ ތަފާތެއް ހުރެއެވެ.

މި ތަނަށް ދާ ގިނަ މީހުން އަތުގައި ރުފިޔާ ތަންކޮޅެއް ގިނައިން ހުންނަކަން ފާހަގަކުރެވެއެވެ. ސިނގިރޭޓު ބެހުމުގައިވެސް ދީލަތި ގޮތެއް ހުރެއެވެ. ލައިޓަރު ގެއްލުނަކަސް މާ ބޮޑު ކަމަކަށް ނަހަދައެވެ.

އޭރު ދިރިއުޅުން މިހާރުހާ އަވަހެއް ވެސް ނޫނެވެ. އަވަސް ނޫންކަން އިނގެނީ އޭރަށްވުރެ މިހާރު ހޭބޯނާރާ އުޅެން ޖެހޭތީ އެވެ. ދެ ތިން ގަޑިއިރު އެއް މޭޒެއްގެ ދޮށުގައި އޭރު އެންމެ ކޮފީއަކުން ފުއްދައިލައިގެން ތިބެވުނެވެ.

ބަހުސް ހޫނުވެ، ޚިޔާލު ތަފާތުވި ނަމަވެސް، މޭޒު ދޫކޮށް ދިޔައީ ގުޅުން ކަނޑައިލާފައެއް ނޫނެވެ؛ ސީދާ ލޮލަށް، އަނެއް ފަހަރުތަކުގައި އަނގައަށް ބަލައިގެން ވާހަކަ ދެއްކިޔަސް ދައްކަނީ އިހުތިރާމާ އެކުގައެވެ. އަވަގުރާނަވެސް ގޮވާނެއެވެ. އެކަމަކު އެއީ ބަހުރުވައެވެ.

މިއަދު މާލޭގައި އެންމެ ފެންވަރު ރަނގަޅު ކޮފީ ލިބެން އެބަހުއްޓެވެ. އެންމެ ޒަމާނީ ފަރުމާގެ ކެފޭތައް އެބަހުއްޓެވެ. މިއަދު އަހަރެމެން އެކި މައުޟޫއުތަކަށް އެކި ގްރޫޕް ޗެޓް ހަދައިގެން ސްކްރީންތަކަށް ބަލަހައްޓައިގެން ތިބޭ ފަދައިން، އޭރުގެ މީހުން ދިޔައީ އެ މީހެއްގެ ފިކުރާއި މިޒާޖާ ގުޅޭ ކެފޭއަށެވެ.

މިހާރުވެސް ކެފޭތަކަށް ދަނީ އެހެން ކަންނޭނގެއެވެ. ނަމަވެސް ޒަމާން ބަދަލުވެ، އެ މޭޒުތައް ޑިޖިޓަލް ވީ ކަންނޭނގެއެވެ. އެއީ ތަރައްގީއެވެ. އެކަމަކު އެ ކެފޭތަކުގެ ހަނދާން އަދިވެސް ހިތުގައި ބިންވަޅު ނެގިފައި ހުންނަނީ، އެއީ ހަމައެކަނި ކައިބޮއެ އުޅުނު ތަންތަނަށް ނުވެ، އެ ދުވަސްވަރުގެ މުޅި މުޖުތަމައުގެ ހިތުގެ ވިންދު އެންމެ ފުރިހަމައަށް ދައްކުވައިދިން ހަގީގީ ދިރުމަކަށް އެ ތަންތަން ވީތީއެވެ.