މިރޭ ވެސް އެ ޖޯލީގައި ޒުލްފާ އެބައޮތެވެ. މިރޭ ވެސް އޭނާގެ ލޮލުފިޔަ ނުޖެހުނީކަން ޔަގީނެވެ. މިރޭ ވެސް އެ ހިތުގައި ހިތާމަ އުތުރިއަރަނީކަން ޔަގީނެވެ. މިރޭ ވެސް އެ މޭގައި ފިކުރުތައް ގިނަވެ ނޭވާ ހާސްވެފައިވީކަން ޔަގީނެވެ.

ކޮކާހަނދުވަރުގެ ތެރޭގައި މެންދަމުގެ ހިމޭންކަމަށް ހުއްޓިފައިވީ ޖޯލިތަކުގެ ތެރެއިން ޖޯއްޔެއްގައި އޮތް ޒުވާން އަންހެން މީހާ ފެނުމާ އެކު އަހުމަދުފުޅުގެ ހިތަށް އެރީ މިހެންނެވެ.

ހޭޅިފަށުގައި ހެދިފައި ހުރި ބޯށިގަސްތަކުގެ ތެރެއިން ނުކުމެ، މަޑުމަޑުން ހިނގާލާފައި ގޮސް ޒުލްފާ އޮތް ޖޯލިފަތީގެ ޖޯއްޔެއްގައި އަހުމަދުފުޅު އިށީނދެ، ޖައްސާލި އެވެ. ނިދި ނައިސްގެން އުޅޭ އޭނާގެ ލޮލަށާއި ބޮލަށް ބޭނުންވަނީ މާ ކަނޑުން އަރައިގެން އަންނަ ރޯޅީގެ ފިނިކަމެވެ. ނުވަތަ އޭނާގެ އެކަނިވެރި ހިތް އެދި ގޮވަމުން ދަނީ ޒުލްފާ ކަހަލަ ޖިންސުއްލަތީފެއްގެ ފިނިކަމަށެވެ.

އައުލާދެއް ނެތް ޒަވާޖީހަޔާތެއް އެކުގައި ހޭދަކުރި އަނބިމީހާ ދުނިޔެ އަޅައި ދިޔަތާ މިހާރު އެތައް އަހަރެއްވީ އެވެ. އެ ހިތާމައިން ހިމޭންކޮށްލި ދިރިއުޅުމަށް ގަވާއިދުން ކޮންމެ ދުވަހަކު ވެސް ޒިޔާރަތްކުރާ ބައިވެރިޔަކަށް ވެފައި ވަނީ މި އެކަނިވެރިކަމެވެ.

ރަށުގެ ހަލަބޮލިކަމާ އެކަހެރި ހިސާބެއްގައި އޭނާ ދިރިއުޅޭ ގެ އަކީ ހަޔާތުގެ ހަނދާންތައް ހިރަފުހުގައި ވަޅުލެވިފައިވާ ދާރުލްއާސާރެކެވެ. އެއީ އުފާވެރި ހަނދާންތަކާއި ހިތާމަވެރި އެތައް ހަނދާނެކެވެ. އަދި ކޮންމެ ރެޔަކު ވެސް އަހުމަދުފުޅުގެ ނިދި ނަގާލާ ހަނދާންތަކެކެވެ.

އެހެންވީމަ ނިދި ނައިސްގެން އެ އޮތީ ޒުލްފާ އެކަންޏެއް ނޫނެވެ. އަދި ނުނިދިގެން ފުރޮޅެމުން ދިޔަ ތަންމަތިން ތެދުވިގެން ރަށުގެ މި ހިސާބަށް އައި ފިނި ކޮންމެ މެންދަމެއްގައި ޒުލްފާއާ ބައްދަލު މި ވަނީ އޭގައި ކޮންމެވެސް ކަހަލަ ސިއްރެއް ވެސް އޮތީމަ އެވެ.

އެކަމަކު އަހުމަދުފުޅު ކުރީ އެހެން ސުވާލެކެވެ. ކޮންމެ ރެޔަކު ވެސް މި ޖޯލިފަތިން ޒުލްފާއާ ބައްދަލުވުމުން އެންމެ ފުރަތަމަ ކުރާ ސުވާލެވެ.

"މިރޭ ވެސް ނިދި ނައީތަ؟،" އަހުމަދުފުޅު އަހާލިއެވެ.

ހިމޭން ފިނި މެންދަމުގެ ތެރެއިން ދެމިގެން ދިޔަ އެ ސުވާލާ އެކު ޒުލްފާ މަޑުމަޑުން އަހުމަދުފުޅާ ދިމާލަށް ބަލައިލި އެވެ.

އޭނާގެ ދެ ލޯ އެ ވަނީ ފެންކަޅިވެފަ އެވެ. އެކަމަކު ވެސް ޒުލްފާ ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގައި ވަނީ ބަޔާންކުރަން ނޭނގޭ ފަދަ ގަދަ ރިހުމެކެވެ.

"ނިދި އަންނާނީ ކިހިނެއް؟ ހިތުގައި އޮތް ބަރުކަން ބޭރުނުވަނީސް ލޮލަކަށް އަރާމެއް ލިބޭނެތަ؟"

ޒުލްފާގެ އަތުގައި ވެސް ހުރީ ހުސް ސުވާލެވެ. އަދި މީގެ ހަފުތާއެއް ކުރިން ދެ މީހުން އަލަށް ބައްދަލުވި ރޭ އަހުމަދުފުޅުގެ ހިތުގައި ވެސް ވަރަށް ބައިވަރު ސުވާލުތަކެއް އުފެދުނެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވެސް ވަނެވެ.

ހަޔާތުގެ ބުރަ ދަތުރުން ކިތަންމެ ގިނަ ތަޖުރިބާއެއް ލިބި މުސްކުޅިވެފައިވިޔަސް އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. ދަންވަރުގެ މި ހަމަހިމޭންކަމުގެ ތެރޭގައި، މޫދުގެ ރާޅުތައް ގޮނޑުދޮށަށް ބޮސްދޭ އަޑު ފިޔަވައި އެހެން އަޑެއް ނެތް ވަގުތެއްގައި، ޒުވާން އަންހެނަކު އެކަނި އެގޮތަށް ޖޯލީގައި އޮތުމަކީ އާދައިގެ ކަމެއް ނޫނެވެ.

ނަމަވެސް ޒުލްފާގެ ވާހަކައިގައިވީ އަސަރުތައް އެ ވަނީ އަހުމަދުފުޅުގެ ހިތުގައި އުފެދުނު އެ ވަސްވާސްތައް އެއްކޮށް ފިލުވައި ދެ ހިތް ގުޅުވައިފަ އެވެ. ދެ މީހުން ވެސް ދައްކަނީ ހިތާމައިގެ ވާހަކައެވެ. ބީވެދިޔަ ދުވަސްތަކުގެ ވާހަކައެވެ. މާޒީގެ ރާޅުތަކުގެ ތެރެއަށް ޣަރަގުވެފައިވީ ލޯބީގެ ވާހަކަ އެވެ.

"ލޯތްބަކީ ހާދަ ބާރުގަދަ އެއްޗެކޭ ދޯ؟،" އަހުމަދުފުޅު ބުނެލި އެވެ.

"އެކަމަކު ލޯތްބަށްވުރެ ބާރުގަދަ އެހެން ކަންތައްތައް ވެސް ދުނިޔޭގައިވެޔޭ،" ޒުލްފާ ޖޯލީގައި ހަމަޖެހިލަމުން ބުނެލި އެވެ.

 "އަހުމަދުފުޅަށް އެނގޭތަ؟ ބައެއް ފަހަރު އިންސާނުންގެ އުފާވެރި ދިރިއުޅުމުގެ ތެރެއަށް، އެމީހުންނަށް ނުފެންނަ ބާރުތަކަކުން ވަދެގަނޭ. މިސާލަކަށް ސިހުރު،" މިހެން ބުނެލުމާ އެކު އެ ވާހަކަ މެދުން ބުރިކޮށް ޒުލްފާގެ ހަތަރުކަޅި އަހުމަދުފުޅާ ހަމަކޮށްލި އެވެ.

"ސިހުރަކީ ހަމައެކަނި ފޮތެއްގައި އޮންނަ އެއްޗެއް ނޫން. އެއީ މީހުންގެ ކައިވެނި ރޫޅާލާ، ހިތްތަކުގައި ނަފުރަތު އުފައްދާ ހަގީގީ ބާރެއް. ވެދާނެއެއް ނުން އަހަރެން ވެސް މިއީ އެފަދަ ހިތްދަތިކަމެއްގެ ތެރޭގައި ތާށިވެފައި ހުރި މީހެއް ކަމަށް."

ތެދެކެވެ. ޒުލްފާގެ ލޮލަށް ނިދިނައިސްގެން އުޅޭ އުޅުމަކީ ސިހުރުވެރިކަމެއްގެ މުސީބާތަކާ ގުޅިފައި އޮތް ކަމަކަށް ވެސް ވެދާނެ އެވެ. ނަމަވެސް އެ ޖޯލީގައި އޮވެ ޒުލްފާ ކިޔައިދިން ވާހަކައެއް ފިޔަވައި އޭނާގެ ހަޔާތާ ބެހޭ މާ ގިނަ ވާހަކަތަކެއް އަހުމަދުފުޅަކަށް ނޭނގެ އެވެ.

އޭނާއަކީ މި ރަށުގައި ބީރައްޓެއްސެކެވެ. ފިރިމީހާއާ މައްސަލަ ޖެހިގެން ބޯހަމަޖައްސާލަން މި ރަށަށް ދަތުރު އައިސް އުޅޭ އަންހެނެކެވެ. އަދި އެ މޫނުމަތި، ހިނިތުންވުމަކުން ކިތަންމެ އުޖާލާކުރިޔަސް ހިތާމައިގެ އަސަރު ނޫން އަސަރެއް އެ ދެ ލޮލުން ނުފެންނަ މައުސޫމު ކަމެކެވެ.

"ޒުލްފާ ތިޔަ ބުނަނީ ކައިވެނި ރޫޅާލަން ބަޔަކު ސިހުރު ހެދީއޭތަ؟،" އަހުމަދުފުޅު ގެންދިޔައީ އޭނާގެ ޝައުޤުވެރިކަން ނަގައި ދެ މީހުންގެ ދެމެދުގައި ރޯވެފައި އޮތް ވާހަކައިގެ ތެރެއަށް ކޮށްޕަމުންނެވެ.  

ޒުލްފާ ގެންދިޔައީ ހަޔާތުގައި ރޯވެފައިވީ އަލިފާންގަނޑުން އަހުމަދުފުޅުގެ ހީ ހަމަ ރަނގަޅަށް ވެސް ފިލުވައިދެމުންނެވެ.

"އަހުމަދުފުޅަށް ހީވަނީ އިންސާނާގެ ހަށިގަނޑަކީ ވަރުގަދަ ކިއްލާއެއްހެންތަ؟ ނޫނޭ، އެއީ ވަރަށް ތުނި ފޭރާމެއް. ހިތުގައި ބިރުވެރިކަން ނުވަތަ ހަސަދައިގެ ކުޑަ ކުޑަ ލޯވަޅެއް އުފެދުނަސް، ފެންނަން ނެތް މަހުލޫޤުން ހިޔަންޏެއް ފަދައިން އެތެރެއަށް ދެމިގަންނާނެ"

އަހުމަދުފުޅުގެ ދެ އަތުން ހީބިހި ނަގައިގަތެވެ. ޒުލްފާގެ ވާހަކަ މެދުކެނޑުނުގޮތުން ހީވީ އެކަން އޭނާ އަށް އެނގުނުހެންނެވެ. އެކަމަކު އަނެއްކާވެސް އޭނާ ފަށައިގަތެވެ.

"ލޭގެ ހިނގުމުގެ ތެރެއަށް ވަދެ، ނާރުތަކުގައި ހާލި ހަދާނެ. އޭރުން އެމީހާގެ އަމިއްލަ އިހުސާސްތަކަށްވުރެ ބާރުގަދަވާނީ އެ ހަށިގަނޑުގައި ލޭ ފަދައިން ދައުރުވާ ނުބައި ބާރު،" ޒުލްފާގެ އަޑުގައިވީ ފިނިކަން އަހުމަދުފުޅުގެ ހަތަރެސްފައިގައި ރަނގަޅަށް ވެސް ހިފާލައިފި އެވެ.

"ބައެއް ފަހަރު މި ރޫހުތަކަކީ މިނިވަނުންނެއް ވެސް ނޫން. ސިހުރުވެރިޔަކު އެމީހުން ބަންދުކުރަނީ ގަދަފަދަ ހުވާތަކަކުން. އެމީހުންގެ ކިޔަމަންތެރިކަން ހޯދަނީ އަލިފާނުގެ އަޒާބުން ބިރުދައްކައިގެން. އޭރުން އެމީހުންނަށް އޮންނާނީ ދެގޮތެއް: ސިހުރުވެރިޔާ ބުނާ މީހެއްގެ ދިރިއުޅުން ގޮސް ކާލުން، ނޫނީ އަމިއްލައަށް އަނދައި އަޅިއަށްވުން. އެއީ ހާދަ ނިކަމެތި ހާލަތެކޭ."

ޒުލްފާގެ ވާހަކަ އަށް ބުނާނެ އެއްޗެއް ނޭނގި އަހުމަދުފުޅަށް އިނދެވުނީ ބަސްހުއްޓިފަ އެވެ. މަޑުމަޑުން ބޯޖަހާލުން ފިޔަވައި އިތުރު ހަރަކާތެއް ވެސް ކޮށްލާކަށް އޭނާއަކަށް ނުކެރުނެވެ. އެހެން އިންދައި ގޮނޑުދޮށަށް ބިންދާލި ރާޅެއްގެ އަޑާ އެކު އަހުމަދުފުޅަށް ހީވީ އޭނާގެ ހިތަށް ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ.

ބިންދާލި ރާޅާ ދިމާލަށް ބަލައިލެވުނީ އަހުމަދުފުޅާއި ޒުލްފާ އަށް އެކުއެކީގަ އެވެ. އެވަގުތު އެމީހުންގެ ލޮލުގައި އަޅައިގަތީ ރާޅުޖަހާ ފަށުން ހިނގާލާފައި އަންނަ ޒުވާން ފިރިހެނެކެވެ. ފިޔަވަޅު ގުނަމުން ފަރުވާތެރިކަމާ އެކު ހިނގަމުން ދިޔަ ޒުވާނާގެ ކޮނޑުގައި އަތުރާފައި އޮތީ ރިހިކުލައިގެ ލާނދަލެކެވެ.

ވަކި ހިސާބަކަށް ގޮސް ހުއްޓި ހުސިޔާރުކަމާ އެކު އޭނާ ކޮނޑުމަތީގައި އޮތް ދާ ނަގައި އަތުގެ ކޮޅަށް ހޫރާލި އެވެ. ހޭބަލަމުން ދިޔަ މެކުނުތަކެއް އެ ވަގުތު ހާސްވެ ފުމެގަތެވެ. ހަނދުވަރުގެ އަލިކަމުގައި ރިހިފަތްގަނޑެއް ފަދައިން ވިދައި ބަބުޅަމުންނެވެ.

ބީއްސަމުން ދިޔަ ރާޅުތަކުގެ ތެރެއިން ގޮސް ގޮނޑުދޮށަށް އަރައި ޒުވާން މަސްވެރިޔާ އޭނާގެ ދަލުގައި ޖެހުނު މަސްކޮޅު ދަމައި އަރުވައިފި އެވެ. ހައެއްކަ މުށިމަހާއި ކަޅުއޮއްޓެކެވެ. އަދި އެ މަސްކޮޅު ނަގައި ހަންބުރިއަކަށް ލުމަށް ފަހު ލާނދާ ނަގައި އަނެއްކާވެސް ރީއްޗަށް އަތުރާލުމާ އެކު ކޮނޑުމައްޗަށް އެއްލައިލި އެވެ.

ޒުލްފާ އާއި އަހުމަދުފުޅު އޭރު ވެސް ތިބީ ދިއްގާ ގަސްތަކުގެ ހިޔަނީގައި ފޮރުވިފައިވީ ޖޯލީގެ މައިޒާނުގަ އެވެ. އަދި އެއްގަމަށް މިސްރާބު ޖަހާފައި އެވާ ޒުވާނާ އަކީ ކާކުކަން ނޭނގިގެން އަހުމަދުފުޅު ލޯ ކުނާކުރަމުން ގެންދިޔަ ނަމަވެސް އެއީ ކާކުކަން ޒުލްފާ އަށް ޔަގީންވެއްޖެ އެވެ.

"އަހަރެން މިރޭ މިތަނަށް މިއައީ އެކަންޏެއް ނޫނޭ. މި ހިޔަނީގައި އަހަރެން އެކަނި ހުއްޓަސް އެ އަންނަނީ އަހަރެންގެ މި ހަޔާތުގެ ހަގީގީ މަގުސަދު،" މިހެން ބުނެފައި ޒުލްފާ ޖޯލިން ތެދުވެ އޭނާގެ ވިހުރިފައި އޮތް ދިގު އިސްތަށިގަނޑު ފަހަތަށް ނަގައި ހުޅިއެއް ޖަހާލި އެވެ.

އެވަގުތު ޖެހިލި ގަދަ ރޯޅިއަކާ އެކު ދިއްގާގަހުގެ ފަތްތައް ތެޅިގަތީ، ނުފެންނަ ބާރެއް އެ ގަސްތަކުގެ ތެރެއިން ދެމިގަތް ފަދައިންނެވެ. އަދި ދުރުގައި މަޑުކޮށްލައިގެން ހުރި ޒުވާން މަސްވެރިޔާގެ އަތުގައި އޮތް އަލިގަދަ ޓޯޗު ބައްތީގެ އަލިކޮކާ އައިސް ޒުލްފާގެ މޫނަށް ހުއްޓިއްޖެ އެވެ.

"އެ ގޮވަނީ އަހަރެންގެ ނަސީބު. ދެން މިރޭ އަހަރެން ދަނީ،" ބައްތި ނިއްވާލާފައި ރަށު ތެރެއަށް އަރައިގެން ހިނގައިގަތް ޒުވާނާގެ ފަހަތުން ޒުލްފާ ހިނގައިގަތެވެ.

އެ ދެ މީހުން ރަށުތެރެއަށް އަރައި ގެއްލެންދެން އަހުމަދުފުޅު ބަލަން އިނީ ބަޔާންކުރަން ނޭނގޭ ފަދަ ހުސްކަމެއްގެ ތެރޭގައި ތާށިވެފައެވެ. އެކަމަކު ޒުލްފާ އާއި އޭނާގެ ފިރިމީހާގެ ހަޔާތުގައި އުފާވެރިކަން ދިރިއޮތްކަން ޔަގީންވުމުން ކުރިން އުފެދުނު ސުވާލުތައް ބާތިލުވީ އެވެ.

އޭނާގެ ލޯ ކުރިމަތިން އެ ދެމީހުން ގެއްލުމާއެކު، މުޅި އަތިރިމަތި އަނެއްކާވެސް ހަމަހިމޭންވިއެވެ. ދިއްގާގަސްތަކުގެ ތެރެއިން އިވޭ ފަނިފަކުސާގެ އަޑާއި، ގޮނޑުދޮށަށް ބޮސްދޭ ރާޅުތަކުގެ އަޑު ފިޔަވައި އެހެން އަޑެއް މިހާރަކު ނެތެވެ. އަދި ވައިގަދަވެ، ފިނިކަން އައިސް އަހުމަދުފުޅުގެ މުޅި ހަށިގަނޑުގައި ބައްދައިގަތެވެ. އެކަމަކު އެއީ ކަނޑުން އަރައިގެން އަންނަ ފިނިކަމެއް ނޫނެވެ. އެއީ މީގެ އެތައް އަހަރެއް ކުރިން އޭނާގެ ލޯބިވާ އަނބިމީހާ ވަކިވެދިޔަ ރޭ ވެސް އޭނާގެ މުޅި ހަށިގަނޑު ގަނޑުކޮށްލި ފަދަ ފިނިކަމެކެވެ.

** ** ** **

ޒުލްފާ ހިނގަމުން ދިޔައީ ގޯޅިއަކަށް ފަހު ގޯޅިއަކަށް އަޅަމުން ދިޔަ ޒުވާން މަސްވެރިޔާގެ ފަހަތުންނެވެ. ހިޔަންޏެއް ފަދައިންނެވެ. ނުވަތަ އުޑުމަތިން ހޯރަ އަޅާ ބާޒެއް، އޭގެ ޝިކާރައަށް ފާރަލަމުން ދާ ފަދައިންނެވެ.

މަސްވެރި ޒުވާނާ ގެޔަށް ވަނެވެ. އެއީ އަތިރިމަތީގެ ލޮނުވައިގެ ތެރޭގައި މުސްކުޅިވެ، ފަނާވަމުންދާ ކުޑަ ކުޑަ ޖިފުޓިގަނޑެކެވެ. ފަން ބަދިގޭގެ ބޭރުގައި އެލުވާފައި އޮތް ފުޅި ބައްތީގެ އަލީގައި މަސްކޮޅުގައި ހުޅުނބުޖަހައި ސާފުކޮށް ކޮށާލިއެވެ. އޭނާގެ ކޮންމެ ފިޔަވަޅަކާއި ކޮންމެ ހަރަކާތަކުން ފެންނަނީ ވަރުބަލިކަމަށްވުރެ ބޮޑަށް، އޭނާގެ ހަޔާތުގައި އޮތް ބަޔާންކުރަން ނޭނގޭ ފުން އުފާވެރިކަމެވެ.

އޭނާ ފެންވަރަން ގިފިއްޔަށް ވަންއިރު ބަދިގެ ތެރޭގައި އޭނާގެ ޒުވާން އަނބިގޮއްޔެ އަވަދިނެތި އުޅެ އެވެ. ގިފިލިން ނުކުތްއިރު މުޅި ގޯތިތެރެ އޮތީ ފިހުނު މަހާއި ހޫނު ގަރުދިޔައިގެ ވަހުން އެއްވަސްކޮށްފަ އެވެ. ކިތަންމެ އާދައިގެ ސުފުރާއަކަށްވިޔަސް އެ ދެމަފިރިންގެ ރޭގަނޑުގެ ކެއުން އެމީހުންނަށް ކަށަވަރުކޮށްދިނީ ލޯބީގެ އުސް ގަނޑުވަރެކެވެ.

ކައި ނިމިގެން ދުންބޮއެ އަނގަތަޅަން ތިއްބައި ނިދިވަރުބަލިވެއްޖެކަން ޔަގީންވުމުން ބައްތިއަކަށް ފަހު ބައްތިއެއް ނިއްވަމުން ގޮސް ދެ މީހުން ވެސް އެންމެފަހުން ގޮސް އެމީހުންގެ ދާނަށް އަރައި ހިންދެމިލައިފި އެވެ. އަދި ޖެހުނު ގޮތަށް ގަދަ ނިންޖަކުން ގައު ވެއްޖެ އެވެ.

އޭރު އެ ކޮޓަރީގެ އަނދިރި ކަނެއްގައި، ތެޅިގަލުގެ ފާރު ކައިރީގައި މަޑުކޮށްލައިގެން ހުރި މީހަކު ފެނެ އެވެ. އެމީހުންގެ އިމަށް ވަދެ ހިޔަންޏެއްގެ ސިފައިގައި އެތަނުގައި އެހެރީ ޒުލްފާ ނޫން ދެ ވަނަ މީހެއް ނޫނެވެ.

 އެ ރެއަށްފަހު، ޒުވާން މަސްވެރިޔާގެ އުފާވެރި ދިރިއުޅުމުގެ ފޭރާން މަޑުމަޑުން ވީދެން ފަށައިފި އެވެ. ސަބަބެއް ނެތް ޝައްކުތަކާއި، ހިތްނުތަނަވަސްކުރުވާ ޒުވާބުތަކުން ގޭގެ ހަތަރުފާރު ގުގުމަން ފަށައިފި އެވެ. ލޯބީގެ ބަދަލުގައި ބީރައްޓެހިކަން އެމީހުންގެ އިމަށް ވެރިވެއްޖެ އެވެ. ލޯބީގެ އުފާވެރި ކުލަތައް ފަނޑުވެ ނާމާން އަނދިރިކަމެއް ފެތުރިގަތެވެ.

އަމިއްލަ ފުރާނަ އަށް ވުރެ ބޮޑަށް ލޯބިވި އަނބިމީހާ މަތިން ކުއްލިއަކަށް ފޫހިވާން ފަށައިފި އެވެ. އަމިއްލަ ފުރާނަ އަށް ވުރެ ބޮޑަށް ލޯބިވި އަނބިމީހާގެ ސޫރަ ބިރުވެރި މަންޒަރަކަށް ބަދަލުވެއްޖެއެވެ. ހިތަށް ފިނިކަން ގެނުވި އެ ހިނިތުންވުން، އޭނާގެ ނަފުސު މަރާލާ ވަރުގެ ބާރުގަދަ ވިހައަކަށް ބަދަލުވެއްޖެ އެވެ.

ހީވާގި އެ އަނބިގޮއްޔެގެ މޫނުމަތިން އުޖާލާކަން ކެނޑި، ދިރުންހުރި އެ ދެލޮލުން އުފާވެރިކަން ފިލައިފި އެވެ. މުޅި މީހާ މިލައި މޯޅިވާން ފެށީ ހެނދުނަށް ފޮޅޭ މަލެއް އަސުރަށް މޯޅިވެ ހުތުރުވެދާ ފަދައިންނެވެ. އެއީ އާދައިގެ ބައްޔެއް ނޫނެވެ. އެއީ ރޫހުގެ އެންމެ ފުންމިނަށް ފެތުރިގެންދިޔަ، ފަރުވާއެއް ނެތް ސިހުރުގެ ގަދަފަދަ ހަމަލާ އެކެވެ.

މައުސޫމު އެ އަނބިގޮއްޔެ ދުނިޔެ އަޅައިދިޔައިރު ވެސް ޒުވާން މަސްވެރިޔާގެ ހިތް އޮތީ ނަފުރަތުން ކިލަނބުވެ ފުރިފަ އެވެ. އެ ހިތް ކަޅުކޮށްލި ސަބަބު އޭނާ އަށް ނޭނގުނަސް އަލަތު އަނބިމީހާއާ މެދު ކުއްލިއަކަށް އެހާ ހިތްނުބައިވެވުނީތީ ވެއްޓިގެން ގޮސް ޖެހުނީ ނުނިކުމެވުނު ގިލަންވެރިކަމެއްގަ އެވެ.

އެ ޒުވާން މަސްވެރިޔާ އޭގެ ފަހުން ދުވަހަކުވެސް އެހެން ކައިވެންޏެއް ނުކުރެއެވެ. ނުވަތަ އެއީ އާއިލާގެ ނުރުހުމުގައި އޭނާ ފަދަ ފަގީރަކާ އިންނަން އެއްބަސްވި ގޮމަޔަށް އޭނާގެ އާއިލާ އިން ދިން ހަމަލާއެއްގެ އަސަރެވެ.

އެ ހާދިސާއަށްފަހު، ޒުވާން މަސްވެރިޔާގެ ހަޔާތުގެ ބަގީޗާގައި ދެވަނަ ފަހަރަށް މަލެއް ނުފޮޅުނެވެ. އޭނާގެ ހިތުގެ ދޮރުތަކުގައި ހީވަނީ މުޅި އުމުރަށް ތަޅުލެވި ބަންދުވެފައިވާހެންނެވެ.

މިއަދު ވެސް އޭނާގެ ހިތުގައި އޮތީ ބަޔާންކުރަން ނޭނގޭ ފަދަ ބަރުކަމެކެވެ. އޭނާގެ ހިނިތުންވުމާއި، އޭނާގެ އުފާވެރިކަން ވަނީ ކޮންމެވެސް ނުފެންނަ ބާރަކުން ވަގަށް ނަގައިފަ އެވެ. އޭނާގެ ނިންޖާއި އަރާމު ވަނީ މެންދަމުގެ ކަނު އަނދިރިކަމަށް ގެއްލިފަ އެވެ.

އޭނާ މުސްކުޅިވަމުން ދިޔައީ ރަށުގެ މީހުންނާ އެކަހެރިވެ، ބޯދާ ގެއެއްގެ ތެރޭގައި އަމިއްލަ ހިޔަންޏާ ވާހަކަ ދައްކަމުންނެވެ. ދިރިހުރި ކަމުގެ އިހުސާސެއް ނެތި އެވެ. ނޭވާލިޔަސް ގަބުރެއް ފަދަ ހާލުގަ އެވެ.

މިރޭ ވެސް އޭނާގެ ލޮލުފިޔަ ޖެހޭ ގޮތެއް ނުވި އެވެ. މިރޭ ވެސް އޭނާގެ އެކަނިވެރިކަމަށް ތަސައްލީއެއް ލިބޭނީ ރަށުގެ އަތިރިމަތީގައި ހުރި ދިއްގާ ގަސްތަކުގެ ތެރެއަށް ގޮސް ވަދެވުނީމަ އެވެ. މިރޭ ވެސް އޭނާގެ ހިތް ފުރޭނީ އެ ދިއްގާ ގަސްތަކުގެ ތެރޭގައި ދިރިއުޅޭ ޒުވާން އަންހެން ކުއްޖާއާ ބައްދަލުވެ ވާހަކަ ދައްކާލެވުނީމަ އެވެ.

ހޭޅިފަށުގައި ބޯކޮށް ހެދިފައި ހުރި ބޯށިގަސްތަކުގެ ތެރެއިން، ދުނިޔެވީ ބަރުކަމެއް ނެތް ފިޔަވަޅުތަކެއްގައި ނުކުމެގެން ގޮސް، އޭނާ ވަނީ ދިއްގާގަސްތަކުގެ ހިޔާދީފައިވާ ހަމަހިމޭންކަމުގެ ތެރެއަށެވެ. އެތަނުގައި، ލޮނުވައިގެ ތެރޭގައި ވީރާނާވެ، މުސްކުޅިވަމުން ދިޔަ ޖޯލިފަތީގައި ޖައްސާލައިގެން އޮތް ޒުވާން އަންހެންކުއްޖާ ފެނުމާއެކު، އޭނާގެ މަރުވެފައިވާ ރޫހު ދިރިގަތެވެ.

"މިރޭ ވެސް ނިދި ނައީތަ؟" ޖޯލީގައި ޖައްސާލުމާ އެކު އެތަނުގައި އޮތް ޒުވާން އަންހެން ކުއްޖާ އަހާލި އެވެ.

"ނިދި އަންނާނީ ކިހިނެއް؟ ހިތުގައި އޮތް ބަރުކަން ބޭރުނުވަނީސް ލޮލަކަށް އަރާމެއް ލިބޭނެތަ؟،" ޒުވާން މަސްވެރިޔާ ބުނެލި އެވެ.

އެކަމަކު އޭނާ އަކީ މިއަދު ޒުވާން މަސްވެރިއެއް ނޫނެވެ. އޭނާއަކީ އޭނާގެ އެކަނިވެރި ގޭގެ އެނދުމަތީގައި ފިނިވެ، ގަނޑުވެފައި އޮތް މުސްކުޅި އަހުމަދުފުޅެވެ. އޭނާގެ ހަށިގަނޑުން ފުރާނަ ވަކިވެގެން އެދިޔައީ، އޭނާގެ މުޅި ހަޔާތް ބިރުވެރި ހުވަފެނަކަށް ހަދާލި ސިހުރުގެ އެންމެ ފަހު ނޭވާއާއެކުގައެވެ.

ޖޯލީގައި އޮތް ޒުލްފާ މަޑުމަޑުން ތެދުވެ، އަހުމަދުފުޅުގެ އަތުގައި ހިފާލިއެވެ. އެކަމަކު މިއީ ލޯބިވެރިންގެ އޯގާވެރި ބައްދަލުވުމެއް ނޫނެވެ. އެއީ ޝިކާރަވެރިޔާ އޭނާގެ ޝިކާރަ ފުރިހަމައަށް މިލްކުކޮށްލި ވަގުތެވެ. ޒުލްފާގެ ދެ ލޯ މިރޭ ދިއްލިފައި އެ ވަނީ ކާމިޔާބީގެ ގަދަ ވިދުމަކުންނެވެ.

އަހުމަދުފުޅު ގޮވައިގެން އޭނާ ހިނގައިގަތީ މޫދާ ދިމާއަށެވެ. ރާޅުތަކުގެ ތެރެއަށް އެ ދެ ހިޔަނި އޮބިގެން ދިޔައިރު، އަހުމަދުފުޅަށް ހީވަނީ އޭނާ އަށް އެނބުރި އެ ދެވެނީ އޭނާގެ އުފާވެރި މާޒީއަށް ކަމަށެވެ. ނަމަވެސް، އޭނާ އެދަނީ އޭނާގެ ދިރިއުޅުން ކާލި މަހުލޫގާއާ އެކު އަބަދަށްޓަކައި އެކަނިވެރިކަމުގެ އަނދިރި ކަނޑަކަށް ގެނބުމަށެވެ.