މައިންބަފައިންގެ ނިންމުންތަކުގެ އަސަރު ދަރިންނަށް ކުރަނީ ކިހާ ފުންމިނެއްގައިކަން އެއްވެސް މީހަކަށް އިނގޭ ހެއްޔެވެ؟ ހިތުގައި ފުނިޖެހިފައިވާ ޝަކުވާތަކާއި އުދާސްތައް ވަޅުޖެއްސުމަށްފަހު ދަރިންނަށްޓަކައި އެކުގައި އުޅުމަށް ނިންމާ ނިންމުމުގެ ނަތީޖާއާމެދު ހަގީގަތުގައި ވިސްނާލެވުނުބާއެވެ.

އާއިލާއެއް ބިނާކުރަނީ އެކުގައި އުޅުމަށް އެތަކައް ވައުދުތަކެއް ވުމަށްފަހުއެވެ. އެހެންނަމަވެސް، އާއިލާއެއް ރޫޅާލުމަކީ ބައެއް ފަހަރު ދަރިންނަށް ކޮށްދެވޭ ހެޔޮކަމަކަށްވެސް ވެދާނެއެވެ. އެކަމަކު މިއީ ގިނަ މީހުން ދެކޭގޮތް ކަމުގައި ނުވެދާނެއެވެ. ކައިވެންޏަކީ ކުޅޭ ކުރިވަރަކަށް ނުހަދަން ބުނެފާނެއެވެ. އެހެނަސް އަރިއަޅާލާފައިވާ ކައިވެންޏެއް ދަރިންނަށްޓަކައި ވަކި ސަލާމަތް ކުރެވިދާނެ ހެއްޔެވެ؟

ދަރިންގެ ނަޒަރުގައި މައިންބަފައިންނަކީ އަމިއްލަ އިހްސާސްތަކެއް ހުންނާނެ ބައެއްކަން ނޭނގޭ ފަހަރު ހިނގައިދާނެއެވެ. ފުރާވަރުގައި ދީމާގެ ވިސްނުންވެސް ހުރީ އެކަހަލަ ގޮތަކަށެވެ. މައިންބަފައިން އެކުގައި އުޅޭތަން ފެންނަކަމަށްވާނަމަ، އެ ގުޅުމުގެ ތެރެއަށް ތިންވަނަ މީހެއް ވަނުމަކީ ދީމާގެ ނަޒަރުގައި ބަލައިގަނެވޭނެ ކަމެއްނޫނެވެ. ފެންނަ ކަންތައް ނުފެންނަ ކަމަށް ހެދެން ކިތަންމެ ބޭނުންވިޔަސް ލޯ ކުރިމަތީގައި ހިނގަމުންދިޔަ މަންޒަރުތަކަކީ ތެދެއްކަމުގައި ނޫނީ ނުވެއެވެ.

ދީމާގެ ބައްޕަ ދީމާއަށް އެހާ ހެޔޮ އިރު އެކަން ދީމާގެ މަންމައަށް ނުވިސްނުނީ ކީއްވެގެން ހެއްޔެވެ؟ ދީމާއަށް އެހާ ހެޔޮ ބައްޕައަކު ވަކި މަންމައަށް ގޯސްވާނެ ހެއްޔެވެ؟ އެހެނަސް ހަގީގަތަކީ، ކިތަންމެ ރަނގަޅު ބައްޕައަކަށް ވެވުނު ކަމުގައިވީނަމަވެސް، ލޯބިވާ ފިރިއަކަށް ނުވެވުމަކީވެސް ވާކަމެއްކަމެވެ. އެ ނިންމުމަށް ވާސިލްވުމަށް ދީމާގެ ފުރާވަރުގެ ސިކުނޑި އިންކާރު ކުރިއެވެ.

ދީމާއަށް ފެނިފައިވަނީ ދީމާގެ މަންމަގެ ހިތް އެހެން މީހަކަށް ދީލައިލި މަންޒަރެވެ. އެހާ ނާޒުކު ފައްތަރަކަށް މަންމަ ދާން ޖެހުނު ސަބަބާއިމެދު ވިސްނާކަށް ބޭނުމެއްވެސް ނުވިއެވެ. މަންމައަކީ ވެސް އަމިއްލަ އިހްސާސްތަކެއް ލިބިފައިވާ އަންހެނެއްކަމާއި، ދިރިއުޅުމުގައި މަންމަ ބޭނުންވާފަދަ ލޯތްބެއް ހޯދުމަށް ބޭނުންވެދާނެ އަންހެނެއްކަން ގަބޫލުކުރާކަށް ދީމާގެ ނަފްސު އެއްބަހެއްނުވިއެވެ.

ދީމާއަށް އަޑު އިވެނީ މަންމަ ބުނެފައިވާ ބަސްތަކެވެ. ދީމާގެ މައިންބަފައިން ވަކިނުވެ ތިބުމަށް ނިންމީ ދީމާއާއި އޭނާގެ ކޮއްކޮމެންނާ ހެދިހެއްޔެވެ؟ ތިންދަރިން ލިބިފައިވާ ކައިވެންޏެއް ޒަމާންގަނޑަކަށްފަހު ރޫޅާލުމުން އެހެން މީހުން ދެކޭނެގޮތާއިމެދު ދީމާގެ މައިންބަފައިން ނިންމީ ހެއްޔެވެ؟ ނޫނީ ދަރިންނަށް އެންމެ ރަނގަޅު މުސްތަގުބަލެއް ހޯދަދެވޭނީ އެކުގައި އުޅެގެންކަމަށް ދީމާގެ މައިންބަފައިން ނިންމީ ހެއްޔެވެ؟ ހައްތަހާވެސް ޖަވާބު ނުލިބޭ ސުވާލުތަކެވެ. ޖަވާބު ހޯދުމަށް ދީމާ ކިތަންމެ ބޭނުންވިޔަސް އަހާނީވެސް ވަކި ކާކު ކައިރީގައި ހެއްޔެވެ؟

އޭނާ އަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމައެކަނި އަންހެން ކުއްޖާއެވެ. އާއިލާއެއްގައި ހުރި ހަމައެކަނި އަންހެން ކުއްޖާއަށް ވުމަކީ އެއްބައި ހާލަތުގައި އޭގެން ވަރަށް ފޮނި ކަމެއް އިހްސާސްވާކެމެވެ. އަދި އަނެއްބައި ފަހަރުތަކުގައި އެއީ ވަރަށް ހިތިކަމަކަށްވެސް ވެދާނެއެވެ. ދީމާގެ މައިންބަފައިން ދީމާއަށާއި އޭނާގެ ކޮއްކޮމެންނަށް ވަރަށް ހެވެވެ.

އެހެނަސް ދެމަފިރިންގެ މެދުގައި އޮންނަންވާ ލޯބި ނެތްކަން ދީމާއަށް ވަރަށް ކުޑައިރުންފެށިގެންވެސް އިހްސާސް ވާން ފަށައިފިއެވެ. ދީމާއަށް ފެންނަނީ މަސައްކަތުގައި އަވަދިނެތި އުޅުނު ބައްޕަ އަހަރަކު އެއްފަހަރު ޗުއްޓީގައި ރަށަށް އަންނަ ތަނެވެ. އެމަދު ދުވަސްކޮޅުގެ ހަނދާންތަކުގައި ފޮނިކަމެއްވިޔަސް ހަގީގަތުގައި ބައްޕަ ނެތްކަމުގެ އިހްސާސް އެންމެ ބޮޑަށް ކުރެވޭނީ މަންމައަށްކަން ފުރާވަރުގެ ދީމާއަކަށް ނުވިސްނުނެވެ.

ދީމާއަށް ހިތްހަމަ ނުޖެހެވުނީ ދީމާގެ މަންމަ އާއި ބައްޕަގެ ދެމެދަށް ތިންވަނަ މީހަކު ވަނީމައެވެ. ނޫނެވެ. ތިންވަނަ މީހަކަށް އެދެމެދަށް ވަނުމުގެ ފުރުސަތު މަންމަ ދިނީމައެވެ. ދީމާގެ ހިތުގައި ފުނިޖެހުނު ޝަކުވާތައް ބަންޑުންކުރާނެ ގޮތެއް އެ އުމުރުގައި ނުވިސްނުނެވެ. ހިތުގައި އެ ހަނދާންތައް ވަޅުޖެހިގެން ދާން ދޫކޮށްލެވުނީ އެއީ ދައްކަން ފަސޭހަ ވާހަކައަކަށް ނުވީމައެވެ.

އެއީ މިހާރު މާޒީއެވެ. މިހާރު ވަކި ދީމާގެ ހާލަކީ ކޮބައި ހެއްޔެވެ؟

ދިރިއުޅުމުގެ ހާލަތުގެ އޮއެބާރުގައިޖެހި ދީމާގެ އުމުރުން މިހާރު ތިރީހުން މައްޗަށް ގޮސްފިއެވެ. ވީއިރު ދީމާ އަދިވެސް ހުއްސަރިބަޔަށް ހުރީ ކީއްވެގެން ހެއްޔެވެ؟ އެ ސުވާލު ދީމާގެ ހިތާ ކުރާތާ އެތަކެއް އަހަރެއްވެއްޖެއެވެ. ދީމާއަށް އާދަވެފައިހުރީ ލޯބިނުވާ ދެމީހަކު ދަރިންނަށްޓަކައި އެކުގައި އުޅުމަށް ނިންމި ތަނެވެ. އެ ނިންމުމުގެ ސަބަބުން ދީމާއަށް ކުރި އަސަރު ހަގީގަތުގައި ދީމާއަށްވެސް ނޭނގެއެވެ. ދީމާ ކައިވެންޏެއް ކުރަން ބޭނުންނުވަނީކީ ނޫނެވެ. ހަމަގައިމުވެސް ދީމާ އެހެން މީހުން ކައިރީގައި ބުނަނީ އެހެންނެވެ.

ދީމާގެ ދިރިއުޅުމަކީ ބޭރުން ބަލާއިރުގައި ހިތްގައިމު ދިރިއުޅުމެކެވެ. ދީމާއަކީ ރީތި އަދި ކިޔަވައިގެން ހުރި ޒުވާނެކެވެ. ވަޒީފާގެ މައިދާނުގައި ފައިތިލަ ސާބިތުކަމާއެކު އެޅިފައިވުމާއެކު ދީމާއަކީ އޭނާގެ ބަސްވިކޭ ދޫހަލުވި ޒުވާނެކެވެ. ވީއިރު ދީމާގެ ހަޔާތުގައި މިހާ ބޮޑު ހުސްކަމެއް އައީ ކީއްވެގެން ހެއްޔެވެ؟ ދީމާއަށް ދިރިއުޅުމެއް ނުފެނިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ؟

ދީމާ ބޭނުންވަނީ ދީމާވެސް ލޯބިވާ އަދި ދީމާދެކެ ލޯބިވާ މީހަކާ އެކު ދިރިއުޅުމެއް ފަށާށެވެ. ވީއިރު ދީމާގެ ހިތް އަބަދުވެސް ލިބެންނެތް ލޯތްބަކާއި ދިމާލަށް ދީލާލަނީ ކީއްވެގެން ހެއްޔެވެ؟ ދީމާގެ ހަޔާތަށް އައި ބައިވެރިންނަކީ ދީމާ ހަގީގަތުގައިވެސް ލޯބިވި މީހުންކަމާމެދު ޝައްކު އުފެދޭހާވެއެވެ. ދީމާދެކެ ލޯބިވި މީހެއް ދީމާގެ ދިރިއުޅުމަށް އައިކަމާމެދު އަދި މާބޮޑަށް ޝައްކުއުފެދެއެވެ.

ކޮންމެ ގުޅުމެއްގައި ސިއްކަ ޖެހިގެން ދަނީ އެގުޅުމެއް ދެމެހެއްޓޭތޯ ދީމާގެ ދެއަތުން އެތަކެއް މަސައްކަތެއްކޮށް އެތަކެއް އަހަރެއް އެމީހަކަށް ދިނުމަށްފަހުގައެވެ. އެ ގުޅުމެއް ދަމަހައްޓަން މަސައްކަތްކުރީ ދީމާ އެކަނިކަމަށް ވެދާނެއެވެ. ދީމާގެ ނަޒަރުގައި ދީމާގެ ހޮވުންތަކަކީ ހަރުދަނާ މީހުން ކަމަށް ވީނަމަވެސް، ދުރުން ބަލާ މީހަކަށް ފެންނަ މަންޒަރު ވަރަށް ތަފާތު ވެދާނެއެވެ.

ދީމާއަކީ ކެތްތެރިކަމުގެ އިންތިހާއެވެ. އެއީ ބައްޔަކަށް ވެދާނެކަމަކަށް ޚުދު ދީމާވެސް ހިތަކަށް ނާރާއެވެ. ދެމެހެއްޓެންނެތް ގުޅުމެއް ނެގެހެއްޓޭތޯ ދީމާގެ ކެތްތެރިކަން ކޮޅުންލަންދެން މަސައްކަތްކުރަނީ ދީމާގެ މައިންބަފައިން އެމީހުން ދިރިއުޅުން ރޫޅާނުލީމަ ހެއްޔެވެ؟ ދީމާއަށް ފެނިފައިވަނީ އެ މަންޒަރުކަމަށްވެފައި ދީމާގެ ނަޒަރުގައި އެއީ ކަން އޮންނަންޖެހޭނެ ގޮތްކަމަށް ދެކެވުނީ ކަމުގައިވުންވެސް އެކަށީގެންވެއެވެ.

ހަގީގަތަކީ ދީމާގެ ދިރިއުޅުން ނެގިމަޑުވެފައިވާތާ އެތަކެއް ޒަމާންތަކެއް ވެއްޖެކަމެވެ. ބޭރުފުށުން ކިތަންމެ ހިތްހަމަޖެހިފައި ހުރިކަމަށް ދައްކައިގެން ހުރިނަމަވެސް ދީމާގެ އެތެރެހަށީގައި ނަގަމުންދިޔަ ތޫފާނުގެ ބާރުދިޔައީ ދުވަހެއް ދުވަހަކަށް ގަދަވަމުންނެވެ. ދީމާގެ މައްސަލައަކީ ކޮބައި ހެއްޔެވެ؟ ފުނިފުނިޏަށް އެހެން މީހުނަށް ލޯބި ލިބޭއިރުގައި ދީމާގެ ހަޔާތަށް އެފަދަ އުފާވެރިކަމެއް ނައީ ދީމާއަށް ކޮން ކުށެއް ކުރެވިގެން ހެއްޔެވެ؟

ނުވަތަ މައްސަލައަކީ ދީމާއަށް ލޯބިވެވޭ މީހުން ކަމަށްވެސް ވެދާނެއެވެ. އެއްކަމެއް ވަރަށް ސާފެވެ. އެއީ ދީމާގެ ހިތް ދިން ކޮންމެ މީހަކަށްވެސް ދީމާ އެތަކެއް ވަގުތެއް ދިންކަމެވެ. ދީމާ ބޭނުންވާގޮތަށް ދީމާދެކެ ލޯބިވޭތޯ އެތަކެއް ފުރުސަތެއްދީ އެތަކެއް އާދޭހެއް އިއްވިއެވެ. ދީމާގެ އަމިއްލަ ނަފްސު ދީމާއަށް މަލާމާތްކުރާހާ ގިނަ ފުރުސަތެއެވެ.

އެހާ ގިނަ ފުރުސަތު ދޭން ޖެހުނީ ކީއްވެ ހެއްޔެވެ؟ ސަބަބު ދީމާއަށް ޚުދު ނޭނގުނަސް، ސަބަބަކީ ދީމާއަށް ކުޑައިރުންފެށިގެން ފެންނަމުން އައި މަންޒަރުކަމަށްވުން ވަރަށް ގާތެވެ. ދީމާއަށް ފެނުނީ ހިތް ކިތަންމެ ނުރުހުނަސް ނުވަތަ ހިތުގައި ކިތަންމެ ޖެހިފައިވިޔަސް އެކުގައި އުޅުމަށް ނިންމި، ދީމާގެ މައިންބަފައިންގެ ގުޅުމެވެ.

ދީމާގެ ނަޒަރުގައި ދީމާގެ ހަޔާތުގައި ފެތުރެމުންދިޔަ ހުސްކަމަކީ ދީމާގެ މައިންބަފައިންގެ ފަރާތުން ފެނުނު މިސާލުކަމަށް ދެކުމަކީ ހައްލެއްނޫނެވެ. އެހެންނަމަވެސް، މައިންބަފައިންގެ ނިންމުންތަކާއި އަމަލުތަކުގެ އަސަރު ދަރިންނަށް ކުރާ ފުންމިން އަސްލު ހަގީގަތުގައި ބެލިފައިވޭހެއްޔެވެ.

މައިންބަފައިންގެ ފަރާތުން އަނިޔާ ލިބޭ ކުދިންގެ ދިރިއުޅުމަށް ކުރާ އަސަރުގެ ވާހަކަ ދެއްކުނުކަމުގައިވީނަމަވެސް، މައިންބަފައިންގެ ހިމޭންކަމުގެ ސަބަބުން ދަރިންނަށް ކުރާ އަސަރާއިމެދު ވާހަކަ ދެއްކުމަކީ މަދުންނޫނީ ނުކުރާކަމެކެވެ. މައިންބަފައިންގެ ފަރާތުން ދަރިންނަށް ނޭނގިނަމަވެސް ނަގައިގަނެވޭ ފިލާވަޅަކީ، ދަރިންގެ ދިރިއުޅުމުގައި ކޮޅެއްނެތް ސިއްކައެއް ޖެހިދާނެކަމެއްކަމާމެދު ވިސްނާލެވޭ ފަހަރު އަދި މާމަދެވެ.

ދީމާ ބޭނުންވެގެން އުޅޭ ލޯބި ދީމާއަށް ދުވަހަކުވެސް ލިބިދާނެކަމާމެދު ދީމާގެ ހިތުގައި އަބަދުވެސް ޝައްކު އުފެދެއެވެ. ލޯތްބަކީ ކޮންމެ މީހަކަށް ލިބޭ ނަސީބަކަށް ނުވުމަކީވެސް ވެދާނެކަމެއްކަމުގައި ދީމާއަށް އިހްސާސް ކުރެވުނެވެ. ހަޔާތުގެ އެތަކެއް ދުވަހެއް މާޒީވެގެން ގޮސްފައިވާއިރު، ތިމާދެކެ ލޯބިވާ މީހަކާ ދިމާނުވުމަކީ ކިހާ ހިތްދަތިކަމެއްކަން އެންމެނަށް ނޭނގިދާނެއެވެ.

މަންޒިލެއްނެތި އާވާރާވަމުންދިޔަ ދީމާގެ ހިތުގައި ކޮށައިލި ފަރާތަކީ މީހެއްގެ ފިރިއަކަށްވުމަކީ ދީމާގެ ނަޒަރުގައި މައްސަލައެކެވެ. މީހެއްގެ ހައްގެއްދެކެ ދީމާ ލޯބިވެގެން ނުވާނެއެވެ. ވީއިރު ލޯބި ވެވުނީ ކީއްވެގެން ހެއްޔެވެ؟ ލޯބީގެ އިހުސާސް ކުރެވިފައިނުވާ މީހަކަށް އެހެން މީހަކު ކޮށްދޭ ވަރަށް ކުޑަކަމަކީ ލޯބިކަމަށް ދެކެވުމަކީވެސް ވަރަށް ގިނަ ފަހަރު ހެދޭ ގޯހެކެވެ. ދީމާއަށް ހެދުނު ގޯހަކީ އެއީކަމުގައި ވެދާނެއެވެ. އަމިއްލަ ނަފްސުވެސް ބީރަށްޓެހިވެފައިވާ ދީމާއަށް އެހެން މީހެއްގެ އިހްސާސްތައް ދެނެގަންނަން ވަކި އިނގިދާނެކަމާމެދު ޝައްކު އުފެދެއެވެ.

ދީމާއަކީ ދީމާގެ މަންމައަށް ވާކަށް ދީމާ ނޭދެއެވެ. މަންމައަކީ ގޯސް މީހަކަށް ވީމައެއް ނޫނެވެ. މަންމަހެން ދީމާވެސް މީހެއްގެ ފިރިއެއްދެކެ ލޯބިވާން ބޭނުންނުވީއެވެ. އެހެނަސް އާހިރުގައި ދީމާއަށްވެސް ހިނގުނީ ދީމާގެ މަންމަވެސް ހިނގި މަގުންނެވެ. ތަފާތަކީ ދީމާ ހުރީ ހުއްސަރިބަޔަށްކަމަށެވެ. އެހެނަސް ކަމުގެ ނަތީޖާއަކީ އެކައްޗެކެވެ. ދީމާގެ މަންމަހެން، ދީމާވެސް ކުރީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.

އެހެނަސް އެހާ ނާޒުކު ހާލަތަކަށް ދީމާ ދާންޖެހުނީ ކީއްވެގެން ހެއްޔެވެ؟ މުޅިންވެސް ލިބެންނެތް މީހުން ދީމާ ބޭނުންވަނީ ކީއްވެގެން ހެއްޔެވެ؟ ދީމާ އިހްތިޔާރުކުރޭތޯ އެތަކެއް އާދޭހެއް ބޭކާރު ކުރެވޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ އެއީވެސް ދީމާއަށް ފެނުނު ދީމާގެ މައިންބަފައިންގެ ނިންމުންތަކުގެ ނަމޫނާ ހެއްޔެވެ؟ ތިމާގެ އަމިއްލަ ނިންމުންތައް އެހެން މީހެއްގެ އަމަލުތަކާއި ބެއްސިދާނެހެއްޔެވެ؟ އަމިއްލަ މީހާގެ އެއްވެސް ޒިންމާއެއް ނެތީ ހެއްޔެވެ؟ ނޫނެކެވެ. ތިމާގެ އަމަލުތަކުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ ތިމާކަން ދީމާއަށް އެނގުނު ކަމުގައިވީ ނަމަވެސް، ދީމާގެ އަމަލުތައް އެ ބީދައިން ދާންޖެހުނީ ދީމާގެ ދިރިއުޅުމުގައި ފެނުނު ކަންތައްތައް ކަމަށްވުމަކީ ވެދާނެ ކަމެކެވެ. އެހެނަސް އެފަދައިން ވިސްނާ މީހުން ދުނިޔޭގައި ވަކި އުޅޭ ހެއްޔެވެ؟

ދިރިއުޅުމަކީ އޮއެބާރު ކަނޑެކެވެ. ރާޅުބާނީ ގިނަ އަދި އެހާމެ އަޑިގުޑަން ގިނަ އެއްޗެކެވެ. ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށްޓަކައި ނޫނީ ދަރިންނަށްޓަކައި އެކަނި ކައިވެންޏެއް ސަލާމަތް ނުކުރެވިދާނެއެވެ. އެއީ މައްސަލައަކަށް ކޮންމެހެން ވާހަކަށްވެސް ނުޖެހެއެވެ. މައިންބަފައިންނަށް ވުމުގެ ކުރިން ކޮންމެ މީހަކީވެސް އިންސާނެކެވެ. އަމިއްލަ އިހްސާސްތައް ދަރިންނަށްޓަކައި ކަފުން ކުރުމަކީ އޭގެ ހިތި ނަތީޖާ ދަރިން ތަހައްމަލު ކުރަންޖެހިދާނެ ކަމެކެވެ. ތިމާގެ އަމިއްލަ ނަފްސަށް ކިތަންމެ އޮޅުވާލި ކަމުގައި ވީނަމަވެސް، ހިތުގައި އުފެދިފައިވާ ޝަކުވާތައް ބަންޑުންވެގެންދާ ފަހަރު ވަރަށް ގިނައެވެ.

އެފަދަ ހާލަތުގައި އެ މަންޒަރު ބަލަންތިބެނީވެސް ހަމަ އެއްކަލަ ދަރިންނެވެ. އެ ދަރިންނަށްޓަކައި ލޯބިނުވާ މީހަކާއެކު ދިރިއުޅުން ބޭކާރުވެގެންދިޔަ ދަރިންނެވެ. ވީއިރު ދަރިންނަށްޓަކައި އެކުގައި އުޅުމަށް ނިންމި ނިންމުމުން ހާސިލްކުރަން ބޭނުންވި ނަތީޖާ ލިބިދާނެ ހެއްޔެވެ؟ ދިރިއުޅުމަކީ ހާއްސާސް އެއްޗެކެވެ. ތިމާގެ އަމަލުތަކަކީ އޭގެ ސަބަބުން އެހެން މީހުންނަށްވެސް އޭގެ އަސަރުކުރާ ކަންކަމެވެ. ވީއިރު އެކަމާމެދު ވިސްނާލެވޭނަމަ ތިމާއަށާއި، ތިމާގެ ދަރިންނަށްވެސް އެތަކެއް ހިތްދަތިކަމަކުން ސަލާމަތްކުރެވިދާނެއެވެ.

ބައެއް އަނިޔާއަކީ ބޭރަށް ފެންނާނެ ކަންކަމެއް ނޫނެވެ. އަމުދުން ހިތަށް ދެވޭ އަނިޔާއަކީ ތިމާނޫން އެހެން މީހަކަށް އިހްސާސް ކުރެވިދާނެ އެއްޗެއްނޫނެވެ. އަދި ބައެއް އަނިޔާއަކީ ހަޔާތުން ކިތަންމެ ދުވަހެއް ވޭތުވި ކަމުގައިވިޔަސް، ފަސޭހަވެސް ވާނެ އަނިޔާތަކެއް ނޫނެވެ. އޭގެ ލައްތައް މުޅި ދިރިއުޅުމަށް ފޭދިގެން ދިޔުމުން އޭގެ އަސަރުކުރަނީ ހަމައެކަނި ތިމާއަކަށް ނޫނެވެ. އޭގެ އަސަރު އެންމެ ގިނައިންކުރަނީ ތިމާގެ ދަރިންނަށެވެ.

ދީމާގެ މައިންބަފައިންނަކީ ރަހުމަތްތެރިންގެ ގޮތުގައި ބަލާނަމަ ނަމޫނާއެކެވެ. އެކަމަކު ލޯބިވެރިންގެ ގޮތުގައި ބަލާނަމަ، ދީމާގެ މައިންބަފައިން ލޯބިވެރިންގެ ލިސްޓުގައި ނުވެސް ހިމެނޭނެއެވެ. ދީމާއަށް ފެނިފައިވަނީ ހިތްނުރުހިފައިވާ މަންމަގެ ހިތުގައި ވަޅުޖެހެމުންދިޔަ ޝަކުވާތައް ބޭރަށް ދީލާލައިގެން ދިޔަ މަންޒަރެވެ. އަދި ލޯތްބަށް ވަގުތުނެތް ބައްޕަ އަދާކުރި ޒިންމާތަކެވެ. ދީމާ ބޭނުންވީ ޒިންމާދާރު އަދި ދީމާ ދެކެ ލޯބިވާ މީހެއް ލިބުމެވެ. އެހެނަސް ދީމާއަށް ލޯތްބަކީ ކޮންޗެއްކަން ފެނިފައިނެތުމަކީ، ދީމާއަށް ލޯބި އިހްސާސް ކުރަން ނޭނގުނު ހުރަހަކަށް ވެގެންދިޔައެވެ.

ތިމާދެކެ ހަގީގަތުގައިވެސް ލޯބިވާ މީހެއް ކައިރީގައި ތިމާދެކެ ލޯބިވާން އާދޭސް ކުރަން ނުޖެހޭނެކަން ދީމާއަށް އަދިވެސް ނުވިސްނެއެވެ. އެކަން ވިސްނިފައިވާނަމަ މީހެއްގެ ފިރިއެއްގެ ކައިރީގައި ދީމާ އާދޭހެއް ނުކުރީހެވެ. ތިމާދެކެ ލޯބި ނުވާމީހަކަށް ހަޔާތުގެ އެތަކެއް އަހަރެއް ބޭކާރެއްވެސް ނުކުރީހެވެ.

އެހެނަސް ދީމާއަށް ދަސްވެފައިހުރީ އެކުގައި އުޅުމެވެ. ތިމާގެ ހިތަށް ކިތަންމެ ތަދުވީކަމުގައިވީނަމަވެސް، ތިމާގެ ހިތް ކިހާ ބޭގަރާރު ވެފައިވާކަން އިހްސާސް ކުރެވުނަސް ވަކިވުމަކީ ހައްލެއް ނޫނެވެ. ދީމާ ނަޒަރުގައި ހުރިހާ ދޮރެއް ބަންދުވަންދެން މަސައްކަތް ކުރަންޖެހޭނެއެވެ. އެއީ ތިމާގެ ނަފްސު ކިހާ ބަލިކޮށްލާކަމެއްކަން ދީމާއަށް އިހްސާސެއް ނުވެއެވެ. ނުވަތަ އެ ހަގީގަތް ބަލައިގަންނަށް ދީމާގެ ނަފްސު އިންކާރު ކުރަނީއެވެ.

ތިމާ ހުރީ ކިހާ ހިތްހަމަ ޖެހިގެންކަން ދައްކަން މޫނުމައްޗެއް އަޅައިގެން އުޅެވިދާނެއެވެ. އެހެނަސް އެ ތަމްސީލު ކުޅެދެނީ ވަކި ކާކަށް ދައްކަން ކަމެއް ޚުދު ދީމާއަކަށްވެސް ނޭނގެއެވެ. ނަފްސާނީ ގޮތުން ދީމާ ހުރީ ކިހާ ނާޒުކު ފައްތަރެއްގައިކަން ދީމާއަށް އިހްސާސެއް ނުކުރެވެއެވެ. ދީމާއަށް ފެނިފައިހުރީ އަމިއްލަ އިހްސާސްތައް ކަފުންކޮށްގެން މަންމަ އުޅުނު މަންޒަރެވެ. ދީމާއަށްވެސް ދަސްވެފައިހުރީ އަމިއްލަ އިހްސާސްތައް އެއްވެސް މީހަކަށް ހިއްސާނުކޮށް، ތިމާ ހުރީ ކިހާ ހިތްހަމަޖެހިގެންކަން ދައްކައިގެން އުޅުމަށެވެ. އެހެނަސް އޭގެ ނަތީޖާއަކީ ތިމާ އެކަނިވެރިކަމުގެ ތެރެއަށް ގެނބިގެން ދިޔުންކަން ދީމާއަކަށް އަންދާޒާއެއް ނުކުރެވުނެވެ.

ދިރިއުޅުމެއް ފަށަން ދީމާ ކިތަންމެހާވެސް ބޭނުމެވެ. އެހެނަސް އެއީ ކިހާ އުނދަގޫ ކަމެއްކަމެއް ނޭނގެއެވެ. އެތަކެއް އަހަރެއް ވަންދެން އަމިއްލަ އިހްސާސްތައް ހިތުގައި ފުނިޖައްސައިގެން އުޅުމުގެ ނަތީޖާއަކަށް ވެގެންދިޔައީ، އަމިއްލަ އިހްސާސްތަކަށް ބަރޯސާ ނުކުރެވޭ ހިސާބަށް ދީމާ ދިޔުމެވެ.

ދީމާއަށް އަސްލު ހަގީގަތުގައިވެސް ލޯބިވެވިގެން މިއުޅެނީ މީހެއްގެ ފިރިއެއްދެކެ ހެއްޔެވެ؟ ނޫނީ ފުރަތަމަ ފަހަރަށް ދީމާގެ އިހްސާސްތައް އަޑުއެހި މީހަކީ އެއީ ކަމުގައިވެފައި، ދީމާ ހިތްއެދޭ ކަންތައްތައް ކޮށްދިން މީހަކީ އެއީ ކަމަށްވުމުން އެއީ ލޯބި ކަމުގައި ހީކުރެވުނީ ކަމަށްވެސް ވެދާނެއެވެ. އެއީ ދީމާ ފެންދޭން ބޭނުންނުވާ ގުޅުމެކެވެ. އެހެނަސް އެ ގުޅުން ނިންމާލާކަށްވެސް ދީމާ ބޭނުމެއްނުވެއެވެ.

ދީމާގެ ނަޒަރުގައި ދީމާއާއި އޭނައަކީ ވަރަށް މިޒާޖު އެއްގޮތް ދެމީހުންނެވެ. ދެމީހުންގެ އިހްސާސްތައް ވަރަށް އެއްގޮތެވެ. އޭނައާއެކުގައި ވަގުތު ހޭދަކުރުމުން، ވަގުތު މަޑުޖެހޭ ކަމުގެ އިހްސާސް ކުރެވެއެވެ. ހިތަށް ލުއި ލިބޭކަން އެނގެއެވެ. ދީމާ އޭނަ ދެކެވީ ލޯބި ބޭއްވީ ހިތުތެރޭގައެވެ. އެހެނަސް ދީމާގެ ދެލޮލުން އޭނާއަށްޓަކައި ލޯބިނޫން އެއްޗެއްނެތްކަން އޭނާއަށްވެސް އިނގޭ ކަހަލައެވެ. އެގުޅުމަށް ދޭނެ ނަމެއް ނޭނގުނެވެ. ވީމާ ރަހުމަތްތެރިންކަމަށް ނިންމައިގެން ދެމީހުންވެސް ތިބީއެވެ. ދީމާއަކީ ދީމާގެ މަންމައަށް ވާކަށް ދީމާ ބޭނުމެއްނޫނެވެ. އެހެނަސް ދީމާއަކީ ހަގީގަތުގައި ދީމާގެ މަންމަގެ ނަކަލެކެވެ. ދީމާއަށް ދަސްވެފައިހުރީ މަންމަގެ ގޮތެވެ.

ދަރިންގެ މިޒާޖަށާއި އުޅުމަށް އޭގެ އަސަރުކުރަނީ މައިންބަފައިން ދަރިންނާމެދު އިހާނެތިކޮށް ކަންތައް ކުރީމައި އެކަނިއެއްނޫނެވެ. މައިންބަފައިންގެ ފަރާތުން ދަރިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރަނީ ހަމައެކަނި ތަޅާ އަނިޔާކުރީމައެއްނޫނެވެ. ބައެއް އަނިޔާއަކީ މައިންބަފައިންނަށްވެސް ނޭނގި ދެވޭ އަނިޔާއަކަށް ވާފަހަރު އާދެއެވެ.

ދަރިންނަށް އެންމެ ރަނގަޅު ގޮތް އެނގޭނީ މައިންބަފައިންނަށެވެ. އެހެނަސް ދަރިންނަށްޓަކައި ނިންމާ ނިންމުންތަކުގެ ސަބަބުން ދަރިންގެ މުސްތަގުބަލަށް ވަރަށް ހީނުކުރާ ގޮތަކަށްވެސް އަސަރުކޮށްފާނެއެވެ. އަމިއްލަ އިހްސާސްތައް ދެނެގަތުމާއި، ތިމާ ހިތްއެދޭ ކަންކަމާއި ތިމާ ނުރުހުންވާ ކަންކަން ދެނެގަތުމަށްޓަކައިވެސް މައިންބަފައިންގެ ދައުރެއްވެއެވެ.

ދަރިންނަށްޓަކައި ލޯބިނުވާ މީހަކާއެކު އުޅުމަށް ނިންމާއިރުގައި އޭގެ ނަތީޖާއަކީ ކޮބައިކަމާމެދު ވިސްނާލުން މުހިންމެވެ. ތިމާއަކީވެސް ހިއްސުތައް ސަލާމަތުން ހުރި މީހެއްކަން އެނގެންޖެހެއެވެ. ތިމާގެ އުފާތަކެއް ވާކަން ގަބޫލުކުރަންޖެހެއެވެ. އެހެންމީހުންނަށްޓަކައި ދިރިއުޅެން ނިންމުމަކީ ތިމާގެ އަމިއްލަ ނަފްސަށާއި އެހެން މީހުންނަށްވެސް ދެވޭ އަނިޔާއަކަށް ވެދާނެއެވެ. ތިމާގެ ދިރިއުޅުން ތިމާ ބޭނުންވާ ގޮތަށް ބައްޓަންކުރުމަކީ އަމިއްލަ އެދުން ބޮޑު ކަމެއްގޮތަށް ފެނުނުކަމުގައިވީނަމަވެސް، އެއީ ކަން އޮތްގޮތް ކަމަށް ނުވެދާނެއެވެ.