މަށަކީ  މިއީ ލޯބީގެ ކަންކަމުގައި އެކްސްޕަރޓެއް ނޫނެވެ. އަދި މަގޭ ކައިރިއަށް ލޯބީގެ އެޑްވައިސްއެއް އަހަން  އޮޅުންފިލުވައިދޭން އެއްވެސް މީހަކު އަންނާނެހެންވެސް ހީއެއް ނުވެއެވެ. ނަމަވެސް، މިއީ އެންމެންވެސް ކިޔާލަންޖެހޭ ކަހަލަ ސަޅި ފޮތެކެވެ!

ގުޑް ރީޑްސް ގައި 4.27 ގެ ރޭޓިންގއެއް ލިބިފައިވާ 'ދަ ފައިވް ލަވް ލެންގުއޭޖު' އަކީ ހަގީގީ ދިރިއުޅުމުގައި ވަރަށް "ޔޫސްފުލް" އަދި ސިކުނޑި ހުޅުވާލަދޭ ފޮތެކެވެ.

"ލޯބިވުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެކަމަކު އެ ލޯބީގައި ދެމިތިބުމަކީ އަސްލު ގޮންޖެހުމެވެ. ދިރިއުޅުމުގެ "ސްޓްރެސް" އާއި، މައްސަލަތަކާއި، "ހޭބޯނާރާ އުޅޭއިރު ލޯބީގެ ގުޅުން ތާއަބަދު ތާޒާކޮށް ބާއްވާނީ ކިހިނެއް ހެއްޔެވެ؟" ނިއުޔޯކް ޓައިމްސްގެ ބެސްޓްސެލާ މި ފޮތުން ދުނިޔޭގެ އެތައް މިލިއަން ގުޅުންތަކެއް ސަލާމަތްކޮށްދިން ސިއްރުތައް އެނގިގެންދާނެއެވެ.

ބައިވެރިޔާއާ އެކީ އޮތް ގުޅުން ކިތަންމެ ސަޅިޔަސް ނުވަތަ ފަނޑުވަމުން ދިޔަޔަސް، ޑރ. ގެރީ ޗެޕްމަންގެ މި ފޮތުގެ ސަބަބުން ބައިވެރިޔާއާއެކު އޮންނަ ގުޅުން އެހެން "ލެވެލް" އަށް ސެޓުކޮށްލެވިދާނެ އެވެ. ޑރ. ގެރީ ޗެޕްމަން މެރިއޭޖް ކައުންސިލަރެއްގެ ގޮތުގައި 30 އަހަރަށްވުރެ ގިނަ ދުވަހު އުޅުނުއިރު، ގުޅުންތަކުގައި ދިމާވާނެ ހުރިހާ "ޑްރާމާއެއް" ވަނީ އަޑުއައްސަވާފައެވެ. ކައިވެނީގެ ތަފާތު މަރުހަލާތަކުގައިވާ ދެމަފިރިންނަށާއި، ގުޅުން "ބްރޭކްއަޕް" ވާން ކައިރިވެފައި ތިބި މީހުންނަށްވެސް އޭނާ ވަނީ އެހީތެރިވެދެއްވާފައެވެ.

1992 ގައި މި ފޮތް ނުކުތް ފަހުން 5 މިލިއަނަށްވުރެ ގިނަ ކޮޕީ ވަނީ ވިކިފައެވެ. އެކަމަކު އަސްލު ސަޅި ކަމަކީ މިއީކީ ހަމައެކަނި ވިކުނު އަދަދެއް ނޫނެވެ. މީގެއިން ގިނަ ބައެއްގެ ދިރިއުޅުމަށް ކުރި އަސަރެވެ. އެތައް ދެމަފިރިންނަކަށް ވަނީ، ރަނގަޅު "ލަވް ލޭންގުއޭޖް" ބޭނުންކޮށްގެން ސީދާ އަމަލުން ލޯބި ހާމަކުރާނެ ފަސޭހަ ގޮތްތައް ހޯދިފައެވެ. ލޯބިނެތް ކައިވެންޏެއްގައި  އުޅެވެނީ ކަމަށް ހީކޮށް، އަހަރުތަކެއް ވަންދެން "ޑިޕްރެސް" ވެފައި ތިބި އެތައް ބަޔަކަށް އެނގުނީ، އެމީހުންގެ ބައިވެރިޔާ ކުރީއްސުރެ ލޯބި ދެމުންދިޔައީ އަނެކާއަށް ފަހުމްނުވާ "ލޭންގުއޭޖަކުން" ކަމެވެ. ދެ މީހުންގެ ލަވް ލޭންގުއޭޖް ދެނެގަނެވުމާއެކު، އެއްކޮށް "ޑެޑް" ވެއްޖެކަމަށް ހީކުރި ލޯބި އަލުން "ރީޗާޖް" ވެގެންދިޔައެވެ.

މަށަށް މި ކޮންސެޕްޓް  އެންމެ ސަޅިކޮށް ކިޔަދޭން ބުނެވޭނީ "ލަވް ލޭންގުއޭޖް" ތަކަކީ އަހަރެމެންގެ އިހްސާސްތައް ދެނެގަތުމަށް ބޭނުންކުރާ ވަކި "ފްރީކުއެންސީ" ތަކެކޭވެ. މިސާލަކަށް، ތިބާ ވަރަށް މުހިންމު މެސެޖެއް ހައި ފްރިކުއެންސީ  ބޭނުންކޮށްގެން ފޮނުވަން އުޅުނަސް، އަނެއްކޮޅުން އަޑުއަހަން ހުރި މީހާގެ ރޭޑިއޯ ސެޓުކޮށްފައިވަނީ އަލްޓްރާ ހައި ފްރިކުއެންސީ އަށް ކަމަށްވަންޏާ، ތިބާ ކިތަންމެ ބާރަށް ހުނުނުކަމުގައިވިޔަސް އަނެއް މީހާއަށް އިވޭނީ ހަމައެކަނި "ޗަކަޗަކަ" ލައްވާ އަޑެވެ.

ނަމަވެސް، އަނެއް މީހާގެ ރޭޑިއޯ ހުރީ  އަލްޓްރާ ހައި ފްރިކުއެންސީ ގައިކަން އެނގުމުން، ތިބާގެ ފްރީކުއެންސީ އެއާ އެއްވަރަށް ބަދަލުކޮށްލުމުން ވަގުތުން "ގަޑަގަޑަ" އަޑު ކެނޑި، މެސެޖު ސާފުކޮށް އިވެން ފަށަ އެވެ. ލަވް ލޭންގުއޭޖަކީ ހަމައެއީއެވެ. ތިބާގެ ލޯބި "ގަޑަގަޑަ" އަޑުގެ ތެރޭގައި ގެއްލިގެން ނުދިއުމަށްޓަކައި، ބައިވެރިޔާ ހުރި ފްރީކުއެންސީއަށް ބަދަލުވާންޖެހެއެވެ.

ޑރ. ޗެޕްމަން ވިދާޅުވާ ގޮތުގައި، ތިބާ މީހަކުދެކެ ކިތަންމެ ވަރަކަށް ލޯބިވިޔަސް، އެމީހަކަށް ނުވިސްނޭ "ބަހަކުން" ލޯބިދޭނަމަ، އެ މީހާއަކަށް އެކަމެއް އިހުސާސެއް ނުވާނެއެވެ. މިސާލަކަށް، ތިބާ ބައިވެރިޔާއަށް އަގުބޮޑު ހަދިޔާއެއް ދީފާނެއެވެ. ނަމަވެސް އެމީހަކީ ހަދިޔާއަށް މާބޮޑު ސަމާލުކަމެއް ނުދޭ  މީހެއް ނަމަ، އެކަމުން އުފަލެއް ލިބޭނީ ހަމައެކަނި ތިބާއެވެ. ބައިވެރިޔާ އަސްލު  ބޭނުންވަނީ "ތިޔައީ ވަރަށްހިތްވަރު ގަދަ  މީހެކޭ" ބުނެލާނެ ހިތްވަރުދޭ ބަސްތަކަކަށް ވެސް ވެދާނެއެވެ.

މި ފޮތުގައި ޑރ. ޗެޕްމަން ގެނެސްދެއްވާ އެންމެ އަދި އެންމެ ސަޅި އެއް މެޓަފޯއަކީ 'އިމޯޝަނަލް ލަވް ޓޭންކް' ގެ ވާހަކައެވެ. އޭނާ ވިދާޅުވާ ގޮތުގައި އަހަރެމެން ކޮންމެ މީހެއްގެ އެތެރޭގައިވެސް ލޯބީގެ އިހުސާސްތައް ރައްކާކުރާ އަމިއްލަ "އިމޯޝަނަލް ޓޭންކެއް" އޮވެއެވެ. ޓޭންކު ފުރިފައި ހުންނައިރު ގުޅުން އޮންނާނީ އުފަލުން ގޮސް "ފުއްޕާފައެވެ." ކުދިކުދި މައްސަލަތައްވެސް ހައްލުކުރަން ފަސޭހަވާނެއެވެ. ޓޭންކު ހުސްވުމުން ވަގުތުން ރުޅިއައުމާއި، ދުރުވުމާއި، ބޯހާސްވާ "ޑްރާމާތައް" އުފެދެން ފަށާނެއެވެ.

ސައިކަލަށް ތެޔޮ އަޅާފަދައިން، ލަވް ލޭންގުއޭޖްތަކަކީ މި "ޓޭންކު" އަބަދުވެސް "ފުލްކޮށް" ބެހެއްޓުމަށް ބޭނުންކުރާ ޓޫލްސްތަކެވެ. ބައިވެރިޔާގެ ޓޭންކު ހުސްވާން ދޫކޮށްނުލާ، އޭނާއަށް ސީދާ އެނގޭ "ލޭންގުއޭޖުން" ލޯބި ދިނުމަކީ ގުޅުން "ސްމޫތުކޮށް" ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު ސިއްރެވެ.

ލޯބީގެ ފަސް ބަހުރުވަ

ޑރ. ޗެޕްމަން ހޯއްދެވި 5 "ލަވް ލޭންގުއޭޖް" އަކީ މިއީއެވެ. (ގިނަ މީހުންގެ ގައިގައި މީގެ މިކްސްއެއް ވެސް އުޅެފާނެ އެވެ.

1- ޖިސްމާނީ ގާތްކަން: އަތުގައި ހިފާލުމާއި، ގައިގައި ބައްދާލުން ފަދަ ކަންކަމުން ލޯބި އިހުސާސްވާ މީހުންނެވެ.

2- ވަގުތު ދިނުން: ފޯނާ ނުކުޅެ، ސީދާ އެކުގައި "ކޮލިޓީ" ވަގުތު ހޭދަކުރުމެވެ.

3- ހަދިޔާ ދިނެން: އަގުބޮޑު ނުވިޔަސް، "ހަނދާންކޮށްފައި" ދޭ ކުދިކުދި ހަދިޔާތަކުން އުފާވާ މީހުންނެވެ.

4- ހިތްވަރުދޭ ބަސްތައް: އަނގަބަހުން ނުވަތަ މެސެޖުން "ތިޔައީ ވަރަށް ސަޅި މީހެކޭ" ނުވަތަ "ޝުކުރިއްޔާއޭ" ބުނެދިނުމެވެ.

5- އެހީތެރިވެދިނުން: ވާހަކަދެއްކުމުގެ ބަދަލުގައި، ގޭތެރެ ސާފުކޮށްދިނުން ނުވަތަ ސައިތައްޓެއް ހަދައިދިނުން ފަދަ އަމަލީ އެހީތެރިކަމެވެ.

މި ފޮތް ކިޔައި ނިމޭއިރު، އަމިއްލަ ނަފްސާ މެދުގައާއި، ބައިވެރިޔާއާ އޮންނަ ގުޅުމާ މެދު މުޅިން އާ ނަޒަރިއްޔާތަކުން ވިސްނާލަން މަޖުބޫރު ކުރުވާނެއެވެ. މި ފޮތުން ދަސްކޮށްދެނީ "ހީކުރުންތަކުން" ދުރުވެ، ކަންކަން ކުރާށެވެ. ހަމައެކަނި ލޯބި ލިބޭނެކަމުގެ އުންމީދުގައި އިންތިޒާރުގައި ތިބުމުގެ ބަދަލުގައި، އެ އުފާވެރިކަން ދެމީހުން އެކުވެގެން އަމަލީ ގޮތުން "ކްރިއޭޓް" ކުރާނެ ގޮތެވެ.މިއީ ގުޅުންތަކުގައި ދިމާވާ ހުރިހާ މައްސަލައަކަށް އޮތް އެކަނި "ޖާދޫގެ ހައްލު" ކަމަށް ނުވެދާނެއެވެ. ނަމަވެސް، މިއީ އިހުސާސްތައް ދެނެގަނެ، އެކަކު އަނެކަކަށް އަޅާލާ، ވަރުގަދަ ގުޅުމެއް ބިނާކުރުމަށްޓަކައި އަޅަންޖެހޭ އެންމެ ވަރުގަދަ އަދި އެންމެ "ސަޅި" ބިންގާ ބިނާކުރުމަށް އެހީ އަކަށް ވެދާނެއެވެ.

އަލަށް ލޯބިވާއިރު އިހްސާސްވާ "ބަޓަރފްލައި" ތަކާއި އުފާވެރި އިހުސާސްތައް ދެމިހުންނަނީ ގިނަވެގެން 2 އަހަރަށެވެ. އަސްލު "ގޭމް" ފެށެނީ އެއަށްފަހުގައެވެ"ހަނީމޫން" މަރުހަލާ ނިމުމުން، ލޯބީގައި ދެމިތިބުމަކީ ކުރަންޖެހޭ ދާއިމީ  މަސައްކަތެކެވެ. މި ފޮތުން ދަސްކޮށްދެނީ އެ މަސައްކަތް "ސްމާޓްކޮށް" ކުރާނެ ގޮތެވެ.އަދިވެސް މި ފޮތް ނުކިޔާ ތިބީ ހެއްޔެވެ؟ ވަގުތުން ގޮސް ކިޔާބަލާށެވެ. ތިބާގެ ރިލޭޝަންޝިޕް ސަލާމަތްވެ، ނުވަތަ ކުރިއަށް އޮތް ތަނުގައި "ޑްރާމާ" ތަކުން ސަލާމަތްވުމުގެ އެހީތެރިއަކަށް މިފޮތް ހަމަ ވެދާނެއެވެ.މި ފޮތް ކިޔައިފަ އެތްނަމަ  ތިބާގެ "ލަވް ލޭންގުއޭޖް" އަކީ ކޮބައިކަން ކޮމެންޓްގައި ބުނެދީބަލާށެވެ.