ފުރަތަމަ ބައްދަލުވުމުގައި އެކަކު އަނެކަކަށް ދޭނެ އެއްވެސް އެއްޗެއް އަހަރެމެން ދެ މީހުންގެ އަތަކު ނެތެވެ. އެހެންކަމުން، އެންމެ އަގުބޮޑު އެއްޗަކަށްވީ ވަގުތެވެ.
އަހަރެމެން ދެ މީހުން އެންމެ ގިނައިން ގޮސް ވަގުތު ހޭދަކުރީ އާޓު ގެލަރީތަކުގަ އެވެ. ދެ މީހުން އަލަށް ބައްދަލުވެ، ދެކެފަރިތަވެ، ރައްޓެހިކަމެއް އުފެދުނީ ވެސް އާޓް ގެލަރީއަކުންނެވެ. މަޝްހޫރު ސުރިއަލިސްޓް ކުރެހުންތެރިޔާ އަފޫ ޝާފީގެ 'ވަގުތު' އެގްޒިބިޝަނުންނެވެ.
ވަގުތަކީ ދިރޭރަހަ ހެން ދެމޭ އެއްޗެކެވެ. މުޅި އެގްޒިބިޝަނުގައި އެންމެންގެ ޝައުގުވެރިކަން ދަމައިގަތް ކުރެހުމަކީ އެއީ އެވެ. އެ ކުރެހުމުގައި ފެންނަނީ ވިރި އޮހޮރެމުންދާ ވަގުތެވެ. ރަހަލީ ބިއްލޫރީގެ ދުނިޔެއެއްގައި އަތާއި އަތް ޖޯޑުކޮށްލައިގެން ތިބި ދެ ލޯބިވެރިންނެވެ.
އަހަރެމެން ދެ މީހުން ވެސް އެއްތަންކޮށް އަތާއި އަތް ޖޯޑުކުރުވީ އެ ޖާދުވީ ކުރެހުމެވެ.
ދިރިއުޅުމުގެ އަސްލު މަގު ފެނުމުގެ ކުރިން އަހަރެމެން ދެ މީހުން ވެސް ލޯބީގެ ކަނޑަކަށް ފެތުނީ އެ ކުރެހުމަށް ގެއްލިފައި ތިއްބަ އެވެ.
ވަޒީފާއެއް ހަމަޖެހިގެން އޭނާ މާލެ އަށް ބަދަލުވިތާ އޭރު ވާނީ އެއް މަހެވެ. އޭނާ ދިރިއުޅެމުން ދިޔައީ ވަޒީފާ އަށް ދާ ކުދިން ބައިތިއްބާ ގެއެއްގެ ހަލަބޮލިކަމުގެ ތެރޭގަ އެވެ. އަހަރެން ވެސް ނިދައި ހޭލީ ކުދިން ބައިތިއްބާ ގެއެއްގެ ކުޑަ ކޮޓަރިއަކަށެވެ.
އެ ހޫނާއި ދިލައިން ސަލާމަތްވުމަށް އަހަރެމެން ދެ މީހުން އަބަދުވެސް ކޮންމެވެސް ޕްލޭނެއް ކުރަމެވެ. މާލޭގައި އެގްޒިބިޝަނެއް ނެތް ނަމަ ހުޅުމާލޭގެ ގާޑިޔާ ޕާކަށެވެ. އެތަނުން ކާއްޓާއި މަހާއި ކަދުރު ކައިގެން ގޮސް ބީޗުގެ ބެންޗެއްގައި ގޮސް ޖައްސާލައިގެން ތިބޭއިރު ދިރިއުޅުން ލެވިފައި އޮތް ކުޑަކޮޓަރީގެ ހޫނުން މިންޖުކޮށްދެނީ ސުވަރުގެއެއް ފަދައިންނެވެ.
އޮއްސެމުންދާ އިރުގެ ޖާދުލަށް ބަލަން ތިބެމެވެ. ކަނޑުގެ ރާޅުތައް ގޮނޑުދޮށަށް ބީއްސަމުން ބުނަމުން ދިޔަ ސިއްރުތަކަށް ކަނުލައިގެން ތިބެމެވެ. ހަނދުވަރުކޮކާލުގެ ދިރޭ ކުރެހުންތައް އާޓް ގެލަރީތަކުން ފެންނަ ހުވަފެނީ ކުރެހުންތަކާ އަޅާކިޔައި ބަހުސްކުރަން ތިބެމެވެ.
އަހަރެމެން ބެލީ މޮޔަ ހުވަފެންތަކެކެވެ. ދެ މީހުން އެކުގައި ގަންނާނެ އެޕާޓްމަންޓަކާއި އެގޭގެ ފާރުތަކުގައި ހަރުކުރާނެ ކުރެހުންތަކެވެ. ހަރުތަކުގައި ބަހައްޓާނެ ގަސްގަހާގެހީގެ ވައްތަރުތަކާއި ފޮތްތަކެވެ. އަދި އަހަރެމެން ދެ މީހުންގެ ރަހަތަކަށް ހަޖޫޖަހާނެ ދަރިންތަކެއްގެ ހުވަފެން ވެސް ބެލެން ފެށުނެވެ.
އެންމެފަހުން ޒަވާޖީ ހަޔާތެއްގެ ކުރި އެ ވާހަކަތަކުން ފަޅައިފި އެވެ. ދެ މީހުން ކުރަހައި ކުލަޖައްސަމުން ދިޔަ އެ ކެންވަސްގެ މުސްތަގުބަލުގައި ނެތް ކުލައެއް ނެތެވެ.
ނަމަވެސް ރާނައި އުސްކުރަމުން ދިޔަ ގޭގެ ހަތަރު ފާރުގައި އެ ކެންވަސްތައް ހަރުކުރާނެ ތަނަވަސްކަމެއް އަހަރެންގެ އަތަކު އޭރަކު ނެތެވެ. އެ މުސްތަގުބަލު މާ މުއްސަނދިވެފައި، މާ ބޮޑަށް ވެސް ރީއްޗެވެ.
އިތުރަށް ފައިސާ ހޯދަން އަނެއްކާވެސް އިތުރު އެއް އަހަރު މަޑުކުރަން ދެ މީހުން ވެސް އެއްބަސްވީ އެވެ. އޭނާގެ އަތަށް ޝަރުތުހަމަވާ ފަދަ މީހަކަށް ވުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނާ ކޮންމެ ދުވަހަކު ވެސް އޭނާ މަޑުކުރީ ހިނިތުންވުމަކާ އެކުގަ އެވެ. އަދި އޭގެ ކޮންމެ ދުވަހަކީ އުއްމީދުތަކެއް އާކޮށްދިން ދުވަހެކެވެ.
ނަމަވެސް އުއްމީދުގެ ނަލަކަން އިހުސާސްކޮށްލެވޭނީ އުމުރުން ފަންސަވީސް ނަމަ ނޫން ހެއްޔެވެ؟
ދެބައި އުމުރަށް އެޅިފައިވާ މީހެއްގެ ހަޔާތުގައި އުއްމީދަކީ ހާދަ ފަނޑު ފަނޑު ކުލަ އެކެވެ.
ނަމަވެސް އަހަރެން އެދުނު ވަގުތާއި ދުވަހާއި އަހަރުތައް އޭނާ ދިޔައީ އަހަންނައްޓަކައި ގުރުބާންކުރަމުންނެވެ. އެ ހުރިހާ ތައްޔާރީއެއްގެ ތެރޭގައި އަހަންނަށް އުޅެވުނީ ދެ މީހުން ރާވަމުން ދިޔަ ދިރިއުޅުން މަތިން އެއްކޮށް ހަނދާންނެތިފަ އެވެ.
ނަމަވެސް ދިރިއުޅުމަކީ ތައްޔާރުވުމެއް ނޫނެވެ. އަހަރެމެން ދެ މީހުން ބެލި ހުވަފެނަކީ ތައްޔާރުވުމުގައި ތާށިވެ ދެމިތިބުމެއް ނޫނެވެ. ނަމަވެސް އޭނާ ދެން ވެސް ޝަކުވާއެއް ނުކުރެ އެވެ.
އެ ގުޅުމުގައި ޒުވާބެއް ނެތެވެ. ލޮލުން އޮހޮރުނު ކަރުނައެއް ނެތެވެ. ނަމަވެސް ކަޅިވެފައި އޮތީ ކެތްތެރިކަމުންނެވެ. އެކަމަކު އެ ކެތްތެރިކަން ކޮޅުންލާނެ ދުވަހެއް ވެސް އަންނާނެއެއް ނޫން ހެއްޔެވެ؟
އެއް ދުވަހެއްގެ ހަވީރު އޭނާ އަހަންނަށް މެސެޖުކުރި އެވެ. އަހަރެމެން ދެ މީހުން ދިޔައީ އާޓް ގެލަރީ އަށެވެ. އަނެއްކާވެސް އަފޫ ޝާފީގެ ހުވަފެނީ މައުރަޒަކަށެވެ. ގަނޑުވެފައިވީ ފެންފޮދެކެވެ.
ވިލާގަނޑަކުން ވެއްޓެން ތައްޔާރުވެފައި ވަނިކޮށް، ގަނޑުވެ ޖައްވުގެ ތެރޭގައި ހުއްޓުން އަރައި ހިފެހެއްޓިފައިވާ އާދަޔާހިލާފު ކުރެހުމެކެވެ. އޭގައި ވަނީ ވަގުތާއި ކެތްތެރިކަމުގެ އިބުރަތެވެ. ހާސިލުވެދާނެ ކަމަށް ހީކުރެވުނު ހުވަފެނެއްގެ ހާލަތެވެ. ހާސިލުނުވެ މަޑުމަޑުން ހަލާކުވަމުންދާ ގޮތެވެ.
އެހެން މީހެއްގެ ކައިވެނީގެ ހުށަހެޅުން ގަބޫލުކުރި ވާހަކަ އޭނާ އަހަރެން ގާތުގައި ބުނީ އެ ކުރެހުމަށް ބަލަހައްޓައިގެން ހުރެ އެވެ. އެ ވާހަކަ ފަހުމުވީ ވަގުތު އަހަންނަށް ހީވީ ކުރެހުމުގައިވީ ވާރޭގެ ތިކި ފަދައިން އަހަރެންގެ މުޅި ޖިސްމާއި ނަފުސު ގަނޑުވެ ހަރުވިހެންނެވެ.
ކުދިކުދިވި ހިތަށް ބަލަން ހުރެ އަހަރެންގެ ހިތަށް އެރީ އެ ހިތް ކުދިކުދިކުރީ އަހަރެންގެ އަމިއްލަ ދެ އަތުންނޭވެ.
އަހަރެން ހަމައެކަނި ހުވަފެނުގައި ދައްކަމުން ދިޔަ ދިރިއުޅުން އެހެން މީހަކު އައިސް އޭނާ އަށް ހަގީގަތަކަށް ހަދައި ދިނީ އެވެ. އެމީހުންގެ ކައިވެނީގެ ހަފުލާ އަށް އަހަރެން ދިޔައީމެވެ.
ރައްޓެހިން އެއްސެވެ؛ ކީއްކުރަން ހެއްޔެވެ؟
އަހަރެން ބަލަން ބޭނުންވީ އޭނާގެ ހިނިތުންވުމުގައިވީ ހަގީގަތެވެ. ބޭނުންވީ އެ އުފާވެރި ރޭގަނޑުގައިވީ އިހުސާސުގައި ބީހިލާށެވެ. އަހަރެމެން ދެ މީހުންގެ ވާހަކަ ނިމުނުކަން ޔަގީންކުރާށެވެ. އަހަރެމެންގެ އިންތިޒާރު ހަމަ ލޮލުން ނިންމާށެވެ.
އެއަށް ފަހު އަނެއްކާވެސް އަހަރެން ފެށީ ކެންވަސް މަތީގައި އައު ސޫރައެއް ކުރަހާށެވެ. ނަމަވެސް ކުރެހުންތެރިއެއްގެ ފިއްސަކުން ފާޅުވާ ކުލައަކުން ބަނޑުފުރާނަ މުއްތިކުރުމަކީ މި ރާއްޖޭގައި ނާދިރު ކަމެކެވެ.
އަހަރެން ބެލި ހުވަފެން ހަގީގަތަކަށް ވުމަށް އެތައް އަހަރެއް ނެގި އެވެ. އަދި އެ ދުވަހަކީ އަނެއްކާވެސް އަހަރެމެން ދެ މީހުން އައު ފެށުމަކުން ބައްދަލުވި ދުވަހެވެ.
އެ ދުވަހު އޭނާ އައީ އަހަރެންގެ އާޓް އެގްޒިބިޝަނަށެވެ.
އޭނާ ގޮސް ހުއްޓިލައިގެން ހުރީ 'ޝަކުވާ' ގެ ކުރިމަތީގަ އެވެ. އެ ކުރެހުމުގައި ފެންނަނީ ހުދު ފާރުތަކެއް ހެންހީވާ ހުދުކުލައިގެ ފަޅު ސަފުހާ އެކެވެ. އޭގައި ހަމަ އެއްވެސް އެއްޗެއް ނެތެވެ. އޭގައި ވަނީ ފުންވެގެންވީ ހުސްކަމެކެވެ. ނަމަވެސް އެ ފަހު ސަފުހާގައިވީ މާނަ އޭނާ އަށް އެނގޭ ކަހަލަ އެވެ.
އެއީ އަހަރެމެން ދެ މީހުންނަށް އެކުގައި ނުލިޔެވުނު ހަޔާތުގެ ހިމޭން ޝަކުވާ އެވެ.
އަހަރެންގެ ހިތް ބާރަށް ތެޅިގަތެވެ. މާޒީގެ އެތައް ހަނދާނަކާއި، ހިތުގައި ފޮރުވިފައި ހުރި ހުރިހާ ވާހަކައެއް ބަންޑުންކޮށްލުމަށްޓަކައި އަހަރެން އޭނާގެ ގާތަށް ދިއުމަށް ފިޔަވަޅެއް ކުރިއަށް އެޅީމެވެ. ހިނގައިގަތީމެވެ.
ނަމަވެސް އެގްޒިބިޝަން ހޯލުގެ ތެރެއިން ފެނުނު ކުޑަ އަންހެން ކުއްޖަކު ދުވެފައި ގޮސް އޭނާގެ ގާތަށް މަޑުކޮށް އޭނާގެ އަތުގައި ހިފައި ބާރުކޮށްލި މަންޒަރާއެކު ބޮލުގައި ރޭވި ރޭވުންތައް މަތިން ވަގުތުން ހަނދާން ނެތިއްޖެ އެވެ.
އަހަރެމެން ދެ މީހުން އެގްޒިބިޝަނުގެ ތެރެއިން ބައްދަލުވިޔަސް އެކަކު އަނެކަކާ ވާހަކައެއް ނުދައްކަމެވެ. ދުވަސް ނިމިގެން އަހަރެން އެނބުރި ދިޔައީ ގުޅީފަޅުގައި އަހަރެން ދިރިއުޅޭ އެޕާޓްމަންޓަށެވެ.
ދުވަހުގެ ވަރުބަލިކަން ހަތަރެސްފައިގައި ހިފާލާފައިވިޔަސް ދެ ލޮލަކަށް ނިންޖެއް ނައެވެ. މުޅި ރޭގަނޑު ހޭދަވީ އަހަރެންގެ ލިވިންރޫމުގެ ފާރުގައި ހަރުކޮށްފައި ހުރި ކުރެހުމަކާ އެކުގަ އެވެ. އެއީ އަހަރެމެން ދެ މީހުން އެއްތަންކުރުވި އަފޫ ޝާފީގެ މަޝްހޫރު ކުރެހުމެވެ.
ވަގުތަކީ ދިރޭރަހަހެން ދެމޭ އެއްޗެކެވެ. އަދި ލޯތްބަކީ އަތުން އެ ވަގުތު ބީވިޔަސް، ހިތުން އެ ކުލަ ނުފޮހެވޭނެ ސިހުރެކެވެ.
އަދި ވަގުތަކީ، ލޯތްބާ ހިލާފަށް، ދެ ހިތެއްގެ ދެމެދުގައިވީ ފުންކަމަށް ބެލުމެއް ނެތި ދަތުރުކުރަމުންދާ އާދަޔާހިލާފު ބާރެކެވެ.
އަހަރެމެންގެ ލޯބި ޖެހުނީ ވަގުތުގެ އެ ގަދަ ތޫފާނުގަ އެވެ.
އެ ތޫފާނުގައި ހިތް ކުދިކުދިވިޔަސް، ލޯބި ފުނޑައެއް ނުލެވުނެވެ.



