އެއްދުވަސްވަރެއްގައި އިންސްޓަގްރާމް ފީޑު ސްކްރޯލްކޮށްލާ ކޮންމެ ފަހަރަކުހެން ފެންނަނީ ހުސް މި ފޮތުގެ ވާހަކައެވެ. ހާއްސަކޮށް ފޮތުގެ ނިންމުމުގައި އަންނަ ބޮޑު "ޓްވިސްޓް" ގެ ވާހަކައެވެ. ބައެއް މީހުން ބުނާ ގޮތުގައި އެއީ މީހާ ސިއްސައިގެންދާ ވަރުގެ މޮޅު ޓްވިސްޓެކެވެ. އަނެއްބަޔަކު ބުނަނީ އެއީ މާ ކުރިންވެސް ވާނެގޮތް ލަފާކުރެވޭ، ނުވަތަ "ޕްރިޑިކްޓަބަލް" ޓްވިސްޓެއް ކަމަށެވެ.
އަހަރެން އުޅޭ ބުކް ކްލަބްގެ "ބުކް އޮފް ދަ މަންތް" އަކަށް މި ފޮތް ހަމަޖެއްސީމާ، މީގެ "ހައިޕް" އަކީ ކިހާވަރެއްގެ އެއްޗެއްތޯ ބަލާލުމުގެ ޝައުގުގައި އަހަރެންވެސް މި ފޮތް ކިޔަން ފެށީމެވެ.
ތެދަށް ބުނަންޏާ، މިއީ އާދައިގެ ވާހަކައެއް ނޫނެވެ. މިއީ މުޅި މީހާ އެކީ ފޮތުގެ ތެރެއަށް ގެއްލުވާލާ، އެންމެ ސަފުހާއެއްވެސް ދޫކޮށްލަން ބޭނުންނުވާ ފަދަ ނޭވާ ހިފަހައްޓާލަންޖެހޭ ސަސްޕެންސިވް ތްރިލާއެކެވެ. ފޮތް ކިޔަން ފެށިގޮތަށް ގޮސް، ނުނިދާ އިނދެ މުޅި ފޮތް އެކީ ކިޔާ ނިންމާލެވުނީ ހަމަ އެއް ރޭތެރޭގައެވެ!
ވާހަކައިގެ މައިގަނޑު އެނބުރެނީ އެލީޝިއާ ބެރެންސަންގެ ހަޔާތުގެ މައްޗަށެވެ. އެލީޝިއާއަކީ ވަރަށް ކާމިޔާބު އާޓިސްޓެކެވެ. ފިރިމީހާ ގެބްރިއެލްއާއެކު އޭނާ އުޅެމުންދިޔައީ އެންމެންވެސް ޖެލަސްވާ ފަދަ އުފާވެރި، ފުރިހަމަ ދިރިއުޅުމެކެވެ. ނަމަވެސް، އެއް ރެއަކު ކަންތައްތައް މުޅިން ބަދަލުވެގެން ދިޔައެވެ. ގެބްރިއެލްގެ މޫނަށް ފަސް ފަހަރު ބަޑިޖަހައި މަރާލާފައި އޮއްވާ ފެނުނުއިރު، އޭނާގެ ގާތުގައި ހުރީ އެލީޝިއާއެވެ. އޭރު އެލީޝިއާގެ ހަށިގަނޑުގައި ލޭ އުނގުޅިފައިވާއިރު، އޭނާގެ އަތުގައި ބަޑިއެއް އޮތެވެ. އެ ހާދިސާއަށްފަހު، އެލީޝިއާ އެއްކޮށް ވާހަކަ ދެއްކުން ހުއްޓާލިއެވެ. ހަމައެކަނި ފުލުހުންގެ ކުރިމަތީގައެއް ނޫނެވެ؛ އޭނާއަށް އެހީވާން އުޅުނު ސައިކޮލޮޖިސްޓުންގެ ކުރިމަތީގައިވެސް އެންމެ ބަހެއްވެސް ބުނާކަށް އޭނާ ބޭނުމެއް ނުވިއެވެ. ކުޑަމިނުން އަޑެއްވެސް ލައްވާނުލައި، މުޅި މީހާ އެއްކޮށް "ގޯސްޓް" ވެ، ގަނޑުވީއެވެ.
އޭގެ ހަ އަހަރު ފަހެވެ. ކްރިމިނަލް ސައިކޯތެރަޕިސްޓެއް ކަމަށްވާ ތިއޯ ފޭބާއަށް އާދަޔާ ހިލާފު ޝައުގުވެރިކަމެއް މި މައްސަލައަށް އުފެދުނެވެ. އެލީޝިއާގެ ހަމަހިމޭންކަން "ކްރެކް" ކޮށްލެވޭނެ ހަމައެކަނި މީހަކީ އޭނާކަމަށް ގަބޫލުކޮށް، އެލީޝިއާ ބަހައްޓާފައި ހުރި ސައިކިއަޓްރިކް ފެސިލިޓީއަށް ތިއޯ އޭނާގެ ވަޒީފާ ބަދަލުކުރެއެވެ. ނަމަވެސް، އެލީޝިއާގެ މާޒީގެ ކަންކަން ތިއޯ ހޯދަމުން ދިޔަވަރަކަށް، އުފެދޭ ސުވާލުތައް ގިނަވެ، ތެދު ހަދަނީ ކާކުކަން ބުނަން ނޭނގޭ ހިސާބަށް ކަންކަން ދެއެވެ.
ވާހަކަ ކުރިއަށްދަނީ ތިއޯގެ ޕޮއިންޓް އޮފް ވިއު އިންނެވެ. އޭގެ ތެރެއަށް އެލީޝިއާގެ ކަންކަން އިތުރުވަމުން ގޮސް ވާހަކައިގެ "ޓެންޝަން" އިންތިހާއަށް ބޮޑުވެއެވެ. ފުރަތަމަ ތިއޯ ފެންނަނީ ވަރަށް އޯގާތެރި، އަދި އޭނާގެ ބަލިމީހުންނަށް ވަރަށް ބޮޑަށް އަޅާލާ މީހެއްގެ ގޮތުގައެވެ. ނަމަވެސް، އެލީޝިއާއާމެދު އޭނާ ބަހައްޓާ ޝައުގުވެރިކަން މަޑުމަޑުން ގޮސް ހައްދުން ނައްޓާ، އެކަން ނުރައްކާތެރި "ފިކްސޭޝަން" އަކަށް ބަދަލުވެއެވެ. ފުރަތަމަ މިކަން ސިފަވަނީ ތިއޯގެ އަމިއްލަ ދިރިއުޅުމުގެ މައްސަލަތަކުން ފިލަން އޭނާ ކުރާ މަސައްކަތެއްގެ ގޮތުގައެވެ. ނަމަވެސް ވާހަކަ ކުރިއަށްދާ ވަރަކަށްމިކަން "އޮބްޝެޝަން" އަކަށް ބަދަލުވެ އޭނާ ކިޔައިދޭ ކަންކަން އޮޅުންބޮޅުންވާން ފަށައި، ވަކި ހިސާބަކުން ތިއޯގެ ހަގީގީ "އިންޓެންޝަން" އަކީ ކޮބައިތޯ ސުވާލު އުފެދެން ފަށައެވެ.
މި ފޮތުން އަހަރެންނަށް އެންމެ ކަމުދިޔަ ކަމަކީވެސް އެއީއެވެ. ވާނުވާ ނޭނގިގެން އުޅެންޖެހުމެވެ. އިތުބާރުކުރާނީ ކާކަށް ކަމެއް ނޭނގެއެވެ. އެލީޝިއާއަކީ ހަގީގަތުގައިވެސް އެފަދަ ރަހުމުކުޑަ ކަމެއް ކޮށްފާނެ މީހެއްތޯ ސުވާލު ކުރެވެއެވެ. އޭނާ އެއްކޯށް ހިމޭނުން ހުންނަން ނިންމީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ. އަދި ތިއޯ އެ ހޯދަން އުޅެނީ، ނުވަތަ ފޮރުވަން އެ އުޅެނީ ހަގީގަތުގައި ކޮން އެއްޗެއްތޯ ވެސް ސުވާލު ކުރެވެއެވެ. ފޮތް ކިޔަމުންދާވަރަކަށް، އެލީޝިއާގެ ހިމޭންކަމަކީ ހަމައެކަނި ވާހަކަނުދައްކާ ހުރުން ނޫންކަން ފޮތްކިޔާމީހާއަށް 'ރިއަލައިޒް"ވާން ފަށައެވެ.
ދެން އޮތީ އެންމެން އެ ދައްކާ ބޮޑު "ޓްވިސްޓް" ގެ ވާހަކައެވެ. އާންމުކޮށް ފޮތެއް ކިޔުމުގެ ކުރިން އަހަރެން ފޮތާބެހޭ ރިވިއުތައް ކިިޔާލަމެވެ. އެކަމަކު މި ފަހަރު ފޮތް ކިޔުމުގެ ކުރިން އެއްވެސް ރިވިއުއެއް ނުކިޔަމެވެ. އަދި އޭގެ ސަބަބުން ފޮތް ކިޔާލުމުގެ އެކްސްޕީރިއެންސް މާ ފުރިހަމަވި ކަމަށް ގަބޫލުކުރެވެއެވެ.
މީގައި އުޅޭ ބޮޑު ޓްވިސްޓްގެ ވާހަކަ މާބޮޑަށް އަހަންނަށް ކިޔުނު ނަމަ، ވާހަކައިގެ ކޮންމެ ކަމަކާ މާބޮޑަށް ވިސްނައި، "އޯވާ-އެނަލައިޒް" ކުރެވުމުގެ ސަބަބުން، ވާން އުޅޭގޮތް ކުރިން ނަގައިގަނެވުނީހެވެ. އެ ޓްވިސްޓާ ހިސާބަށް ދިއުމާއެކު އައި "އަހާ!" މޮމެންޓުގައި، މުޅި ސިކުނޑި ސުމަކަށް ގޮސް ގޮނޑިންވެސް ވެއްޓޭވަރުވެސް ވިއެވެ! އެ ހިސާބުން ފޮތުގެ އެކި ބައިތައް ހަނދާންކޮށް ވިސްނާލީމާ، މުޅި ވާހަކައިގެ ހުރިހާ ޕަޒްލް އެތިކޮޅެއް އެކީ އެއްތަނަކަށް ފެތިގެންދެއެވެ. އަދި ހަގީގަތުގައި ވީގޮތް ސިކުނޑިއަށް "ޕްރޮސެސް" ކުރަންވެސް ވަގުތުކޮޅެއް ނަގައެވެ.
މިއީ ގިނަ ކެރެކްޓަރުތަކަކާއެކު ސައިކޮލޮޖިކަލް "ޓެންޝަން" އެންމެ މަތީ ދަރަޖައިގައި ހިފަހައްޓާލެވޭ، ސަފުހާތައް އަވަސްއަވަހަށް އުކާލަން މަޖުބޫރުކުރުވާ ފަދަ ފޮތެކެވެ.
މި ފޮތް ކިޔައި ނިމުމުން ސިކުނޑީގައި އެނބުރެން ފެށީ ހަމައެކަނި މި މަރުގެ ހާދިސާއެއް ނޫނެވެ. އޭގެ އަޑީގައިވާ ފުން ސުވާލުތަކެވެ. އަހަރެމެން ލޯބިވާ މީހުންގެ ހަގީގަތް އަހަރެމެންނަށް އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟ ލޯބި ގޮސް، ނުރައްކާތެރި "އޮބްސެޝަން" އަކަށް ބަދަލުވަނީ ކޮން ހިސާބަކުން ހެއްޔެވެ؟ އަދި ކަމަކާ މާބޮޑަށް އޮބްސެސްވުމުން އަހަރެމެންގެ އަމިއްލަ ނަފްސު ގެއްލިގެންދަނީ ކިހާވަރަކަށް ހެއްޔެވެ؟
މި ފޮތަށް އަހަރެންގެ ރޭޓިން އަކީ 4.5/5 އެވ. މިއީ ސައިކޮލޮޖިކަލް ތްރިލާ ކިޔާހިތްވާ ކޮންމެ މީހަކު ޔަގީނުންވެސް ކިޔާލަންޖެހޭ ފަދަ ވާހަކައެކެވެ. މިއީ ހަމަ މީގެ ޓުވިސްޓާއި ހެދި ސިކުނޑި ސުމަކަށް ގެންގޮސްދޭނެ ފަދަ ފޮތެކެވެ!
ތިޔައިގެ ތެރެއިން މި ފޮތް ކީ ކާކު ހެއްޔެވެ؟ މީގެ "ޓްވިސްޓް" ކުރިން އެކްސްޕެކްޓް ކުރިން ހެއްޔެވެ؟



