އަހަންނަކީ މިއީ މާ ބޮޑު "ބުކް ވޯމް" އެއް ނޫނެވެ. އަދި މީހުން ކައިރީގައި މާ ފޮތް ކިޔާ މީހަކަށް ވެގެން، އުޅޭ މީހެއްވެސް ނޫނެވެ. ނަމަވެސް އަހަންނާ މީހުން އެންމެ ގިނައިން ކުރާ އެއް ސުވާލަކީ މިއެވެ.
"އަހަރެން ފޮތް ކިޔާހިތެއް ނުވެއެވެ. އެކަމަކު ފޮތް ކިޔަން ފަށަން ބޭނުމެވެ. ކިޔަންވީ ކޮން ފޮތެއް ހެއްޔޭވެ؟ ފަށަންވީ ކޮން ފޮތަކުން ހެއްޔޭވެ؟ ފޮތެއް ކިޔައި ނިންމާނެ ޝައުގުވެރިކަން އުފައްދާނީ ކިހިނަކުންތޯ އެވެ؟"
އަހަރެން އަބަދުވެސް ދޭ ޖަވާބަކީ، ފޮތް ކިޔާ މީހަކަށްވާން ފޮތްދެކެ އިންތިހާއަށް ލޯބިވާކަށް ނުޖެހެއެވެ. ފޮތް ކިޔުމަކީ އެންމެންގެ ހުންނަ ޝައުގަކަށް ވާކަށްވެސް ނުޖެހެއެވެ. ފޮތް ކިޔާހިތް ނުވުމަކީ ހަމަ އެއްވެސް "އިޝޫ" އެއް ވެސް ނޫނެވެ!
އެކި މީހުން ޝައުގުވެރިވާނީ އެކި ކަހަލަ ކަންކަމަށެވެ. ބައެއް މީހުން ފިލްމު ބަލަން ބޭނުންވެދާނެ އެވެ. އަނެއް ބަޔަކު ބޭނުންވާނީ ދަތުރު ދާށެވެ. އަދި ކޮފީއަކާ އެކު ފޮތެއް ކިޔާލަން ބޭނުންވާ މީހަކު ވެސް ހުރެދާނެ އެވެ.
ގިނަ މީހުންނަށް ދިމާވާ މައްސަލައަކީ އަމިއްލައަށް ކަމުދާ ކަހަލަ "ޓޭސްޓް" ގެ ފޮތެއް ނުފެނިގެން އުޅެންޖެހުމެވެ. ނޫނީ މުޅި ދުވާލު މަސައްކަތުގައި އުޅެ، "ބޯހާސްވެގެން" އައިސް މާ ބޮޑެތި، "ހެވީ" "ކްލެސިކް" ފޮތެއް ނަގައިގެން ކިޔަން އުޅުމެވެ. ނޫނީ ވަކި މީހަކު ކީ ފޮތެއް ފެނިގެން އެފޮތް ކިޔަން އުޅުމެވެ. ފޮތް ކިޔުމުގެ ސިއްރަކީ ކިޔާހިތްނުވާ ފޮތެއް ގަދަކަމުން ކިޔައި ނިންމުމެއް ނޫނެވެ. އޭގެ ސިއްރަކީ އަމިއްލަ "ޓޭސްޓް" އާ ގުޅޭ ސަޅި ފޮތެއް ހޯދުމެވެ!
މީހަކަށް ފޮތެއް "ރެކޮމެންޑް" ކުރުމަކީ ވެސް ވަރަށް "ޓްރިކީ" ކަމެކެވެ. ސަބަބަކީ އެ މީހަކު ގަޔާވާ "ޖޯންރާ" އަކަށް އެކަން ބިނާވާތީއެވެ. އެކަމަކުވެސް ފޮތް ކިޔަން ފަށައިގަންނަން ވަރަށް "ޔޫސްފުލް"، ސިމްޕަލް ފަސް ފޮތެއް މިއޮތީއެވެ. މި ފަސް ފޮތަކީ ކިޔަން ފެށުމާއެކު ފޮތުގެ ތެރެއަށް ގެއްލި، ވަރަށް ޝައުގުވެރިކަމާއެކު ކިޔާލެވޭނެ ފޮތްތަކެކެވެ. އެހެންވެ، މިއިން ފޮތެއް ކިޔަން އިނދެގެން އެއްގޮތަކަށްވެސް ފޫހިވެގެން ނިންޖެއް ނާންނާނެއެވެ.

ދި އަލްކެމިސްޓް
މިއީ ސެންޓިއާގޯ ކިޔާ ކުޑަކުޑަ ކުއްޖަކު، މިސްރަށް ގޮސް ވަޅުލާފައި ހުރި ޚަޒާނާއެއް ހޯދަން ކުރާ ދަތުރެއްގެ ވާހަކަ ކިޔައިދޭ ސިމްޕަލް އެކަމަކު ވަރަށް ރީތި ވާހަކައެކެވެ. ފެންޓަސީއާއި، ފަލްސަފާއާއި، ދިރިއުޅުމުގެ ނަސޭހަތްތައް އެކުލެވޭ މި ފޮތަކީ އަމިއްލަ ހިތުގެ އަޑުއަހައި، ހުވަފެންތަކުގައި ކުލަޖައްސަން ހިތްވަރުދޭ ފޮތެކެވެ. ވަރަށް ކުރު، ސިމްޕަލްކޮށް ލިޔެފައިވާ ފޮތެއްވީމާ ފޮތް ކިޔަން ފަށައިގަންނަން މިއީ ވަރަށް ސަޅި ފޮތެކެވެ.

އަ ތައުޒަންޑް ސުޕްލެންޑިޑް ސަންސް
މިއީ އަހަރެން ކީ ފޮތްތަކުގެ ތެރެއިން އެންމެ އަސަރުގަދަ، ހަނދާނުން ފުހެލަން އުނދަގޫ އެއް ފޮތެވެ. އަފްޣާނިސްތާނުގެ ހަނގުރާމައިގެ ތެރޭގައި މަރިއަމްއާއި ލައިލާ ކިޔާ ދެ އަންހެނުންގެ ދިރިއުޅުމުގެ ހިތާމަތަކާއި، އެމީހުންގެ މެދުގައި އުފެދޭ ވަރުގަދަ އެކުވެރިކަން މި ފޮތުން ކިޔައިދޭނެއެވެ. ހިތްދަތި ކަންތައްތަކެއް ހުރިނަމަވެސް، މިއީ ލޯބީގެ ވަރުގަދަކަމާއި ,އުއްމީދު ދިރުވައިދޭ، އެންމެ ފަހު ސަފްހާއާ ހިސާބަށް ޝައުގުވެރިކަން ހިފަހައްޓައިދޭ ފޮތެކެވެ.

މިލްކް އެންޑް ހަނީ
ދިގު ވާހަކަތައް ކިޔަން އުނދަގޫ މީހުންނަށް މިއީ ފަށައިގަންނަން އެންމެ ރަނގަޅު އެއް ފޮތެވެ. މިއީ ދިގު ވާހަކައެއްގެ ބަދަލުގައި ކުރު ޅެންތައް ހިމެނޭ ފޮތެކެވެ. ލޯބި، ދިރިއުޅުން، ހިތާމަ، އުއްމީދު އަދި އަލުން ދިރިއުޅުމާއިގެން ތެދުވުމުގެ ހިތްވަރު ލިބިގެންދާ ކަހަލަ ފޮތެކެވެ. ކޮންމެ ސަފްހާއެއްވެސް ކުޑައިރުކޮޅެއް ތެރޭ ކިޔާލެވޭނެއެވެ. އެކަމަކު އަސަރުކުރުވާ، ކޮންމެ މީހެއްގެ ލައިފްއާވެސް ކޮންމެވެސް ގޮތަކުން ގުޅޭ ކަހަލަ ޅެންތަކެއް ހިމެނެއެވެ.

އެޑިއުކޭޓެޑް
މިއީވަރަށް އާދާޔާޚިލާފު އާއިލާއެއްގައި، އެއްވެސް ރަސްމީ ތައުލީމެއް ނުލިބި ބޮޑުވެފައި، އަމިއްލަ ހިތްވަރުން ކޭމްބްރިޖް ޔުނިވަރސިޓީއިން ޕީއެޗްޑީ ނެގި ގޮތުގެ ހަގީގީ އަމިއްލަ ޙަޔާތުގެ ވާހަކަ ލިޔެފައިވާ ބަޔޯގްރަފީއެކެވެ. މިއީ އަމިއްލަ ނަފްސު ހޯދައި، ތައުލީމުގެ މުހިންމުކަން ހަނދާންކޮށްދޭ ވަރަށް ހިތްވަރު ލިބޭ މެމޯއާއެކެވެ.
ދި ޔަރީ އޮފް އަ ޔަންގް ގާލް
މިއީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ފިލައިގެން އުޅުނު އާން ފްރޭންކް ކިޔާ ކުޑަ އަންހެންކުއްޖަކު ލިޔެފައިވާ އަސްލު ޑައިރީއެކެވެ. ބިރުވެރިކަމާއި ހިތްދަތިކަމުގެ ތެރޭގައި އުޅުނުއިރުވެސް އޭނާގެ ހުވަފެންތަކާއި އުއްމީދުތައް ވަރަށް ތެދުވެރިކަމާއެކު މި ފޮތުގައި ލިޔެފައިވެއެވެ. މިއީ މުޅި ދުނިޔެއަށްވެސް ވަރަށް މަޝްހޫރު ފޮތެކެވެ. އަހަރެންވެސް ފޮތް ކިޔަން ފަށައިގަތް އިރު މިފޮތާއިއެކު ފޮތް ކިޔުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދުނެވެ.
ފޮތް ކިޔުމުގެ އާދަކުރަން އެންމެ މުހިންމީ އެހެން މީހުން ކިޔާތީ ވަކި ފޮތެއް ކިޔުމުގެ ބަދަލުގައި އަމިއްލައަށް ގަޔާވާ ފަދަ އެއްޗެއް އިޚްތިޔާރު ކުރުމެވެ. މިގޮތުން ފެށުމުގައި ކުރު ފޮތްތައް އިޚްތިޔާރުކުރުމުން ކިޔާ ނިންމާލަން ފަސޭހަވެ އަމިއްލަ ނަފްސަށް "ކޮންފިޑެންސް" ލިބޭނެއެވެ. އަދި ފޮތެއް ކިޔަން ފެށުމަށްފަހު އެ ފޮތެއް ކިޔާހިތް ނުވެއްޖެނަމަ، ގަދަކަމުން ކިޔުމުގެ ބަދަލުގައި އެ ފޮތެއް ދޫކޮށްލުމަށްފަހު އެހެން ފޮތެއް ނެގުމަކީވެސް ރަނގަޅު ގޮތެކެވެ.
މި ފޮތްތަކުން ފޮތެއް ހޯދައިގެން ކޮފީއެއް ބޯލަމުން ފޮތެއް ކިޔާލާނެ ކަމަށް އުންމީދު ކުރަމެވެ.



