ފަތިސް ނަމާދަށް ބަންގި ގޮވަ ނީ 4:43 ގައި އެވެ. އާންމުކޮށް އެ ގަޑިއަށް ހޭލާތީ، އެ ރޭ ހޭލެވުނީ 4:30 ހާއިރުއެވެ. ފާރުގައި ހުރި ގަޑިއަށް ބަލަހައްޓައިގެން އޮއްވާ، ފުރަތަމަ ފަހަރަށް އަހަންނަށް އެ އަޑު އިވުނެވެ. އެއީ، ދޮރެއްގައި، ވަރަށް ބާރަށް ތަޅާ އަޑު ކަހަލަ އަޑެކެވެ. ތިރީހަކަށް ސިކުންތުގެ މެދުކެނޑުމަކަށް ފަހު، އަނެއްކާ ވެސް ހައެއްކަ ފަހަރު ޖަހައެވެ. އަހަރެން ނިދަނީ، ގޭގެ ހަތް ވަނަ ބުރީގަ ހުންނަ އެޕާޓުމަންޓެއްގައެވެ. ކޮންމެ ބުރިއެއްގައި ދެ އެޕާޓުމަންޓު ހުރެއެވެ. އޭގެތެރެއިން، ދިހަ އެޕާޓުމަންޓު ހުންނަނީ ކުއްޔަށް ދީފައެވެ. ހިތަށްއެރިއެވެ. މީހަކު ފާޚާނާއިން ނުނިކުމެގެން ދޮރުގައި ތަޅާނީ ބާއެވެ؟ ނުވަތަ، އެޕާޓުމަންޓަކަށް ނުވަދެވިގެން މީހަކު އުޅެނީ ބާއެވެ؟ އަހަރެންގެ ކޮޓަރި ހުންނަނީ، މަގުމައްޗާ ވީ ފަޅީގައެވެ. ވީމާ، އެހެން ގެއަކަށް މީހަކަށް ނުވަދެވިގެން ދޮރުގައި ތަޅަންޏާ ވެސް، އެ އަޑު، ވަރަށް ސާފާކޮށް އަހަންނަށް އިވޭނެއެވެ. އެ މީހެއްގެ އަތުގައި ފޯނެއް ނެތީ ބާއެވެ؟ ޖެހިގެން ހުރި ގެ ހެދުމުގެ މަސައްކަތް ކުރާތާ އެތައް މަހެއް ވެއްޖެއެވެ. ތަންކޮޅެއް އަވަހަށް އެ ތަނަށް މަސައްކަތު މީހުން އައީ ބާއެވެ؟ ހައްތަހާ ވެސް ސުވާލެވެ. ގަޑިއެއްގެއިރު ވީއިރު ވެސް އަޑެއް ނުކެނޑުނެވެ. މީހަކަށް ގޮވާ އަޑު ނީވި، ހަމަ އެކަނި ތަޅާ އަޑު އިވެމުން ދިޔައެވެ.

އެނދުން ތެދުވީމެވެ. ހިތަށްއެރިއެވެ. ގޭގެ ދޮރު ނުހުޅުވިގެން މީހަކު އުޅެނީ ބާއެވެ؟ އަޑު އަންނަ ދިމާއެއް ނޭނގެއެވެ. އެޕާޓުމަންޓުން ނުކުމެ ސިޑިން ތިރިއަށް ފޭބީމެވެ. އޭރު އަޑު ކެނޑިއްޖެއެވެ. އެންމެ ތިރިއަށް ފައިބާފައި، ދޮރު ކައިރީގައި މީހަކު ހުރިތޯ ބެލީމެވެ. އެކަކު ވެސް ނެތެވެ. އަނެއްކާ ވެސް އެ އަޑު އިވުނެވެ. އެ ފަހަރު ހީވީ، ބޭރުން އައި އަޑެއްހެންނެވެ. ދޮރު ހުޅުވާފައި ބޭރު ބަލައިލީމެވެ. ކައިރީގައި ހުރި ސައިކަލަކަށް މީހަކު އަރަނިކޮށް ދުށީމެވެ. އަހަރެން ބަލައިލުމުން، އޭނަ ވެސް ފިސާރި ރަނގަޅަށް އަހަންނަށް ބަލައިލިއެވެ. އެ އަށް ފަހު، ސައިކަލު އިސްޓާޓު ކޮށްލިއެވެ. ދަމުން ވެސް، ފަސްއެނބުރިފައި އޭނަ ބެލިއެވެ. އޭރު އަދި އިރެއް ނާރައެވެ. އަހަރެން އަލުން އައިސް އެނދުގައި އޮށޯތީއެވެ. އިރުކޮޅަކުން، އަނެއްކާ ވެސް އެ އަޑު އަންނަން ފެށިއެވެ. ހީވަނީ ހަމަ، ތަނެއްގައި ހައްޔަރު ވެފައި ވާ މީހަކު، އެ ތަނަކުން ނުނެރިގެން ދޮރެއްގައި ތަޅާހެންނެވެ.

ދުވާލު ވަގުތު ގޭގެ އެހެން މީހުންނާ ސުވާލު ކުރީމެވެ. އެ މީހުން ބުނި ގޮތުގައި، ފަހަކަށް އައިސް، އެކި ވަގުތުތަކުގައި އެ އަޑު އިވެއެވެ. އަންނަ ދިމާއެއް ނޭނގެއެވެ. އަހަރެންގެ އަވައްޓެރިންގެ ތެރޭގައި، ސިކުނޑީގެ އުނިކަމެއް ހުންނަ ކުއްޖަކު އުޅެ އެވެ. ބޭބެމެން ނިންމީ އެ ކުއްޖާގެ ކަމެއް ކަމަށެވެ. ކަމާ ކަން ފަށާފައި، އެ ގެއަށް ގޮސް އެ ވާހަކަ އަހާކަށް އެކަކަށް ވެސް ނުކެރުނެވެ. އިވުނު އަޑަކަށް ބަދަލެއް ނާދެއެވެ. އެކި އިރު އެކި ވަގުތުގައި އެ އަޑު އިވެމުން ދިޔަ އެވެ.

"އެ އިވެނީ އެއްކަލަ އަޑު!" ފަހަށް ފަހަށް އައިސް، އަޑު އިވޭ ގަޑީގައި އެހެން ބުނެލާފައި ނިންމާލަނީއެވެ.

ކޮން އަޑެއް ކަން ޔަގީންކޮށް ބުނަން ނޭނގޭ، ހައިރާން ކުރަނިވި އަޑަށް އަހަރުމެން އާދަ ވާން ފެށިއެވެ. ފުލުހުންނަށް ގުޅަން ޚިޔާލު ކުރެވުނެވެ. ޢަމަލީ ސިފައެއް ނައެވެ. ވަރަށް އާދައިގެ ކަމަކަށް ވެދާނެތީ، އެ ކަމާ އެހާ ސީރިޔަސް ވާކަށް އެކަކު ވެސް ބޭނުމެއް ނުވިއެވެ. ހިސާބުގަނޑު އެންމެނަށް އެ އަޑު އިވޭއިރު، އަހަރުމެން އެކަނި އެ ކަމާ ކަން ބޮޑު ވާން ޖެހޭ ހެއްޔެވެ؟ ގިނަ މީހުންގެ ސުވާލަކީ އެއީއެވެ.

ސިޑި ކައިރީގައި އަހަރުމެން އެ ވާހަކަދައްކަން ތިބި ދުވަހެއްގައި، ނަސީރު ސިޑިން ފައިބާ ތަން ފެނުނެވެ. އޭނައަކީ، ގޭގެ އެޕާޓުމަންޓެއް ކުއްޔަށް ހިފައިގެން އުޅޭ މީހެކެވެ.

"ހުރިހާ އެންމެން ކޮން ސައްލާއެއް ކުރާ ދުވަހެއް؟" ނަސީރު އެހިއެވެ.

"މި ދައްކަނީ އަޑެއް އިވޭ ވާހަކަ." އަހަރެން ބުނީމެވެ.

"ކޮން އަޑެއް؟" ނަސީރު ސުވާލު ކުރިއެވެ.

"އިރު އަރައިފިއްޔާ، މާލޭގަ އަޑެއް ނީވޭ އިރުކޮޅެއް ދާނެތަ؟" ބޭބެ އެހިއެވެ. "ޒުވާބު ކުރާ އަޑާ، ސަކަރާތްޖަހާ އަޑާ، މަސައްކަތް ކުރާ އަޑާ ދެން ކިޔާނެ ކަމެއް ނެތް."

އެ ވާހަކަތައް އަޑުއަހަން ފޫހި ވެގެން، އަހަރެން ނޫން އެހެން މީހުން ދިޔައީއެވެ. އެހެންކަމުން، ނަސީރަށް ތަފުސީލު ދިނީ އަހަންނަށެވެ.

"ބޭނުންތަ އަޑު އަންނަ ދިމާއެއް ބަލަން؟" ނަސީރު އެހިއެވެ. "އާދޭ!"

ނަސީރުގެ ފަހަތުން އަހަރެން ނުކުތީމެވެ. މަގުމައްޗަށް ނުކުމެފައި، ކުރިމަތީގައި ހުރި ތަނެއް، ނަސީރުގެ ލޮލުން ދައްކާލިއެވެ. އެ ތަނަކީ، ދުވަހު ކުއްޔަށް ދޭ ކަމަށް ޖަހާފައި ވާ ކުލީ ކޮޓަރިއެކެވެ.

"ތި ހިނގާ ކަމެއް ހިނގަނީ އެ ތަނުގަ،" ވަރަށް ޔަގީން ރާގެއްގައި ނަސީރު ބުންޏެވެ. "އެހެރަ އަންނަނީ އެ ތަން ހިފައިގެން އުޅޭ މީހާ. ބަލައްޗޭ އޭނަ އެ ތަނަށް ވަންނަމުން ކުރާ ކަންތައް. ބަލާ ކަމަށް ނުހަދާ ބަލާތި!"

އަހަރުމެން ދެ މީހުން ތިބީ، ވާހަކަދައްކާ ކަމަށް ހެދިގެންނެވެ. ނަސީރު ހުރީ، އެ މީހާއަށް ފުރަގަސް ދީގެންނެވެ. އަހަރެން ހުރީ ނަސީރަށް ކުރިމަތި ލައިގެންނެވެ. އެ މީހާ ދޮރު ހުޅުވިއެވެ. މަގުގެ ދެ ކޮޅު ހޯދާ ބަލައިލިއެވެ. އެ އަށް ފަހު، ކިރިޔާ ވަދެވޭ ވަރަށް ދޮރު ހުޅުވައިލައިފައި އެތެރެއަށް ދެމިގަތެވެ.

"އޭނަ ހާދަހާ ސިއްރުން އުޅޭހެން ހީވެއޭ." އަހަރެން ބުނީމެވެ.

"އެ ވާހަކައޭ މަ މި ބުނަނީ،" ނަސީރު ބުންޏެވެ. "ކޮންމެ ވެސް އަޒީއެއް އޭނައަށް ކިޔާނީ. އެ ތަނަށް ވަނުމުގެ ކުރިން، ކޮންމެ ފަހަރަކު ވެސް އޭނަ ދެކޮޅު ހޯދާ ބަލާލާނެ. ކާ އެއްޗެހި އެތެރެ ކުރާނެ ދެ މީހުންނަށް ވާ ވަރަށް. އެކަމަކު، އެހެން މީހަކު އެ ތާކުން ނުއެއް ނުކުންނާނެ. އެ ތަނުގަ ހައްޔަރު ކޮށްގެން ގެންގުޅޭ މީހާ ކަންނޭނގޭ ދޮރުގަ އެ ތަޅަނީ."

ނަސީރު އެހެން ބުނީމަ، އަހަންނަށް ވެސް އެ ވާހަކަ ގަބޫލު ކުރެވުނެވެ. ތަޅާ އަޑު އިވިގެން އަހަރެން ބޭރަށް ނުކުތް ރޭ ވެސް، އަޒީ ފެނުނެވެ. ކަމެއްގައި ޝައްކު ކުރެވެން ފެށުމުން، އެ ކަމާ ގުޅުން ހުރި ކުރީގެ ހަނދާންތައް އާވެއެވެ. އަޒީގެ ނިތްކުރީގައި ބޭސްމަލަން އަޅާފައި ހުއްޓައި އަހަރެން ދުށީމެވެ. ތަނުގެ އެތެރޭގައި ގެންގުޅޭ މީހަކާ، އަޒީއާ ދެމެދު ތަޅާފޮޅުމެއް ހިނގި ކަމަށް ވެދާނެ އެވެ. ފޮށި ބަންދު ކުރާ ކަހަލަ ޓޭޕް ރޯލެއް ހިފައިގެން އަޒީ ވަން ތަން ވެސް ދުށީމެވެ. އެތެރޭގައި ގެންގުޅޭ މީހާގެ އަނގަ މަތީގައި އަޅަން ކަމަށް ވެދާނެއެވެ. ހަމަ އެހެންމެ، ނަސީރުގެ ވާހަކަތައް އަޑުއިވުނު ފަހުން، އަޒީގެ ފަރާތުން އަހަންނަށް ފެންނަން ފެށީ، ޝައްކު އިތުރު ވާ ކަހަލަ ކަންތައްތަކެވެ. މީހުނާ ވާހަކަދައްކަން އަޒީ އަބަދު ވެސް ހުންނަނީ ދޮރުމަތީގައެވެ. އެކަކު ވެސް، އެތެރެއަކަށް ނުވައްދައެވެ. ވައްދައިފިއްޔާ ފަޅާއަރާފާނެތީ ކަމަށް ވެދާނެއެވެ. އެއް ދުވަހަކު، އަޒީ ދޮރުން ވަންނަން އުޅެފައި، އަލުން ސައިކަލު ކައިރިއަށް ދިޔައީ ދޮރު ތަޅުލާފައެވެ. ސައިކަލު ހުރީ، އެ ގޭގެ ދޮރާ ދެ ފޫޓު ދުރުމިނުގައެވެ. ސައިކަލުގެ މަޑި ދަށުން އެ ނެގި އެއްޗެއް ނަގައިން، އަލުން ދޮރު ހުޅުވިއެވެ. ހިނދުކޮޅަކަށް ނަމަވެސް ތަޅު ހުޅުވާފައި ބަހައްޓަން އަޒީ ބިރުގަނެއެވެ. އެއީ، ޝައްކު ކޮށްގެން އަހަރެން އުޅޭތީ، ހީވާ ހީވުން ހެއްޔެވެ؟

އެއް ރޭ ދަންވަރު އަހަންނަށް ގެއަށް ވަދެވުނީ، ނަސީރާ އެއްކޮށެވެ. ސިޑިން އަރަމުން އަހަރުމެން ދެއްކީ، ތަޅާ އަޑު އިވޭލެއް މަދުކަމުގެ ވާހަކައެވެ. ފަސް ވަނަ ބުރިން ނަސީރާ ވަކި ވުމަށް ފަހު، ސިޑިން މައްޗަށް އަރާފައި، އަލުން އަހަރެން ތިރިއަށް ފޭބީ އެންމެ ކަމަކުއެވެ. އެއީ، އަޒީގެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމާ މެދު ނަސީރުގެ ޚިޔާލު އަހާލުމެވެ. އެކަމަކު، ތަޤުދީރުގައި ރޭވިފައި ވަނީ، މުޅިން އެހެން މަންޒަރެކެވެ. އަހަރެން ސިޑިން ތިރިއަށް ފޭބިއިރު، ނަސީރު ދޮރު ހުޅުވާލަނީއެވެ. އެ ވަގުތަކީ، އެ އެޕާޓުމަންޓުގައި ހުރި ކޮޓަރީގައި ޖަހާފައި ވާ ފުސް ބިއްލޫރިގަނޑުގައި މީހަކު ތަޅައިގަތް ވަގުތެވެ. އެއީ، އަހަންނަށް އިވޭ އަޑެވެ. އެކަކަށް ވެސް އެ އަޑެއް އޮޅުވައެއް ނުލެވޭނެއެވެ. ނަސީރު ދޮރު ލެއްޕިއެވެ. ލެއްޕުމަށް ފަހު، ދެން އެ އަޑު އަންނަ ދިމާ ފާހަގަ ކުރަން އުނދަގުލެވެ. ހިނގައިގަންނާނެ ކޮޅެއް ނޭނގި، ގަބު ވެފައި އަހަރެން ހުރީމެވެ. ހިތަށްއެރިއެވެ. އެ އަޑަކީ، ނަސީރުގެ އެޕާޓުމަންޓުން އަންނަ އަޑެއްކަން އޭނައަށް ނޭނގޭ ކަމަށް ހެދީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ޝައްކު، އެހެން ދިމާއަކަށް އަނބުރާލަން ނަސީރު ބޭނުން ވީ ކީއްވެ ހެއްޔެވެ؟ ސިޑި މަތީގައި ހުރެފައި ފުލުހުންނަށް ގުޅީމެވެ. އިސާހިތަކު ފުލުހުން އައެވެ. ނަސީރު އުޅޭ އެޕާޓުމަންޓުގެ ރަނގަބީލު ޖަހައި، ޓަކި ޖަހައި، ދޮރުގައި ތެޅުމުން ވެސް ދޮރެއް ނުހުޅުވިއެވެ. ފުލުހުން ގޮވީމައި ޖަވާބެއް ނުދިނެވެ. ދޮރު ހަލާކު ކޮށްލަން ހުއްދަ ދިނީމެވެ. ޖެހިޖެހީނުން ދޮރު ހުޅުވާލާފައި ވަންއިރު ވެސް، ނަސީރު ކޮޓަރިއަކުން ނުނިކުމެއެވެ. ތަކުރާރުކޮށް އިންޒާރު ދިނުމަށް ފަހު، ބިއްލޫރިގަނޑު ތަޅާލީމެވެ. ފެނުނު މަންޒަރު ގަބޫލު ކުރަން، ގައިމު ވެސް އަހަންނަކަށް ފަސޭހައެއް ނުވިއެވެ. ތަޅުންގަނޑުގައި އިށީނދެލައިގެން އިނީ އިންސާނެކެވެ. އަންހެނެއްހެން ހީވެއެވެ. އެކަމަކު، ހިކި އަނަރޫފަ ވެފައި ވާ ވަރުން، އެ މީހާގެ ސިފަ ވަނީ ގެއްލިފައެވެ. ހިކިކަމުން ގޮސް، ކަށިގަނޑުގައި ހަންގަނޑު ތަތްލާފައި ވާއިރު، އޭނަގެ ފައިގައި ހުރީ ހިލިހިލާ ޖަހާފައެވެ. އޭނަގެ އައުރަ ނިވާ ކުރީ، އަހަރެން ލައިގެން ހުރި ގަމީހުންނެވެ. އެ މީހާގެ ގައިގަ މާ ބޮޑު ހަކަތައެއް ނެތެވެ. ވަޅުވަދެފައި ވާ ދެ ލޮލުން އަހަރުމެންނަށް ބަލަހައްޓައިގެން އިންދާ، އޭނަގެ ލޮ ލުން ކަރުނަ އޮހޮރެން ފެށިއެވެ. އިސާހިތަކު، ގައިން ވާގި ދޫވެގެން އޭނަ އެ ތަނަށް ވެއްޓުނެވެ. އޭރު، އެންބިއުލާންސަށް ގުޅައިފިއެވެ. އަހަރެން ކޮޓަރިން ނުކުމެގެން ގޮސް، ދެން ހުރި ކޮޓަރީގައި ތަޅައިގަތީމެވެ. ރުޅިއައިސްގެން އަހަރެން ތުރުތުރުއަޅައެވެ. ފުލުހުން ފުރަތަމަ ޖެހުނީ އަހަރެން ކޮންޓުރޯލު ކުރާށެވެ. އަޑުފައްގަނޑު ގަދަވެގެން، ގޭގެ އެހެން މީހުން އައެވެ. އެންބިއުލާންސާއި ފުލުސް ބަހުގެ ސައިރަންގެ އަޑުން، މާޙައުލު ހޭލައްވާލިއެވެ. ފުލުހުންގެ ބެކަޕް ޓީމު ސިޑިން އަރާ އަޑު އިވެއެވެ.

"ދޮރު ވައްޓާލާ!" އަހަރެން ހަޅޭއްލަވައިގަތީމެވެ.

ފުލުހުން ދޮރުގައި ތަޅަން ފެށިއެވެ. އެ ދޮރު ވަރަށް ވަރުގަދައެވެ. ނުހުޅުވުނެވެ. އަހަރެން އެ ތަނުން ނުކުމެގެން ގޮސް، ގޭގައި އޮތް އެންމެ ބޮޑު މަރުތެޔޮ ގެނެސްދިނީމެވެ.

"ދޮރު ފުނޑާލާ!" އަހަރެން ހުއްދަ ދިނީމެވެ.

ނަސީރު ހިތްވަރު ގަދައެވެ. ދޮރުގެ ލަކުޑިތައް ފަޅާލަންދެން ވެސް އޭނަ އަނގައިން ބަހެއް ބޭރެއް ނުވެއެވެ. އެތެރެއަށް ވަންއިރު އޭނަ އިނީ، ފުލުސް އޮފީހަށް ދާން ތައްޔާރު ވެގެން، އެނދުގައި އިށީނދެލައިގެންނެވެ. އެއްވެސް ގަދައެއް ނުހަދައެވެ. ކިޔަމަންތެރިކަމާ އެކުގައި ނުކުމެގެން ދިޔައީއެވެ. ނަސީރު ހައްޔަރު ކޮށްގެން ގެންގުޅުނު އަންހެނަކީ ކާކު ކަމެއް އަދި ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގެއެވެ. އެހެންނަމަވެސް، ފުލުހުން ނުހުއްޓުވި ނަމަ، އަހަރެން އަތުން އަނިޔާއެއް ނުވެ އޭނައަކަށް ނުނިކުމެވުނީހެވެ.

ހޮސްޕިޓަލުގެ އައިސީޔޫގައި އޮވެގެން، އެ އަންހެންމީހާގެ ހާލު ރަނގަޅު ވަމުން އައެވެ. ފަހުން އެނގުނު ގޮތުގައި، އެއީ ނަސީރުގެ އަންހެނުންނެވެ. ނަމަކީ ސުހާނާއެވެ. ކައިވެންޏަށް ފަހުގައި އެ ދެމަފިރިން އުޅެމުން އައީ ވަރަށް އުފަލުގައެވެ. އެކަމަކު، ނަސީރަކީ، ގިނަ ވަގުތު ގެއިން ބޭރުގައި އުޅޭ މީހެކެވެ. ވަޒީފާ ނިންމާފައި ގެއަށް އަޔަސް، އޭނަގެ އެކުވެރިންނާ އެކުގައި، އަނެއްކާ ވެސް ދަނީ ބޭރަށެވެ. ނަތީޖާ އަކަށް ވީ، ލޯބީގެ ގޮތުން ސުހާނާ އެހެން މީހަކާ ގުޅުމެވެ. އެ ކަން ނަސީރަށް ފަޅާއެރީއެވެ. ވަގުތުން އެ ކަން ހުއްޓާލުމަށް ނަސޭހަތް ދީ، އިންޒާރު ދިނުމުން ވެސް ވީ ކަމެއް ނެތެވެ. އެ ހިސާބުން، ސުހާނާގެ ލޯބިވެރިޔާއާ ދުރު ކުރުމަށް ޓަކައި، އެހެން ތަނެއް ކުއްޔަށް ހިފައިގެން އެ ތަނަށް ބަދަލު ވީއެވެ. އެ ތަނަކީ އަހަރެންގެ ގެއެވެ. އެ ހިސާބުން ވެސް މައްސަލަ ޙައްލެއް ނުވިއެވެ.

ސުހާނާގެ ފަހަތުން، ސުހާނާގެ ލޯބިވެރިޔާ ވެސް އައެވެ. އޭނަގެ ނަމަކީ އަޒީއެވެ. އޭނަޔާ ދޭތެރޭގައި އަހަރެންގެ ހިތުގައި ޝައްކު އުފެއްދި ސަބަބަކީ އެއީއެވެ. ކޮންމެ ވެސް ގޮތަކުން އަޒީ މަންޒަރުން ބޭރު ކޮށްލަން ނަސީރު ހުރީ ބޭނުން ވެފައެވެ. ވަކި މީހަކާ ދޭތެރޭގައި ޝައްކު ކުރަންޏާ، އެ ޝައްކު ބޮޑުވުމަށް މަގު ފަހި ވާ ކިތަންމެ ކަމެއް ދިމާވެއެވެ. އަހަންނަށް ވީ އެހެންނެވެ. އަނެއްކޮޅުން، އަޒީގެ ކަންބޮޑު ވުން ހައްތަހާ ދިޔައީ އިތުރުވަމުންނެވެ. ނަސީރާ ސުހާނާ، އަހަރުމެންގެ ގެއަށް ބަދަލު ވި ފަހުން، ސުހާނާގެ ޚަބަރެއް ނުވެއެވެ. ނުވެސް ފެނެއެވެ. އަޒީގެ ކަމަކީ، ކުލީ ކޮޓަރީގެ ތެރެއިން އަހަރުމެންގެ ގެއާ ދިމާ އަށް ކެމެރާ އަޅުވައިގެން ފާރަލުމެވެ. އެ ކޮޓަރިއަށް އެހެން މީހަކު ނުވައްދަނީ އެހެންވެއެވެ. އެ ތަނުގެ ދޮރު ކުޑަކޮށް ހުޅުވަނީ ވެސް އެހެންވެއެވެ. އެ ހުރިހާ ވާހަކައެއް އަޒީ ކިޔައިދިނުމުން، އަހަރެންގެ ހިތުގައި އުފެދިފައި ވާ ސުވާލުތަކަށް ޖަވާބު ލިބުނެވެ. ފޮށި ބަންދު ކުރާ ކަހަލަ ޓޭޕުރޯލަކީ، ކެމެރާ ހަރުކުރުމަށް ކުރި މަސައްކަތުގައި ބޭނުން ކުރި އެއްޗެކެވެ. ނިތްކުރީގައި ހަލާކު ވެފައި ހުރި ތަނާ، ކުލީ ކޮޓަރިއާ ގުޅުމެއް ނެތެވެ. އެއީ، ސައިކަލު ފުހެން އުޅުމުގެ ތެރޭގައި، ނަންބަރު ޕްލޭޓުގެ ކަނުގައި ޖެހިފައި ހަލާކު ވި ތަނެކެވެ.

"އަޅެ އެއޮއް ހުރިހާ ދުވަހެއް ވީއިރު، ސުހާނާ ހަޅޭއްލަވާ އަޑެއް ނީވޭތަ؟" އަޒީ އެހިއެވެ.

"ގައިމު ވެސް މަށަކަށް ނީވޭ،" އަހަރެން ބުނީމެވެ. "ތަޅާ އަޑު އިވުނު. އެ ކަމަށް ދޭން ވާ ސަމާލުކަން ނުދެވުނީމަ މިހެން މި ވީ. އެކަމަކު، އެ ނަސީރަކީ ހާދަހާ ޑީސަންޓުކޮށް ހުންނަ، ހާދަހާ ނައިސް މީހެކޭ. ހީ ވެސް ނުކުރަން އޭނަ އެ ކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް."

"ތިއޭ އެ ކަހަލަ މީހުންގެ ބޭނުމަކީ،" އަޒީ ފޯނު ނަގާފައި މަންޒަރުތަކެއް ދައްކާލި އެވެ. "ބަލާލަބަލަ! މަ ބުނެފިއްޔާ ގަބޫލެއް ނުކުރެވޭނެ އެހެންވެ މި ދައްކާލަނީ."

އެއީ، ނަސީރާއި ސުހާނާ ކުރިން އުޅުނު ގެ ކައިރީގައި ނަގާފައި ވާ މަންޒަރުތަކެކެވެ. ނަގާފައި ވަނީ ވަރަށް މަތިންނެވެ. އެ އިން ފެންނަނީ، ފަތިސް ގަޑީގަ، މަގުމަތީގައި ސުހާނާއަށް ނަސީރު އަނިޔާ ކުރާ ތަނެވެ. މަގުމަތީގައި އެއްވެސް މީހެއް ނެތެވެ. އަޒީ ބުނި ގޮތުގައި، ސުހާނާ ނުކުތީ އެ ގެއަށް ދެން ނާންނަ ގޮތަށެވެ. ފަހަތުން ނަސީރު ނުކުތީއެވެ.

"މީ މީހަކު ގަބޫލު ނުކުރާ ވަރުގެ ކަމެއް ނޫނެއްނު!" އަހަރެން ބުނީމެވެ.

"ބަލަން ހުރޭ!" އަޒީ އެދުނެވެ. "ދައްކަން މި އުޅެނީ އެހެން އެއްޗެކޭ!"

މޫނުގެ އެތައް މި ތަނުގައި ތެޅުމަށް ފަހު، ސުހާނާ ފާރުގައި ލެނގިގެން ރޯން ފެށިއެވެ. ފިރިއެއްގެ ހައިސިއްޔަތުން ނަސީރު ދެން ކުރަން ޖެހޭނެ ކަމަކީ، މާފަށް އެދުމެވެ. ސުހާނާގެ ބުރަކަށީގައި ފިރުމާލުމެވެ. ބަދަލުގައި ނަސީރު ނެގީ ފޯނެވެ. އަދި ސުހާނާ ރޯ މަންޒަރު ރިކޯޑު ކުރަ ން ފެށިއެވެ. އަހަރެންގެ މޭ ނުބައި ކުރި ވަރުން ހޮޑު ނައީ ކިރިޔާއެވެ. އެހާ ގޮތް ކުޑަ ފިރިން މާލޭގައި އުޅެފާނެ ކަމަކަށް އަހަރެން ކުރިން ހިއެއް ނުކުރަމެވެ.

"ތި ގޭގަ ސުހާނާއަށް އަނިޔާ ކުރި ތަން ވެސް ނަސީރު ހުންނާނެ ވީޑިޔޯ ކޮށްފަ،" ޔަގީންކަމާ އެކުގައި އަޒީ ބުންޏެވެ. "މަށަށް ކަށަވަރު. ފޮޓޯ ވެސް ހުންނާނެ. ކަލޭ ގޮސް ބަލާބަލަ!"

ފުލުހުންގެ ބޭނުން ނިމުމަށް ފަހު، ތަން އަނބުރާ އަހަރުމެންނާ ހަވާލު ކުރިއެވެ. މުޅި އެޕާޓުމަންޓު ސާފުކޮށް، އަލުން ކުލަ ލައި، ފަރުނީޗަރުތައް ވެސް އާ ކުރީމެވެ. ނަސީރު އެ ތަނުގައި އުޅުނުކަމުގެ ވަސް ވެސް އެ ތަނުގައި ހުންނާކަށް އަހަރުމެން ބޭނުމެއް ނުވިއެވެ. ފުލުހުންނަށް ލިބުނީ ކޮން ކަހަލަ ހެކިތަކެއް ކަމެއް ނޭނގެއެވެ. އެހެންނަމަވެސް، އެޕާޓުމަންޓު ސާފު ކުރަން އުޅުމުގެ ތެރޭގައި، ތަރުމޯޒު މާ ބޮޑަށް ބަރު ވެގެން އަހަރުމެންގެ ހިތުގައި ޝައްކު އުފެދުނެވެ. ރަނގަޅަށް ބަލައިލިއިރު، އެއީ އެއާ ޕޮޓް ތަރުމޯޒެއްހެން ހީވާ، ފެން ވެސް އެޅޭ ގޮތަށް ހަދާފައި ވާ އެއްޗެކެވެ. އޭގެ ފުލުގައި، ބަރިޖަހާފައި ހުރީ ޑީވީޑީއެވެ. އެ ފެނުމާއެކު، އޭގައި ހުންނާނީ ކޯޗެއްކަން އަހަންނަށް އެނގުނެވެ. ފުލުހުންނާ ހަވާލު ކުރުމުގެ ކުރިން، އަހަރެން އެ ބަލައިލީމެވެ. އަޒީ ކުރި ތުހުމަތު އެ ހިސާބުން ސާބިތު ވިއެވެ. ނަސީރަކީ، އިންސާނެއްގެ ސިފައިގައި ހުރި ހައިވާނެކެވެ. އިންސާނިއްޔަތުކަމުގެ ކަންފުޅެއް ވެސް އޭނަގެ ކިބަޔަކު ނެތެވެ. އެއް އަތުން ކެމެރާ ހިފައިގެން އަނެއް އަތުން އަނިޔާ ކުރަމުން ގެންދިޔައިރު، ނަސީރު ހޭ އަޑު، ހުއްޓުމެއް ނެތި އިވެމުންދިޔައެވެ. އެންމެ ޑީވީޑީއެއްގެ ފަސް މިނެޓު ވެސް އަހަންނަކަށް ނުބެލުނެވެ. ބޯއަނބުރައިގަނެގެން ހުއްޓާލީއެވެ. ވަގުތުން ފުލުހުންނަށް ގުޅާފައި، ޑީވީޑީތައް ހަވާލު ކުރީމެވެ.

އަޒީގެ ފޯނުން ލިބުނު ވީޑިޔޯ އާއި، އެޕާޓުމަންޓުން ފެނުނު ހުރިހާ ޑީވީޑީތަކާއި، އަހަރުމެންގެ ހެކި ބަސް ދިނުމުން ވެސް، އެއީ "ކާފީ" ހެއްކަކަށް ނުވިއެވެ. މަތިން ނަގާފައި ވާ ވީޑިޔޯ މަތިކަމުން އެއީ ނަސީރުކަން ސާބިތެއް ނުވިއެވެ. ދެން ހުރި ވީޑިޔޯތަކުން ނަސީރުގެ އަޑު އެކަނި އިވިގެން އެ ވެސް ސާބިތެއް ނުވިއެވެ. އަހަރުމެންނަށް ވެސް ފެނުނީ އަނިޔާ ލިބިފައި ވާ މީހެކެވެ. އަނިޔާ ކުރާ ތަނެއް ނޫނެވެ. އެއީ ނަސީރު ކުރި ކުށެއް ކަމަކަށް ސާބިތެއް ނުވިއެވެ. ސުހާނާގެ ހާލު ރަނގަޅެއް ނުވިއެވެ. ފުދޭ މިންވަރަށް ކާން ނުދިނުމާއި، މާ ގިނަ ދުވަހު އަނިޔާ ކުރުމުގެ ސަބަބުން ސުހާނާގެ ހޭބުއްދި ވަނީ ފިލައި ގޮއްސަ އެވެ. ޖިސްމާނީ އަނިޔާތަކުގެ އިތުރަށް، ސުހާނާއަށް ލިބިފައިވާ ނަފުސާނީ އަނިޔާ މާ ބޮޑެވެ. ކުރާ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ސުހާނާއަށް ރޮވެނީއެވެ. ވުމާއެކު، ސުހާނާގެ ފަރާތުން ވެސް ނަސީރާ ދެކޮޅަށް ހެއްކެށް ނުހޯދުނެވެ. ނަސީރު މިނިވަން ވީއެވެ.

ސުހާނާގެ ޢާއިލާގެ މީހުން ސުހާނާ ރާއްޖެއިން ބޭރަށް ގެންދިޔައެވެ. ސުހާނާގެ ހާލު، ތަންކޮޅެއް ރަނގަޅުވިހެން ވެސް ހީވިއެވެ. އެކަމަކު، ކުއްލިއަކަށް ވަރަށް ހާލު ބޮޑު ވެފައި، ސުހާނާ ނިޔާވީއެވެ. ކުށްވެރިއަކީ ނަސީރެވެ. ޝައްކެއް ވެސް ނެތެވެ. އެހެންނަމަވެސް، އެ ކުށުން ބައެއް އަހަރެންގެ ބޮލުގައި ވެސް އަޅަމެވެ. ތަޅާ އަޑު އިވުނު ފުރަތަމަ ފަހަރު އަހަރެން އެ ކަން ސީރިޔަސްކޮށް ނެގި ނަމަ، ފަހަރެއްގައި، ތަންކޮޅެއް ގިނަ ދުވަހު ސުހާނާ ދުނިޔޭގައި ހުރީސް ކަންނޭނގެއެވެ.

ދިރިއުޅުމުގެ ހަލަބޮލި މާޙައުލުގައި، ސަމާލުކަން ދޭން ޖެހޭ ބައެއް އަޑުތަކަށް، ދެވެނީ ބީރު ކަންފަތެކެވެ. ކަމެއްގެ ޙަޤީޤަތް ހޯދަން އަހަންނަށް ނުކުޅެދުނުއިރު ކުޅެދޭ ފަރާތަކަށް ގުޅާ ނުލެވުނު ކަމީ، ފަރުދެއްގެ ހައިސިއްޔަތުން އަހަންނަށް ވެވުނު އިހުމާލެކެވެ. ނުބައި މީހުންނަށް ނުބައި ކަން ދެއްކެނީ، ރަނގަޅު މީހުން އެ މީހުންގެ ޒިންމާ އަދާ ނުކުރީމައެވެ.