މެލޭޝިއާއަށް ދާ ކޮންމެ ފަހަރަކު ވެސް ވަރަށް ފޫހިވާ ކަމެއް އޮވެ އެވެ. ކުއާލަ ލަމްޕޫރު އެއާޕޯޓުން މަރުހަބާ ކިޔަން އޮންނަ އިމިގްރޭޝަންގެ ދިގު ކިޔޫ އެވެ.
އެކަން ބޮލަށް ލައިގެން، ރަންވޭގައި ފްލައިޓު ޖެއްސުމާ އެކު ކަމަރު ނައްޓާލީމެވެ. ވީ އެންމެ އަވަހަށް ފްލައިޓުން ފުންމާލުމަށްފަހު އިމިގްރޭޝަން ކައުންޓަރަށް ދުއްވައިގަތީމެވެ. އެވަރުން ވެސް އެ އޮތީ އެއްކަލަ ކިޔޫ އެވެ.
އަހަރެންނާ ޖެހިގެން ފަހަތުގައި ހުރި މީހަކު ހަމަ ހުއްޓާނުލައި ކެއްސަނީ އެވެ. މާސްކެއް ވެސް މަގޭ އަތަކު ނެތެވެ. އެކަމަކު އޭނާ ކެއްސާލާ ކޮންމެ ފަހަރަކު ކޮށި އަރާފައި އޮތް ކިޔޫ ވެސް ހިނގައިގަނެ އެވެ. އެންމެ ކުރިއަށް ފޯރުމާ އެކު އިމިގްރޭޝަން ކައުންޓަރާ ދިމާލަށް ވެސް ހަމަ ކެއްސަނީ އެވެ.
އެއާޕޯޓުން ނުކުމެވުނީ ފްލައިޓުން ފުންމާލިތާ 2 ގަޑިއިރާ 35 މިނެޓު ފަހުންނެވެ. ގްރޭބަކަށް ޖެހުމަށްފަހު ސިނގިރޭޓެއް ރޯކޮށްލީމެވެ. ނަސީބަކުން ސިނގިރޭޓުބުރި ހުސްވާން ވާއިރަށް ކާރު އަތުވެއްޖެ އެވެ.
ހޮޓަލަށް ފޯރީ ގަޑިއެއްހާއިރު ފަހުންނެވެ. އޭރު ގަޑިން ގާތްގަނޑަކަށް 10 ޖަހަނީ އެވެ. ކޮޓަރިއަށް ވަދެވޭނީ މެންދުރު 2 ޖެހީމަ އެވެ. އެކަމަކު އެއީ މާ ބޮޑު މައްސަލައެއް ނޫނެވެ. މިއީ ބުކިތު ބިންތާންގްގައި ހުރި ހޮޓަލެކެވެ. މި ސަރަހައްދުން އެއްޗެއް ހޯދުމަކީ ފެންފޮދެއް ދިރުވައިލުންހާ ފަސޭހަ ކަމެކެވެ.
ރިސެޕްޝަނާ ލަގެޖު ހަވާލުކުރުމަށްފަހު ލޮބީގައި ހުރި ފާހާނާއަށް ވަދެ ހަމަ ދެންމެ ފެންވަރައިގެން އައިހާ ތާޒާވެ، ސެންޓު ތަޅާލައިގެން ނުކުމެ ހިނގައިގަތީ ކޮފީއެއް ބޯލުމަށެވެ.
ބުކިތު ބިންތާންގް: ކިހިނެއްވާ ތަނެއް؟
މެލޭޝިއާ ބަހުން ބުކިތު ބިންތާންގްގެ މާނައަކީ 'ތަރި ފަރުބަދަ' އެވެ.
މިތަނަށް ބުކިތު ބިންތާންގްއޭ ކިޔަނީ މީގެ އެތައް އަހަރު ކުރިން މިތަނުގައި ހުރި 50 ވަރަކަށް މީޓަރުގެ އުސް ފަރުބަދައަކާ ގުޅުވައިގެންނެވެ. މިހާރު އެ ފަރުބަދަ ފެންނާކަށް ނެތެވެ. ހަމައެކަނި އޮތީ ނަމެވެ.
އެއް ޒަމާނެއްގައި މިއީ މީހުން އާބާދުވެ، ދިރިއުޅުނު ރެސިޑެންޝަލް ސަރަހައްދެކެވެ. އޭގެ ފަހުން ސިނަމާތަކާއި ކެބެރޭ އާއި ސަގާފީ ހުށަހެޅުންތަކާ އެކު މުނިފޫހިފިލުވަން ހާއްސަ އަވަށެކެވެ.
މިހާރު މިއީ ބާޒާރުކުރަން ހާއްސަ ސަރަހައްދެކެވެ. ކުރިން ހުރި ފަރުބަދައިގެ ބަދަލުގައި މިހާރު ފެންނަން ހުރީ ބުރިބުރިއަށް ނަގާފައި ހުރި ބޮޑެތި ޝޮޕިން މޯލްތަކެވެ. ތަރިތަކަކީ އެ ތަންތަނުގެ އަލިގަދަ ބޮކިތަކެވެ.
މަގުތަކުގެ ދެ ފަރާތުގައި ފާޑުފާޑުގެ ފިހާރަތައް އަތުރާލާފަ އެވެ. އެއް މޯލްއާ ޖެހިގެން އެއަށްވުރެ ބޮޑު މޯލްއެކެވެ. ލަގްޒަރީ ބްރޭންޑްތަކުން ޖަރީކޮށްފައިވާ ޕެވީލިއަން އާއި އެޗް އެންޑް އެމްގެ ބޮޑު ފިހާރަ ހުންނަ ލޮޓް 10 އެވެ. ފެރެނައިޓް އާއި ސްޓާހިލް އެވެ. ކުޑަކޮށް ދުރަށް ހިނގާލާއިރު އިލެކްޓްރޯނިކްސްއަަށް ހާއްސަ ޕްލާޒާ ލޯ ޔެޓް މޯލް އާއި ބަޖެޓު ޝޮޕިންއަށް ހާއްސަ ބެރްޖާޔާ ޓައިމްސް ސްކޮޔާ އެވެ. މި ތަންތަނުން ބާޒާރުކޮށްގެން ކޮތަޅު ހިފައިގެން ދެކޮޅަށް ހިނގާ މީހުންނެވެ.
މުޅި އެ އަވަށުގައި އޮންނަނީ ދުނިޔޭގެ އެންމެ މަޝްހޫރު ބްރޭންޑްތަކުގެ ބޮޑެތި ނަން ބޯޑުތައް ދުވާލާއި ރޭގަނޑަށް ދިއްލާލާފަ އެވެ. އަބަދު ކޮންމެވެސް ސޭލެއް އަޅުވާފަ އެވެ. އަހަރެމެން އީދަށް ދިއްލާ ބޮކިފަތިތައް، މަގުގެ އެއްކޮޅުން އަނެއްކޮޅަށް ކޮންމެ ރެއަކު ވެސް ހުންނާނީ ދިއްލާލާފަ އެވެ.
މި އަވަށުގެ ރަހަ ހެޔޮވަރު ކޮށްދެނީ ދުނިޔޭގެ އެކި ގައުމުތަކުގެ ކެފޭ ރެސްޓޯރެންޓްތަކުންނެވެ. ޖަޕާނުގެ ބޭކަރީތަކާއި މެދުއިރުމަތީގެ މަޝްހޫރު ފްރެންޗައިސްތަކެވެ. މިތަނުގައި ނެތް އެއްޗެއް ހަމަ ހަގީގަތުގައި ވެސް ނެތީ އެވެ.
ރެސްޓޯރެންޓެއްގެ މަތިން ރެސްޓޯރެންޓެއް، އޭގެ މަތިން ކެފޭއެއް އަދި އެންމެ ތިރިން ފިހާރައެއް ވެސް ފެނިދާނެ އެވެ. ވަރަށް އަގުހެޔޮކޮށް، މީރުކޮށް ވެސް ކެވިދާނެ އެވެ. އެންމެ ބަޖެޓުކޮށް އުޅެން ބޭނުންވާ މީހުންނަށް އެހުރީ 24 ގަޑިއިރު ހުޅުވާފައި ހުންނަ 7/11 ތަކެވެ.
ސަމާލުކަން ގެއްލުވާލައިފި ނަމަ، މި އަވަށުގައި އަތްމަތި ހުސްވާ މިންވަރަށް ލާރި ތަޅައި ބުރުވާލުމަކީ އެއްވެސް ކަމެއް ނޫނެވެ.
މިއުޒިކީ އަވަށެއް
ޝޮޕިންއަކީ އިސާހިތަކު ހަނދާނުން ފުހެވިގެންދާ ކަމެކެވެ. ގަންނަ އެއްޗެއް ގަނެ، ބޭނުންކޮށް، ބާވުމުން އެކަން އެ ދިޔައީ އެވެ.
އެކަމަކު ޝޮޕިންއަށް ވުރެ ބޮޑަށް ހަނދާނުގައި އަދިވެސް ހަރުލާފައި ހުރީ ބުކިތް ބިންތާންގުން އިވޭ ލައިވް މިއުޒިކެވެ. ކޮންމެ ރެއަކު ވެސް އެކި މަގުތަކުގެ ކަންމަތި ބަދަލުވަނީ ކުޑަވަރެއްގެ ސްޓޭޖަކަށެވެ. ހުނަރުން ފުރިގެންވާ ލޯކަލް އާޓިސްޓުންގެ ލަވަތައް އަޑުއަހަން މީހުން ތިބެނީ ތޮއްޖެހިފަ އެވެ.
އެމީހުން ހުށަހަޅައިދެނީ މެލޭޝިއާ ލަވަތައް އެކަންޏެއް ނޫނެވެ. މައިކަލް ޖެކްސަންގެ ލަވަތައް، އެ ސްޓެޕުތަކާ އެކީގަ އެވެ. އަރަބި ލަވަތަކާއި އަހަރެމެންގެ ކަންފަތާ ތިމާގެ، ހިންދީ ލަވަތަކެވެ.
ދުވާލުދާ ހަތަރުދަމު ޝޮޕިން މޯލްތަކާއި ރަށުތެރޭގައި އެނބުރި އެނބުރިފައި ކޮންމެ ރެއަކު ވެސް މި ކަންމަތީ ޝޯ ބަލަން އައިސް އިނދެވެނީ ސަބަބެއް ނެތިއެއް ނޫނެވެ.
މިއީ ހޮޓެލްއަށް ނިދަން ދިއުމުގެ ކުރިން ކޮންމެހެން ވެސް ކުރަން ޖެހިފައި އޮންނަ ކަމެކެވެ.
12ގެ ފަސް: ތަރިތައް އޮއްސި، ދަންވަރަށް މާ ފޮޅުން
ފިހާރަތައް ބަންދުކޮށް، ބުކިތު ބިންތާންގްގެ 'ތަރިތައް އޮއްސުމުން' ދެން ފެންނާނީ ވަރަށް ތަފާތުކޮށެވެ.
މޯލްތައް ބަންދުކުރާ ރަސްމީ ގަޑިއަކީ ރޭގަނޑު 10 އެވެ. ދެން ބާރުބޮޑުވާނީ ރެސްޓޯރެންޓްތަކަށެވެ. ކޮނޑުހުޅުން އަތް ނެއްޓޭ ވަރަށް ބާޒާރުކޮށްގެން ގިނަ މީހުން ދާނީ ބަނޑު ފުރާށެވެ. ބައެއް ތަންތަން 1 ޖަހާ ބޮޑުވަންދެން ވެސް ހުޅުވާފައި ހުރެ އެވެ. ބައެއް ތަންތަން 24 ގަޑިއިރަށެވެ.
ފިހާރަތަކުގެ ބޮކިތައް ނިވި، ތަރިތައް އޮއްސުނަސް، މިއީ އެންމެ ރެއަކު ވެސް ނިދާ އަވަށެއް ނޫނެވެ. އަބަދުވެސް މަގުމަތީގައި ކޮންމެވެސް ވަރަކަށް މީހުން އުޅޭނެ އެވެ.
އެކަމަކު މިގަޑީގައި މިތަން އޮންނަނީ މުޅިން އޮފު ކެނޑިފަ އެވެ. ދުވާލު ކޮފީއެއް ނަގައިގެން މީހުން އަނގަތަޅަށް ތިބޭ ބެންޗުތަކުގައި ބަރިބަރިއަށް މީހުން ނިދާފަ އެވެ. މުޅި އާއިލާ އެއްކޮށް ވެސް ތިބެ އެވެ.
ދެން އޮތީ މި އަވަށުގައި ޖެހިފައި އޮތް ލައްގަނޑުގެ ވާހަކަ އެވެ.
ބަޖެޓް ހޮޓެލްތަކުގެ ދޮރުމަތީގައި ކޮންމެ ރެއަކު ވެސް ދަންވަރަށް ފޮޅޭ މާތަކެއް ތިބޭނެ އެވެ. ރަޝިއާ މަލާއި ތައިލެންޑު މަލާއި އަރަބި މާތަކެވެ. މިގަޑީގައި މަގުމައްޗަށް ނުކުމެ އުޅޭ ހަނދުވަރު ކުރަފިތައް އެ މާތަކާއި ކައިރިވެ އުޅޭނެ އެވެ. އެހެން ތިބެތިބެފައި ގެއްލިދާނެ އެވެ. އަނެއްކާ ވެސް ފެނިދާނެ އެވެ. އެކަނި ފިރިހެނަކު ދާ ނަމަ، ގޮވާނެ އެވެ. ކޮންމެވެސް ކާޑެއް އެއްޗެއް ދިއްކޮށްލާނެ އެވެ.
މިތަނުން ޖެހުނު ހަމައެކަނި އުނދަގުލަކީ ސަލާން ޖަހަން އުޅޭ ކުޑަކުދިންނެވެ. އެކަކަށް ރުފިޔާއެއް ދީފައި އެނބުރޭއިރު އެހެން ކުއްޖަކު ހުންނާނީ ވިއްދާފަ އެވެ. ބައެއް ފަހަރު މުޅި ގްރޫޕު އޮތް ގޮތަށް ވެސް އަތުވެދާނެ އެވެ. ގައިގައި އޮޅުލައި، އާދޭސް ވެސް ކޮށްފާނެ އެވެ.
މާ ބޮޑު ތަފްސީލަކަށް ނުގޮސް، ކުރުކޮށް ބުނާ ނަމަ ހަގީގަތުގައި މިއީ ހިއުމަން ޓްރެފިކިން ނެޓްވޯކެއްގެ ކަންތައްގަނޑެވެ. އެ ކުދިން ބަނޑުހައޭ ބުނެ ހޯދާ ފައިސާއަކީ އެ ނެޓްވޯކުން އާމްދަނީ ހޯދަން ކުރާ މަސައްކަތެވެ.
އެއްރެއަކު މިގޮތަށް އައިސް، ފައިސާ ދޭން ބުނި ކުއްޖަކަށް އަހަރެންގެ ހަރަދުގައި ކާން ދޭން ހުށަހެޅީމެވެ. ހަމަ ބޭނުން އެއްޗެއް ނަގަންވީ އެވެ. ހަމަ ހިލާ އެއްބަހެއް ނުވި އެވެ. އޭނާގެ ހައިހޫނުކަން ފިލަން އޮތީ ފައިސާއިންނެވެ. ޖެހިގެން އައި ދުވަހު މެންދުރުގެ ވަގުތެއްގައި އެ މަންޖެ ފެނުނީ އަރާމުކޮށް ޖައްސާލައިގެން ފޯނާ ކުޅެން އިން ތަނެވެ. ދެން އެ ވާހަކަ އެ ހިސާބުން ނިމުނީ އެވެ.
ކޮންމެ ގައުމަކަށް، އާ ރަށަކަށް ދިޔަޔަސް ހަނދާނާއި ފޯނުގެ ގެލަރީގައި ބަހައްޓަން ބޭނުންވަނީ ސަޅި މެމޮރީތަކެވެ. މައްސަލައަކީ ކޮންމެ ތަނަކުން ވެސް މިކަހަލަ މަންޒަރުތައް ބައެއް ފަހަރު ފެންނާތީ އެވެ.
ބުކިތު ބިންތާންގަކީ ވެސް އެކަހަލަ ތަނެކެވެ. ފުރަތަމަ ފެންނާނީ ބޮޑެތި ނިއޯން ބޮކިފަތިތަކެވެ. ޕެވީލިއަން ކުރިމަތީގައި ހުންނަ ބޮޑު ފެންއަރުވާ ވަޑާމާއި އޭގެ ފަހަތުން އެއް ފަޅީގައި ބޮޑު އަކުރުން ދިއްލާފައި ހުންނަ ލުއީ ވިޓޯން އަދި އަނެއް ފަޅީގައި ހުންނަ ޑިއޯ ބޯޑެވެ. ލޮޓް 10ގެ ހަތަރު އަނގޮޅި ކަންމަތީގައި، ޓޯކިޔޯގެ ޝިބޫޔާ ކްރޮސިން ގޮތަށް ހަދާފައި އޮންނަ ބުކިތު ބިންތާންގް ކަފިހި ހުރަސްތަކެވެ.
އެކަމަކު އަހަރެން ގޮތަށް، ރޭގަނޑު ލޮލުފިޔައެއް ނުޖެހިގެން މަގުމައްޗަށް ނުކުމެ އުޅޭ މީހުންނަށް ވަރަށް ތަފާތު، ބައިވަރު ކަންކަން ފެންނާނެ އެވެ. ފިހާރަތަކުގެ ބޮކި އަލި ފަނޑުވިޔަސް މިތަނުން ފެންނާނީ ތަރި އެކަންޏެއް ނޫނެވެ.



