ކ. މާފުއްޓަށް ދެވުނު އަދަދެއް ބުނަން ވެސް ނޭނގެ އެވެ. ޗުއްޓީ އާއި މަސައްކަތުގަ އެވެ. ނޫނީ ރޯދަ ވީއްލުމަކަށެވެ.

މި ރަށުގައި ނުހިނގާ މަގެއް މަދުވާނެ އެވެ. މޫދަށް އެރުނީމެވެ. އެކަމަކު ނުކުރެވޭ ކަމެއް އެބައޮތެވެ. އެއީ މިރަށުގެ މަތިން އުދުހިލުމެވެ.

އަހަރެމެން އިންސާނުންނަކީ އަބަދުވެސް އާ ކަންކަން ތަޖުރިބާ ކުރަން ބޭނުންވާ މީހުންނެވެ. ދެ ފައި ދެއްވީތީ ހިނގާފައި އުޅެނީ މަޖުބޫރުވެގެންނެވެ. އެކަމަކު ދޫނި ފަދައިން އަހަރެމެން ވެސް އުދުހިލަން ބޭނުންވެ އެވެ. މަތިންދާބޯޓު ވެސް އުފެއްދީ ނޫން ހެއްޔެވެ.

އެގޮތަށް މަށަކީ ވެސް އުދުހޭ ހިތްވާ މީހެކެވެ. މަތިންދާބޯޓުގައި ލައްކަ ދަތުރު ކުރެވިއްޖެ އެވެ. ދުނިޔޭގެ އެކި ގައުމުތަކާއި އެކި ބައްރުތަކުގެ މަތިން ހާހުން ފޮޓޯ ކެނޑިއްޖެ އެވެ. އެކަމަކު އެއީ ފުސްބުރާފައިވި ބިއްލޫރިގަނޑެއްގެ ފަހަތުންނެވެ. އެއްގޮތަކަށް ވެސް ކަމަކުނުދެ އެވެ.

ދެން އޮތީ ސްކައިޑައިވް ކުރުމެވެ. އެކަމަކު ގަންނާންކުރެއްވި ބިރުން މަގޭ އަންހެނުން ހަމަ ހިލާ އެކަން ކުރާކަށް އެއްބަހެއް ނުވި އެވެ. އެހެންވީމާ މި ޖަނަމްގައި ސްކައިޑައިވް ކުރެވޭނެހެން ހިޔެއް ނުވެ އެވެ.

ދެން އެންމެ ގާތްކުރާ ކަމަކަށް ކުރެވެން އޮތީ ޕެރަސެއިލިން އެވެ. މާފުއްޓަކީ މިކަން އެންމެ އަގުހެޔޮކޮށް ތަޖުރިބާކޮށްލެވޭނެ އެއް ރަށެވެ. އެހެންވެ އަންހެނުން ގޮވައިގެން މާފުއްޓަށް ދިޔައީ ޕެރަސެއިލިންގެ އަޖުމަ ބަލަން އަޒުމް ކަނޑައަޅައިގެންނެވެ.

ރަށަށް ގޮސް، ކާނި ބީޗް ހޮޓަލަށް ޗެކިންވެ، ދަބަސްގަނޑު އެއްލައިލުމަށްފަހު ފުރަތަމަ ވެސް ހިނގައިގަތީ ރަށުގެ ހުޅަނގު ފަރާތަށެވެ. އެންމެ ބޭރަށް އޮންނަ މަގުގައި ވޯޓަސްޕޯޓްސް ހަޓުގައި ސަފަކަށް ހުންނަ ދިމާލަށެވެ.

މި ދިމާލުގައި ކުޑަކޮށް ހިނގާލުމުން ވޯޓަސްޕޯޓްސްގެ އެކި ކަހަލަ ކުޅިވަރުތައް ތަޖުރިބާކޮށްލެވޭނެ އެވެ. އެކި ތަންތަނުން އެކި އަގުތަކުގަ އެވެ.

ހިނގަމުން ގޮސް ރަނގަޅުހެން ހީވާ ތަނަކުން ޕެރަސެއިލިން ޕެކޭޖެއް ނަގައިފީމެވެ. އެމީހުން ނެގީ 800 ރުފިޔާ އެވެ. އެއީ އަހަރެމެން ޕެރަސެއިލް ކުރާއިރު ޑްރޯން ފުޓޭޖާ ވެސް އެކީގަ އެވެ. ވަރަށް ފައްކަލެވެ. އެހެންވީމާ ޑީލް އެވެ.

ކުޑަ ލޯންޗެއްގައި އަހަރެމެން ގެންދިޔައީ ފަޅުން ބޭރަށެވެ. އަދި ހާނެސްގެ ބެލްޓު އަހަރެމެން ދެ މީހުންގެ ގައިގައި ބަނދެ އޭގެ މަތީގައި ބައިތިއްބައިފި އެވެ.

ލޯންޗުގައި އައްސާފައިވާ ވާގަނޑު މަޑުމަޑުން ދޫކުރަން ފެށިއިރު ފަޅުވެރިއެއްގެ ކެމެރާ ހުރީ ރިކޯޑަށް ޖައްސާފަ އެވެ. އަދި ވާގަނޑަށް ދޫދެމުން، މަޑުމަޑުން އަހަރެމެން ދެ މީހުން އުދުއްސާލި އެވެ.

މައްޗަށް އަރަމުންދިޔަ ވަރަކަށް ލޯންޗު ދިޔައީ ކުޑަވަމުންނެވެ. މޫދު ދިޔައީ ދުރުވަމުންނެވެ. ކަނޑު ހީވަނީ ފައިދަށުން ފެތުރިގަންނަހެންނެވެ. މެންދުރުގެ ގަދަ ހޫނުގެ ދިލަގަނޑު އިހުސާސެއް ނުވެ އެވެ. އެއަށްވުރެ އަރާމު ވައިރޯޅި ޖެހެ އެވެ. ބިއްލޫރި ކުޑަދޮރެއްގެ ކޫރުމެއް، ހުރަހެއް ނެތެވެ. ނޫނޭ ވާ މިއީ ފައްކާ ކަމެކެވެ.

މާފުށީގެ އަރިމައްޗަކުން އަހަރެމެން އުދުހެމުންދިޔައިރު، އަހަރެމެންގެ ތަޖުރިބާ ރިކޯޑުކުރަން ޑްރޯންއެއް ދިޔައީ ވަށައިގެން އުދުހެމުންނެވެ. އެއަށް ހާއި އާއި ބާއި ޖަހަން އަހަރެމެން ތިބީ ދަތްޕިލަ އަތަށް ނަގައިގެންނެވެ. ފުލައިން ކިސް ފޮނުވައި ވަރަށް އާޓު ދެއްކީމެވެ.

އެކަމަކު އެ ޑްރޯންއަށް އެކަނި ބަރޯސާވުމުގެ ބޭނުމެއް ނެތެވެ. ވާގަނޑުން އެއް އަތް ދޫކޮށްލުމަށްފަހު ވަރަށް އުނދަގުލުން ޖީބުގައި އޮތް ފޯނު ނަގައިފީމެވެ. ވައިމަތީގައި އެކި ގޮތްގޮތަށް، ބަރިބަރިއަށް ސެލްފީކޮޅެއް ވެސް ކަނޑާލީމެވެ. އަދި މަގޭ ލޮލަށް ފެނުނު މަންޒަރު ތަކުރާރުކޮށް ފަހުން ބަލަން ވީޑިއޯކޮޅެއް ވެސް ނެގީމެވެ. އެކަމަކު ފޯނު ނަގާ ނަމަ، ނަގަންވާނީ އަތުން ދޫވިޔަސް ވަރިހަމަ ކަމަށެވެ.

މިއީ ޖުމްލަތަކަކުން ނުވަތަ ފޮޓޯ އާއި ވީޑިއޯއަކުން ބަޔާންކޮށްދޭން ދަތި ތަޖުރިބާއެކެވެ. ކިތަންމެ ވަރަކަށް ބުނެދިނަސް، އަމިއްލައަށް ތަޖުރިބާނުކޮށް ނަގައިނުގަނެވިދާނެ އެވެ. ޕެރަސެއިލިންގައި ރާސްލާފައި މައްޗަށް އަރަނީއެއް ނޫނެވެ. އަދި ވެއްޓެނީއެއް ވެސް ނޫނެވެ. އުޅޭނީ ފާޑަކަށް، އޭގެ ދެމެދުގަ އެވެ.

މާފުށި ކައިރިން ވައިމަތީގައި އުދުހިލާފައި އަހަރެން ހޭދަކުރި 20 މިނެޓަކީ ހަޔާތުގެ ވެސް އެންމެ މިނިވަން 20 މިނެޓެވެ.

ދާއިމަށް ދެމިގެންދާން އެދުނު ނަމަވެސް، ވަގުތު ހަމަވުމާ އެކު ވާގަނޑަށް ދަމައި އަހަރެމެން ހަމަބިމަށް ތިރިކޮށްފި އެވެ. އަދި ލޯންޗުގައި އަހަރެމެން އެއްގަމަށް ގެންގޮސް، ޑްރޯން ފުޓޭޖު ނަގަން އެރޭ 7:30ގައި ހަޓާ ކައިރިކޮށްލަން ބުންޏެވެ.

ޕެރަސެއިލިންއަކީ އުދުހިލަން ބޭނުންވާ ކޮންމެ މީހަކު ވެސް ކުރަން ފައްކާ ކަމެކެވެ. އަދި މިކަން ކުރަން ކޮންމެހެން އާ ތަނަކަށް، ނުވަތަ މާ ދުރަށް ދާކަށް ވެސް ނުޖެހެ އެވެ. ޖެހޭނީ އުދުއްސައިގަންނާށެވެ.