އަބްދުﷲ ޒުހުރީއާ އެކު މި އިންޓަވިއު ގެނބެން ފެށީ އެންމެ ކުޑައިރުގެ ހަނދާންތަކަށެވެ؛ އުފަން ރަށް، ސ. މީދޫގެ 'ކަޅިބިތުން' ދެމިގެން ގޮސް ދެން ފުންމާލީ 'މަތިކިޅި' އަށެވެ. އެތަނުގައި އޮތް 'ފެންފިލަ' ކޯރުން ފޫޓުމަހާއި ބޭނގާއި ކޯވެންތައް ފުމެގަތެވެ. ނުފެނި ދުވަސްވީ އެކުވެރިޔާ ފެނުމުން ގުދުރަތުގެ އަޖާއިބުތައް ވެސް އުތުރިއަރައިގަތެވެ. އަދި އެ މީރު ފެންގަނޑުގައިވީ ދިރުމާއި އުފާވެރި ހަނދާންތަކުގެ ތެރެއަށް ހިފެހެއްޓުމެއް ނެތި ޒުހުރީގެ ހިތް އަނެއްކާވެސް ގެނބިގަތެވެ.
ކުޑައިރު، ކުޅެން ގޮސް ޖެހި ސަކަރާތުގައި އެ ޗަސްބިމާއި މީރުފެންގަނޑަށް ބަންޑުންވި އޭނާގެ ހިތް އަދިވެސް އޮތީ ކުޅީގެ އެ ކުލަ ހަނދާންތަކުން ތަތްތެޅިފަ އެވެ.

މަތިކިޅި އިކޯ ގާޑެން ތަރައްގީކުރަމުން އަންނަ މީދޫގެ ކުޅި މަތިން ނަގާފައިވާ ފޮޓޯއެއް. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)

މަތިކިޅި މަތިން ނަގާފައިވާ ފޮޓޯއެއް: މިއީ އިހުޒަމާނުގައި މޫދާ ގުޅިފައި އޮތް މީރުފެންގަނޑެއް އޮތް ތަނެއް ކަމަށް ބުނެވޭ. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)

މަތިކިޅި އިކޯ ގާޑެން: މިއީ އާންމު ދިރިއުޅުމުގެ ހިލަމެއް ނުވާ ހިމޭންކަމެއްގައި އޮތް ހިތްގައިމުކަމެއް. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)
އޭނާގެ ހިތް ބަންޑުންވި 50 ހެކްޓަރުގެ މި މަތިކިޅި އަކީ ރާއްޖޭގައި އޮތް ހަތަރުވަނައަށް އެންމެ ބޮޑު 'ވެޓްލޭންޑް' އެވެ. އަދި ޒުހުރީ އާއި މީދޫގެ ވަރަށް ގިނަ ބައެއްގެ ކުޑައިރުގެ އެންމެ އުފާވެރި ހަނދާންތައް ވަޅުލެވިފައިވާ ޗަސްބިމެވެ.
މި ކުޅީގެ އެކި ހިސާބުތަކުގައި ވަޅުލެވިފައިވާ އެންމެ އާންމު ހަނދާނަކީ އޮޅާއި އޮޅުއަލައިގެ ހުދު ކަމެވެ. އެކަމަކު މީދޫގައި އުޅެ ބޮޑުވި ކޮންމެ މީހަކަށް ވެސް އެންމެ ފޮނި ހަނދާނަކަށް ވާނީ އޮޅުއަލައިގެ އެ ދަނޑުވެރިކަމުގެ ހަވާސާގައި ޖެހިހާ ސަކަރާތެވެ. ކުޅެން ދާނެ ޕާކެއް، ދަނޑެއް، ހުސް ބިމެއް ރަށުގައި ނެތް ދުވަސްވަރު، ފުރާވަރުގެ ހިތަކަށް ބޭނުންވި އެ ހުރިހާ 'އެޑްވެންޗާއެއް' އޭރު ފޮރުވިފައި އޮތް ސުވަރުގެ އަކީ މަތިކިޅި އެވެ.
"މަންމަމެން އޭރު އަލަ ޖަހަން ދާއިރު އަޅުގަނޑުމެން ގޮސް ތިބޭނީ ފެންފިލަ ކޯރަށް އެރިގެން ފޫޓާއި ބޭނގުމަސް ހިފަން. ކުޅީގެ ފެންގަނޑުތައް އޭރު އެކި ދިމަދިމާލުން ފެންނަން އޮންނާނެ. އެއް ފެންގަނޑުން އަނެއް ފެންގަނޑަށް ދުވެ ފުމެ ސަކަރާތް ޖަހަމުންދާނީ އޭރު،" ކުޑައިރުގެ އެ ހަނދާންތަކުން ނުކުންނަ ހިތް ނުވެފައި ހުރެ ޒުހުރީ ބުނެލި އެވެ.

މަތިކިޅި އިކޯ ގާޑެންގެ ވަށައިގެން ދެމޭހެން ހެދިފައިވާ ފެންގަނޑެއް. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)

މަތިކިޅި އިކޯ ގާޑެންގެ ފެންގަނޑެއް. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)
ނަމަވެސް ކުޅީގެ އެ ތަތް ކިލައުގަނޑަށް ގެނބުނު ހިތް ދޫކޮށްލާފައި އުމުރުން 21 އަހަރުގައި އޭނާ ފުރައިގެން ދިޔައީ ކުރަމަތި އައުލެންޑް ރިސޯޓަށެވެ. ރިސެޕްޝަނިސްޓެއްގެ ވަޒީފާ އިން ފެށި އެ ދަތުރުގައި މިހާރު 34 އަހަރުވީ އެވެ. ފްރޮންޓް އޮފީސް މެނޭޖަރެއްގެ ގޮތުގައި މިހާރު ވެސް އޭނާ ވަޒީފާ އަދާކުރަނީ އަދި ދިރިއުޅެނީ ވެސް އެ ރަށުގަ އެވެ. އެކަމަކު ހިތް އަދިވެސް އޮތީ، އަބަދުވެސް އޮތީ މަތިކިޅިއަށް ގެނބުނު ގޮތަށް އެތަނުގައި ވަޅުލެވިފަ އެވެ.
މިއީ އެ ހިތަށް ފިނިކަމެއް ހޯދަން ދެ ތިން އެކުވެރިޔަކާ އެކު އޭނާ ފެށި މަސައްކަތުގައި އެންމެފަހުން ކުޑައިރުގެ އެ ހުރިހާ ހަނދާންތަކެއް 'ނޭޗާ ޕާކެއް'ގެ ގޮތުގައި ރަށުގެ އައު ޖީލަކަށް ބަންޑުންކޮށްދިން އާދަޔާހިލާފު ވާހަކަ އެވެ. 'ކާފަރުބުރު' ހުއިގެ ފަޅު ދުނިޔެއަކަށް ބަދަލުވެފައި އޮތް މަތިކިޅި އަލުން އިޔާދަކޮށް ކުޑައިރުގެ ހުރިހާ ހަނދާނަކާއި ތަޖުރިބާއެއް މި ޒަމާނަށް ގެނެސްދިން ޕްރޮޖެކްޓެއްގެ ވާހަކަ އެވެ.
މި އެޑްވެންޗާއަށް އެމީހުން ދީފައިވާ ނަމަކީ 'މަތިކިޅި އިކޯ ގާޑެން' އެވެ.

މަތިކިޅި އިކޯ ގާޑެންއަށް ދާން ހަދާފައިވާ ފާލަން: މި ފާލަން ތަރައްގީކުރާނެ މާލީ އެހީތެރިކަމެއް ނުލިބޭ ކަމަށް ޒުހުރީ ބުނި. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)

މަތިކިޅި އިކޯ ގާޑެންގައި ތިބޭއިރު ދުރުން އެ ފެންނަނީ މީދޫ. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)
ފާލަމަކުން މަތިކިޅިއަށް، ރީތިކަމުގެ ސުވަރުގެއަކަށް
ސައިކަލު ޕާކުކޮށްލާފައި އަހަރެން 'ކުޅިއަށް' ހިނގައިގަތީމެވެ. ދެ ފަރާތުގައި އޮޅުއަލަ އާއި ކާފަރުބުރު ހެދިފައިވާ ހަނިހަނި މަގަކުންނެވެ. ދިވެހި ރުކާއި ކަށިކެޔޮ ގަހުގެ ފިނިން ހިޔައުކޮށްލާފައި އޮތް ހިމޭންކަމެއްގެ ތެރެއިންނެވެ. އިރު މެދުން ފިލައި ހަވީރަށް ފިނިވަނީ އެވެ. ކުޅީކުކުޅާއި ކަނބިލިތައް ފިލަން ފަރިވަނީ އެވެ.
އިސްކޮޅުން މައްޗަށް އަރައި، މަގުގެ ދެ ފަރާތުގައި ބޯކޮށް ހެދިފައިވާ ކާފަރުބުރުތައް ފެނުމުން ހިޔާލުގައި ބުރުޖަހައިގަތީ ކުޑައިރު ކުޅިއަށް ގޮސް އުޅުނު ހަނދާންތަކެވެ. މިޔަހާ ތޫނު ކާފަރުބުރު ހުއިތަކުގެ ތެރެއަށް ވަދެގެން ގޮސް ހަތަރެސް ފައިން ލޭކޮށާލައިގެން 'ފެންފިލަ ޖަހަން' ގޮސް އުޅުނު ހަނދާންތަކެވެ.
'ކާފަރުބުރާ' ހެދި މީދޫގެ އިރުމަތީ ބިތުގައި ހެދިފައިވާ ގުދުރަތީ ރީތިކަން އޮންނަނީ ވަރަށް ބޮޑަށް ހަމަލޮލަށް ގެއްލިފަ އެވެ. ދެ މިޔަލީ ހުއިހެން އަރައި ހެދިފައިވާ ގަދަފެހި ކުލައިގެ މި ވިނަތައް އިސްކޮޅުން މައްޗަށް އަރާފައިވުމުން ކުޅީގެ ހަގީގީ ހިތްގައިމު ކަމުގައި އޮންނަނީ ފެހިކުލައިގެ ބޯ ފަރުދާއެއް ލެވިފަ އެވެ.
މިދިޔަ ތިރީހަކަށް އަހަރު، މި ގުދުރަތީ މުއްސަނދިކަމާއި ނަލަކަމުގެ އެއްވެސް އުފާވެރިކަމެއް ތަޖުރިބާކޮށްލަން ނުލިބި މިތަން ފަޅުވެ އެކަހެރިވެ ބާކީވެފައި އޮތް އެންމެ ބޮޑު ސަބަބަކީ ވެސް ކާފަރުބުރުގެ 'ޖަންގައްޔަކަށް' ބަދަލުވެފައި އޮތުމެވެ.

މަތިކިޅި އިކޯ ގާޑެންއަށް ދިއުމަށް އޮންނަ ހަނިހަނި މަގާއި އެ މަގުގެ އަނެއް ފަޅީގައި އޮތް އޮޅު. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)

އައްޑޫ މީހުން އެ ބުނާ 'ކާފަރުބުރުން' މަތިކިޅި އިކޯ ގާޑެން ފޮރުވިފައި. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)
ސުވަރުގެއެއްގެ ގޮތުގައި މިއަދު އެންމެން ސިފަކުރާ މަތިކިޅި އިކޯ ގާޑެން ހޯދަމުން ދިޔައިރު އަހަންނާ ވެސް އެންމެ ފުރަތަމަ ބައްދަލުކުރީ މި ކާފަރުބުރުގެ 'ނަރަކަ' އެވެ. އެކަމަކު ގާތްގަނޑަކަށް ދެ ތިން މިނެޓު ފަހުން މި ފެހިކަމުގެ ތެރެއިން ކުޑަކުޑަ ސިޑިއެއް ލޮލުގައި އަޅައިގަތެވެ.
އިރުގެ ދަޅައިން ދިއްލިފައިވީ އެ ސިޑިން މައްޗަށް އެރުމުން ފެންނަނީ ކާފަރުބުރުތަކުގެ މަތިން އަޅާފައިވާ ލަކުޑީގެ ދިގު ފާލަމެކެވެ. އެ ފާލަން ގޮސް ގުޅެނީ މަތިކިޅި އިކޯ ގާޑެންގެ އުސްބިންތަކާ އެވެ. އެއީ ޒުހުރީ އާއި އޭނާގެ އެކުވެރިން އެމީހުންގެ ކުޑައިރުގެ ހަނދާންތަކުން ދިރުން ގެނެސް ތަރައްގީކޮށްފައިވާ ހުވަފެނީ މައިޒާނެކެވެ. އަދި އެ ހިތްގައިމުކަމަކީ ހަގީގަތުގައި ވެސް ކީބޯޑަކުން މިހެން ސިފަކޮށް ކުލަ ނުޖެއްސޭނޭ ފުރިހަމަކަމެކެވެ.
ކާފަރުބުރުތަކުގެ ތެރެއަށް ވަދެގެން ގޮސް ހަތަރެސްފައިން ލޭކޮށާލާއިގެން ޒުހުރީމެން މި އޮތީ ހަމަ އަސްލަށް ވެސް ސުވަރުގެއަކަށް ދޮރު ކޮށައިދީފަ އެވެ. – ފާލަންމަތިން ހިނގަމުން، އިކޯ ގާޑެންގެ އުސްބިންތަކާ ގާތް ވަމުން ދިޔަވަރަކަށް ހިތަށް އަރައި ފައިބަމުން ދިޔައީ މި ހިޔާލެވެ.

މަތިކިޅި އިކޯ ގާޑެންއަށް ދިއުމަށް ހަދާފައި އޮތް ފާލަން. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)

މަތިކިޅި އިކޯ ގާޑެންގެ މަތިން ނަގާފައިވާ ފޮޓޯއެއް: މި ތަނުގެ އެތެރޭގައި އޮތް ފެންގަނޑުން ސިފަވަނީ އައްޑޫ އަތޮޅު ޗާޓެއްގެ ކުރެހުމަކުން ފެންނަ ގޮތް. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)
ފެންގަނޑު މަތިން އަޅާފައި އޮތް ފާލަން ހުރަސްކޮށް އެންމެފަހުން އިކޯ ގާޑެންއަށް ވަދެވިއްޖެ އެވެ. ކުދި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި ތަރައްގީކޮށް ރުއްގަސް އިންދައި މާމަލުން ފޮޅިފައި އޮތް މި އުސްބިން ވަށައިގެން ހެދިފައިވާ 'ކޯރުފެންގަނޑުން' ފެންމީރު މަހުގެ ބާވަތްތައް ކުލަކުލައިން ފުމެ ނަށަން ފަށައިގަތެވެ. ދޫނީގެ އެކި ވައްތަރުތައް ތިރިކޮށް އުދުހެން ފަށައިފި އެވެ. އަދި އިރުކޮޅެއް ނުވެ ހަވީރުގެ ފިންޏަށް މީހުންތަކާ އެކު އިކޯ ގާޑެން ކުއްލިއަކަށް ފުރިއްޖެ އެވެ.
ވަށައިގެން ފަންސާސް އެތައް ހެކްޓަރަކަށް ފެތުރިފައި އޮތް ފެހިކަމާއި ރަތްވިލާގެ ދަޅަތަކަށް ގެއްލި ހުއްޓި ތިބެ އެންމެން ފޯނުން ފޮޓޯ ނަގަން ފެށުމުން މުޅިތަން ނިވިދިއްލެން ފަށައިފި އެވެ.
އެކަމަކު މީގެ ހައެއްކަ އަހަރު ކުރިން ނަމަ ދުވަހުގެ މި ވަގުތުގައި މިތަނުގައި ޖިންނިއަކު ވެސް ނޫޅޭނެ އެވެ. މިއީ އެހައި ވެސް ބޮޑަށް ވައު ހެދި ފަޅުވެފައި އޮތްތަނެކެވެ.
ކުޅީގެ ސަރަހައްދުތަކަށް ކުރިން އާންމުކޮށް މި ރަށު މީހުން ގޮސް އުޅުނީ އޮޅުއަލަ ހައްދާށެވެ. ކުޅިތަކާ އެކު އެ ދަނޑުވެރިކަން ވެސް އޮތީ ވައުވެފަ އެވެ. އޮޅުއަލަ ރަށުގައި ތަދު އެއްޗަކަށް ބަދަލުވެފައިވާއިރު އޮޅުތަކާއި ކުޅިތަކުގެ ބޭނުން ވެސް އޮތީ ގިނަ މީހުންނަށް ކެނޑިފަ އެވެ.
ކުޅި ބަދަލުވެފައި އޮތީ އެއްވެސް ބޭނުމެއް ނެތް ތަނަކަށެވެ. ދާން އެންމެ ބޭނުން ނުވި މަންޒިލުގެ ގޮތުގަ އެވެ. އެކަމަކު މިއަދު އިކޯ ގާޑެން ތަރައްގީކޮށްފައިވާ މީދޫގެ މަތިކިޅި އަކީ މުޅި އައްޑޫ އަތޮޅުގެ އެންމެ ބޮޑު ނޭޗާ އެޓްރެކްޝަނެވެ.
ވައުވެ، ކާފަރުބުރުގެ ނަރަކައަކަށް ބަދަލުވެފައި އޮތް ކުޅި އަކީ މިއަދު އަނެއްކާވެސް ރަށުގެ ގުދުރަތީ އަޖާއިބުން އަޖާއިބެކެވެ.

މަތިކިޅި އިކޯ ގާޑެންގެ ރައީސް އަބްދުﷲ ޒުހުރީ (ކ) އަދި އޭނާއާ އެކު އެ ޖަމިއްޔާގެ އަމަލީ މަސައްކަތުގައި އިސްކޮށް އުޅޭ މުހައްމަދު ސަލާހް: މިއީ މަދު ބައެއްގެ އެހީތެރިކަމާ އެކު ސަލާހު އިސްވެ ހުރެ ފެށި މަސައްކަތެއް.

މަތިކިޅީގައި އިކޯ ގާޑެން ތަރައްގީކުރުމުގެ ކުރިން އެތަން އޮތް ގޮތް ބަލައިލުމަށް ކުރި ދަތުރެއްގައި ސަލާހް ފެންގަނޑެއް ކައިރީގައި މަޑުކޮށްލައިގެން: މިއީ ސަލާހް އާއި ޒުހުރީގެ އަމިއްލަ ޖީބުން ހޭދަކޮށްގެން ފެށި މަސައްކަތެއް. (މެރިހާނާ ފޮޓޯ)

މަތިކިޅީގައި އިކޯ ގާޑެން ތަރައްގީކުރުމުގެ ކުރިން ޒުހުރީ އެތަން ބަލައިލުމަށް ކުރި ދަތުރެއްގައި ފޮޓޯއަކަށް ހުއްޓިލައިގެން: މިއީ ޒުހުރީ އާއި ސަލާހް ގުޅިގެން ހިންގާ ޕްރޮޖެކްޓެއް. (މެރިހާނާ ފޮޓޯ)
ހުވަފެން ހަގީގަތަކަށް، މަތިކިޅި އަޖާއިބަކަށް
މަތިކިޅި އަށް 'ގެއްލުނު' ހިތް ކޮނެގެން ނަގައި އެތަނުގައިވީ ރީތިކަމުން އެ ހިތް އަލުން ފުރައިލުމުގެ މަސައްކަތް ޒުހުރީ އުޅުނީ އަބަދުވެސް ހިތުލައިގެންނެވެ. ޗުއްޓީގައި ކުރަމަތިން ފުރައިގެން 300 އެތައް މޭލެއް ކަޑައްތުކޮށް ރަށަށް ދެވުނު ކޮން ފަހަރަކު ވެސް މަތިކިޅީގެ ހާލުއަހުވާލަ ބެލުނީ އެހެންވެގެންނެވެ.
އެންމެފަހުން ކަތިވަޅި އާއި އުދެއްޔާއި ފަކީރާ ހިފައިގެން ރައްޓެހިންނާ އެކު ކުޅިއަށް އެރި 'ކާފަރުބުރާ' ކުރިމަތިލީ އެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކުރިއަށް ޖެހެމުން، 'ބުރުތައް ކޮށަމުން' މަގު ކޮށަމުން ގޮސް އެންމެފަހުން މަތިކިޅީގައި އެންމެފަހަށް އޮތް މީރުފެންގަނޑު ހޯދައި ސަލާމަތްކުރީ އެވެ.

މަތިކިޅި އިކޯ ގާޑެންގައި ހެދިފައިވާ ފެންގަނޑެއް: މި ފެންގަނޑުތަކުގައި މަސްތައް ވަނީ އާލާކޮށްފައި. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)

މަތިކިޅި އިކޯ ގާޑެން: މި ތަނަކީ ހަފުލާތައް ބޭއްވުމަށް މަގްބޫލު މަންޒިލެއް. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)
އެއީ ޒުހުރީގެ ހިތް ބަންޑުންވި 'ފެންފިލަ ކޯރު' ގައި އޭރު ނުހިކި ބާކީ އޮތް ފެންގަނޑު އެކަންޏެވެ. އެ ފެންގަނޑު ދިރުވައި އެތަނުގައި މަސްތައް އާލާކޮށް އޭރު ނެގި ފޮޓޯގަނޑުގައި ތިބީ ހައެއްކަ އެކުވެރިންނެވެ. މިއަދު އޭނާގެ ރައީސްކަމުގެ ދަށުން މަތިކިޅި އިކޯ ގާޑެން ތަރައްގީކޮށް ފުޅާކުރަމުން ގެންދަނީ މަތިކިޅި ސޮސައިޓީގެ ނަމުގައި ރަސްމީ އެއްބާރުލުން ވެސް ލިބިގެންނެވެ.
އެކަމަކު ޒުހުރީ އާއި އޭނާގެ އެކުވެރިންގެ މި ހުވަފެނުގައި ކުލަޖެއްސުންވީ ހީކުރި ވަރަށް ވުރެ އުނދަގޫ ކަމަކަށެވެ.
"މިތަން ތަރައްގީކުރަން ފަށައިގެން އެންމެ ފުރަތަމަ ނެގި ފޮޓޯތައް ފެނުނީމަ މި ރަށު މީހުންނަށް ނުވެސް އެނގުނު މިއީ އެމީހުން ދިރިއުޅޭ ރަށުގައި އޮތް ތަނެއް ކަމެއް ވެސް. މި ފެންގަނޑަކީ މަތިކިޅިއޭ ބުނީމަ މީހުންނަށް ގަބޫލެއް ވެސް ނުކުރެވުނު،" ވައު ހެދި ގެއްލިފައި އޮތް މަތިކިޅި ނޮޅައި ސާފުކޮށް ނެގި ފޮޓޯތައް ދައްކާލަމުން ޒުހުރީ ބުނެލި އެވެ.

ކުރިން މަތިކިޅި އޮތް ގޮތް: މިއީ ޒުހުރީ އެ ބުނާ ފެންފިލަ ފެންގަނޑު. މިއީ ކުޅީގައި އެންމެ ފަހަށް އޮތް ފެންގަނޑު.

މަތިކިޅި މިހާރު އޮތް ގޮތް: މިހާރު މިއީ މަތިކިޅި އިކޯ ގާޑެން އަދި ކޮންމެ ދުވަހަކު އެތައް ބަޔަކު ޒިޔާރަތްކުރާ ޕާކެއް. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)
މަތިކިޅިއަށް ޒުހުރީގެ ހިތުގައި އުފެދިފައި އޮތް ޝައުގުވެރިކަން އެހިސާބުން އެރީ އަނެއްކާވެސް މައްޗަށެވެ. ކުޑަކުޑަ މަސައްކަތަކުން އެވަރުގެ ނަތީޖާއެއް ނެރެވޭ ނަމަ އެތަން ނޭޗާ ޕާކެއްގެ ގޮތުގައި ތަރައްގީކުރެވިއްޖެ ނަމަ މި ކުޅިއަށް ލިބޭނެ ޝައުގުވެރިކަން ވިސްނިގެންނެވެ.
އެކަމަކު އެތަން ތަރައްގީކުރުމުގެ މަސައްކަތަށް އެންމެ ފުރަތަމަ ރަސްމީ އެއްވެސް ފަރާތެއްގެ އެދެވޭ އެއްބާރުލުމެއް ނުލިބުނެވެ. ނަމަވެސް މަތިކިޅި ހިމެނޭ ކުޅީގެ ސަރަހައްދު އެއްކޮށް ރަސްމީކޮށް ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެތަން ތަރައްގީކުރުމުގެ ކަންކަމުގައި ރަސްމީ އެއްބާރުލުން ލިބޭ ފެންވަރަށް ޒުހުރީ އާއި އޭނާގެ ޓީމުން ދައު އޮހޮރުވާލީ އެވެ.
"ތިން ހަތަރު ހަފުތާ ވަންދެން އަޅުގަނޑުމެން ގޮސް ވިނަތައް ސާފުކޮށް ކުޅިއަށް ދެވޭނޭހެން މަގުތައް ހަދަން ފެށީ. އެންމެފަހުން މަޑުމަޑުން ރަސްމީ ފަރާތްތަކުގެ އެއްބާރުލުން ލިބެން ފަށައިފި އަޅުގަނޑުމެންގެ މަސައްކަތަށް ވެސް. އަދި މިހާރު މުޅި މި ކުޅިއަކީ ރައީސްގެ ގަރާރަކުން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް،" ޒުހުރީ ބުނެލި އެވެ.

މަތިކިޅި އިކޯ ގާޑެންގެ ހިޔަލުގައި މާކަނައެއް ޖައްސާލައިގެން. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)

މާކަނާގެ އިތުރުން ކަނބިއްޔާއި ރާބޮނދު އާންމުކޮށް ފެނޭ. (މެރިހާނާ ފޮޓޯ/އަލީ ނާސިރު)
ޒުހުރީ އާއި މަތިކިޅި ސޮސައިޓީގެ ހުވަފެން އެންމެފަހުން ހަގީގަތަކަށްވީ އެވެ. އެކަމަކު މި ހުވަފެން ހަގީގަތަށް ހެދުމަށް މިދިޔަ ހައެއްކަ އަހަރު އެންމެ ގިނައިން އެމީހުން ހޭދަކުރީ އަމިއްލަ ޖީބުންނެވެ.
"ކައުންސިލްގެ މާލީ އެހީ ލިބިގެން ހަޓުތަކާއި ވޯކްވޭތައް އަލުން ތަރައްގީކޮށްފައި އެ ވަނީ މިހާރު. އެކަމަކު އަދިވެސް އަހަރެމެން މި އުޅެނީ މިތަނަށް އަންނަން ބޭނުންކުރާ މައި މަގު ރަނގަޅު ފެންވަރަކަށް ތަރައްގީނުކުރެވިގެން،" ޒުހުރީ ބުނެލި އެވެ.
އެ ފާލަން އެއީ މިއަދު ރަށުގެ އިގުތިސާދާ ވެސް ގުޅިފައިވާ އެންމެ ބޮޑު އެއް ފާލަމެވެ. ލޯކަލް ޓޫރިޒަމްގެ މައި ރަށަކަށް ހުޅުމީދޫ ބަދަލުވެފައިވާއިރު މަތިކިޅި އިކޯ ގާޑެން އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ރަށަށް އަންނަ މީހުންގެ މެދުގައި މިވަގުތު އެންމެ މަގްބޫލު މަންޒިލެވެ.
"އެންމެ ގިނައިން މީހުން ޒިޔާރަތްކުރަނީ ސްކޫލް ޗުއްޓީ ދުވަސްވަރު. އެދުވަސްވަރު އެވްރެޖްކޮށް ދުވާލަކު، 150 އާއި 200އާ ދެމެދުގެ އަދަދަކަށް މީހުން ޒިޔާރަތްކުރޭ. މިތަން އާންމުކޮށް ހުޅުވާލި ފަހުން 50،000 އަށް ވުރެ ގިނަ މީހުން މިތަނަށް ޒިޔާރަތްކޮށްފައިވާ ކަމަށް އަހަރެމެންގެ އަތުގައި ހުރި ހިސާބުތަކުން އެބަ ދައްކާ،" ޒުހުރީ ބުންޏެވެ.
އެކަމަކު މަތިކިޅީގެ ޑިމާންޑް މިހާރު އޮތީ ހަމައެކަނި ޗުއްޓީއެއްގައި ގޮސް އިންސްޓަގުރާމު ފޮޓޯގަނޑެއް ނަގާލުމަކާ ހިސާބުގައެއް ނޫނެވެ. އުފަން ދުވަހާއި ގުރެޖުއޭޝަން ހަފުލާތަކާއި ވެޑިން ޕާޓީތަކުގެ އިތުރުން ރަސްމީ ހަފުލާތަކަށް ވެސް އެންމެ ހެޔޮވަރު އަދި އެންމެ ފެވަރިޓު އުސްބިމަކަށް މީދޫގައި މިހާރު އޮތީ މަތިކިޅި އިކޯ ގާޑެން އެވެ.
އަބްދުﷲ ޒުހުރީގެ ހުވަފެން ހަގީގަތަކަށް ހަދައި ނިމުނީ އެވެ. މި އިންޓަވިއު ވެސް ނިމުނީ އެވެ. އަދި މަތިކިޅިއަށް ހިތް ބަންޑުންވެ ނިމުނީ އެވެ.



