ގދ. މަޑަވެއްޔަށް މަޑުކޮށްލުމާ އެކު ކެރިގަނޑުގައި އޮއްސާލައިފި އެވެ. ރަށުތެރެ ބަލައިލުމަށް ނުކުމެވުނުއިރު ރަށުތެރޭގައި އެ އޮތީ ފެންބޮޑުވެފަ އެވެ. މަޑަވެލީގެ މަގުތަކުގައި 'މަޑަ' ހެދިފަ އެވެ.

ރަށު ތެރޭގައި އާބާދުވެފައިވީ އައްޑޫ ދޮންދީނާމެންނާ ދިމާލަށް ބަލަން އަންތަރީސްވެ އިނދެފައި ސައެއް ބޯލާނަމޭ ހިތާ ގޮސް އެންމެފަހުން ކެފޭއަކަށް ވަދެއްޖައީމެވެ. ހެދިކާ އިން ބަނޑުފުރާލައިގެން ދެން ނުކުތީ ޖެހިގެން އޮތް ހޯޑެއްދުއަށް ދާށެވެ.

ސައިކަލެއްގައި ގޮސް ކޯޒްވޭއަށް އެރިއިރު ރާޅުއަރައި އެތަނުގައި ވެސް އެ އޮތީ ފެންބޮޑުވެފަ އެވެ. އަދި ހޯޑެއްދޫ ރަށުކޮޅަށް ދެވުނުއިރު ކުޅިތައް ބަންޑުންވެ އެ ހިސާބުގަނޑު ވެސް އެ އޮތީ އެއްކޮށް ފެނުއަޑީގަ އެވެ.

މަގުމަތީގައި ހެދިފައި އޮތް ފެންގަނޑު ތެރެއިން 'ފެންފިލަ' އާއި 'ފޫޓްމަސް' ދުވަނީ އެވެ. އެކަމަކު އަރުވާޖަހައި، ފޫގަޅައިގެން އެތަނުގައި ކަކޫތާފެނަށް އެރި އެ އޮތް އެ ރަށު ގްރީންލައިޓް، އާމިނަތު ރަޝީދާ އެ އޮތީ މަސްހިފާކަށް ނޫނެވެ.

ނަމަވެސް ކޮންމެވެސް އެއްޗެހިތަކެއް އެ ފެންގަނޑު ތެރެއިން ހޮވަމުން ކޮތަޅަކަށް އަޅައި އެ ކޮތަޅު އެ އޮތް ފުރެނީ އެވެ.

"ދައްތާ މާވަރަކަށް ތިޔަ ހޮވަނީ ކޯއްޗެއްތޯ؟،" އަހަރެން ގޮސް އެންމެފަހުން އަހާލީމެވެ.

އުމުރުން 66 އަހަރުގެ ރަޝީދާ އެނބުރި ދިން ހިނިތުންވުމާ އެކު އެ ކޮތަޅު ހުޅުވައި ދައްކާލި އެވެ. އަދި އޭގެ ތެރެއިން ގޮށްމުށެއް ނަގައި ދައްކާލި އެވެ.

އަހަރެންގެ ދެ ލޯ އެއަށް ކުނާކޮށްލީމެވެ. އެއީ ކަނޑޫ ވައް ނޫން އެހެން އެއްޗެއް ނޫނެވެ.

"ހާދަ ކަނޑުލެކެވެ"

"އިންދަންވެގެންނޭ"

އަހަރެންގެ ހިތަށް އެރި ވާހަކަ ސުވާލަކަށް ބަދަލުނުވަނީސް ރަޝީދާ މިފަހަރު ޖަވާބު ދީފި އެވެ. އަދި އޭނާގެ ހީވާގި ދުނިޔެ އަށް ހުޅުވާލި ދޮރުން ވަދެގެން ހިނގައިގަތެވެ.

"ދައްތަ މިއީ ވަރަށް ގަސްއިންދާ ހިތްވާ މީހެއް. މި ހިސާބުގަނޑުގައި ވަރަށް ގިނަވާނެ ދައްތަ އިންދާފައި ހުރި ގަސްތައް،" ފެންގަނޑު ތެރެއިން ގޮސް ކުޅީގެ ކޮންކްރީޓް ފާލަން މައްޗަށް އަރައި ރަޝީދާ މުޅިތަނުގެ ޓުއާއަކަށް އަތުކުރި އޮޅާލައިފި އެވެ.

އޭނާ އިންދާފައިވާ ގަސްތައް ހެދިފޯދި ރޯވެފައި ވަނީ ހޯޑެއްދޫގެ މި ކުޅިތަކުގައި އެކަންޏެއް ނޫނެވެ. މުޅި ހޯޑެއްދޫގެ އެތަން މިތަނުން ވެސް އެ ދައްކަން ފެށީ އޭނާ އިންދާފައިވާ ގަސްތަކެވެ. ކަނޑުލާއި ރަނޑުލާއި ބަނބުކޭލެވެ. މާފަންނުމޭވާ އާއި ދަނބާއި ކާނި ގަހެވެ. އަދި މި ޓުއާއެއް އެންމެފަހުން ހޯޑެއްދޫ އާއި މަޑަވެލި ގުޅުވައިދޭ ކޯޒްވޭއާ ހަމަ އަށް ވެސް ފޯރައިފި އެވެ.

މާތްކަލާކޯއެވެ. އާނއެކެވެ. އެހެން ހިތަށް އެރިއިރު، އައިމިނަތު ރަޝީދާގެ ގަސް އިންދުމުގެ ދަތުރު ގޮސް މަޑަވެލީގެ ކުޅިތަކަށް ވެސް ވަދެއްޖެ އެވެ.

"މަޑަވެލީގައި މިހާރު ހެދި ރޯވެފައި އެ އޮތް ކަނޑޫފަލަކީ ވެސް ދައްތަ މިގޮތަށް ރޯކޮށްފައި ދިން ކަނޑޫތައް އިންދައިގެން ހެދިފައި އޮތް ތަނެއް،" ފަހުރުވެރިކަމާ އެކު ރަޝީދާ ބުނެލި އެވެ.

އެއަށް ފަހު އޭނާ ބުނީ މިހެންނެވެ.

"މިގޮތަށް ކުރާ މަސައްކަތުން ލޯބި ލިބޭ މީހުންނަކީ ވަރަށް ހިތްދަތި ކަންތައްތަކާ ވެސް ކުރިމަތިލާން ޖެހޭ ބައެއް. ސަބަބަކީ އެއް ބަޔަކު ލޯބިކުރާއިރު އަނެއް ބަޔަކު ކުރާނީ ނަފުރަތު."

އެއީ ކީއްވެގެން ހެއްޔެވެ؟ ރަށަށްޓަކައި މިވަރުގެ އަގުބޮޑު މަސައްކަތެއް ހިލޭސާބަހަށް ކޮށްދޭ މީހަކު ދެކެ ބަޔަކު މީހުން އެވަރަށް ނަފުރަތުކުރަންވީ ކޮން ސަބަބަކާ ހެދިގެންތޯ އެވެ؟

"އެމީހުން ބުނަނީ މިއީ އަޅުގަނޑު ސިހުރުހަދަންވެގެން ކުރާ ކަމެކޯ. ސިހުރު ހަދާފަޔޯ އަޅުގަނޑު މުޅި ރަށުގައި ގަސްތައް އިންދަނީ،" ރަޝީދާ ބުނެލި އެވެ.

"މި ރަށުގައި އަޅުގަނޑު އިންދީމޭ ހަތަރު ސަތޭކަ ބަނބުކެޔޮ ގަސް ވެސް. ހަފުތާއެއްވީއިރު ކޮންމެވެސް ބަޔަކު އެ ހުރިހާ ގަހެއް ކޮށައި ތިރިއަރުވާލީ. ހަމަ އެންމެ ގަހެއް ވެސް ނެތް ސަލާމަތުން"

"ސިހުރު ހަދަނީއޭ ކިޔާފައި އަޅުގަނޑުގެ ކުދިންނާ ވެސް ދިމާކޮށްލި ބައެއް މީހުން. އެހެންވީމަ މިއީ ރަނގަޅަކަށް ކަމެއް ކުރާ މީހަކާ މެދު މީހުން ދެކޭ ގޮތް. މީހުން ކަން ކުރާ ގޮތް."

މިހެން ބުނެފައި ރަޝީދާ ކިޔައިދޭން ފެށީ އޭނާގެ ހިތުގައި ރަށާއި ރަށުގެ މުސްތަގުބަލައްޓަކައި ދެގޮތެއް ނުވެ އޮތް ޒަމާންވީ ލޯބީގެ ވާހަކަ އެވެ. އޭނާގެ ހިތުގައި އަބަދުވެސް ރޯކޮށް ބޮޑުކުރަމުން ގެންދިޔަ ރަށުވަންތަކަމުގެ ލޯތްބެވެ.

"އަޅުގަނޑު މިއީ އަޅުގަނޑުގެ އުމުރުން 11 އަހަރުން ފެށިގެން ކުދިންނަށް ކިޔަވައިދެމުން އަންނަ މީހެއް. ދުވާލަކަށް 40 ފިލާ ލިޔެދިން އޭގެ ކްލާހެއްގައި. އޭރަކު މި ރަށުގައި ކިޔަވައިދޭ ތަންތަނެއް، ކިޔަވައިދޭނެ ރަސްމީ ބަޔަކު ނެތް،" ރަޝީދާ ވަރަށް ދުރު ހަނދާނަކުން ފެއްޓި އެވެ.

"އުނގުގައި ކުއްޖަކު ބައިންދައިގެން އެއް އަތުން އެ ކުއްޖާގެ ގައިގައި ހިފަހައްޓައިގެން އިނދެ އަނެއް އަތުން ފިލާ ލިޔެދެމުން ދައްތަ މި ރަށުގެ ކުދިންނަށް ކިޔަވައިދިނިން. މިއަދު ވެސް ބައެއް ކުދިންނަށް ހަމަ އެގޮތަށް ކިޔަވައި އެބަދެން."

މި ވާހަކަ ކިޔައިދީފައި އޭނާ ބުނީ އެއީ ވެސް މުސްތަގުބަލަށްޓަކައި، ހިތުގައި އެއްވެސް އެދުމެއް ނެތި ކުރި ކަމެއް ކަމަށެވެ. އަދި މުޅި ރަށުގައި ގަސްއިންދުމަކީ ވެސް މިއަށް ވުރެ ފެހި މާދަމާއަކަށް އެދިގެން އޭނާ ކުރާ ކަމެއް ކަމަށެވެ.

"މިއީ އަންނަން އޮތް ޖީލަށްޓަކައި އަޅުގަނޑު ކުރާ ކަމެއް. މިއީ މި ރަށުގެ މުސްތަގުބަލަށްޓަކައި އަޅުގަނޑު ކުރާ ކަމެއް. މިއީ އަޅުގަނޑުގެ ހިތުގައި ހަމަ އެއްވެސް އަމިއްލަ އެދުމެއް އޮވެގެން ކުރާ ކަމެއް ނޫން،" ރަޝީދާ ބުންޏެވެ.

އޭނާ ބުނީ ބައެއް މީހުން އޭނާގެ މަސައްކަތާ މެދު ހިތްހަމަނުޖެހިގެން ފާޑުފާޑުގެ ހުތުރު ތުހުމަތު އޭނާ އާއި އާއިލާގެ މީހުންގެ ބޮލުގައި އަޅުވަނީ މި މަސައްކަތް ވަކި ބަޔަކު ކުރާތަން ފެންނާތީ އެވެ.

"ބައެއް މީހުން އައިސް މިހާރު އެބަ ބުނޭ އެހެރީ ތިމަންނާ އިންދި ގަހެކޭ. މިއީ ތިމަންނަމެން އިންދި ގަސްތަކޭ ވެސް. އެކަމަކު އަޅުގަނޑަކަށް މައްސަލައެއް ނޫން މީހުން އެހެން ބުނެ މި މަސައްކަތުގެ ހުރިހާ ނަމެއް ގެންދިޔަޔަސް،" ރަޝީދާ ބުނީ އޭނާގެ ހިތުގައި އެއްވެސް ހަސަދަވެރިކަމެއް ނުވަތަ އެއްވެސް އަމިއްލަ އެދުމެއް ނެތް ކަމަށެވެ.

"މިއީ މުޖުތަމައުގެ ފައިދާއަށް އަޅުގަނޑުކުރާ ކަމެއް. އަޅުގަނޑު ކިޔަވައިދެނީ ވެސް މުޖުތަމައަށްޓަކައި. ގަސް އިންދަނީ ވެސް މުޖުތަމައަށްޓަކައި"

"ވަރަށް ދެރަވޭ މީހުން ގަސްތަކަށް ގެއްލުންދޭތީ. ނަމަވެސް މި މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއް އަޅުގަނޑުގެ ނެތް. ކިތަންމެ ގަހެއް ކޮށާލިޔަސް، ގަސް އިންދުމަށް އަޅުގަނޑުގެ ހިތުގައި އޮތް ލޯބި ކޮށައި މަރައެއް ނުލެވޭނެ އެއްވެސް މީހަކަށް،" ރަޝީދާ ބުނެލި އެވެ.

އެއީ ތެދެކެވެ. މިއަދު ވެސް އޭނާ ތައްޔާރުވަމުން އެ ދަނީ ގަސްތަކެއް ރޯކުރުމުގެ މަސައްކަތަށެވެ. އަދި މާދަމާގެ އިރާއެކު ވެސް އޭނާ އަރުވާޖަހާނީ އެ ގަސްތަކުން ހިޔާ ލިބޭނެ މުސްތަގުބަލެއް ފިނިކޮށް ފައްކާކުރުމުގެ މަސައްކަތަށެވެ.

އެއަށް ފަހު، އޭނާގެ މި މަސައްކަތުގެ ކްރެޑިޓް އެހެން ބަޔަކު ނެގިޔަސް އޭނާގެ ހިތުގައި އެބަޔަކާ މެދުގައި ހަމަ އެއްވެސް ރުޅިވެރިކަމެއް ވެސް ނެތެވެ. އެ ހިތުގައި ވަނީ އެންމެނަށް ވެސް ހުޅުވާލެވިފައި އޮތް ފިނިމައިޒާނެކެވެ.

"މީހުން އެބަ ބުނޭ މިހާރު މިއީ ތިމަންނާމެން އިންދި ގަސްތަކޭ. އަޅުގަނޑު ބުނެލަން ބޭނުންވަނީ އަޅުގަނޑުގެ ހިތުގައި ނެތޭ އެއްވެސް ހަސަދަވެރިކަމެއް،" މިހެން ބުނެފައި ރަޝީދާ އެނބުރިގަތީ ކަނޑޫހޮވުމުގެ މަސައްކަތަށެވެ.

އެ ކަނޑޫތަކުގައި މާދަން މޫލާނެ އެވެ. ކުރިތައް ރޯވެ ހެދިގަންނާނެ އެވެ. އަދި ހިޔަލާއި ހިމާޔަތް ދޭނެ ގަސްތަކަށް އިސާހިތަކު ބަދަލުވެދާނެ އެވެ.