އައްޑޫ ބެނޑީގެ ރަހައާ ބެހޭ ގޮތުން 80 އެތައް ސުރުހީއެއް ވެސް ލިޔެލެވިދާނެ އެވެ. އަދި އެ ސުރުހީތައް ކިޔައިގެން އައްޑޫ މީހުން އައްޑިހައަށް ވެސް އަރައިފާނެ އެވެ. އެކަމަކު ވެސް އައްޑޫ ބެނޑީގެ 'އައްޑިހަ އެތައް ރަހައެއް' މިހާރު އެބަ އުޅެ އެވެ. – އައްޑޫގެ ނަމާއި ޝަރަފާއި ފަހުރާއި އެމީހުންގެ މުއްސަނދި ކެއިންބުއިމުގެ ރަހައިގެ ތަހުތަށް އަރައި އޮތް 'ބެނޑި' އަކީ މިހާރު އޭގެ އަސްލު ޝަރަފާއި ފަހުރާއި ރަހައާ ގާތްކުރާ އުފެއްދުމެއް ވެސް ނޫނެވެ.
އައްޑޫ ބެނޑިއޭ ކިޔަސް ސުވާލު އުފެދޭ މިންވަރަށް އޭގެ ރަހަ މި އޮތީ ގަޑުބަޑުވެ، އޮޅުންބޮޅުންވެފަ އެވެ. ބެނޑީގެ 'އޮރިޖިނަލް ރަހަ' ހޯދުމަށް މި އަތޮޅުގެ ރަށްތަކުގައި ޖެހި ބުރު ނިމުނުއިރު އައްޑޫ ބެނޑީގެ 'ހައެއްކަ ރަހައެއް' ތަޖުރިބާކޮށްލަން ލިބުނެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް ބެނޑީގެ އެމީހުންގެ އަމިއްލަ 'ވާޝަންއެއް' އުފައްދައިގެން އުޅޭ ކަހަލަ އެވެ. އެކި އަގުތަކުގެ، އެކި ވަރުވަރުގެ، އެކި ރަހަތަކުގެ އައްޑޫ ބެނޑި އެވެ.
ކުރުކޮށް ބުނަނީ ނަމަ އައްޑޫ ބެނޑީގެ އޮރިޖިނަލް ރަހަ ހޯދުން އައްޑޫގައި ވެސް ވީ ގޮންޖެހުމަކަށެވެ. އަދި އައްޑޫ ބެނޑި 'ހަދާ' ގެއެއް ހޯދުމަކީ އެއަށް ވުރެން ބޮޑު ގޮންޖެހުމެކެވެ. މުޅި އައްޑޫ އަތޮޅުގައި ވެސް ބެނޑި ހަދައި އުޅެނީ މިހާރު ހައެއްކަ ގޭގަ އެވެ. އިހުޒަމާނުގެ އައްޑޫގައި ބެނޑިހަދައި އުޅުނު ގޮތަށް އެކަން ކުރާ ބަޔަކު މިހާރު ނުވެސް ނެތެވެ.

އައްޑޫ ބެނޑި ބަންދުކުރުމުގެ މަސައްކަތްކުރަނީ (މެރިހާނާ ފޮޓޯ)
އޮރިޖިނަލް ރަހަ ގެއްލިގެން ދިޔަ އެއް ސަބަބަކީ މި އެވެ. އަނެއް ސަބަބަކީ ވަރަށް ނުރައްކާތެރި ނުވަތަ ވަރަށް ހިތާމަވެރި ސަބަބެކެވެ. އައްޑޫން ރާވެރިން ހުސްވެ، ރާވެރިކަމުގެ ސަގާފަތް ނޭވާހޮޅިއަށް އެޅިފައި އޮތުމެވެ. އެއް ޒަމާނެއްގައި ދިވެހިންގެ ދިރިއުޅުމާއި ކެއިންބުއިމުގެ ހުރިހާ ރަހައެއް ހެޔޮވަރުކޮށްދިން ރާވެރިކަން މިއަދު އޮތީ ބިދޭސީންގެ މުށުތެރޭގަ އެވެ.
ދިވެހި ރުކުން ދިވެހިން ބޭލި ރަލުން ކެއްކި ހަކުރުގެ ބާވަތްތަކަކީ އައްޑޫ ބެނޑީގެ ރެސިޕީގައި ހިމެނޭ އެންމެ ހާއްސަ މާއްދާތަކެވެ.
"އަޅުގަނޑުމެން ކުޑައިރު މަންމަމެން ބެނޑި ހަދާއިރު އެއަށް ވަރަށް ގިނައިން ދިވެހި ހަކުރު އަޅާނެ. އޭގެ އިތުރުން އޭރު އަދި އަޅާނެ ރާފޮނި ވެސް. އެހެންވީމަ އެ ބެނޑިތަކުން ދޭނީ މުޅިން ތަފާތު ރަހައެއް،" އޯޑަރަށް ބެނޑި ހަދައިދޭ ހައްވާ މުހައްމަދު ބުނެލި އެވެ.
"މިހާރު ގިނަ މީހުން ބެނޑި ހަދަން ބޭނުންކުރަނީ ދޯބުރާލި ހަކުރު."

އައްޑޫ ބެނޑީގެ ވާހަކަތައް ހައްވާ މުހައްމަދު ކިޔައިދެނީ (މެރިހާނާ ފޮޓޯ: އަލީ ނާސިރު)

މިހާރުގެ ރަހަ ބަދަލުވެފައި ޔަސް ހައްވާ މުހައްމަދު ހަދާ ބެނޑި ތަފާތު (މެރިހާނާ ފޮޓޯ: އަލީ ނާސިރު)
ސ. ހިތަދޫން ބައްދަލުވި މި ހައްވާ މުހައްމަދުގެ އުމުރުން މިހާރު 85 އަހަރެވެ. އޭނާގެ ގޭގެ 'މެދުވާތު'ގައި ހަދާފައި ހުރި ކުޑަ ހަރުގެއެއް ފުރާލައިގެން ދިމަދިމާލުން ބޭރަށް ނުކުމެ ކަޅި އަޅައިގެން ތިބި ނާށިތައް ވެސް އެ ތިބީ އައްޑޫ ބެނޑީގެ ހާލާތާ މެދު ރުޅިގަދަ ފިކުރުބޮޑުވެފައި ތޯއްޗެވެ.
އޯޑަރަށް ހައްވާ މުހައްމަދު ބެނޑި ހަދާތާ މިހާރު ތިރީހަކަށް އަހަރު ވެއްޖެ އެވެ. އޭނާއަކީ މި މަސައްކަތުގައި މެދުނުކެނޑި ދެމިހުރި ހިތަދޫގެ އެންމެ ދޮށީ އެކެކެވެ. މިއަދު އުމުރުން ދުވަސްވެ، ގައިން ބާރުދޫވެފައިވިޔަސް އަދިވެސް އޯޑަރަށް ބެނޑި ހަދައިގެން ވިއްކަމުން އެގެންދަނީ ނޫކަށިފުރައިގެ ދުވަސްވަރު ވެސް ނެރުނު ހިތްވަރާއި ފޯރީގަ އެވެ. އަދި ބަދަލުވެފައިވާ އައްޑޫ ބެނޑީގެ ރަހަ އޭގެ އަސްލަށް ވާސިލުކޮށް، އަތޮޅުން ނެތެމުންދާ މި މަސައްކަތް ދިރުވައި އާލާކުރުމަށް އޭނާގެ ހިތުގައި އޮތީ އެއަށް ވުރެ ބޮޑު ފޯރިއެކެވެ.

އައްޑޫ ބެނޑި ތައްޔާރުކުރުމުގެ ފުރަތަމަ މަރުހަލާގައި ގަބުޅި ހުނި ގާނަނީ (މެރިހާނާ ފޮޓޯ)

ގަބުޅި ހޯދުމަކީ ވެސް މިހާރު އުނދަގޫ ކަމެއް (މެރިހާނާ ފޮޓޯ)

ގަބުޅީގެ ދަތިކަން ބޮޑަސް ބެނޑީގެ ރަހައަށް އެއީ އެންމެ މުހިންމު އެއް ބައި (މެރިހާނާ ފޮޓޯ)
"އަޅުގަނޑަށް މިހާރު އަމަލީ ގޮތުން މި މަސައްކަތުގައި އުޅެވޭ ވަރެއް ނުވޭ މި އުމުރުގައެއް. އެކަމަކު މިހާރު ވެސް ބެނޑި ހަދާނެ ގޮތް ވަރަށް ގިނަ ކުދިންނަށް ކިޔައިދީ ދަސްކޮށްދެން. އަޅުގަނޑު ގަބޫލުކުރަނީ މި ރަހަ އޭގެ ގޮތުގައި ކުރިއަށް އޮތް ޖީލުތަކާ ހަމައަށް ގެންދެވޭނެ ހަމައެކަނި ގޮތަކީ ވެސް އެއީ ކަމަށް."
މިހެން ބުނެފައި ދެން އޭނާ ކިޔައިދިނީ އައްޑޫ ބެނޑީގެ އަސްލު ރަހަ ގެއްލިގެން ދިޔަ ކަމަށް އޭނާ އަށް ގަބޫލުކުރެވޭ ސަބަބުތަކެވެ. އަދި އެ ރަހަ އަލުން ތަކުރާރުކުރުމަށް ކޮންމެހެން ވެސް ފުރިހަމަކުރަން ޖެހޭ މަރުހަލާތަކެވެ.
"ކުރިން ލިބުނު ގޮތަކަށް މިހާރަކު ދިވެހި ހަކުރެއް ނުލިބޭ. ލިބޭ ހަކުރުގެ ފެންވަރު ވެސް ދަށީ. އައްޑު އަތޮޅުން އަޅުގަނޑު ބޭނުންވާ ފެންވަރުގެ ދިވެހި ހަކުރު ނުލިބޭތީ ބައެއް ފަހަރަށް ފުވައްމުލަކުން ވެސް ގެންނަން އެބަ ޖެހޭ. ސަބަބަކީ ބެނޑީގެ އަސްލު މީރުކަމާ އެންމެ ބޮޑަށް ގުޅިފައި ވަނީ ދިވެހި ހަކުރު އަދި އޭގެ ފުރިހަމަ ކޮލިޓީ،" ހައްވާ މުހައްމަދު ކިޔައިދިނެވެ.
"ކޮލިޓީ މޮޅު ދިވެހި ހަކުރު ވަރަށް އަގު ވެސް ބޮޑު. މި ސަބަބާ ހެދި ގިނަ މީހުން ބެނޑި ހަދަން ބޭނުންކުރަނީ ދޯބުރާލި ހަކުރު. ދޯބުރާލި ހަކުރުން ހަދާ ބެނޑި ދެ ތިން ދުވަސް ވާއިރު ނުބައިވާނެ."

ރުކުރާ ކައްކައިގެން ދިވެހި ހަކުރު ތައްޔާރުކޮށްފައި: މިއީ އަގުބޮޑު ތަދު އެއްޗަކަށް ވަނީ ބަދަލުވެފައި. (މެރިހާނާ ފޮޓޯ)

އައްޑޫ ބެނޑި ތައްޔާރުކުރަން ގަބުޅި ހުނިގަނޑެއް ކައްކަން ތައްޔާރުކުރަނީ. (މެރިހާނާ ފޮޓޯ)

ރާއަކިރި އަޅައިގެން ހަކުރު ހިލުމަށް ފަހު މީހަކު އަކިރިކޮޅުތައް ހޮވަނީ: ހަކުރު ހިލުމަށް ރާ ކައްކާއިރު އަކިރި އަޅައިގެން ކައްކަނީ އޭގެ ހުތް ކަނޑުވަން (މެރިހާނާ ފޮޓޯ)
ހައްވާ މުހައްމަދު ބުނީ މިހާރު އަމަލީ ގޮތުން ބެނޑި ކައްކައި ތައްޔާރުކުރުމުގަ އާއި ބަންދުކުރުމުގައި ނޫޅުނަސް އޭނާ މިހާރު ވެސް އެންމެ އިސްކަމެއް ދެނީ ކޮލިޓީ ބެނޑިތަކެއް ބަންދުކުރަން ކަމަށެވެ. އެ ކޮލިޓީ ކަށަވަރުކުރުމުގެ މަރުހަލާ ކިޔައިދޭން އޭނާ އަނެއްކާވެސް ފަށައިގަތެވެ.
"ބެނޑީގެ ރަހަ ތަފާތުވެފައި މީރުވާ ސަބަބެއް މައުފެނަކީ ވެސް. އެކަމަކު މައުފެނަކީ ވެސް މިހާރު ފަސޭހައިން ލިބޭ އެއްޗެއް ނޫން. ގިނަ މީހުން ނުވެސް އަޅާނެ މައުފެނެއް މިހާރަކު،" އޭނާ ބުނެލި އެވެ.
"ދެން ބެނޑި ހަދަން ބޭނުންވާ ވަރަށް ގަބުޅި ހުނި ކައްކާއިރު އަލިފާންގަނޑު ގެންގުޅެން ޖެހޭ މިންތަކަކީ ވެސް ވަރަށް މުހިންމު ކަމެއް ބެނޑީގެ އޮރިޖިނަލް ރަހަ ނެރެން ބޭނުން ނަމަ. އަނެއްކޮޅުން ދަރު އުނދުނާއި ގޭސް އުނދުނުގައި ކެއްކީމަ ވެސް ރަހަ ތަފާތުވޭ."

ގަބުޅި ހުނީގެ ތެރެއަށް ދިވެހި ހަކުރު އޮއްސާލަނީ (މެރިހާނާ ފޮޓޯ)

ދިވެހި ހަކުރު އަޅައިގެން ބެނޑި ތައްޔާރުކުރުމުގެ މަސައްކަތުގައި (މެރިހާނާ ފޮޓޯ)

ދިވެހި ހަކުރާ އެކު ގަބުޅިގަނޑު ކައްކަނީ: މިގޮތަށް ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެން ކައްކަން ޖެހޭ. (މެރިހާނާ ފޮޓޯ)
"ދަރު އުނދުނުގައި ކެއްކީމަ މާ މީރު. ފުރަތަމަ ފަށައިގަންނައިރު، އަލިފާންގަނޑު ހުންނަން ޖެހޭނީ ގަދަކޮށް. ފަހުން އަލިފާންގަނޑު މަޑުކޮށްލައިގެން ކައްކާނީ. އެގޮތަށް ދެ ތިން ގަޑިއިރު ވަންދެން ކައްކަން އިންނަން ޖެހޭނެ ތެލި ކައިރީގައި ކޮޅަށް."
""މީގެ އިތުރުން ކެޔޮފަތުގައި [ފަތްކޭލުގެ ހިކިފަތުގައި] ބަންދުކުރާއިރު އެ ކެޔޮފަތުން ރަނގަޅަށް ފެން ހިއްކަން ވެސް ޖެހޭނެ. މިއީ ވެސް ގިނަ ދުވަހަށް އެއް ކޮލިޓީއެއްގައި ބެނޑި ބޭއްވުމަށް ވަރަށް މުހިންމު ކަމެއް.""
ހައްވާ މުހައްމަދު މި ކޮލިޓީގައި ބަންދުކޮށް އެންމެ ގިނައިން ވިއްކަނީ 'ވެށުމެވެ'. ވެށުމަކީ އައްޑޫ ބެނޑީގެ ސައިޒުން ކުޑަ އުފެއްދުމެކެވެ. ވެށުމެއްގައި ކައިވަތެއް ވެސް ހަމައެއް ނުވާނެ އެވެ. ނަމަވެސް ވެށުމާއި ބެނޑިއަކީ ވެސް ހަމަ އެއް ރަހައެކެވެ.

ގަބުޅި ހުނިގަނޑު ދިވެހި ހަކުރާއި މައުފެނާ އެކުގައި ކައްކަމުން ގޮސް އޮލަވެފައި. (މެރިހާނާ ފޮޓޯ)

މިގޮތަށް އޮލަވުމަށް ފަހު ހަރުވަންދެން ކައްކަން ޖެހޭ. (މެރިހާނާ ފޮޓޯ)

ބެނޑި ހަދަން ހެޔޮވަރު ވަރަކަށް ގަބުޅި ހުނިގަނޑު ތައްޔާރުކޮށް ނިމިފައި. (މެރިހާނާ ފޮޓޯ)

އައްޑޫ ބެނޑީގެ ހުނިގަނޑު ރަނގަޅަށް ހަރުވެފައި (މެރިހާނާ ފޮޓޯ)
އޭގެ ވެށުމެއް އޭނާ ވިއްކަނީ 10ރ. އަށެވެ. ބެނޑިއެއް ނަމަ 12ރ. އަށެވެ. ބައެއް ގޭގެއިން 15ރ. އަށް ވެސް ބެނޑި ވިއްކަ އެވެ. އެކަމަކު އެންމެ ބޮޑު ސިހުމެއް ގެނުވީ އައްޑޫގައި ވަކިން އޮންނަ، މީހުން ދިރިއުޅޭ ދެ ރަށް ކަމުގައިވާ ހުޅުދު އާއި މީދޫންނެވެ.
އެހެން ރަށްތަކުގައި ބެނޑި ހަދާ އުސޫލުން ބެނޑި ހަދާ ބަޔަކު ހުޅުދޫގައި ނުވެސް ނެތެވެ. އެކަމަކު މީދުއަކީ އައްޑޫ ބެނޑީގެ މި ރޭހުގެ މާ ކުރީގައި އުޅޭ ރަށެކެވެ. މި ރަށުން ވިއްކާ ބެނޑީގެ އަގު ބުނެލިޔަސް މިއީ އަދި މުޅިން އެހެން ލެވެލްއެއްގެ އައްޑޫ ބެނޑިއެއްކަން ޔަގީންވާނެ އެވެ.
"އަޅުގަނޑުމެން އެންމެ ކުރީގަ ބެނޑި ވިއްކީ 10ރ. އަށް. މިހާރު އަޅުގަނޑު މި ވިއްކަނީ ބެނޑިއެއް 25ރ. އަށް. އެކަމަކު މި ރަށު ބައެއް މީހުން ބެނޑިއެއް ވިއްކާނެ 30ރ. އަށް ވެސް،" އައްޑޫ ބެނޑީގެ ރަހަ އާއި ކޮލިޓީ ބަލަމުން ގޮސް މީދޫން ބައްދަލުވި އުމުރުން 46 އަހަރުގެ އައިޝަތު ދީދީ ބުނެލި އެވެ.

އެސުލޯނު ހޮޅިގަނޑެއްގެ އެހީގައި ބެނޑިއަކަށް ފަހު ބެނޑިއެއް ތައްޔާރުކޮށް އަތުރަނީ: ކުރިން މިގޮތަށް ބެނޑީގެ ސިފަ ތައްޔާރުކުރަނީ ދެ އަތުން މޮޑެގެން އޮޅައޮޅައިގެން. (މެރިހާނާ ފޮޓޯ)

އައްޑޫ ބެނޑީގެ އެންމެ އަގުބޮޑު ބެނޑި ވިއްކަނީ މީދޫން (މެރިހާނާ ފޮޓޯ)
އައްޑޫ ބެނޑީގެ އެ ބުނާ އޮރިޖިނަލް ރަހައާ އެންމެ ގާތްކުރާ ކޮލިޓީގެ ބެނޑި ފެނުނު ރަށަކީ މީދު އެވެ. އޭގެ ސަބަބު ވެސް ވަރަށް ސާފެވެ. ހައްވާ މުހައްމަދު ކިޔައިދިން ހުރިހާ މަރުހަލާއެއް ނުވަތަ އެއަށް ވުރެ ވެސް ރަނގަޅު ތަރުތީބަކުން އައްޑޫ ބެނޑީގެ ރެސިޕީ ތައްޔާރުކުރާ ބަޔަކީ މީދޫގެ ތަޖުރިބާކާރުންނެވެ. އަނެއްކޮޅުން މުޅި އައްޑު އަތޮޅުގައި ބިދޭސީ ރާވެރިންގެ ވަކި ހިޕައްލާލައިގެން ރަލުގެ ކޮލިޓީ އެއްކޮށް ވައްޓާލާފައި އޮތްއިރު ދިވެހި ރުކުގެ އެންމެ މުއްސަނދި ރުކުރާ އައްޑޫގައި އުފައްދާ އެއް ރަށަކީ ވެސް މީދު އެވެ. މީދޫގައި ވެސް ބިދޭސީ ރާވެރިން އެބަ ތިއްބެވެ. ނަމަވެސް މުޅި ރަށަށް ވެސް އެންމެ މަޝްހޫރީ އަދި އެންމެ ޑިމާންޑް ބޮޑީ ރަށުގެ ޒުވާނަކު ބާލާ ރުކުރަލުން ތައްޔާރުކުރާ ދިވެހި ހަކުރެވެ.
"އޭގެ ދެ ލީޓަރުގެ ފުޅިއެއް މި ގަންނަނީ 450ރ. އަށް. އެ ދެ ލީޓަރުން ބެނޑި ހެދޭނީ ތިން ދުވަހު. ދެން ހުސްވީ. އާންމުކޮށް ދެ ލާހި އަޅާނެ މިގޮތަށް 35 ގަބުޅީގެ ތެއްޔަކަށް. މި 35 ގަބުޅި އަކީ 30 ބެނޑީގެ އޯޑަރެއް،" އައިޝަތު ދީދީ ބުންޏެވެ.
"ލިބޭ އާމްދަނީއަކަށް ވުރެ ބޮޑަށް މިކަން މި ކުރެވެނީ ފޫހިފިލުވަން. އެކަމަކު ހަމަ އެންމެ ރަނގަޅަށް އޯޑަރު ވެސް ލިބޭ. މިއަދު ތައްޔާރު މި ކުރަނީ މި ހަފުތާގެ ތިން ވަނަ އޯޑަރު."

ބެނޑިތައް ތައްޔާރުކުރުމަށް ފަހު ބަންދުކުރުމުގެ ކުރިން ފިނިކުރަން އަތުރާލާފައި. (މެރިހާނާ ފޮޓޯ)

ބެނޑިތައް ދެން ބަންދުކުރަން ފަށާނީ ހިކި ކެޔޮފަތުގައި (މެރިހާނާ ފޮޓޯ)

ފަތްކޭލުގެ ހިކި ފަތުގައި ބަންދުކުރާއިރު ފަތްތައް ރަނގަޅަށް ސާފުކޮށް ފެނުގެ އަސަރު އެއްކޮށް ފިލުވާލަން ޖެހޭ. (މެރިހާނާ ފޮޓޯ)

އައްޑޫ ބެނޑި ތައްޔާރުކޮށް ނިމިފައި: އައްޑޫ ބެނޑިއެއް 10ރ. އަށް ބައެއް ރަށްތަކުން ގަންނަން ލިބޭއިރު އެންމެ އަގުބޮޑުކޮށް ވިއްކަނީ 30ރ. އަށް. (މެރިހާނާ ފޮޓޯ)
އައްޑޫގައި މިއަދު މިގޮތަށް އޯޑަރަށް ބެނޑި ހަދައިގެން ވިއްކިޔަސް އައްޑޫ ބެނޑި އަކީ އިހުޒަމާނުގައި ސީދާ އެކްސްޕޯޓަށް ވިސްނައިގެން މި އަތޮޅުގައި އުފެއްދި އެއްޗެކެވެ. ސިލޯނާއި އިންޑިއާގެ ބާޒާރުތަކުގައި އައްޑޫ ބެނޑި މަޝްހޫރުކަން ހޯދީ ބޮނޑި ހަލުވާގެ ނަމުންނެވެ. އޭރު އައްޑޫގެ ހުރިހާ ރަށަކުން ވެޑީގައި ސިލޯނާއި އިންޑިއާއަށް ދަތުރުކޮށް އުޅުނު ދުވަސްވަރު އެމީހުން ވިއްކަން ގެންދިޔަ އެންމެ މީރު އަދި އެންމެ އަގުހުރި އެއް އުފެއްދުމަކީ ވެސް މި އައްޑޫ ބެނޑި އެވެ. އޭރުގެ އައްޑޫ ބެނޑި ސައިޒުން ބޮޑުވެފައި މިހާރަށް ވުރެ އެތައް ގުނައެއް މީރު ކަމަށްވެ އެވެ.
އެކަމަކު މިއަދުގެ ހަގީގަތަކީ މި އެވެ؛ އައްޑޫ ބެނޑި ހަރާބުވެއްޖެ އެވެ. އޭގެ މީރު ރަހަގަނޑު ގަޑުބަޑުވެއްޖެ އެވެ. ފޭކު ރަހަތަކާ އެކު ފޫހިކަން ވެރިވެއްޖެ އެވެ.



