އުވެއިޒް ފަޔާޒާ އެންމެފަހުން ގުޅިއްޖެ އެވެ. އޭނާ އެ އުޅެނީ އަދިވެސް ހޭބޯނާރައި މަސައްކަތުގަ އެވެ. އަދި މި އިންޓަވިއުއަކަށް އޭނާގެ އަތުގައި އަމުދަކުން ވަގުތެއް ވެސް ނެތެވެ. އުމުރުން 25 އަހަރުގެ ސޫ ޝެފްގެ ދެ އަތް ފުރިފައި އެ ވަނީ އޭނާ ވަޒީފާ އަދާކުރާ ޑުސިޓުޑީޓޫ ފޭދޫ މޯލްޑިވްސްގެ މިޑި ރެސްޓޯރެންޓުގެ ރަހަތައް ހެޔޮވަރުކުރުމުގަ އެވެ.  

"ބްރަދާ ވަރަށް ބާރުބޮޑުކޮށް މި ދަނީ އަދިވެސް. މިރޭ ނުވައެއްގެ ފަހުން ހީވޭ ތި ކޯލަށް އެރިދާނެހެން. ފްރީވެލައިގެން މަ ޚަބަރެއް ވާނަން އިނގޭ،" މިހެން ބުނެލުމާ އެކު އުވެއިޒްގެ އަޑު އަނެއްކާވެސް ކެނޑިއްޖެ އެވެ.

ފިނި ފަތިހާ ފެށި ދުވަސް ބަދިގޭގައި އެ އޮތީ ހޫނުވެ ދޮންވެބޮޑުވެފަ އެވެ. ހަވީރުގެ ފިނިޖެހި އޮއްސެމުން ދިޔަ އިރާއެކު އެންމެންތައް އެމީހުންގެ މަސައްކަތުގެ ތޮފިތައް ބާލަމުން އަރާމުގެ ނިންޖަކާ ދިމާލަށް މިސްރާބު ޖަހަމުންދިޔައިރު ވެސް ޒުވާން އުވެއިޒްގެ މަސައްކަތްތައް ނިމުމަކަށް އަންނަން އުޅޭކަމުގެ އެއްވެސް ނިޝާނެއް ނުފެނެ އެވެ.

މަސައްކަތް އޭނާގެ ކުރިމަތީގައި ވަރުބަލިވެފައިވިޔަސް، އެ މަސައްކަތުގެ ކުރިމަތީގައި އޭނާގެ ހަމަ އެއްވެސް ވަރުބަލިކަމެއް ނެތެވެ.

"އަދިވެސް ބަދިގޭގައި މި އުޅެނީ އިނގޭ. އެބަ ޚަބަރެއް ވަން ބޭރަށް ނުކުމެލާފަ،" އުވެއިޒްގެ ސިގްނަލް އޭނާގެ މަސައްކަތުގެ ބުރަކަމަށް ވަދެ އަނެއްކާވެސް ގެއްލިއްޖެ އެވެ.

ދެން ފެނުނީ ރަސްކަލުންނާއި ވަލީ އަހުދުންގެ ސުފުރާތައް ފަޅުފިލުވައިދެމުން ދިޔަ ޕްރައިވެޓް ޝެފެއްގެ ތޮފި އަޅައިގެން ހުއްޓަ އެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިންނާއި އެތުލީޓުންނަށް 20 ވައްތަރުގެ މެނޫ އިން ކައްކަމުން ތެއްޔަށް ހޭވައްޓާލައިގެން އުޅެނިކޮށެވެ.

ތަލިންކުޅުހިއްކަމުން ޝެފެއްގެ ތޮފި އަޅައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޭނާ އުދުހެނީ އެވެ. އެކަމަކު އަދި މަޑުކޮށްބަލާށެވެ.

މި އުވެއިޒެއް މީގެ ހައެއްކަ އަހަރު ކުރިން ކޮބައި ހެއްޔެވެ؟ އުޅުނީ ކީއްކުރަން ހެއްޔެވެ؟ ކޮންތާކު ހެއްޔެވެ؟

އެ ސުވާލުތަކަށް ސިގްނަލް ލިބުނުއިރު އޭނާ އޮތީ ދިރާގު އެންޓަނާއަކަށް އަރައި މި އިންޓަވިއުގެ ފެށުމަށް ދުރުމީ އަޅައިގެންނެވެ.  

"ކިޔަވައި ނިމިގެން ރައްޓެހިންނާ އެކު އަޅުގަނޑު ވެސް އުޅުނީ ގިނަވެފައިވީ ވަގުތު ދުއްވާލާނެ ކޮންމެވެސް ގޮތެއް ހޯދުމުގައި. މިސާލަކަށް ދިރާގު އެންޓަނާއެއްގައި ދަވާދުލުމުގެ މަސައްކަތެއްކޮށްލީމަ ދުވާލަކުން އެ ލިބުނީ 500ރ.،" ޕްރައިމަރީ ގްރޭޑުން ފަށައިގެން އޭލެވެލްއާ ހަމަ އަށް އުފަން ރަށް ސ. ހިތަދޫގައި ކިޔަވައި، ރަށުގައި އުޅެ ބޮޑުވި ޒުވާނާ އެންމެފަހުން ވަގުތު ހޯދައިގެން އައިސް ހަޔާތުގެ ދަތުރު ސުމަކުން ފަށައިގަތެވެ.

"އަޅުގަނޑު ގޮސްދާނަން ސްކޫލެއްގައި ޕްރޮޖެކްޓަރު ހަރުކޮށްދޭންވެސް. މިވެނި އެވެނި ތަނެއްގައި ކަރަންޓް ވަޔަރިންގެ މަސައްކަތެއް ކުރަން ވެސް. އެކަމަކު އޭރު ވެސް އަޅުގަނޑުގެ ބޮލުގައި އޮތީ އާއިލާގައި އަދި މީހަކު ނުކުރާ ކަހަލަ ކަމަކަށޭ އަހަރެން ނުކުންނާނީ."

އޭނާގެ ބައްޕަ އަކީ އޭރު ވެސް ރިސޯޓެއްގައި ހައުސް ކީޕިންގެ ތަޖުރިބާކާރެކެވެ. ބޭބެމެންނާއި އާއިލާގެ އިތުރު އެހެން މީހުންނަކީ ވެސް ހޮޓެލް އިންޑަސްޓްރީގެ އެކި ދާއިރާތަކުގައި ގިނަ ދުވަސްވެފައި ތިބި ހިންގުންތެރިންނެވެ. އަދި މަންމަ އާއި ބައްޕައާ ހަމައިން ފެށިގެން މުޅި ގޭގައި ތިބި އެންމެންނަކީ ވެސް މީރުކޮށް ކައްކަން އެނގޭ ހުނަރުވެރިންނާއި ކެއުމަށް ފޯރި ހިފާފައިވީ ހިތާއި ރޫހެވެ.

"އެކަމަކު ގޭގައި އޭރަކު ޕްރޮފެޝަނަލް ޝެފެއް ނެތް،" އުވެއިޒް ބުނެލި އެވެ.

"މަންމަ އޭރު ވެސް ބުނާނެ ކާއެއްޗެހީގެ ރަހަބަލައި ހެޔޮވަރުކުރަން މި ގޭގައި އެންމެ މޮޅުވާނީ އޭރު ވެސް އަޅުގަނޑޭ. އެކަމަކު ޝެފަކަށް ވުމަކީ ދުވަހަކު ހިތުލި ކަމެއް ވެސް ނޫން،" މިހެން ބުނެފައި އުވެއިޒް ޖަހާލި ހިނިގަނޑަށް ފަހު މި އިންޓަވިއުގެ ރަހަ ހެޔޮވަރުކޮށްލުމަށް ހަޔާތުގެ އެހެން ދިމާލަކުން ފަށައިގަތެވެ.

އަދި ބުނެލި އެވެ،"އޭރު އަޅުގަނޑު ވަރަށް ޝައުގުވެރިކަމާ އެކު ދަސްކުރަމުން ޕްރެކްޓިސްކުރަމުން ދިޔަ ކަމެއް ފޮޓޯގްރެފީ އާއި ޑިޖިޓަލް އާޓަކީ ވެސް. އޭރު ހިތަށް އެރި ކުރިއަށް ދާނީ ފޮޓޯގްރެފީ އާއި ޑިޒައިނިންގެ ދާއިރާއިންނޭ ވެސް."

އެކަމަކު އޭރު އޭނާގެ އުމުރުން ކިރިޔާ ސޯޅަ ފުރުނީ އެވެ. އޭލެވެލްގެ ސެމިސްޓާ ބްރޭކުގައި އެކުވެރިންނާ އެކު ނަގަމުން ދިޔަ ފޮޓޯގަނޑު އެހެން އުޅެނިކޮށް އެއްކޮށް ބަދަލުކޮށްލި ތަޖުރިބާގެ ފްލޭޝްތައް އޭނާގެ މޫނުމައްޗަށް ކަނޑަން ފެށީ ބައްޕަ ބުނި ބުނުމަކަށް، ތިން މަސް ދުވަހުގެ އިންޓާންޝިޕެއްގައި ރިސޯޓަކަށް ގޮސް ފޭބި ދުވަހު އެވެ.

"ތިން މަސް ވަންދެން އަޅުގަނޑު ގޮސް އުޅުނީ އެ ރިސޯޓްގެ ފްރަންޓް އޮފީހުގައި. ރިސޯޓަށް ކުރިން ދެވިފައި ވިޔަސް ރިސޯޓެއްގެ މައިބަދަ އާއި އެތެރެހަށި މަސައްކަތްކުރާ ގޮތެއް އޭގެ ކުރިން ދުވަހަކުވެސް ފެނިފައެއް ނެތް. އެހެންވީމަ މި ތަޖުރިބާވީ ރިސޯޓް އިންޑަސްޓްރީ އަށް އަޅުގަނޑުގެ ލޯ ހުޅުވައިދިން ތަޖުރިބާއަކަށް،" ބައްޕަ ދިން ހިޔާލަކަށް ކުރި ދަތުރުގެ ހަނދާންތައް އާކޮށް އުވެއިޒް ކިޔައިދިނެވެ.

"ފްރަންޓް އޮފީހުގެ އެންމެ ތިރިން ފެށިގެން އެންމެ މަތީގައި ވެސް ތަޖުރިބާކޮށްލަން ލިބުނު. އެ ތިން މަސް ދުވަސް ތެރޭގައި އަޅުގަނޑުގެ ހިތް ހަމަ ބަންޑުންވެއްޖެ ރިސޯޓްގެ ވަޒީފާގެ އެ މާހައުލަށް."

އެ ސަބަބު ވެސް އޭނާ ވަރަށް ސާފުކޮށް ކިޔައިދިނެވެ.

"އަބަދުވެސް ކޮންމެވެސް މަސައްކަތެއްގައި، ކޮންމެވެސް ޒިންމާއެއް އަދާކުރުމުގައި، ކޮންމެވެސް މައްސަލައެއް ހައްލުކުރުމުގައި އުޅެލަން ލިބުނީމަ އެ ތަޖުރިބާ އަޅުގަނޑަށް ކަމުދިޔައީ. ކޮންމެ ދުވަހެއް ވެސް ވެގެން ދިޔައީ ހޭލައިގެން ގޮސް ތަފާތު ކަމެއް ތަޖުރިބާކޮށްލާ އައު މައްސަލައެއް ހައްލުކޮށްލަން ލިބުނު ތަޖުރިބާއަކަށް"

"އޭގެ ކުރިން ރަށުގައި އުޅުނުއިރު އަޅުގަނޑަކީ ވަޒީފާއެއް އަދި އަމުދަކުން ޒިންމާތަކެއް ވެސް އަދާކުރަން ޖެހުނު މީހެއް ނޫން. އެއްވެސް ކަމެއް ނެތް ރަށުގައި. ނިދާފަ ހޭލައިގެން ކައިކައިފަ ދެން އޮންނާނީ އަނެއްކާވެސް ނިދުން."

ކޮންމެއަކަސް ތިން މަސް ދުވަހުގެ އެ ދަތުރު ނިންމާލާފައި އުވެއިޒް އަނެއްކާވެސް އެނބުރި ދިޔައީ އޭނާގެ ރަށަށެވެ. ކިޔެވުމުގެ ތެރެއަށެވެ. ނަމަވެސް ރިސޯޓެއްގައި ހިތް ބާއްވާފައި އާދެވުމުން ބާރައިގެ ކިޔެވުން ނިމުމާ އެކު އޭނާ ފެށީ ރިސޯޓެއްގެ މަސައްކަތު މާހައުލަށް އެނބުރި ދެވޭނެ ގޮތެއް ހޯދުމަށެވެ.

އެހެން އުޅެނިކޮށް ނަސީބު އަތުގައި ހިފީ ރަށުންނެވެ. ވަން އެންޑް އޮންލީގެ ރެކްރޫޓްމަންޓް ކޭމްޕެއް ރަށުގައި ފަށައިގެން އުޅޭ ޚަބަރު ލިބުމާ އެކު އޭނާ އަށް ދުއްވައިގަނެވިއްޖެ އެވެ.

"އައްޑޫ އިން އެފަހަރު ނެގި 62 ކުދިންގެ ތެރޭގައި ހިމެނިގެން އަޅުގަނޑު ވަން އެންޑް އޮންލީ އަށް ދިޔައިރު އުމުރުން ވާނީ 18 އަހަރު. ދެން ހަ މަސް ވަންދެން މުޅި ރިސޯޓްގެ އެކި ޑިޕާޓްމަންޓްތަކުގައި އުޅުނީ އިންޓާނަކަށް. އެއަށް ފަހު ސްޕެޝަލައިޒްވާން ބޭނުންވާ ދާއިރާގެ އިންޓަވިއުގެ ވަގުތު ޖެހިއްޖެ،" އުވެއިޒް ކިޔައިދިނެވެ.

ނަމަވެސް އޭނާ ސްޕެޝަލައިޒްވާން ބޭނުންވި ދާއިރާއެއް އެފަހަރުގެ ބެޗުގައި ނެތެވެ. އޭނާ ބޭނުންވީ ބަދިގެ އަށް ދާށެވެ. ނަމަވެސް ކަލިނަރީ އަށް ޝައުގުވެރިވާ ކުދިންނެއް ނެތުމުން އެ ދާއިރާއިން ސްޕެޝަލައިޒްވުމުގެ ފުރުސަތެއް ނެތް ވާހަކަ ރިސޯޓުން އޭނާ އަށް އަންގައިފި އެވެ.

އެއަށް ފަހު ޖެހިގެން އައި ދުވަހު އޭނާ ނުކުތީ އަނެއްކާވެސް ފްރަންޓް އޮފީހަށެވެ. ނަމަވެސް ހިތުލީ ދާއިރާ އިން ކުރިއަށް ދިއުމަށް އޮތް ފުރުސަތަށް އޭނާ ދިޔައީ އަބަދުވެސް ބަލަމުންނެވެ.

"ދެން އެހެން އުޅެނިކޮށް ރިސޯޓްގެ އެގްޒެކެޓިވް ޝެފް އެއް ދުވަހަކު އައިސް ބުނެފި، ތިމަންނާ އަޑު އަހައިފީމޭ ކަލޭ ބޭނުންވަނީ ޝެފަކަށް ވާށޭ. ދެން އަޅުގަނޑު ވަގުތުން ބުނެފިން އާނއެކޭ. އަވަހަށް ގެންދާށޭ ބަދިގެއަށް،" ހީގެންފައި އުވެއިޒް ކިޔައިދިނެވެ.

"ބުނީމަ ޝެފް ބުނެފި އެއްގޮތަކަށް ވެސް ފަސޭހައެއް ނުވާނެއޭ ބަދިގެ. ވަރަށް އުނދަގޫވާނެއޭ. ބުނީމަ އަޅުގަނޑު ބުނެފިން، އިފް ޔޫ ކޭން ޑޫ އިޓް އައި ކޭން އޯލްސޯ ޑޫ އިޓް އޭ. ސީދާ އޭނައާ ދިމާލަށް"

"މިހެން ބުނީމަ އޭނަ ބުނެފި، އެންމެ ރަނގަޅޭ ތިމަންނަ ކަލެއަށް ބަދިގޭގައި ތަމްރީނު ފެށޭނެ ހުރިހާ ކަމެއް ހަމަޖައްސައިދޭނަމޭ. އަވަހަށް ތައްޔާރުވާށޭ."

އެއީ އުވެއިޒްގެ ދިރިއުޅުން ރޯފިލައި ބަދަލުކޮށްދި ދުވަހެވެ. ނަމަވެސް އޭނާގެ ނަމުގެ މާނަ ޝަރަހަކޮށްދޭ ފަދައިން، އުވެއިޒަކީ އަބަދުވެސް ކިތަންމެ ކުޑަޔަސް، ވުލްފެއްގެ ހިތްވަރެވެ. އަދި މަސައްކަތަކާ ކުރިމަތިލާއިރު އަބަދުވެސް އިތުބާރާއި ޔަގީންކަމާއި ތެދުވެރިކަމާ އެކުގައި އެ ގޮންޖެހުމަކާ ކުރިމަތިލީ ހިތެކެވެ.

ޝެފަކަށް ވުމުގެ ފުރުސަތު އޭނާ އަށް ލިބުނީ ހަމަ ކިރިޔާ އެވެ. އެކަމަކު ބަލާލަބަލާށެވެ. އެންޓަނާއެއްގައި ދަވާދުލާން އޮތް ޒުވާނާ އަކީ މިއަދު މުޅި އިންޑަސްޓްރީން ހުނިޖަހާލާފައި ނަގާލެވޭ ހުނަރެކެވެ.

"ޝެފެއްގެ ގޮތުގައި ތަމްރީނުވުމަށް އަޅުގަނޑަށް ފުރުސަތު ލިބުނީ ފްރަންޓް އޮފީހުގައި މަސައްކަތް ފަށައިގެން ފަސް ވަނަ މަހު. ހަ ވަނަ މަހު އަޅުގަނޑު އުޅުނީ ބަދިގޭގައި. އަދި ޖެހިގެން އައި ހަ މަސް ވެސް ބަދިގޭގައި،" އުވެއިޒް ބުނެލި އެވެ.

އެއަށް ފަހު އެނބުރި ބެލުމެއް ނެތެވެ. މަސައްކަތް ބުރަވި ވަރަކަށް އުވެއިޒަށް ލިބުނީ ހިތްވަރެވެ. އޭނާގެ ލޭގައި ބޮކިޖަހައިގަތީ ކުރިއަރައި ދާނެ ހިތްވަރެވެ.

"ބަދިގެ ތެރޭގައި އެ އޮތް ބިޒީ މަސައްކަތުގެ މާހައުލާއި އެތަނުގެ ތެރޭގައި މީހަކު މަސައްކަތްކުރާއިރު އެ އޮންނަ ޕްރެޝާ ހަމަ ލޮލަށް ފެނުނީމަ އަޅުގަނޑަށް ވީގޮތަކީ އަޅުގަނޑުގެ ހިތް ޖެހުނީ އެކަމަށް އިތުރަށް،" މިހެން ބުނެފައި އޭނާ އަނެއްކާވެސް ހީގަތެވެ.

"އަޅުގަނޑަކީ އަބަދުވެސް ޕްރެޝަރުގައި މަސައްކަތްކުރަން ވަރަށް ފޯރި ހުންނަ މީހެއް. ޕްރެޝަރާ އެކު އެ އަންނަ ޕެނިކާއި ކޭއޮސް އަކީ އަޅުގަނޑުގެ މުޅި މޫޑް އެހެން ހިސާބަކަށް ގެންގޮސްދޭ އުފާވެރިކަމެއް. ފާޑެއްގެ މަސްތެއް ކަހަލަ ކަމެއް އެއީ އަޅުގަނޑަށް."

އެ ހައި އޭނާ ގެންގޮސް ބެހެއްޓީ އެންމެނަށް ވުރެ މަތީގައިކަން ޔަގީނެވެ.

"ކޮންމެ ދުވަހަކު އިރުއަރައިގެން ގޮސް އިރުއޮއްސި ދަންވަންދެން ވެސް އަޅުގަނޑު ދިޔައީ ދަސްކުރަމުން. ދެ ތިން ހަތަރު ޝިފްޓުގައި ވެސް އުޅެފާނަން އަޅުގަނޑު. ބައެއް ދުވަސް ދުވަހު ހެނދުނު ނުވައެއް ޖަހާއިރު ބީޗު ރެސްޓޯރެންޓަށް އަރާފަ، ބްރޭކަށް ދާނީ ފެންވަރާލަން، ދެން އެނބުރި އަންނާނީ"

"ރޭގަނޑު އާންމުކޮށް 10 ޖަހާއިރު ނިންމާލާފައި ރެސްޓުކޮށްލަން ރޫމަށް ދެވޭނީ. އެކަމަކު ދެން ވެސް ގިނަ ރޭރޭ ނިންޖެއް ވެސް ނާންނާނެ ބަދިގޭގައި އިތުރު މަސައްކަތް ނުކޮށްލެވެނީހެއް،" ޝައުގުވެރިކަމާ އެކުގައި އުވެއިޒް ކިޔައިދެމުން ދިޔަ އެވެ.

"ނުނިދިގެން އޮތްވައި، ޝެފް ޑެ ކުއިޒީން ގުޅާފައި ބުނެފާނެ އަންނާށޭ ދެ މީހުން ވެގެން މިވެނި އެއްޗެއް ތައްޔާރުކޮށްލަން. ހަމަ ބުނެލާއިރަށް އަޅުގަނޑު ދުއްވައިގަންނާނީ ބަދިގެ އަށް އަނެއްކާވެސް. ގިނަ ރޭރޭ މެންދަމުން އަލިވެ ހަތަރެއް ޖަހާއިރު ވެސް ތިބެން ބަދިގޭގައި މަސައްކަތު"

"އެހެން މީހުން ޑިއުޓީ އަށް އަންނައިރު އަހަރެމެން ތިބޭނީ އެމީހުންގެ މަސައްކަތްތައް ވެސް ނިންމާލައިގެން."

މިއީ އުވެއިޒް އޭނާގެ ހަޔާތުގެ ދަތުރުގައި ރަހަހެޔޮވަރުކުރި ގޮތެވެ. އޭނާގެ ވާހަކަ ނިމުނީއެއް ނޫނެވެ. އޭނާގެ ވާހަކަ އަދިކިރިޔާ މި ފެށުނީ އެވެ.

ނިމިގެން ދިޔަ ހޮޓެލް އޭޝިއާ މުބާރާތުގައި އޭނާ އަކީ އެންމެ ހުނަރުވެރި ޖޫނިއާ ޝެފެވެ. މިފަހަރުގެ މުބާރާތަށް އޭނާ ތައްޔާރުވަމުން އެ ދަނީ އެ އުސްމިން އަލުން ކަށަވަރުކުރުމަށެވެ.

"އެއީ އަޅުގަނޑުގެ ފުރަތަމަ މުބާރާތް. ނުނިދާ ހޭލާ ހުރެގެން ތައްޔާރުވަމުން ދިޔައިރު އެތައް ފަހަރަކު އަމިއްލަ ނަފުސާމެދު ސުވާލުކުރެވުނު. މަށަށް މިކަން ކުރެވިދާނެތޯ ހިތަށް އެރި. އެކަމަކު އަޅުގަނޑު ބުނާނީ ހިތުގެ އަޑިން ގަބޫލުކުރެވޭ ކަމެއް ކުރަން ބޭނުންވާ ނަމަ އެކަން ކުރެވެން އޮތް ގޮތަކަށް ކުރަންވީއޭ. ފެށެން އޮތް ގޮތަކަށް ފަށަންވީއޭ."

އުވެއިޒްގެ އެ ފެށުން އޭނާ އަށް ފަށައިދިނީ އައު ފެށުމެކެވެ.