މީރު ކެއުންތަކަށް ހާއްސަ ޝައުގުވެރިކަމެއް ހުންނާތީ އަލަށް ހުޅުވޭ ކެފޭތަކާއި ރެސްޓޯރެންޓްތަކުގެ ރަހަތައް ތަޖުރިބާކުރުމަކީ އަހަރެން ނުލާހިކު ޝައުގުވެރިވާ ކަމެކެވެ. އެހެންވީމަ، މެރިހާނާ އިން މި ފުރުސަތެއް ދިނީމަ އިތުރު ވިއްނުމަކަށް ނުގޮސް ވަގުތުން އާނއެކޭ ބުނެފީމެވެ. އަދި އެއަށް ފަހު އަހަރެމެން ގޮސް ވަނީ މާލޭގެ ވަރުނުލާ ރާޅުގަނޑަށް އަނގަހުޅުވައިގެން އެހެރަ މެޑިޓަރޭނިއަން ކެއުންތަކަށް ހާއްސަ އޮއްޕާ! އަށެވެ.
މާލެ އަށް އަލަސް އަދި ބަލަސް، މާލެ ވަށައިގެން ޖަހާ ބުރެއްގައި ލޮލުގައި އަޅައިގަންނަ އެންމެ ހިތްގައިމު ރެސްޓޯރެންޓަކީ މި 'އޮއްޕާ' އެވެ. އެކަމަކު އަދި މަޑުކޮށްބަލާށެވެ. އަނގަބަހުން މިތަން ހުންނަ ތަން ބުނެދޭން އަދި މާފަސޭހަވާނެއެވެ.
2000ގެ ދުވަސްވަރުގައި ޒުވާނުންގެ މެދުގައި މަގްބޫލުކަމެއް ހޯދި ޓަސްކަލޫސާއެއްގެ ވާހަކަ އެނގޭ ހެއްޔެވެ؟ އެތަން ހުރިތަން އެނގޭ ނަމަ މިތަން ތިޔަ އެނގުނީ އެވެ. މިއީ އެތަނުގައި އަލަށް ނަގާފައި ހުރި އުސް އިމާރާތުގެ ތިރި ފަޅުފިލުވައިދޭ ރަހައިގެ ސުވަރުގެ އެވެ.
ގައިމުވެސް ވިއުގެ ގޮތުން މިތަން ބީޓުކުރާނެ ދެ ވަނަ ރެސްޓޯރަންޓެއް މާލެޔަކު ނެތެވެ. ވަރުނުލާ ރާޅުގަނޑާއި ބުރިޖާއި ގާދޫކޮލު ވެސް އެ އޮތީ ލޮލުކުރިމަތީގަ އެވެ. މިތަނަށް ވަދެ ކާލީމަ، އެ ރާޅާއި، އެ ބުރިޖާއި، އެ ގާދޫކޮލުން ބޭރަށް އުދުހި މެދުއިރުމައްޗަށް ދެވޭ ކަމުގެ އިހުސާސް ނުވާންވީ ސަބަބެއް ނެތެވެ.
އެކަމަކު އުދުއްސައިނުގަނެ އަދި އިހަށް މި ލިޔުންގަނޑު މޮޑެގަންނަމާ ހިންގަވާށެވެ.
އޮއްޕާ އަކީ ދިވެހިންގެ މެދުގައި، އަރަބި ކެއުންތަކުގެ ރަހަތައް ޓެސްޓުކޮށް އިތުބާރު ހޯދި 'ތޫމް' އާއިލާގެ އުފެއްދުމެކެވެ. އެހެންވީމަ އެ ހިސާބުން ވެސް އަހަރެންގެ ކުޅުދިޔާވެގަތެވެ.
ތިން ފަންގިފިލާއަށް ތަރުތީބުކޮށްފައިވާ އޮއްޕާ އަކީ ހުރިހާ ފަންތިއަކަށް ވެސް ވަރަށް ފަރުވާތެރިކަމާ އެކު ތަރުތީބުކޮށްފައިވާ މާސްޓަޕީސްއެކެވެ.
މެޑިޓަރޭނިއަން ޤައުމުތަކުގެ ރެސްޓޯރެންޓް ޑެކޯއިން އިންސްޕަޔާވެ ވަރަށް ރޯޔަލްކޮށް އެސްތެޓިކެއްގައި ޑެކޮރޭޓްކޮށްފައިވާ މިތަނުގެ ފުރަތަމަ ދެ ފްލޯ ހާއްސަކޮށްފައި ވަނީ ވޯކްއިން ކަސްޓަމާސްއަށެވެ. ހިންގަނީ އިމާރާތުގެ ފުރަތަމަ ތިން ފަންގިފިލާގައެވެ. އޭސީ އިންޑޯ މި ރެސްޓޯރެންޓުގައި ދެ ވަނަ ފަންގިފިލާގައި ބެލްކަނީގައި މޭޒު ބަހައްޓައި އޯޕަން އެއާގައި ސީޓިން އޮޕްޝަން ވެސް އެބަހުއްޓެވެ.
ތިން ވަނަ ފަންގިފިލާފައިވެސް ސާވްކުރެ އެވެ. ނަމަވެސް މިއީ އެކި މުނާސަބަތުތަކަށް ހާއްސަކޮށް ކުއްޔަށް ދޫކުރާ ލައުންޖެކެވެ. މި ލައުންޖަށް ވަނުމަށް ރެސްޓޯރެންޓު ބޭރުން ލިފްޓް އަދި އިމާރާތުގެ މައި ސިޑި ބޭނުންކުރެވެއެވެ.
އޮޕާގެ ދޮރު ކުރިމަތީގައި އަހަރެން ގޮސް ހުއްޓުމާ އެކު އެތަނުގެ ހޮސްޓެސްއަކު ދޮރު ހުޅުވައި މަރުހަބާ ކިޔައިފި އެވެ. އިށީނުމާ އެކު ވެއިޓަރަކު އައިސް ފެން ސާވްކޮށް މެނިއު ހަވާލު ކޮށްފި އެވެ. އެއީ މިދިޔަ މަހު ވެސް ނުލިބޭ ވަރުގެ މެހެމާންދާރީ އެކެވެ. ހިތް އުތުރި އަރައިގަތެވެ.
ދެން މި އޮތީ ކެއުމުގެ ވާހަކަ އެވެ.
އޮޕާ އަކީ މެޑިޓަރޭނިއަން ކުއިޒިންއަށް ޚާއްސަ، ރާއްޖޭގައި މިފަދަ ކުއިޒިން ހުރި މަދު ތަންތަނުގެ ތެރެއިން ހުނިޖަހާލެވޭ ތަނެކެވެ. އަނެއްކޮޅުން މާލޭގައި މެދުއިރުމަތީގެ ރަހަ އާއި ކެއުންތަކަށް ހާއްސަކޮށް ހިންގާ ހަމައެކަނި ތަނަކީ ވެސް މި އެވެ.
ބައެއް މީހުންނަށް މެޑިޓަރޭނިއަން އަދި އަރަބިކް މިއީ އެއްގޮތް ކެއުންތަކެއް ކަމުން އެކައްޗެކޭ ހިތައް އަރާފާނެއެވެ. ނަމަވެސް އަސްލަކީ މެޑިޓަރޭނިއަން ކެއުންތަކަކީ މައިގަނޑު ގޮތެއްގައި ޔޫރަޕްގެ އައްސޭރިފަށުގެ ގައުމުތަކުގެ ކެއުންތަކުގެ މައްޗަށް ބިނާވެފައިވާ، އަދި މެދުއިރުމަތީގެ ބައެއް ސަގާފީ ރަހަތައް ހިމެނޭ ކެއުންތައް ކަމެވެ. އަރަބި މި ކެއުންތަކުގައި ހަވާދުގެ ބާވަތްތައް ބޭނުންކުރާ މިންވަރު އިތުރެވެ. އަދި މައިގަނޑު ގޮތެއްގައި ބަތާއި، މަހުގެ ތަފާތު ރިހަ ނުވަތަ ސްޓޫގެ އިތުރުން، ސަގާފީ އެކި ބާވަތްތަކުގެ ބްރެޑް މި ކެއުންތަކުގައި ވަރަށް ބޮޑަށް ހިމެނެއެވެ.

އޮއްޕާގެ މެނުގައި އެހާމެ ބާވަތްތައް ގިނައެވެ. އަދި ފޮޓޯ ޖަހާފައި ހުރުމުން އެ ހުރިހާ ޑިޝްތަކެއް ފެނި, ދަހިވެ, ނަގާފަ ނުނަގާނެ އެއްޗެއް އަހަންނަކަށް ނޭގުނެވެ. ވެއިޓަރުންގެ އެހީތެރިކަމާއެކު އޯޑަރު ދީގެން ކެތްމަދުވެފައި ތިއްބާ ކޮންޕްލިމެންޓަރީކޮށްދޭ ޓާކިޝް ބްރެޑް އަދި ބެލްޕެޕާ ޑިޕް ސާވްކޮށްފިއެވެ.
މެއިން ޑިޝް އައުމުގެ ކުރިން ބަނޑުފުރި ކެއުން ހަރާބުވެދާނެތީ މީތި ނުކައިވޭތޯ ބެލީމެވެ. އެކަމުވެސް މީރުކަމުން ދެން އަޅެ ހުރެވޭނެތޯ އެވެ. އިރުކޮޅެއްނުވެ އޭތި އެއްކޮށް ހުސްކޮށްލެވިއްޖެއެވެ. ކީއްކުރާނީދޯ އެވެ. އޮއްޕާ އިން ކައްކަމުން ދިޔަ ކަނޑަށް އަހަރެން ހަމަ ރަނގަޅަށް ވެސް ގެނބިއްޖެ އެވެ.
ދެން އައީ އޯޑަރުކުރި ޑްރިންކްސް އެވެ. މީގެން އެކަތި އޯޑަރު ކުރީ ބަލާލަން ރީތިވެފައި ފޮޓޯ ނަގަންށެވެ. ހަމަ ހުވައެ އެވެ. އެކަމަކު މި ބުނާ، އޮޕާ ޑޭޓް ޑްރިންކް، މެނިއުއިން ފެނުނު ފަދަހާ ރީއްޗެވެ. ފޮޓޯ ނެގުމަށްފަހު ރަހަބެލިއިރު ރަހަ ވެސް ވަރަށް ކަމުދިޔައެވެ.
އަހަރެންގެ އެކުވެރިޔާ ގެނައި، ލެމެނޭޑް ތަށި ޖަހައިގެން އޭގެ ރަހަވެސް ބަލާލީމެވެ. ފްރެޝް ލުނބޮލުން ހަދާފައި ހުރި މި ޑްރިންކް މިއީ ހޫނު ދުވަހެއްގެ މެންދުރު އިންސާނެއްގެ އަރުތެރެއަށް ލިބޭނެ އެންމެ ފުން އަރާމެވެ. ޔަގީނެވެ.
މާގިނައިރުތަކެއް ނުވެ އެޕެޓައިޒަރު އަހަރެމެން ނެގި ހުމޫސްގެ ފަސް ބާވަތް (ކްލެސިކް، ބެއިރޫތީ، ބީޓްރޫޓް، ސްޕައިސީ، ޕަމްޕްކިން) ހުރި ޕްލޭޓެއް ޓާކިޝް ބްރެޑްއާއެކު ސާވް ކޮށްފި އެވެ. ބިއްލާހި އެވެ. މިއީ އަހަންނަށް މިތަނުން އެންމެ ކަމުދިޔަ އެކައްޗެވެ. މާތްކަލާކޯވެ. މީގެ ޕޯޝަން ވެސް ހާދަ ބޮޑެވެ. އޯމައިގޯޑެވެ. މިއޮތް ގެނެސް ބެހެއްޓީ ޔަގީނަށް ވެސް ހައެއްކަ މީހުންގެ ކޮއްތެވެ.
މެއިން ޑިޝްތަކުގެ ތެރެއިން އަހަރެމެން ނެގީ މިންސް ލޭންބް މީޓް އަޅާ ގްރިލްކޮށްފައި ހުރި 'އަރަޔެސް ސްކޫއާސް' އެވެ. ލޭންބް މީޓްގެ ރަހަ އެހާ ފުރިހަމަ, މިޑިޝް ސާވްކުރަނީ ޕިޓާ އަދި ޑިޕްއެއްގެ މަތީގައެވެ. ވަކިވަކި އެތިކޮޅު މި ޑިޕްއާއި ޖައްސާލައިގެން ކާލީމަ ހާދަ މީރެވެ.
މިއަށް އިންސާފްކުރަމުން ދަނިކޮށް މެއިން ޑިބް ސާވްކޮށްފިއެވެ. މެއިން ކޯސްއަށް އަހަރެމެން އޯޑަރުކުރީ ޗިކަން މުސާޚާން އެވެ. އާނއެކެވެ. މިއީ ކޯއްޗެއްކަން މި ކިޔައިދެނީ އެވެ.

މިއީ ފްލެޓްބްރެޑްގެ މަތީގައި އޮލިވް އޮއިލް އާއި މެޑިޓަރޭނިއަން ކުއިސިންތަކުގައި ބޭނުންކުރާ ސްޕައިސްއެއްކަމަށްވާ ސުމެކް އަދި ގިނަ އަދަދަކަށް މިންސްކޮފައި ހުރި ފިޔާ އަޅައިގެން ތައްޔާރުކޮށްފައިވާ ފިހުނު ކުކުޅެކެވެ. ނަމަވެސް ފިޔާތައް ހުންނަނީ ކުކުޅާއި މިކްސްކޮށްފައެއް ނޫނެވެ. އަހަރެން ކަހަލަ ފިޔާ އެހާ ކަމުނުދާ ފަރާތްތަކަށް މިއީ ލަކީ ޑްރޯއަކަށް ވުރެ ވެސް ބޮޑު ނަސީބެކެވެ.
މި ޑިޝްގައިވެސް މެޑިޓަރޭނިއަން ޑިޝްތަކުގައި އާންމުކޮށް ހުންނަހެން ފިޔާ, ލުނބޯ, ބޮޑެތި އެކި ބާވަތުގެ މިރުސް ފިހެފައި ގާނިޝްގެ ގޮތުގައި ސާވްކުރެއެވެ. މީގެ ކުކުޅު އެހާ މަޑުވެފައި ރަހަތައް އެހާ މީރެވެ. މީގެ ފުލް ޕޯޝަނަކީ ރަށު އެންމެނަށް ކެވޭނެ މިންވަރަކަށް ވެދާނެތީ އަހަރެމެން ނެގީ ހާފް ޕޯޝަނެކެވެ. ހާފް ޕޯޝަންގެ ބޮޑުކަމުން ދެ ތިން މީހުންނަށްވެސް މި ކެވިދާނެއެވެ.
ކޮންމެއަކަސް މޭޒު ފުރިއްޖެ އެވެ. ބަނޑުފުރި، ލައިހެން ހުރި ޖިންސްވެސް ބަނޑުމަތިން ބާރުވެއްޖެ އެވެ. އެކަމަކު ދެން ވެސް މި ކެއުންގަނޑު ނުހުއްޓުނެވެ. އެންމެ އެތިކޮޅެއްވެސް ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ.
ކެއުން ނިންމާލީ "ކޮކޮނަޓް މަހަލެބީ" އަދި "ބަސްބޫސާ" އިންނެވެ. މަހަލެބީގެ މަޑުމީރު ރަހައާއި ބަސްބޫސާގެ ފޮނި ރަހައާ އެކު ހިތް އެހިސާބުން ފުރިއްޖެ އެވެ.
މިހިސާބަށް ދިޔައިރު އަހަރެމެން ދިޔައީ ކަމުން ފޮޓޯނަގަމުން އަނގަ ތެޅުނު ވަރަކަށް ތަޅަމުންނެވެ. ކުރިން އެތަނުގެ އަގުތައް ކުޑަކޮށް ބޮޑުކަމަށް ހީވިޔަސް މިއީ ތަފާތު ކޮންސެޕްޓެއްކަން އެނގި އަރުތެރެއިން އެ ރަހަތައް ތަޖުރިބާކޮށްލެވުނީމަ ހިތުން ބޮލަށް ފޮނުވި ވާހަކަތައް ވެސް މޭޒުމައްޗަށް ދިޔައީ ފައިބަމުންނެވެ.

އާންމުކޮށް ރެސްޓޯރެންޓްތަކުގައި މެނިއުގައި ހުންނާނީ އެކަކައް ކެވޭ ވަރުގެ ޕޯޝަން ނަމަވެސް އޮއްޕާގައި ހުންނަ ހުރިހާ އެއްޗެއްވެސް މިއީ 2 މީހެއް ނުވަތަ އެއަށްވުރެ ގިނަ މީހުންގެ ޕޯޝަންއެވެ. އެހެންވީމަ އަގު އަގު ވަރަށް ވެސް ރަގަނޅެވެ.
އަނެއްކޮޅުން އެއީ ހަމައެކަނި ކެއުމަކަށް ދޭ އަގެއް ނޫނެވެ. އެއީ ފެންވަރު ރަނގަޅު ކެއުންތަކާއި, ޕޯޝަން ސައިޒް ބޮޑުވުމާއިއެކު, ހިދުމަތާއި, ތަނުގެ މާހައުލު އަދި ވިއުއަށް ސަތޭކައިން ވޯތު އަގެކެވެ.
ކޮންމެއަކަސް ކައި ނިމިގެން ނައްޓާލުމުގެ ވަގުތު ޖެހިއްޖެ އެވެ. މާކުންބެގެ އަރާމު މި ހަށިގަނޑަށް ބޭނުންވެއްޖެ އެވެ. އެކަމަކު ދެން ވެސް އޮޕާ އިން އޮފާކުރަމުން ދިޔަ ރަހަތަކާ ދުރަށް ދެވޭ ގޮތެއް ނުވި އެވެ.
އޮޕާގެ ހަވީރު ސަޔައް ހާއްސަ ޓީފޮޓޫގެ މެނިއުގެ ވާހަކަ އާއި މިއަހަރު ތެރޭ މިތަނުގެ މަތީ ފަންގިފިލާތަކުގައި ޕޭން އޭޝިއަން ކެއުމަށް ހާއްސަ ރެސްޓޯރެންޓެއް ހުޅުވަން އުޅޭ ވާހަކަވީ އަނެއްކާވެސް މިތަނަށް އެނބުރި އަންނަން ޖެހޭ ސަބަބަކަށެވެ.
ދެން ބުނެލަން އޮތީ މިހެންނެވެ. މާލޭގައި ޑޭޓް ނައިޓަށްއަށް ނުވަތަ އާއިލާ, ރަހްމަތްތެރިނާއެކު ހާއްސަ ކަމެއް ފާހަގަކުރަން ދާން މިއީ ޕާފެކްޓް ތަނެއް ކަމެވެ. އެއީ ފޮޓޯ ނެގިޔަސް, ކެއުމަށްބެލިޔަސް, ވިއުއަށް ބެލިއަސް މިއީ ހިތްގައިމު ވަގުތުކޮޅެއް މާލޭން ބޭރުގައި ހޭދަކުރެވުންކަން އިހުސާސުކޮށްދިން ކެއުމުގެ ރަހަގަދަ ތަޖުރިބާ އެކެވެ.
އެހެންވީމަ މި ރެސްޓޯރެންޓަށް އަޅުގަނޑު ދިހަޔަކުން 9.5 ދޭނަމެވެ.
އޯޕާ، މި ހިތް ހަމަ ރަނގަޅަށް ވެސް ފުރައިފި އެވެ.