މެރިހާނާ

ލައިހޫރެމުން ދަނިކޮށް މި ވަދެވުނީ އެހެން ޒަމާނަކަށް

އެތަނުގައި ބަހައްޓާފައި ހުރި ކެބިނެޓެއްގެ ތެރޭގައި ވަރަށް ގިނަ ކުރީ ޒަމާނުގެ ސާމާނު ހުއްޓެވެ. މިލެނިއަލްސް ކުޑައިރުއްސުރެ މޫނުގައި ޖެހި ފުށްދަޅުވެސް ހުއްޓެވެ. އޭގެ އިތުރުން ތެޔޮ ފުޅި، ކުރީ ޒަމާނުގައި ބޭނުންކުރި ލާރި ފޮއްޗާއި ރުފިޔާ، ވެލާފަތްގަނޑު، އުށްބައްތި ބަހައްޓާ އެއްޗެއް އަދި މިކަހަލަ ބައިވަރު އެއްޗެހި އެތަނުގައި ހުއްޓެވެ.

ލައިހޫރެމުން ދަނިކޮށް މި ވަދެވުނީ އެހެން ޒަމާނަކަށް
ލަތީފާ އަދުދާން

ލަތީފާ އަދުދާން

· 5 އޮކްޓޯބަރު 2026

6 މިނެޓު

އެއީ ރެންޑަމް ބުދަ ދުވަހެއްގެ ރޭގަނޑެވެ. ރައްޓެހި ޓިއާނާއާ އެކު އަހަރެން ބަހަށް އަރައިގެން ދިޔައީ 1981 އަށެވެ. އާނއެކެވެ. ފޭސް އެކެއްގައި އެހެރަ ލޯބި ކޯޒީ ކެފޭއަށެވެ. އެތަނަށް ދިޔަ އިރު، އަހަރެމެންގެ އެކުވެރިޔާ ލާރާ ހުރީ އަހަރެމެންގެ އިންތިޒާރުގައެވެ.

ދުވަސްގަނޑެއްކޮށްފައި ތިން މީހުން އަނެއްކާވެސް ދިމާވުމުން އެންމެން ވެސް ތިބީ އުފަލުން ފޮޅިފަ އެވެ. އަދި އެކަކު އަނެކަކުގެ ވާހަކަތައް އަޑުއަހާލާ، ސަކަރާތް ޖަހާލަން ބޭނުން ވެފައެވެ. އެހެންކަމުން އަވަސްއަވަހަށް ކެފޭ ވަދެވިއްޖެ އެވެ.

އެތެރެއަށް ވަނުމާ އެކު އެ ދެމީހުންވެސް ވާވް އޭ ކިޔައި އާޝޯހުވެގަތެވެ. "މަ ބުނީމެއްނޫން ހެއްޔޭ ކިޔައި އަހަރެން ފޮނިވެގަތީމެވެ.

ނަމަވެސް އެއީ އަހަރެމެން ތިން މީހުން '1981' އަށް ދިޔަ ފުރަތަމަ ފަހަރެއް ނޫނެވެ. އެކަމަކު ތިން މީހުން އެކުގައި އެތެރެއަށް ވަން ފުރަތަމަ ފަހަރެވެ. މިހައި ހިސާބުން މި ކެފޭއެއް ލޮލުގައި އަޅައިގަތް ފުރަތަމަ ރެއަށް ރިވައިޑްކޮށްލާނަމެވެ.

އެއީ ވެސް އަހަރެމެން ތިން ރައްޓެހިން ހިނގާލަން ނުކުމެ އުޅުނު ރެއެކެވެ. މިތަން ފެނުނީ އޮޅުމަކުންނެވެ.

އެރޭ އަހަރެމެން ބަލާލީ ހަމައެކަނި ބޭރެވެ. އެއީ އަހަރެންގެ 2024ގެ އެންމެ ސަޅި ރެއެވެ. ބައިވަރު ފޮޓޯ ނެގީމެވެ. އަދި ހުޅުވާފަ ހުންނަ ގަޑިއަކު އަލުން އަނބުރާ އެތަނަށް ދިޔުމަށް ވައުދުވީމެވެ. އެތަނުގައި ހުރީ އޭތި މީއްޗެވެ. ބައިވަރު ގަސްވެސް ހުއްޓެވެ. ބޭރުގައި ހުރި ފާރު ހުރީ ކުރެހުންތަކުން ފުރާލާފައެވެ.

"ވަގުތު ނެތޭ" ކަހަލަ އެއްޗެހި ލިޔެލާފަިވެސް ހުއްޓެވެ. އެތަން ރީތިކުރަން ސާފްބޯޑެއް ކަހަލަ އެއްޗެހި ބޭނުން ކޮށްފައި ހުއްޓެވެ. އެހާރާއި މިހާރު ވަރަށް ތަފާތެވެ. އޭރު އަހަރެންނާއި ލާރާވެސް ތިބީ މީހުންނާއި އިނދެގެންނެވެ. އަދި އެރޭ ޓިއާނާ ފެގު ބޯން ބޭނުންވާ ވާހަކަވެސް ބުންޏެވެ. އެއީ އަހަރެމެން ވަރަށް ގިނަ ވާހަކަ ދެއްކި ރެއެކެވެ.

ދެން އެހާރުން މިހާރަށް ޖެހިލާށެވެ.

އެތަނަށް ވަނުމާއެކު ޓިއާނާ މޮޔަވީ އެތަނުގައި އޮތް ކަލިމްބާއެއް ފެނިގެނެވެ. އެނަގައިގެން އޭގަ ފިރުމާ، ބައްދާ ހެދިއެވެ. އަދި ބުންޏެވެ. "މިހީވަނީ މީހަކު ތްރިފްޓްކޮށްފަ އޮތް އެއްޗެއް ހެންނެވެ". ޓިއާނާ އޭތި ދަބަހަށްލާ ކަޓުވާލާ ވާހަކަ މަޖަލަކަށް ހަދާފާ ވަރަށް ގިނަ ފަހަރު ދެއްކިއެވެ. އެކަމާ އަހަރެން ކުޑަކޮށް ހާސް ވެސް ވިއެވެ. އަދިވެސް އެތަނަށް ދާން އަހަރެން ބޭނުންވާތީއެވެ. އަދި އަހަރެންގެ މިހާ ގާތް ރައްޓެއްސެއް ވައްކަންކުރުމާ ދޭތެރޭގައި ދެކެނީ ކިހިނެތްބާއޭ ހިތަށް އަރާފަވެސް ހާސްވިއެވެ.

ޓިއާނާ ބުނީ އެވެޓާގެ ލޯބީގެ ލަވަ އިންނާނީ ކަލިމްބާއަކުން ކުޅެފައި ކަމަށެވެ. އަދި ވަގުތުން އޭގެ ޓިއުޓޯރިއަލް ހޯދައިގެން އެލަވަ ކުޅޭން ދަސްކޮށްލައިފިއެވެ. އަދި ލާރާ ގާތުގައި އަހަރެން އަދި އެވެޓާ ނުބަލާ ވާހަކަ ބުނީމައި ދެމީހުން އެއް ގަލަކަށް އަރައިގެން އަހަރެންނަށް ބަވަން ފެށިއެވެ. ދެމީހުންނާއި ހަނގުރާމަ ކޮށްގެން އެކަކު މޮޅެއް ނުވާނެއް ނޫން ހެއްޔެވެ.

އެތަނުގައި ބަހައްޓާފައި ހުރި ކެބިނެޓެއްގެ ތެރޭގައި ވަރަށް ގިނަ ކުރީ ޒަމާނުގެ ސާމާނު ހުއްޓެވެ. އެކެބިނެޓްވެސް ހީވަނީ ވިންޓޭޖް އެއްޗެއް ހެންނެވެ. ލާރާ ބުނީ އޭތި ފެނުމުން ހަނދާންވަނީ ބިއުޓީ އެންޑް ދަ ބީސްޓްގައި އުޅޭ ފަރުނީޗަރު ކަމުގައެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ހިނގައިގަނެދާނެ ހެންނޯއެވެ.

އޭގެ ތެރޭގައި އަހަރެމެން ހުރިހާ މިލެނިއަލްސް ކުޑައިރުއްސުރެ މޫނުގައި ޖެހި ފުށްދަޅުވެސް ހުއްޓެވެ. އޭގެ އިތުރުން ތެޔޮ ފުޅި، ކުރީ ޒަމާނުގައި ބޭނުންކުރި ލާރި ފޮއްޗާއި ރުފިޔާ، ވެލާފަތްގަނޑު، އުށްބައްތި ބަހައްޓާ އެއްޗެއް އަދި މިކަހަލަ ބައިވަރު އެއްޗެހި ހުއްޓެވެ. ނުވަ ދިހައިގެ ކުދިންނަށް ފެނުނީމާ ވަރަށް ނޮސްޓެލްޖިކް އިހުސާސެއް ވާނެކަން ޔަގީނެވެ.

'1981' އަށް ދާ ކޮންމެ ފަހަރެއްވެސް ހީވަނީ ފުރަތަމަ ފަހަރު ހެންނެވެ. ބަލާބަލާ ފޫހި ނުވެއެވެ. ބަލާނެ އެއްޗެހި ހުސްނުވެއެވެ. އެތަނުގެ ތެރެއަށް ނަޒަރު ހިންގާލުމުން ފާރުގައި އަދި ސީލިންގުގައިވެސް އެއްޗެހި ހަރުކޮށްފައި އަދި އެލުވާފައި ވާތަން ފެންނާނެއެވެ. އެކި ކަހަލަ އާޓެވެ. ނައިބޮލި، ހޮކީ ކުޅޭ ދަނޑި، ބަޑި، ހެލްމެޓް، ކަޓާނާ އަދި ވަޅީގެ އިތުރުން އެކި ވައްތަރުގެ މިޔުޒިކު ކުޅޭ ސާމާނު މުޅި ކެފޭގައި އަތުރާލެވިފައިވެއެވެ.

އަހަރެން ނެގީ އުކުކެލޭއެވެ. އަދި އޭތި މާ "ޓައިޓް'އޭ ކިޔާފައި ބެހެއްޓުމުން އެދެމީހުން ހޭން ފެށިއެވެ. ސީޑީއާއި، ރިކޯޑާއި ފޮތާއި ކުޑަކުދިން ގަޔާވާނެ ކަހަލަ ފޮތާއި ކުލަފޮއްޓެއްވެސް ވަށިގަނޑަކަށް އަޅާ ތައްޔާރުކޮށްފައި ހުއްޓެވެ. ރާޒުވާއާއި ތާސްބައެއްވެސް އޮތެވެ. ކޮންމެ މީހަކަށްވެސް ކޮންމެސް ކަމުދާ ކަހަލަ އެއްޗެއް އެތަނުގައި ހުންނާނެއެވެ.

އަހަރެންނަށް ކަމުނުދިޔަ ތަންކޮޅަކީ އެތަނުގައި އެކަނިވެފައި އިން ނޫކުލައިގެ ފައިޓިން ފިޝްއެވެ. އޭތި ފެނުމުން އަހަރެން ކުޑަކޮށް ދެރަވިއެވެ.

އާދައިގެ މަތިން އަހަރުން އެއް ވާހަކައިން އަނެއް ވާހަކައަށް ފުންމަމުން ދިޔައީމެވެ. ލާރާ ވާހަކައެއްގެ ތެރެއިން ބުންޏެވެ. "ޔޫ އާ އިރިޕްލޭސަބަލް"އެވެ. އަހަރުން ކަހަލަ ދެވަނަ ބައެއް ނުލިބޭނެޔޯލައެވެ. އަހަރެން ފެންކަޅިވިތަން ފޮރުވަން ބާރަށް ލޯ މަރާލީމެވެ. ލާރާގެ ދަބަސް ތެރެއިން އޭނާގެ މުށި ކުލައިގެ ޖާނަލް ނެގިއެވެ. ސަރަންފީގައި ޖައްސާލައިގެން އިނދެ އޭނާ އަހަރެމެން ދެމީހުން ކުރަހަން ފެށިއެވެ.

މިތަނުގެ މެނޫވެސް ވަރަށް ފައްކަލެވެ. ޖީބަށް ލުއި ފަސް ރުފިޔާގެ ކަޅުސައި އަދި ޔޭޔޭ ކޮފީއިން ފެށިގެން ވަރަށް ކޮލިޓީ ރަނގަޅު ސްޕެޝަލްޓީ ކޮފީވެސް އެތަނުގައި ލިބެން ހުއްޓެވެ. ހެދިކާގެ ވައްތަރު މަދަސް، ހޫނުކޮށް ލިބެއެވެ. އަދި ރަހަ އެހާ ފުރިހަމައެވެ. ކުކީސް ކަހަލަ ފޮނިކާ އެއްޗެހިވެސް ހުއްޓެވެ.

ލާރާ އޯޑާ ކުރީ ނޫ ލޮޓަސް ސައެވެ. ދަނބު ތައްޓަކަށް އެޅި ހޫނު ސައިތަށި އައި އިރުގައި އޭގެ ތެރޭގައި އޮތީ މަލެއް އޮތް ގޮތަށެވެ. ފިޔަތައް ދަނބުވެފައި ކަރުގަނޑު ރީނދުލެވެ. އޭގައި ސްމޯކީ އަދި ކަޅު ސަޔާއި ގާތްކުރާ ރަހައެއް ލައެވެ.

އަހަރެން ބުއީ އައިސް ކޮފީއެކެވެ. ޓިއާނާ ބުއީ އައިސް އަންނާރު ސައެވެ. އޭނާ ބުނީ އޭގެން ކްރޭންބެރީ ރަހަލާ ކަމަށާއި އޭނާގެ ކުޑަކަމުދާ ނިޒާމަށް ވަރަށް ފައިދާ ލިބޭނޭ ކަމަށެވެ. ތިއަށް ހުރީ ސިރަޕް އަޅާފައި ނޫން ހެއްޔޭ އަހަރެން ސުވާލު ކުރަމުން ޓިއާނާ ބުނީ ޕްލެސީބޯ އިފެކްޓަކީ އަސްލުވެސް އޮންނަ އެއްޗެއް ކަމަށެވެ. އެއާ މެދު އަހަރެންވެސް އެއްބަސްވީމެވެ.

ފާހާނާއަށް ދާން ޖެހުމުން ޖެހިގެން އިން ޕިލާވޫސްއަށް އަހަރެންނާއި ލާރާ ދިޔައީމެވެ. ފާހާނާއަށް ވަނީ ފުރަތަމަ އަހަރެންނެވެ. ކަންދިމާކުރި ގޮތުން ތަޅައިގަންނަން ޖެހުނީ ބޮޑު ކުރަތްޕަކާއެވެ. އެތަނުގައި މަސައްކަތްކުރާ މީހުން ވަރަށް ބޮޑަށް އެހީތެރިވެދިނެވެ. އަހަރެމެން އަނބުރާ އައި އިރު ޓިއާނާ އިނީ ލާރާގެ ޖާނަލްގައި ލިޔާށެވެ.

މާސާނާ ހުސްކޮށްލައިގެން އަހަރެމެން އަނެއްކާވެސް ޖައްސާލައިގެން ޖާނަލްތަކުގައި ލިޔެ ކުރަހަން ތިބީމެވެ. ޓިއާނާ ބުންޏެވެ. "ތިދެމީހުން ވާހަކަ ދައްކާ އަޑު އަހަން ކިތަންމެ އިރަކުވެސް އިނދެވިދާނެ."

އެހެން ތިއްބައި ކުއްލިއަކަށް ވާރޭ ވެހިގަތެވެ.

"މީ ހަމަ ރަނގަޅު ރެއަކީއެވެ." ޓިއާނާ ވާރޭގެ ރާގު ކުޅެމުން އިތުރު ކޮށްލިއެވެ.

ވާރޭ ހުއްޓާލުމާ އެކު އަހަރެމެން ހެލިގަތީ ގެއަށް ދާށެވެ. އެރޭގެ މަޖާގަނޑު ދެން ނިމުނީއޭ ހީކޮށެވެ. އެކަމަކު އެއްކަލަ 2024ގެ ޑިސެންބަރުގެ ރޭގައި ބުނި ގޮތަށް، އަނެއްކާވެސް ޓިއާނާ ފެގު ބޯހިތްވާ ވާހަކަ ބުންޏެވެ. އަހަރެން އޭނާއަށް ހަނދާން ކޮށްދިނީމެވެ. "ފެގު ޓްރައި ކޮށްލަން ބޭނުމީ ހާއްސަ ދުވަހެއްގައޭ ބުނީމެއްނު؟"

"މީ ހާއްސަ ދުވަހެކޭ." ޓިއާނާ ބުންޏެވެ. އަނެއްކާވެސް އަހަރެންގެ ހިތް އުފަލުން ފުރުނެވެ. އަސްލު އޭނާ އެކަން ކޮށްފާނޭކޭ މަގޭ ހިތެއް ނުބުނެއެވެ.

ލާރާ ދަބަހުން ފެގެއް ނެގިއެވެ. ޓިއާނާ ދަސްކޮށްދިނުމަށް އެދުނެވެ. "ހޮޅިއަކުން ބޯގޮތަށް އެތެރެއަށް ދަމާލާފައި ނޭވާ އެތެރެއަށްލާ. އިރުކޮޅަކު ބަހައްޓާފައި ބޭރަށް ދޫކޮށްލާ."

ލާރާ ބުނި ގޮތަށް ޓިއާނާ ކަންތައް ކުރިއެވެ. ޓިއާނާ ހުރީ ހައިރާންވެފައެވެ. އެހާ ސަޅި އިހުސާސެއް އޭނާއަކަށް ނުކުރެވުނީތީއެވެ. އެކަމަކު ރޯގާތައް އެބަ މެލްޓްވެއޭ އޭނާ ބުންޏެވެ. އެއީ އާވި ސިގިރޭޓެެއް ވީމައެވެ. އެދެމީހުން ލޯޝަން ބޭނުން ކޮށްގެން އެވަސް ޓިއާނާ ގައިން ފިލުވާލިއެވެ. ގޭ މީހުންނަށް ވަސް ދުވާފާނެތީއެވެ.

ކޮންމެއަކަސް، ފުރިފަިވީ އެކަމަކު ބަރު ހިތަކާ އެކު އަހަރެންނާއި ޓީއާނާ ބަހުގައި އަނބުރާ ގެއާ ދިމާއަށް ނައްޓާލީމެވެ. ބަސް ސްޓޮޕްގައި ލާރާ އަހަރެމެންނާ ދިމާލަށް ބަލަަން އިނެވެ. ހިތަށް އަރައި ފައިބަމުން ދިޔައީ '1981'ގެ ކެފޭ އަށް ގޮސް ދެއްކި ވާހަކަތަކާއި ޖެހި ސަކަރާތާއި އެތަނުގައި އޮތް ޗާލާ ޒަމާނެވެ. އެއަށް ފަހު ދެން ހިތަށް އެރީ، މި ދެ ބޭޑީސްއާ އެކު އަނެއްކާވެސް ޓައިމް ޓްރެވެލް ކޮށްލެވޭނީ ކޮން ދުވަހަކުން ބާވަ އެވެ.

އަހަރެމެން ތިން މީހުން ދެން ދާންވީ ކޮން ކެފޭއަކަށްބާވަ އެވެ؟

ޝެއަރ ކުރޭ

އިތުރު ލިޔުންތައް