މާލެއިން މިހާރު ހޯދަން އެންމެ ފަސޭހަވެފައި އޮތް އެއްޗަކަށް ވާނީ ޕާފިއުމުގެ ވައްތަރުތަކެވެ. ލެކިއުޓަށް ގޮސް އެމީހުންގެ އަގުބޮޑު ސެންޓުފުޅިއެއްގައި އަތްލާން ނުކެރިގެން އުޅުނު ޒަމާނުގެ ވަސް މި އޮތީ ދިވެހިންގެ ތެރެއިން ފިލައިގެން ގޮސްފަ އެވެ. އެއް ޒަމާނެއްގައި ލެކިއުޓުގެ މުށުތެރޭގައި އޮތް ސެންޓުފުޅި މިއަދު މި އޮތީ ހިތަކަށް ޖަހާލަން ލިބޭ ސެންޓުފުޅިއަކަށް ބަދަލުވެފަ އެވެ. – އާދެ ހުރިހާ ވެސް ޝުކުރެއް، މާލެތެރެއަށް ގިނަވެގެން މި އުޅޭ ސެންޓު ފިހާރަތަކަށެވެ.
އެކަމަކު އަދި މަޑުކޮށްބަލާށެވެ. މި ހުރިހާ ސެންޓު ފިހާރަތަކެއްގެ ވާހަކަ ދައްކާއިރު، އިންސާނެއްގެ ހިތާއި ހިއްސު މީރު ވަހަށް އެހާ ފަސޭހައިން ގޮސް ހެއްލޭ ހެއްލުމުގެ ފަހަތުގައި އޮތް ސިއްރަކީ ކޮބައިތޯ ބަލައިލުން މިއީ ވެސް ކޮށްލަން ރަނގަޅު ކަމެކެވެ. އެއްގޮތަކަށް ވެސް އިބިލީހަކާ މިކަމަކާ ގުޅުމެއް ނެތެވެ.
ވަހުގެ ވާހަކަ އޮތް ތަނުގައި ބާއްވާފައި އަހަރެމެންގެ އެހެން ހުރިހާ ހިއްސުތަކެއް (ފެނުން، އަޑުއިވުން، ބީހުން، ރަހަ) އަށް ބަލާއިރު އޭގެ މައުލޫމާތު ސިކުނޑިއަށް މި ފެތުރިގަންނަނީ 'ތަލަމަސް' ކިޔާ ސެކްޝަނަކުން ވަރަށް ރަނގަޅަށް އޮބިއަޅައި ތަހުލީލުކުރުމަށް ފަހުގައެވެ. ނަމަވެސް، ވަސްގަތުމުގެ ހިއްސު ބަލައި ފާސްކުރުމެއް ނެތެވެ.
މި ހިއްސު ސީދާ ގެންގޮސް ގުޅުވައި ދެނީ ހަނދާންތަކާއި އިހުސާސްތައް ކޮންޓްރޯލްކުރާ 'ލިމްބިކް ސިސްޓަމްގެ ތެރޭގައިވާ އެމިގްޑަލާ އާއި ހިޕޯކޭމްޕަސް އާއެވެ. މިއީ ސިކުނޑިއަށް ވަސްތައް ވަގުތުން މާނަކޮށްދީ، އިހުސާސްތައް އުފައްދައިދޭ "ޝޯޓްކަޓެކެވެ".
އެހެންވީމަ، ވަސްތަކަށް އިންސާނާގެ ނަފުސު އަޅުދާސްތުވެގެންދާ ގޮތް މިހާރު ކޮންމެވެސް ވަރަކަށް ވަޒަންކޮށްލަން ފަސޭހަވާނެކަން ޔަގީނެވެ. ވަސް މި ދަނީ ސެކިއުރިޓީންގެ އަތްފޯރާ ހިސާބަށް ވުރެ މަތިންނެވެ.
ވަހާއި ސިކުނޑިއާ ދެމެދު އޮތީ ހަގީގަތުގައި ވެސް ހިތާއި ހިތުގެ ގުޅުމެކެވެ.
ވަހެއްގެ ސަބަބުން ކުއްލިއަކަށް މާޒީގެ ވަކި ހަނދާނެއް ނުވަތަ އިހުސާސެއް ސިކުނޑިއަށް ސާފުކޮށް ސިފަވެގެންދާ ދިއުމަށް ސައިންސްގައި ކިޔައި އުޅެނީ ޕްރޫސްޓިއަން މެމޮރީ އިފެކްޓެވެ.

އާނއެކެވެ. ވަހަކީ އެހެން ހިއްސުތަކަށްވުރެ މާ ވަރުގަދައަށް މާޒީގެ ހަނދާންތައް ވެސް އާކޮށްދޭ އެއްޗެކެވެ. ބިޓު ޖަހައިގެން އުޅުނު ސެންޓުމަތިން އަދިވެސް ހަނދާން ނައްތާނުލެވިގެން ތިޔަ އުޅޭ ސަބަބަކީ ވެސް މިއެވެ. ތިޔަ އުޅެނީ އެއްގޮތަކަށް ވެސް ތިބޭފުޅާގެ މައްސަލައެއް ނޫނެވެ.
ހަގީގަތަކީ މިއެވެ. މީރު ވަހެއް ގޮސް ސިކުނޑީގައި ޖެހިލާއިރަށް އެ ސިކުނޑި ސައިންސުގެ ނަޒަރިއްޔާތުގައި ދިޔާވެގަންނަނީ އެވެ. 'ޑޯޕަމީން' އާއި 'ސެރޮޓޮނިން' ފަދަ އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ހޯމޯންތައް ދޫކުރަން ފަށަނީ އެވެ. މީގެ ސަބަބުން ސްޓްރެސް ކުޑަވެ، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ވަގުތުން ބޮޑުވެގެންދެއެވެ.
އާނއެކެވެ. މިއީ ހަގީގަތުގައި ވެސް ފާޑެއްގެ މަސްތެކެވެ.
އެހެންކަމުން، މީރު ވަހަކަށް އިންސާނާގެ ހިތް ދަމައިގަތުމަކީ ހަމައެކަނި ފެޝަނެއް ނުވަތަ އާދައެއް ނޫނެވެ؛ އެއީ އިންސާނާގެ އުފެދުމުގައި ސިކުނޑި ބައްޓަންވެފައިވާ ގޮތުން ނުވިސްނި ނަމަވެސް އަމިއްލައަށް ވާ ކަމެކެވެ.
އޯކޭއި ދެން މިހިސާބުން ކަޓު ބެކް ޓު އަވާ ސްޓޯރީ އަށެވެ. މާލޭގައި ގިނަވެގެން މި އުޅޭ ސެންޓު ފިހާރަތަކަށެވެ.
މަށަކީ އެކަމަކު ސެންޓުގެ މީހެއް ވެސް ނޫނެވެ. ނަމަވެސް ސެންޓުތައް ގިނަވެފައި މި އޮތީ މިއިން ހަމަ އެއްވެސް އިންސާނަކު ސަލާމަތްވާނޭ މިންވަރަކަށެއް ނޫނެވެ.

"ދިވެހިން ހަމަ އެހާ ވަރަށް ސެންޓު ގަނޭ ހެއްޔެވެ؟،" އަނގަ ވެއްޓިފައި ހުރި އެކުވެރިޔާ އަހާލި އެވެ.
އަހަރެމެން ބަލަމުން ދިޔައީ ސެންޓު ފިހާރަތަކަށެވެ. ދުބާއީގެ ވަސްހެން ހީވާ ޒާތުގެ ސެންޓުފުޅިއެއް އެކުވެރިޔަކަށް ދޭން ވެގެންނެވެ. މި ފުޅިއަކީ މާލެއިން ގަތަސް، ދުބާއީން ގަނެގެން ގެނައި ފުޅިއެއްކަން ހީވާ ފެންވަރުގެ ސެންޓެއް ފެނޭތޯ ޖަހަމުން ދިޔަ ބުރެކެވެ.
އެކަމަކުވާ މާލެ އާއި ހުޅުމާލޭގައި މި އޮތީ ހާދަ ސެންޓު ފިހާރައެކެވެ. ބައްލޯޓާ އަކާއި ލަކްސޯރާ އަކާއި ލަގްޑޯރާ އަކާއި ބާފިއުމާއި ޑީ އާއި ޕީއެއް ވެސް އެބައުޅެއެވެ. ހުވާ ބިއްލާހި މަށަކަށް މިއިން އެއްވެސް ނަމެއް ރަނގަޅަށް މަހުރަޖުކުރާކަށް ވެސް ނޭނގެ އެވެ. މަށަށް އެނގެނީ މި ލިސްޓެއް ގޫގަލްކޮށްލީމަ، ބޫގަލެއްހާ ދިގު ލިސްޓަކަށް ބަދަލުވެގެންދާކަމެވެ.
"ހަމަ އަސްލު ވެސް ދިވެހިން މިހާ ސެންޓު ގަނޭ ހެއްޔެވެ؟،" އެކުވެރިޔާ އަނެއްކާވެސް އަހާލި އެވެ.
"އާނއެކެވެ. ދިވެހިންނަކީ ބަނޑު ކެއުމެއް ފަދައިން ސެންޓު ބޭނުންކުރާ ބައެކެވެ. ސެންޓު ބުރުވާލައިގެން ލިފްޓަށް އަރާ މީހަކާ ދިމާވެއްޖެ ނަމަ އޭނާ އެ ލިފްޓުން ނުކުމެގެންދާއިރު އޭގައި ދެން ތިބި ބަޔަކު ތިބޭނީ ކުރަފި ތަކެއް ފަދައިން މަރުވެފަ އެވެ."

މި ވާހަކައެއް ނިމުނުއިރު އަހަރެމެންނަށް ގޮސް މަޑުކޮށްލެވުނީ ހުޅުމާލޭގައި ހުރި 'ކައިޓް' ނަމަކަށް ކިޔާ ސެންޓު ފިހާރައަކަށެވެ. އަދި އެތަނުގެ ދޮރު ހުޅުވާލުމާ އެކު 'ކައިޓެއް' ހެން އަހަރެމެން ދެ މީހުން ސެންޓުގެ އެ ދުނިޔޭގައި އުދުއްސައިގެންފި އެވެ.
މާތްކަލާކޯ އެވެ. އެތަނުގައި އެހެރަ 'ސޭޓަކީ' ދުނިޔޭގައި ލެއްވިހާ ސެންޓެއް ގިރައި ބޮއެގެން ހުރި ކުޅަދާނަ އާރުކާޓީއެކެވެ. އަހަރެންގެ ހަޔާތުގައި ވެސް އެވަރުގެ ސެންޓުގެ ތަޖުރިބާކާރަކާ ދިމަލެއް ނުވެ އެވެ.
ފުޅިއެއް ނަގައި ތިން ހަތަރު ފަހަރަކަށް ސްޕްރޭކޮށްލުމަށް ފަހު އޭނާ ބުނެތެވެ؛ ތިޔައީ މިވެނި އެވެނި، އެވެނި އެވެނިތަކެއް ބޭނުންކޮށްގެން އެވެނި އެވެނި ގޮތަކަށް އަހަރެމެން ތައްޔާރުކޮށްފައިވާ މިވެނި އެވެނި ނަމެއް ކިޔާ އުފެއްދުމެކެވެ.
އެ އުފެއްދުންތަކުން އަހަރެންގެ ފަސް ފޫޓް ހަމަނުވާ އިސްކޮޅާއި ހަށިގަނޑު އިސާހިތަކު ފޯވެ ނިމިއްޖެ އެވެ. އަދި ބޮލަށް އެނބުރުމާއި ސެނބުރުން އަރައިގަންނަ ކޮންމެ ފަހަރަކު އޭނާ ކޮފީ ބީންސްތަކެއް ގެނެސް ނޭފަތު ކުރީގައި ޖައްސައި އަހަރެން ހަމަބިމަށް ތިރިކޮށްދެ އެވެ. އެއަށް ފަހު އަނެއްކާވެސް އައު ފުޅިއަކުން ސެންޓުތައް ބުރުވަން ފަށައިގަނެ އެވެ.
އެއް ހާސް އެތައް ވައްތަރެއްގެ ވަހުގައި ޖެހި އޭރު އަހަރެންގެ ސިކުނޑި ވަނީ ހަމަ ރަނގަޅަށް ވެސް އަމަލުވެފަ އެވެ. އަދި ފުޅިއަކަށް ފަހު ފުޅިއަކުން އޭނާ ސެންޓު ޖަހަމުންދިޔަ މަންޒަރު މަށަށް ސިފަވަމުން ދިޔައީ ޖާދޫގަރެއްގެ އިނގިލިތައް ފެންއަރުވާވަޑާމަކަށް ބަދަލުވެގެން އުޅޭ އުޅުމަށެވެ.
ކޮންމެއަކަސް އެތަނުގައިވީ ނަންތައް ހުސްކޮށް އެންމެފަހުން އެ ބުނާ ދުބާއީގެ ބާރުގަދަ ވަސް ފުޅިއެއްގައި ބަންދުކޮށްގެން އަހަރެމެން ދެކޮޅަށް ކިރެމުން ނައްޓާލައިފީމެވެ.
އެހެން ދަނިކޮށް ޕާފިއުމްހައުސްއޭ ކިޔާ ތަނެއް ފެނިއްޖެ އެވެ. އޫޑެއް ވެސް ފެނިއްޖެ އެވެ. އެއަށް ފަހު ދެން ލޮލުގައި އަޅައިގަތީ ދަ އައިލެންޑް ޕާފިއުމެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ހުރިހާ ސެންޓު ފިހާރަތަކެއް މާލެ އާއި ހުޅުމާލެ އާއި ސޯޝަލް މީޑިއާ އެއްވަސްކޮށްލައިގެން އުޅޭއިރު ލެކިއުޓްގެ ރަން ހަނދާންތައް މިއަދު އެއްކޮށް ފޮހެވިގެން ގޮސްފައިވާ ކަމެވެ.
އަގުބޮޑު ބްރޭންޑްތަކުގެ، މުސާރައަށް ވުރެ ބޮޑު ސެންޓުތައް ފަހަތުން ނުދުވެ އެންމެން ވެސް މިހާރު އެ ދަނީ އަތްފޯރާ ފަށަށް ގެނެސްފައިވާ "ޕާފިއުމް ބާ" ގެ ކޮންސެޕްޓަށެވެ. މި ރަށުގައި މިހާރު 'މަސްތަށް' ވުރެ ގިނަވެގެން އުޅޭ އެއްޗަކަށް ވެސް ވެފައި މި އޮތީ ފާޑުފާޑުގެ 'ޕާފިއުމް ބާ' ތަކެވެ.
އަޅުގަނޑަކީ އެއްވެސް ހާލެއްގައި ސެންޓުގެ ތަޖުރިބާކާރެއް ނޫނެވެ. ސެންޓުގެ އެޔެއްމިޔެއް ވެސް މަށަކަށް ނޭނގެ އެވެ. އެކަމަކު މާލޭގައި މިހާރު ސެންޓު ފިހާރަތައް ގިނަކަމުން އެ ވަސް އައިސް މި ނޭފަތަށް ވެސް ވަނީ އެވެ.
ކަންމަތީ ފިހާރައަށް ވުރެ ސެންޓު ފިހާރަތައް މާލޭގައި މިހާރު ގިނަ އެވެ.



