ފަތިސް ނަމާދުކޮށް ނިމުމާ އެކު ރަށުގެ ބަދިގެތައް ގަދަ ނިދިން ހޭލައި އައު ދުވަހަކަށް ފުރާނަ އަޅަން ފަށައިފި އެވެ. ކަމަނަގޯތިން ކާށި ބިނދެ ހުނި ގާނާ އަޑު ފަތިހުގެ ހިމޭންކަމުގައި ގޭނެން ފަށައިފި އެވެ. ދައިން ފުނޑާ އަޑާއި ވަޅުން ފެންފުރާ އަޑު ހިމޭންކަމުގެ ތެރެއިން ފުރޭނެން ފަށައިފި އެވެ. ދަރުތައް ބިނދެ ހޮޅިން ފުމެ ރޯކޮށްލި އުނދުނާ އެކު ދުންބަދިގޭގެ މަތީގައި ހުރި ކިޑިކީއަކުން ދުންތައް ނުކުމެ ރަށު ތެރެއަށް ފެތުރިގަތެވެ.
ގަދަ ނިދީގެ ފޮނިކަމުގައި އޮތް ބަބުރުއައިސަޔަށް ހޭލެވުނީ މީހަކު ހަޅޭފަޅޭޖަހަމުން އޭނާގެ ނިދީގެ އާލަމް މުގުރަމުން އަންނަ އަޑަށެވެ. މަދިރިގޭގައިވީ ތުނި ފަރުދާގެ ތެރެއިން ނުކުމެ ކަނޑިކި ހެޔޮވަރުކޮށް ދެ ލޯ އުނގުޅަމުން ގޮސް ފެންޑާ އަށް ނުކުތްއިރު ދުންބޮމުން ގެންދިޔަ އަންހެނަކު ބަދިގެއާ ދިމާލުން ނުކުމެ ޝަހާދަށް ކިޔަމުން އަންނަތަން ފެނެ އެވެ. އަރުވާ ޖަހައި ދެ ލޯ ބޮޑުކޮށްލައިގެން އެހެރީ އޭނާގެ ކެޔޮޅުކަމުގެ ދަށުގައި އޮތް މަހާރެހެންދީގެ އެންކެޔޮޅު ބުންމަރިޔާ އެވެ.
މަ ހަމަ އަޖާއިބު އަންތަރީސް ވެއްޖެއޭ، ބަލަގަ އެއޮތް އިރުއަރަނީއޭ މަމެން މިތިބީ ކަލޭ ނައިސްގެން މަހަށް ނުފުރިފައޭ ކިޔައި ފަތިވަރު ގުނަމުން ބުންމަރިޔާ ބުންވެ ހުރެ ދުންބޮއެ ދުންއަރުވަމުން އެނބުރި ހިނގައިގަތެވެ. މާކަނޑުގެ ގަދަކަމާއި ބާރުވެރިކަން މުށުތެރެއަށް ލައިގެންނެވެ.
ބޯޖެހިތާ ނަގޫޖަހަމުން ބަބުރުއައިސާ ހެލިގަތީ ބަދިގެއާ ދިމާލަށެވެ. ފަތިހަށް ނުގޮވީމަ އޭގެ ރޯޅި ބާލާނެ މީހަކު ހޯދުމަށެވެ. ނަމަވެސް ހޮނުގުގުރިއެއް ބަދިގެ ތެރެއަށް އަޅައިލުމަށް ތައްޔާރުވަމުން ދިޔަ އޭނާގެ އެ ނަފުސު ކުއްލިއަކަށް މައިތިރިވީ ބަދިގެ ތެރެއިން ދުވި މީރު ވަހަކުންނެވެ. އެއީ އާދަނު ތައްޔާރުކުރަމުން ދިޔަ ސަޔާއި ފިހެމުން ދިޔަ ކުޅިބޯކިބަލުގެ މީރު ވަހެވެ.
އެނބުރިގެން ދިޔަގޮތަށް މޫނުދޮވެލައިގެން ގިފިލިން ނުކުތްއިރު އާދަނު ހުރީ ހުރިހާ އެއްޗެއް ފެންޑާގައި ތަރުތީބުން ތައްޔާރުކޮށްފަ އެވެ. ސައިބޮއެގެން ކޯރިގަނޑު ބޮލަށް ހެޔޮވަރުކޮށް އަރުވާޖަހައި ބަބުރުއައިސާ ނުކުމެގެންދިޔައިރު އާދަނު ކުކުޅަށް ކާން ދެނީ އެވެ. ހެނދުނުގެ ހިމޭންކަމުގައި އަނެއްކާވެސް އައު ދުވަހަކަށް ތައްޔާރުވަނީ އެވެ.
ނަމަވެސް މިއަދަކީ އެހެން ދުވަސްތަކަށް ވުރެ ބޮޑަށް އާދަނުގެ ހިތް ހިރުވާ ދުވަހެކެވެ. އެކަމަކު ހިތަށް އަރާހާ ސުވާލެއް ކުރުމާއި ހިތަށް އެރިގޮތަކަށް އުޅުމަކީ އާދަނުމެން ދަންނަ އުޅުމެއް ނޫނެވެ. އާދަނުމެންނަށް ދަސްވެފައި އޮތް ރީތި ދިރިއުޅުމަކީ ގޭތެރޭގެ ތަރުތީބެވެ.
އުނދުންމަތީގައި ކެކޭ ގަރުދިޔަ ތެލިން ފިއްލެޔޮނެގުމާއި ރިހަ ތެލީގެ ރަހަ ހެޔޮވަރުކުމެވެ. ގޯތިތެރެ ކުނިކަހައި ސާފުތާހިރުކަން ދެމެހެއްޓުމެވެ. ދަރިން ފެންވަރުވައި ނަލަކޮށް މަކުތަބަށް ލައި ބަލައި ދިއުމެވެ. އެ ދަރިންނަށް ކާންދީ ބޯންދީ ތަރުބިއްޔަތު ދިނުމެވެ. އޭނާ ދަންނަ ދިރިއުޅުމުގެ ހީވާގިކަމާއި ލަޔާގާތްތެރިކަމަކީ މިއެވެ. އަދި އޭނާގެ މި ދުނިޔޭގައި ފިރިއެއްގެ އަގުވަޒަންކުރެވޭ މިންގަނޑަކީ މި އެވެ.
އެހެންކަމުން ހިތުގައި ކިތަންމެ ގިނަ ސުވާލުތަކެއް އުފެދިފައިވިޔަސް އާދަނު ގަސްދުކުރީ އަހުމަދުފުޅު ބުނެފައި އޮތް ބައްދަލުވުމަށް ނުގޮސް ދުވަހުގެ މަސައްކަތާއި ތަރުތީބާ އެކު އާދައިގެމަތިން ކުރިއަށް ދާށެވެ. އެހެން ނޫނަސް އަހުމަދަކީ ކާކުގެ ފިރިއެއްކަން އެނގޭ ހާލު، އޭނާ ދައްކާ އެއްވެސް ވާހަކައަކަށް ހެއްލޭކަށް އާދަނު ބޭނުމެއް ނޫނެވެ.
ރެހެންދި އޮޑި މަހަށް ފުރާތަނަށް ވެސް އާދަނު ނުދިޔައީ އެ އަހުމަދެއް އޭނާ ފަހަތު އަޅުވާލާނެކަން އެނގޭތީ އެވެ. އެހެންވެ ގޭތެރެ ހަމަޔަކަށް އަޅުވައި ނިމިގެން ސަކީނާ މަކުތަބަށް ލާފައި އޭނަގެ ހަގަށް ހުރި ސަންފާ ގޮވައިގެން އާދަނު ދިޔައީ ދަރުހޮވާށެވެ.
ދަރުހޮވައިގެން ދަނިކޮށް ބޮނބިތަޅަން އިން ދޮންފުތާ ފެނިގެން އާދަނު ގަސްދުކުރީ އެތަނުގައި މަޑުކޮށް ސަކީނާގެ ބަނޑުން ފަނިދެމޭ ވާހަކަ ކިޔައިދޭށެވެ. އެ ކުއްޖާ ފަކީރުގެ ބަނޑުގައި ރިއްސާތީ ރޭގަނޑު ނުނިދޭ ވާހަކަ ކިޔައިދޭށެވެ. ހަކީމަށް ދެއްކީމަ ދޮންފުތާ އަތުން ތަވީދެއް ލިޔުއްވަން ބުނުއްވާފައި އޮތީމަ އެވެ. ދޮންފުތާ އަކީ ފަންޑިތައިގެ ބޭސްވެރިކަން ދަންނަ ހަމައެކަނި މީހާ އެވެ.
ނަމަވެސް ބޮނބިވަލުގެ އެ ހިޔަލުގައި ގޮސް ޖައްސާލުމާ އެކު ދޮންފުތާ އެ ފެށީ މުޅިން އެހެން ވާހަކަ އެކެވެ. އަހުމަދު ބުނާ ތަނަކަށް ބުނާ ވަގުތަކަށް ހަމަ ކޮންމެހެން ވެސް ދާން ޖެހޭ ވާހަކަ އެވެ. އަދި މި ގޮވައިލުމަކީ އެއްވެސް ގޮތަކަށް ފަރުވާކުޑަކޮށްލެވެން ނެތް ކަމެއް ކަމަށް ވެސް ބުންޏެވެ. ހިތުގެ ފުނަށް ލައި އެ ދައުވަތު ފޮރުވުމަށް ވެސް ދޮންފުތާ އެދުނެވެ.
އެހިސާބުން އާދަނު ހަމަ ރަނގަޅަށް ވެސް ބިރުގަނެއްޖެ އެވެ. އަހުމަދުފުޅުގެ ޗާލާކީކަމާއި މަކަރުވެރި ރޭވުންތައް މަތިން ހަނދާންވެ އިންތަނުން ތެދުވެ ހިނގައިގަނެވިއްޖެ އެވެ.
ރުއްކަށީ އަހުމަދަކީ އަބަދުވެސް ޗާޓުން ބޭރަށް ހިތް ދޫކޮށްގެން އުޅޭ މީހެކެވެ. މިހާރު އޭނާގެ އެ އެދުންތައް ފުއްދުމަށް އައުވާނުން ވެސް އެއްކުރަން ފެށީ އެވެ. ސަންފާ އުރާލައިގެން ގޮސް ގެއަށް ވަންއިރުވެސް އާދަނުގެ ހިތުގައި އޮތީ އަހުމަދުގެ ދައުވަތު އޭނާގެ ހިތަށް ވެއްދި ބިރުވެރިކަމެވެ.
ސަންފާ އަށް ކާންދީ އެ މަންޖެ ފެންވަރުވައި ނަލަކޮށް ނިންދަވާލުމަށް ފަހު ދުންގަނޑެއް އަޅައިގެން ގޮސް އާދަނު ޖައްސާލީ ބޭރު އުނދޯލީގަ އެވެ. އެކަމަކު ދެން ވެސް އަހުމަދުފުޅުގެ ހިޔާލުތަކުން އޭނާގެ ފިކުރުތައް މިންޖުވާ ގޮތެއް ނުވި އެވެ. ނަމަވެސް ފިރިންނަކީ އެމީހުންގެ އަނބިންނަށް ކިޔަމަންވެ ގޭގެ ހިޔަލުގައި ތިބެން ޖެހޭ ބައެކެވެ. ކުދިން ގޮވައިގެން ނޫން ގޮތަކަށް ބޭރަށް ގޮސްގެން ނުވާނެ ބައެކެވެ. ވެރިންނާއި އަނބިންނަށް ކިޔަމަންތެރިކޮށް ހިތައި ސިޔާސީ ބަހުސާއި ފިކުރުން މުޅި އުމުރު ބަރީއަވެގެން ތިބެން ޖެހޭ ބައެކެވެ.
އަހުމަދުފުޅަށް ވެގެން މި އުޅެނީ ކީއް ހެއްޔެވެ؟ އަހުމަދުފުޅަށް ފެނިގެން އެ އުޅެނީ ކޯއްޗެއް ހެއްޔެވެ؟ ރަށު ކަތީބާ އިނދެގެން އުޅޭއިރު ވެސް އަހުމަދުފުޅުގެ ހިތް ނުފުރެނީ ތޯއްޗެވެ؟
މި ސުވާލުތައް ހިތަށް ލައިގެން ގޮސް އާދަނު ވަނީ ބަދިގެ އަށެވެ. އަސުރުން ފައިބާ އިރަށް އެނބުރި އަންނާނެ ކަމަށް ބުނެފައި ދިޔަ ލޯބިވާ އަނބިމީހާ އަށް އެންމެ މީރު މަސްރިހަ ތައްޔާރުކުރަން ބޭނުންވާނެ އެއްޗެހި ކޮށައި ތައްޔާރުކުރާށެވެ.
ނަމަވެސް ވަޅީގެ މިޔަ ފިޔާގަނޑަށް ހެޔޮވަރުކޮށްލާ ކޮންމެ ފަހަރަކު އޭނާގެ ލޯ މައްޗަށް ބުރައިގެން އަންނަނީ އަހުމަދުގެ ރޭވުންތަކުގައިވީ ޒަވިކަމާއި އޭގެ ހުތުރު ދިލަ އެވެ. ދައިން ހަވާދުގަނޑު ފުނޑައި ހިމުންކުރަމުންދިޔައިރު ހީވަނީ ސިކުނޑި ހިމުންވަމުންދާހެންނެވެ. ވަގުތު ހިނގަމުން ދިޔަ ގޮތެއް ވެސް އޭނާ އަށް ރޭކާނުލަ އެވެ.
ގޯތި ތެރެއިން ބައެއްގެ ހިލަންވެގެން ތެޅެމުންފޮޅެމުން ބަދިގެއިން ނުކުތްއިރު މެންދުރުގެ ގަދަ ހޫނުގައި ތެޅިފޮޅެމުން ދިޔަ ރަށް އޮތީ އަސުރުގެ ދިގު ހިޔަނިތަކަށް އަމާންދީގެންނެވެ. އެކަމަކު މަހުން ލަފައިގެން ގެއަށް އައިސް ވަން ބަބުރުއައިސާ މިހާރު އެހެރީ އިރެއް ފަދައިން ދޮންވެ ރުޅިގަދަވެފަ އެވެ.
ސަކީނާ ބަލާ މަކުތަބަށް ދާން ޖެހޭ ވަގުތު ޖެހި ފާއިތުވެގެން ދިޔައީކަން އާދަނަށް ރޭކާލީ އެހިސާބުންނެވެ. އާދަނުގެ ހިތް މެޔަށް ފޭބިއިރު އެދެމަފިރިންގެ ޒުވާބުން ސަލާމަތްވުމަށް ސަކީނާ އަވަސްއަވަހަށް ގޭތެރެއަށް ވަދެ ފިލައިފި އެވެ.
އާދަނާ ދިމާލަށް ކިޔަން ހުރި އެއްޗެހި ގިނަކަމުން ބަބުރުއައިސާ އަށް އެކައްޗެއް ވެސް ނުބުނެވުނެވެ. ބަދިގޭގެ ބިއްދޮށުގައި މަސްގޮނޑި އަޅައި މަސްކަނޑައި އަވަދިވެގެން ގޮސް އޭނާ ދެން ވަނީ ގިފިއްޔަށެވެ. އާދަނުގެ ހިތް ވެއްޓިފައި އޮތީ ބަޔާންކުރަން ނޭނގޭ ފަދަ ލަދުވެތިކަމަކާއި ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އަދި ކައްކަން ފެށި ރިހަތެއްޔާއެކު އޭނާގެ ފިކުރުތައް އަނެއްކާވެސް އުތުރިއަރަން ފަށައިގަތެވެ.
ބަބުރުއައިސާ އަކީ ކަންކަމުގައި ދުރަށް ވިސްނައި ފިޔަވަޅު އެޅުމުގެ ކުރިން އަބަދުވެސް ހިސާބުޖަހާ ބުއްދިވެރި އަންބެކެވެ. ރިހަ ތެލިން ލޮނުހެޔޮވަރު ނުވެ އޮތް އޮތުމަކީ އާދަނުގެ ކަށީގައި ހިފާފައިހުރި ތަރުތީބާއި ހުނަރުވެރިކަމާ ހިލާފަށް ހިނގާފައި އޮތް ކަމެއްކަން ފާހަގަވިޔަސް ރޭގަނޑުގެ އެ ކެއުން ޒުވާބަކަށް ހަދަން އޭނާ ބޭނުންނުވީ އެހެންވެގެންނެވެ. އޭނާގެ ހިތުގައި އޮތީ އާދަނުގެ ކިބައިން މިފަހުން ފާހަގަވަމުން އަންނަ ހުރިހާ ކަމެއްގެ ހިސާބުކިތާބު ނިންމާލާނެ ރަނގަޅު ވަގުތެއް ހޯދުމެވެ.
ކައި ނިމިގެން ބޭރު ފެންޑާގައި ދުންބޯން ތިބިއިރު ވެސް އޭގެ އެއްވެސް މިންވަރެއް އެތަނަށް ތިލަނުކޮށް ބަބުރުއައިސާ އިނީ އެހެން ވެގެންނެވެ. އެއަށް ފަހު ހަށިގަނޑުގައިވީ މާކަނޑުގެ ވަރުބަލިކަމާ އެކު އޭނާ ވަނީ ނިދާށެވެ. އާދަނު ވަނީ އަނެއްކާވެސް ބަދިގެ އަށެވެ.
ތަށިތަކާއި ތެލިތައް ދޮވެ ތަންތަން ފޮޅައި ސާފުކޮށް ގިފިއްޔަށް ވަދެ ފެންވަރައި ނަލަވެގެން ގޮސް މަދިރިގޭ ތެރެއަށް ވަންއިރު އައިސާ އޮތީ ގަދަނިދީގައި ވާ ޖަހައިގެންނެވެ. އެނދަށް އަރައި އާދަނު ވެސް ގާތުގައި ޖައްސާލި އެވެ. ނަމަވެސް އޭނާގެ ލޮލަށް ނިދި އަންނަ ގޮތެއް ނުވި އެވެ. އޭނާގެ ސިކުނޑީގައި ޓަކި ދެނީ އަހުމަދުފުޅުގެ ދައުވަތާއި ދޮންފުތާގެ ނަސޭހަތެވެ.
އެ ހާސްކަމުގައި ނޭވާ ހިފަހައްޓައިގެން އޮތްވައި އޭނާ އަށް އިވުނީ ގޭގެ ބޭރު ދޮރުގައި މީހަކު ޓަކި ދިން އަޑެވެ. ނުވަތަ އެއީ ބިރުގެންފައި އޮތް ހިތަށް ހީވި ގޮތެކެވެ. ނަމަވެސް ގަދަ ނިދީގައި އޮތް އަނބިމީހާއާ ދިމާލަށް ބަލައި ހުސިޔާރުވެލުމަށް ފަހު އާދަނު ތެދުވެ ދޮރާ ދިމާލަށް ހިނގައިގަތެވެ.
މަޑުމަޑުން ދޮރު ހުޅުވައި ފެންޑާ އަށް ބޯދިއްކޮށް ބަލައިލުމުން ފެނުނީ އެތަނަށް ވެރިވެފައި އޮތް އަނދިރިކަމެވެ. އަދި ފުޅިބައްތިއެއް ރޯކޮށްލައިގެން ބޭރަށް ނުކުތުމާ އެކު ޖެހިލި ވައިރޯޅިއަކުން ބައްތި ވެސް ނިވިއްޖެ އެވެ.
ކޮން ސުންޕާވެރިކަމެއްގެ އަލާމާތެއް ހެއްޔެވެ. މިހެން ހިތަށް އަރައި ފުޅިބައްތި އަލުން ރޯކޮށްލިތަނުން އޭނާގެ ލޮލުގައި އަޅައިގަތީ ގޯތިތެރޭގައި ހުރި ޖަންބުގަސް ދޮށުގައި މަޑުކޮށްލައިގެން ހުރި ހިޔަންޏެއް ފަދަ މީހެކެވެ. އެއީ ރުއްކަށީ އަހުމަދުފުޅު ނޫން ދެން ކާކު ހެއްޔެވެ.
ގަހުގެ ހިޔަނިން ނުކުމެގެން އައިސް އަހުމަދުފުޅު އެދުނީ އޭނާއާ އެކުގައި އާދަނު ދިއުމަށެވެ. އަދި ދެ މީހުންގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަމަށް އިތުބާރުކުރުމަށެވެ.
އާދަނު ގޮވައިގެން އަހުމަދުފުޅު ގޮސް ވަނީ ރަށުގެ ފުނަވަލުގައި އޭނާ ހަދާފައިވީ ސިއްރު ބިންގަރާހަކަށެވެ. އަދި އެތަން އަލިކޮށް އޭނާ ނަގައި ދައްކާލީ ބައުވެފައި އޮތް ބޯ ފޮތެކެވެ.
"މިއީ ކޯއްޗެއް؟،" ހައިރާންވެފައި ހުރި އާދަނަށް އަހާލެވުނެވެ.
"މީގައި މި އޮތީ ކަލޭ ދުވަހަކުވެސް ތަސައްވުރު ނުކުރާ ކަހަލަ ވާހަކައެއް،" މިހެން ބުނެ އެ ފޮތުގެ މެދުން އަހުމަދުފުޅު ހުޅުވާލި އެވެ. އަދި ދިއްލާފައިވީ ފާނޫޒު ގެނެސް އޭގެ ހޫނު އިހުސާސުވާހާ ގާތުގައި ބަހައްޓާލި އެވެ.
ގަނޑަކަށް ފަހު ގަނޑެއް އެއްލަން ފެށުމާ އެކު އާދަނުގެ ހިތް ބާރަކަށް ތެޅިގަތެވެ. އޭގައި ވަނީ ކަނޑުގެ ވަރުގަދަ ރާޅުތަކުގެ މެދުގައި ފިރިހެނުން ހުންގާނުގައި ހިފަހައްޓައިގެން ތިބި މަންޒަރުތައް ފެންނަ ކުރެހުމެވެ. ކަނޑުގެ ވެރިންނަކީ ފިރިހެނުންނެވެ. އަދި އެމީހުންގެ އަނބިން އެ ތިބީ ގޭގައި ކައްކައި ކުނިކަހައި ދަރިންބަލާށެވެ.
އެ ފޮތުގައި ތަމްސީލުކޮށްފައި އެ ވަނީ ފިރިހެނުންގެ ބާރުގަދަ ރާއްޖެ އެކެވެ. އަދި އެ ފޮތުގައި އެ ވަނީ އެ ރާއްޖެ އަށް ދާނެ ގޮތުގެ ނަކަތްތަކާއި އޮއިވަރާއި އިރުވަރު ބަޔާންކޮށްދޭ ސިއްރު ޗާޓެކެވެ.
އާދަނުގެ ހިތް ކުރިއަށް ވުރެ ބާރަށް ތެޅިގަތެވެ.



