އުދަރެސް ވަނީ ރަތްވިލާއިން ފުރިފައެވެ. އެކި ރާގުރާގަށް ގޮވަމުންދިޔަ ކާޅުތައް ވެސް ލޯމަތިން ގެއްލިއްޖެއެވެ. ޔަގީންކުރެވޭ ގޮތުގައި، އެ ސޮރުމެން ވެސް ރޭގަނޑަށްޓަކައި މަންޒިލެއް ހޯދީއެވެ. ވަރުބަލި ފިލުވާލުމަށްޓަކައެވެ. ތަނުގެ ހަމަހިމޭން ކަމަށް އިހުތިރާމް ކުރަމުން، ކުދިކުދި ރާޅުތައް ގޮނޑުދޮށަށް ބީއްސަމުންދިޔައެވެ. ސިއްރު ސިއްރުންނެވެ. ފަޒާގައި ވަނީ އެއް އަޑެކެވެ. އެއް ރާގެކެވެ. މަސްތަކެވެ. ނުވަތަ ބިރުވެރި ކަމެކެވެ.
ދެބައި އުމުރަށް ގޮސްފައިވާ އަރޫޝާ، ހަލުވި ފިޔަވަޅުތަކެއް އަޅަމުން އާދެއެވެ. ތަނަށް ވެރިވެފައިވާ ޖާދުވީ މަންޒަރު ބެލުމުގެ އެއްވެސް ޝައުގުވެރިކަމެއް އޭނަގެ ކިބަޔަކު ނެތެވެ. ހަވީރުގެ ވަގުތު، ގެތަކާ ދުރުގައިވާ ތުނޑިއަށް އައުމަކީ އަރޫޝާ ކުރާހިތްވާ ކަމެއް ނޫނެވެ. މަޖުބޫރުވެގެން ނޫނީ އަރޫޝާއެއް އެ ފަދަ ތަނަކަށް ނާންނާނެއެވެ. އެ ހިސާބަކީ ހަވީރުގެ ފަހެއް ޖެހުމަށް ފަހު، އެ ރަށުގެ މީހުން ގޮސްއުޅޭ ހިސާބެއް ނޫނެވެ. ނާމާންކަމުން ކަމަށްވެއެވެ. އެއީ އަރޫޝާއަށް އެނގިފައި ނެތް ކަމެކެވެ. އެހެން ވެދާނެއެވެ. އަރޫޝާއަކީ، ރަށްފުށުގެ އާދަކާދަ ދަންނަ އަންހެނެއް ނޫނެވެ. އެ ރަށަށް އައީ ވެސް ހަފުތާއަކަށެވެ. ޗުއްޓީ ހޭދަކޮށްލުމަށް ޓަކައެވެ.
އަރޫޝާ ހުއްޓުނީ ބޮޑު މަދުގަސް ކައިރިއަށެވެ. ހީވަނީ ކޮންމެ ވެސް މީހަކު ހޯދަންވެ ގެން އުޅޭހެންނެވެ. ވަރަށް ފަރުވާތެރިކަމާއެކު ވަށައިގެން ނަޒަރު ހިންގައިލުމުން ވެސް، އަރޫޝާއަކަށް އެއްވެސް ދިރޭ މަޚުލޫގެއްގެ ހިލަމެއް ނުފެނުނެވެ. އެހެން ނަމަވެސް، އަރޫޝާއަށް މަގު ދައްކައިފައިވާ ފިޔަވަޅުތައް ހުއްޓިފައިހުރީ އެ ހިސާބަށެވެ. އަރޫޝާ ގުދުވެފައި ބަލައިލިއެވެ. އެ ހިނދު ހައިރާންކަން ވެރިވިއެވެ. ތަންކޮޅެއް ދުރުން ފެށިގެން އަނެއްކާ ވެސް ފިޔަވަޅު ހުރީމައެވެ. އެކަމަކު އެންމެ ފަޔެއްގެ ފިޔަވަޅެކެވެ. ތަންކޮޅެއް ބަރުކޮށެވެ. ފުންކޮށެވެ. ހަމަ އެ ވަގުތުމެ، އަރޫޝާގެ މެޔަށް ފިނިގެންދިޔައެވެ. ބިރުވެރިކަން ހިތަށް ވަދެއްޖެއެވެ. އެ ފިޔަވަޅު ވަދެފައި ހުރީ ވަލުތެރެއަށެވެ. އަރޫޝާއަށް ހުރެވުނީ ހަރަކާތެއް ވެސް ނުކުރެވިފައެވެ. ފާޑަކަށް ފިނިވެފައެވެ. އެ ހިނދު އެ މާހައުލަށް އިތުރު ދިރުމެއް އަތުވެއްޖެއެވެ. އަރޫޝާގެ ފުރަގަހުންނެވެ. މޫދުންނެވެ. ރާޅުބާނި ހައްދައިލުމަށް ފަހު، އެ މަޚުލޫގު މަޑުމަޑުން ތެދުވިއެވެ. ދިގު އިސްތަށިތައް ހުރީ ގައިގައި ތަތްލައިފައެވެ. އެ މަޚުލޫގުގެ ދެ ލޯ އަމާޒުކޮށްފައި ހުރީ ސީދާ އަރޫޝާއަށެވެ. ހިތުގައިވަނީ އެންމެ އެދުމެކެވެ. އެންމެ މަގުސަދެކެވެ. އެ މަގުސަދު ހާސިލު ކުރުމަށް ޓަކައި، އެ މަޚުލޫގު ކުރިއަށް ޖެހިލިއެވެ. ފިޔަވަޅު ވެސް ނީވޭހާ ސިއްރުސިއްރުންނެވެ. ނުތަނަވަސްވެފައިވާ އަރޫޝާއަކަށް، ފަހަތުގައި ހިނގާ ކަންތައްތަކުގެ އެއްވެސް އިލްހާމެއް ނުވެއެވެ. ދަހިވެތިކަމާއެކު އެ މަޚުލޫގު އަރައިގެން އައެވެ. މަގުސަދު ހާސިލު ކުރުމުގައި ކާމިޔާބުވިއެވެ. އެއީ އަރޫޝާ ސިއްސައިލުމެވެ. އަރޫޝާ ހަޅޭއްލަވައިގަތެވެ. އަޑުގެކޮޅަށް ފަޒްލީ ހީގަތެވެ.
”ދަރިފުޅު ތިޔަ ކަހަލަ ކަންތައް ކުރާކަށް ނުވާނެއެއްނު. މަންމަ ކިރިޔާ..“
އަރޫޝާ ހުރީ މޭގައި އަތް އަޅައިގެންނެވެ. އަވަސްވެ ބާރުވެފައިވާ ހިތުގެ ވިންދު ހަމައަކަށް އެޅުވުމަށް ޓަކައެވެ. ލޮނުން ތެމިފައިވާ ދިގު އިސްތަށިގަނޑު ރީތިކޮށްލުމަށް ފަހު، މަދުގަހުގެ ތަންކޮޅެއް މަތީ އޮފިގަނޑެއްގައި ފަޒްލީ އަޅުވައިފައިވާ ދަބަސް ނެގިއެވެ. އަދި ތުވާލިން ގައި ހިއްކައިލިއެވެ.
”މަންމައަށް ލަނޑެއްދޭންވެގެން ހުންނާނެ ކަމެއް ކޮށްފަ.“ ފަޒްލީ ބުނެލިއެވެ.
”ލަނޑެއް އެކަނިތަ؟ ބިރުން ކިރިޔާ ހަލާކުނުވީ. ކިހިނެއް ހަދާފަ އެހެރީ؟“
”އަހަންނަށް އެނގޭ، މަންމަ އަންނާނީ އަހަރެންގެ ފިޔަވަޅު ބަލައިގެންކަން. އެހެންވެ ހިތަށްއެރީ މޮޅުކަމެއް ކޮށްލާނަމޭ. މަދުގަހާ ހަމައަށް ހުއްޓިފަ ދެން ހެދިގޮތަކީ ކޮރަމުން ކޮރަމުން ވަލަށް ވަނީ. އެންމެ ފައިތިލައެއްގެ ފިޔަވަޅު ފެނިފަ މަންމަ ކީކޭ ހިތަށްއެރީ؟“
”ކޮންމެހެން އަހަރެންގެ ހިތަށްއެރި އެއްޗެއް ބަލާނެ ކަމެއް ނެތް. ހިނގާ އަވަހަށް ދޯންޏަށް އަރަމާ. އިންޖީނު ހެދިއްޖެ! އެންމެން މިހާރު ތިބޭނީ ދޯނީގަ ކަންނޭނގެ. މަންމަ ބުނީމެއްނު ދުރަށް ނުދައްޗޭ! ރީތި މޫދު އެބައޮތޭ އެ ދިމާލުގަ ވެސް.“ އަރޫޝާ ހިނގައިގަތެވެ.
”މި ތަނަށް ވުރެ ވަކި ރީއްޗެއް ނުވާނެ. މި ދިމާ ހާދަ ސަޅިއޭ. އެންމެ ގާކޮޅެއް ވެސް ނެތް. އޮއި ވެސް ވަރަށް މަޑު. އެހާ ސާފު، ފިނި. އަހަރެން ވަނީ މޫދުގަ ކޮޓަރިއެއް ހަދައިގެން އެރި އޮންނަހިތް.“ ފަޒްލީ ވެސް ވާހަކަ ދެއްކީ ހިނގަމުންނެވެ.
”ދަރިފުޅު މޫދަށް ތިހާ ފޯރި ހުންނަންޏާ، މަންމައަށް ހީވަނީ ދަރިފުޅު އިންނަންޖެހޭނީ ކަނޑުރަސްގެފާނާހެން.“
”މަންމައަށް އެނގޭތަ؟ ކަނޑުރަސްގެފާނަކީ އުޅޭ މީހަކަށް ވިޔަސް، ނުވިޔަސް އޭނަ ނުވާނެ ރީއްޗެއް. ލިޓްލް މާމެއިޑް ކަހަލަ ކާޓޫނު ބަލާ ނަމަ، މަންމައަށް ވެސް ފެންނާނެ. ކަނޑު ރަސްގެފާނު ހުންނާނީ ބިޔަކޮށް، ފަލަކޮށް. ސިނގު ބަނޑެއް ވެސް ހުންނާނެ. އަހަރެންގެ ފިރިމީހާގެ ސިފަތައް ކިޔައިދެންތަ؟ ދޮން ނުވިޔަސް ހެޔޮ. އިސްކޮޅެއް ހުރެފަ، ވީޝޭޕް ހުންނަންވާނެ. މަންމައަކަށް ނުވެސް އެނގޭނެ ވީޝޭޕެއް ދޯ؟ ވީ އަކުރުގެ ބައްޓަމަށް ހުންނަންވާނީ. ލޯބިވަރެއްގެ އިސްތަށިކޮޅެއް ހުރެފަ، ސަޅި ލުކެއް ހުރެފަ، ތުނބުޅި މަތިމަސް ހުރެގެން ނުވާނެ.“
ވިހި އަހަރު ފުރުނަސް ފަޒްލީއަކީ މަންމަގެ ކުރިމަތީގައި ހިތްހުޅުވައިލާ ކުއްޖެކެވެ.
އަރޫޝާ ވެސް ދެކެނީ ފަޒްލީއަށް ލިބެންވާނީ އެ ފަދަ ފިރިހެނެއް ކަމުގައެވެ. ފަޒްލީއަކީ އަޅައިގަންނަ ކަހަލަ ކިތަންމެ ސިފަތަކެއް ލިބިގެންވާ އަންހެންވަންތަ ކުއްޖެކެވެ. އަޑެވެ. ހިނގުމެވެ. ވާހަކަ ދެއްކުމެވެ. އެކަމަކު އަރޫޝާ ލަފާދިނީ ލޯބިވާ މައެއްގެ ހައިސިއްޔަތުންނެވެ.
”ދަރިފުޅާ؟ ތި ކިޔުނީ ހައްތަހާ ވެސް ބޭރުފުށުގެ ވާހަކަ. ކޮބާ އެތެރެ؟ އަޚުލާގު ؟ މިޒާޖު؟ އޯގާތެރިކަން؟ ދަރިފުޅަށް ތި ހީވަނީ ދިރިއުޅުމަކީ ހަމައެކަނި ކުރަހާލާފަ އޮންނަ ގަނޑެއްހެންތަ؟“
”މަންމާ! ރަނގަޅަށް ވިސްނާލައިފިއްޔާ އެނގޭނެ. ދިރިއުޅުމަކީ ހަމަ ތަސްވީރެއް. އެ މީހަކު ޖެއްސި ކުލައެއް ޖެހޭނެ. އެ އޮންނާނީ ކުލަ ޖައްސާފަ ހިއްޕުނު ވަރެއް.“
އެ އަޑު ނީވުނަސް، އަފްޒަލް ގެންގުޅުނު ކުލަ ޕޯސްޓަރު ވެސް އެ ވަގުތު ހިއްޕަނީއެވެ. އެކަނިމާއެކަންޏެވެ. އަފްޒަލްގެ ކޮޓަރީގެ ފާރު ހުންނަނީ ފޮޓޯއިން ފުރިފައެވެ. މުޅިން ވެސް އިންޑިއާގެ ފިލްމު ސްޓާރުންނެވެ. ފިރިހެނުންނެވެ. އަފްޒަލަކީ، އަންހެންކުދިންގެ ފޮޓޯއަށް ޝައުގުވެރިވާ މީހެއް ނޫނެވެ. އަންހެން ކުދިންނާ ވާހަކަ ދައްކާހިތްވާ މީހެއް ވެސް ނޫނެވެ. ފަރުވާތެރިކަމާއެކު ފޮޓޯތައް ހިއްޕަމުން ގެންދިޔައިރު، ހަމަ އެހާމެ ސަމާލުކަމާއެކު ބަނޑު ވެސް ފުރަމުން ގެންދިޔައެވެ.
ކައިރީގައި ހުރި މޭޒުމަތީގައި ސޭންޑުވިޗާއި، ހެދިކާއާއި، ކިރިމުޖެހި ބިސްކޯދުގެ ކުޑަ ޑަބިޔަލެއް ހުއްޓެވެ. ވެނީލާ ޕެކެޓުގެ ހުސް ޕެކެޓަކާއި، މެދާ ހަމައަށް ބޮއިފައި ހުރި ޕެކެޓެއް ވެސް ހުއްޓެވެ. ތެއްތިރީސް އިންޗިއަށް ވުރެ އުނަގަނޑު ފަލަވެގެން، ބެލްޓުގައި ލޯވަޅުއަޅަން ޖެހުނު ހަނދާނެއް އަފްޒަލް ހުރިހެނެއް ހިއެއް ނުވެއެވެ. ހަނދާން ހުއްޓަސް ވެސް، އެ ކަމަކަށް ފަރުވާލެއް ނެތް ކަހަލައެވެ.
ވަރުގަދަ ވަޔެއްލުމަށް ފަހު، އަފްޒަލްގެ ފަޓްލޫނު މައްޗަށް އަރުވައި ލިއެވެ. އެކަމަކު، ފުކެއްހާ ހިސާބު ވެސް މައްޗަކަށް ނުޖެހުނެވެ. ދެން ވެސް ދަހިވެތިކަމާއެކު ބަލައިލެވުނީ ނުކެވިހުރި ގުޅަތަކަށެވެ. މަތިންއަރާވަރުވެފައި ހުއްޓަސް ، އަދި ވެސް އަފްޒަލް ވަނީ ކާހިތެވެ. މައްސަލައަކީ ރޭގަނޑު ދާންޖެހޭ ކައިވެނީގެ ހަފުލާއެވެ. އެ ވަގުތު ނާހިދު ވަނެވެ. އެއީ އޮފީހުގެ ރަހުމަތްތެރިއެކެވެ.
”ނޫނޭ ސާބަސް! ތި ފޯނުގެ ރިންގު ޖައްސާ ލައިގެން އުޅެބަލަ! މި ހީވަނީ، މާކުރީ ޒަމާނެއްގަ ދުނިޔެއަށް އައިސްގެން އުޅެވޭހެން. ވާހަކައެއް ބުނަން ވެސް މި ޖެހެނީ، ސީދާ ގެޔަށް އަންނަން. ބައްޔެއްނު!“
އަފްޒަލް ފޯނުގެ "ރިންގު" ޖެއްސިއެވެ.
”ރިންގު ޖައްސައިފިއްޔާ، ނުވާނެ މަސައްކަތެއް ކުރެވޭ ވަރެއް. ފޯނު އަންނާނީ އެންމެ ނުބައި ދަނޑިވަޅު. ކަމަކުއެއްނު ފޯނުގަ ސުވިޗު ހުންނަނީ.“
”ރިންގު އޯފް ކޮށްލައިގެން ތި ކުރަނީ ކީއްތަ؟“ އެ ސުވާލު އަހައި ނިމުނު ވަގުތު ނާހިދަށް ފާރު ފެނުނެވެ.
”މީތަ މި ކުރާ ކަމަކީ؟ ތީ އަންހެންކުދިން ކުރާ ކަމެކޭ.“
”އެޔޯ؟ ބަލާބަލަ އެހެރަ ސަލްމާނެއް، އަކްޝޭއެއް. އެހެރީ ސުނިލް އެންމެ ފުރަތަމަ ކުޅުނު ފިލްމުގެ ފޮޓޯއެއް. ބަލާބަލަ އެހެރަ ބޮޑީއެއް. ހީވަނީ...“
ނާހިދު ހިނިގަނޑެއް ޖަހައިލިއެވެ. އެ ވަގުތު ފޯނެއް އައެވެ.
”އެއީ މަ ބުނާ ވާހަކަ.“ އަފްޒަލަށް ބުނެވުނެވެ.
އަފްޒަލް އެ އަތްގަނޑު އުފުލައިލައިފައި، ނާހިދުގެ ކަންފަތުގައި ޖެއްސިއެވެ.
”އަފޫ އެބައުޅޭތޯ؟“ އަންހެންކުއްޖަކު ސުވާލު ކުރިއެވެ.
”ބިޓެކޭ. ހީވަނީ އޮފީހުގަ އުޅޭ ޔުސްރާހެން. ވާހަކަ ދައްކަބަލަ.“ ފޯނު ދުރުކޮށްލުމަށް ފަހު ނާހިދު ބުންޏެވެ.
އަފްޒަލް ނޫޅޭކަމަށް ބުނުމަށް، ހަރަކާތުން އަފްޒަލް އެންގިއެވެ.
”އަފްޒަލެއް ނެތޯ.“ ނާހިދު ލަނޑެއް ދިނެވެ.
އަފްޒަލް ފޯނު ބޭއްވިއެވެ. ނަންވާކަށް އަފްޒަލް ބޭނުމެއް ނުވެއެވެ.
”ކީކޭ ބުނީ؟“ އަފްޒަލް އެހިއެވެ.
”އޭނަ ފޯނު ކަނޑާލި ފަހުން އަފްޒަލް ކަނޑާލީ. ކީއްވެތަ ވާހަކަ ނުދެއްކީ؟ އަފްޒަލާ ހެދި މޮޔަވެފަ އޭނަ ހުންނާނީ. ރަނގަޅު ކުއްޖެއް ނޫންތަ އެ އީ؟ އިހަށް ދުވަހު ވެސް އުޅޭ އެއްކަލަ އައްޑައަށް އަތް ދައްކައިގެން. ތިމަންނައަށް އަފޫ ލިބޭނެހޯ ވެސް ކިޔަނިކޮށް އެހިން.“ ނާހިދު ބުނީ ވިސްނައިދޭ ރާގެއްގައެވެ.
”އާނ! ތިހެން ބުނީމަ، މި ހަނދާންވީ. އައްޑަ ބުނެފަ އޮތީ އަޖޭގެ ޕޯސްޓަރެއް ދޭނަމޭ.“ އަފްޒަލް ދެއްކީ އެހެން ވާހަކައެކެވެ.
”އަނެއްކާ ވެސް ޕޯސްޓަރު. އަހަންނަށް ހީވަނީ.. ދެން އަޅާނުލާ! އަހަރެން މި އައީ މިރޭ ޕާޓީއަށް ދާނަންތޯ އަހަންވެގެން.“
އަފްޒަލް ވިސްނައި ލިއެވެ. ދާހިތްވެއެވެ. އެކަމަކު ފިކުރެއް އެބައޮތެވެ.
”ވަރަށް ގިނަ އަންހެންކުދިން ދާނެ ދޯ؟ އަހަރެން ނުދާނަން ކަންނޭނގެ.“
”އަހަރެން ބުނަން ރަނގަޅު ވާހަކައެއް؟ އެންމެ ކަންފަތެއްގައެއް ނޫން ކަލޭ އެއްޗެހި ލާންވީކީ. ދެއަތުގަ ތަނޑި ވެސް އަޅައިގެން އުޅޭ. ތީ ވެސް ފިރިހެނެއް ދޯ؟“ ނާހިދު ގާތަށް ކުޑަކޮށް ރުޅިއައެވެ.
”އަހަރެން ނުބުނަމެއްނު، ނުދާނަމެކޭ. ނުވައެއް ޖަހާއިރަށް މި ކޮޅަށް އާދޭ. އަހަރެން ދާނަމޭ. ނިމުނީނު.“
އަފްޒަލްގެ އެ ނިންމުމަކީ، ހިތާ ދެކޮޅަށް ނިންމި ނިންމުމެކެވެ. އެއީ އާންމު ކަމެކެވެ. އަންހެންކުދިންނާ ގުޅޭ ކަންތައްތަކުގައި، އަފްޒަލަށް ޖެހޭނީ، އެހެން މީހުން ރުއްސާށެވެ.
ގަޑިން ނުވައެއްޖެހިއިރު، އަފްޒަލް ހުރީ ތައްޔާރުވެގެންނެވެ. ލައިފައިހުރި ގަމީހަކާއި ފަޓްލޫނަކާ ގުޅުމެއް ނެތެވެ. ޒަމާނަކަށް ނުފެތެއެވެ. ގަޔަށް ޖަހައިފައި ހުރީ ޗާލީ ސެންޓެވެ. އަފްޒަލަށް އެ ސެންޓުން މީރުވަސް ދުވާތީއެވެ. ނުވައެއްޖެހިއިރު ވެސް ނާހިދެއް ނައެވެ. އެހެން ނަމަވެސް، ބަނޑުހައިވެފައި ހުރިވަރުން އަފްޒަލަށް މަޖުބޫރުވީ ޕާޓީއަށް ދާށެވެ.
ޕާޓީގެ މާހައުލު އޮތީ އެއްވަސް ވެފައެވެ. އެ ތަނުގައި އިވޭ އަޑުތަކާއި ދުވާ މީރުވަހަށް އެންމެން ތިބީ ހޭނިފައެވެ. އަލަށް ވަނީ އަފްޒަލެވެ. ހީވީ ބަނޑުފުރި އެރިހެންނެވެ. ޖާގަ ކުޑަވެފައި، ވައިރޯޅިއެއް އަމުދުން ނުވަނަސް، ކުޅުދިޔާވާ ކަހަލަ ވަސްތައް ދުވަމުން ދިޔައެވެ. ވަން ދޮރުގެ އެތެރޭގައި، ދެފަރާތުގައި ޖަހައިފައި ހުރި ގޮނޑިތައް ހުރީ ފުރިފައެވެ. ދެ ޖިންސުގެ ޒުވާނުންނެވެ. ބޮޑުމޭޒު ހުރީ އެއްކަނެއްގައެވެ. ކާނާ ހުރީ ހަނި ދިގު މޭޒުގައެވެ. މެދުގައެވެ.
ގެނައި ހަދިޔާ ހަވާލުކުރުމަށް ފަހު، ފަންތަކުން ނެއްޓެމުން އަފްޒަލް ކައިރިވެލީ މޭޒާއެވެ. ވަގުތަކީ ތަށިތައް އާ ކޮށްފައި ހުރި ވަގުތުކަމުން، އަވަހަށް ތައްޓަށް އެއްޗެހި އަޅައިގެން ދުރަށް ޖެހިލިއެވެ. މީހުން މަދު ހަމަހިމޭން ދިމާ އަކަށެވެ. އޭރު އޮފީހުގެ އެހެން މީހުން މަސްހުނިވެގެން އުޅެނީ އަންހެންކުދިންތަކާ އެކުގައެވެ. ކޮންމެ ވެސް އެކަކުގެ ލޮލުގައި އަފްޒަލް އަޅައިގަތެވެ. މާ ދުރުގައި އިންދައެވެ. އަފްޒަލާ ދިމާކޮށްލުމަށް ޓަކައި ދެތިން މީހަކު އިސްނެގީ ރާވައިގެންނެވެ. ފުރަތަމަ އިސްނެގީ އަންހެން ދެ ކުއްޖެކެވެ. ދިޔަގޮތަށް ގޮސް ވަރަށް ގާތުގައި ދެފަރާތުގައި ދެ ކުދިން އިށީނެވެ. އެ ކުދިންނަކަށް އަފްޒަލް ނުވެސް ބަލައެވެ. މަޑުމަޑުން ތެދުވެގެން އެހެން ދިމާއަކަށް ދިޔައެވެ. އެ ކުދިން އަނެއްކާ ވެސް ގޮސް ހަމަ އެހެން ހެދިއެވެ.
އަފްޒަލް ތެދުވީ ނުދެނަހުރި ކަމަށް ހަދައިފައެވެ. އެ ވަގުތު ނާހިދު އައެވެ.
”އަހަނ އަފްޒަލް! ތަށި ހިފައިގެން ކޮންތަނަކަށް ތި ހިނގަނީ؟“ ނާހިދު އެހިއެވެ.
”ނާހިދު އާދޭތޯ ހުރެހުރެ.. އެންމެ ފަހުން މި އައީ.“ އަފްޒަލް ބުންޏެވެ.
”އަހަރެން ބުނީ ކޮންތަނަކަށްހޭ ތި ދަނީ؟ އިށީނދެބަލަ!“ ނާހިދު ގޮނޑިއަށް އިޝާރާތްކުރިއެވެ.
”ނިމުނީޔޭ! ތަށި ބަހައްޓަން މި ދަނީ.“ އަފްޒަލް ޖަވާބުގައި ބުންޏެވެ.
އެ ވަގުތު އެންމެން އައިސް އަފްޒަލް ވަށައިލިއެވެ. ގަސްތުގައި އަފްޒަލާ ދިމާކޮށްލުމަށް ޓަކައެވެ. އަފްޒަލަކަށް ސަލާމަތެއް ނުވެވުނެވެ.
”ތި އުޅެނީ އެ ތިބަ އަންހެންކުދިންގެ ކިބައިން ސަލާމަތް ނުވެވިގެނެއްނު. ހާދަ ފިނޑިޔޭ.“ އެކަކު ބުނެލިއެވެ.
”އަޅެ ބުނެބަލަ! ކީއްވެތަ ތިހާ ދުރުދުރުން ތި އުޅެނީ؟ ވެގެން އުޅޭގޮތެއް އަންގާލައިގެން އުޅެބަލަ!“ އަނެކަކު ބުންޏެވެ.
އެންމެ މީހަކަށް، އެތަކެއް ބައެއްގެ ބަހުގެ ހަމަލަ ރައްދުވަމުންދިޔައެވެ. މަޖަލަކަށެވެ. ނޫން ނަމަ މަޖަލަކަށް ހަދައިފައި ގަސްތުގައެވެ. އަފްޒަލް ހާސްވެއްޖެއެވެ. ދޫ ތަޅުލެވިއްޖެއެވެ. ހިތާމައަކީ، އަނެކާގެ ހާލު ދަނެގަންނާނެ އެހީތެރިން އެ ތަނުގައި މަދުކަމެވެ. ތިމާއަށް ދިމާވެފައި ނެތްކަމެއް އިހްސާސް ނުކުރެވޭތީއެވެ.
”އެއްކަލަ އަފްޒަލް އޭނީ ބުނާނެ އެއްޗެއް ނޭނގިފަ!“ ހެމުންހެމުން އެކަކު ބުނެލިއެވެ.
އަފްޒަލްގެ ދުލެއް ހަރަކާތެއް ނުކުރެއެވެ. އެކަމަކު އަޑުއަހައިފި މީހަކަށް، އެ ހިތުގެ ވިންދުގެ އަޑު އިވޭނެއެވެ. ނިތްކުރިން ހިއްލަމުންދިޔަ ދާތައް ފެންނާނެއެވެ. ސާފުނުވާ މަންޒަރުތަކެއްހެން އަފްޒަލްގެ ލޯ ކުރިމަތީގައި މާޒީއެއް ތަކުރާރުވަމުން ދިޔަތަން ވެސް ފެންނާނެއެވެ. ހަޅޭކެއްގެ އަޑު ގައިމު ވެސް އަފްޒަލްގެ ކަންފަތަށް އެބައިވެއެވެ. އެއީ ލެއިން ކަޅިވެފައިވާ ހާދިސާއެކެވެ.
”އަހަރެން ނުކުންނަން ވެއްޖެ!“ މަޑުމަޑުން އަފްޒަލް ބުންޏެވެ.
ބާރުކޮށް ޖަހަމުންދިޔަ ”މާކަރީނާ“ ވަނީ އަފްޒަލްގެ ޖުމުލަ ދިރުވައިލައިފައެވެ. އެކަކަށް ވެސް އެ ޖުމުލައެއް ނީ ވުނެވެ. ދެން އެ ތަނަށް އައި ”ރަހުމަތްތެރިޔާ“ ވެސް ކުރީ މަލާމާތެވެ. ރީތިގޮތުގައެވެ. މަޖަލަކަށް ހެދުމަށް ޓަކައެވެ.
”ކަލޭމެން އަފްޒަލް ފަކީރާ ދިމާނުކޮށްބަލަ! އެއީ ނުލާހިކު ލަދުރަކި މަންޖެއެއް. ކީކޭތަ މި ކިޔުނީ ؟ ސޮރެއް. ކަލޭމެން ތި އުޅޭހެނެއް އޭނައެއް ނޫޅޭނެ. ރޭގަނޑުވާއިރަށް ގޭގޭ ގެ ދޮރޯށި ބުޑަކުން ނުހިނގާނެ. ފޯނަކުން ނަމަވެސް ބިޓަކާ ގުޅައިގެނެއް ނީންނާނެ. ދޯ އަފްޒީލާ؟“ އިސްޙާގު އުޅުނީ އަފްޒަލްގެ ކޮނޑަށް އަތް އެއްލާށެވެ.
އަފްޒަލް ފޮޅުވައިލިއެވެ. ރުޅިއަށް ވުރެ ބޮޑަށް އަފްޒަލް ވީ ދެރައެވެ.
”އެންމެންވެގެން އަހަންނާ ދިމާކުރާނެ ކަމެއް ނެތް. ކަލޭމެން ތި އުޅޭ ގޮތަކަށް އަހަރެން ފާޑެއް ނުކިޔަން. އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް، މީހަކާ ބެހޭ ކަމެއް ނޫން.“ އަފްޒަލަށް އެ ފަހަރު ވާހަކަ ދެއްކުނީ ލަވައެއް ނިމުނު ވަގުތުއެވެ.
ވަރަށް ސާފުކޮށް އެ ޖުމުލަތައް އަސަދަށް އިވުނެވެ. އަސަދަކީ ، އަފްޒަލްގެ އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރެވެ. އަސަދު ވަރަށް ހަލުވިކޮށް ހިނގައިފައި އައިސް، އެންމެންގެ ތެރެއަށް ވަނެވެ. އޭރު އެންމެންހެން ވަނީ އަފްޒަލް ވަށާލައިފައެވެ. ހައްތަހާ ވެސް އެއް އޮފީހުގެ މީހުންނެވެ. އަސަދު ފެނުމާއެކު، އެންމެން މައިތިރިވިއެވެ. އަފްޒަލް ހުރީ އިސްޖަހައިލައިގެންނެވެ.
”ކިހިނެއްވެގެން މި އުޅެނީ؟“ އަސްދު ނުރުހިފައި އެހިއެވެ.
އަސަދަކީ އެންމެން ވެސް ވަރަށް ގަދަރުކުރާ ވެރިއެއްކަމުން، އެކަކު ވެސް ޖަވާބެއް ނުދިނެވެ. ވާހަކަ ދައްކަން ކެރުނީ ހަމައެކަނި ޔުސްރާ އަށެވެ. ޔުސްރާއަކީ، އަފްޒަލަށް ހެޔޮއެދޭ މީހަކަށް ހަމައެކަނި ހުރި މީހާއެވެ. އޭނާ ހުރީ ދުރުގައި ކުޅިބަލާށެވެ. އެކަނިހުރި އަންހެނަކަށް ވާތީއެވެ.
”ބައްލަވަ! އެންމެންވެގެން އަފޫއާ ދިމާކުރަނީ. މަލާމާތް ކުރަނީ.“ ޔުސްރާ ހުރީ ދެރަވެފައެވެ.
އަސަދު ގާތަށް ވަރަށް ރުޅިއައެވެ. އެކަމަކު، އެއީ އޮފީސް ނޫންކަން އަސަދު ހަނދާން ހުއްޓެވެ.
”ވަރަށް، ވަރަށް ދެރަކަމެއް ތި ކުރަނީ.“ އަސަދު ބުންޏެވެ.
”އަޅުގަނޑުމެން މަޖަލަކަށް..“ އެހެން މީހަކު ބުނަން އުޅުނު ޖުމުލައެއް އަސަދު ހުއްޓުވިއެވެ.
”މަޖަލަކަށް ވެސް ކުރަން ނުވާ ވަރުގެ ހުތުރު ކަންތައްތައް ހުންނާނެ،“ އަސަދު ހިތްހަމަނުޖެހިފައި ބުންޏެވެ. ”އެކަކުގެ މަޖަލަކީ، އަނެކަކުގެ ފަލީ ހަތަކަށް ވެއްޖެއްޔާ، އެއީ ވަރަށް ދެރަކަމެއް. ހަޔާތުގަ އެންމެންނަށް ދިމާވާނީ އެއް ކަހަލަ ކަންތައްތަކެއް ނޫން. ތަޖުރިބާ ކުރާނީ އެއްވައްތަރެއްގެ ހިތްދަތިކަމެއް ވެސް ނޫން. އޮފީސްތެރޭގަ އަފްޒަލޭ ކިޔައިގެން އެހެން މުވައްޒަފުން ދައްކާ ވާހަކަ އަހަންނަށް ވެސް އިވެޔޭ. މިހާރު މި އޮތީ އޮފީހުގެ އިމުން މައްސަލަ ބޭރުވެފަ. އަބުރާ ބެހުމަކީ ގާނޫނީ ކުށެއް.“
އެކަކަށް ވެސް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ތަށި ބެހެއްޓުމަށް ފަހު އަފްޒަލް ނުކުތީއެވެ. އެތެރެއެތެރެއިން ރޮމުންނެވެ.
އަފްޒަލަށް ކުރިމަތިވެފައި ވަނީ ނަފްސާނީ މައްސަލައެކެވެ. ގިނަ މީހުންނާ ހިއްސާ ކުރެވެން ނެތް ހިތްދަތި ކަމެކެވެ. އަސަދުގެ ސަބަބުން އެއްފަހަރު ސަލާމަތްވުމަކުން، އެ ބިރުވެރި ހަނދާނަކާ ދުރަކަށް އަފްޒަލަކަށް ނުދެވޭނެއެވެ. ކިތަންމެ ވަރަކަށް ދާން ބޭނުންވިޔަސް ވެހެވެ.
ރެޔަކީ ވިއްސާރައިގެ އަސަރު ބޮޑު ރެޔެކެވެ. ކަނޑުން އަރައިގެންއައި ރާޅުތައް ތޮށިގަނޑު ހުރަސްކޮށް މަގަށް އޮއްސަމުން ދިޔައެވެ. އަފްޒަލް އެކަނިމާއެކަނި ތޮށިގަނޑު މަތީގައި އިށީނދެލައިގެން އިނެވެ. އަނދިރި ލޮނުގަނޑާ ދިމާއަށް ބަލަހައްޓައިގެންނެވެ. ފުން އަނދިރިގަނޑުގައި، ހުޅި ނަގައިފައިވާ ހުދު ފޮނުތައް ނަށަމުންދާތަން އަފްޒަލް ދުށްޓެވެ. ބޯމަތިން ކިތަންމެ ރާޅެއް ދިޔަޔަސް، އެ ބިރުވެރި މާޒީ ނުފުހެވޭނެކަން އަފްޒަލަށް އެނގެއެވެ.
”އަފްޒަލް! އަފްޒަލް!“ ޑޮކްޓަރު ޢުބޭދު ވަރަށް ބާރަށް ގޮވިއެވެ.
އަފްޒަލް ބަލައިލިއިރު، ވަރަށް ބާރަށް ޢުބޭދު ދުވެފައި އާދެއެވެ. އަފްޒަލް އިނީއެވެ. ޢުބޭދު އައިސް، ލޮންދާ ދިމާއަކުން ކައްސައި ލައިގެން ވެއްޓުނެވެ. ނަސީބަކުން ތަނެއް ހަލާކެއް ނުވެއެވެ.
”މިތާ ކިހިނެއްވެފަ ތި އިންނަނީ؟ ހިނގާ ގެޔަށް. ހުން އަތުވެދާނެ.“ ޢުބޭދު ބުންޏެވެ.
”ޑޮކްޓަރުންގެ ހިޔާލު އަބަދު ވެސް ހުންނާނީ ތިހެން. އެންމެންނަކީ ޢުބޭދާ އެއްވަރަށް، ކުރިއަށް ރައްކާތެރިވެގެން ތިބޭ ބައެއް ނޫނޭ. މީހުނަށް ސަލާމަތްވާން އެނގޭނީ ބަލިޖެހުމަށްފަހުގަ.“ އަފްޒަލް އިނީ ގަބުވެފައެވެ.
”އެއްކަލަ ފާޑަށް ވާހަކަ ދައްކަން ފެށީ. ރައްކާތެރި މިހިރީ ވެވިފަތާ. އަނގަވަތަށް ވިއްޔަ ވެއްޓުނީ.“ ގައިން ވެލިފޮޅައިލަމުން ޢުބޭދު ބުންޏެވެ.
”ޢުބޭދު ނަސީބުގަދައޭ. ތެދުވެގެން އާދެވިއްޖެއެއްނު ؟ ހުހް! އަހަރެން މި އުޅެނީ އެންމެ ފަހަރަކު ވެއްޓުނު ގޮތަށް، މުޅި އުމުރަށް ނުކުޅެދޭ މީހަކަށް ވެގެން. އަބަދާއަބަދު މީހުން މަލާމާތްކުރަނީ .މަގުގެ އެއްކައިރީގަ އޮތަސް، ގުއްޓެއް އަޅާފަ ނޫނީ އެކަކު ވެސް ނުދޭ. އަހަރެންގެ ނަސީބު އަހަންނަށް މި ދިނީ ވަރުގަދަ ލޮޓިއެއް. ރަނގަޅަށް ގިއްގަޅުވާލައިފި.“
ޝަކުވާއެއް އަޑުއަހަން ބޭނުން ނަމަ، އެ މީހަކާ އެއްހަމައަކަށް ތިމާ ވެސް ގުދުވާން ޖެހެއެވެ. އޭނައަށް ދުނިޔެ ފެންނަ ގޮތް، ތިމާއަށް އެނގޭނީ އޭރުންނެވެ. ޢުބޭދު އިށީނެވެ. އަފްޒަލާ ވަރަށް ގާތުގައެވެ.
”އަފްޒަލް! ކަނޑައިގެންދާ މަޑިއެއްގަ ވެސް ރޮދިފަށެއް ހުންނާނެ. ތަނެއްގަ އަޅައިގެންފިއްޔާ އަނެއްކާ ވެސް ކުރިން ހުރި ނަލަކަންމަތީގަ ނަށާލަނަށާލާ މަޑި ހުންނާނެ. އަފްޒަލްގެ ހިތާމަތައް ވެސް ހިއްސާކޮށްލަބަލަ! ތި ހިތާމައިގެ ރޮދިފަށް ދައްކަބަލަ! ކޮންމެވެސް ގޮތެއް އޮންނާނެ. ބަންދުވާނީ އެންމެ ދޮރެއް. ހުޅުވޭނެ ހަތަރު ދޮރު.“
ވަރަށް ލުއިގޮތަކަށް އަފްޒަލް ހީނލިއެވެ. ގައިމު ވެސް ލުޔެއް ލިބުނެވެ.
”ޑޮކްޓަރުކަން ކިޔެވުން ހުއްޓާލާފަ ފިލޯސަފީ ކިޔަވާ. މާރަނގަޅުވާނެ.“ އަފްޒަލް ލަފާދިނެވެ.
”ތި އުޅެނީ އެއްކަލަ ފާޑަށް، މައުލޫ ބަދަލުކުރާށޭ. ވީގޮތް ކިޔައިދީބަލަ!“ ޢުބޭދު އެދުނެވެ.
”އެހެން ފަހަރަކުން. ކީއްކުރަން މި ތަނަށް ތިއައީ؟ ކިހިނެއް އެނގުނީ އަހަރެން މި ތާނގަ އިންކަން.“ އަފްޒަލް އެހިއެވެ.
”ގެޔަށް ގުޅާގުޅާ ފޯނެއް ނުނަގާ! މަށަށް ޕާޓީއަށް ދެވުނުއިރު ޕާޓީ އޮތީ ފަނިވެފަ. އަފްޒަލާ ދިމާކުރި އެކަކަށް ވެސް، އެހެން މީހެއްގެ ރުހުމެއް ނުލިބުނު. ޚަބަރުދަބަރު އަހާލީމަ ޔުސްރާ ބުނީ، އަފްޒަލް ނުކުތް ވާހަކަ. ތީ އަހަރެން އަލަށް ދަންނަން ފެށި މީހެއް ނޫން. އެނގޭނެއެއްނު މި ތަނަށްކަން އަންނާނީ. ވެގެން މި އުޅޭ ގޮތަކީ ކޯސް އޯކޭވީ. ފުރަތަމަ އެ ޚަބަރުދޭ މީހަކަށް އަފްޒަލް ހަދަންވެގެން މި މަސައްކަތް ކުރަނީ.“
އެއީ އަފްޒަލަށް ލިބުނު އުފާވެރި ޚަބަރެކެވެ. ހެޔޮއެދޭ ރަހުމަތްތެރިންދެކެ އަފްޒަލް ވަރަށް ލޯބިވެއެވެ.
”މަރުހަބާ!“ އަފްޒަލް ސަލާމްކޮށްލިއެވެ.
”ބުނަން. އަހަރެން ފުރާނަން މާދަމާ. މި ފަހަރު އަންނާނީ ސެޓްފިކެޓް ހިފައިގެން. އަފްޒަލް ޖެހޭނެ އަހަންނަށް ޗާންސެއް ދޭން.“ ޢުބޭދު ބުންޏެވެ.
”ބަލާނަން.“ އުންމީދެއް ނެތް ގޮތަކަށް އަފްޒަލް ބުންޏެވެ.
އަފްޒަލަށް ގެޔަށް އާދެވުނުއިރު، ދަންވަރު ވެއްޖެއެވެ. ލޮނާ ތެމިފޯވެގެން ގެއަށް އަންނަން ޖެހުމުން، އަފްޒަލް ވަރަށް ކަންބޮޑުވިއެވެ. ތެމިގެން ގެޔަށް އައުމަކީ، އަފްޒަލް ކުރާހިތްވާ ކަމެއް ނޫނެވެ. ކުރިމަތިލާން ޖެހިދާނެ ހުރިހާ ކަމަކަށް އަފްޒަލަކަށް ތައްޔާރެއް ނުވެވޭނެއެވެ. އެހެން ނަމަވެސް، ހިތްހަމަނުޖެހިފައި ހުރިވަރުން ބައިސްކަލު އެތެރެއަށް ވެއްދީ ވަރަށް ފަރުވާކުޑަކޮށެވެ. (ނުނިމޭ)
އެޑިޓަރުގެ ނޯޓު:
މި ވާހަކަ އަކީ ބިންމާ އިބްރާހިމް ވަހީދު 1998 ވަނަ އަހަރު ދުވަހު ނޫސް ހަވީރުގައި ޝާއިއުކޮށް، އޭގެ ފަހުން ފޮތެއްގެ ސިފައިގައި ވެސް ޝާއިއުކޮށްފައި ވާހަކަ އެކެވެ. މި ވާހަކަ އަލުން މި ވެބްސައިޓުގައި ޝާއިއުމިކުރަނީ ބިންމާ އިބްރާހިމް ވަހީދުގެ ހުއްދަ ލިބިގެންނެވެ.
މި ވާހަކައިގެ އާ ބައެއް ކޮންމެ އާދީއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައި މި ވެބްސައިޓުން ކިޔާލަން ލިބޭނެ އެވެ.



