”އަހަރެންގެ ހިތް ލެނބެނީ މިޒާޖަށް. ސިފަޔަކަށް ނޫން. ފުރަތަމަ އަފްޒަލާ ބައްދަލުވި ފަހަރު ވެސް އަފްޒަލްގެ ހިތްހެޔޮކަން އަހަންނަށް ފާހަގަކުރެވުނު. އަހަރެން ބޭނުންވަނީ އަހަރެންނަށް ތި ގޮތަށް ކެއާކުރާ މީހެއް. ނުބުނަނީސް އެނގެންވާނެ އަހަރެން ބަނޑުހައިވެފަ ހުރިކަން. ނުބުނަނީސް ހޯދެންޖެހޭނެ އަހަރެންގެ އުފަންދުވަހަކީ ކޮބައިކަން.“ ފަޒްލީގެ އަޑުގައި އެކުލެވިފައިވަނީ އަހާ މީހާގެ ހިތްދަމައިގަންނަ ކަހަލަ ރާގެކެވެ.

ނޫމާ އިނީ އަނގަމަތީގައި އަތް އަޅައިގެންނެވެ. ހިނިގަނޑު އޮބެހެއްޓުމަށް ޓަކައެވެ.

”ފަޒީގެ އަޑު ވަރަށް ރީތި. ވަރަށް އަހާހިތްވޭ!“ އަފްޒަލްގެ ހިތުގައި ފަޒްލީވަނީ މަގާމު ގާއިމުކޮށްފައެވެ.

”އެހެންވާނެއެއްނު!“ ފަޒްލީ ގަދަކޮށްލިއެވެ.

”ހަމަ ތެދެއް. ހީވަނީ ސިކުނޑީގައި މީހަކު ފިރުމާލާހެން.“ އަފްޒަލް ބުންޏެވެ.

”މީ ހަމަ އަފޫގެ އަޑެއް. އަފޫގެ މިލްކެއް. ހިތަށްއަރާ ކޮން ދުވަހަކުންބާއޭ އަފޫގެ ހައްގަކަށް ވެވޭނީ؟ ކެތްތެރިކަން މިހާރު ވެސް ކޮޅުންލައިފި! އަހަރެން މޮޔަކޮށްލާފަތަ ގެންދަން ތި އުޅެނީ؟“

”އަހަރެން މިހާރު މަންމަޔަށް އިޝާރާތެއް ކޮށްލާފަ އޮންނާނީ. އެއްދުވަހަކުން އަންނަންވާނެ މަންމަޔަށް ފެނިލަން. އަހަރެންގެ ޓޭސްޓު މަންމަޔަށް ވެސް ކަމުދޭތޯ ބަލަންވާނެ.“

”މަންމައަށް ކަމުނުގޮސްފިއްޔާ ޔޯ؟“ ފަޒްލީ އަހައިލިއެވެ.

”ދެން ނޯންނާނެ ކުރާނެ ކަމެއް. މަންމަގެ މައްޗަކަށް އަހަރެން އަމުރެއް ނުހިންގާނަން.“

އަނެއްކާ ވެސް ފަޒްލީ ނުރުހޭ ސިފައެއް ފެނުނީއެވެ. ނަމަވެސް ފަޒްލީގެ ވާހަކަ ގެންދިޔައީ މަގު ނުބެދޭނެހެންނެވެ. ފަޒްލީ ކުރީ ތައުރީފެވެ.

”އާނ! ތީވެސް ތެދެއް. މަންމަގެ ހިތުގައިޖެހޭ ކަމެއް ކޮށްގެން ނުވާނެ. އަހަރެން ވެސް މަންމައަށް ވަރަށް އިހުތިރާމުކުރަން. މަންމަ ދެކެ ވަރަށް ބޮޑަށް ލޯބި ވެސް ވޭ. އެކަމަކު މި ދުވަސްވަރު މި އުޅެނީ ކުޑަ މައްސަލައެއް ޖެހިގެން. އެއްކަލަ ފަހަރު އަފޫ ނެގީމެއްނު އަހަރެންގެ ވަރަށް ސަޅި ފޮޓޯތަކެއް ދޯ. މަންމަ ބޭނުންވަނީ އިންޑިޔާގަ މިހާރު ހުރި އަހަރެންގެ ކޮއްކޮއެއްގެ އަތަށްދީގެން އެ ފޮޓޯ ވަރަށް ބޮޑުކޮށްލަން. އަހަރެން ބުނެފިން އެއީ ރައްޓެއްސެއް ނެގި ފޮޓޯއެކޭ. ނެގެޓިވް ވެސް ވީ އޭނަގެ އަތުގައޭ. ގަބޫލެއް ނުކުރި. ލިބޭނެޔޯ ބުނަނީ.“

”އާނ! އެއީ ތެދެކޭ. ދީފާނަން.“ އަފްޒަލްގެ އިތުބާރު ފަޒްލީ ވަނީ އަތުލައިފައެވެ.

”ނޫނޭ އަޅާނުލާ! އަހަރެން ބުނެފާނަން ލިބޭގޮތެއް ނުވިޔޭ.“ ފަޒްލީ ގަދަކުރަމުން ގެންދިޔައެވެ.

”ކަމަކުނުދާނެ! އަހަރެން ނެގެޓިވްތައް ފޮނުވާލާނަން މިރޭ! އަނބުރާ ލިބޭނެކަން އަހަންނަށް ޔަގީންވިއްޔަ! މިހާރު މި އުޅެނީ އެ ކަމާ.“ އަފްޒަލް ފޯނު ބޭއްވިއެވެ.

ފޯނު ބޭއްވުމަށްފަހު ފަޒްލީ ހަޅޭއްލަވައިގަތެވެ. ކާމިޔާބުގެ އުފަލުގައެވެ.

”އަހަންނަށް އެކްޓު ކުރެވިދާނެ ދޯ؟ މޮޅުތަ؟ އެނގޭތަ އެ ގަމާރު ބުންޏޭ މަންމަ ގާތުގަ ބުނެފީމޯ އަހަންނާ އިންނަން އުޅޭ ވާހަކަ. މަންމައަށް ފެނިލަން އެ ގެޔަށް އަންނައްޗޯ.“ ފަޒްލީ ހުރީ މޭބޮޑުވެފައެވެ.

”އަހަރެންނަށް އޭރު ވެސް ހީވިޔޭ އޭނަ އެ ކަހަލަ އުންމީދެއް ކުރާނޭ.“

”ހެޔޮހިތުން ދެބަހެއް ބުނެލާއިރަށް ބިމުން ކެޓެންޖެހޭތަ؟ މި ރޭ އެ ނެގެޓިވްތައް ލިބުނީމަ މަ ސަލާން. ދެން ހިނގާބަލަ ސަންޖޭއަށް ބޮކޭ ފޮނުވަން.“ ފަޒްލީ ކުރަން ބޭނުމީ އެ ކަންތަކެވެ.

އޭރު ވަގުތު ވަރަށް ކުޑަތަންވެއްޖެއެވެ. މާބޮނޑިޔަކަށް އޯޑަރުދީގެން ހެދޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. ފަޒްލީއަށް ނޫމާގެ އަތުގައިވާ ގަޑި ދައްކައިލިއެވެ.

”މާ ލަސްވެއްޖެ!“ ނޫމާ ބުންޏެވެ.

ކުއްލިއަކަށް ފަޒްލީއަށް މޮޅު ހިޔާލެއް އައެވެ. ނޫމާއަށް ވެސް އެ ވަގުތު އެ ހިޔާލު އައިހެން ފަޒްލީއަށް ހީވިއެވެ.

”ނޫމާ ތި ހިތަށްއަރަނީ އަހަރެންގެ ހިތަށްއަރާ އެތިތަ؟“ ފަޒްލީ އެހިއެވެ.

”ހީވަނީ އެހެން.“ ނޫމާ ވަގުތުން ބުންޏެވެ.

ވަރަށް ރީތިކޮށް ޕާރުސަލު ކުރުމަށް ފަހު ކުޑަފޮށީގެ ބޭރުގައި އަފްޒަލް ނަން ޖަހައިލިއެވެ. އަދި ފަޒްލީއަށް ނެގެޓިވްތައް ފޮނުވައިލިއެވެ. އުފަލުން ފުރިފައި ހުރެގެންނެވެ. އެ ކުޑަ ޕާރުސަލު ރައްދުކޮށްދޭން އަފްޒަލް އެދުނީ އެ ވަގުތު ގެޔަށް އައިސްއިން ރައްޓެއްސެއް ކަމުގައިވާ ޢާޠިފްގެ ފަރާތުންނެވެ. އެހެން ހެދި ސަބަބަކީ އަފްޒަލަށް ނުދެވޭނެތީއެއް ނޫނެވެ. އަފްޒަލްގެ މަގުސަދަކީ ގިނަ މީހުންނަށް އަފްޒަލްގެ ”ލޯބި“ ދެއްކުމެވެ. ޢާޠިފް އެނބުރި އައުމުން ޢާޠިފްގެ ހިޔާލު ވެސް އަފްޒަލް ހޯދިއެވެ.

”ދިމާވިތަ؟ ސަޅިތަ؟“ އަފްޒަލް އެހިއެވެ.

”ސީދާ ސަތޭކަ. ހީވަނީ ޔޫރަޕްގެ ކަމެއްހެން. ހިނގާބަލަ ތަނަކަށް ޖައްސާލަން. އެއްކަލަ ފިލްމު ލިބިދާނެ ފަހަރެއްގަ. ވަރަށް ސާފު ކޮޕީއެއް.“ ޢާޠިފް އެދުނެވެ.

”ކުރިން ވެސް އަހަރެން ބުނީމެއްނު މި ގޮތަށް ހުރެގެން ބޭރަކަށް ނުނިކުމެވޭނޭ.“ އަފްޒަލް އުޒުރު ދެއްކިއެވެ.

”ބިޓުގެ ކުރިމައްޗަށް ތިހެން ހުރެގެން ދާން ނުކެރުނަސް އަހަރެންގެ ރައްޓެއްސެއްގެ ގެޔަށް ދެވެންޖެހޭނޭ. ހިނގާބަލަ!“ ޢާޠިފް ކުރެއްނުކުރިއެވެ.

އަފްޒަލް ގޮވައިގެން ޢާޠިފް ދިޔައީ ސަންޖޭގެ ގެޔަށެވެ. އެ ގެ އަފްޒަލަށް ދަސްވީ އެރެއެވެ. ސަންޖޭގެ ކޮޓަރިއަށް ވަންތަނާ ފުރަތަމަ ވެސް އަފްޒަލްގެ ލޮލުގައި އަޅައިގަތީ އެ ކޮޓަރީގައި ހުރި މާބޮނޑިއެކެވެ. ފަޒްލީއަށް އަފްޒަލް ފޮނުވި މާބޮނޑިއާ މާބޮޑަށް ވައްތަރީއެވެ. އެހެންނަމަވެސް އެއީ އެހެން މާބޮނޑިއަކަށް ވެސް ވެދާނެއެވެ. ފަޒްލީއަށް އަފްޒަލް ފޮނުވި އެއްޗެއް އެ ކޮޓަރީގައި ހުރެގެން ނުވެސްވާނެއެވެ. މާބޮނޑީގެ ތަރުތީބު ހުރީ ބަދަލުކޮށްފައެވެ. ޢާޠިފް ވެސް އެ މާބޮނޑިއަށް ވަރަށް ޝައުގުވެރި ވިއެވެ. ސަންޖޭ ފިލްމު ދިނުމުން ޢާޠިފް އެ ސުވާލު ކުރި ވެސް މެއެވެ.

”ހާދަ ސަޅި މާބޮނޑިއެއް. އަހަރެންގެ ކޮޓަރީގައި ބަހައްޓާލީމަ ހާދަ ރީތިވާނޭ.“ ޢާޠިފް ސަމާސަކޮށްލިއެވެ.

”ތީ އިހަށްދުވަހު ވިލިނގިލިން ދިމާވި ރައްޓެއްސަކު ފޮނުވި ބާތުޑޭ ޕްރެސެންޓެއް. އާތީ ގެންދޭ! ތީ ހަމަ އެކައްޗެއްނު! އަހަރެންގެ އަތުގަ ހުރުމެކޭ އާތީގެ އަތުގަ ހުރުމެކޭ ތަފާތެއް ނެތް.“ ސަންޖޭ ބުނެލިއެވެ.

މާބޮނޑި ހިފައިގެން ޢާޠިފް ނުކުތުމުން އަފްޒަލް ދިޔައީ އަފްޒަލްގެ ގެޔަށެވެ. އަދި ވެގެން އުޅޭ ޝައްކު ޢާޠިފަށް ކިޔައިދިނުމަށް ފަހު މާބޮނޑި ތަހުލީލު ކުރިއެވެ. އަފްޒަލް ފޮނުވި މާބޮނޑީގެ ކޮންމެ ރަތްމަލެއްގެ އެއްފިޔަ މަދުވާނެއެވެ. އަފްޒަލް އެ ފިޔަ ރައްކާކުރީ ހަނދާނަކަށް ޓަކައެވެ. އެ ވެސް ނަސީބެކެވެ. އަފްޒަލަށް މާބޮނޑީގެ ހަގީގަތް ސާބިތު ކުރެވުނީ އޭގެ ސަބަބުންނެވެ.

”ހާދަ ގޮތެއް ނެތް ކުއްޖެކޭ ދޯ! ނުހިފާ އެއްލާލި ނަމަވެސް މާ ރަނގަޅުވީސް.“ ޢާޠިފްގެ މޫޑު ވެސް ބަދަލުވިއެވެ.

އަފްޒަލް ގާތަށް އައިރުޅިޔަށް ވުރެ ހިތަށް ލިބުނު ނިކަމެތިކަން މާ ބޮޑެވެ. ހިތާދެކޮޅަށް ކުރިކަމެއް ނަމަވެސް ފަލީހަތްވާކަށް އަފްޒަލް ބޭނުމެއް ނުވެއެވެ. އަފްޒަލްގެ ހަމަހިމޭންކަން ފެނިފައި ޢާޠިފް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

”އަހަރެން ނުގެންދާނަން މި މާބޮނޑިއެއް. އަން އަފްޒަލަށް.“ ޢާޠިފް މާބޮނޑި ދިއްކޮށްލިއެވެ.

”އެއްލާލާ ގެންގޮސް. އާތީ ވެސް ނުވާނެ ތި ގެންގުޅޭކަށް. އަހަރެން ކަހަލަ ހުތުރު މީހަކު ދޭ އެއްޗެއް ހިފާކަށް ނުވާނެ. އެކަމަކު އަހަރެން މި ސިފައިގަ ހުރުމަކީ އަހަރެން ކުރާ ކަމެއްތަ؟ އާތި ބުނެބަލަ! އަހަރެން ޖަހަނީ ކޮން ސިފައެއްތަ؟“ އަފްޒަލް ހިތުގަޖެހުނެވެ.

ޢާޠިފް ބޭނުންވީ ތެދު ބުނާށެވެ. އަފްޒަލަށް އޮޅުވައިނުލައި ހަގީގަތް ކިޔައިދޭށެވެ.

”އަހަންނަށް ބުނެވިދާނެ އަފްޒަލްގެ ސިފަ ހުތުރެއް ނޫނޭ. އެކަމަކު އެއީ ރައްޓެއްސެއްގެ ހައިސިއްޔަތުން ބުނާ އެއްޗެއް. މި ޒަމާނުގެ ލޯބިވެރިންގެ ޝަރުތުތައް ވަރަށް ތަފާތުވާނެ. ދެރަވިޔަސް ތެދަކީ އެއީ. އަޚުލާގަށް ވުރެ ސިފަ މުހިންމުވާ މީހުން ގިނަވާނީ. ގޭތެރޭގަ ނޫނީ ހަޔާތުގަ ކުރަންޖެހޭ އެއްވެސް ކަމެއް ދަސްވެފަ ނެތަސް ބަލާލަން ސަޅިވާންވާނެ. އެ ނިމުނީ. އަފްޒަލް ޖެހޭނީ އެ ކަހަލަ މީހަކަށް ވާން.“

އެ އުސޫލު ގަބޫލުކުރަން އަފްޒަލަށް ފަސްޖެހެވެއެވެ.

”އެކަމަކު އޭރުން ލޯބިވެވެނީ ސިފަދެކެ. މީހާގެ ބޭނުމެއް ނެތް. ކިހިނެއް އެހެން އުޅޭނީ؟ ސިފަޔަށް ބަދަލު އަންނައިރަށް ވަކިވާންޖެހޭނީ. މުޅި ހަޔާތުގައި އުޅެން އެ ޖެހެނީ މޭކަޕް ކޮށްގެނެއްނު. ފިލްމެއްތަ މީ؟“

”ކާކު ބުނީ ހަޔާތަކީ ފިލްމެއް ނޫނޭ؟ ބިރުގަތަސް ކެރޭކަމަށް ހެދިގެން ހިތާދެކޮޅަށް ހިނިތުންވެލައިގެން އުފަލެއް ނެތަސް ހިތްހަމަޖެހޭގޮތް ދައްކައިގެން ކިތައް މީހުން އުޅޭ؟ ބޭނުންވާ ކެއުމެއް ނުކެވޭ. ބޭނުންވާ ހެދުމެއް ނުލެވޭ. ބޭނުންވާ މީސްމީހުންނާ ބޭނުންވާ ވާހަކައެއް ވެސް ނުދެއްކޭ. އެފަދަ ހާލެއްގަ އުޅެނިކޮށް ފިލްމު ނިމިގެން ދި އެންޑު އަރާނީ. ދޮގެއްތަ؟“

ޢާޠިފް ދިޔުމުން އަފްޒަލް ވަރަށް ވިސްނިއެވެ. ފަޒްލީއާ ރައްޓެހިވުމަކީ އަފްޒަލް އެންމެ ބޭނުންވާ ކަންތަކެއް ނޫނެވެ. ލޯބިވާކަށް ނުވަތަ މީހުނާ އިންނާކަށް އަފްޒަލް ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް ކިތަންމެ ސަބަބުތަކަކަށް ޓަކައި ބޭނުންނުވާ ކަންތައްތައް ވެސް ކުރަން މަޖުބޫރުވެއެވެ.

ލޯގަނޑު ކައިރިޔަށް އަފްޒަލް ހުއްޓުނީ އަފްޒަލް ބަލާލާށެވެ. އެ ހިނދު ޢާޠިފް ކަހަލަ ރަހުމަތްތެރިންގެ މަޝްވަރާ ގަބޫލުކުރެވެއެވެ. އަފްޒަލްގެ ސޫރައިން ލޯގަނޑުވަނީ ފުރިފައެވެ. ޚުދު އަފްޒަލް ގަޔާވާ ސިފައެއް ވެސް އަފްޒަލްގެ ނެތެވެ. އަފްޒަލަށް ފުރަގަސްދެވުނެވެ. އަނެއްކާ ވެސް ފަސްއެނބުރި ބެލުނެވެ. ދެން ތަޅައިލެވުނީ ލޯގަނޑެވެ. ފުރަތަމަ ފަހަރަށް ލޯގަނޑުމަތިން އަފްޒަލް ފޫހިވިއެވެ.

”ކޮން އަޑެއް އެ އިވުނީ ދަރިފުޅާ؟“ ނަޖްމާ އެހިއެވެ.

”އެއީ ކަމެއް ނޫން.“ އަފްޒަލް ފަހަތް ނުވެސް ބަލައެވެ.

”ދަރިފުޅަށް ފޯނެއް.“ މަންމަ ބުންޏެވެ.

ފޯނުކުރީ ޢުމަރެވެ. މި ފަހަރު ފޮއި ވެއްޓުނީ ރިހޭ ފައިމައްޗަށެވެ.

”ފަޒީއަށް މާބޮނޑިއެއް ފޮނުވިން ދޯ؟ އަހަންނަށް އެ ފިހާރަޔަށް ވަދެވުނުއިރު އެ މީހުން އުޅެނީ މާބޮނޑި އޮޕަރޭޝަން ކޮށްލައިގެން. އަހަރެން ހުރީ ވަގަށް އަޑުއަހަން. ފަޒީގެ ވާހަކައިން އަހަންނަށް އެނގުނީ އެ މީހުން އުޅުނީ މާބޮނޑި އަލުން އަތުރާފަ އެހެން މީހަކަށް ފޮނުވަންކަން.“ ޢުމަރުގެ އެ ޚަބަރަކީ އަފްޒަލަށް ބާ ޚަބަރެކެވެ.

އެހެން ނަމަވެސް ކުއްލިއަކަށް ޖަވާބެއް ނުދެވުނެވެ.

”ތެދަށް ބުނަންތަ؟ އަފޫ ވަރަށް އިންސަލްޓްކޮށްފަ އެ މީހުން ވާހަކަ ދެއްކީ. އަހަންނަކަށް ނުކެރޭނެ އެ ހުރިހާ އެއްޗެއް ކިޔާކަށް. އެކަމަކު ލަފައެއް ދީފާނަން. ފަޒީއަކީ އަފޫއަށް ހިފަހައްޓާލެވޭ ވަރަށް ވުރެ މާ ހިތްމޮޅު ކުއްޖެއް.“ ޢުމަރު އިތުރަށް ބުންޏެވެ.

”އަހަންނަށް ކޮން ހިތްމޮޅެއް އޮންނާނީ؟ ދޫކޮށްލީމަ ނިމުނީނު. އޭނަ ނުލިބިގެން ބަނޑަށް މަރެއް ނުވާނެ އަހަންނެއް.“ އަފްޒަލް ބާރުލާފައި ބުންޏެވެ.

”ތި ބުނީ ރަނގަޅަށް. ތި ހެދީ ވެސް ރަނގަޅަށް. ނުފޯރާ ފޮތިން ފޫގަޅަން އުޅުމަކީ މޮޔަކަމެއް.“

އަފްޒަލް ދެރަވަނީ އެންމެ މައްސަލައަކާ ހެދިއެވެ. އަފްޒަލަށް ވަނީ ފަޒްލީގެ ގިނަ ފޮޓޯތަކެއް ރައްޓެހިންނަށް ދެވިފައެވެ. ދެއްކުމުގެ ގޮތުންނެވެ. މާދަމާ ފަޒްލީ އެހެން މީހަކާ ކައިވެނިކުރާތަން އެ މީހުނަށް ފެނުމަކީ އަފްޒަލް އުންމީދުކުރި ގޮތެއް ނޫނެވެ. އެކަމަކު އެ ދެމެދުގައިވާ މައްސަލައަކީ ފަސޭހަ ހައްލެއް ނެތް މައްސަލައެކެވެ. (ނުނިމޭ)