"ނަސީބެކެވެ."
ސައީރުގެ ހިތަށް އެރީ މިހެންނެވެ. އެއަށް ފަހު އަނެއްކާވެސް ނިކަން ގަދަ އަށް ސިނގިރޭޓަށް ދަމާލިއެވެ. ދުމާއި ދުންފަތުގެ ދިލައިން ހީވީ އަރުތެރެ އަށް ވިރުވައި އެޅިހެންނެވެ. އަދި ކުރިއަށް އަޅައިލި ފިޔަވަޅާއެކު ދެން ހީވީ ބިންގަނޑު ތެރެޔަށް އޭނާ ދަމައިގަތް ހެނެވެ. މަގުމަތީގައި އަތުރާފައި ހުރި ކޮންކްރީޓުގެ ހަރު ގާތަކާއި ހިލަ އާއި ވެލީގެ ތެރެއިން ދަމައި ކޫއްތަމުން ހަތަރެސްފައިން ހަންމަށަމުން ލޭ ކޮށަމުން ގެންގޮސް ގުޅައަކަށް އެއްލައިލެވުނީ އެއްކަހަލަ ކަށްވަޅު ތެރެއަށެވެ.
"އަހަންނަށް މި ހުވަފެނެއް އަބަދު މި ފެންނަނީ ކީއްވެގެން ހެއްޔެވެ؟"
"ނުވަތަ މިއީ އަމުދަކުން ހުވަފެނެއް ހެއްޔެވެ؟"
ދެކަކޫ މައްޗަށް ތެދުވެ އޮވެ ސައީރަށް ބަލައިލެވުނީ އޭނާގެ ދެ އަތުގައި ކަޅުވެފައިވާ ނިޔަފަތިތަކަށެވެ. ބައެއް އިނގިލިތަކުގެ ކުރި ވަނީ ވިރިގެން، ގިރިގެން ގޮސް ހަލާކުވެފައެވެ. އެ ނިޔަފަތިތަކުގެ ދޭތެރެއިން ކުނި ދޮސް ނުކުމެފައެވެ. ނަމަވެސް ވަޅުގަނޑު ތެރެއިން އުފެދި އަރައިގަތް ރަން ދޯދީގެ ދަޅަ މޫނު މައްޗަށް އެޅުމާއެކު އިނގިލިތަކުގެ އެ ހުރިހާ ތުރާލަކާއި ހަތަރެސްފައިގައި އަޅަމުން ދިޔަ ހުރިހާ ވޭނަކުން ސައީރު ވަގުތުން މިންޖުވި ފަދަ އެވެ.
މިފަހަރު އޭނާ އަށް ފަކީރާއެއް ވެސް ބޭނުމެއް ނުވިއެވެ. ދެ އަތުން ޖަހައި ކޮނެގަތްއިރު ހީވަނީ ހަތަރެސްފައި ލީ ހައިވާނެއް އޭގެ ޝިކާރަ ކޮށައި ނޮޅައި ހުސްކޮށްލަނީ ހެންނެވެ. ސައީރު މައިތިރިވީ ތާޅަފިއްޔެއްގެ ގަދަފަދަ އަޑުފަތްގަނޑުން މުޅި ހިސާބުގަނޑު ގުގުމާލުމުންނެވެ. އޭރު ވަޅުގަނޑުގެ ތެރެއިން ރަނުގެ ބޮޑު ޚަޒާނާއެއް އޭނާގެ އަތުޖެހިއްޖެއެވެ.
ނަމަވެސް އިސްރާފީލުގެ ތާޅަފިއްޔަށް ފިލަން ދުވާނީ ކޮންތާކަށް ހެއްޔެވެ؟
ފެނުނު ޚަޒާނާ ދޫކޮށްލާފައި ސައީރު އެރީ މައްޗަށެވެ. އޭރު ސަންދޯކެއް ހިފައިގެން އަންނަ ބަޔަކު ދުރުން ފެނެއެވެ. ކިޔެވެލި ކިޔަވަމުން ފަތިވަރު އަމުނަމުން އައިސް އެމީހުން ކޮނޑަށް ލައިގެން ގެނައި ސަންދޯއް ތިރިކުރީ ސައީރު ކޮނުނު ހަޒާނާގެ ވަޅުގަނޑަށެވެ. ސައީރަށް ހުރެވުނީ ކިޔާނެ އެއްޗެއް ނޭނގި ހުއްޓުން އަރައިފައެވެ. ކަށްވަޅަށް ސަންދޯއް ތިރިކޮށް އޭނާއާ ދިމާލަށް އެނބުރި ހުއްޓުން އަރާފައި ތިބި ހަ މީހުންނާ ދިމާލަށް ބަލަހައްޓައިގެން ކަޅި ވެސް ޖަހާލަން ނުކެރިފައެވެ. އެއީ ސައީރަށް އެންމެ ހިތްނުބައި އަބަދުވެސް އޭނާ އަށް އެންމެ ހަސަދަވެރިވި، އޭނާގެ އެއްބަނޑުއެއްބަފާ ހަބެއިންނެވެ.
"ކާކުގެ ލެޔެއް ހެއްޔެވެ؟"
"ކަލޭމެންގެ އަތުގައި ތިވަނީ ކާކުގެ ލެޔެއް ހެއްޔެވެ؟"
އެމީހުންގެ އަތްތަކުން އޮހޮރެމުން ދިޔަ ލެޔާ ދިމާލަށް ބަލަން ހުރެފައި ސައީރުގެ ހިތާހިތުން ކޮށްލެވުނީ މި ސުވާލުތަކެވެ. ވަޅުގަނޑު ތެރޭގައި އޮތް ސަންދޯކާ ދިމާލަށް ބަލައި އޭނާ ކުރިއަށް ޖެހިލިއެވެ. އެވަގުތު ދެން ތިބި ބެއިން ވެސް އޭނާއާއެކު ކުރިއަށް ޖެހިލިއެވެ. އެމީހުންގެ ތެރެއިން ސައީރުއާ އެއްވެސް ތަފާތެއް ނެތް ޒުވާނަކު ލޮލުގައި އަޅައިގަތީ ވެސް އެވަގުތުއެވެ. އެކަމަކު އެމީހުން އެއްލައިލި ވެލިމުށްތަކާ އެކު އެނބުރިގަތް ގަދަ ރޯޅިގަނޑެއްގައި ޖެހުމުން ދެން ހީވީ ލޮލާއި ބޮލަށް ތޫނު ކަށިތަކެއް ހެރުނުހެންނެވެ.
ފުންމައިގެން ގޮސް ހޭލެވުނުއިރު ސައީރު އޮތީ ހޮސްޕިޓަލް އެނދެއްގައެވެ. ގާތުގައި އެއްވެސް އެހީތެރިޔަކު ނެތެވެ. ޖެހިގެން ހުރި މޭޒުމަތީގައި ވޮލެޓަކާއި ފޯނެއް އޮތެވެ. ހީވާގޮތުން އެއީ ސައީރުގެ އެއްޗެއްސެވެ. ފޯނު އެ އޮތީ އަދިވެސް މަރުވެފައެވެ. ވާނުވާނޭނގި ހަދާނެ ގޮތެއް ނޭނގިފައި އިންދައި ސައީރުގެ ސަމާލުކަން ކުއްލިއަކަށް ދަމައިގަތީ އެނދުވަށައިގެން ދަމާފައި އޮތް ވިލުނޫކުލައިގެ ފޮތިގަނޑު ކުއްލިއަކަށް ކަހާލާފައި ބޯދިއްކޮށް ހިނިތުންވެލި ނަރުހެކެވެ.
ސައީރުއާ އިތުރަށް ގާތަށް ޖެހިލައި ލޮލާއި ބޮލުގައި ފިރުމައި އޯގާވެރިކަމާ އެކު ސުވާލުތައް ކުރަމުން ގެންދިޔައެވެ. އަދި ވީގޮތް ވެސް ކޮންމެވެސް ވަރަކަށް ކިޔައިދިނެވެ. – ސައީރު ހޮސްޕިޓަލަށް ގެނައީ އާންމުންގެ ބައެކެވެ. މަގުމައްޗަށް ވެއްޓިފައި އޮތްވާ ފެނިގެންނެވެ. އޭގެ ފަހުން މިހާރު ހަ ގަޑިއިރުވީއެވެ.
"އާއިލާގެ މީހުން ކޮބައި ހެއްޔެވެ؟"
"ރައްޓެއްސަކު ވެސް ނެތީ ހެއްޔެވެ؟"
"ތިއީ ކީއްކުރާ މީހެއް ހެއްޔެވެ؟"
ނަރުސް އަންހެން ކުއްޖާ އެ ހުރިހާ ސުވާލެއް ނުކުރެއެވެ. އެކަމަކު ސައީރަށް ހީވަނީ އެންމެން ވެސް އޭނާއާ މިހާރު އެ ސުވާލުތައް ކުރާހެންނެވެ.
ޑޮކްޓަރު ވެސް އައިސް ފަށައިގަތީ އެ ތިން ސުވާލުންނެވެ. ނުވަތަ އެއީ ސައީރަށް ހަމަ ހީވި ގޮތެވެ. ޑޮކްޓަރު ވަރަށް ބައިވަރު އެހެން ވާހަކަތައް ވެސް ދެއްކިއެވެ. އެއްވެސް މައްސަލައެއް ނެތް ކަމަށް ވެސް ބުންޏެވެ. އަދި ގަޑި ދެ ގަޑިއިރު ފަހުން ގެއަށް ދިޔަޔަސް އެންމެ ރަނގަޅު ކަމަށް ބުންޏެވެ. އަތުގެ ނިޔަފަތިތަކުގައި ހެދިފައިވާ ލަފުތަކާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ. އެކަމަކު ވަރަށް ބައިވަރު ބޭސްތައް ދިނެވެ.
ބޭސްތަކާ އެކު ގެއަށް ގޮސް ސައީރު އެންމެ ފުރަތަމަ ވެސް ޗާޖުކުރީ އޭނާގެ ފޯނެވެ. ބަނޑުހައިވެގެން ކަޅިއަޅައިގެން އޮތް އީސަގެ ރަންތައްޓަށް އޭނާގެ ކެއުންގަނޑު އޮއްސާލުމަށް ފަހު އެނބުރި އައިސް ފޯނު ހުޅުވާލުމުން ސައީރަށް ލިބުނީ އޭނާ އެއްވެސް ވަރަކަށް އުއްމީދުކޮށްގެން ހުރި ޚަބަރެއް ނޫނެވެ.
ޖެހިގެން އައި ދުވަހުގެ ފަތިހު ހޭލައިގެން ގޮސް އޭނާ މިހާރު އަރައި އެއިނީ މޯލްޑިވިއަންގެ ފްލައިޓް ކިއު ޓޫ – ޓްރިޕްލް ސިކްސް އަށެވެ. ކަމަރު އަޅައި ބާރުކޮށްލުމުން ހަނދާނަށް އައީ ކުނި ކޮތަޅު ތެރެއިން ފެނުނު ކަޅުނޫކުލައިގެ ފަލަ ހަރުފައެވެ. ފޫހިފިލުވާލަން ހުޅުވާލި ފްރޭންސް ކާފްކާގެ މެޓަމޯފޮސިސް ފޮތުން އަތަށް އެރީ ފޮށިލައިގެން އޮތް ފައިދިގުމަކުނެކެވެ. ބިރުން ތެޅިގަނެ ހޫރާލެވުނު އަތުން ޖެހި ބަންޑުންވީ ތުނބުގައި ޖަހަން ދެން ހުރި މީހާ ފަރިކޮށްލި އޯރެންޖު ޖޫސްތައްޓެވެ. އެމީހާ ހެއްދެވިނެހެއްދެވި އަށް ގޮވަން ފެށި ގޮތަށް ހުއްޓައެއް ނުލިއެވެ. އީކުއޭޓާ ފަހަނަޅައި ދިޔައިރު ވެސް ހަމަ އެފަތިވަރެވެ. ގަޑި ދެ ގަޑިއިރުގެ ދިގު ދަތުރަކަށް ފަހު ސައީރު އެންމެފަހުން ފޭބީ ގޭން އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ނުކުމެގެން އައިއިރު އޭނާގެ ލޮލުގައި އަޅައިގަތީ ތިން ހަޔެއް ޖެހި ބޯޑެއް ހިފަހައްޓައިގެން ހެވި ދިއްލިފައި ހުރި މީހެކެވެ. އެއީ އޭނާގެ ސައިކަލުގެ ނަލަ ނަމްބަރެވެ. އެކަމަކު ސައީރު ބަލާ އައިސް ހުރި މީހެއް ނޫނެވެ.
ސައީރު ގޮސް އެރީ ހަތަރު ހަޔެއްގެ ނަމްބަރު ޖެހި ކަޅުކުލައިގެ ޓެކްސީއަކަށެވެ. ޓެކްސީގައި ގޮސް ފޭބީ އިކްއެޓޯރިއަލް ހޮސްޕިޓަލަށެވެ. އެތެރެއަށް ވަދެގެން ހިނގައިގަތުމުގެ ކުރިން އޭނާ ހުއްޓި ހުރެ ބަލައިލީ އަނެއް ފަޅިން ފެންނަން އޮތް ގަބުރުސްތާނަށެވެ. ބަޔަކު މީހުން ސަންދޯކެއް ހިފައިގެން ގެންދާ މަންޒަރު އޭރު ފެނެއެވެ. އެނބުރިގެން ގޮސް ދެން ވަނީ ހޮސްޕިޓަލަށެވެ.
ވޯޑު ތެރެއަށް ވަދެގެންދިޔައިރު އެތަން އޮތީ މަރުވެ ހިމޭންވެފައެވެ. ފުސްކަމެއްގެ ތެރެއަށް ގެއްލިފައިވާ އެ އެކަނިވެރިކަމުގައި މީހެއްގެ ހިލަމެއް ވެސް ނުވާ ކަހަލައެވެ. އެންމެފުރަތަމަ ފެނުނީ ހުސް އެނދުތަކެވެ. މާ އެތެރެއިން އިވުނު ހިކިކެއްސުމެއްގެ އަޑާއެކު ދެން ހިނގައިގަނެވުނީ އެދިމާލަށެވެ. އެނދު ވަށައިގެން ދަމާފައިވާ މަޑު ފެހިކުލައިގެ ތުނި ފޮތިގަނޑު ގޮސް ނިމުނު ހިސާބުން އެތެރެއަށް ބޯދިއްކޮށްލުމުން ފެނުނީ ފިތްކަނޑައިގެންދާ ވަރުގެ މަންޒަރެކެވެ. ހޮރުހޮރުތަކުން ނުކުމެ ބަނޑިބަނޑި ލައްވަމުން ދިޔަ އެކި ވަރުވަރުގެ ހަރުފަތައް ބަލިއެނދުގައި އޮތް މުސްކުޅި މީހާ ޝިކާރަކޮށް އޭނާގެ ގައިން ލޭ ބޮމުން ގެންދާތަނެވެ.
ސައީރު ފެނުމުން އޭގެ ތެރޭގައި އޮތް އެންމެ ފަލަ އެންމެ ބޮޑު ހަރުފަ އެ މުސްކުޅި މީހާ ދޫކޮށްލާފައި އޭނާއާ ދިމާލަށް އެނބުރި ދެ ކަފިވެފައިވާ އޭތީގެ ދިގު ދޫ ބޭރަށް ނެރެ އަރުތެރެއިން ހިސް އަޑު ލައްވައިގަތެވެ. ގަތްބިރާއެކު ސައީރު ފަހަތަށް ޖެހި ފޮތިގަނޑުން ނިވައުވެގަތެވެ.
އެވަގުތު ކުއްލިއަކަށް ވޯޑު ތެރެ އެކުގައި ހުދު އަލިން ދިއްލުނެވެ. އެތެރެއަށް ވަދެގެން އައި ނަރުސް ފެނުމާއެކު ސައީރުގެ މޫނުމަތިން ހާސްކަން ކުއްލިއަކަށް ފޮޅާލިއެވެ. އަދި ގަދަކަމުން ހިނިތުންވެލިއެވެ.
ނަރުސް އަންހެން ކުއްޖާ ގޮސް ބެޑް ކާޓެއިން ފޮތިގަނޑު އެއްކޮށް ކަހާލައިގެން ގެންގޮސް އެނދުގެ ފަހަތުގައި މަޑުކޮށްލިއެވެ. އަދި ބަލި އެނދުގައި އޮތް މުސްކުޅި މީހާ ރަނގަޅަށް ދައްކާލިއެވެ. ފަސްޖެހި ބިރުގަނެ ހުރެފައި ސައީރު މަޑުމަޑުން ކުރިއަށް ޖެހެމުން ގޮސް އެނދު ކައިރީގައި މަޑުކޮށްލިއެވެ. މެޝިންތަކާއި ހޮޅިހޮޅިތަކަށް ގުޅާފައި އޮތް ބަލި މީހާގެ މޫނަށް ބަލައި ހިންދިރުވާލިއެވެ. ދެ ލޯ މެރި، ތުނބު ހިކި، ހަންގަނޑު ކުރަކިވެ ކަމީނާވެފައިވާ އެ މުސްކުޅި އަކީ ކާކުކަން ވަރަށް ރަނގަޅަށް އެނގޭ ހާލުގައެވެ.
ރޫހު މަރުވެ މިލައި މޯޅިވެފައި އޮތް އެ މީހާއާ ދިމާލަށް ބަލަހައްޓައިގެން ހުރެ ސައީރުގެ ހިޔާލަށް ދެން އައީ އަބަދުވެސް އޭނާގެ ބައްޕަ އެންމެ ގިނައިން ދިން ނަސޭހަތެވެ.
"ހުވަފެނަކީ ބިލާހެކެވެ."
"އެކަމަކު ވެސް ތަޢުބީރުކުރަން ހަނދާން ކުރައްޗެވެ."
"ތަގުދީރު ސިފަނުވިޔަސް ތަގުރީރު ހަނދާންކުރައްޗެވެ."
"ތަގުލީދުކުރާނެ ކަމެއް ނެތެވެ."
"ތަކުލީފަކަށް އަމުދަކުން ނުވައްޗެވެ."
މި ހިޔާލުތަކެއްގެ ތެރެއަށް ގެނބެމުން ދިޔަ ސިކުނޑި ކުއްލިއަކަށް ހޭލައްވާލީ ސައީރުގެ ޖީބުގައި އޮތް ފޯނެވެ. އަނެއްކާވެސް އެއްވެސް ވަރަކަށް އުއްމީދުކޮށްގެން ހުރި ޚަބަރެއް ނޫނެވެ. – ވަޒީފާ ލިބުނީއެވެ.
ފޯނު ކަންފަތުން ނަގައި ޖީބަށް ލުމަށް ފަހު ސައީރަށް އަނެއްކާވެސް ބަލައިލެވުނީ އެނދުގައި އޮތް މުސްކުޅި މީހާއަށެވެ.
"ދެން ކީއްކުރާ ވަޒީފާއެއް ހެއްޔެވެ؟"
"އަހަރެންގެ އާ ވަޒީފާ މާ ކުރިން މި އޮތީ ހަމަޖެހި ނިމިފައެވެ."
"އަހަރެންގެ އާ ވަޒީފާ އަކީ މި މުސްކުޅިޔާއެވެ."
"މި ތަކުލީފެވެ."
މިހެން ހިތަށް އެރިވަގުތު ބޭއިހުތިޔާރުގައި ސައީރަށް ބަލައިލެވުނީ އެނދު ނަންބަރަށެވެ. ތިން ހަޔެކެވެ.
"މިއީ ކޮން ބަލާ އާފާތެއްގެ އިޝާރާތެއް ހެއްޔެވެ؟"



