ޖިންނީގެ މާނަ އަކީ ލޯމައްޗަށް ޣައިބުވެގެންވުމެވެ. އެކަމަކު ޖިންނި، އިންސާނުންނަށް ފެންނާނޭހެން، ލޯމައްޗަށް ފައުޅުވެގެން އަންނަ ކަމަށް ބުނެވޭ މުޖައްރިބު ތިން ސިފައެއް ހަދީސުކުރެވިގެން އައިސްފައިވެއެވެ. އޭގެ ތެރެއިން ފުރަތަމަ ސިފައަކީ، ކުއްތާއެއްގެ ސިފައެވެ. އަދި އަނެއް ސިފައަކީ ފިޔަގަނޑުލީ އުދުހޭ ސޫތްޕެއްގެ ސިފައެވެ.
ޖިންނިއަކު ފައުޅުވެދާނެ ކަމަށް ބުނެވޭ ތިން ވަނަ ސިފައަކީ އޭގެ އެންމެ ބިރުވެރި ސިފައެވެ. އަދި ސައީރު އެންމެ ބިރުގަންނަ ސޫފާސޫފީގެ ތެރެއިން ވެސް އެންމެ ހުތުރުކަން ބޮޑުވެގެންވާ ސިފައެވެ. – ނާގަހަރުފައެއްގެ ސިފައެވެ. ހަރުފައިގެ ތެރެއިން ވެސް އެންމެ ވިހަގަދަ އެންމެ ހުތުރު އަދި އެންމެ ނުރައްކާތެރި ވައްތަރެވެ.
ނާގަހަރުފައެއް ސައީރަށް ފެނުނު ފުރަތަމަ ތަޖުރިބާ އަދިވެސް އޭނާގެ ހިތުން ފިލައިގެން ނުގޮސް، އެ ބިރުވެރިކަން އަދިވެސް އިއްޔެ ހިނގި ކަމެއްހެން ހަނދާނުގައި ހަރުލާފައި އެބަހުއްޓެވެ. -- ވަރަށް ރީތި ރާގަކަށް ތުނބުން ފުމޭ އަޑު ސައީރަށް އިވެނީ މެދުގޯތީގައި އެކަނި ކުޅެން ހުއްޓައެވެ. އެ ހިތްގައިމު ރާގުގެ އަވާގައި ޖައްސައި ސައީރު ގޮވައިގެން ގެންދިޔައީ ޖެހިގެން އޮތް ފަޅުގޯތީގައި ހެދިފައިވާ ކަށިކެޔޮ ގަސްތަކާއި ފަތްކެޔޮ ގަސްތަކުގެ ތެރެއަށެވެ. އެތަނުގައި ވީރާނާވަމުންދިޔަ ބައު ގިފިލިގަނޑެއްގެ ތެރޭގައި ފެހިޖަހައި ހަޑިވެފައި ހުރި ވަޅެއް ކައިރިއަށެވެ.
އެއީ އިރާކޮޅުގެ ވަގުތެވެ. ރަތްވިލާތަކުން އުދަރެސް އޮތީ ދިއްލާލައިފައެވެ. ނަމަވެސް ތެޅިގަލާއި އުވައިގެ ތިރި ފާރުބުރިއެއް ރާނާފައި ހުރި އެ ވަޅުގަނޑުގެ ތެރޭގައި ވަނީ ކަނުއަނދިރިކަމެވެ. އެކަމަކު އެ ވަޅުގަނޑުގެ ތެރެއިން އުފައްދަމުން ދިޔަ ރާގުގައިވަނީ އިރުއޮއްސޭ އެންމެ ރިވެތި މަންޒަރެއްގައި ވެސް ފެންނާނެ ހިތްގައިމުކަމެވެ.
ފަރުވާތެރިކަމާއި ޝައުގުވެރިކަމާ އެކު ކުރިއަށް ޖެހެމުން ގޮސް ސައީރު އޭނާގެ މެޔާ ހަމަ އަށް އަރާ އެ ވަޅުގަނޑު ތެރެއަށް ބޯދިއްކޮށް ބަލައިއެވެ. އެއާ އެކު ވަޅުގަނޑު ތެރެއިން އުފައްދަމުން ދިޔަ ރާގުގެ އަޑު ކުއްލިއަކަށް ކެނޑުނެވެ. އެކަމަކު ދެން ވެސް ސައީރު ހަމަ އޮތްގޮތަށް އޮތީއެވެ. އަނެއްކާވެސް އެ ރީތި ރާގު ފަށާނެ އިރަކަށް އިންތިޒާރުކޮށްގެންނެވެ.
ކަޅި ޖަހާނުލައި ބަލަހައްޓައިގެން އޮތް އަނދިރިގަނޑުގެ ތެރެއިން އެ ރާގު އަލުން ކުޅެން ފެށުމުން ނުވަ އަހަރުގެ ސައީރުގެ މޫނު މައްޗަށް އުފާވެރިކަމެއް ބަންޑުންވިއެވެ. އަދި އެ ރާގުގެ އަޑު މަޑުމަޑުން ގަދަވަމުން އައިސް ރަތްކުލައިގެ ދެ ލޯ އެ އަނދިރިގަނޑުގެ ތެރެއިން ފާޅުވުމާއެކު އެ މައުސޫމު މޫނު މައްޗަށް އިތުރު ޝައުގުވެރިކަމެއް ބަންޑުންވިއެވެ.
އެކަމަކު ދެން އޭނާއާ ބައްދަލުކުރީ ދުވަހަކުވެސް ވެސް ނުދެކޭ ވަރުގެ ބިރުވެރި ސިފައަކާއި އަޑުފަތްގަނޑެކެވެ. ހިތަށް ފިނިކަމެއް ގެނުވި އެ ހިތްގައިމު ރާގު ކުއްލިއަކަށް ތޫރި ފަޅައިގެންދާހާ ތޫލި އަޑުފަތްގަނޑަކަށް ބަދަލުވެ ވަޅުގަނޑުގެ ތެރެއިން ފުންމައިގެން އައީ އަނގަ އޭގެ ތަންމިނަށް ހުޅުވައިގެން އޮތް މާ ސިންގާ ނާގުހަރުފައެކެވެ.
ގަތްބިރާ އެކު ތެޅިގަތުމުން ސައީރު ވަޅުގަނޑު ކައިރިއަށް ފަހަތަށް ވެއްޓިއްޖެއެވެ. ފުންމައިގެން މައްޗަށް އެރި ނާގުހަރުފަ އޭރު އޮތީ ފެހިޖަހައިފައިވީ ވަޅުގަނޑުގެ ތިރި ފާރުމަތީގައި ފެތުރިގެންނެވެ. އޭގެ ރަތް ދެ ލޯ ބޮޑުކޮށް ސައީރާ ދިމާލަށް ބަލަހައްޓައިގެންނެވެ. އެހެން އޮވެފައި ދެން އަނެއްކާވެސް އެއްކަލަ ނަލަ ނަލަ ރާގުކޮޅު ތުނބުން ފުމެ ކުޅެން ފަށައިފިއެވެ. އަދި ނުބައި ޒާތަކަށް ހިނިތުންވެ އޮވެފައި އަނެއްކާވެސް ވަޅުގަނޑުގެ އަނދިރިކަމަށް ފުންމާލިއެވެ. ގެއްލިއްޖެވެ.
އެ ހަރުފައިގެ ދެ ލޮލާއި ވިހަ ހިނިތުންވުން ފެނި ހަނދާންވީ އޭނާގެ ބައްޕަ އީސާފިކުރީގެ ހަމަ އެ ސިފަތަކެވެ. ދެން ކުއްލިއަކަށް ހަނދާނަށް އައީ ބައްޕަ އަބަދުވެސް ތުނބުން ފުމޭ އެ ނަލަ ރާގުކޮޅެވެ. ފުންމައިގެން ތެދުވި ގޮތަށް ސައީރު ދުއްވައިގަތީ ގެއަށެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނު ބައްޕަ ގޮވައިގެން އައިސް އެ ވަޅުގަނޑު ދެއްކުމުން ބައްޕަ އެތަން ވަރަށް ހާވައި ބެލިއެވެ. އެ ވަޅު ތެރެއަކު ފެންގަނޑެއް ނެތެވެ. އެކި ވަރުވަރުގެ ގާތަކުން ފުރި، ބެރިފައިވާ ވަޅުގަނޑުގެ ތެރެއިން ފެނުނީ އެ ސޫފީގެ ހާލިއެވެ. އެ ހާލީގެ ތެރެއިން ފެނުނީ ރަންކުލައިގެ މުތްތަކެކެވެ.
ސޫފާސޫފީގެ ތެރެއިން ދެ ވަނަ އަށް ސައީރު އެންމެ ބިރުގަންނަ ސޫތްޕަކީ ފައިދިގުމަކުނެވެ. ނިދީގައި ފައިދިގުމަނުކު ގަޔަށް އަރައި ހަފައި އޭނާ ކުދި އެތިކޮޅުތަކަށް ހަދާލައިގެން މަކުނުވަލުގެ ހޮރުހޮރުތަކަށް ގެންދާތަން ފެންނަ ހުވަފެނެއް އަބަދުވެސް ކުޑައިރު އޭނާ އަށް ފެންނާތީއެވެ. އަދި އެ ފައިދިގުމަކުނުން އަބަދުވެސް އޭނާގެ އަމާ، މަރީނާގެ އުޅުމާއި ސިފަ އޭނާގެ ހިތަށް ސިފަކޮށް އެތިއެތިކޮޅުން އޭނާގެ ބޮލަށް އަބަދުވެސް ވެއްދީތީއެވެ.
މަރީނާގެ ދިރިއުޅުން އެންމެ ވައްތަރީ ފައިދިގުމަކުނެއްގެ ވިޔަނުދާ، ބޭވަފާތެރި ދިރިއުޅުމާއެވެ.
"ފައިދިގުމަކުނެއްގެ ވިޔަނުދާ، ބޭވަފާތެރި އެ ދިރިއުޅުމަކީ ކޮބައި ހެއްޔެވެ؟"
އަންހެން ފައިދިގުމަކުނުގެ ހިތްފުރޭނީ އޭތީގެ އާއިލާގައި ތިބޭ އެންމެން ކައި ހުސްކޮށްލެވުނީމައެވެ. މިދަތުރު އޭތި ފަށަނީ އެންމެ ފުރަތަމަ އޭތީގެ ބައިވެރިޔާ ކާލައިގެންނެވެ. ސައީރަށް އޭނާގެ އަމާގެ އެ ވިޔަނުދާ ސިފަ ފެނުނު ފުރަތަމަ ދުވަސް އަދިވެސް އިއްޔެ ހިނގި ކަމެއްހެން ހަނދާން އެބަހުއްޓެވެ.
އެއީ ވިޔަފާރި ދަތުރެއްގައި ބައްޕަ އީސާފިކުރީ ސީނުކަރައަށް ގޮސްވަނިކޮށް ހިނގި ކަމެކެވެ.
ގޭގެ ފަހަތުގައި ހުސްކޮށް އޮންނަ ވަލަށް އެކަނި ވަދެ ކުޅުމުގަ އާއި އެތަނުގައިވީ ގަސްތަކާއި ސޫފާސޫފިތަކާ ވާހަކަ ދައްކަން އުޅުމަކީ ފުރާވަރަށް އަރައިގެން އައިދުވަސްވަރު ސައީރު އެންމެ ގަޔާވި އެއް ކަންތަކެވެ. އުމުރުފުރައިގެ އެހެން ކުދިންނާ އެކު އުޅުމަކީ އޭނާ އެއްގޮތަކަށް ވެސް ގަޔާވިކަމެއް ނޫނެވެ. އަބަދުވެސް އަމިއްލަ އިމަކަށް ލޯބިކުރި ހިތެކެވެ. އަދި ސައީރުގެ އެ ބިމުގައިވީ ގަސްގަހާ ގެއްސާއި ސޫފާސޫފިތައް އޭނާ އަށް ކިޔަމަންވެ އިސްޖަހައެވެ. ރުއްގަސްތައް ބިމަށް ތިރިވެ އޭނާ އަށް އިހުތިރާމު އަދާކުރެއެވެ. ފަނިފަކުސާތައް ހޮރުހޮރުތަކުން ނުކުމެ އޭނާ އަށް ހަނާ އަޅައި މަގުދެއްކިއެވެ.
އޭގެ ތެރެއިން ދުވަހެކެވެ. ވަލުތެރޭގައި އުޅެނިކޮށް އޭނާގެ ލޮލުގައި އަޅައިގަންނަނީ މަންމަ އާއި ބައްޕަ ނިދާ ކޮޓަރިން ފައިދިގުމަކުނެއް ނުކުމެގެންދާ މަންޒަރެވެ. ކޮޓަރީގެ ކުޑަދޮރެއް ހުޅުވާލައި ވަގުވަގަށް އެ ކޮޓަރި ދޫކޮށް ގަސްތަކުގެ ތެރެއަށް ވަދެގެން ގޮސް ގެއްލޭތަނެވެ. އެއީ ސިފައިން ހުތުރު، ހެދި ފުރިހަމަވެފައިވާ އިންސާނަކަށް ވުރެން ބޮޑު ފައިދިގުމަކުނެކެވެ.
އަނެއްކާޥެސް ހަމަ އެ ފައިދިގުމަކުނު އެހެން ދުވަހެއްގެ ހަވީރުގެ ވަގުތެއްގައި ހަމަ އެ ބީދައިންނެވެ. އަދި ބައެއް ދުވަސް ދުވަހު އެ ފައިދިގުމަކުނު ގޮސް ކޮޓަރީގެ ކުޑަދޮރުން އެތެރެއަށް ވަންނަތަނެވެ.
މި މަންޒަރު ތަކުރާރުވާން ފެށުމުން ހިތުގައި އުފެދުނު ޝައުގުވެރިކަމުގައި އެއް ދުވަހަކު ސައީރު ދިޔައީ ކޮޓަރީގެ އެ ކުޑަދޮރު ކައިރިއަށެވެ. ރަނގަޅަށް ނުލެއްޕި ހުރި ކުޑަދޮރުގެ ދޭތެރެއިން އެތެރެ ބަލަން އޮވެވުނީ ކީއްކުރަން ކަމެއް އޭނާއަކަށް ނޭނގުނެވެ. އަދި އެނދުމަތީގައި ތިބެގެން ކަޅުކުލައިގެ ބިޔަ ފައިދިގު ދެ މަކުނު ކުރަމުން ދިޔަ ކަމެއް ވެސް އޭނާއަކަށް ނޭނގުނެވެ.
އޭގެ ތެރެއިން އެއް ފައިދިގުމަކުނު އާދައިގެ މަތިން ކޮޓަރި ތެރެއިން ނުކުމެގެން ދިއުމުން ސައީރަށް ދެން ފެނުނީ އެނދުމަތީގައި އޮރިޔާމުން އޮތް އޭނާގެ މަންމަ މަރީނާއެވެ. ޖެހިގެން އައި ދުވަހު ހަމަ އެގޮތަށް އެ ކުޑަދޮރު ކައިރީގައި ފިލައި އޮތްވައި މަރީނާ އަށް އޭނާ ފެނިގެން ފުންމައިގެން އައިގޮތަށް އައިސް އެ ކުއްޖާގެ މޫނުމަތީގައި އަޅުވާލި އެތިފަހަރުން ކުޑަދޮރުން ބޭރަށް ވައްޓާލިއެވެ. ގޮސް ޖެހުނު އެތިފަހަރުގައި ސައީރަށް ހީވީ އޭނާގެ މައިބަދަ މެދުން ބިންދައި ދެ ބުރިވެގެން ދިޔަހެންނެވެ. އެކަމަކު އެ ދުވަހު ވެސް ސައީރު ނުރޮއެއެވެ.
ނަމަވެސް މަޑުމަޑުން އެ މަންމައާ ދުރުވާން ފަށައިފިއެވެ. ބިރުގަންނަނަށް ފަށައިފިއެވެ. ބީރައްޓެހިކަމެއް އުފެދެން ފަށައިފިއެވެ. ކޮންމެއަކަސް މި ބީރައްޓެހިކަންވީ މަރީނާގެ އިތުރު ކަންބޮޑުވުމަކަށެވެ. ވަކިން ހާއްސަކޮށް ސައީރަށް ފެނިފައިވާ މަންޒަރުތައް އޭނާ އެހެން މީހަކާ ހަމަ އަށް ގެންގޮސްފި ނަމަ އެކަމުގައި ހުރި ނުރައްކާ މަރީނާ އަށް ވަރަށް ރަނގަޅަށް އެނގޭތީއެވެ.
ފުރާވަރަށް އަރައިގެން ގޮސްފައި ހުރި ސައީރުގެ ބޮލަށް ވެރިވެގަތުމުގެ އެދުގައި މަރީނާ އެހިސާބުން އެސޮރު ވައްދަން ފެށީ ކޮޓަރި ތެރެއަށެވެ. އެކަމަކު އެކަންވީ އަނެއްކާވެސް އެހެން މީހަކު ނުރުހުނު ކަމަކަށެވެ. މަންމަގެ ކޮޓަރި ތެރެއިން ސައީރަށް ގަވާއިދުން ފެންނަން ފެށި އޭނާގެ އެންމެ ދޮށީ ބޭބެގެ ރުޅިގަނޑު ފަޅައިގެން ދާން މެދުވެރިވި ސަބަބަކަށެވެ.
ރުޅިއަރައިގަތުމުން މަންމަ އާއި ބޭބެ ވެސް ކުއްލިއަކަށް ބަދަލުވަނީ ފައިދިގުމަކުނަށެވެ. އެނދުމަތީގައި ޖޯޑުވެގެން ތިއްބައި ސައީރަށް ފެނުނު ދެ ފައިދިގުމަކުނަށެވެ. އެންމެފަހުން ދޭތީގެ ޒުބާވު ބޮޑު މާރާމާރީއަކަށް ބަދަލުވެ މަންމަ ފައިދިގުމަކުނު ގޮސް އޭނާގެ އެންމެ ދޮށީ ފިރިހެން ދަރި މަރައި ކުދިކޮށް ކާލީއެވެ.
"އެކަމަކު އެ ދޮންބެގެ ކުށަކީ ކޮބައި ހެއްޔެވެ؟"
"މަންމަގެ މުޑުދާރުކަމުން އަހަރެން ސަލާމަތްކުރަން އުޅުން ހެއްޔެވެ؟"
"ނުވަތަ އަމިއްލަ އަމަޔާ އެކު މާ މުޑުދާރު ދާނެއްގައި ނިދައި ނުހޭލެވުން ހެއްޔެވެ؟"
"ނުވަތަ އަހަންނަށް އެ ދާނުގައި އަރާމު ލިބެން ފެށުމުން ހިތުގައި އުފެއްދި ހަސަދައިގެ ވިހަގަނޑު ހެއްޔެވެ؟"
ގޭގެ ފަހަތުގައި އޮތް ކަށިކެޔޮ ވަލުގައި ދޮންބެ ވަޅުލައި އެ ހަޑި ފޮރުވަން އަމާ ފަސްޖަހަމުން ދިޔައިރު އެ މަންޒަރު ބަލަން އެތަނުގައި އުޑަފައިން އިނދެ ސައީރުގެ ހިތާއި ބޮލާއި ދެމެދު އެނބުރެމުން ދިޔައީ ހުސް ސުވާލެވެ. އަދި ހިތުގައި ރޯވަމުންދިޔައީ އަލިފާންގަނޑެކެވެ.
*** ** ***
ގޭގެ ސިޓިންރޫމުގައި ހަރުކޮށްފައި ހުރި ފޮޓޯފްރޭމުތަކާއި މަންމަ އާއި ދޮންބެގެ ހަނދާންތައް ގެނުވާ ހުރިހާ އެއްޗެއް ފޮއްޓަކަށް އަޅައިގެން އެ ފޮށިހިފައިގެން ގޮސް ސައީރު ވަނީ ކަށިކެޔޮވަލަށެވެ. އެއީ މީގެ އެތައް އަހަރެއް ކުރިން ސައީރު އައިސް އެކަނި އެންމެ ގިނަ ވަގުތު ހޭދަކުރި އޭނާއާ އެންމެ ރައްޓެހި ބިމެވެ.
އެންމެފަހުން ސައީރު އެ ވަލަށް ދިޔައީ މަންމަގެ ފަސްބައިގައި އެލިގެންނެވެ. ކޮށައި ކުދިކޮށްލާފައި އޮތް އެއްބަނޑު އެއްބަފާ ބޭބެ އެ ވަލުގައި ވަޅުލުމަށެވެ. އެ ދުވަހު ވެސް ސައީރުގެ އެކުވެރި ގަސްތައް ތިބީ އޭނާގެ ބަދަލުވަމުންދިޔަ ދިރިއުޅުމާއި ސިފަތަކާ މެދު ކަންބޮޑުވެ ދެރަވެފައެވެ. އެމީހުން ދެއްކި މަގު ދޫކޮށް އެހެން މަގެއް ހިޔާރުކުރުމުން މާޔޫސްވެފައެވެ.
މިއަދު އަނެއްކާވެސް އެތައް އަހަރެއް ފަހުން ފެނުމުން އަދި އެއަށް ވުރެން ބޮޑަށް ދެރަވެ ކަންބޮޑުވެފައެވެ. އެކަމަކު އެ ރުއްތަކާއި ގަސްތަކާއި ބިންގަނޑުގައިވީ ފަނިފަކުސާތަކަށް ދިރިއުޅުމުގެ ދަތުރު ކިޔައިދޭން އޭނާގެ އަތުގައި މިހާރަކު އެއްވެސް ވަގުތެއް ނެތެވެ.
ބަގުޑިބައްދައިގެން ގެނައި ފޮށިގަނޑު ގަސްތަކުގެ ތެރެއަށް ހޫރާލިއެވެ. އަދި އޭގެ ތެރޭގައި އޮތް ކަރާސީނުތެޔޮ ފުޅި އޭގެ ތެރެއަށް އެއްކޮށް އޮއްސާލިއެވެ. އޭގައި އަލިފާން ރޯކޮށްލިއެވެ. ހިތުގައި ރޯވެފައިވާ އަލިފާންގަނޑަށް ފުމެލުމުން މުޅި އެ ވަލުގައި ރޯވި ކަހަލައެވެ. މަންމަ އާއި ދޮންބެގެ ފޮޓޯތަކާއި އެމީހުންގެ އޭތިމީތި އެ އަލިފާނުގެ ތެރޭގައި އަނދަމުން ވިރެމުން ދިޔައިރު ސައީރުގެ ދެ ލޮލުގައި ވެސް ރޯވެފައި ވަނީ ހަމަ އެ އަލިފާންގަނޑެވެ.
ހަރުފިޔަވަޅުތަކެއްގައި އެނބުރިގެން ދިޔަގޮތަށް ގޮސް އޭނާ ދެން ވަނީ މަންމަ އޭނާގެ އެންމެ ނުބައި އެންމެ ފަހު ނޭވާއާ ހަމަ އަށް ވެސް ނިދައި ހަޑިކުރި ކޮޓަރިއަށެވެ. މަރީނާގެ ހަނދާން އާކޮށްދޭ އެއްވެސް އެއްޗެއް ބައްޕަގެ މި ގޭތެރޭގައި ބަހައްޓާކަށް ސައީރު މިހާރު ބޭނުމެއް ނޫނެވެ. އެކަމަކު އެ ވަކިތަކުން ދިން އަނިޔާ ދުވަހަކުވެސް ރަނގަޅުނުވާނޭކަން އެނގޭ ހާލުގައެވެ.



