ސައީރުގެ ހެދިބޮޑުވުން ވެސް އެހެން ކުދިންނާ މުޅިން ތަފާތެވެ. ދެ އަހަރު ނުވަނީސް އޭނާ ރަނގަޅަށް ހިނގައި، ރަނގަޅަށް ބަސްކިޔައި، ފަރިތަކަމާ އެކު ކުރު ޖުމްލަ ހަދައި ވާހަކަ ދައްކަން ފަށައިފިއެވެ. މީހުންނާއެވެ. އަދި ބައެއް ފަހަރަށް އެކަނި ހުރެގެންނެވެ. އަދި އޭރު، ފެންނަ ފެނުމަށް އޭނާ ހީވަނީ ހަތަރު ފަސް އަހަރުގެ ފިރިހެން ކުއްޖެއް ހެންނެވެ. ދޮށްޓަށް ތިބި އެހެން ކުދިންނާ އެއްވަރަކަށް ލިޔެ ކުރަހައި ކުލަޖައްސަން ވެސް ފަށައިފިއެވެ.
އެކަމަކު އޭނާ ކުރެހި މަންޒަރުގެ ފުރިހަމަ ކަމަށް ވުރެ ބޮޑު ޝައުގުވެރިކަމެއް އުފެއްދީ އެ ޅަ އުމުރުގައި އޭނާ ކުރެހި އެއްޗެއްސާއި ލިޔުނު ލިޔުންތަކެވެ. ސައީރުގެ ކިބައިގައި އާދަޔާހިލާފު ކަމެއްވާކަން އޭނާގެ ބައްޕަ އަށް ކަށަވަރުވި ފުރަތަމަ ތަޖުރިބާއަކީ މިއެވެ. ސައީރު ކުރެހި ކުރެހުންތަކާއި ލިޔުނު ބައެއް ލިޔުންތައް އޭގެ އެތައް އަހަރެއް ކުރިން އީސާފިކުރީ އަށް ހަމަ އެގޮތުގައި ފެނިފައިވާތީއެވެ. – އައްޑޫ އަތޮޅުގެ މަޝްހޫރު ޔޫނާނީ ބޭސްވެރިޔާގެ ފަންޑިތަ ފޮތްތަކަކުންނެވެ.
މިކަން ވެގެން ދިޔައީ އެންމެ ފުރަތަމަ ފިތްކަނޑައިގެންދިޔަ ކަމަކަށެވެ. އެ ހިތަށް ފިނިކަމެއް ލިބިގެންދިޔައީ ޔޫނާނީ ބޭސްވެރިޔާގެ އަތުން ވަގަށް ނަގައި ރައްކާކޮށްފައި ހުރި ފަތްފޮތްތައް ހާވައި ބަލައި އެއްކުރި މައުލޫމާތުންނެވެ. އެ ފަތްފޮތްތަކުގައިވާ ގޮތުން ނަމަ އީސާފިކުރީ އާއި މަރީނާގެ މި ދަރިއަކީ ހަރާފާއެކެވެ.
"އެކަމަކު ހަރާފާ އަކީ ކޯއްޗެއް ހެއްޔެވެ؟"
އެއާ ބެހޭ އިތުރު އެއްވެސް ލިޔުމެއް، ފޮތެއް އީސާފިކުރީއަކަށް ނުފެނުނެވެ. ޔޫނާނީ ބޭސްވެރިޔާގެ ފަތްފޮތްތަކުގައި ކިޔައިދީފައި ވަނީ ހަމައެކަނި 'ހަރާފާއެއް' ގެ ކިބައިން ފެންނަ ކަމަށް ބުނެވޭ ސިފަތަކެވެ. އޭގެ ތެރެއިން ވެސް ލިޔެ ބަޔާންކޮށްފައި ހުރީ ބައެއް ސިފަތަކެވެ.
އެންމެ އާދަޔާހިލާފު ސިފައެއް ކަމަށް ބަޔާންކޮށްފައި ވަނީ އާރޯކުރުމުގެ ބާރެވެ. މިލައި މޯޅިވެފައިވާ މަލާއި މަރުވެފައިވާ ގަސްގަހާގެއްސަށް އާރޯކަން އަލުން ގެނެސްދިނުމުގެ ބާރެވެ. ދޫނި ސޫފާސޫފިތަކުން ފަށައިގެން ގޮސް ހައިވާނާއި އިންސާނުންނަށް ވެސް އަލުން އާރޯކޮށް ދިރުން ގެނެސްދިނުމުގެ ބާރު ހަރާފާއަކަށް ލިބިގެންވާ ކަމަށް އެ ފަތްފޮތްތަކުގައި ލިޔެފައިވެއެވެ.
އެކަމަކު އެފަދަ އެއްވެސް އާދަޔާހިލާފު ބާރެއް ސައީރުގެ ކިބައަކުން ނުފެނުނެވެ. ފުރާވަރަށް އެރިއިރު ވެސް އެ އާދަޔާހިލާފު ބާރެއް އޭނާ ނުދެއްކިއެވެ. ނުވަތަ އެ އާދަޔާހިލާފު ބާރު ބޭނުންކުރާނެ ގޮތް، ފާޅުކުރާނެ ގޮތެއް އޭނާއަކަށް ނޭނގުނީ އެވެ. ނަމަވެސް އީސާފިކުރީގެ ހިތުގައި ސައީރަށް ހިބަކޮށްދިން ޖާގަ ދިޔައީ ދުވަހަކަށް ވުރެ ދުވަހެއް ބޮޑުވަމުންނެވެ. އަދި މާއްދީ ތައައްސުބާއި ދަހިވެތިކަމުގެ އިން ވެސް އެ ހިތުގައި ދިޔައީ ބޮޑުވަމުންނެވެ. ވަކިން ހާއްސަކޮށް ސައީރު ލިބުނުފަހުން އޭނާގެ ވިޔަފާރި އާރޯވެ އޭގައި ގޮފިތައްފަޅައި ފުޅާވެގެން ދިޔަ ދިއުމަކީ އީސާފިކުރީގެ އަމިއްލަ ގަބޫލުކުރުންތަކުން އޭނާ ކައްސުވާލައި ދިރިއުޅުމުގެ މުޅިން އެހެން ދިމާލަކަށް ސޮއްސައިލަން މެދުވެރިކުރުވި ކަމެކެވެ.
ހަގީގަތަކީ މިއެވެ. އީސާފިކުރީ އަކީ އަބަދުވެސް ތަގުދީރުގައި ފޮރުވިފައިވީ ކަންކަން ފައުޅުވުމުގެ ކުރިން އެ ސިއްރުތައް ހޯދަން ޝައުގުވެރިވި މީހެކެވެ. ހުވަފެން ބިލާހަކަށްވިޔަސް ތައުބީރަށް ތަރުތީބުކޮށް ފިޔަވަޅު އަޅަމުން ދިޔަ މީހެކެވެ. އެ ހުރިހައި ސިއްރުތަކާއި ބާރުތައް ހޯދައި ބަލައި އަމިއްލަކޮށްގެން އުޅުނު ބާރުގަދަ ފަންޑިތަވެރިޔެއްގެ ބެލެނިވެރިކަމުގައި ބޮޑުވުމުން ކަމަށް ވެސް ވެދާނެއެވެ.
ކޮންމެއަކަސް ސައީރުގެ އުމުރުން 12 އަހަރު ފުރުމާއެކު އީސާފިކުރީގެ ދެމަފިރިންގެ ހަޔާތުގެ ތަރުތީބާއި ހަމަޖެހުމާއި އެ އާއިލާގައިވީ ސުލްހަމަސަލަސްކަން އަދި ތަނަވަސްކަން އޭގެ ދިމާ އިދިކޮޅަށް އެނބުރިގެންފިއެވެ. އެއްވެސް އިންޒާރެއް ދިނުމެއް، ހަމްދަރުދީއެއް ވުމެއް ނެތިއެވެ.
ފަހަރުގައި އެއީ އީސާފިކުރީގެ ހިތްނުފުރުމުން ކުރިމަތިވި ސުންޕާކަމެކެވެ. ނުވަތަ ހަރާފާއެއް ކަމަށް ގަބޫލުކުރި ދަރީގެ ސުންޕާކަމެވެ. ނުވަތަ ސިހުރުހާހޫރުގެ ފަތްފޮތްތަކެއްގައި ލިޔެފައިވީ ލިޔުންތަކަކަށް ސަޖިދަޖަހަން ފެށުމުން ކުރިމަތިވި ބަލާއާފާތެކެވެ.
އެކަމަކު ދެން ވެސް އީސާފިކުރީ ގަބޫލުކުރީ މިގޮތެވެ: ސައީރަކީ ހަމަ އަސްލަށް ވެސް ހަރާފާއެކެވެ. އަދި ބަލާއާފާތާއި މަރުގެ ތުންފަތްމަތިންވެސް އޭނާ ސަލާމަތްކޮށްދޭނެ ހަމައެކަނި ބާރަކީ ހަމަ އެ ހަގު ދަރިފުޅެވެ. ނަމަވެސް ލޯތްބާއި ހިތުގެ މަގާމު ތަނަވަސްކޮށްގެން ބޭނުންވި ގޮތްގޮތަށް ކަންވެ ނުނިމުމުން އީސާފިކުރީ ދެން އިސްކުރަން ފެށީ އަނިޔާވެރިކަމެވެ. ހިތުގައި އޮތް އެދުން ބޮޑުވެ، ބޮލުގައި އެންމެފަހުން ދެ ދަޅު ފެޅީއެވެ. ހަރާފާއެއްގެ ހުރިހާ ސިފައެއް ޖެހިފައިވާ އަމިއްލަ އައުލާދުގެ ކިބައިގައިވީ އާދަޔާހިލާފު ބާރުތައް އޭނާ ބޭނުންވީ ގަދަބާރުން ވެސް ނެރޭށެވެ.
ސައީރު ތަހައްމަލުކުރަން ފެށި އަނިޔާ އެންމެ ގާތުގައި ބަލަން ތިބީ އޭނާގެ ފަސް ބެއިންނެވެ. އެއްބަނޑު އެއްބަފާ ތިން ބޭބެ އާއި ދެ ދައްތަ އެވެ. އެމީހުން ތިބީ ސައީރު ފަކީރުގެ ގަޔަށް ވިހަލައި މަރާލަން ވެސް ތައްޔާރަށެވެ. އޭނާގެ ވޭނާއި ހިތާމަވީ އެމީހުންނަށް އުފަލާއި ހިތްހަމަޖެހުން ގެނުވި ތަޖުރިބާއަކަށެވެ. އެކަމަކު ސައީރުގެ ހަން ވަރަށް ވެސް ބޮލެވެ. މި އެންމެންގެ ޒަމާން ގޮސް އޭނާގެ ޒަމާން ފެށޭނެ ދުވަހެއް އަންނާނެކަން ސައީރަށް އަށް ޔަގީންވާތީއެވެ.
އޭނާގެ ކިބައިގައިވީ އާދަޔާހިލާފު ބާރުތައް އެންމެފަހުން އެ ދެ އަތާއި އިނގިލިތަކުގެ ކުރިއަށް ފޭދޭނެކަން، އެ ބާރުތައް އޭނާ އަށް ލިބޭނެކަން އޭނާ އަށް އިހުސާސުވާތީއެވެ.
ހޮސްޕިޓަލްގެ ފިނި މާހައުލަށް ވަދެގެން ގޮސް ސައީރު ވޯޑު ތެރެއަށް ވަންއިރު އޭނާގެ ބައްޕަ އޮތީ ކުރިން ވެސް އޮތް ގޮތަށެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ނޭވާލަމުން ދިޔައީ މެޝިނާއި އޭގައިވީ ހޮޅިތަކުގެ ބާރުގައެވެ. ސިކުނޑީގެ ބުޑަށް ޖެހުނު ސްޓްރޯކަކަށް ފަހު އެ އޮތީ ސިކުނޑިމަރުވެފައެވެ. ދިރުމަށް ވުރެ މަރާ ގާތުގައެވެ.
އޭސީގެ ގަދަ ފިންޏާއި މެންދަމުގެ ހިމޭން ފުސްކަމުގެ ތެރެއިން ހިނގާލާފައި ގޮސް ސައީރު ޖައްސާލީ ބައްޕަ ބާއްވާފައި އޮތް އެނދުކައިރީގައި ބަހައްޓާފައި ހުރި ގޮނޑިއެއްގައެވެ. އެއާއެކު ހަރުފަތައް އަނެއްކާވެސް އީސާފިކުރީގެ ކަންފަތާއި ނޭފަތާއި އަނގަ ތެރެއިން ކުއްލިއަކަށް ނުކުމެ ސައީރާ ދިމާލަށް އެނބުރިގަތެވެ. ހީވަނީ ސައީރު ދީފާނެ ހަމަލާއަކުން އީސާފިކުރީ ސަލާމަތްކުރަން ހުސިޔާރުވެ ތިބިހެންނެވެ.
އެއީ ފަސް ހަރުފައެވެ. ނުވަތަ އަމިއްލަ އާއިލާއިން ސައީރު ބޭރުކޮށް ދިރިއުޅުމުގެ ހުރިހާ އުފަލެއް އޭނާ އަތުން ޖަހައި ވިހަލި އޭނާގެ އެއްބަނޑުއެއްބަފާ ފަސްބެއިންނެވެ.
ސައީރު ގޮނޑީގައި ހަމަޖެހިލުމުން އޭނާ އެތަނުން ނުދާނެކަން ހަރުފަތަކަށް ޔަގީންވެ އެ ސޮރުމެންގެ ތެރެއިން ފަހަރަކު އެއްޗެއް އީސާ ފިކުރީގެ ހަށިގަނޑު ތެރެއިން ދެމިގެން ބޭރަށް ނުކުމެ އެނދާއި އީސާފިކުރީގެ ހަށިގަނޑުމަތީގައި ރަނގަޅަށް ފެތުރިގަތެވެ. އެއީ ސިފައިން ހުތުރު، ފަލަ، ކަޅު ހަރުފަތަކެކެވެ.
ސައީރު ގޮނޑިން ތެދުވެ އެނދާ ގާތަށް ޖެހެން ފެށުމުން އެ ހަރުފަތައް ކުއްލިއަކަށް އެ ސޮރުމެންގެ އަނގަތައް ތަންމިނަށް ހުޅުވައި ދޫ ނެރެ ހިސް އަޑުން މުޅި ވޯޑުތެރެ ގުގުމާލިއެވެ. ނަމަވެސް ސައީރު ދިއްކޮށްލި ދެ އަތުގެ ނިޔަފަތިތަކުގައިވީ ލައްތަކާއި އޭގެ ކުރެހުންތައް ފެނުމާ އެކު އެ ސޫފިތައް ވަގުތުން މައިތިރިވެ ހަމަބިމަށް ތިރިވެއްޖެއެވެ. އެނދުން ފުންމާލައިގެން ގޮސް ބިންމަތީގައި ޖެހުނު ގޮތަށް، ޖެހުނު ތަނަށް ގެއްލިއްޖެއެވެ.
ގޮނޑީގައި ނިދިޖެހިފައި އޮތް ސައީރަށް ހޭލެވުނީ މީހުން ހެލިފެލިވެ އަޑުގަދަކޮށް ވާހަކަ ދައްކާ އަޑަށެވެ. ފުންމައިގެން ތެދުވިއިރު ޑޮކްޓަރުންނާއި ނަރުހުންގެ ހައެއްކަ މީހަކު އެނދުކައިރީގައި ތިއްބެވެ. އޭރު އީސާފިކުރީ ތެދުވެ ދެ ފައި ވައްޓާލައިގެން ހަމަޖެހިލައިގެން އެނދުމަތީގައި އިށީނދެ އިނެވެ. ސައީރުއާ ދިމާލަށް ބަލަހައްޓައިގެން ހެވި ދިއްލިފައެވެ. މެޝިނާއި އޭގެ ހޮޅިތައް ނައްޓައި އަމިއްލަ މީހާގެ ގަދަފަދަކަންމަތީގައެވެ.
"އަހަރެން މިތަނަށް ގެނުވީ ކީއްކުރަން ހެއްޔެވެ؟"
"އަހަރެންގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟"
"އަހަރެން މިއީ އަމުދަކުން ކާކު ހެއްޔެވެ؟"
މި ހިޔާލުތައް ބޮލު ތެރޭގައި އެނބުރިގަތް ވަގުތު ސައީރަށް ބަލައިލެވުނީ އޭނާގެ ދެ އަތުގައިވީ ނިޔަފަތިތަކަށެވެ. އޭގައިވީ ލައްތަކަށެވެ.



