ޔަތީމު ކުއްޖެއްގެ ގޮތުގައިވީ އީސާފިކުރީ އަށް ފެރިދޫގައި ބޯހިޔާވަހިކަމެއް ދޭނެ މީހަކުނުވި ސަބަބު ވަރަށް ވެސް ސާފެއެވެ. ހާންތިވެ ރަތްދަކަ ހޫނުގައި އަނދައި ބިތްޖެހިފައިވީއިރު ވެސް އޭނާ އަށް ކާއެތިކޮޅެއް ދިއްކޮށްލާނެ މީހަކު ވެސް އެ ރަށުގައި ނުވި ސަބަބު ވަރަށް ސާފެވެ. ފެންފޮދެއްހާތާ ވެސް ދިއްކޮށްލާކަށް މީހަކަށް ނުކެރުނެވެ. – އީސާފިކުރީ ހަރާފާއަކަށްވީމައެވެ.
ނެތިމޮށޭ މީހުންނާއި ދެބައޮޑުވާ މީހުން ރަށުގެ ހޮޅުއަށިތަކުގައި ކިޔައިދިން އެންމެ ޝައުގުވެރިކުރުވަނިވި އަދި އެންމެ ބިރުވެރި ވާހަކައަކީ ވެސް މިއެވެ.
"ޔަތީމަކަށް އޭނާވީވެސް އަމިއްލަ ބަފާ ކޮށައި ކުދިކޮށްލައިގެންނެވެ."
"އަމަޔާ ދެ މީހުންވެގެން އޭނަ ކާލީއެވެ."
"އަދި އަމަޔާ ވެސް މޮށެނީ އެއްވެސް ލަދެއް ހަޔާތެއް ނެތިއެވެ."
"ހެއްދެވި ފަރާތަކަށް އެއްވެސް ޖެހިލުމެއް، ބިރުވެރިވުމެއް ނެތިއެވެ."
"އިރުއޮއްސުމަށް ފަހު އެގޭތެރެއިން އިވެނީ އެ އަމާގެ ރުއިމުގެ ހުތުރު އަޑާއި މީހަކު ތުނބުންފުމޭ އަޑެވެ."
"އޭނާ އަކީ މި ރަށަށް ޖެހިފައިވާ ސުންޕާވެރިކަމެކެވެ."
"އެއީ ސުންޕާވެގެންވީ ނަސްލަކާއި މުޑުދާރުވެގެންވީ ދަރިކޮޅެކެވެ."
އީސާފިކުރީގެ ދަރިކޮޅު މި ރާއްޖެ އަށް ފެތުރިގެން އައީ ބަޒްބާން ހަރާފާ ނަމަކަށް ކިޔުނު ބަބުރުކަރައިގެ އަޅެއްގެ ސަބަބުންނެވެ. ހަތަރެސްފައިގައި ކުރު ކެހެރި ފެޅި، މި އަޅުކަލޭގެ އަކީ ބަބުރުކަރައިގެ ހިސާބެއް ކަމުގައިވާ ހަލީޖުލް ބަރުބަރީގެ މަޝްހޫރު ބަރުބަރާ ބާޒާރުން ބައްލަވައިގެން ކަސްތޮޅުގައި މާލޭގެ ރަސްގަނޑުވަރަށް ގެންދެވުނު އަޅެކެވެ. – ބަޒްބާން ހަރާފާ އަކީ އޭނާގެ ކިބައިގައި އާދަޔާހިލާފު ބާރުތަކެއްވީ އަޅެއް ކަމަށް ގަބޫލުކުރެވިގެންނެވެ.
އެއީ އައް ސުލްތާނު މުހައްމަދު މުއީނުއްދީނުގެ ތަހުތެވެ. މީލާދީ ސަނަތުން 1800 ވަނަ އަހަރެވެ. މީގެ 223 އަހަރު ކުރިއެވެ.
ބަޒްބާން ހަރާފާ ގަނޑުވަރަށް ގެންދެވުމުން މުއީނުއްދީނުގެ އަމުރުފުޅަށް މި އަޅުކަލޭގެއާ މެދު ކަންތައް ކުރެވިގެންދިޔައީ ވަރަށް ވެސް މާތް ދަރަޖައެއްގައެވެ. ބޭރުން ވަޑައިގަންނަވާ އިއްޒަތްތެރިޔަކަށް ވެސް ނާރުވާ އިއްޒަތެވެ. ލައްޒަތެވެ. ސަބަބަކަށްވީ، ބަލި އެނދުގައި އޭރު ހިރިނުލެވި އޮތް އަނބިކަނބަލުންނަށް ކުރިމަތިވެފައިވީ އާލާސްކަންފުޅުން އެކަމަނާ މިންޖުކުރެއްވުމަށް މި ބަބުރުކަރައިގެ އަޅުކަލޭގެ ކިބައިގައިވީ ހުރިހާ ބާރަކަށް ރަދުން އޭރު ދަހިވެތިވެ ވަޑައިގެންފައިވުމެވެ.
އޭގެ ހަ ހުކުރު ފަހުން އަނބިކަނބަލުން އެ އާލާސްކަންފުޅުން ފަސޭހަވެ ތެދުވެވަޑައިގަތުންވީ ކީރިތި މަހާ ރަދުން އަޖާއިބުން އަޖާއިބުކޮށް އަންތަރީސްކޮށްލި ކަމަކަށެވެ. އަދި މި ބަބުރުކަލޭގެ ކިބައިގައިވީ ހަގީގަތާއި ބާރުތައް ލިބިގަތުމަށް ހިތުގައި ނުހަނު ބޮޑު ޝައުގުވެރިކަމެއް އުފެއްދި ކަމަކަށެވެ. ވަކިން ހާއްސަކޮށް އެ ބާރުގެ ބޭނުން ތަހުތާއި ޝާނާއި ޝައުކަތު ދެމެހެއްޓުމަށް އުފެދުނު ދަހިވެތިކަމެވެ.
ނަމަވެސް އުއްމީދުކުރި ގޮތަށް ކަންތައް ނުވެ އުޅެނިކޮށް ރަދުންގެ ކަންފަތާ ހަމަ އަށް ގަނޑުވަރު ތެރެއިން ދެން ލިބުނު ޚަބަރުވީ ހިތި ހަބަރަށް ވުރެ ވެސް ގަދަ ހިއްޗަކަށެވެ. އަނބިކަނބަލުންގެ ހަށިގަނޑު ވައުކޮށްލި ހަސަދަ އާއި ވިހައަށް ވުރެން ވެސް ނުބައި ވިހައަކަށެވެ.
"އެ ބަބުރުކަލޭގެ އާއި ދޮންކަނބާ މޮށެން ފަށައިފިއެވެ."
"ގަނޑުވަރުގެ ރަންދާން އެކުގައި މުޑުދާރުކޮށްލައިފިއެވެ."
މި ޚަބަރު ލިބުނުތާ ހަ ގަޑިއިރު ވެސް ނުވަނީސް ލޭގެ ދަރުބާރަށް ބަޒްބާން ހަރާފާ ހާޒިރުކުރެވި، މުޅި ގައިގައި ކަފަބަނދެ، އެކަލޭގެ ތެލުން ތެންމައި ފޯކުރުމަށް ފަހު ބޯބުރިކޮށް އަންދާލެވުނީއެވެ. ހަ ހަފުތާ ފަހުން ދެން ލިބުނު ޚަބަރަކީ އެ އަޅުކަލޭގެ ދަރިއަކަށް ދޮންކަނބާ ބަލިވެ އިން ޚަބަރެވެ. މިކަން ވެގެން ދިޔައީ ވަރަށް ލަދުވެތި އަދި އިއްޒަތާއިގަދަރު ވެއްޔާއި މޮޑިގެން ދިޔަ ކަމަކަށެވެ. އަދި ރަދުންނަށް ގަބޫލުކުރެވުނީ އެއީ މާއްދީ ތައައްސުބަށް ގޮސް ގެއްލުމުން ކުރިމަތިވި ބަލާއާފާތެއް ކަމަށެވެ.
ދޮންކަނބާގެ މުޑުދާރު އަމަލު ގަނޑުވަރު ތެރޭގައި އޮތީ އެއްކޮށް ސިއްރުކޮށްފައެވެ. އެ ހަރާން ދަރި ވައްޓާލަން ނުކުރާކަށް ބޭހެއް އަދި ނުކިޔަވާކަށް ކިޔެވެއްޔެއް ނެތެވެ. ނަމަވެސް ކޯފާއިން މިންޖުކުރައްވާނީ ވެސް އެ ކޯފާއެއް ކުރިމަތިކުރައްވަވާ ފަރާތަކުން ނޫން ތޯއެވެ؟
ހަރާން އައުލާދު މި ދުނިޔެ އަށް ދޫކޮށްފައި ދޮންކަނބާ ދުނިޔެ އަޅައިދިޔައީއެވެ. އެކަންވީ ހަގީގަތުގައި ވެސް ރަދުންގެ ހިތަށް ލިބުނު ފިނިކަމަކަށެވެ. އަދި އަމުރުކުރެއްވީ އެ އައުލާދު ވެސް ގަތުލުކުރެއްވުމަށެވެ. ގެންގޮސް ކަނޑުފައްތާލުމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރަން ހަވާލުކުރި މީހާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ރަހުމެއް އުފެދުނީއެވެ. ކަތިލައި ކަނޑު ފެއްތުމުގެ ބަދަލުގައި އެ ބަބުރު އައުލާދު ގެންގޮސް އެއްލައިލެވުނީ އއ. އަތޮޅުގައި އޮތް ފަޅުރަށަކަށެވެ.
ބަޒްބާން ހަރާފާގެ ވާހަކަ ނިމި އޭނާގެ ފިރިހެން އައުލާދުން އާ ދަރިކޮޅަކާއި މުޅިން އައު ބާރެއް އުފެދި ފެތުރިގަތް ޒަމާން ފެށުނު ހިސާބަކީ މިއެވެ. އެ ދަރިކޮޅު މަޝްހޫރުވެގެން އައީ ބަބުރުހަރާފާ ދަރިކޮޅުގެ ގޮތުގައެވެ. ފަހުން އައިސް ކިޔަން ފެށީ ހަރާފާއެވެ.
"އެއީ ނުބައިވެގެންވީ އާދަޔާހިލާފު ބާރެކެވެ."
"އެއީކީ އާދަމުގެ ދަރިއެއް ނޫނެވެ."
އައްޑޫ އަތޮޅުން އައި ޔޫނާނީ ބޭސްވެރިޔާ، އީސާފިކުރީ މަގުމަތިން ފެނިގެން ސުވާލުކުރުމުން ފެރިދޫގެ ގަދަރުވެރި ބޮޑަކު ދިން ޖަވާބަކީ މިއެވެ. އެކަމަކު އެ ހަގީގަތް ގަބޫލުކުރުމުގެ ބަދަލުގައި ފަންޑިތަވެރިޔާގެ ބޮލަށް ވަނީ މުޅިން އެހެން ހިޔާލެކެވެ.
"އެހެންކަމުގައި ވަނީ ނަމަ ކަލޭ ތިޔައީ އަހަރެން ބޭނުންވެގެން އުޅޭ އާދަޔާހިލާފު ބާރެވެ."
"ނުވަތަ އަހަންނަށް އެ ހުރިހާ އާދަޔާހިލާފު ބާރެއް ގެނެސްދޭނެ ބާރެވެ."
އެކަމަކު އީސާފިކުރީވީ ސުންޕާވެރި ކަމަކަށެވެ. ފެރިދޫ މީހުން ލަފާކުރި ގޮތަށެވެ. ބުނިގޮތަށެވެ. ފަންޑިތަބެއްޔާގެ ހަށިގަނޑު ފެނުނުއިރު އޭނާގެ ހިތެއް ވެސް ނެތެވެ. މީހުން ބުނާ ގޮތުން ނަމަ އީސާފިކުރީ އެ ހިތް ކަނޑައިގެން ނަގައި ރޮލާ ކާލީއެވެ.
އޭގެ އެތައް އަހަރެއް ފަހުން ހަމަ އެ ތަރުތީބެވެ. މަރުވެގެން ހިނަވައި ކަފުންކުރިއިރު އީސާފިކުރީގެ ހިތެއް ވެސް ނެތެވެ. އަދި މަރީނާ ހިނަވައި ކަފުންކުރި މީހުން ބުނާ ގޮތުން ނަމަ އެ އަންހެނާގެ ހިތް ވެސް ވަނީ ކަނޑައިގެން ނަގައިފައެވެ. ބައެއް މީހުން ބުނާ ގޮތުން ނަމަ އެއީ ފަންޑިތަ ސިހުރާ ގުޅިފައިވާ ކަމެކެވެ.
ސައީރުގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. އޭނާ އެ އޮތީ އަދިވެސް ކޮޓަރީގެ އެނދުމަތީގައެވެ. ފުންމައިގެން އައިސް އޭނާގެ ދެ އަތުގައި އަނެއްކާވެސް ހިފީ ދޮންބެއެވެ. އެއީ ރުހާފު އީސާފިކުރީއެވެ. އޭނަގެ ލޭގައިވީ ހޫނައި އަތުގައިވީ ބާރާއި ލޮލުގައިވީ މާނަ ދޭ އިންޒާރު ވަރަށް ވެސް ސާފެވެ.
"އަހަރެމެން މިއީ ހުރާފާއިންނެވެ."
"ކަލޭ ތިއީ ކާކު ހެއްޔެވެ؟"
ސައީރު އޭނާގެ ދެ އަތް އަނެއްކާވެސް ގަޔާ ދިމާލަށް ދަމައިގަތެވެ. އެއަށް ފަހު އޮވެވުނީ ލޯކުރިމަތިން ފެންނަމުން ދިޔަ މޫނުތަކާ ދިމާލަށް ބަލަހައްޓައިގެންނެވެ. – ރުހާފު އާއި ފާރިހު އަދި ހަރީފު އާއި ރަފްހާ އާއި ފަރީހާއެވެ.
ސައީރަށް އޮވެވުނީ ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރަން ބޭނުންނުވެފައެވެ. އެކަމަކު ކޮޓަރި ތެރޭގައި އޭނާއާ ދިމާލަށް ބަލަހައްޓައިގެން، ގްރޫޕު ހަދާލައިގެން އައިސް އެ ތިބީ އޭނާގެ އެއްބަނޑުއެއްބަފާ ފަސް ބެއިންނެވެ. އެތައް އަހަރެއް ފަހުން އެ މޫނުތައް އަލުން ފެނުމުން އަނެއްކާވެސް އާވެގަތީ ކުޑައިރުގެ ހިތި ހަނދާންތަކެވެ. ހީވަނީ ބައްޕަގެ އެތިފަހަރެއްގައި ސައީރު ބިން މައްޗަށް ދަންމާލާފައި އޮތްއިރު އޭނާގެ ތިން ބޭބެ އާއި ދެ ދައްތަ އެތަން ބަލަން ކައިރިއަށް އައިސް އޭނާ ވަށާލައިގެން ތިބެ ދިމާކޮށް މަލާމާތްކުރާ ހެންނެވެ.
އޭރު ވެސް ސައީރުއާ އެންމެ ޖައްސާލައިގެން އުޅުނީ އެންމެ ދޮށީ ބޭބެއެވެ. މިހާރު ވެސް އޭނާއާ އެންމެ ގާތަށް ޖެހި ސައީރުއާ ދިމާލަށް ބަލަހައްޓައިގެން، ނުލަފާ ލާނެތް ހިންޏެއް އައިސް އެހެރީ އޭނާއެވެ. ރުހާފެވެ.
އެކަމަކު ރުހާފު ކޮށައި ކުދިކޮށްގެން ގޮސް ކަށިކެޔޮވަލުގައި މަންމަ އޭނާ ވަޅުލީ ސައީރުގެ ލޯކުރިމަތީގައެވެ. އެތައް އަހަރެއްވެފައިވިޔަސް އަދިވެސް ހަނދާނުން ފިލައިގެން ނުދާ އެންމެ ބިރުވެރި އެއް މަންޒަރަކީ އެއީއެވެ. ނުވަތަ އަނެއްކާ ސައީރަށް އެ މަންޒަރު ފެނުނު ގޮތާއި އޭނާގެ ހަނދާނުގައި ހަރުލާފައިވާ ގޮތް ތަފާތުވީ ހެއްޔެވެ؟ އެ ހަނދާން ތަގައްޔަރުވެ އޭނާ އަށް ނުބައި މަންޒަރެއް ދެއްކީ ހެއްޔެވެ؟ ވަސްވާހުން ހިޔާލާއި ފިކުރާއި ހަނދާން އޮޅުންބޮޅުންވީ ހެއްޔެވެ؟
އަސްލު ގާތިލަކީ ކާކު ހެއްޔެވެ؟ ސައީރު ގޮވައިގެން ގޮސް ކަށިކެޔޮވަލުގައި މަންމަ އެ ދުވަހު ވަޅުލީ ކާކުގެ ހަށިގަނޑެއް ހެއްޔެވެ؟ އެއީ ރުހާފު ކަމުގައި ނުވާ ނަމަ ދެން އެއީ ކާކުގެ ހަށިގަނޑެއް ހެއްޔެވެ؟
"އަނެއްކާ އެއީ މަންމަގެ ހަށިގަނޑު ހެއްޔެވެ؟"
"އަދި އެތަނުގައި މަންމަ ވަޅުލައި ފަސްޖެހީ ރުހާފު ހެއްޔެވެ؟"
"އެހެންވީމަ ވަރަށް ސާފެވެ. އެއީ ރުހާފެވެ."
"ގާތިލަކީ ރުހާފެވެ."
"ނޫނެކެވެ. އެ ހުރިހާ ކަމެއް ކުރީ އަހަރެންގެ އަމިއްލަ މި ދެ އަތުންނެވެ."
ސައީރު އަނެއްކާވެސް ބިރުން ތެޅިގަތެވެ. ބޭއިހުތިޔާރުގައި، އަމިއްލަ އެއްވެސް ބާރެއް ނެތިއެވެ. އަދި އެކަން އިހުސާސުވެ ލަދުގަނެ އިސް ޖަހައިލެވުނެވެ. ދެ އަތާ ދިމާލަށް ބަލައިލެވުނެވެ. އޭނާގެ ދެ އަތަށް ގުޅާފައިވާ ހޮޅިތަކާއި މެޝިންތަކާ ދިމާލަށް ބަލައިލެވުނެވެ.
ދެން ތިބި ފަސް ބެއިންގެ އެއްވެސް ޝައުގުވެރިކަމެއް ނުވަތަ ސަމާލުކަމެއް ވެސް ސައީރަކަށް މިހާރަކު ނެތެވެ. އެމީހުން ގޮސް ތިބީ ކޮޓަރީގެ ކުޑަދޮރު ކައިރީގައި މަޑުކޮށްލައިގެން އެމީހުންގެ އަމިއްލަ، އޮލަ ވާހަކައެއްގައެވެ. އިތުރު ބަޔަކު އަދި މި ކޮޓަރިއަށް އަންނަން ދެން މަޑުކޮށްލައިގެންނެވެ. ނުވަތަ އަނެއްކާވެސް ނުބައި ކޮންމެވެސް ރޭވުމެއް ރާވަނީއެވެ. ނުވަތަ މިއީ ހަމަ ހުސް ސައީރަށް ހީވާހީވުމެވެ. އަމިއްލަ ދެ އަތުން ހިންގާފައިވާ ޖަރީމާތަކުގެ ތުހުމަތު އެހެން މީހުންގެ ބޮލުގައި އަޅުވާނެ ގޮތެއް ނޭނގިގެން އޭނާގެ ސިކުނޑި އަބަދުވެސް އުފައްދާހާ ހިޔާލެވެ.
"މަރީނާ މަރާލީ ސީދާ މަގޭ މި ދެ އަތުންނެވެ."



