ކޮންތަނަކުން އައި ހިތްވަރެއްކަމެއް ނޭނގެއެވެ. ފަޒްލީގެ އެންމެ ރީތި ފޮޓޯ ވީދާލާން އަފްޒަލަށް ކެރިއްޖެއެވެ. އެ ހިތްވަރު ލިބިއްޖެއެވެ. ދެން އަފްޒަލް ބޭނުންވީ ފަޒްލީއަށް ގުޅާށެވެ. ހިތުގައިވާ ހުރިހާ އަލިފާންތަކެއް ބޭރުކޮށްލަން އަފްޒަލް ބޭނުމެވެ. ފޯނާ ހަމައަށް ދިޔަ ވަގުތު ފޯނެއް އައެވެ.
”ހަލޯ! އަފޫތަ؟ ކޮބާ ކިހިނެއް ކިހިނެއް؟“ ގުޅީ ޢުމަރެވެ.
”މި ވަގުތު އިހަށް ބާއްވާ! ތަނަކަށް ގުޅާލަންވެގެން މި އުޅެނީ.“ އަފްޒަލްގެ އަޑު ތުރުތުރުއަޅައެވެ.
ޢުމަރުގެ ބޮލުގައި ރިއްސައިލިއެވެ. އަފްޒަލް ހުރީ ހަމަހެޔަކު ނޫނެވެ. ޢުމަރަށް އެ ކަން އެނގުނެވެ. ޢުމަރު މަސައްކަތް ފެށީ އެކުވެރިޔާ ފިނިކުރެވޭތޯއެވެ. އުންމީދެއް ނެތަސް ވެހެވެ.
”ފަޒްލީޔާ ގުޅަންތަ ތި އުޅެނީ؟ ގޯހެއް ނުހަދައްޗޭ! ފީކަޅާ ފިޔަވަޅެއް ނާޅައްޗޭ!“
”އަހަރެން ބޭނުންވަނީ ބަވާލަން! އެ ކަމަކަށް މާ ފަށުވި ބަސްތަކެއް ނުހުންނާނެ!“ އަފްޒަލް ބުންޏެވެ.
”އަފޫ އަފޫ! ތީ ކެރުމެއް ނޫނޭ! ކެރުމަކީ ހަގީގަތް ގަބޫލު ކުރެވޭހާ ގަޓް ހުރުން. ނަސީބެއްނު މަށަށް މި ވަގުތު ގުޅުނުކަން. ބުނަން ވާހަކައެއް! ހަގީގަތާ ކުރިމަތިލާ!“ ޢުމަރު އެދުނެވެ.
އަފްޒަލަށް ހީވީ އެހެން އެއްޗެކެވެ. ނެގުނީ އެހެން މާނައެކެވެ.
”ތި ކަމާއޭ މި އުޅެނީ. ހިތަށްއަރާހާ ގޮތެއް އަހަންނަކަށް ނުހެދޭނެކަން ފަޒީއަށް އިހުސާސް ކުރުވާނަން.“
”އަފްޒަލް! ބިޔަ ގަސްގަހަކީ ހިޔާދޭން ކަމުދާ އެއްޗެއް. މޭވާ އަޅަންޏާ މީހުން އެ މޭވާ ވެސް ބޭނުންކުރާނެ. އެކަމަކު ގަސް ހުންނަންޖެހޭނީ ވާރެޔާ އަވީގަ. ގަސް ކަނޑާލާ، ރީތި ބައްޓަންތަކަށް ކޮށާ މަށައިގެން ނޫނީ، ހިތްގައިމު ގޭގެތަކަކަށް ގަހަކަށް ނުވަދެވޭނެ. މީހުންގެ ސަމާލުކަމެއް ވެސް ނުހޯދޭނެ. އަފޫ ތި މަސައްކަތް ކުރަނީ ވަރަށް ރީތި އަންހެންކުއްޖެއްގެ ޝައުގުވެރިކަން ހޯދަން.“ ޢުމަރު ވިސްނައިދިނެވެ.
”ތީ ވަރަށް ހެއްވާ ވާހަކައެއް. އަހަރެންގެ ސިފަ އަހަންނަށް ބަދަލުކުރެވޭތަ؟“ އަފްޒަލް އެހިއެވެ.
”އާނ! އަފްޒަލަށް އެ ކަން ކުރެވިދާނެ. އެއީ އެއްވެސް ކަމެއް ނޫން. ދެ ގޮތް އެބަ އޮތް. އެހާ ހިތްމޮޅު ކުދިން މަތިން ހަނދާން ނައްތާލުމަކީ އެއްގޮތް. މުޅިން އެހެން ސިފައެއްގަ މުސްތަގުބަލާ ކުރިމަތިލުމަކީ އަނެއް ގޮތް.“
ޢުމަރު ފޯނު ބޭއްވުމުން، އަފްޒަލް ވިސްނިއެވެ. އެހިޔާލުތަކަށް ތާއީދުކުރާކަށް އަފްޒަލް ބޭނުމެއް ނޫނެވެ. އެކަމަކު، އެ ނޫން ގޮތެއް އަފްޒަލަކަށް ނުވިސްނުނެވެ. އެންމެފަހުން ފަޒްލީއާ ގުޅިއެވެ. ނެގެޓިވްތައް ލިބިފައި ވުމާ އެކު، ފަޒްލީ ވާހަކަދެއްކީ ހިތުގެ އަޑިންނެވެ.
”މި ވަގުތު ވަރަށް ބިޒީ!“ ވަގުތަކީ ފިހާރައިގައި މީހުން ގިނަ ވަގުތެކެވެ.
އަފްޒަލް ފޯނު ބާއްވާފައި ފަހުން ގުޅިއެވެ. އޭރު ވެސް އަފްޒަލްގެ ރުޅިގަނޑެއް މައިތިރިއެއް ނުވެއެވެ.
”އަދިވެސް ބިޒީތަ؟“ އަފްޒަލް އެހިއެވެ.
”އުހުނ! އެކަމަކު އަހަރެން ބޭނުމެއް ނޫން ވާހަކަ ދައްކާކަށް.“ އޭރު ނޫމާއާއި ރިޝްފާ ވެސް ގާތުގައި ތިއްބެވެ. އަފްޒަލް ހަޅޭއްލަވައިގަތެވެ.
”ކީއްވެތަ ތިހެން ބުނަން ނުކެރިގެން ތި އުޅެނީ؟ މަކަރުހަދަން ކެރޭ! ތެދު ހަދާކަށް ނުކެރޭ!“
”ކުރިން ބިޒީވީމަ ބުނީ ބިޒީއޭ! މިހާރު ވާހަކަ ދައްކަން ބޭނުން ނުވާތީ ބޭނުމެއް ނޫނޭ މި ބުނީ.“ ފަޒްލީ ހުރީ ސަންޖޭ ނުލިބުމުން ހިތްހަމަނުޖެހިފައެވެ.
”ދެން ކީއްކުރަން މަށަށް އޮޅުވާލީ؟“ އަފްޒަލް އެހިއެވެ.
”ތެދަށް ބުނަން؟ އަހަރެން ބޭނުންވީ ނެގެޓިވްތައް. އެ ނުލިބޭތީ އަފްޒަލް ހައްދަން މަޖުބޫރުވީ.“
”އަހަރެން ހިއެއް ނުކުރަން ތީ ތިހާ އަމިއްލަ އެދުން ބޮޑު މީހެއް ކަމަކަށް.“ ރުޅި ކޮންޓުރޯލު ކުރެވޭތޯ އަފްޒަލް މަސައްކަތްކުރިއެވެ.
”އެއީ އަހަރެން ކުރާނެ ކަމެއް ނޫން. އެއިން ވެސް އެނގެނީ ތިމާގެ ގަމާރުކަން. އަހަރެން ފުރަތަމަ ހިތަށްއެރީ ތީ ރަހުމަތްތެރިއެކޭ. ތި ކަހަލަ މީހެއްދެކެ އަހަރެން ލޯބިވާނެތަ؟ އަހަރުމެންގެ ގޭ ކައިރީގަ ހުރި ހޮޓަލެއްގަ އުޅޭނެ ތި ކަހަލަ ކައްކާއެއް،“ ފަޒްލީ ހީނގެންފައި ވާހަކަ ކުރިޔަށް ގެންދިޔައެވެ. ”އަހަރެންގެ ރަނގަޅުކަމުން ކަލޭ މި ތަނަށް އައި ދުވަހު ފަހައިނުގަތީ ވެސް. އެންމެން އަހަންނާ ދިމާކުރި. އެކަމަކު ތި ކަހަލަ މީހެއްގެ އަތުގަ އަހަރެންގެ ނެގެޓިވްތަކެއް ހުރީމަ މަޖުބޫރުވެގެން ވާހަކަ ދެއްކީ.“
”ހަމައެކަނި އަމިއްލަ އެދުން ބޮޑީކީ ނޫން. ތީ ގޮތެއް ނެތް ލަދެއްނެތް..“ އަފްޒަލަށް ބުނެވުނީ އެ ހިސާބަށެވެ.
”އޭއޭ! މަ މީ ކަލޭގެ ބިޓެއް ނޫން. އަހަރެން ނުޖެހޭނެ ތި ރީތި ބަސްތައް އަޑުއަހަން ހުންނާކަށް. މަގޭ ބޭނުން ފުދިއްޖެ! އެކުގަ ހިނގާއިރު ބަލާ މީހުނަށް އައިބުނުވާ ވަރުގެ ކުއްޖެއް ހޯދަން ދުވޭ އަވަހަށް.“ ފަޒްލީ ފޯނު ބޭއްވިއެވެ.
އަފްޒަލް އެންމެ ދެރަވި ވަގުތަކީ އެއީއެވެ. އެކަމަކު އަތުން ފައިން ގޯހެއް ނުހަދައެވެ. ލޯތްބަކީ އަފްޒަލަށް އާ އެއްޗެއް ނޫނެވެ. ހިތްދަތިކަމަކީ އަފްޒަލް ދެކެފައިނުވާ ރަހައެއް ނޫނެވެ. މާޔޫސްވުމުގެ ބަދަލުގައި އަފްޒަލްގެ ޢަޒުމް އާވިއެވެ. ފަޒްލީ ހާސިލުކުރުމުގެ އާ ހިތްވަރެއް ލިބުނެވެ.
”އަހަންނަށް ފަޒީ ނުލިބުނިއްޔާ އެހެން މީހަކަށް ވެސް ލިބުނަކަ ނުދޭނަން.“ އެއީ ހަމައެކަނި އަފްޒަލްގެ ހިތުގައިވާ ޖުމްލައެކެވެ.
ފޯނު ބޭއްވުމަށް ފަހު ފަޒްލީގެ ހިތްވަރާމެދު އެކުވެރިން ތައުރީފު ކުރިއެވެ. ސަލާންކޮށް ހެދިއެވެ.
”އެ ފަކީރަށް ރޮވިފަ ހުރީ. މަ ކުރާނީ ކީއް ދޯ؟ އަހަރެންމީ ރުމާލެއް ނަމަތާ ކަރުނަ ފުހެދޭނީ. ކީއްވެތަ މީހުން މާ ހިތްމައްޗަށް އަރަނީ؟“ ފަޒްލީ ބުންޏެވެ.
”އަހަރެން ހިތަށްއަރާ ފަޒްލީއާ އަފްޒަލަކީ ހާދަ ގުޅޭ ދެ ނަމޭ. ތި ދެމީހުން ގުޅުނު ނަމަ ކިހިނެއްބާއޭ ވާނީ؟ ގައިމު ވެސް ފަޒީގެ ހިތްހެޔޮ ކަމަށް ޓަކާ މީހުން އަޖައިބުވާނެ. ބުނާނެ ކިހާ ރަނގަޅު، ހިތްހެޔޮ، ތެދުވެރި ކުއްޖެއްހޭ ފަޒީއަކީ. އެފުރުސަތު ގެއްލުނީ!“ މަޖަލަކަށް ނޫމާ ބުންޏެވެ.
”މަވާ ސަލާމް! އަހަރެންމީ ތިހާ މާތް މީހެއް ނޫން.“ ފަޒްލީ ހެމުންހެމުން ބުންޏެވެ.
އެ ވަގުތު ފިހާރަޔަށް އައި މީހަކު ދިއްކޮށްލީ ސިޓީ އުރައެކެވެ. ފަހަރަކު އުރައެއް ދެމުން ގޮސް ތިން އުރަ ހަމަކުރިއެވެ. ރިޝްފާއަށާއި ފަޒްލީއަށާއި ނޫމާއަށެވެ. އެތެރެ ބަލައިލީ އެންމެން އެއްފަހަރާއެވެ. އެއީ ސަންޖޭގެ ކައިވެނީގެ ދައުވަތު ކާޑެވެ.
ފިހާރަޔަށް މީހުން ގިނަވި ވަގުތު ބަލައިފައި ފަޒްލީގެ ކާޑު ވީދައިލައިފައި ވަށިގަނޑަށް އަޅައިލިއެވެ. ވަރަށް ސިއްރުންނެވެ. ގައިމު ވެސް ފަޒްލީއެއް އެ ހަފުލާއަކަށް ނުދާނެއެވެ.
”ހަލޯ!“ ފޯނެއް އައުމުން ފަޒްލީ ޖަވާބު ދިނެވެ.
”ފަޒީ! ހާދަ ދެރަވެފައި ހުރިހެން ހީވެޔޭ.“ ފިރިހެން އަޑެއް ބުންޏެވެ.
”ކާކު ތީ؟“ ފަޒްލީގެ އެއްވެސް ޝައުގުވެރިކަމެއް ނެތެވެ.
”ސަންޖޭ!“ އެ މީހަކު ބުންޏެވެ.
އެއީ ދޮގެއްކަން ފަޒްލީއަށް ކަށަވަރެވެ. ސަންޖޭގެ އަޑެއް ފަޒްލީއަކަށް ނުއޮޅޭނެއެވެ. އެހެން ނަމަވެސް އެ މީހަކު އެހެން ބުނާނީ އެއްޗެއް އެނގިގެންނެވެ. އެހެންކަމާއެކު ފަޒްލީގެ ޝައުގުވެރިކަން ކުޑަކޮށް އިތުރުވިއެވެ.
”ތީ ސަންޖޭއެއް ނޫން. އެކަމަކު ކީއްވެ އެ ނަން ބުނަން އެނގުނީ؟“
”ކަމެއްވެގެންކަން ޔަގީން. ހީނުކުރާތި ވަށިގަނޑުގަ އޮތް ކާޑުގެ އެތިކޮޅުކޮޅު މަށަށް ފެނުނީއޭ. ގައިމު ވެސް އެޔެއް ނުފެނޭ. ވީދާލި ކަމެއް ވެސް މަށަކަށް ނޭނގޭ. އަހަނ ކީކޭ މި ބުނެވުނީ؟“ އެ މީހަކު ހޭން ފެށިއެވެ.
”އަހަރެން ގާތަކަށް ހިންޏެއްނާދޭ! ތިހެން ސިއްރުން ފާރަލާނީ ފިނޑިން. ފިރިހެނަކަށް ވެބަލަ! ނުކެރޭނެ ދޯ؟ އަހަރެން ދެކެ ބިރުގަންނަނީތާ؟“ އެއީ ކާކުކަން ހޯދަން ފަޒްލީ ވަރަށް ބޭނުމެވެ.
”ނަން ބުނަން ވެސް ފެންނަން ވެސް ކެރިދާނެ. އެކަމަކު މިހާރަކު ނޫން. ކުޑަކޮށް ދެކެ ފަރިތަވާން ޖެހޭނެ. ފަޒީ ބޭނުންވެއްޖިއްޔާ ސަންޖޭ ވެސް ހޯދައިދޭނަން. އަދި ވެސް ވަރަށް ގިނަ ކަންތައްތައް އަހަންނަށް ކޮށްދެވިދާނެ.“
ފަޒްލީ އެ ވާހަކަތަކެއް ގަބޫލެއް ނުކުރެއެވެ. އެހެން ނަމަވެސް އެއީ ބޭނުން ކަމެކެވެ.
”އެހެންތަ؟ ހާދަ ރަނގަޅޭ! އަހަރެން ކީއްކޮށްދޭން ޖެހޭނީ؟ އެދުމެއް ނެތި ވެދުމެއް ނުކުރާނެތާ!“
”ރަނގަޅަށް ތި ބުނީ! މީ އެ ކަހަލަ ދުނިޔެއެއް. އަހަރެންގެ ޝަރުތު ފަހަށް ބާއްވާ! މިރޭ މި ވަރު ރަނގަޅޭ. އަހަރެން އަދި ފަހުން ގުޅާނަން.“ އޭނަ ބުންޏެވެ.
އެ މީހަކު ފޯނު ބޭއްވިއެވެ. ފަޒްލީއަށް ވެގެން ވަންޏާ ހަމަ އެ ވަގުތު ހުރިހާ އެއްޗެއް އޮޅުންފިލުވަން ބޭނުމެވެ. އެހެން ނަމަވެސް އާދޭސް ކުރާކަށް ފަޒްލީ ބޭނުމެއް ނޫނެވެ. ފަހުން ވެސް ފަޒްލީ ވިސްނިއެވެ. ބަދަލުގައި އެ މީހަކު އެދެން އުޅެނީ ކޮންކަމެއްބާއެވެ؟
”ޔާޑްލީ ލިޕްސްޓިކު އެބަހުރިތަ؟“ އެ ވަގުތު މީހަކު އަހައިލިއެވެ.
މެރުން ކުލައަކީ، އުމޭދާއަށް އެންމެ ކަމުދާ ލިޕްސްޓިކެވެ. ވަރަށް ފަރުވާތެރިކަމާއެކު ލިޕްސްޓިކު ޖެއްސުމަށް ފަހު އެސްފިޔަތައް ދެވަނަ ފަހަރަށް ރީތިކޮށްލިއެވެ. މީހުންގެ ސަމާލުކަން އުމޭދާ ހޯދަނީ މޭކަޕުންނެވެ. އިތުރު ކުލަކުލައިންނެވެ. އެއްބަނޑު އެއްބަފާ ކަމުގައިވިޔަސް ދައްތަގެ ކިބައިގައި ހުރި ފަދަ އަޅައިގަންނަ ކަހަލަ ސިފައެއް އުމޭދާއަކަށް ލިބިފައެއް ނުވެއެވެ.
ހެދުމަށް ސެންޓު ޖެހުމަށް ފަހު ހިނގައިގަތްތަނާ ފަޒްލީ އައިސް ވަނެވެ.
”އުމޭ! ކޮންތާކަށް؟“
”ޕާޓީއަކަށް. އޭ! އަހަރެން އަޑުއެހިން އެއްކަލަ ސަންޖޭ މެރީކުރަން އުޅޭ ވާހަކަ. ދައްތައަށް މާ ރީތި މީހެއްނު އެއީ. ދެރައެއް ނުވޭތަ؟“ އުމޭދާއަކަށް ހަގީގަތެއް ނޭނގެއެވެ.
”މިހާރު އޭނަ މުޅިން ހުތުރުވެއްޖެ! އެއީ މާ ކުރީގެ ކަމެއް.“ ފަޒްލީ ދޮގެއް ހަދައިލިއެވެ.
”އެނގޭތަ! އެއްކަލަ އައިންތުގެ ވެޑިންޕާޓީއަށޭ ދާން މި އުޅެނީ.“ އުމޭދާ ބުންޏެވެ.
”ބެސްޓު ފްރެންޑު މީހަކާ އިންއިރު ވެސް އުމޭ ތި ހުންނަނީ ބިޓެއް ވެސް ނުހޯދާ!“
”ދައްތަ ވެސް ތި ހުންނަނީ ވިއްޔަ! އަހަރެން މީ ދެވަނަ.“ ރައްދުގައި އުމޭދާ ބުންޏެވެ.
”ތިހެންވީއިރު ތިހެން ހުރެހުރެ މުސްކުޅިވާނީ. އަހަންނަށް ކަމުދާ، ރީތި މީހަކު އަދި ވެސް ނުފެނޭ.“
ދެބެންގެ ހިޔާލު ވަރަށް ތަފާތެވެ. އާއިލާގައި ދެމީހުން ތަފާތުކުރާ ވަރަށް އެކަކު އަނެކަކަށް އޮންނަ ލޯބި ވެސް ތަފާތެވެ. ބައެއް ފަހަރު އެ ކަން ހާމަ ވެސް ވެގެންދެއެވެ.
”ދައްތަ މީހަކާ ނީންނަނީހެއް މަށެއް ނީންނާނަން. ރަނގަޅު މިޒާޖެއްގެ މީހެއް ނުވެސް ފެނޭވިއްޔަ! ދައްތައަކަށް ނުދެވޭނެތަ މި ރޭ މަށާ އެއްކޮށެއް؟ އެކަނިދާހިތެއް ނުވޭ!“
”އަހަރެންގެ ފޫބުޑުން އަބަދު އުޅެވޭތަ؟ އެހެންނުވާނީ! އަހަރެން ގާތުގަ ނެތިއްޔާ މީހަކު ބަލާ ވެސް ނުލާނެވިއްޔަ! އުމޭ ތީ އަހަރެންގެ ކޮއްކޮއެއް ކަމަށް މީހަކު ގަބޫލުކުރަނީ ހާދަވަރަކުންނޭ. އިހަށް ދުވަހަކު ވެސް އަހަރެންގެ ރައްޓެއްސަކާ ޖެހުނީ ބަހުސްކޮށް ހެކި ދައްކަން.“
ފަޒްލީ ވިސްނާލުމެއް ނެތި ބުނެލާ އެ ފަދަ އެއްޗެހިން އުމޭދާގެ ހިތަށް ތަދުވެއެވެ. އެހެން ނަމަވެސް އެ ކަހަލަ ކަންތައްތައް ކަމަކަށް ނަހަދައި ދޫކޮށްލަނީއެވެ. ދައްތަގެ މިޒާޖުގައި ހުންނަ ކަމެއް ކަމަށް ބަލައިފައެވެ.
”ދިމާކޮށްކޮށްފަ ވެސް މަށާ އެއްކޮށް ގޮސްދީބަލަ!“ އުމޭދާ ހުރީ ހިނިއައިސްފައެވެ.
”މި ރެޔަކު ނުދެވޭނެ. މި އައީ ފިލްމަކަށް އޯޑަރުދީފަ.“
އުމޭދާއަށް ޖެހުނީ ރައްޓެހި ކުއްޖެއްގެ އެހީ ހޯދާށެވެ. އެކަމަކު ހިތްބަރެއް ނުކުރެއެވެ. އެއީ އާދައެވެ.
މިޔުޒިކުގެ އަޑުން މާހައުލު އޮތީ ގުގުމައިފައެވެ. މީހުން ދައްކާ ވާހަކައާއި މިޔުޒިކު ވަނީ މަސްހުނިވެފައެވެ. އުމޭދާ ވަދެގެން ގޮސް ހަފުލާގެ ދެކަނބަލުންނާ ބައްދަލުކުރިއެވެ.
”އާދެވިއްޖެ ދޯ!“ ރަހުމަތްތެރިޔާ އެހިއެވެ.
”އަހަރެން ބުނީމެއްނު އަންނާނަމޭ!“ އުމޭދާ ހިނިތުންވެފައި ބުންޏެވެ.
”ދެން އޮތީ އުމޭގެ ޕާޓީއަށް އަހަރުމެން ދިޔުން.“ އެކުވެރިޔާ ވެސް ހިނިތުންވެލިއެވެ.
”އަދި މި އުޅެނީ މީހަކާ ދިމާ ވެސް ނުވެގެން. މި ތާނގަ އެބައުޅޭތަ ރަނގަޅު މީހެއް؟“ އުމޭދާ ސަމާސަކޮށްލިއެވެ.
”ދޭބަލަ އެތެރެއަށް! ފުނާއަޅާލަބަލަ! ހުވަފެނުގެ ރަސްގެފާނާ ދިމާވާނީ މި ރޭ ކަންނޭނގެ.“ އެކުވެރިޔާ ޖަވާބުދިނީ ވެސް ސަމާސަ މޫޑެއްގައެވެ.
”އައްސަލާމް އަލައިކުމް!“ އުމޭދާއަށް އަޑެއް އިވުނެވެ.
ތިން މީހުންނަށް އެކުގައި ބަލައިލެވުނެވެ. އުމޭދާގެ މެޔަށް ފިނިވެގެންދިޔައެވެ.
”އަހަނ! އަފޫ؟“ އިސްޙާޤު ސަލާންކޮށްލިއެވެ.
އަފްޒަލް ރައްޓެހީ ފިރިހެންކުއްޖާޔާއެވެ. އޭރު ވެސް އުމޭދާ ހުއްޓެވެ. ދާން ބޭނުންނުވެފައެވެ.
”މިހިރީ ޢައިޝާ. އަހަންނާ ގުޅޭތަ؟“ އިސްޙާޤު ލަފާ އެހިއެވެ.
”ހީވަނީ ޢަލިފުޅުގެ ހިޔަލަހެން.“ އަފްޒަލް ބުންޏެވެ.
”ތިހެންވިއްޔާ އަހަންނަކަށް މި ކައިވެންޏެއް ނުކުރެވޭނެތާ!“ އިސްޙާޤު އެހެން ބުނީ މަޖަލަކަށެވެ.
”ވެދާނެއެއްނު މީ މި ޒަމާނުގެ ހިޔަލަ ކަމަށް.“ ކައިރީގައި ހުރި އުމޭދާ އަމިއްލައަށް ވާހަކައިގެ ތެރެޔަށް ވަނެވެ.
އަފްޒަލް ހައިރާންވެފައި ބަލައިލިއެވެ. ނުދަންނަ ކުއްޖަކަށް ވާތީއެވެ. ފުރަތަމަ ފެނިފައި ވެސް އަފްޒަލަކަށް ޝައުގުވެރިއެއް ނުވެވުނެވެ. ކަމުދާ ސިފައެއް ވެސް ނެތެވެ.
”މީ ޢައިޝާގެ ރައްޓެއްސެއް.“ އިސްޙާޤު ތައާރަފު ކޮށްދިނެވެ.
”ނަން ވެސް ބުނެދޭންވާނެ. މަށަށް ކިޔަނީ އުމޭ!“ އުމޭދާ އިސްވެ ތައާރަފުވިއެވެ.
ހީކުރިގޮތެއް ނުވިއެވެ. އަފްޒަލްގެ ނަމެއް އަފްޒަލް ނުބުންޏެވެ. ހަމައެކަނި ހިނިތުންވެ ބޯޖަހާލާފައި އަނެއްކާ ވެސް އެނބުރުނީ އިސްޙާޤާ ދިމާއަށެވެ.
”ކޮބާތަ ކާ ސާމާނު. ގޮހޮރު ހީވަނީ ދިދައެއްހެން.“ އަފްޒަލް ބުންޏެވެ.
”އުމޭ ދޭބަލަ އަފޫ ގޮވައިގެން.“ އިސްޙާޤު އެދުނެވެ.
އަފްޒަލް ދިޔައީ ވިސްނާލުމަށް ފަހުގައެވެ. އަންހެންކުއްޖެއްގެ އެހީތެރިކަން ހޯދަން އަފްޒަލް ބޭނުން ނުވަނީއެވެ. އެހެން ނަމަވެސް އުމޭދާ ރަކިކޮށްލާކަށް ވެސް އަފްޒަލް ބޭނުމެއް ނޫނެވެ.
”އެއީތަ އަފޫއަކީ؟“ ޢައިޝާ އެހިއެވެ. ޢައިޝާ ހުރީ ކަންބޮޑުވެފައެވެ.
”އާނ! މައްސަލައަކީ ކޮބާ؟“ އިސްޙާޤު ހައިރާންވެފައި އެހިއެވެ.
ޢައިޝާ ދޫކޮށްލީ ފުން ނޭވައެކެވެ. ބޭނުންވާ ހުރިހާ ވާހަކައެއް ކިޔައިދޭން ވަގުތު ތަން ނުދޭތީއެވެ.
”އަހަރެން އަޑުއަހަން އޭނަގެ ވާހަކަ. ފާޑެއްގެ އުޅުމެއް ހުންނަ މީހެއް ދޯ އެއީ. އަބަދު ވެސް ފިރިހެނުންނާ އެކީގަ އުޅެނިކޮށް ފެންނާނީ. އަންހެންކުދިން ދެކެ މާ ރުޅިއަންނަ މީހެކޯ އެއީ ދޯ؟“ ޢައިޝާ ހުރީ އަނގަ ނުބައިވެފައެވެ.
”އާނ! ތިހެން ކިޔާ. އަހަރެން އެ ވާހަކަތަކެއް ގަބޫލެއް ނުކުރަން. އެއްވެސް ހެއްކެއް ވެސް ނުފެނޭ. ގޮތެއްހުރި ފިރިހެނެއްވިއްޔާ ފެންނަހާ ހިލޭ އަންހެނެއްގެ ރަހުމަތްތެރިޔަކަށް ނުވާނެ. މި ޒަމާނުގަ ނޯންނާނެ ސަލާމަތެއް. އަންހެނުންނާ ގައިގޯޅިވެގެން އުޅުނަސް ދުރުގައި އުޅުނަސް ވާނީ އެއްވަރު.“ އިސްޙާޤު ހިތްހަމައެއްނުޖެހުނެވެ.
ޢައިޝާ އަޖައިބުވިއެވެ. އިސްޙާޤާއި އަފްޒަލްގެ ގުޅުމާމެދު ސުވާލު އުފެދުނެވެ.
”އިސްޙާޤު ތި ވަރަށް ދިފާޢުކޮށްދޭންޖެހޭ ސަބަބެއް އެބައޮތްތަ؟“
”ސަބަބު ބުނެދޭންވީ؟ އަހަންނަކީ ވަރަށް ގިނައިން ކާމީހެއް. އުލުން ކަންޏާ ލަސްވެފަ މަދުން ކެވޭނީ.“ އަފްޒަލް ބުންޏެވެ.
އަލަށް ދުށް އަންހެންކުއްޖަކު މާ ގިނައިން ވާހަކަ ދައްކާތީ އަފްޒަލް އިނީ ހިތްހަމަނުޖެހިފައެވެ. އަފްޒަލާއި އުމޭދާ ތިބީ ޖެހިޖެހިގެންނެވެ. ސުވާލަކަށް ފަހު ސުވާލެއް އުމޭދާ އަހަމުން ގެންދެއެވެ. އެތަކެއް ދުވަހަކަށް ފަހު އުމޭދާ ގަޔާވާ މީހަކު ފެނުނީ އެ ރެއެވެ. އެފުރުސަތުގެ ބޭނުން އުމޭދާ ހިފިއެވެ. އަފްޒަލްގެ މޫނުން އުމޭދާގެ ދެލޯ ކައްސައެއްނުލައެވެ.
”ސަޓަނީގެ ލޮނު ތަންކޮޅެއް ގަދަ ދޯ؟ ހަނާކުރިމަސް އެޅިންތަ؟“ އުމޭދާ އެހިއެވެ.
”މަސް އެބަހުރިތަ؟“ އަފްޒަލް ވެސް އެހީ ސުވާލެކެވެ.
އަފްޒަލަށް މަސް ފެނިފައި ނުވާތީ އުމޭދާ ދިޔައީ މަސް ގެނެސްދޭށެވެ. ވަގުތު ބަލައިފައި އަފްޒަލް ފިލަން އުޅުނެވެ. އެއަށް ވުރެ އަވަހަށް އުމޭދާ އައެވެ. އަދި އަފްޒަލަށް މަސް އަޅައިދިނެވެ. އުމޭދާގެ ހެޔޮކަން އަފްޒަލަށް އެނގުނެވެ. އެހެން ނަމަވެސް އުމޭދާގެ ސިފަޔެއް އަފްޒަލަކަށް ރީއްޗެއް ނުވިއެވެ. އެ ހިނދު ފަޒްލީއަށް އަފްޒަލް ކަމުނުދިޔަ ގޮތް އަފްޒަލަށް އިހުސާސް ކުރެވުނެވެ. ސިފައަކީ ކިހާ މުހިންމު އެއްޗެއްކަން ގަބޫލުކުރަން މަޖުބޫރުވިއެވެ.
”ކީއްވެ ތި ބަލަނީ؟“ އުމޭދާ އިނީ އުފާވެފައެވެ.
އަފްޒަލްގެ ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ. އަފްޒަލަށް އޮޅުނު ގޮތަށް އުމޭދާއަށް ވެސް އޮޅުނީމައެވެ. ފަޒްލީގެ އެ ފަދަ ހިނިތުންވުމެއް އަފްޒަލަށް ވަނީ ކެހިދީފައެވެ.
”އޭނ! ކަމެއްނުވޭ! ކަމެއްނުވޭ!“ އަފްޒަލް ބުންޏެވެ.
އުމޭދާ ލަދުރަކި ގޮތަކަށް ހިނިތުންވެލިއެވެ.
ފަތިހު ދުވަން ދިޔުމަށްޓަކައި އަފްޒަލް ގަޑި ސޯނާކުރިއެވެ. ވަގުތަށް ސޯނާވިއެވެ. ފުޅަވެފައި ހުރިވަރުން ސޯނާ ނިއްވައިލައިފައި އަފްޒަލް ނިދީއެވެ.
ހެނދުނު ހޭލައިފައި ދެން ގަސްދުކުރީ ގިނައިން ނުކާށެވެ. އެހެން ނަމަވެސް ހިންދެމިލެވުނީ އެހެންޏާ ކާ ވަރަށް ވުރެ ގިނައިން ކެވުނީމައެވެ. ހިތަށް އެރިއެވެ. އަޅައިނުލާނީއެވެ. މާދަމާ އަލުން ޑައިޓެއް ފަށާނީއެވެ.
ރޭގަނޑެއްގެ ވަގުތެވެ. ޑޮކްޓަރު ޢުބޭދާއި އަފްޒަލް ތިބީ ރެސްޓޯރެންޓެއްގައެވެ. ކޮންޓުރޯލުކޮށްގެން ޢުބޭދު މަދުން ކަމުން ގެންދިޔައިރު އަފްޒަލްގެ އެއްވެސް މިންގަނޑެއް ނެތެވެ. ތެލަކަށް ހަކުރަކަށް ނުބަލައެވެ. ޢުބޭދު ދެއަތަކަށް ބޯހޫރާލާފައި ހިނިގަނޑެއް ޖަހައިލިއެވެ.
”އަފްޒަލް! ތަނެއްގަ ކެއުމެއް އޮތިއްޔާ އަފްޒަލް ނޫން މީހެއް ގެންނާނެ ކަމެއް ނެތް. އަހަރެން ނުދެކެން ތިހާ މަޖަލުގަ، ގަޔާވެގެން ކާ ދެވަނަ މީހެއް.“ އުބޭދު ބުންޏެވެ.
ޢުބޭދުގެ ވާހަކައަށް ސަމާލުކަން ދެވޭ ވަރަށް ވުރެ އަފްޒަލްގެ މަސައްކަތް މާ ބޮޑެވެ.
”އަދި އެއް ކޯކު.“ އަފްޒަލް އެދުނެވެ.
”ގެނުވަ ގެނުވަ! އަފްޒަލް ބޭނުން ވަރަކަށް ގެނުވާ! ބިލުގަ އަހަރެން ހިފާނަން. އެކަމަކު ތި ވަރަށް ކަންޏާ ޕްރެޝަރު މަތިވެދާނެ.“ އުބޭދު ވިސްނައިދިނެވެ.
”ޑޮކްޓަރަކާ އެއްކޮށް ނުވާނެ ކާން އަންނާކަށް. ހީވާނީ ކުލިނިކެއްގަ އިނދެވޭހެން.“ އަފްޒަލް އިނީ ވަރަށް ހަމަޖެހިފައެވެ.
”ސޮރީ ސޮރީ! ތިބޭފުޅާ މިނިވަންކަމާއެކު ފަރިއްކުޅުވާ!“ އުބޭދު ހީނލާފައި ބުންޏެވެ.
އެ ވަގުތު އަފްޒަލްގެ ހަރަކާތް ހުއްޓުނެވެ. ކަޅިހުރީ ވަންނަ ދޮރަށެވެ.
”އޭ! ކުރިޔަށް ނުދިޔައީތަ؟“ ޢުބޭދު އެހިއެވެ.
އަފްޒަލަކަށް ޢުބޭދުގެ އަޑެއް ނީވެއެވެ. އަފްޒަލްގެ ސަމާލުކަން ދެވިފައިވަނީ ދޮރުން ވަތް ފަޒްލީއަށެވެ. ހަގީގަތަކީ އަދި ވެސް އަފްޒަލަށް ފަޒްލީ ރީތިކަމެވެ. ބޭނުންކަމެވެ. ގޮނޑީގައި އިށީންނަންދެން ފަޒްލީއަށް ބެލުމަށް ފަހު ހުރިހާ ތަށިތަކެއްގެ މަތިން އަފްޒަލް ފޫހިވިއެވެ. މޫޑު ކެޓީއެވެ. (ނުނިމޭ)



