ގިފިލިން ނުކުމެ ތުވާލިގަނޑު ހިއްކަން އަޅަން ޒޫމިކާލް ފެންޑާ އަށް ނުކުތްއިރު ދިގުއަށިމަތީގައި އެކައްޗެއް ވެސް ނެތެވެ. އިބިރާބެއްޔާ އާއި އޭނާ އަށް ގެންގޮސް ދިން ބަނާތުގަނޑެއް ވެސް އެތަނުގައި ނެތެވެ. ދުންބުއި ގުޑުގުޑާ ވެސް ފެންނާކަށް ނެތެވެ.

ދުންއަރަމުން ދިޔަ ބަދިގެއާ ދިމާލަށް ޒޫމިކާލް މަޑުމަޑުން ހިނގައިގަތެވެ. އަރައި ހަމަވިތަނުން އޭނާ އަށް ފެނުނީ ބޮކިޖަހަމުން ދިޔަ ބޮޑު ތެއްޔެއްގެ ތެރޭގައި ނިބޫ ދެ ކުދިން ކައްކަމުންދާތަނެވެ. އެމީހުންގެ ފޫޅުދަނޑިގަނޑު އޮތީ ދޭފަތަކުން ތެލި ހަލުވަމުން ގެންދިޔަ އަންހެން މީހާގެ ދެފައިދެގޯޅީގައެވެ. އެ އަންހެން މީހާގެ ދެ ފައި ވަނީ އަނދަމުން ދިޔަ އުނދުންކޮށިގަނޑުގެ ތެރެއަށް ކޮށްޕާލެވިފައެވެ.

އެ އަންހެން މީހާ އެނބުރި ބަލައިލުމާ އެކު އަޑުގެ ނެތްކޮޅަށް ހޭރެން ފަށައިގަތެވެ. ގަތްބިރާ އެކު ޒޫމިކާލް ދޮރު ކުރިމައްޗަށް ވެއްޓިއްޖެއެވެ. އެވަގުތު ބަދިގެ ތެރެއިން ފުންމައިގެން އައިސް އޭނާ ކައިރިއަށް ތިރިވީ އަންހެނުން ރުބޭދާއެވެ. އޭގެ ހިނދުކޮޅެއް ކުރިން އެ ބަދިގެ ތެރެއިން ފެނުނު އަންހެން މީހާގެ ހަމަ އެއްވެސް ސިފައެއް މިހާރަކު ނެތެވެ.

ލޯމައްޗަށް ފައުޅުވި ބިރުވެރިކަމުން ނުކުމެ ހަމަޖެހިލުމަށް ޒޫމިކާލަށް އިރުކޮޅެއް ބޭނުންވިއެވެ. ތެދުވިގަތުމާ އެކު ބޯދިއްކޮށް އޭނާ ބަލައިލީ ބަދިގޭގެ ދުމަށި ދަށަށެވެ. އެ ދިމާލުން އޭނާ އަށް ފެނުނު ހާއްޔާއި އެ ހާލީގެ ތެރެއިން ފެނުނު ބިސްތަކެއް ވެސް އެތަނުގައި މިހާރު ނެތެވެ.

ފެންޑާގައި ބެހެއްޓި ގުޑުގުޑާގެ ވާހަކަ އެހުމުން އެއީ ކޯއްޗެއްކަން ދަންނަ ކަމަކަށް ވެސް ނުވިއެވެ. ބަނާތު ރަޖާގަނޑުގެ ވާހަކަ އެ ހިސާބުން ޒޫމިކާލް ނުވެސް ގެނައެވެ. ކަފަ ވިލާތަކުން ފަރިވެ ދިރުން އެނބުރި އައިސްފައި އޮތް އުޑު މައްޗާ ދިމާލަށް ބަލަން ހުރެފައި އޭނާ ނުކުމެގެން ހިނގައިގަތެވެ.

ހަރުކޮށް ހެލެމުން ގޮސް ކަންވެރިންގެ މަޖިލީހަށް ވަންއިރު ބަވަންދީ ފެންނާކަށް ނެތެވެ. ޚަބަރު ބެލިއިރު އޭނާވީ ރަދުންގެ މާތް އަރިހުގައެވެ. އޮބިނޯވެގެން އުޅޭ ހިތާ އެކުގައި ގޮސް ޒޫމިކާލް ވަނީ ކަންވެރީންގެ ކުތުބުހާނާ އަށެވެ. ދެ މީހަކު އެތަނުގައި ފޮތްކިޔަން ތިއްބެވެ. ނަމަވެސް އޭނާގެ ހިތަށް އަރާމާއި ހަމަޖެހުން ގެނެސްދެވޭނެ ފޮތެއް އެ ކުތުބުހާނާގައި ނެތެވެ. ޒުވާން ކަންވެރިޔާގެ ކެތްތެރިކަން އެ ވަނީ ކޮޅުންލައިފައެވެ.

ކުތުބުހާނާއިން ނުކުމެ މަޖިލީހުގެ ސަރައްކާލިތަކުގައި އޭނާ ހޫރެން ފަށައިފިއެވެ. ދުއްޕާން ބޮޑުވެދާނެ ކަމަށް ލަފާކޮށް އޭނާގެ ފިޔަވަޅުތަކަށް ފާރަލާން އިން ކާތިބުކަލޭގެ އެންމެފަހުން ގޮސް މި ވާހަކައެއް ބަވަންދީ އަށް ދަންނަވައިފިއެވެ. ނަމަވެސް ރަސްކަލަކަށް ވުރެ އޭނާގެ ނޯކަރެއްގެ އަގު މަތިވާނީ ކިހިނަކުންތޯއެވެ؟

ރަދުންގެ އަރިހުން ދެން ބަވަންދީ ވަޑައިގަތީ މާކަންވެރިންގެ ސައްލާގެ މަޖިލީހަށެވެ. އެތަނުގައި ގަޑި ދެ ގަޑިއިރުވީ ފަހުން ޒޫމިކާލް ބޭނުންވެގެން އުޅުނު ބައްދަލުވުމަށް އެންމެފަހުން ވަގުތުކޮޅެއް ލިބިއްޖެއެވެ. ހިތުގައި ކެކެމުން ދިޔަ އަސަރުތަކުގައި މަތިޖަހައިގެން ގޮސް ވަރަށް އަދަބުވެރިކަމާ އެކުގައި ކަންވެރިންގެ މަޖިލީހަށް ޒޫމިކާލް ވަދެއްޖެއެވެ.

މާކަންވެރިންގެ މަޖިލީހުގައި ބައިވެރިވެ ވަޑައިގެންނެވި ފަންޑިތަވެރިން އޭރު އެތަނުން ނުކުމެގެން ދަނީއެވެ. އެތަނުގައި މަޑުކޮށްލައިގެން އިނީ ބަވަންދީ އެކަންޏެވެ. ފަންގިފިލާގައި އެލުވާފައި އޮތް މަންދީލަ ބައްތީގައި ދިއްލިފައިވީ އުށްބައްތިތަކަށް ބަލަމުން މަޖިލީހުގެ ފާރުތަކަށް އެޅިފައިވާ އަލިކަމުގެ ތެރޭގައި ދިރިގެން އަންނަހެން ހީވާ ހިރިގަލުގެ ކުރެހުންތައް ބަލައި ހޯދަމުން ގޮސް ޒޫމިކާލް އެތެރޭގައި މަޑުކޮށްލިއެވެ.

އެ މަޖިލީހުގެ ހަތަރު ފާރު ތެރެއަށް ވަދެގެން ގޮސް އެ މަޖިލީހުގެ މާކަންވެރިޔާގެ ކުރިމަތީގައި މަޑުކޮށްލުމާ އެކު ޒޫމިކާލް ކުޑަ ކުޑަ ތިއްކަކަށް ބަދަލުވެއްޖެއެވެ. އޭނާގެ ހިތުގައި އުތުރިއަރަމުން ދިޔަ ހިތްހަމަނުޖެހުންތައް އިސާހިތަކު ހަމަ ބިމަށް ތިރިވެއްޖެއެވެ. ނަމަވެސް ކިހާ އިރަކަށް ކަމެއް ނޭނގެއެވެ.

ޒޫމިކާލް މައިތިރިވެ އިސްޖަހާލި ވަގުތު ބަވަންދީ ފަށައިގަތީ ފަތިވަރަކުންނެވެ.

"ސައްހަ ކަންވެރިއެއްގެ ދިރިއުޅުމަކީ ޒިކުރުކުރުމާއި ޝުކުރުކުރުމާއި، އެހެން މީހުންނަށް ހިދުމަތްކުރުމާއި އަޅުވެރިކަމާއި ސަދަގާތްކުރުމާއި ޤަޟާޤަދަރަށް އީމާންވުމާއި އެއްކައުވަންތަކަމަށް ހެކިވުމާއި ވަކީލުކުރުމާއި ތަސްލީމުކުރުމާއި ކެތްތެރިކަމެވެ."

ކޯފާގެ އެ ބަރު އަޑު ދިޔައީ ލަކިޖަހަމުން ދިޔަ ކޮންމެ ލަފުޒަކާ އެކުގައި އުފުލެމުންނެވެ.

"މި ސިފަތައް ހުރި މީހަކީ އޭނާ ކޮންމެ ފަދަ ހެދުމެއް އެޅިޔަސް ސައްހަ ކަންވެރިއެކެވެ."

"އެކަމަކު އަނގަގަދަ ކަމާއި ދަހިވެތިކަމާއި އަމިއްލަ އެދުމުން ފޯވެ ނަމާދަށް ފަރުވާކުޑަކޮށް، އަރާމާއި މަޖަލުގައި އުޅެ، އެ އެދުންވެރިކަމުގެ މަޅީގައި ދުވާލު ރޭގަނޑަށް ހަދައި ފަރުވާލެއް ނުބެހެއްޓުމުގެ ނިދީގައި ރޭގަނޑު ދުވާލަށް ބަދަލުކޮށް، ލިބޭ ކޮންމެ އެއްޗެއް ކައި، ދުލަށް އަންނަ ކޮންމެ އެއްޗެއް ބުނާ މީހާ އަކީ މަތިމައްޗަށް ކަންވެރިއެއްގެ ފޮށާގަނޑު އަޅައި، މަތިމައްޗަށް ކަންވެރިއެއްގެ ހެދުން ލިޔަސް ބޮޑުވެގެންވީ ފާސިގެކެވެ."

މިހެން ބުނެ މޭޒުމަތީގައި އަޅައި ވިހެލުމާ އެކު ބަވަންދީ ގޮނޑިން ތެދުވެ މަޖިލިސް ތެރޭގައި ހޫރެން ފަށައިފިއެވެ. ޒޫމިކާލް ހުރީ ހިރިލަން ވެސް ނުކެރިފައެވެ. އޭނާގެ ހިތަށް ކުއްލިއަކަށް ބިރުވެރިކަން ވަދެއްޖެއެވެ.

ބަވަންދީ އަނެއްކާވެސް ފަށައިގަތެވެ. ޒޫމިކާލް މިހާރު ހީވަނީ ކުށްވެރިއެއް ހެންނެވެ. އަދި އެހެން ހީނުވާންވީ ސަބަބެއް ވެސް ނެތެވެ. ކަންވެރިއެއްގެ ހެދުން އަޅައިގެން ހުރި ފާސިގަކީ ހަގީގަތުގައި ވެސް އޭނާއެވެ.

"ކަލޭ ތިޔަ އުޅެނީ ކަލޭގެ އެތެރެހަށި ތަގުވާވެރިކަމުން ބަރަހަނާ ނުވެގެންތޯއެވެ؟"

"މުނާފިގެއްގެ ހެދުން ހަތް ކުލައިގެ ފޮތިން ނުލެވިގެންތޯއެވެ؟"

ބަވަންދީ އަށް ދޭނެ ޖަވާބެއް ޒޫމިކާލް އަކަށް ނުވިސްނުނެވެ. އަދި ދައްކަން ހިތުލައިގެން އައި ހުރިހާ ވާހަކައެއްގެ މަތިން ކުއްލިއަކަށް ހަނދާން ނެތިއްޖެއެވެ. އެހީ އަށް އެދި އިސް އުފުލައި ބަލައިލެވުނީ ފާރުތަކުގައި ކަނޑައި ނަގާފައިވާ ކަލިމަތަކަށެވެ.

ހިތުލައިގެން އައި އެ ވާހަކަތައް އެހިސާބުން ފަށައިގަތީ މަޖިލިސް ތެރޭގައި އެނބުރެމުން އައިސް އޭނާގެ ފަހަތުން އަރައި ހަމަކޮށްލި ބަވަންދީއެވެ. އޭނާގެ ސުވާލު މިފަހަރު ސީދާވެފައި މާ ބޮޑަށް ވެސް ތޫނެވެ. މާ ބޮޑަށް ވެސް ހަރުކައްޓެވެ.

"ދިޔޯގެ ހަށިގަނޑުގައި ވަނީ އިފްރިންފިރާކަން ކަލޭ ހޯދީ ކިހިނެތް ހެއްޔެވެ؟"

އެ ސުވާލާއެކު ޒޫމިކާލަށް މަޖުބޫރުވީ އޭނާގެ މުދައްރިސާ ކުރިމަތިލާށެވެ. ފަޅައިގެން ދިޔަ ޖަޒުބާތުތަކާ އެކު ފަހަތަށް އެނބުރުއިރު ބަވަންދީ ވެސް ހުރީ ދޫދޭގޮތަކަށް ނޫނެވެ. ނަމަވެސް އޭނާގެ ފަހަތުގައި، މަޖިލީހުގެ ދޮރު ކައިރީގައި މަޑުކޮށްލައިގެން ހުރި އިތުރު މީހަކު ފެނިގެން އެ ދިމާލަށް ދެ ލޯ ކުނާކޮށްލުމާ އެކު ކިޔަން އުޅުނު ހުރިހާ އެއްޗެއް ޒޫމިކާލަށް މަޖުބޫރުވީ އެއް ފަހަރުން ދިރުވާލާށެވެ.

ހިރިގަލުގެ ފާރުގައި ލެނގިލައިގެން އެހެރީ ހިޔަންޏެއް ނޫނެވެ. ބޯދާ އެ ފާރުތަކުން ނުކުމެފައިވީ ދެއްވެއް ނޫނެވެ. އެއީ އިބިރާބެއްޔާއެވެ. އޭނާގެ ރާބެއެވެ.

އަނޮންގްދިޔޯގެ ކިބައިން ފާޅުވާ ސިފަތައް ގޭގެ ފެންޑާގައި ދުންބޯން އިނދެ އޭނާ އަށް ކިޔައިދިން މީހާއެވެ. އަދި އަނޮންގްދިޔޯގެ ހަށިގަނޑު އަޅުވެތިކޮށްފައި ވަނީ އިފްރިންފިރާއޭ ކިޔުނު ބޯދާ ކަލާނގެއެއް ކަމަށް ބުނެ އެ ހުރިހާ ވާހަކައެއް އޭނާ ކިޔައިދިން ބޮޑުބެއެވެ.

އިބިރާބެއްޔާގެ މޫނުމަތިން ރޭ ފެނުނު މާޔޫސްކަމުގެ އެއްވެސް ކުލަވަރެއް މިހާރަކު އެ މޫނަކު ނެތެވެ. އޭނާގެ ހިތާމަށް ހޯދި ފަރުވާ ވަރަށް ވެސް ސާފެވެ. އޭނާ ބޭނުންވި ގޮތަށް ބަވަންދީގެ ހިޔާލު ބަދަލުކުރަން ޖެހި މަޅި ވަރަށް ވެސް ސާފެވެ. އެ މޫނުމަތިން އަރަމުން ދިޔަ އަމިއްލައެދުމުގެ ދަޅަތައް ފެނުމުން ޒޫމިކާލްގެ ގާތަށް އައީ ލާނެތް ހިންޏެކެވެ.

އޭނާ ފޮރުވައިގެން ގެންގުޅުނު ކަޅުފޮތްތައް ބޭޒާރުކޮށްލީ އޭނާ އެމީހަކަށް އެންމެ އިތުބާރުކުރި މީހާއެވެ. އެހީވާން އުޅުނު މީހާއެވެ. އަދި އޭނާ އެ އޮތީ ހުރިހާ ވާހަކައެއް ހިސާބަށް ވުރެ ބޮޑުކޮށްލައިގެން ގެނެސް ހަމަ ރަނގަޅަށް ކުޓުވައިފައެވެ.

ވާމިކުގެ މަނާ ފޮތްތައް ޒޫމިކާލްގެ އަތުން އަތުލިޔަސް އޭނާ ފައްކާކޮށްފައި އޮތް ކަންވެރިކަމުގެ ސަނަދު ހިފެހެއްޓީ މަޖުބޫރުވެގެންނެވެ. ނަމަވެސް މާކަންވެރިންގެ މަޖިލީހުގައި ތިބި ފަންޑިތަވެރިންގެ ބަހަށް ވުރެ ބޮޑަށް ބަވަންދީ އަށް ދެން ވެސް ބުރަވެވޭނީ މި ޒުވާން ފަންޑިތަވެރިޔާގެ ލަފަޔަށްކަން ޚުދު ބަވަންދީގެ ހިތުގެ އަޑި ވެސް ގަބޫލުކުރެއެވެ.

"ކޮންމެ މީހަކު ކުށެއް ކުރިޔަސް އެކަމަށް އަދި އެ މީހަކަށް ވަނީ އަދަބު ކަނޑައެޅިފައެވެ."

"ފާފަތަކުން ދުރުނުވާ އިލްމުވެރިޔަކަށް ވުރެ، ތަންދޮރު ނޭނގޭ ފަގީރުކަން ބޮޑު އަނދޮޅު ވެސް މާ ރަނގަޅެވެ."

"ދެ ލޯ ތަންމިނަށް ހުޅުވައިގެން ހުރެ އަނދަވަޅަކަށް ގޮސް ވެއްޓިގަންނަނީ ތޯއެވެ."

މަޖިލީހުން ނުކުމެގެން ދިއުމުގެ ކުރިން ބަވަންދީ ދިން ނަސޭހަތަކީ އަދި އިންޒާރަކީ މިއެވެ. ނަމަވެސް މުލަކުގައި ފާވަމުންދާ އިފްރިންފިރާގެ މުސީބާތާ ކުރިމަތިލުމަށް ބަވަންދީ ފުރައިގެން ދިޔައީ އިތުރު އެއްވެސް އަދަބެއް އޭނާގެ ތޫނުފިލި އެ ދަރިވަރަށް ދިނުމެއް ނެތިއެވެ.

ހިތަށް ވެރިވި މާޔޫސްކަމާއި ތުރާލުން މިންޖުވުމަށް ޒޫމިކާލް ރަށު ތެރޭގައި އެނބުރެމުން ދަނިކޮށް ހަވީރުގެ ފިނި ޖެހިއްޖެއެވެ. މަސްވެރިންގެ އޮޑިތައް ރައިވަރުގެ ފޯރިއަރުވަމުން ދުވަހުގެ މަސްވަތް ރަށުގެ ގޮނޑުދޮށަށް ހުސްކުރަމުންގެންދާތަން ފެނިއްޖެއެވެ. އެތަނުން ފަސްރޮނގު މަހެއް ގަނެލައިގެން ގޮސް ޒޫމިކާލަށް ގެއަށް ވަދެވުނުއިރު މަޣުރިބު ނަމާދަށް ގޮވަނީއެވެ.

މަސްކަނޑައި ނިމިގެން ގޮސް އޭނާ ދެން ވަނީ ގިފިއްޔަށެވެ. ނަމާދަށް ނުކުމެގެއިން ދިޔައިރު ގަރުދިޔަ ތެއްޔެއް އުދައިގެން މަސްކައްކަން ރުބޭދާ ބަދިގެ ތެރޭގައި އުޅެއެވެ. ބޮޑު މިސްކިތާ އަރައި ހަމަވިއިރު ސަލާންދީ ނިމިއްޖެއެވެ. ނަމާދުކޮށް ނިމިގެން ގެއަށް ދާން ނުކުތްއިރު ދުނިޔެ މަތިން ރަތްވިލާގެ ރީތިކަން ފިލައިފިއެވެ. ރަށު ތެރެއަށް ވެރިވެ އޮތީ ކަނު އަނދިރިކަމެވެ.

އެ ކަނު އަނދިރިކަން ފެނުމާ އެކު ޒޫމިކާލްގެ ހިތަށް އަރައި ފައިބަން ފެށީ ކަންވެރިންގެ މަޖިލީހުގައި ބަވަންދީ އޭނާއާ ދިމާލަށް ގޮވިހާ އެއްޗެއްސެވެ. އަމިއްލަ ހިތުގައިވީ އަނދިރިކަމާއި މުނާފިގުކަމާއި ފާސިގުކަން ހިތަށް އަރައި ދެ ލޯ ހަމަ ރަނގަޅަށް ވެސް ފެންކަޅިވެއްޖެއެވެ.

ގެއަށް ނުގޮސް، އަމިއްލަ ނަފުސު ކުށްވެރިކުރަމުން އޭނާ ވަނީ އަނެއްކާވެސް މިސްކިތަށެވެ. ފާފަ ފުއްސެވުމަށް އެދި ރައްބި އަށް ޖެހި ސަޖިދައާ އެކު މާޑަލާ ރޮވިއްޖެއެވެ.

އެނބުރި ގެއަށް ދިޔައީ މުލްކު ސޫރަތް ކިޔަވަން އިނދެފައި އިޝާ ވެސް ކޮށްގެންނެވެ. އޭރު އަންހެނުން ކާން ތައްޔާރުކުރަނީއެވެ.

މިރޭ ހުރީ ރޫސިހާބަތެވެ. މަހުގެ ބޮލާއި ބަނޑައިދުލާއި ކިރާއި ބިހެވެ. ފަތު ސަޓަންޏާއި ރޯ މިރުހާއި ހުވަނދުމަލުގެ ހޫނު ކަޅެވެ. އަތް ދޮވެލައިގެން ގޮސް ކާއަށި ކައިރީގައި ޖައްސާލިއިރު ހައިވެފައި ހުރި ޒޫމިކާލް ވަނީ ހަމަ ރަނގަޅަށް ވެސް ކުޅުދިޔާވެފައެވެ.

ދުން އަރަމުން ދިޔަ ކަޅު ސައިތަށިން ފޮދުވަރެއް ބޯލައި ދެ އަތުކުރި އޮޅައި ފަރިކޮށްލިތަނުން ރުބޭދާ ގާތްކޮށްލީ ބޯތައްޓެއްގައި އޮތް ދެ ކުކުޅު ބިހެވެ. ފެނުކައްކައި ނޮޅައި އޮމާންކޮށްލާފައި އޮތް އެ ދެ ބިސް ފެނުމާ އެކު ޒޫމިކާލްގެ އަތް ތުރުތުރުލައިގަތެވެ. ފުންމައިގެން ތެދުވެ ތެޅިގަނެވިއްޖެއެވެ. ސައިތަށި މޭޒު މައްޗަށް ބަންޑުންވިއިރު އިށީނދެ އިން ގޮނޑިގަނޑު ވެސް އޮތީ ވެއްޓިފައެވެ.

"މިއީ ކޮންތާކުން ހޯދި ކުކުޅު ބިހެއް ހެއްޔެވެ؟"

ޒޫމިކާލްގެ އަޑުގައިވީ ކަންބޮޑުވުން އައީ ބުރިބުރިވެގެންނެވެ. އޭނާގެ މޫނު މައްޗަށް ވެރިވި ބިރުވެރިކަމަކީ މީގެ ކުރިން ދުވަހަކުވެސް ރުބޭދާ އަށް އެ މޫނުމަތިން ފެނިފައިވާ ކުލަވަރެއް ނޫނެވެ.

ރުބޭދާ އަށް އެންމެ ފުރަތަމަ ހުރެވުނީ ކިޔާނެ އެއްޗެއް ނޭނގިފައެވެ. ގޮނޑިއެއް އަޅައިގެން އޭނާ އަށި ކައިރީގައި އިށީނެވެ.

"ތިއީ މިއަދު ހޭލައިގެން ބަދިގެ އަށް ވަންއިރު ދުމަށީގެ ދަށުން ފެނުނު ބިސްތަކެވެ.."

"އެ ހާލީގައި ބާރަ ބިސް އޮތެވެ."

"ހީވަނީ ސަންޕާމަނިކަގެ ކުކުޅު އެޅި ބިސްތަކެއް ހެންނެވެ."

"އެގެއަށް ހަ ބިސް ދީފައި މި ގެއަށް ބާކީ ހަ ބިހެވެ."

"މިއީ ހެނދުނު ސަޔަށް ފެނުކެއްކި ހަތަރު ބިހުގެ ތެރެއިން ތިބާ އަށްވީ ދެ ބިހެވެ."

"މުޅި ދުވަހު ބޭރު ތެރޭގައި އުޅެފައި އައިސް ތި ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟"

ޒޫމިކާލް މަޑުމަޑުން އެނބުރި ބަލައިލީ އޭނާގެ ކަންބޮޑުވެފައި ހުރި އަންހެނުންގެ މޫނަށެވެ.

"އަނެއް ދެ ބިސް ކޮބައި ހެއްޔެވެ؟"

އެ ސުވާލުކުރިއިރު ވެސް އޭގެ ޖަވާބު ޒޫމިކާލަށް އެނގެއެވެ. ނަމަވެސް އެ ހަގީގަތް ގަބޫލުކުރަން އޭނާ ބޭނުމެއް ނުވީއެވެ. ފާރޮށްޓާ ސަޔާ އެކީގަ އެ ދެ ބިސް ކާލި ވާހަކަ ރުބޭދާ ބުނުމުން ބޯތަށީގެ ތެރޭގައި އޮތް ދެ ބިސް ނެގި ގޮތަށް ޒޫމިކާލް ބޭރަށް ނުކުމެގެން ދިޔައީ ނަގޫރޯޅިއެއް ފަދައިންނެވެ.

ބަދިގެއާ ދިމާލަށް ގޮސް އެ ދެ ބިސް ހޫރާލީ އަތުކޮޅަށެވެ. އޭނާ ފަހަތުން ދުވެފައި ފެންޑާ އަށް ނުކުތް ރުބޭދާ ހުރީ ވާނުވާނޭނގިފައެވެ. ފެންކަޅިވެ ރޮވިފައެވެ.

ދެ މީހުން އެރޭ ކައި ނިމުނުއިރު ވެސް އެކަކު އަނެކަކާ އަނގައިންނެއް ނުބުނެއެވެ. ނިދާ އަށި މަތީގައި އޮތީ ރުބޭދާ އެކަންޏެވެ.

ތަށިތައް ދޮވެ ފެންބޯލައިގެން ގޮސް ޒޫމިކާލް ޖައްސާލައިގެ އޮތީ ފެންޑާގެ ދިގު އަށީގައެވެ. ބަނާތުގަނޑަކުން ކަފުންވެގެން، ނިދި މަތިން ފޫހިވެ ދެ ލޯ ބޮޑުކޮށްލައިގެންނެވެ. ފެންޑާގައި އެލުވާފައި އޮތް ފުޅިބައްތިއެއް ވަށައިގެން އުދުހެމުން ދިޔަ މަސްކާށިދޫންޏަކަށް ކަޅި އެއްލައިގެންނެވެ. ނުވަތަ އޭނާގެ ގޮވައްޗަށް ވެރިވެދާނެ ރޫހާނީ ބާރަކާ ކުރިމަތިލުމަށް ތައްޔާރުވެގެންނެވެ.

މެންދަމުގެ ހިމޭންކަމުގައި ހިންދެމިލާފައި އޮތް ފެންޑާ އިން އިވެމުން ދިޔަ އަޑަކީ ވަޔާ އެކުގައި ހެލެމުން ދިޔަ ފުޅިބައްތި އޭގެ ބުޅިގަނޑުން ލައްވަމުން ދިޔަ ކުރަކި ތުރާލެކެވެ. ކިޔާ އެއްޗެއް މީހަކަށް އޮޅުން ނުފިލާ ވަރަށް ޒޫމިކާލް ގޮއްވަމުން ދިޔަ ނާނާ އެކެވެ. ނުވަތަ ކޮންމެވެސް ކަހަލަ ކިޔެވެލިތަކެއްގެ އަޑެވެ. ބޯދާ ޒިކުރާއި ތަސްބީހައިގެ އަޑެވެ.

"ޔަމިތުރާ. ނައުލަތު. ވިރޮވާޅި. އިރުބޭލި. ނޮލްޒޫރާ"

އެ އަޑު ވަންނަމުން ދިޔަ ކުޑަދޮރާ ދިމާލަށް ބަލަހައްޓައިގެން ފުޅިބައްތީގެ ފަނޑުއަލިކަމުގައި ފިކުރުބޮޑުވެފައި އޮތްވައި ރުބޭދާގެ ދެ ލޯ މެރި ނިދި ޖެހިއްޖެއެވެ. ނަމަވެސް މިރޭ އެ އަންހެން މީހާގެ ގުގުރީގެ އެއްވެސް އަޑެއް ގޭތެރެއަކުން ނީވެއެވެ.

އިރުކޮޅަކުން ކިޔެވެލީގެ އަޑުތަކާއި ނާނާގެ އަޑު ވެސް ފެންޑާއިން ކެނޑިއްޖެއެވެ.

ޒޫމިކާލަށް ހޭލެވުނީ ފަތިހުގެ ގަދަ ފިންޏަށެވެ. ފުންމައިގެން ތެދުވިއިރު ބަނާތުގަނޑު އޮތީ ކަހާލައިގެން ގޮސް ބިންމަތީގައެވެ. ތެދުވެ މޫނު ދޮވެލައިގެން ނަމާދުން ފޭބި ގޮތަށް އޭނާ ދިޔައީ ހިމުން ދޮންވެލީގެ ތުނޑިއަށެވެ. ހިފައިގެން ދިޔަ ސުތުލި ގޯނި ފުރާ ގެނައި ހިމުން ދޮވެލިން ގޯތި ވަށައި ހަތަރު ފަށުގެ އިމެއް ކުރަހައި ނިމުނުއިރު އިރުއަރައި ދުނިޔެ މައްޗަށް އަލިކަން ވެރިވެއްޖެއެވެ.

ރުބޭދާ އަށް އޭނާ އެންގީ ކުރިއަށް އޮތް ދޮޅަސް ދުވަހުގެ ފުސް ނަކަތުގައި އެ އިމުން ބޭރަށް ނުދިއުމަށެވެ. ނަމަވެސް އިތުރު ވާހަކައެއް ނުދައްކައެވެ. އެއަށް ފަހު ގޭގައި ޖެހުނު ހުރިހާ ކަމެއް ކުރަމުން ގެންދިޔައީ ޒޫމިކާލްއެވެ. ބަލިވެއިން އަންހެނުންނަކަށް ހަމަ އެއް ކަމެއް ވެސް ނުޖައްސައެވެ.

ކޮންމެ ދުވަހަކަށް އިރުއަރާއިރު ރުބޭދާ އަށް ހޭލެވެނީ ޒޫމިކާލްގެ ކިޔެވެލިތަކުގެ އަޑަށެވެ. ނާށިގަނޑު ޖަހައިގެން ގޯތި ތެރޭގައި ހިނގާ އަޑަށެވެ. ހިމުން ވެލީގެ އިމު ތެރޭގައި ދުންއަޅަމުން ނާނާ ކިޔަމުން ގެންދާ އަޑަށެވެ. ބޯދާ ތަސްބީހާއި ތަކުބީރުގެ އަޑަށެވެ. އެއަށް ފަހު މުޅި ގޯތި ތެރޭގައި ކުނިކަހައި ތެލި ތާސް ދޮވެ ކައްކަން ފަށައެވެ. އަވަލައި މޮޔަވެފައިވާ މީހެއް ފަދައިންނެވެ.

ނަމަވެސް އޭނާގެ ހިތުގައި ރުބޭދާ އަށް އުފެދިފައި އޮތް ލޯތްބަށް ހަމަ އެއްވެސް ފަނޑުކަމެއް ވެރިވިޔަކަ ނުދެއެވެ.

އޭނާ އަށް އެންމެ މީރު ދޯބުރާލި ހަކުރު ހޯދައިގެން އައިސް ރޫސިހާބަތާ މޮޑެފައި އަމިއްލަ ދެ އަތުން ރުބޭދާ އަށް ކާން ދެއެވެ. ގިފިއްޔަށް ގެންގޮސް ގައިން ތާހިރުކޮށް ފެންވަރުގައި ނަލަކޮށްދެއެވެ. އިސްތަށިގަނޑު ހިއްކައި މައުފެނުގެ ކާށިތެލުން މީރުވަސް ދުއްވައި ގަތައިދެއެވެ. މުޅި ހަށިގަނޑުގައި ޒައިތޫނި ތެޔޮ ދަމައިދެއެވެ. އަށް މަހަށް ފުއްޕާލާފައިވާ ބަނޑުގައި ތެޔޮދަމައި އަރާމުކޮށްދެއެވެ. އެ ބަނޑުގައި ބޮސްދީ މަޑުމަޑުން ނާނާ ކިޔައިދެއެވެ. ނިދިން ހޭލާއިރު ކޮންމެ ދުވަހަކުވެސް ފޮނިމަލުގެ ކޯޅިއެއް ބަނޑު ކައިރީގައި ބާއްވާފައި އޮވެއެވެ.

ނަމަވެސް ކުރިން ވާހަކަ ދައްކައި ސަމާސާކުރާ ވަރާ ގާތަށް ވެސް މިހާރު އަނގައިންނެއް ނުބުނެއެވެ. އެކުގައި ނުވެސް ކައެއެވެ. ރުބޭދާ އަށް ކާންދީފައި ގޮސް ކޮންމެ ދުވަހަކުވެސް ޒޫމިކާލް ކަނީ ގޯތި ވަށައިގެން ކުރަހާފައިވާ އިމަށް ވަދެ ކޮޅަށް ހުރެގެންނެވެ. ކަނީ ވެސް އެ ތަށީގެ އެއް ބައެވެ. އަނެއް ބައި ގޮސް ކޮންމެ ދުވަހަކު ވެސް ތިން އިރަށް އަޅާލަނީ ގޯތީގެ ފަހަތް ބިތުގައި ހެދިފައިވާ އޮނު ފީންޏެއްގެ ބުޑަށެވެ.

އޭނާ އުޅޭ ގޮތުން ހީވަނީ އާފާތަކުން ސަލާމަތްވުމަށް ނަދުރުބުނެފައިވާހެންނެވެ. މުސީބާތަކުން މިންޖުވުމަށް ކަމަރުބަނދެފައިވާހެންނެވެ.

އެކަމަކު ބާރަ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އެ އާފާތެއްގެ އެއްވެސް އަލާމާތެއް ފައުޅުވާ ގޮތެއް ނުވިއެވެ. އެ ދެ މީހުންނަށް ދުއްޕާންކުރަން އެ ގޯތި ތެރެއަށް އައި އިންސިއެއް އަދި ނުބައި ރޫހުތަކެއް ވެސް ނެތެވެ. އަދި ފުސް ނަކަތުގެ ފުސްވިލާތައް ވެސް އުޑުމަތިން ފިލައިފިއެވެ.

މުލަކު ދަތުރުން ބަވަންދީ ވެސް އޭރު އެނބުރި އަތުވެއްޖެއެވެ. އަދި އިސާހިތަކު ކަންވެރިންގެ ބިންގަރާހަށް އޭނާ ހާޒިރުކޮށްފިއެވެ. ޒޫމިކާލްގެ ހުއްދަތައް ވަނީ ހިފަހައްޓައިފައެވެ. މިފަހަރު އޭނާ އަށް ދޭން އެ އުޅެނީ ކޮން އަދަބެއް ހެއްޔެވެ؟ ކަންވެރިންގެ ބިންގަރާހަކީ ފަންޑިތަ ހާހޫރުގެ އެންމެ ވަރުގަދަ ކިޔެވެލިތައް ކިޔަވަން ބިމުގެ ދިހަ ފޫޓު އަޑީގައި ހިރިގަލުން ގައިމުކޮށްފައިވާ ދަރުބާރެކެވެ.

ހިތުގައި ބޮކިޖަހަމުން ދިޔަ ސުވާލުތަކާ އެކު އޭނާ ގޮސް ކަންވެރިންގެ ދަރުބާރަށް ފޭބިއިރު މުޅިތަން އޮތީ އަލިފާނުގެ ދަންމަރުތަކުން ހުޅުދާންކޮށްފައެވެ. އޭނާގެ އިންތިޒާރުގައި އެތަނުގައި މަޑުކޮށްލައިގެން ހުރީ ބަވަންދީ އެކަންޏެވެ.

ބަވަންދީ އެތެރެއަށް ވަދެގެން ހިނގައިގަތުމުން ޒޫމިކާލް ހުސިޔާރުވެ ހުރެ މަޑުމަޑުން އޭނާގެ ފަހަތުން ހިނގައިގަތެވެ.  ބިންވަޅު ނަގާފައިވާ ފާރުތަކާ ދިމާލަށް ކަޅި އުކަމުންނެވެ.

އެތެރެއަށް ވަދެގެން ދިޔަ ބަވަންދީ ގޮސް މަޑުކޮށްލީ މާވެވުގެ ކޮޓަރިއެއްގައެވެ. ޒޫމިކާލް މަޑުމަޑުން ގޮސް އެތެރެއަށް ވަންއިރު އެ ވެވުގައި އޮތް ފެންގަނޑު ބޮކިޖަހައި ކެކެމުންދެއެވެ. އުނަގަނޑާ ހަމަ އަށް އަރާ ވަރަށް ރާނާފައި ހުރި ވެވުގެ ތެރޭގައި އޮތް ފެންގަނޑު ކައިރިފަށްމަތިން ދެމިގެން އަރިމަތިން އޮހޮރެމުންދާތަން ފެނެއެވެ. އެ ފެންގަނޑުގެ ތެރެއިން އަރަމުން ދަނީ ރިހިކުލައިގެ ދަޅައެކެވެ.

ބަވަންދީގެ އިރުޝާދާ އެކު އެ ވެވާ ގާތަށް ޖެހެމުން ދިޔަ ވަރަކަށް ޒޫމިކާލްގެ ލޮލުގައި އަޅައިގަންނަމުން ދިޔައީ ފެންގަނޑު ތެރެއަށް ފައްތާފައި އޮތް ރިހިފޮށިގަނޑެކެވެ. އެއް ވައްތަރެއްގެ، އެއް ވަރެއްގެ ތިން ފޮށިގަނޑެވެ.

އެ ފޮށިގަނޑުތައް ފެނުމާ އެކު އެއީ ކީއްކުރަން ބޭނުންކުރާ ފޮށިގަނޑުތަކެއްކަން ޒޫމިކާލަށް ވަގުތުން އެނގިއްޖެއެވެ. އަދި އޭގެ ތެރޭގައި ބަންދުކޮށްފައި ވަނީ ކޮން އެއްޗެހިތަކެއްކަން ވެސް އޭނާ އެނގިއްޖެއެވެ. އަދި ބަވަންދީއާ ދިމާލަށް އެނބުރި ބަލައިލުމުން އޭނާގެ ކޮނޑުގައި އެޅިފައިވީ ޒިންމާތަކުގެ މަތިން ހަނދާންވެ އަޒުމާއި ރޫހު ވަރުގަދަވެ ލޭގައި ފޯރި އަލުން އަނދައިގަތެވެ.

މާކަންވެރިޔާ އޭނާއާ ހަވާލުކުރި އެއްވެސް ކަމެއްގައި ދުވަހަކުވެސް ފަހަތަކަށް ޖެހިފައި ނެތެވެ. އަމުދުން އޭނާގެ ހިތާއި ނަފުސާ މެދު ސުވާލު އުފެދިފައިވީ މި ނާޒުކު ވަގުތުގައި ބަވަންދީ އެ ދެނީ އޭނާ އަށް ދެ ވަނަ ފުރުސަތެކެވެ. އެހެންކަމުން ބަލިވެއިން އަންހެނުން ވެސް މި ހާލަތު ގަބޫލުކުރާނެކަން އޭނާ އަށް އެނގެއެވެ. އަނެއްކޮޅުން ޗައްޔަދެވީގެ މުސީބާތާއި ބިރުވެރިކަމެއް ވެސް މިހާރަކު ނެތެވެ. އޭނާގެ ޖިފުޓީގެ އިމަށް އެ ވަނީ އެމީހުންގެ އާދައިގެ ދިރިއުޅުން އެނބުރި އައިސްފައެވެ.

ބަވަންދީގެ އިރުޝާދުތަކާ އެކު ފޮށިތައް ހިފައިގެން ޒޫމިކާލް ފުރީ ސަންތާވައި ނަކަތުގެ އެއް ވަނަ ދުވަހު އެވެ. އެއީ ކަނޑާއި ވައިގައި ބަރަކާތް ގަދަވެގެންވާ ކަމަށް ބުނެވޭ ނަސީބުގެ ނަކަތެކެވެ. ސާދަ ދުވަހުގެ މި ނަކަތް ވާމިކު ރާހި ފޮތުގައި ސިފަކޮށްފައި ވަނީ މިފަދައިންނެވެ.

"ސަންތާ ވަޔަކީ ބަރަކާތުގެ ވަޔެވެ. މި ވަޔަށް ކޮށާލެވޭ ރިޔަލުގައި ފުރާ އޮޑިއަކަށް ހިތާމައިގެ ކަނޑެއް ނުވެއެވެ."

"ކަނޑު ފަޅުގައި ފޮރުވިފައިވީ ހަޒާނާތައް ތަރި ފަދައިން ބަބުޅާނެތެވެ. މީރު ފެންކުޅީގެ ފުންކަން ގޮސް އެހެން އާލަމްތަކަށް ފޯރާނެތެވެ. އިތާމުތާއި ކުލަ ކުލައިގެ އަގުބޮޑު މާވަހަރުތަކާ ގިނަގިނައިން ބައްދަލުވާނެތެވެ."

ޒޫމިކާލްމެން ދަތުރުކުރަމުން ދިޔަ އޮޑިން އެމީހުންގެ ފުރަތަމަ މާވަހަރު ހޮވީ މުލަކުގެ ހުދުފަރު ބޭރުންނެވެ. އެއީ ރުއްގުޅިއެއްގެ ސިފައިގައި އޮތް ހުދަންބަރެކެވެ. ވެލީގެ ބަސްތާއެއްހާ ބަރު މާވަހަރެކެވެ.

ހުދުފަރު ބޭރުން ދަތުރުކުރަމުން ދިޔައިރު މުލައް ވަރަށް ރީއްޗަށް ފެނެ އެވެ. އެ ރަށުގެ މަލަމަތި ފެނުމާ އެކު ރިހިފޮށިގަނޑުތައް ތެޅިގަތެވެ. އެ ފޮށިތައް ޖައްސަން ފެށި ވައްތަރު ނިމުމަކަށް އައީ ހުވާޑޫކަނޑަށް ވަދެ މުލައް ގެއްލުނު ހިސާބުންނެވެ.

އެމީހުންގެ ފުރަތަމަ މަންޒިލަކީ ސަތުދުންމަތީގައި ފަޅުވެފައި އޮތް ގަންވިހަރާއެވެ. އެއީ އިސްލާމީ އިންގިލާބުގެ އެންމެ ވަރުގަދަ ކުރިމަތިލުންތައް ހިނގި އެއް ރަށެވެ. ބުދު ދީނުގެ މީހުންގެ އެންމެ ބޮޑު އެއް ކިއްލާއެވެ. އެންމެ އުސް ހަވިއްތާތަކާއި ދާގަބާތަކާއި ހާމުދުރުންގެ އެންމެ އިސް މީހުން އާބާދުވެ ދިރިއުޅެމުން ގެންދިޔަ މާ ސިންގާ ރަށެކެވެ.

އެމީހުންގެ ސުލްހަވެރި ދިރިއުޅުމަށް ފައްކާކޮށްފައި އޮތް އެންމެ އަމާން ވެއްޓެވެ. ނަމަވެސް އިސްލާމީ އިންގިލާބުގެ ލަޝްކަރުތައް އެ ރަށަށް އަރައި ހާމުދުރުންގެ ކަރުބުރިކޮށް އޮހޮރުވި ލޭތަކަށް ފަހު އެ ރަށް ފަޅުވެފައި އޮންނަތާ މިހާރު ދިހަ ވަރަކަށް އަހަރުވީއެވެ.

ރަށުގެ މަލަމަތި ފެންނަވަރުވީ ފަސް ދުވަސް ފަހުންނެވެ. އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ރުއްކަރަމަތިން މައްޗަށް އަރާފައިވީ ހަވިއްތާ އެކެވެ.

ފަޅުގައި ނަގިލިލީ ގުރާބުން ޒޫމިކާލާ އެކު ބޮއްކުރާ އަށް ފޭބީ ދެ ފަލިވެރިންނާއި ޒޫމިކާލާ ދާދި އެއް އުމުރެއްގައިވީ ލޯފަން ޒުވާނެކެވެ. އެ ޒުވާނާގެ ދެ ލޮލެއް ނެތެވެ. އޭނާ އަކީ މި ދަތުރަށް ހާއްސަކޮށްގެން ޒޫމިކާލަށް އެހީތެރިވުމަށް ބަވަންދީ ފޮނުވާފައިވާ ހާއްސަ މަންދޫބެކެވެ. އޭނާގެ ނަމަކީ ކޮރޮލީރަހާ އެވެ. އޭނާގެ ޚަބަރު ކުރިން ލިބިފައިވިޔަސް މިއީ ޒޫމިކާލް އޭނާއާ ބައްދަލުވި ފުރަތަމަ ފަހަރެވެ.

ބަވަންދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ކޮރޮލީރަހާ މި ދަތުރުގައި ފޮނުވާފައި ވަނީ ރިހިފޮށިގަނޑުތައް ފައްތަން ބުނެފައިވާ ފެންގަނޑުތައް ހޯދުމަށެވެ. ނަމަވެސް ދަތުރަށް ފުރީއްސުރެން ޒޫމިކާލްގެ ހިތުގައި އުފެދިފައި އޮތީ އެހެން ވަސްވާހެކެވެ. ބަވަންދީ އޭނާ ފޮނުވާފައި އެ ވަނީ ޖާސޫސުކުރުމަށެވެ. އެހެންޏާ މި ރަށުން ހޯދަން އިރުޝާދުދީފައި އޮތް ޕަރީފެންގަނޑު އޮތް ހިސާބު ޚުދު ޒޫމިކާލަށް ވެސް އެނގޭތީއެވެ. އަދި ކޮރޮލީރަހާގެ ކިބައިގައި ލޮލުގެ އަލިކަމެއް ނެތަސް އޭނާގެ ކިބައިގައިވީ އާދަޔާހިލާފު ބާރަކީ ކޮބައިކަން ޒޫމިކާލަށް ވަރަށް ރަނގަޅަށް އެނގޭތީއެވެ.

ނަމަވެސް އޭނާގެ ހިތަށް އެރީ ބަވަންދީ އަބަދުވެސް އެންމެ ގިނައިން އޭނާ އަށް ދިން އިރުޝާދެވެ.

"ކެތްތެރިކަމަކީ ހިތި އެއްޗެއް ކަމުގައިވިޔަސް އޭގެ މޭވާ ނުހަނު ފޮނިވާނެއެވެ."

ކޮރޮލީރަހާ ކިޔައިދެމުން ދިޔަ މަގުން ގޮސް ޕަރީފެންގަނޑު ފެންނަ ހިސާބަށް ދެވުނުއިރު އިރުއޮއްސި އަނދިރިވެއްޖެއެވެ. އެ ފެންގަނޑަށް ފޮށިގަނޑު ފެއްތުމަށް ބުނެފައި ވަނީ މެންދަމުގައެވެ. އެއީ ރެދަން ލައި އެ ފެންގަނޑު ދިއްލޭ ވަގުތެވެ. އެ ފެންގަނޑުގެ ފުންކަން ގޮސް އެހެން ވަގުތަކާއި ކައުނީ ބާރުތަކަކާ ގޮސް ގުޅޭ ވަގުތެކެވެ.

ޖެހިގެން އައި ދުވަހުގެ ފަތިހު އެމީހުން ގަންވިހަރާ އިން ފުރައިފިއެވެ. ބަރަކާތުގެ މޮޅު ވަޔާ އެކު ގޮސް އައްޑޫގެ އެތެރެވަރިއަށް ވަންއިރު އެ ދަތުރަށް ތިން ރޭ ވެސް ނުވެއެވެ. ދެ ވަނަ ފޮށިގަނޑު ފައްތަން ބުނެފައި އޮތީ ހުވަޑޫގެ އެންމެ ދެކުނު ބިތުގައި އޮތް ބަނާޓުގަލާގެ ރިހި ފެންގަނޑަށެވެ.

ބަނާޓުގަލާ އަކީ ވެސް އެއް ޒަމާނެއްގައި ބުދު ދީނުގެ ބޮޑު ކިއްލާއެކެވެ. އަދި ރަށުގެ މެދުގައި އޮންނަ ރިހި ފެންގަނޑަކީ ސަންތާ ނަކަތުގެ ވަޔާއެކު ރެދަންލައި އޭގެ ފުންކަން އެހެން ކައުނުތަކާ ގޮސް ގުޅިދާ ކަމަށް ވާމިކު ރާހި ފޮތުގައި ބަޔާންކޮށްފައިވާ ކުޅި އެކެވެ.

ތިން ވަނަ ފޮށިގަނޑު ފައްތަން ބުނެފައި އޮތީ އައްޑޫގެ އެންމެ ދެކުނު ބިތުގައި އޮތް ގަނާޑޫގެ މަޑިކިލަނބު ފެންގަނޑަށެވެ. އެއީ ބޯދާ ޒަމާނުގެ އަހުލުވެރިން އެމީހުންގެ ތެރެއިން މަރުވާ މީހުންގެ ގަބުރުތައް ފައްތައި އުޅުނު އޭގެ ފުންކަން ނޭނގޭ ކުޅި އެކެވެ. މަރުގެ އަދަބު ތަންފީޒުކުރުމަށް ވެސް ކުށްވެރިން ގެންގޮސް އެ ފެންގަނޑުގެ ތެރެއަށް އެއްލާލެވުނެވެ.

ސަންތާ ނަކަތުގެ ސާދަ ވަނަ ދުވަހަށް އިރުއޮއްސުނުއިރު ޒޫމިކާލް އެނބުރި ދިޔައީ އޭނާގެ ޖިފުޓި އަށެވެ. ބޭރުވިލާތަކާ އެކު ދުނިޔެމަތި އޮތީ އަނދިރިކޮށްލައިފައެވެ. އެއީ ބޯމަތިވެފައި އޮތް ހުޅަނގު މޫސުމުގެ ވަރުގަދަ ނަކަތް، ފުނޯޝްގެ އަނދިރި އަލާމާތެކެވެ.

ފުޅިބައްތީގެ އަލިކަމެއް ނެތް ގޯތި ތެރެއަށް ވަދެގެން ހިނގައިގަތްތަނުން ޒޫމިކާލްގެ ލޮލުގައި އަޅައިގަތީ ބަދިގެ ތެރެއިން ނުކުމެގެން ގޮސް ފުޅައްގަސްތަކުގެ ތެރެއަށް ވަދެ ގެއްލުނު ކަޅުކުލައިގެ ފިޔޮއްކުކުޅެކެވެ. އޭގެ ފަހަތުން ބަދިގެ ތެރެއިން ނުކުންނަން ފެށި ދަރިންގެ އަދަދު ސަތޭކަ އަށް ވުރެ މަދެއް ނުވާނެކަން ޔަގީނެވެ.

ހިމުން ވެލިން ކުރެހި އިން ނެތްކަން ރޭކާލި ވަގުތު ޒޫމިކާލްގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ދުއްވައިގަނެވުނީ އަނދިރިކަމުގެ ތެރެއަށް ޖަހައިގެން ގޮސްފައި އޮތް ޖިފުޓި އަށެވެ.

އެ ޖިފުޓީގައި އެކަކު ވެސް ނެތެވެ. ބަދިގެ ތެރޭގައި ވެސް މީހަކު ނެތެވެ. ގިފިއްޔަކު ވެސް މީހަކު ނެތެވެ. އެ ގޯތީގައި ރުބޭދާގެ ހުވަންހިލަން ވެސް ނެތެވެ.

ކެކިގަތް ލެޔާ އެކު ހަޅޭފަޅޭޖަހަމުން ޒޫމިކާލް ދުއްވައިގަތީ ފިޔޮއްކުކުޅު އޭގެ ދަރިންތަކާ އެކު ވަދެ ގެއްލުނު ފުޅައްގަސްތަކުގެ ތެރެއަށެވެ.

ނަކަތް ރާހީގެ ފޮތުގައި ފުނޯޝް އަކީ ބަދުނަސީބާއި މުސީބާތްތައް އެނބުރި އަންނަ އޮނަވިހި ދުވަހުގެ ސުންޕާވެރިކަމެކެވެ. (ނުނިމޭ)