ނަކަތް ރާހީގެ ފޮތުގައި ވަރުޝަ އަކީ ހުޅަނގު މޫސުމުގެ ތިން ވަނަ ނަކަތެވެ. ގަދަ ވަޔާއި ގަދަ އޮއިގެ ތެރެއަށް ރެއާއި ދުވާލުގެ ވަގުތުތައް ދަމައިގެންދާ ހަތް ދުވަހުގެ ސުންޕާވެރި ކަމެކެވެ. މި ނަކަތުގައި ކަޅުބޯވިލާތަކާ އެކުގައި ކޮޅިކޮޅިގަނޑު އަންނާނެ އެވެ. ކެރިގަނޑަކަށް ފަހު ކެރިގަނޑެއް އާދެ އެވެ. ހުޅަނގު މޫސުމުގެ އެންމެ ވިއްސާރަ އެއް ނަކަތަކީ މިއެވެ.
މި ނަކަތުގައި އާންމުކޮށް، ހުޅަނގުން ބާރަށް ވައިޖެހުމާ އެކު ކަނޑުތައް އާދަޔާހިލާފަށް ގަދަވާނެއެވެ. ދެބައްރާޅާއި ދެފަށްރާޅުގެ ރުޅިވެރި ކުރިމަތިލުންތަކާ އެކު މުލަކާޑޫ ކަނޑުގެ ލޮނުގަނޑު ކައްކުވައި ބޮކި އަރުވައެވެ. އެއީ ފޮނުގަނޑުލީ ފުރޭތަތަކެއްގެ ސިފައިގައި އެ ރާޅުތައް އުތުރިއަރަމުން ގެންދާ ހަތް ދުވަހުގެ އަނދިރި ކަމެކެވެ.
އިސްމިޑޫ އާއި މުލަކާ ދެމެދު ކަނޑުދަތުރުފަތުރު ކުރުމަކީ ވަރަށް ނާދިރު ކަމެކެވެ. ވަރަށް ބޮޑު ކަމެއް ޖެހިގެން ނޫން ގޮތަކަށް އޮޑިއެއްގެ ފަޅުވެރިން ވަރުޝައިގެ ގަދަ ކަނޑަކަށް ނުނިކުންނާނެ އެވެ.
ރާހީގެ ފޮތުގައި ވަރުޝައިގެ ރޭތައް ސިފަކޮށްފައި ވަނީ މިފަދައިންނެވެ. އެއީ ހިތާމައިގެ ހޭރުމުގައިވީ އަޑުތައް އުޑުގެ ދޮރުކޮޅުތަކާ ހަމަ އަށް ނުފޯރާނެ ރޭތަކެވެ. ވަހުޝީ ޖަނަވާރެއް، ކުކުޅެއް އަދި ކަނޑުގައިވީ މަހެއް ނުވަތަ ހިންޏެއް ވެސް އޭގެ ހޮރާއި އިމުން ބޭރަށް ނުނިކުންނާނެ ރޭތަކެވެ. ރޯ ކުދިންގެ އަޑުތަކަށް ދަހިވެތިވާ ދެޔޯއިންގެ ބަބުރުތައް ކުޅީގެ ކިސަޑުގަނޑުތަކުގެ ތެރެއިން ތެދުވާ ރޭތަކެވެ.
ބަލިވެ އިންނަ އަންހެން މީހާ މި ނަކަތުގެ ވާރޭގައި ތެމިއްޖެ ނަމަ، ބަނޑުގައި އޮންނަ ދަރިފުޅަށް ވަރުޝަ ދެވިން ދަހިވެތިވާނެއެވެ. އެ ކުއްޖާ އަކީ އަންހެން ކުއްޖެއް ނަމަ ބާލިއުވާ ދުވަހުން ފެށިގެން އަވަލާއެވެ. އެ ކުއްޖާ އަކީ ފިރިހެން ކުއްޖެއް ނަމަ ކަރުގައި ހިލިހިލާ ޖަހައިގެން އަޅެއް ފަދައިން ގެންގުޅޭނެއެވެ.
އެނދުއަށީގެ މަތީގައި އެލުވާފައި އޮތް ފުޅިބައްތީގެ އަލިކަމުގައި ޒޫމިކާލް ކިޔަމުން ދިޔައީ ނަކަތް ރާހީގެ ބޯ ފޮތަކުންނެވެ. އެއީ ބުރުޖުތަކާއި ތަރިތަކާއި މަޑިކިލަނބުތަކުގެ ސިއްރުތައް ލިޔެފައިވާ ފަންޑިތަ ސިހުރުގެ ވާމިކް ރާހި ފޮތެކެވެ. އެއީ ސޯމަ އަބާދީއްތަ ވާމިކޭ ކިޔުނު ވަރުގަދަ ކަންވެރިޔަކު މީގެ ސަތޭކަ އަހަރު ކުރިން ލިޔެފައިވާ ފޮތެކެވެ. އޭނާގެ ހަޔާތުގައި އޭގެ ދޮޅަސް ފޮތް އެވޭލާ އަކުރުން ލިޔުއްވިއެވެ.
އޭގެ ކޮންމެ ފޮތަކީ ފަންޑިތަ ސިހުރުގެ ވަކި ކަމަކަށް ނުވަތަ ބާވަތަކަށް ހާއްސަވެފައިވީ ސަތޭކަ އެތައް ސަފުހާއެއް އޭގެ ކޮންމެ ފޮތެއްގައި ހިމެނޭ ދިގު ސިލްސިލާ މަސައްކަތެކެވެ. އޭގެ ތެރޭގައި ދެޔޯއިންނާ ބެހޭ ފޮތްތަކާއި ބޯދާ ކަލާނގެތަކާ ބެހޭ ފޮތްތަކާއި އެ ބޯދާ ކަލާނގެތައް ހާޒިރުކޮށް މަދަދަށް އެދުމަށް ކަތިލެވޭ ގުރުބާންތަކުގެ ތަފްސީލުތައް ވެސް ވާމިކްގެ ސިލްސިލާތަކުގައި ވަރަށް ތަފްސީލުކޮށް ލިޔުއްވާފައިވެއެވެ.
ސާގީސާގެ ތަހުތާ ހަމަ އަށް މި ފޮތްތައް ވެފައި ވަނީ ސުވާދީޕާގެ އިތުރުން މުޅި ޕަޅަންދީޕާއި ލަކްޝަދީޕާ ހަމަ އަށް ވެސް ފެތުރި ގަބީލާތަކާއި އެކި ނަސްލުތަކުގެ އެތައް ބަޔަކު ސަޖިދަޖަހައި އަޅުކަންކުރަމުން ގެންދިޔަ، ރޫހާނީ ބާރުތަކެއް ލިބިފައިވީ ލިޔެކިޔުންތަކަކަށެވެ. ނަމަވެސް އެ ރަދުން އިސްލާމްދީނަށް ވަދެވަޑައިގެންނެވުމަށް ފަހު އޭގެ ތެރެއިން ބައެއް ފޮތްތައް ސުވާދީޕާގައި މަނާކުރައްވައި އޭގެ ތެރެއިން ގިނަ އަދަދެއްގެ ކޮޕީތައް އަލިފާނުގައި އަންދައި ނައްތައިލެއްވިއެވެ.
އަންދައި ނައްތާލި ފޮތްތަކުގެ އަޅިތައް ގެންގޮސް ބުރުވާލެވިފައި ވަނީ އިސްމިޑޫގެ ވަށައިގެންވީ ކަޅުކަނޑަށް ކަމަށް ބުނެވެއެވެ.
ކަންވެރިންނަށް މާނަކުރަން ނޭނގުނު އާލާސްކަންފުޅެއްގައި ސާގީސާގެ އަޖަލު ޖެހި ނިމިގެން ދިއުމުގެ އަސްލަކީ ވާމިކް އިލްމު ކުޑައިމީސްކޮށް އަންދާލެއްވި އަންދާލުން ކަމަށް ގަބޫލުކުރާ އެތައް ބަޔަކު ސުވާދީޕާގައި މިއަދު ވެސް އެ ފޮތްތަކަށް ސަޖިދަޖަހައި މާއްދީ އެދުމަށް ފެންބޮވައިގެންފައިވީ ހޮރުހޮރުތަކުގައި އެބަތިއްބެވެ. ނަމަވެސް މި ޒުވާން ޒޫމިކާލް އަކީ އޭގެ ތެރެއަށް ނިސްބަތްވާ ސިހުރުވެރިއެއް ނޫނެވެ.
އެކަމަކު އޭނާ އަކީ ސާގީސާ ތަހުތުގެ މާކަންވެރިންގެ މަޖިލީހުގައި އިސް މުޝީރުކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ތަޖުރިބާކާރު ފަންޑިތަވެރިޔާ ބަވަންދީގެ ދަރިވަރެކެވެ. އަދި އޭނާ ގާތުން ފަންޑިތަ ސިހުރުގެ އިލްމަށް އެދުރުވެ އަހުލުވެރިވަމުން ގެންދާ ދަރިވަރުންގެ ތެރޭގައި ހިމެނޭ އެންމެ ޒުވާން، އެންމެ ހިތް އަލި ޅަކަންވެރިޔާ ވެސްމެއެވެ.
އާދެ، އޭނާގެ ދަރަޖަ އަކީ ޅަކަންވެރި ކަމެވެ. އެއީ މާކަންވެރިންގެ މަސައްކަތުގައި އަތްގާތްކޮށް ކިޔެވެލިތަކުގައި ބައިވެރިވުމުގެ އެއް ވަނަ ދަރަޖައިގެ ސަނަދު ލިބިފައިވާ ދަރިވަރުންނެވެ.
ރަތް ކުލައިގެ ބަނޑޭރިގަނޑުލީ ވާމިކު ރާހީގެ މި ފޮތް ޒޫމިކާލް އަށް ފޯރުކޮށްދިން ފަރާތަކީ އިތުރު ދެ ވަނަ ފަރާތެއް ނޫނެވެ. މިއީ ނަކަތް ރާހީގެ ދިރާސާ ދަސްކުރުންތަކަށް ބަވަންދީގެ ހާއްސަ ހުއްދައަކާ އެކު ގަނޑުވަރުގެ ކުތުބުހާނާ އިން އޭނާއާ ހަވާލުކޮށްފައިވާ ފޮތެކެވެ.
ގަނޑުވަރުގެ އެ ކުތުބުހާނާގައި މިއަދު ނެތީ ބޯދާ ކަލާނގެތަކާއި ގުރުބާންތަކާ ބެހޭ ގޮތުން ވާމިކް ލިޔުއްވި ފޮތްތަކެވެ. އެއީ މިއަދު ވެސް ސުވާދީޕާގައި މަނާކޮށްފައިވާ ފޮތްތަކެކެވެ. ނަމަވެސް އެ ދެ ފޮތުގެ ކޮޕީއެއް ވެސް ޒޫމިކާލްގެ އަތުގައި އެބައޮތެވެ. އެންމެނަށް ސިއްރުކޮށްގެން އޭނާ ގެންގުޅޭ އެ ދެ ފޮތަކީ އުފަން ރަށް މުލަކުގެ ބޮޑު ހަވިއްތާ އަށް ވަދެ އުޅެނިކޮށް އެތަނަށް އުކާލާފައިވީ ފޮތްތަކެއްގެ ތެރެއިން އޭނާ ހޮވި ދެ ފޮތެވެ.
އެއީ މުލަކުގެ އިރުއުތުރު ބިތުގައި ހުރި ހަވިއްތާތައް ތަޅައި ސުންނާފަތިކުރަމުން ދިޔަ ދުވަސްވަރެކެވެ. ޒޫމިކާލްގެ އުމުރުން ވާނީ ތޭރައެވެ.
އެ ދެ ފޮތަށް ދޫވި ހިތުގައި ރިޔާ ނަގައިގެން ޒޫމިކާލް ފުރީ އިސްމިޑޫ އަށެވެ. އޭނާގެ ބައްޕަ، ގެދަރުފުތާ އާއި ބޮޑުބެ އަކީ އޭރު ވެސް ގަނޑުވަރުން ބަތާ ދެއްވާފައި ތިބި މުޅި ސުވާދީޕާގައި މަޝްހޫރު ކުޅަދާނަ ދެ ރާވެރިންނެވެ. އާދައިގެ ރާވެރިންނެއް ނޫނެވެ. އެއީ އާދަޔާހިލާފު ދެ ރާވެރިންނެވެ. ސަބަބަކީ އެ ދެބެއިން ރާ ބޭލި ރުއްތަކުން ދުވަހަކުވެސް ރާ ހުސްނުވާތީއެވެ. އެއީ އަގު އުފުލިގެންވީ އާދަޔާހިލާފަށް މީރު ދޯރާއެކެވެ.
ދެ މީހުން ހާއްސަވެފައިވީ ހުސްނުވާ ރާ ލިބޭ ކަމަށް މަޝްހޫރުވެފައިވީ ރުއްތަކަކުން ރާ ބޭލުމަށެވެ. ލަކްޝަދީބުގެ މާ އުތުރުގައި އޮތް ފަޅުރަށަކުން ގެނެސް އައްޑޫގެ އެކި ރަށްތަކުގައި ސާގީސާ އިންދެވި އެ ރުއްތަކުން ރާބާލަން އެނގޭ އިތުރު ބަޔަކު ނެތެވެ. އެހެންކަމުން ދެ ރާވެރިންގެ އަގު އޮތީ ސާގީސާގެ ދަރުބާރުގައި އެ ރުކުގެ ރަލާ އެއް ވަރަށް އަރައިފައެވެ.
ރާބޭލުމަށް އައްޑޫ އަތޮޅަށް ކޮންމެ ހަފުތާއަކުން ކުރަމުން ދިޔަ ދަތުރުތަކުގެ ތެރެއިން އެމީހުންނާ ބަވަންދީއާ ދެމެދުގައި ވެސް އޮތީ އެކުވެރި ބަދަހި ގުޅުމެއް އުފެދިފައެވެ. އަދި ބަވަންދީގެ ދުނިޔެ އަށް ޝައުގުވެރިވި ދަރިފުޅު ޒޫމިކާލްގެ ވާހަކަ ގެދަރުފުތާ އަބަދުވެސް ކިޔައިދެމުން ގެންދިޔައީ ނިކަން ފަހުރުވެރިވެ ހުރެގެންނެވެ.
ޒޫމިކާލްގެ ބައްޕަ ދަތުރުކުރި ރާވެރި ދޯނި ގަދަ ކޮޅިގަނޑެއްގައި ޖެހި ކަޅުކަނޑަށް ބަންޑުން ޖަހާލީ ބަވަންދީގެ ކަންވެރި މަކުތަބުގެ ކުލާސްތަކުގައި ބައިވެރިވުމަށް ޒޫމިކާލް އިސްމިޑޫ އަށް ބަދަލުވިތާ ހައެއްކަ މަސް ފަހުންނެވެ. އެ ހަފުތާގައި ގަދަ ހުމާ ބަލިވެ އުޅުނު ކޮއްކޮއާ ނުލައި ގެދަރުފުތާ ދަތުރުކުރި އެ ދޯނިން ހަމަ އެކަކު ވެސް ސަލާމަތެއް ނުވިއެވެ. ކަނޑުވެ ގެއްލުނީއެވެ.
އެ ދުވަހަށް ފަހު ޒޫމިކާލް އިސްމިޑޫގައި ވަޒަންވެރިވީ އެވެ. އަދި އުޅެ ބޮޑުވީ ބަވަންދީގެ ހިމާޔަތާއި އެހީތެރިކަމުގެ ހިޔަލުގަ އެވެ. ނަމަވެސް އޭނާގެ އަތުގައިވީ ވާމިކްގެ ފޮތްތައް އަބަދުވެސް ގެންގުޅުނީ އެ އެދުރުވެރިޔާ އަށް ސިއްރުކޮށް، ފޮރުވައިގެންނެވެ.
ބައެއް ގަނޑުތައް އެ ފޮތްތަކުގައި މަދެވެ. ބައެއް ގަޑުތައް ވަނީ ކަތުރުފަނި ކައިފައެވެ. އަނދައިފައެވެ. ނަމަވެސް ފަންޑިތަ ސިހުރުގެ ދުނިޔެ އަށް ޒޫމިކާލްގެ ހިތް ގޮސް ވެއްދި ޝައުގުވެރިކަމާއި ބާރަކީ މީގެ ދިހަ އަހަރު ކުރިން އޭނާ ހޮވި އެ ދެ ފޮތެވެ. އެ ދެ ފޮތުން ހިތު ދަސްކުރި ބޯދާ ކަލާނގެތަކާއި ގުރުބާނުތަކުގެ ވާހަކަތަކެވެ. ފަހަރުގައި ބަވަންދީގެ ކުލާހުގައި އެހާ އަވަހަށް މަތީ ފަޑިން އޭނާ އަށް ފުރުސަތު ލިބުނީ ވެސް އެހެންވެގެންނެވެ. އޭނާގެ ހިތް އަލިވުމުގެ ސިއްރަކީ ފަހަރުގައި، ވާމިކްގެ އެ ފޮތުގައި ސިފަކޮށްފައިވާ ކޮންމެވެސް ބޯދާ ކަލާނގެ އެކެވެ.
އޭގެ ބޯދާ ކަލާނގެއަކަށް އޭނާ ޖަހާފައިވާ ސިއްރު ސަޖިދަ އެވެ.
ކިޔަމުން ދިޔަ ވަރުޝަ ނަކަތުގެ ބާބު ނިމުމަކަށް އައިއިރު މުޅި ގޭތެރެ އޮތީ ރުބޭދާ ހޫނުކުރަމުން ގެންދިޔަ ބޭނގު ގަރުދިޔަ ތެލީގެ ވަހުން އެއްވަސްވެފައެވެ. ލައިގެންފައިވާ ސުންޕާވެރިކަމާ އެކު ރަށުގެ އެއްވެސް ދޯންޏެއް މަހަށް ނުފުރާތާ ދެ ހަފުތާވީއެވެ. ފެންބޮޑުވެ ބަންޑުވެފައިވީ ކުޅިތަކުން ރަށު ތެރެއަށް އަރައި ރޯނާވަމުން ދަނިކޮށް ޒޫމިކާލް ހިފައިގެން ގެނައި ބޭނގު މަސްކޮޅަކުން ކެއްކި މި ގަރުދިޔަ ތެލި ހޫނުކޮށްގެން ގޮބޮޅިއަލައާ އެކުގައި ކާތާ މިހާރު ތިން ވަރަކަށް ދުވަސްވީ އެވެ.
އިސްމިޑޫގެ ގޯތިތަކުގައި ބަދިގެތައް އާންމު ގޮތެއްގައި ހުންނާނީ ދިރިއުޅޭ ޖިފުޓިއާ ވަކިން ދުރުގަ އެވެ. ނަމަވެސް ބަލިވެ އިން އަންހެނުން މި ސުންޕާ ވަރުޝަ ވާރޭގެ ތެރެއަށް ނުކުންނަން ޖެހިދާނެތީ އެކަމުން ސަލާމަތްކޮށްދިނުމަށް ޒޫމިކާލް އެ ވަނީ ކައްކައި ކެވޭ ގޮތް އެމީހުން ދިރިއުޅޭ މައި ޖިފުޓިގަނޑަށް އުނދުންކޮށިގަނޑާއި ތެލިތައް ބަދަލުކޮށްދީ ހުރިހާ ކަމެއް ރާވައި އަތުރައި ހަމަޖައްސައިދީފައެވެ.
ރުބޭދާގެ ބަނޑަށް މިހާރު ހަ މަހެވެ. އަލަތު ދަރިފުޅާއި ލޯބިވާ އަނބިމީހާ އަށް ބަދުނަސީބެއް ކުރިމަތިވާތަން ބަލަން ކެތްވާނީ ކޮން ފިރިއެއްގެ ހިތަކަށް ތޯއެވެ. ޔަގީނަށް ވެސް ޒޫމިކާލްގެ ހަށިގަނޑުގައި ވަނީ ސާފު ތެދުވެރި ހިތެކެވެ.
ކިޔަމުން ދިޔަ ފޮތް ލައްޕާލާފައި އަށިމަތިން ފައިބައިގެން ދެ އަތުން ބުރަކަށި ކަހަމުން މޯޅިއަކަށް ދެމެމުން ގޮސް އޭނާ ބޯދިއްކޮށް ބަލައިލީ ފެންބޮޑުވެފައި އޮތް ގޯތީގެ އެންމެ ކޮޅުގައި އަޅާފައި ހުރި ފަންބަދިގެ އަށެވެ. ބަދިގެ ތެރޭގައި ދިއްލާފައި އޮތް ފުޅިބައްތީގެ އަލި އެތަނުގެ ދޮރުން ބޭރަށް ނުކުމެފައިވާތަން ފެނެއެވެ.
ދުނިޔެ މަތި އޮތީ ކަނު އަނދިރިކަމެއްގެ ތެރޭގައި މަރުވެފައެވެ. ކަޅު ކަނޑު ހީވަނީ އުޑުމަތީގައި ލައްވަވާފައި އޮތް ހެންނެވެ. ވެހެމުން އެދާ ވާރެ އަށް ވީ ވަގުތެއް ބުނާކަށް ނޭނގެއެވެ. ދުވަހުގެ ގަޑިން ވީ އިރެއް ބަލަން ޒޫމިކާލް ޖެހޭނީ ގޮސް އަނެއްކާވެސް ރާހި ފޮތުގައިވީ ގަނޑުތަކުގެ ތެރެއަށް ވަންނާށެވެ. ހިޔަނި ނުފެންނަތާ ހަފުތާއެއް ވަނީއެވެ.
ތަނބިކައްޓާ ހަމަ އަށް ފެންބޮޑުވެފައި އޮތް މެދުގޯތި ތެރެއަށް ނުކުމެ ކަޑަބޮއްޖަހަމުން ގޮސް އޭނާ ވަނީ ބަދިގެ އަށެވެ. އެވަގުތު އޭނާއާ ދިމާކޮށްލީ ފިލަކުއްޖަހާފައި ފުންމައިގެން އައި ކަޅުކުލައިގެ ފިޔޮއްކުކުޅެކެވެ. އޭގެ ދެ ފިޔަގަނޑާ އެކު ބޮލާއި މުޅި ގައިގެ ފަތްތައް ވަނީ ކޮޅަށް ޖަހައިފައެވެ.
ގަތްބިރާ އެކު ބަދިގެ ތެރެއަށް ނުވަދެ ފުޅިބައްތީގެ އަލީގައި، އެތަނުގެ ބޭރުގައި ޒޫމިކާލް ހިޔާވެގަތެވެ. ކުއްޖަހަމުން އައި ކުކުޅުގަނޑު އަނެއްކާވެސް އެތެރެއަށް ވަދެއްޖެ އެވެ. ބޯދިއްކޮށް އެތެރެއަށް ބައިލިއިރު އެ ކުކުޅުގަނޑު އޭގެ ދޮޅަސް ދަރިން ގޮވައިގެން ގޮސް ދުމަށީގެ ދަށަށް ވަދެ ޖައްސާލަނީއެވެ. ބަބުރުހެން ހީވާ ފިޔޮއްތަކެވެ. އެއީ މި ގޯތީގެ ކުކުޅެއް ނޫނެވެ.
އެ މަންޒަރު ބަލަން އޮވެފައި ބަދިގެ ތެރެއަށް ވަންގޮތަށް ހެހައި ސާފުކޮށްފައި އޮތް ކާއްޓެއް ނަގައިގެން ފެންގަނޑު ތެރެއިން ދުވެފައި ގޮސް އޭނާގެ ތެޅިގަލު ޖިފުޓި އަށް ވަދެއްޖެއެވެ.
ކަތިވަޅިން ޖަހައި މެދުން ފަޅާލި އެ ކާށިން ހުނިގޭނީ ޒޫމިކާލްއެވެ. ބަލިވެ އިންނަ އަންހެން މީހާ ކާށި ފަޅައި ހުނިގޭނުމަކީ ބައިގެންގޮސްދާނެ ފަދަ ބަދުނަސީބު އަމަލެކެވެ.
ހުނިގޮނޑީގައި ޖައްސާލި ގޮތަށް އޭގެ ފުއްކެނޑި ތިލައިގައި ކާށި ކިބައިގެ އެތެރެ ޖައްސައި އަންބާއެއް އަޅުވައި ޒޫމިކާލްގެ ކުޅަދާނަކަން އޭނާގެ އަންހެނުންނަށް ދައްކާލިއެވެ. އެ މަންޒަރު ބަލަން ރުބޭދާ ގޮސް އިނީ ކާއަށި ކައިރީގައި ގޮނޑިއެއް އަޅައިގެން ކުރުއަތްމައްޗަށް އޮށޯވެ މަޖާވެފައެވެ. ކާ މޭޒުމަތީގައި ދެ މީހުންގެ ރޭގަނޑުގެ ކެއުން އަތުރާލައިގެން ލޯބިވާ ފިރިމީހާގެ ލޯބިކަމުން ހިތްފުރިފައެވެ. އޭނާގެ އިންތިޒާރުގައެވެ.
ދެ މީހުންނަށް ވާނޭ ވަރަށް ގޭނި ހުނިކޮޅު ހިފައިގެން ގޮސް އެ ތަށި މޭޒު މަތީގައި ބެހެއްޓި ގޮތަށް އަންހެނުންނާ ދިމާލަށް ގުދުވެ އޭނާގެ ބޮލަށް ބޮސްދީފައި ކިޔާލި ބިސްމިއާ އެކު ދެ މީހުން ފެށީ އަލަ މޮޑޭށެވެ.
ކައި ނިމުނުއިރު ލޮޑުވެއްޖެއެވެ. ގަރުދިޔައާ އަލަޔާ ހުންޏާ އެކުގައި މޮޑެލައިގެން ކެއުމަކީ ހަމައެކަނި ފަގީރުންގެ ބަނޑުކެއުމެއް ވެސް ނޫނެވެ. ރަށުގެ އެންމެ ގަދަރުވެރި ގޭގޭގައި ވެސް އެންމެ އާންމު އެއް ކެއުމަކީ އަލަ އާއި ގަރުދިޔައެވެ. އުފަން ރަށް މުލަކުގައި ވެސް ޒޫމިކާލަށް އެންމެ މީރު ކެއުމަކީ މިއީއެވެ.
ތޮށަލީގެ ފެންޑާގައި ތަށިތައް ދޮވެ ނިމިގެން ގެއަށް ވަނުމުގެ ކުރިން ޒޫމިކާލްގެ ހިތަށް އެނބުރި އައީ ބަދިގެ ތެރެއިން އޭނާއާ ދިމާކޮށްލި ކަޅުކުލައިގެ ފިޔޮއްކުކުޅެވެ. ނިދަން ދާނީ އޭތީގެ ހާލެއް ބަލާލާފައޭ ހިތަށް އަރައި ފެންޑާއިން ނުކުމެ ވާރޭގެ ތެރެއިން ގޮސް އަނެއްކާވެސް ބޯދިއްކޮށްލީ ބަދިގެ ތެރެއަށެވެ.
ވަޔާ އެކުގައި ހެލެމުން ދިޔަ ފުޅިބައްތި ނަގައިގެން ގޮސް ދުމައްޓާ ދިމާލަށް ތިރިވެ އެތެރެ ފެންނަ ވަރަށް އަލިކޮށްލިއެވެ. ރޭގަނޑަށް ވެރިވެފައި އޮތް އަނދިރިކަމުން ކަޅިވެފައި އޮތްހެން ހީވި އެ ކުކުޅެއް މިހާރަކު އެތަނުގައި ނެތެވެ. ނަމަވެސް ދުމަށީގެ އެކަނުގައި ވަނީ ކުކުޅެއްގެ ހާލި އެކެވެ. އެ ހާލީގެ ތެރޭގައި އޮތީ ބަރާބަރު ބާރަ ބިހެވެ.
އެ ބިސްތަކާ ދިމާލަށް ބަލަހައްޓައިގެން ހައިރާންވެ އަންތަރީސްވެ އިނދެފައި އެތަނުން ތެދުވިގެން ފުޅިބައްތި އޭގެ ބުޅިގަނޑުގައި އެލުވާލާފައި ބަދިގެ އިން ނުކުމެގެން ގޮސް ޒޫމިކާލް ގެއަށް ވަދެއްޖެއެވެ. ބަދިގެ ތެރެއިން ފެނުނު އަޖައިބުގެ ވާހަކަ އަންހެނުންނަށް ކިޔައިދޭން ހިތަށް އެރިއެވެ. ނަމަވެސް އެ މާބަނޑު އަންހެން މީހާ ބިރުގެންފާނެ ކަމަށް ލަފާކޮށް އެ ހިޔާލު ބޮލުން ނެރެ އެއްލާލީއެވެ.
އެހެންނޫނަސް ނިދާއަށިމަތީގެ ބިއްދޮށަށް އަރައި އޮތް ރުބޭދާ އެ އޮތީ މިހާރު ވެސް ދެބަދޭތެރެވެލާފައެވެ. އަނދެގެން ހުރި މުންޑުގަނޑު ބާލައި ރޯނުގައި އޮތް ނިދާއެތިގަނޑެއް އަނދެލައިގެން ބޮލުން މަހާލި ގަންޖުފަރާސްގަނޑު ހެޔޮވަރު ކުރަމުން ގޮސް ޒޫމިކާލް ވެސް އަރައި ޖައްސާލީ ނިދާއަށީގައެވެ.
މާގިނަ އިރެއް ނުވެ ބިތްދޮށުން ގުގުރީގެ ކުރަކި އަޑެއް އިވެން ފަށައިފި އެވެ. ތޮށަލީގެ ފުރާޅު ކުޅެމުން ދިޔަ ރާގުތައް ކުއްލިއަކަށް ތުރާލަކަށް ބަދަލުވެއްޖެ އެވެ. ނިންޖާ ދުރުގައި އޮތް ޒޫމިކާލްގެ ބޮޑުކޮށްލާފައިވާ ދެ ލޮލުގެ ކަޅި މަޑުމަޑުން ފާރަލަމުން ދިޔައީ ގޭތެރޭގައި އުދުހެމުން ފާރުތަކަށް ޖައްސަމުން ދިޔަ މަޑު ފެހިކުލައިގެ މަސްކާށިދޫންޏަކަށެވެ. އެ މަސްކާށިދޫނި ވެސް ބަޔަކަށް ފާރަލަމުންދާ ކަހަލައެވެ.
ގޭތެރޭގައި އެ ސޫފި ހިތަކަށް އެނބުރޭތާ މިހާރު އިރުގަނޑެއް ވެއްޖެއެވެ. ޒޫމިކާލް ވަގުޖަހައިގެން މަޑުން އެ އޮތީ އޭތީގެ ތަގުދީރު އޭނާ އަށް އެނގޭތީ ތޯއްޗެވެ. ތަގުދީރުގެ އެ ބުރު ތެރޭގައި މަރާ ސަމާސާކުރަމުން އުދުހެމުން ގެންދިޔަ އެ ސޫފި ބުރާންތިވެގެން ވެއްޓުނީ ކުއްލިއަކަށެވެ.
ގޭތެރޭގައި އެލުވާފައި އޮތް ފުޅިބައްތީގެ ބިއްލޫރިގަނޑުގައި ޖެހުނު ގޮތަށް ބުރައިގެން ދިޔަ އެ ސޫފި ގޮސް ޖެހުނީ މޭޒުމަތީގައި ލައްޕާފައި އޮތް ނަކަތް ރާހީގެ ފޮތުގައެވެ. އެ މަންޒަރު ބަލަން އޮވެފައި ހިތަށް ވީ ތުރާލަކުން ޒޫމިކާލް އަށިމަތިން ތެދުވިގެން ގޮސް އެ މަސްކާށިދޫނި ނަގައިގެން ގޮސް ކުޑަދޮރެއް ހުޅުވައި ވާރޭގެ ތެރެއަށް އެއްލާލިއެވެ.
އަސްކަނިން އޮހޮރި ދެމެމުން ދިޔަ ފެނުގެ ތެރޭގައި ޖެހުމާއެކު އެ ސޫފީގެ ފައިތައް ވަރުވަރަށް ތެޅިގެންފައި ހުޅުވައި ފަރިކޮށްލި ފިޔަގަނޑުގެ ބާރުގައި އުދުހިގަތެވެ. ފުޅައް ބަގީޗާ ގަސްތަކުގެ ތެރެއަށް ވަދެ ގެއްލިއްޖެއެވެ.
އެ މަންޒަރު ބަލަން ހުރެފައި ކުޑަދޮރު ލެއްޕި ގޮތަށް ގޮސް ޒޫމިކާލް ނެގީ އަށިމަތީގައި އޮތް ރަތްކުލައިގެ ބަނޑޭރިގަނޑުލީ ރާހި ފޮތެވެ. އެ ފޮތް ހިފައިގެން ގޮސް ތަންދޮށުން ދަމައި ނެރުނު ކަޅުވަކަރު ފޮށިގަނޑު ހުޅުވާލުމާ އެކު އަނެއްކާވެސް ބޮލުގައި ތަޅައިގަތީ ބަދިގެ ތެރެއިން ފެނުނު ފިޔޮއްކުކުޅުގެ އަޖައިބެވެ. އަދި ކުއްލިއަކަށް އޭނާގެ ހަނދާނުގައި ފެންގަނޑެއް ފަދައިން ފޭދިގަތީ ބޯދާ ކަލާނގެތަކާ ބެހޭ ގޮތުން ވާމިކު ލިޔެފައިވީ ފޮތުގެ ބާބެއްގައި ލަފުޒުން އޭނާ ކުރަހާފައިވާ މަންޒަރެކެވެ.
ނިދި މިރޭ ލޮލަށް ނައިސްގެން އުޅޭ ސަބަބު އެހިސާބުން ސާފުވެއްޖެއެވެ. އެހެން ނޫނަސް ރުބޭދާ އަކީ ހަމަ ކޮންމެ ރެއަކު ވެސް ބޮޑު ގުގުރީގައި ވާޖަހައިގެން އޮންނަ އަންހެނެކެވެ.
ރާހީގެ ފޮތް، ފޮށިގަނޑު ތެރެއަށް ލައި ތަންދޮށަށް ކޮއްޕާލުމަށް ފަހު ޒޫމިކާލް ގޮސް ޖައްސާލީ އޭނާގެ ފޮތްކިޔާ އަށި ދޮށުގައެވެ. އެލުވާފައި އޮތް ފުޅި ބައްތި ހިފައިގެން ގޮސް ބެހެއްޓީ ކިޔާއަށިމަތީގައެވެ. ކާމޭޒު ކައިރިން ދަމައިގެން ގޮސް ހެޔޮވަރުކޮށްލި ގޮނޑީގައި ހަމަޖެހިލުމަށް ފަހު އޭނާ ދެން ހުޅުވާލީ ކަޅުކުލައިގެ ބަނޑޭރިގަނޑުލީ ބޯދާ ދެޔޯ އާއި ކަލާނގެތަކުގެ މަނާ ފޮތެވެ.
ޒޫމިކާލަށް ހީވީ ހަމަ ރަނގަޅަށެވެ. އޭނާގެ ހިތް ދުވަހަކުވެސް އޭނާއަކަށް އޮޅުވައެއް ނުލައެވެ. ގޯހެއް ނަހަދައެވެ.
ވަރުޝަ ނަކަތުގެ ޝުކުރުވިލޭރެއެއްގައި ފެންނަ ކަޅުކުލައިގެ ފިޔޮއްކުކުޅަކީ ޗައްޔަދެއްވެކެވެ. އޭގެ ބާރަ ދަރިން ގޮވައިގެން އެއް ހާލިން އަނެއް ހާއްޔަށް ބާރަ ދަން ވަންދެން ދަތުރުކުރާ ޗައްޔަދެއްވަކީ މަރާއި ދިރުމާއި ގަރުބަގަތުމުގެ ވަސްތަކަށް ދަހިވެތިވާ ސުންޕާވެރިކަމެކެވެ.
އޭތީގެ ބާރަ ދަރިން ރަމްޒުކޮށް ދެނީ ބާރަ ދަމެވެ. އިރު މަހެއްގެ ބާރަ މަސް ދުވަހެވެ. ރާހީގެ ބާރަ ތަރި އެވެ. ނުވަތަ އެ ދެއްވަށް ގުރުބާންކުރަންޖެހޭ ދަރިންގެ އަދަދެވެ. ވާމިކުގެ ފޮތުގައި ލިޔެފައި އޮތީ މިހެންނެވެ.
ޗައްޔަދެވި ފެނިއްޖެ ނަމަ ގުރަހަ ބުރެއް ހަމަވަންދެން ކޮންމެ ހަނދުމަހެއްގައި ގުރުބާން ކަތިލަންވާނެއެވެ. ނުވަތަ އެމީހެއްގެ ވަންހައާ ގުޅިފައިވާ ބާރަ ކުދިންނާ އެ ދެވި އަވަލާނެއެވެ. ބަލިވެ އިންނަ އަންހެންނަކަށް ޗައްޔަދެވި ފެނިއްޖެ ނަމަ އޭނާގެ ބަނޑަށް ބާރަ ހަފުތާގައި ހައްޔަރުން ނެއްޓޭނެތެވެ.
އެހިސާބަށް ކިޔުނުތަނުން ޒޫމިކާލް ދިޔަނީ އިންތަނުން ސިހިގެންނެވެ. ވަރަށް ބާރަށް މީހަކު ގޭގެ ދޮރުގައި ތަޅައިގަތް ކުއްލި އަޑަށެވެ. މެދުން ހުޅުވާލާފައިވީ ފޮތް އޮތްގޮތަށް އަށިމަތީގައި ބޭއްވުމަށް ފަހު ގޮނޑިން ތެދުވެ ދޮރާ ދިމާލަށް ހިނގައިގަތުމަށް އިރުކޮޅެއް ބޭނުންވިއެވެ.
އެންމެ ފުރަތަމަ ވެސް ބަލައިލެވުނީ ލޯބިވާ އަނބިމީހާ އޮތް ހާލެކެވެ. ރުބޭދާ އޮތީ ގަދަ ނިދީގައެވެ. އޭނާ ދަމަމުން ދިޔަ ގުގުރީގެ ވާތައް ވަނީ ކެނޑިފައެވެ. ކުރަކި ހުތުރު އެ އަޑު މިހާރު ވަނީ ކެނޑިފައެވެ. ވާރޭގެ ތިކިތައް ތޮށަލީގެ ފުރާޅުގައި އަދިވެސް ރާގު ކުޅެނީއެވެ.
ތެދުވިގެން ގޮސް އަށިފަރުދާ ދަމައި އަންހެނުން ނިވައުކޮށްލުމަށް ފަހު މަޑުމަޑުން ހިނގާލާފައި ގޮސް ޒޫމިކާލް ހުއްޓުނީ ދޮރު ކައިރީގައެވެ. ބޭރުގައި ހުރި މީހެއްގެ ޚަބަރު ނުވެ އިރުކޮޅެއް ވުމުން އޭނާ ދެން ހަދާ ގޮތެއް ބަލަންވެގެންނެވެ. އޭނާ އަނެއްކާވެސް ދޮރުގައި ތަޅާތޯ ބަލަންވެގެންނެވެ. ނުވަތަ އެއީ ކިޔަމުން ދިޔަ ފޮތުގެ ތެރެއިން ބޮލަށް ވަން ހިޔާލުތަކުން އުފަންވި ވަހުމެއްތޯ ޔަގީންކުރުމަށެވެ.
ދޮރު ކައިރީގައި އެގޮތަށް ހުއްޓައި ދެން އިވުނީ ބޭރުގައި ހުރި މީހަކު ޒޫމިކާލަށް ގޮވާލި އަޑެވެ. އާއެކެވެ. އެއީ ވަރަށް ދަންނަ އަޑެކެވެ. ނަމުން ގޮވާލުމާ އެކު އެ މީހަކު އަނެއްކާވެސް ދޮރުގައި ދެ ތިން ފަހަރަކު ޖަހާލިއެވެ. އަނެއްކާވެސް އޭނާގެ ބަރު އަޑުން ޒޫމިކާލަށް ގޮވާލިއެވެ.
އެއާއެކު އޭނާ އެ ދޮރު ހުޅުވާލިއެވެ. އަތުގައި އޮތް ފުޅިބައްތި މައްޗަށް ނަގައި އަލިކޮށްލިއެވެ. ފެންޑާގައި ތެމިފޯވެފައި ހުރި ފިރިހެނަކީ ލޮލަށް ނުފެނި ގިނަ ދުވަސްތަކެއް ވެފައިވީ އޭނާގެ ބޮޑުބޭބެއެވެ. އިބިރާބެއްޔާއެވެ. އެކަމަކު އެހެން އެންމެން އޭނާ ދަންނަ މަޝްހޫރު ނަމަކީ ރާބެއެވެ.
ބޮޑު ވާހަކައެއް އެބައޮތޭ ބުނެފައި ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓުގަނޑާއި ބޮލުގައި އޮޅާފައިވީ ފޮށާގަނޑު ބާލައި ދެގަނޑެތި އެކުގައި ފެލާލައިފިއެވެ. ފެންޑާގެ އެއްކޮޅުން އަނެއްކޮޅަށް ދަމާފައިވީ ރޯނުގައި އެ ދެގަނޑެތި އަޅުވާލުމަށް ފަހު ދަމައިގަތީ އެތަނުގައި އޮތް ތުވާއްޔެކެވެ.
ގައި ހިއްކާލައިގެން ބޯ ހިއްކަން ފަށައިގަތުމާއެކު އަނެއްކާވެސް ބުނެލިއެވެ. ބޮޑު ވާހަކައެއް ދައްކަން އެބައޮތެވެ. ފަތް ސިލުނބެއް ތައްޔާރުކޮށްލައިގެން އަންނާށެވެ. އެހެން ބުނެފައި އަނެއްކާވެސް ބޯ ހިއްކަން ފަށައިގަތެވެ.
ނަމަވެސް އަތުގައި އޮތް ފުޅި ބައްތި އޭނާގެ މޫނާ ދިމާލަށް ދިއްކޮށްލައިގެން ހުރި ޒޫމިކާލަށް އޭނާގެ އެ ބޮޑުބޭބެ ކިޔާ އެއްޗެއް ފަހުމުވާހެނެއް ހީއެއް ނުވެއެވެ.
އެއީ ބޮޑުބޭބެ އިބިރާބެއްޔާ ކަމާ މެދު ވެސް އޭނާގެ ހިތުގައި މިހާރު ޝައްކެވެ. އިބިރާބެއްޔާގެ ބޯ އެހާ ހުދެއް ނުވާނެއެވެ. އޭނާގެ ބޮލުގައި ކުރުކޮށް ކޮށާލާފައި އޮތް ފަން އިސްތަށިތައް އެކުގައިހެން އެ ވަނީ ހުދުވެފައެވެ. ފުޅި ބައްތި ދިއްކޮށް ލޯ ބޮޑުކޮށްލައިގެން ހުރި ޒޫމިކާލުގެ ހިތަށް އެރީ މިހެންނެވެ.
އަނެއްކާ މި އޮތް ވަރުޝައިގެ ގަދަ ވިއްސާރައިގެ ތެރޭގައި މުލަކުން ފުރައިގެން އިސްމިޑޫ އަށް އަންނާނީ ވެސް ކޮން މޮޔައެއް ހެއްޔެވެ. އަމުދަކުން އެ ގަދަ ކަނޑު ހުރަސްކުރީ ކޮން އޮޑިއެއްގައި ހެއްޔެވެ؟ އޭނަގެ ދެ ފަޔާއި މުންޑުގަނޑު ވެސް އެ ވަނީ ކުޅީގެ ކިސަޑުން ތަތްކިލާވެފައެވެ. ވަރުޝައިގެ މި ރޭތަކަކީ ކިސަޑުތަކުގެ ތެރެއިން ދެޔޯއިން ނުކުމެ އިންސާނުންގެ ސިފައިގައި ގޯތިތަކަށް ވަދެ ދޮރުތަކުގައި ޓަކިދޭ ކަމަށް ބުނެވޭ ރޭތަކެކެވެ.
ޒޫމިކާލްގެ ތެޅެމުން ދިޔަ ހިތަށް އަރައި ފައިބަމުން ދިޔައީ މި ސުވާލުތަކާއި ވަހުމެވެ.
ނަމަވެސް ފުޅިބައްތިއާ އެކު އޭނާ އެތެރެއަށް ވަދެއްޖެއެވެ. ފިކުރު ބޮޑުވެފައި ހުރި ބޮޑުބެއާ ހަމަ އެންމެ ސުވާލެއް ކޮށްލަން ވެސް އޭނާއަކަށް ނުކެރުނެވެ.
ދުންގަނޑެއް ތައްޔާރުކޮށްލައިގެން ފެންޑާ އަށް ނުކުމެ އެ ގުޑުގުޑާ އޭނާގެ ބޭބެ އަށް ދިއްކޮށްލިއެވެ. ތުވާލިގަނޑު ކޮނޑުމައްޗަށް އެއްލާލައިގެން އޭނާ މިހާރު އެ އިނީ ފެންޑާގެ ދިގުއަށީގައި ޖައްސާލައިގެންނެވެ. ކުޑަކޮށް ގުދުވެލާފައި ޒޫމިކާލުގެ އަތުން އަތުލައިގަތް ގުޑުގުޑާ އިން އޭނާ ދުންބޯން ފެށިއިރު ޒޫމިކާލުގެ އަނެއް އަތުގައި އޮތް ފުޅިބައްތި އޭނާ ފެންޑާގެ ބުޅިގަނޑެއްގައި އެލުވައިފިއެވެ.
މެޔާ ދިމާލުގައި ދެއަތް ހުރަސްކޮށްލައިގެން ހުރިގޮތުން ހީވަނީ ބޮޑުބެ ކިޔަން އުޅޭ އެއްޗެއް ފަށާނެ އިރަކަށް މަޑުކޮށްލައިގެން ހުރިހެންނެވެ.
"މީހަކު މާޔޫސްވުމުން އެމީހާ ކަނޑަށް އެރެން ވެސް ފަހެއް ނުޖެހޭނެއެވެ."
"މުސީބާތުގެ ކުރިމަތީގައި ބަލިވެ ނިކަމެތިވުމުން، ތޫނު ކަނޑީގެ ކުރީގައި ހުސް ދެ އަތުން ހިފަން ވެސް އޭނާ ފަހެއް ނުޖެހޭނެއެވެ."
އެއީ ރަށުގެ ބަހުރުވައެވެ. އެއީ ހިތުގައި ވީ އުދާސްތަކެވެ. ދުންބޮމުން ބޭރުކޮށްލި ރާބެގެ އެ ފިކުރުތަކުގައިވީ އަޑުގެ މާޔޫސްކަން އިސާހިތަކު ޒޫމިކާލްގެ ހިތަށް ވަދެއްޖެއެވެ. މަޑުމަޑުން ކުރިއަށް ޖެހިލައި އަށީގެ އަނެއްކޮޅުގައި ގޮސް އިށީނެވެ. ބޮޑުބެގެ ދެ ލޯ އެފަދައިން ފެންކަޅިވެފައި ވަނިކޮށް އޭނާ މީގެ ކުރިން ދުވަހަކުވެސް ނުދެކެއެވެ.
ނަމަވެސް ވެގެން އުޅެނީ ކިހިނެތް ކަމެއް ދެން ވެސް ސާފުވާ ވަރެއް ނުވިއެވެ. އަދި ވާހަކަ މެދުކަނޑާލާފައި ސުވާލުކުރާނެ ހިތްވަރެއް އިބިރާބެއްޔާގެ ކުރިމަތީގައި ޒޫމިކާލަކަށް ދުވަހަކުވެސް ނުދެއްކެއެވެ. ބައްޕަ އަށް ވުރެން އޭނާ އަބަދުވެސް ޖެހިލުންވެ އިހުތިރާމުކުރި ޝަހުސަކީ އިބިރިބެއްޔާއެވެ.
ނަމަވެސް އެ ގަދަފަދަ ޝަހުސިއްޔަތުގެ މޫނުމަތިން މިރޭ އެ ފެންނަނީ ބިރުވެރިކަމާއި މާޔޫސްކަމުގެ ކުލަވަރެވެ.
"ދިޔޯއްތަގެ ފުރާނަ ވަނީ ބަލިވެގެން ކަރުބުޑާ ހަމަ އަށް އަރައިފައެވެ."
މިހެން ބުނެފައި ގުޑުގުޑާގެ ނޮޅިގަނޑު ގެންގޮސް އޭގައި ހަރުކޮށްލިއެވެ. އަދި ލޮލުން ހިރިލި ކަރުނަ ކޮނޑުމަތީގައި އޮތް ތުވާލިން ފޮހެލުމާ އެކު ބުނެލިއެވެ. އެ އަޑު މިފަހަރު އައީ ކަފިވެގެންނެވެ.
"ދައްތަގެ ފުރާނަ މިއަދު ބަރޯސާވެފައި އެ ވަނީ ކަންވެރިންގެ އިންސާފަށެވެ"
"އޭނާގެ ހަށިގަނޑަށް ސަވާރުވެފައި ވަނީ ހަމައެކަނި ބަވަންދީ އަށް މައިތިރިކުރެވޭނެ ބާރެކެވެ"
"ނަމަވެސް އޭނާ ލަފާއަރުވަނީ އެހެން ދެ މީހަކު ފޮނުވާށެވެ"
"ގަނޑުވަރުގެ މާކަންވެރިކަމާ އެކު އޭނާގެ ހިތުން ރަހުމުގެ މިންވަރު އުނިވެފައިވާ ކަހަލައެވެ."
މިހެން ބުނެފައި ރާބެ އަނެއްކާވެސް ނޮޅިގަނޑު ނަގައިގެން ދަމައި ދުންގަނޑެއް އަރުވާލިއެވެ. އޭނާ ހިތްހަމަނުޖެހި، މާޔޫސްވެ ފިކުރު ބޮޑުވެފައި އެހެރަ ސަބަބުތައް މަޑުމަޑުން ނިއުޅުވެން ފަށައިފިއެވެ. އަދި އޭނާގެ މި ދަތުރަކީ ކޮންމެހެން މިގެއަށް އަންނަން ކުރި ދަތުރެއް ނޫންކަން ވެސް ޒޫމިކާލަށް އެހިސާބުން ޔަގީންވެއްޖެއެވެ.
އޭނާ އެ ދައްކަނީ އަންހެނުން އަނޮންގްދިޔޯގެ ވާހަކަތާއެވެ. އޭނާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބަވަންދީގެ ހިތުގައި ޝައުގެއް ނެތް ވާހަކަތާއެވެ. ނަމަވެސް އަނޮންގްދިޔޯގެ ޖިސްމާއި ފުރާނަ ނުބައިވެގެންވީ ރޫހާނީ ބާރަކުން އަޅުވެތިކޮށްފައިވާކަން ޒޫމިކާލަށް މި އެނގުނީ އަދި ކިރިޔާއެވެ.
އެންމެފަހުން ބައްދަލުވިއިރު ވެސް އޭނާގެ ހާލު، ފެނުނު ފެނުމަށް އެންމެ ރަނގަޅެވެ. ރާބެއާ އެކު އުޅެމުން ދިޔައީ ނުލާހިކު އުފަލުންނެވެ. ނަމަވެސް އެއީ މީގެ ހައެއްކަ މަސް ކުރިއެވެ.
އެހެންވީމަ ސީދާ ބަވަންދީގެ އެހީތެރިކަން ބޭނުންވެގެން ވަރުޝައިގެ ގަދަ ނަކަތެއްގައި ފުރައިގެން ރާބެ އިސްމިޑޫ އަށް އަންނާނީ އޭނާގެ އަންހެނުންނަށް ހާދަ ވަރެއް ވެފައި އޮތީމަތާއެވެ. ހިތުގައި އުތުރިއަރަމުން ދިޔަ ސުވާލުތަކާއި ޝައުގުވެރިކަން އެންމެފަހުން ޒޫމިކާލް ބަންޑުން ކުރަން ފަށައިގަތެވެ. އަދި ރާބެ ކިޔައިދޭން ފެށި ވާހަކަތަކާ އެކު އޭނާގެ ފައި ދަށުން ބިންގަނޑު ދެމެން ފަށައިގަތެވެ. މުޅި ގައިން ހީބިހި ނަގަން ފަށައިގަތެވެ.
މިއީ ބަވަންދީގެ އެހީތެރިކަމަށް އެދިގެން ރާބެ އައި ދެ ވަނަ ފަހަރެވެ. މީގެ ދެ މަސް ކުރިން ވެސް ބަވަންދީގެ އަރިހަށް ގޮސް އޭނާއާ ބައްދަލުކުރިއެވެ. އެ ވާހަކަ އެނގުމުން ޒޫމިކާލްގެ ހިތުގައި ޖެހުނެވެ. އިހުސާސުވީ އޭނާގެ ކިބައިގައި މާ ބޮޑު އަގެއް ނެތް ކަމެވެ. ކަންވެރި ދުނިޔޭގައި އޭނާ ހޯދާފައިވާ ކުރިއެރުންތަކަށް މިއިން އެއްވެސް މީހަކު އަދިވެސް އިހުތިރާމުނުކުރާ ކަމެވެ. ބަވަންދީގެ ހިތުގައި ވެސް އޭނާ އަށް ފުރިހަމަ އިތުބާރެއް ނެތް ކަމެވެ. އެހެން ނޫން ނަމަ އަނޮންގްދިޔޯއާ އަވަލައިގެން އުޅޭ އިފްރީތުގެ ވާހަކަ އޭނާއާ ހަމަ އަށް އަންނާނީ ވަރުޝައިގެ ކެރިގަނޑެއްގެ ގޮތުގައެއް ނޫންތާއެވެ.
ރާބެ ކިޔައިދިން ވާހަކަތަކުން ނުތަނަވަސްވެފައި އޮތް ހިތާއިގެން ޒޫމިކާލް ގޮސް ވަނީ އޭނާގެ ޖިފުޓި އަށެވެ. ރޭކޮށްފައި ފަތިހަށް މަޑުވެލީމަ ފުރަން ދާނީ ކަމަށް ބުނެ ފެންޑާގެ އަށީގައި ޖައްސާލި ބޮޑުބެއަށް ބަނާތުގަނޑެއް ހޯދާށެވެ. ކެހެރީގެ އޮމާން އަޅިކުލައިގެ އެ ބޯ ފޭރާންގަނޑު މުޅި ގައިގައި އޮޅާލައިގެން އިބިރާބެއްޔާ ނިދިބޮޅަށް ވެއްޓިގަތްއިރު ވެސް ޒޫމިކާލްގެ ލޮލުފިޔަ ޖެހޭ ގޮތެއް ނުވިއެވެ.
ކަޅުކުލައިގެ މަނާ ފޮތުގެ ގަނޑުތަކުގެ ތެރެއަށް ގެއްލިވީ އިރެއް އޭނާ އަކަށް ނޭނގެއެވެ. ހޭލެވުނީ މީހަކު ބޮލުގެ ފުއްކިބާގައި މަޑުމަޑުން ފިރުމާލި އޯގާވެރި އިހުސާސަށެވެ. މެދުން ހުޅުވާލާފައި އޮތް ފޮތުގައި ބޯއަޅައިގެން އޮތް ޒޫމިކާލަށް ހޭވެރިކަންވީ ކުއްލިއަކަށެވެ.
ފުންމައިގެން ތެދުވިއިރު ފެންޑާ އަށް ނުކުމެ ހެލިފެލިވެ އުޅެމުން ދިޔަ އަންހެނުން ފެންނަނީ ކުޑަދޮރުގެ ތޭރިތަކުގެ ދޭތެރެއިންނެވެ. ބޯމަތީގައި އެލުވާފައި އޮތް ފުޅިބައްތި ވަނީ ނިވިފައެވެ. އޭގެ ތެރޭގައިވީ ކާށިތެލުގެ ތެރެއަށް ވެއްޓި މަރުވެފައި އޮތް މަސްކާށިދޫންޏެއް އޮތެވެ.
ވާރޭގެ އަޑެއް ބަޑެއް ނީވެއެވެ. އިބިރާބެއްޔާގެ އަޑެއް ވެސް ނީވެއެވެ. ދުނިޔެ މަތި އަލިކޮށްފައިވާ އިރުގެ ދޯދިތައް ކުޑަދޮރާއި ތެޅިގަލުގެ ފާރުތަކުގައި ހެދިފައިވާ ލޯވަޅުތަކުގެ ތެރެއިން ގޭތެރެއަށް ތޮރުފަނީއެވެ. އެ މާހައުލުގައި އުދުހެމުންދާ ހިރަފުސް ވަނީ ދޯދިތަކެއް ފަދައިން ދިއްލިފައެވެ.
އުނގުޅާލި ދެ ލޯ ހުޅުވައި ގޮނޑިން ތެދުވިގަތުމާ އެކު ޒޫމިކާލަށް ބަލައިލެވުނީ އަނދެގެން ހުރި މުންޑުގަނޑާ ދިމާލަށެވެ. މަޑުދަނބުކުލައިގެ ހުރަސްރޮނގު ޖެހި އެ މުންޑުގަނޑު ވަނީ އޭނާގެ ކުރިމަތިފަރާތާ ދިމާލުން ތެމިފައެވެ. އެ އޮލަ ފެނުގެ އަސަރު އޭނާގެ މާކަޅުވާގައި ވެސް ދެމިގަތެވެ. އެއާ އެކު ބޭއިހުތިޔާރުގައި އޭނާ އަށް ތެޅިގަނެވިއްޖެއެވެ.
މަނިން މުޑުދާރުވެފައި އޮތް ނިދި މުންޑުގަނޑު އަވަސްއަވަހަށް ބާލައިފިއެވެ. ގަތް ލަދާއި ފަކުރާ އެކު ކުޑަދޮރާ ދިމާލަށް ބޯދިއްކޮށް ބަލައި ވެސް ލެވިއްޖެއެވެ. ބޭރުގައި އުޅުނު ރުބޭދާ ފެންޑާއަކުން ފެންނާކަށް މިހާރު ނެތެވެ.
ރޯނުން ޖަހައިގަތް ތުވާލިގަނޑުން އޮރިޔާން ނިވައުކޮށް މުންޑުގަނޑު ނަގައިގެން ތެދުވިގަތްތަނުން ޒޫމިކާލްގެ ލޮލުގައި އަޅައިގަތީ އަށިމަތީގައި ހުޅުވާފައި އޮތް ކަޅުފޮތުގެ އެވޭލާ އަކުރުތަކެވެ. ކަނާ ދިމާލުން އަނދައިގެން ގޮސް އެ ލިޔުމުގެ އެއް ބައި ވަނީ ގެއްލިފައެވެ. ގަދަ މުށިކުލައިގެ އެ ސަފުހާގައި ވަނީ އަނޮންގްދިޔޯގެ ކިބައިން ފައުޅުވާ ކަމަށް ބުނެ އިބިރާބެއްޔާ ކިޔައިދިން އަލާމާތްތަކާ ހަމަ އެއްވެސް ތަފާތެއް ނެތް ވާހަކަތަކެވެ. އަދި އިފްރިންފިރާއޭ ކިޔުނު ބޯދާ ކަނލާގެއެއްގެ ވާހަކައެވެ. (ނުނިމޭ)



