ފަތިސް ނަމާދަށް ފަހު އެންމެން ވެސް ޖަމާވާން ފެށީ ޖަމްބުގަސް ހެދިފައިހުރި ފަޅު ގޯއްޗަށެވެ. އެއް އިރެއްގައި ރަށު މީހުން އެންމެ ޖެހިލުންވި ނުވަތަ ދާން އެންމެ ބިރުގަތް ހިސާބަކީ އެއީ ކަމަށްވިޔަސް އަރައިގެން އައި އިރާއެކު ގޯތި ކައިރިއަށް ޖަމާވަމުން ދިޔަ އެއްވެސް މީހެއްގެ މޫނުމަތިން މިހާރަކު އެ ބިރުވެރިކަމެއް ނުވަތަ ޖެހިލުންވުމެއް ނުފެނެ އެވެ. އެއަށް ވުރެ ބޮޑަށް ފާހަގަކުރެވެނީ ހައިރާންވެފައިވީ މޫނުތަކެވެ. އުދައްޔަކާއި ފަކީރާއަކުން ޖަހައި ބާޖިސްކަލޯ އެ ގޯތި ކޮނެ، އެފުށް މިފުށަށް ޖަހާލާފައި އޮތް މަންޒަރު ފެނުމުން އެކަންވީ ހަގީގަތުގައި ވެސް ރަށު މީހުން އަޖައިބުން އަޖައިބުކޮށްލި ކަމަކަށެވެ.
އިރުއެރިއިރު ވެސް ބާޖިސްކަލޯ ހޭވައްޓާލާފައި ތަނެއްދޮރެއްނުބަލައި ގޯތީގެ އެކި ހިސާބުތައް ކޮނެ ނަގަމުން ގެންދަނީ އެވެ. ފިޔަވަޅެއް އަޅާލި ކޮންމެ ދިމާލަކުން ވަޅުގަނޑަކަށް ވެއްޓޭ ވަރަށް އޭނާ އޮތީ އެތަން ކޮނެލައިފަ އެވެ. މި ހާލެއްގައި ދޫނުދީ އުޅެނިކޮށް އެރިއިރުގެ ރަތްދަކަ އަވިން ފިއްސައި ބާޖިސްކަލޯ އޭގެ ވަޅުގަނޑަށް ވެއްޓިއްޖެ އެވެ. އޭނާއާ ކައިރިވާން ނުކެރިފައި ތިބި މީހުންތައް އެ ދިމާލަށް ދުއްވައިގަތީ ދެނެވެ. އޭރު ބާޖިސްކަލޯގެ ކެލިދުރު އާއިލާގެ ބެއިންތައް ވެސް މި ގޯތި ތެރެއަށް ދުވެފައި އައިސް ވަދެއްޖެ އެވެ. އެއް ބަޔަކު ބާޖިސްކަލޯ ކޮނޑަށް ލައިގެން ފަރުވާ ދޭން ދުއްވައިގަތްއިރު އަނެއް ބަޔަކު މަޑުކޮށްލީ އޭނާ ހެއިކެނޑިގެން ވެއްޓުނު ވަޅުގަނޑުގެ ތެރެއިން ފެނުނު އަޖާއިބަކަށް ޝައުގުވެރިވެގެންނެވެ. އޭރު ގޯތި ތެރޭގައި ފީވެފައި ހުރި ފީފާ ވަޅުބުރި ކައިރިން ބަކަރިހަން އެޅި ފައިވާން ކިބައެއް ފެނިގެން ވެސް އެއް ބަޔަކު ހޯބޯލައްވަނީ އެވެ.
*** ** ***
ބޮކުގެ ވާރެ އާއި އަނދިރިގަނޑުގެ މުސީބާތަށް ފަހު ބައްޕަންކަކާ ގެއްލުމުން އޭނާ ހޯދަން އުޅުމުގެ އެއްވެސް ބޭނުމެއް ނެތްކަމަށް އަނޮންގް ދިޔޯ ނިންމީ އެކަމުގައި އޭނާ އަށް ކުރެވޭނެ ހަމަ އެއް ކަމެއް ވެސް ނެތްކަން ކަށަވަރުވީމަ އެވެ. އެ ހިސާބުން އަމިއްލަ ދިރިއުޅުމުގެ ހުރިހާ ބާރުތަކާއި އިހްތިޔާރެއް ވެސް ގެއްލިފައިވާ ކަމަށް އޭނާ ގަބޫލުކުރި އެވެ. އަނޮންގް ދިޔޯގެ ހަތަރެސްފައިގައި ދުނިޔަވީ ހުރިހާ ބާރެއް ޖެހި އޭނާގެ އެންމެ ޒުވާން، އެންމެ ރީތި ސިފައަށް އެނބުރި ދިއުމަކީ އަމިއްލަ ބާރާއި ހިތުގެ އެދުމާ ގުޅިފައިވީ ކަމެއް ނޫނެވެ. އެކަމަކު އެއަށް ވުރެ ނުބައި ބާރަކުން އޭނާގެ ނަފުސަށާއި ޖިސްމަށް ވެރިވެގަނެފައިވާ ކަމުގެ ސާފު އިޝާރާތެކެވެ. މި ހަގީގަތް ގަބޫލުކޮށް ދިޔޯ އެންމެފަހުން އަމާން ދިނީ އެވެ. އެހިސާބުން އޭނާ ބެލީ ނުބައިވެގެންވީ އެ ބާރެއް ރުއްސެން އޮތް ގޮތަކަށް ރުއްސައިގެން ދަރިފުޅު ދަލޭކާގޮމާ ގޮވައިގެން ކުރިއަށްދާށެވެ. އެކަމަކު އެ ދަރިފުޅުގެ މައުސޫމު ދެ ލޮލާއި މޫނު ފެންނަ ކޮންމެ ފަހަރަކީ މި ނޫން އެހެން ގޮތެއް ހޯދަން އަނޮންގް ދިޔޯގެ ހިތް ތެޅިގަންނަ ފަހަރެކެވެ.
ނަމަވެސް ޖަންގައްޔެއްހެން ހެދި ފެތުރިފައި އޮތް މި ބޮޑު ރަށުގައި އެކަނިމާއެކަނި ދަރިއަކު އުރުޖަހައިގެން ހަތަރުދަމު އުޅެން ޖެހޭއިރު އެ ބިރުވެރިކަމުން މިންޖުވުމަށް ކުރެވޭނީ ވެސް ވަކި ކީއް ހެއްޔެވެ؟ އަނޮންގް ދިޔޯ ފުރިހަމަ އިންސާނަކަށް ނުވުމަކީ މި ބަދުނަސީބުގެ އެއް އަސްލެވެ. މަޚްލޫގުންގެ ތެރެއިން ބަލިކަށިކުރެވިފައިވާ ނަފުސަކާއި ނަސްލަކަށް އޭނާ ނިސްބަތްވުމަކީ އޭނާގެ މި ހިތްދަތި ހަޔާތުގެ ހުރިހާ ކަމެއް ސުންޕާވެގެން ދާން ޖެހުނު އަސްލު ސަބަބެވެ. ނުވަތަ އެއްވެސް ބަޔަކު ބޭނުންނުވި ދަރިފަސްކޮޅަކަށް އޭނާ ނިސްބަތްވުމަކީ އެހެން ބާރަކުން އައިސް އެހާ ފަސޭހައިން އޭނާ ޖަހައިގެން ގެންދިޔަ ސަބަބެވެ.
އަނޮންގް ދިޔޯގެ އަމާގެ ނަސަބު ފެށިގެން އަންނަނީ ސައްދުންމަތީ ގަމުގައި ދިރިއުޅުނު ނިކަން ފަގީރު މަސްވެރި ކުޑަކުޑަ އާއިލާއަކުންނެވެ. މަސްވެރި މިދެމަފިރިންނަށް ލިބުނު ހަމައެކަނި ދަރިއަކީ ބޮލޯރިމާ ދިޔޯއެވެ. އެ ދުވަސްވަރަކީ ގަމުގައި ބުދު ފައްޅިތައް އުސްކުރަމުން ރުއްގަހަށް ވުރެން ވެސް މައްޗަށް އެ ގަބޫލުކުރުން އަރައިގެން ދިޔަ ޒަމާނެވެ. ނަމަވެސް މަސްވެރި މި ދެމަފިރިން ދިރިއުޅެމުން ދިޔަ މަތިމަރަވަލުގައި އޭރު އޮތީ އެހެން ގަބޫލުކުރުމަކާއި ފޯރިއަކާއި ލޭއޮހޮރުވުމެކެވެ. އަންހެން ދަރިންނަކީ ފާވެގެން އަންނަ ސުންޕާކަމެއް ކަމަށް ކަނޑައަޅައި އެ މުސީބާތުން އަރައިގަތުމަށް އެ ނިކަމެތި ފުރާނަތައް ދެވިތަކަށް ގުރުބާންކުރުމުގެ މަތިވެރިވި ގަބޫލުކުރުމެވެ.
މި ދެމަފިރިންނަށް ބޮލޯރިމާ ލިބުނު ދުވަހަކީ ފަރުމައްޗަށް ގޮސް ފިރިކަލޭގެ ހުސްއަތާ އައި ދުވަހެކެވެ. އެ މާޔޫސްކަމުގައި ގެއަށް އައިސް ޖިފުޓިގަނޑަށް ބޯދިއްކޮށްލިއިރު ވިހައިގެން އޮތް އަނބިމީހާގެ ބުއްބޯން އޮތް ދަރީގެ ޖިންސު ފެނިފައި ފިރިކަލޭގެ އަށް ދެން އެންމެ ފިޔަވަޅެއް ވެސް ކުރިއަކަށް ނޭޅުނެވެ. ބަޑިފަޅައިގެން ނުކުމެގެން އެނބުރި އައި ދިމާލަކަށް އޭނާ ދިޔައީ އެވެ.
ފަރުބިތަށް ފައިބައިގެން ގޮސް ކަނޑަށް އެރި މަރުވުމުގެ ވިސްނުމެއްގައި ހުއްޓައި ފަހަތުން އައި މީހަކު މި ފިރިކަލޭގެ އަށް ނަސޭހަތްތެރިވީ ވީހާ ވެސް އަވަހަކަށް އަންހެން ދަރި މާރިދަކަށް ގުރުބާންކުރުމަށެވެ. ފަސްއެނބުރި ބަލައިލިއިރު ދެއަތްދަނޑި މަތީގައި އަންހެން ދަރި ބާއްވާލައިގެން މި އާދޭހަށް އެދެމުން ދަނީ ފެންކަޅިވެފައި ހުރި އަނބިމީހާ އެވެ. ނަމަވެސް ފިރިކަލޭގެ ނިންމީ އޭނާގެ ގަބީލާގެ ވެރިންނާ މަޝްވަރާނުކޮށް އެއްވެސް ކަތިލުމެއް ކުރިއަށް ނުގެންދިއުމަށެވެ.
ފަގީރު މި ދެމަފިރިންނަށް ބަލާވެރިކަމެއް ކުރިމަތިވި ޚަބަރު ވެރިންގެ ދަރުބާރަށް ގެންދެވުނުހިނދު އެމީހުން ނިންމީ މި އަންހެން ދަރި ބާލިޣުނުވަނީސް ގުރުބާންނުކުރުމަށެވެ. އަދި މަސްވެރި ދެމަފިރިން މަތިމަރަވަލުން ނުކުމެ އެހެން މީހުންނާ އެކަހެރިކޮށް ވަކި ޖިފުޓިގަނޑެއްގައި ދިރިއުޅެމުން ގެންދިއުމަށެވެ. އެއީ ދެމަފިރިންނަށް ކުރިމަތިވާ މުސީބާތުގެ ބަލާވެރިކަމުން ދެންތިބީން ސަލާމަތްކުރުމަށެވެ. އަދި ބާލިޣުނުވަނީސް އެ އަންހެން ދަރި ކަތިލައިފި ނަމަ އޭގެ ބަދަލުގައި ދެމަފިރިންގެ ބޯ ބުރިކޮށްލެވޭނެ ކަމުގެ އިންޒާރު ވެސް ދަރުބާރުގެ އިސް ވެރިން ދިނެވެ. އެމީހުން ގަބޫލުކުރާ ގޮތުން ނަމަ ބާލިޣުވާއިރަށް ގުރުބާންކުރެވޭ އަންހެން ދަރީގެ ސަބަބުން ހުރިހާ އެންމެނަށް ދެވިކަލާނގެ ރުހިވޮޑިގަތުން ލިބި ނިމުމެއް ނެތް ގޮތެއްގައި ކަނޑުފަރުގެ ރިޒުގު ހުޅުވިގެންދާނެ އެވެ. މި ގަބީލާ އަށް އަންހެން ދަރިއަކު އުފަންނުވާތާ ފަސް އަހަރު ފަހުން ލިބުނު މި އަންހެން ދަރީގެ ބޭނުން ހިފުނު އެންމެ ބޮޑަކަށް ހިފަން އެމީހުން ނިންމީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެހެންކަމުން މި އަންހެން ދަރިއެއްގެ މުސީބާތާއެކު މަސްވެރި ދެމަފިރިންނަށް ޖެހުނީ އެކަހެރި، ހިތްދަތި، އެކަނިވެރި ދިރިއުޅުމެއް ތަހައްމަލުކުރާށެވެ.
އޭގެ ނުވަ އަހަރު ފަހުން ސާދަވިލޭރެއެއްގައި ބޮލޯރިމާ ދިޔޯ ގުރުބާންކުރުމަށް އަތްދަނޑި މައްޗަށް ލައިގެން ކަކޫތާފެނުގައި ގޮސް މަސްވެރި ކަލޭގެ ހިކިފަރަކަށް އެރިއިރު ބަނޑުފުރާ މުއްތިކުރުމަށް މި ފަރުތަކުން އެމީހުންނަށް މަސްމަހާމެހީގެ އެއްވެސް ދިރުމެއް ނުލިބޭތާ މި އަންހެން ދަރީގެ އުމުރުން ވީހާ ދުވަސްވެއްޖެ އެވެ. އެހެންކަމުން އެމީހުން މިހާރު ނިންމައިގެން ތިބީ އެއަށް ފަހު އުފަންވި އެހެން ހުރިހާ އަންހެން ދަރިން ވެސް ދެވިކަލާނގެތަކަަށް ފުލުފުލުގައި ގުރުބާންކުރުމަށެވެ.
ނަމަވެސް ދުރުން ދައްކާލި ވިދުވަރަކާ އެކު ފަރުމައްޗަށް ވެރިވެގަތް މާ ސިންގާ ދެޔޯމާރިދަކަށް ބޮލޯރިމާ މާ ބޮޑަށް ކަމުދިއުމުން ލޭ އޮހޮރުވުމަކާ ނުލައި ހުރިހާ މުސީބާތަކުން މަތިމަރަވަލު ގަބީލާގެ މީހުން މިންޖުކުރެވުނީ އެވެ. ކަތިނުލުމަށް އަމުރުހިންގައި މަސްވެރިކަލޭގެ އަތުން ބޮލޯރިމާ ޖަހައިގަނެގެން ދެޔޯމާރިދު އަލި ވިދުވަރެއްހެން ގެއްލިގެން ދިޔައީ އެވެ.
އޭގެ ފަސް އަހަރު ފަހުން އަނޮންގް ދިޔޯ، މާރިދުންގެ ކޮއިލުގެ އެންމެ ފުނަށް އުފަންވީ ބޮލޯރިމާ އާއި މި ދެޔޯމާރިދާ ދެމެދު އިޝްޤު އުފެދިގެންނެވެ. ނަމަވެސް އަނޮންގް ދިޔޯ އަށް ޖެހުނީ އޭނާގެ ނިކަމެތިވި މަންމަ އަށް ޖެހުނު ހާލެވެ. އަންހެން ދަރިއަކަށްވުމުގެ އިތުރުން އުފަންވުމުގައި ފުރިހަމަ މާރިދަކަށްނުވުމުން އަމީރެއްގެ ދަރިއަކަށްވިޔަސް މާރިދުންގެ ކޮއިލުން ނިންމީ އަނޮންގް ދިޔޯ އެމީހުންގެ ދަރުބާރުން ބޭރުކޮށް ތާއަބަދަށް މަނާކުރުމަށެވެ. މި ނިންމުން ވެގެންދިޔައީ މާރިދުންގެ ކޮއިލު ނިކަން ބޮޑަށް ގަޑުބަޑުކޮށްލި ކަމަކަށެވެ.
އަނޮންގް ދިޔޯގެ ދިފާއުގައި އޭނާގެ ބައްޕަ، ފުރިހަމަ އަމީރެއްގެ ހައިބަތާއި ބާރުގައި ތަހުތާ ދެކޮޅަށް ނުކުތް ނަމަވެސް މާރިދުންގެ މައި ދަރުބާރުގައި އެންމެފަހުން އޭނާގެ ބޯބުރިކުރެވި ގިނީގެ ކަންޒަށް ވައްޓާލެވުނީ އެވެ. އެއަށް ފަހު ބޮލޯރިމާ ދިޔޯގެ ފުރާނަ ވެސް ޖަހައިގަނެވުނީ އެވެ. ނަމަވެސް އެންމެ ފުރަތަމަ ވެސް ނިންމިގޮތަށް އަނޮންގް ދިޔޯ އަށް އެއްވެސް އަނިޔާއެއް ނުދީ އެމީހުންގެ ކޮއިލުން ތާއަބަދަށް އޭނާ ބޭރުކޮށްލީ އެވެ. އަނޮންގް ދިޔޯ ފުރިހަމަ މާރިދަކަށް ނުވުމަކީ މި ބަދުނަސީބުގެ އަސްލެވެ. ފުރިހަމަ އިންސިއަކަށް ނުވުމަކީ އަނެއް ބަދުނަސީބެވެ. ބިމަށް ވައްޓާލެވުނު ހިނދު އެހެން ނުބައި ބާރަކުން އައިސް އޭނާ ޖަހައިގަނެ، އަޅުވެތިކޮށްގަތީ އެވެ. އެ ބާރަކީ އިފްރިންފިރާ އެވެ.
ނުބައިވެގެންވީ މި މަޚްލޫގާގެ ހުށަހެޅުމުގައިވީ ޝަރުތުފުރިހަމަކޮށްދޭން ހިތް ނޭދުނަސް އިންސިންގެ ތެރޭގައި ފުރިހަމަ އިންސާނެއްގެ ސިފައިގައި ދިރިއުޅުމުގެ ދާއިމީ ފަސޭހަ ލިބެން އޮތީ އޭތީގެ ރުހުމާއި ބާރު ލިބިގެން ކަމަށް ވުމުން އިފްރިންފިރާގެ އަތުގައި ހިފަން އަނޮންގް ދިޔޯ އަށް އެންމެފަހުން މަޖުބޫރުވީ އެވެ. އެހިސާބުން ދިޔޯގެ ކިބައިން މާރިދު ހުރިހާ ސިފަތަކެއް ކެނޑި ފުރިހަމަވި، އެކަމަކު ބަލިނިކަމެތި އިންސިއަކަށް އޭނާ ބަދަލުވެގެންދިޔައީ އެވެ.
*** ** ***
ނިދީގައި އޮވެފައި ކުއްލިއަކަށް އަނޮންގް ދިޔޯ އަށް ހޭލެވުނީ މީހަކު އޭނާގެ އަތުގައި ހިފިހެން ހީވެ، ސިއްސައިގެންގޮހެވެ. ފުންމައިގެން ތެދުވިއިރު ކައިރީގައި އެއްވެސް މީހަކު ނެތެވެ. އަރައިގެން އައި އިރާއެކު ހާގޮވާ އަޑު ބޭރުން އިވެ އެވެ. ނިދީގައި މާ ގިނައިރުވެއްޖެކަން ހީވެ އަށިން ތެދުވަން އޭނާ ތެޅިގަތްއިރު އަނދެގެން ހުރި ކަނޑިކިބުރީގެ ރޮދިގަނޑު އޮތީ ދޫވެފަ އެވެ. އަވަސްއަވަހަށް އެއަށް ދަމައި ބާރުކޮށް އެންމެކައިރިން އަތު ޖެހުނު ލިބާސް ބޮލުން މަހާލައިގެން ގަޔަށް ހެޔޮވަރުކުރަމުން އޭނާ ޖިފުޓިން ބޭރަށް ނުކުމެއްޖެ އެވެ. އޭރު ގޯތި ތެރޭގައި ހުރި ކުޑައަށި މައްޗަށް އަރައި އެތަނުގައި އިށީނދެލައިގެން އިން ދަލޭކާގޮމަ، ވިލާތު އަތައެއްގައި އަނގަޖަހައިގެން އެއިން ފޮނި ބޮނީ އެވެ. އަށިމަތީގައި ހުރި އެކި ބާވަތްތަކުގެ އެހެން މޭވާތައް ފެނިގެން ހައިރާންވެފައި އަނޮންގްދިޔޯ އެދިމާލަށް ހިނގައިގަތްތަނުން ކުއްލިއަކަށް މޭނުބައިކޮށް ހޮޑުލެވިދާނެހެން ހީވުމުން ދުވެފައި ގޮސް ވަނީ ގިފިއްޔަށެވެ. އެކަމަކު ހޮޑެއް ނުލެވުނެވެ. މޭނުބައިކޮށްކޮށްފައި އައީ ލޭގެ ގުޅަވަރުގަނޑެކެވެ. ހައިރާންވެ އެއަށް ބަލަން ހުރެފައި އަނޮންގްދިޔޯ އަނެއްކާވެސް ބޭރަށް ނުކުމެއްޖެ އެވެ.
އޭރު ދަލޭކާގޮމާ ގޯތިތެރެއިން ނުކުމެގެން ގޮސް ދުރުން ފެންނަން އޮތް ނިކަވަލަށް ވަދެ ގެއްލެނީ އެވެ. އެވަގުތު ދަރިފުޅާއޭ ކިޔައި ގޮވަމުން އަނޮންގްދިޔޯ ވެސް އެ ދިމާލަށް ދުއްވައިގަތެވެ. ނިކަވަލު ތެރެއިން ހިސާބަކަށް ދެވުނުތަނުން އަނެއްކާވެސް މޭނުބައިކުރުވައި އޭނާ ހޮޑުލަވައިގަނެއްޖެ އެވެ. އެކަމަކު ހިންދިރުވާލާފައި ލެވުނު ބާރެއް ލާފައި ދުވެފައި ގޮސް ނުކުތީ ރަށުގެ ފުއްޓަރުފަރާތަށެވެ. އެހިސާބުން ބައްދައިގަތް ފިނިރޯޅީގައި ޖެހި ހުރިހާ ނުތަނަވަސްކަމެއް ވަގުތުން ފިލައިގެން ދިޔަކަހަލަ އެވެ. ގެއްލިދާނެހެން ހީވި އަންހެން ދަރި ވެސް އޭރު އަކިރިގަނޑުމަތީގައި ބޮލިހޮވަން އޮތެވެ.
އެ މަންޒަރާއި ފިނި ރޯޅިތަކާ އެކު ނުތަނަވަސްކަމާއި ބިރުވެރިކަން އަނޮންގް ދިޔޯގެ ހިތުން ފިލައިގެން ދިޔަހެން ހީވާ ކަހަލަ ހިނިތުންވުމެއް އޭނާގެ މޫނުމަތިން އެވަގުތު ފެނުނެވެ. ނަމަވެސް ފުއްޓަރުފަރާތު ބޭރުން ރަށާ ދިމާލަށް ދަތުރުކުރަމުން އަންނަ ރިޔައު ނެގި އޮޑިއެއް ލޮލުގައި އަޅައިގަތުމާއެކު އެ ހިނިތުންވުން ގެއްލި އަނެއްކާވެސް ދިޔޯގެ މޫނުމަތި ހާސްވެއްޖެ އެވެ. އެއް އޮޑިހެން ހީވި އޮޑީގެ ފަހަތުން އޭރު އިތުރު ދެ އޮޑި ބޮޑެތި ރިޔައުތަކާ އެކު ދައްކާލައިފި އެވެ.
އެ މަންޒަރަށް ބަލަން ނުހުރެ އަނޮންގް ދިޔޯ ތެޅިގަތީ އަންހެން ދަރި ގޮވައިގެން ފިލާށެވެ. (ނުނިމޭ)



