ޖަންބުމާވިލާގެ ގޯތި ތެރޭގައި ހެދި ބޮޑުވި ޖަންބުގަސް ފޯދުމަށް ފަހު ރަށު ތެރޭގައި އެންމެ އަޑުގަދަކޮށް ދެކެވުނު ވާހަކަ އަކީ އެ ރަށުގެ އެހެން އެއްވެސް ހިސާބެއްގައި އިތުރު ޖަންބުގަހެއް ނުހެދޭ ވާހަކަ އާއި ރަށުގައި ކުރިން ހެދި ފޯދި މޭވާ ލިބުނު ހުރިހާ ޖަންބުގަސްތަކަށް ގޮތްނޭނގޭ ނުރައްކާތެރި ބައްޔެއް ޖެހި މަރުވަމުން ދިޔަ ވާހަކަ އެވެ.
ހައެއްކަ މަސް ދުވަސް ތެރޭގައި ރަށުން އެ ހުރިހާ ޖަންބުގަހެއް މަރުވެ ހުސްވެއްޖެ އެވެ. އެކަމަކު އޭރު ވެސް ޖަންބުމާވިލާގޭ ގޯތިތެރެއިން އެދިމާލަށް ފެތުރިފައިވީ ޖަންބުގަހުގައި މައު އަޅައި ފަރިވެ ފޮޅެމުން ދަނީ އެވެ.
އެ މަންޒަރުގެ ހިތްގައިމުކަމާ އެއްވަރަކަށް އެކަން ވެސް ވީ ވަރަށް ޝައުގުވެރިކުރުވަނިވި ކަމަކަށެވެ. ވަކިން ހާއްސަކޮށް ޖަންބުގަހެއް ހުރެފައި އެ ގަސް މަރުވި ގޭގެއިން ނުކުމެގެން މި ގަސް ދޮށަށް އައިސް އެ ވާހަކަ ދެއްކި މީހުން ވަރަށް ގިނަ އެވެ. ނަމަވެސް ރަށުގެ އެހެން އެއްވެސް ތަނެއްގައި ޖަންބުގަހެއް ނެހެދި ފަރީގު މި ރާބެގެ ގޯތީގައި އެހާ ރަނގަޅަށް ޖަންބުގަހެއް ހެދެންވީ ސަބަބެއް ހޯދައި ބަޔަކަށް ބުނެނުދެވި އުޅެނިކޮށް ކެލިދުރުކަލޭފާނާއި މި ގޯތީ ދަލޭކާގޮމާގެ ކައިވެންޏަށް ރާބެ އެއްބަސްވި ހިސާބުން ރަށު ތެރޭގައި ދެން އެ ނޫން އެހެން ވާހަކައެއް ނުދެކެވެއެވެ.
އޭރު ދަލޭކާގޮމާ އަށް އެންމެ އަށް އަހަރެވެ. ސައްދުންމަތިން ފުރައިގެން އައިސް މިސްކިތްމަގުގައި އާބާދުވެ ފައިސާފޮތީގެ ބާރުގައި މީހުންގަނެ ރަށުގައި އަތްގަދަކުރަމުން ދިޔަ ކެލިދުރުކަލޭފާނަށް ސާޅީސް ވެދާނެ އެވެ. ނަމަވެސް އޭނާގެ އުމުރުންވީ މިވެނި ވަރެކޭ ބުނަން އެނގޭ، ކެރޭ ހަމަ އެކަކު ވެސް އެ ރަށުގައި ނުވެ އެވެ. ސައްދުންމައްޗާއި ސުވަދީވާ އާއި އައްޑޫ އަތޮޅުން އިނދެގެން އޭނާއާ އެކުގައި ގެނައި ތިން އަނބިންނަށް ވެސް ކަލޭފާނުގެ ސީދާ އުމުރު ބުނެދޭކަށް ނޭނގެ އެވެ. ނުވަތަ އެކަން ހޯދަން ބަޔަކު ޝައުގުވެރި ވެސް ނުވަނީތޯއްޗެވެ. އަމުދުން ކަލޭފާނު ވަރުގެ ބޮޑު ސައުދާގަރަކު ހިތާއިރުހުމުން މިވަަރުގެ ރަށެއްގައި އާބާދުވެ ރަށާއި ރަށްވެހީންގެ ތަރައްގީ އަށް އެހައި ބޮޑެތި ހިދުމަތްތަކެއް އަމިއްލަ ދެ ޖީބުން ކުރައްވަމުން ގެންދަވާއިރު އެ ބޭފުޅާގެ އުމުރަކީ ކޮބައިތޯ ބަލަން އުޅުމުގެ ބޭނުމެއް އޭގައި އަމުދަކުން އެބައޮތް ހެއްޔެވެ؟ ދަލޭކާގޮމާގެ އަތަށް އެދިގެން އައިސް ކަލޭފާނުގެ ހިތް ޖަންބުމާވިލާ އަށް ބަންޑުންކޮށް ރަނާއި ރިހިން ރާބެގެ އެ ކުޑަކުޑަ ޖިފުޓިގަނޑު ފުރާލުމުން އޭނާއަކަށް ވެސް ދަލޭކާގޮމާ އާއި ކަލޭފާނާ ދެމެދުގައިވީ އުމުރުގެ ތަފާތު ފެންނަވަރެއް ނުވިއެވެ. ބަލަން އަމުދަކުން ބޭނުމެއް ވެސް ނުވި އެވެ.
އެކަމަކު ސާދަވިލޭރެއެއްގައި މުޅި ރަށަށް ސައިދީފައި ކަލޭފާނު އެ ކުޑަކުޑަ ދަލޭކާގޮމާ އޭނާގެ ހަތަރު ވަނަ އަންބަކަށް ހެދިއިރު އެ ކުއްޖާގެ އަމާގެ އެއްވެސް ރުހުމެއް އެކަމުގައި ނެތެވެ. ނަމަވެސް އަނޮންގްދިޔޯ އޭރު އޮތީ އޭނާގެ ހުރި ހަމައެކަނި ދަރީގެ ހިމާޔަތުގައި އެއްވެސް ކަމެއް ކުރެވޭ ފަދަ ހާލެއްގައެއް ނޫނެވެ. މަރަށް ނުތެޅުނަސް މަރުގެ ތަންމަތީގަ ހިރިނުލެވިފަ އެވެ. ދޫ ހެލިނުލެވި އެ ހާލެއްގައި އޮތްނަމަވެސް ވަށައިގެންވީ މާހައުލާއި ރަށުގައި ވާނުވާހުރިހާ ކަމެއް އޭނާ އަށް އިހްސާސްވެ އެވެ.
ވަކިން ހާއްސަކޮށް މާދުރުގައިވީ މާރިދުބާރަކުން އޭނާ އަށް އެހީގެ އަތެއް ދިއްކުރާކަމުގެ އިހްސާސް ކޮންމެ ދުވަހަކުވެސް ކުރެވެ އެވެ. އަނެއްކާ ތަޅައި ބޭރުކޮށްލެވުނު މާރިދުންގެ ކޮއިލުން އޭނާ މި މުސީބާތުން ސަލާމަތްކުރުމަށް ބާރެއް ފޮނުވަނީ ހެއްޔެވެ؟ ޔަގީންނުވިޔަސް މި ހިތްދަތި ހާލުގައި އޮވެ އަނޮންގްދިޔޯގެ ހިތްއެދެނީ އެފަދަ މުއުޖިޒާތަކަށެވެ. ނަމަވެސް އަނެއްކާވެސް އޭނާ މި ދުނިޔޭގައި އެކަނިވެރިއަކަށް ބަދަލުވީ އެވެ.
ކައިވެނިކޮށްގެން ދަލޭކާގޮމާ ކަލޭފާނުމެންގެ ގެއަށް ގެންދިޔަފަހުން އެމަންޖެގެ މޫނު ނުފެންނަތާ ވެސް މިހާރު އެތައް ދުވަހެކެވެ. ފިރިއެއް ކަމަށް ގަބޫލުކުރެވި، ހިތާއި ފުރާނަ ނަގައި ހަވާލުކުރެވުނު ރާބެ އެންމެފަހުވަގުތު ކެހި ދީފައި ފިލައިގެން ދިއުމުން ދިޔޯގެ ހިތަށް ކުރި އަސަރު އަދި ވަކިން ބޮޑެވެ.
ބަވަންދީގެ ކިޔެވެލިތަކާއެކު ވިލާތައް ފަޅާލާފައި ނުކުތް އިރުގެ އަލިކަމުން ރާބެއާ އެކު ދިޔޯގެ ހަޔާތް ވެސް އަލުން ދިއްލިގެންދިޔަ އެވެ. އެކަމަކު ގޯތިތެރޭގައި އިންދި ޖަމްބުގަސް ފޯދި، މައު އަޅައި އެ މާތައް މޭވާ އަށް ބަދަލުނުވެ، މޯޅިވެގެން ވެއްޓެން ފެށި ހިސާބުން ދެން އަނެއްކާވެސް ހުރިހާ ކަމެއް އަނެއްއަތަށް އަޅާލީއެވެ. ފަހަރުގައި ކަން އެހެން ދިމާވާން ޖެހުނު ސަބަބަކީ ބަވަންދީގެ އިންޒާރަށް އަމަލުކުރުމުގައި ރާބެ ފަރުވާކުޑަކޮށްލުމެވެ. އެ ގަހުގައި މޭވާ ނާޅައިފި ނަމަ އެ ގޯތިން ނުކުމެގެން ދިއުމަށް ބަވަންދީ އިންޒާރު ދީފައި އޮތީ އޭނާގެ ކިޔެވެލިތައް ކާމިޔާބުވެ އިފްރިންފިރާގެ ހިތާއި ފުރާނަ އެގަހުގައި ކަސްތޮޅުއެޅިގެންދާނެކަން އޭނާ އަށް ފުރިހަމަ އަށް ޔަގީންވާތީ އެވެ.
ނަމަވެސް ފައިސާފޮތްޗަކާ އެކު ރާބެގެ ހިތް އަނދިރިގަނޑަކަށް ގެނބި އޭނާއާ އެންމެ ގާތުގައިވީ މީހުން ވެސް އެ ނުރައްކަލަށް ދަމައިގެން ގެންދިޔައީއެވެ. އެކަމަކު އަނޮންގްދިޔޯ ގަބޫލުކުރާ ގޮތުން ރާބެގެ ސާފު ތެދުވެރިވި އެ ހިތް ކިލަނބުކޮށްލި ބާރަކީ ހަމައެކަނި އެ ސައުދާގަރު އެމީހުންގެ ގޮވައްޗަށް އެއްލި ފައިސާފޮއްޗެއް ވެސް ނޫނެވެ. ގަހުގައި ކަސްތޮޅު އެޅިފައިވީ އިފްރިންފިރާގެ ނުފޫޒާއި ބާރު އެކަމުގައި މާ ބޮޑެވެ.
** ** **
ރާބެ ފިލައިގެން ދިޔަތާ ހައެއްކަ މަހެވެ. ނުވަތަ ވީނުވީއެއް ނޭނގި، ރާބެ ވެސް، ބައްޕަންކަކާ ފަދައިން ގެއްލުނީ އެވެ. އަނޮންގްދިޔޯ އުޅޭ ހާލެއް ބަލައިލަން އެގެއަށް ރަށު މީހަކު ނުވަންނަތާ ވެސް ހައެއްކަމަސްވީ އެވެ. ކޮންމެ ދުވަހަކު ކާއެތިކޮޅެއް ދިއްކޮށްލި އަވަށްޓެރިޔާގެ ޚަބަރެއް ވެސް މިހާރަކު ނުވެ އެވެ. ގަވާއިދުން ކޮންމެ ދުވަހަކު ދިޔޯ އަށް ކާއެތިކޮޅު ގެންގޮސްދިން އަވަށްޓެރިޔާ އެކަން ހުއްޓާލީ އެގެއަށް ވަންނަން އޭނާގެ ހިތުގައި އެންމެފަހުން ބިރުވެރިކަން އުފެދުނު ހިސާބުންނެވެ.
ކަލޭފާނާ ކައިވެނިކޮށްގެން ދަލޭކާގޮމާ އެ ގެއިން ނުކުމެގެންދިޔަ ހިސާބުން ފެށިގެން އަނޮންގްދިޔޯ ވަނީ އޭނާގެ ކުރީގެ ނަފުސާއި ޖިސްމާއި ސިފަތަކުން އެއްކޮށް މަހްރޫމްވެ މުޅިން އެހެން މީހަކަށް ބަދަލުވެފަ އެވެ. ފަހުންފަހުން އައިސް އެއީ އަނޮންގްދިޔޯއޭ ބުނަން ނޭނގޭ މިންވަރަށް އެ އަންހެން މީހާގެ ސިފަ ބަދަލުވެ ހުތުރުވީއެވެ. އެއް އިރެއްގައި އެންމެ ދޮން، އެންމެ ރީތި އަންހެނާގެ ގޮތުގައި މުޅި ރަށަށް މަޝްހޫރުވެފައިހުރި ދިޔޯގެ އެ އޮމާން ހަށިގަނޑުގައި ރޫޖެހި އަދަދުން ބުނެދޭން ނޭނގޭވަރުގެ މުސްކުޅިކަމެއްގައި އެ ނަފުސު ބަނދެވި ބަލިކަށިވެ ކަމީނާވެ މުޑުދާރުވެގެން ދިޔައީ އެވެ.
އުނަގަނޑުން ތިރިއަށް ދެމިގެން ގޮސްފައި އޮތް ފަން ރިވެތި އިސްތަށިގަނޑު ވެސް މިހާރު އެ އޮތީ ކުރަކިވެ އެތަންމިތަނުން ނަޑަގަނޑޮ ފެންނަވަރަށް އިސްތަށި ފައިބައި ހުސްވާން ކައިރިވެފަ އެވެ. ދަތްތައް ކަޅުވެ ނިޔަފަތިތަކުން ވެސް އޭގެ ތުނިކަމާއި ކުރިކީލިކަން ކެނޑި އެ އިނގިލިތައް ހީވަނީ އޭގައި ކިސަޑު ހޭކި، ހިކި ހަރުވެފައިވާހެންނެވެ.
ފުންކަން ބުނެދޭން ނޭނގޭ މި އަނދިރިކަމެއްގެ ތެރެއަށް އަނޮންގްދިޔޯ މަޑުމަޑުން ގެނބެމުންދިޔައިރު އެ މަންޒަރު އެންމެ ގާތުން ދުށް މީހަކީ އޭނާގެ އަވަށްޓެރިޔާއެވެ. އެންމެފަހުން ބަލިއެނދުގައި ކަސްތޮޅުއެޅި، ދިޔޯގެ ހަށިގަނޑަށް ނުބައިވެގެންވީ ބާރެއް ވެރިވެއްޖެކަން ކަށަވަރުވި ހިސާބުން އެ އަވަށްޓެރިޔާ އޭނާގެ ދަރިންފަތި ގޮވައިގެން ގެއިން ނުކުމެ، އެހިސާބުގަނޑުން ވެސް ފިލައިގެން ދިޔައީ އެވެ. ދެން މާ ގިނަ ދުވަހެއް ނުވެ ރަށުތެރޭގައި ފެތުރެން ފެށީ މާ ހުތުރު، މާ ބިރުވެރި ވާހަކަ އެވެ. ދިޔޯގެ ޖިފުޓިގަނޑު ދަންވަރަށް ރަތްކުލައަކުން ދިއްލޭ ވާހަކަ އާއި އެގޭތެރެއިން ހުތުރުއަޑުއަޑު ލައްވާ އަޑު ދަންވަރު މުޅި ހިސާބުގަނޑަށް އިވޭ ވާހަކަ އެވެ.
އޮއްސޭއިރާއެކު، އެ ހިސާބުގަނޑުން އުދުހޭ ކާޅުތައް އެ ގޯތިތެރެއަށް ވެއްޓި ބޮކާއި އެހެން ސޫފިތައް ގޯތިތެރެއަށް ޖަމާވެ ފުމެ ހޭރޭ މަންޒަރު ފެންނަ ވާހަކަ އާއި އުނުއޮރިޔާމާ އުޅޭ މުސްކުޅި އަންހެނަކު އިދިފުށަށް ހަތަރެސްފައިޖަހައިގެން ގޯތިތެރޭގައި ކޮޅުކޮޅަށް ދުވެ ހޭރޭ މަންޒަރު ފެންނަ ވާހަކައެވެ. މި ބިރުވެރިކަމުން މިންޖުވާން އެހިސާބުގަނޑު ދޫކޮށް ދިޔަ އާއިލާތަކުން ދެން ބުނަން ފެށީ އަނޮންގްދިޔޯ އަކީ ނުބައިވެގެންވީ ސިހުރުވެރިއެއް ކަމަށެވެ. އޭނާ ސިހުރުހަދަނީ ކަލޭފާނާއި ދަލޭކާގޮމާ ދުރުކޮށް އެ ސައުދާގަރު މަރާލުމަށް ކަމަށެވެ.
މި ޚަބަރު ލިބުނުފަހުން ކަލޭފާނަށް ހަމަނިދިލިބޭގޮތެއް ނުވި އެވެ. އެކަމަކު ހުރިހާ ރޯޅިއެއް ގޮސް ބޭލީ އިނދެގެން ގެއަށް ގެންދިޔަ ކުޑަކުޑަ ދަލޭކާގޮމައަށެވެ. ތަޅައި އަނިޔާކޮށް ހެއްދެވިނެހެއްދެވިއަށް ގޮވައި އެންމެފަހުން އެކުއްޖާ ފަކީރު ގެއިން ވެސް ނެރެ އެއްލައިލީއެވެ.
** ** **
އެއީ ސޯޅަފޮއިގެ ކަނުއަނދިރި ރޭތަކުގެ ތެރެއިން ރެއެކެވެ. ކަޅު ބޯ ވިލާގަނޑަކުން އޮއްސާލި ކެރިގަނޑެއްގައި މުޅި ރަށް ކަރުތާފެނަށް ގެނބިފައިވާ ކަހަލައެވެ. ގިސްލަމުން، އެ ގަދަ ފިނީގައި ތުރުތުރުއަޅަމުން ގޮސް މިސްކިތްމަގުން ބޭރަށް ނުކުމެވުނުއިރު އެހިސާބުގަނޑު އޮތީ އަދި ވަކިން ބޮޑު އަނދިރިކަމެއްގެ ތެރެއަށް ގެނބިފަ އެވެ. ހިސާބުގަނޑުގައި އަޅާފައިވާ ގެ އާއި ޖިފުޓިތަކުން އެއްވެސް އަލިކަމެއް ފެންނަންނެތްއިރު މީހެއްގެ ހިލަމެއް ވެސް އެހިސާބުގައި ނުވެއެވެ. ދުރުން ފެންނަން އޮތް ޖަމްބުމާވިލާގެ ގޯތިތެރެއިން ފުރޭތައެއް ފަދައިން އަރައި ފެތުރިގެންފައިވާ ޖަމްބުގަހާ އެކު އެތަނަށް ވެރިވެފައި އޮތް ފަޅުކަމާއި ނާމާންކަން އަދި ވަކިންބޮޑެވެ. ނަމަވެސް އެ މަންޒަރަށް ބަލަން ދުރުގައި ހުރެފައި ގޮސް ބިރުކަނޑާލާފައި ދަލޭކާގޮމާ އޭނާގެ އަމާގެ ގެއަށް ވަދެއްޖެ އެވެ. އޭރު ގޭތެރެއިން މީހަކު ކުކުރާ އަޑު އިވެއެވެ.
ބަދިގެއަށް ވަދެ އަލިފާންފޮށްޓެއް އަތުޖައްސައިގެން ދަލޭކާގޮމާ ގެއަށް ވަނީ ފަރުވާތެރިކަމާ އެކު ލަސް ފިޔަވަޅުތަކެއްގަ އެވެ. އެތެރެއަށް ވަނުމުން ކުކުރުމުގެ އަޑު ގަދަވެ އެ އަޑުދަށުން އިތުރު އެހެން ކުރަކި އަޑެއް ވެސް އިވެން ފެށި އެވެ. އެވަގުތު ނިކަން ހުށިޔާރުވެލާފައި ދަލޭކާގޮމާ އަލިފާން ދަނޑިއެއް އަޅައިލި އެވެ. ކަނުއަނދިރިކަމެއްގެ ތެރެއަށް ގެނބިފައި އޮތް ޖިފުޓިތެރެ ބަޑިބޭހުގެ އެ އަޑާއި ވަހަށް ހޭލައި އޭގެ އަލިން ދިއްލިގެން ދިޔަވަގުތު ދަލޭކާގޮމާ އަށް ފެނުނީ އޭނާ އަޖައިބުން އަޖައިބުކޮށްލި މަންޒަރެކެވެ. އެތައް ދުވަހެއް ވަންދެން ވީނުވީއެއް ނޭނގި ގެއްލިފައިވީ އޭނާގެ ބައްޕަ އެއޮތީ އޭނާގެ އަމާ އަށް ހިރިނުލެވިފައި އޮތް އެނދުގެ ބޯލާކޮޅަށް އަރައި ނިދައިފަ އެވެ. ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވެފައިވީ ހާލެއްގައި އަލިފާންދަނޑިއާ އެކު ދަލޭކާގޮމާ ފިޔަވަޅެއް ކުރިއަށް އަޅައިލި އެވެ.
އެވަގުތު ބައްޕަންކަކާ އަށް ނިދިން ހޭލެވި ކުއްލިއަކަށް ދެ ލޯ ހުޅުވާލި އެވެ. ހަމައެވަގުތު ކުއްލިއަކަށް އެނބުރިގަތް ގަދަ ރޯޅިއަކުން އަލިފާންދަނޑި ނިވި ދެން އަނެއްކާވެސް ތަނެއްދޮރެއް، އެއްޗެއް މީއްޗެއް މީހެއް ވަކިނުވާވަަރަށް މުޅިތަން އަނދިރިވެ އެއްކޮށް ހިމޭންވެއްޖެއެވެ. މިހާރު އިވެނީ ބިރުގެންފައިވާ ދަލޭކާގޮމާގެ ނޭވާގެ އަޑެވެ. ތުރުތުރުއަޅަމުންދިޔަ ދެ އަތަށް ލެވުނު ބާރެއްލާފައި އޭނާ އަނެއްކާވެސް އަލިފާންދަނޑިއެއް އަޅައިލި އެވެ. ބަނޑިބޭސް އަނދައިގެން އެތަން ދިއްލުނުއިރު ކުރިމަތިން ކަހަލަ ގޮތަކަށް ދެން ފެނުނީ ކެހެރިލީ ބިޔަ ހައިވާނެއް ފުންމައިގެ އައި މަންޒަރެވެ. ބޮލުން ދަޅުފަޅާފައިވިޔަސް އަދިވެސް ބައްޕަންކަކާގެ މޫނެވެ.
ސިއްސައިގެން ގޮސް ދަލޭކާގޮމާގެ އަތުން އަނެއްކާވެސް އަލިފާންދަނޑި ނިވި އެތަން އެއްކޮށް އަނދިރިވެއްޖެ އެވެ. އޭރު ޖިފުޓީގެ އެންމެ އެތެރެއިން ހެން ހީވާ ދިމާލަކުން ރަންރީނދޫ ކުލައިން ދިއްލިފައިވާ ދެ ލޯ ފައުޅުވެ އަލިފާން ބޯޅައެއް ފަދައިން އަނދަން ފެށި އެވެ. އަދި ކުރަކިވެފައިވާ ކޮށި ނޭވާއެއްގެ އަޑު އެދިމާލުން ގަދަވެ ދިލަހޫނުކަމެއް އުފެދި އަރަން ފެށުމުން ސަލާމަތްވާން ދެވޭނުދެވޭ ދިމާލެއް ނޭނގި ދުއްވައިގަތް ބާރުމިނުގައި ގޮސް ދަލޭކާގޮމާ ބިތެއްގައި ޖެހި ވެއްޓިއްޖެ އެވެ.
ހޭވެރިކަންވެ ހޭލެވުނުއިރު މުޅި ޖިފުޓި ތެރެ އާއި ގައިމަތިން ބޮއް ފުމެނީ އެވެ. ފުންމައިގެން ތެދުވެ ދެ ފައިން ތަޅައިގެންފައި ކަހަލަ ގޮތަކަށް ދަލޭކާގޮމާ ގޮސް ކަނަކަށް ވަދެއްޖެ އެވެ. އޭރު ފިޔަވަޅެއް ވެސް އަޅައިނުލެވޭ މިންވަރަށް އެ ޖިފުޓި ތެރެ އޮތީ ފުމެ، ހޭރެމުން ދިޔަ ބޮއްތަކުން ފުރިފަ އެވެ. އަނެއްކޮޅުގައި ބަހައްޓާފައި ހުރި ތިރި އެނދެއްގައި އަނޮންގްދިޔޯ އޮތެވެ. އޭނާގެ އެއްވެސް ޚަބަރެއް ނެތް ފަދަ އެވެ.
ބަލަން ނުހުރެ ފުންމައިގެން ތެދުވެ އެދިމާލުން އަތުޖެއްސި އިލޮށިފައްޗަކުން ތަޅައި ބޮއްތައް ފަހައި ފައްސަމުން ގޮސް އެންމެފަހުން ދަލޭކާގޮމާ އޭނާގެ އަމާ ކައިރިއަށް ވެއްޓި ބަޑިފަޅައިގެން ގޮސް ނިކަން ބާރަށް އޭނާގެ ގައިގައި ބައްދައިގަތެވެ. ބައްދައި އެގަނެވުނީ މަންމަގެ ގައިގަކަން ޔަގީންކޮށް ބުނަން ނޭނގުނަސް އެ ދެމައިންގެ ދެމެދުގައިވީ ކުލުނާއި ލޯބިން އެ ހުރިހާ ކަމެއް ޔަގީންކޮށްދެ އެވެ.
** ** **
ޖަމްބުމާވިލާ ގޯސްކޮށް މިސްކިތްމަގުން ނުކުމެގެން ދިޔަ އާއިލާތައް ގޮސް އާބާދުވީ ދަށޮކޫބައިވަލުގަ އެވެ. އޭރު މުޅި އެ ހިސާބުގަނޑަކީ ކެލިދުރުކަލޭފާނުގެ ބާރުގެ ދަށުގައި އޮތް ބޮޑު ބިމެކެވެ. މިސްކިތްމަގު އާބާދުކޮށް ތަރައްގީކޮށްދޭނެ ކަމަށް ކަލޭފާނު ވައުދުވެވަޑައިގަތުމުން ދަޑިމަގޮ ދަރުބާރުގެ އިސްލާމީ ވެރިން އޭނާ އަށް ދިން ހަދިޔާއެކެވެ. އެހެންވެ މިސްކިތްމަގުގައި އާބަދުވި އެންމެންގެ އެންމެ އިސް ބެލެނިވެރިޔަކަށް ސިއްކަޖައްސަވައިގެން ހުންނެވި ފަރާތަކަށްވީ ކެލިދުރުކަލޭފާނެވެ.
ރަށުގެ ބޮޑުކުޅި އާއި މިސްކިތްމަގުން ނުބައިވެގެންވީ ސިހުރުވެރިކަމެއް ފާވެގެން އަންނަ ކަމުގެ އިންޒާރު ދޭން އާއިލާތައް ގޮސް އެންމެ ފުރަތަމަ ދަޑިމަގޮ ދަރުބާރަށް އެއްވުމުން އެ އެންމެން ދަށޮކޫބައިވަލަށް ފައްސާލެވުނީ އެހެންވެގެންނެވެ. ސިހުރުވެރިޔަކަށް ފިލަން އަންނަ ބަޔަކަށް ހިމާޔަތްދީގެން އިސްލާމީ ކިއްލާގެ މައި ދަރުބާރަށް ސިހުރާއި މުސީބާތުގެ ބަލާވެރިކަމެއް ޖެހިދާނެ ކަމުގެ ބިރައްޓަކައި ވެސްމެ އެވެ. ކޮންމެއަކަސް އެންމެފަހުން އަނޮންގްދިޔޯ އާއި އޭނާގެ މުސީބާތް ފަހުލަވާނެއް ފަދައިން ކޮނޑަށްލާން މަޖުބޫރުވީ ކެލިދުރުކަލޭފާނަށެވެ. އޭރު އޭނާގެ ހިމާޔަތަށް އެދި އާދޭސްކުރަމުން އައިސް، ކެލިދުރުވަލޭ ކިޔައި ފަހުރުވެރިކޮށްލައިގެން އުޅުނު ހިސާބުގަނޑުގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރި އެބިމުގައިވީ ގަހާއި އަގުބޮޑު ފަތްޕިލާވެލީގެ ބާވަތްތައް ވެސް ހަލާކުވާން ފަށައިފި އެވެ. ކާން ބޯން ބޭނުންކުރާ އެއްޗެހީގައި ފަނިއަޅައި ބަލިއެނދަށް މީހުން ވެއްޓެން ފެށުމުން ދިޔޯގެ ޖިފުޓި ބިމާ ހަމަކޮށްލުމަށް ނުކުތުން ނޫން އެހެން އެއްވެސް ގޮތެއް އެމީހުންގެ ކުރިމަތީގައި ދެން ނެތެވެ.
ނަމަވެސް މިސްކިތްމަގަށް އަރަން ކެރޭނޭ ހަމައެކަކު ވެސް އެމީހުންގެ ތެރޭގައި ނެތް ކަހަލަ އެވެ. އޭރު އެހިސާބުގަނޑު ފަޅުވިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އަނޮންގްދިޔޯ އާއި ދަލޭކާގޮމާގެ ހާލެއް ބުނެދޭން ނޭނގޭއިރު އެމީހުން ދުނިޔޭގައި ތިބިކަމުގެ އަލާމާތެއް ވެސް އެހިސާބަކުން ނުފެނެ އެވެ. ނަމަވެސް އޭރު ވެސް އެމީހުންގެ ގޯތީގައި ހެދިފައި ހުރި ޖަމްބުގަހުގައި މާ އަޅައި އެ މާތައް މޭވާ އަށް ބަދަލުނުވެ މޯޅިވެގެން ވެއްޓި މި ތަރުތީބަށް އެއްވެސް ހުއްޓުމެއް ނައިސް ތަކުރާރުވަމުންދެ އެވެ. އެ ގަސް ފިޔަވައި އެހިސާބުގަނޑުގައި ފެހިކަމެއް އަދި ދިރުމެއް ވެސް ނުވެ އެވެ. އިންދިރާސްވެފައިވާ އެ ކުޑަ އަވަށުގެ ފަޅުކަމާއި ނާމާންކަން މަޑުމަޑުން އައިސް ކެލިދުރުގެ އިމާ އަރައި ހަމަކުރަން އުޅޭ ކަހަލަ އެވެ. މި ބިރުވެރިކަމުގައި އެ މުސީބާތުން މިންޖުވުމަށް ކަލޭފާނާއި އޭނާގެ ވަފާތެރިންގެ ބައިގަނޑެއް އަނޮންގްދިޔޯގެ ޖިފުޓި އަންދާލަން ނުކުމެގެންދިޔައީ ސާދަވިލޭރެއެއްގަ އެވެ.
ބިރުކަނޑާލާފައި ކިތަންމެ ހަރުކޮށް ހެލިފައިދިޔަޔަސް ޖަމްބުމާވިލާގެ ގޯތިއާ އަރާހަމަވުމުން އެ ފިޔަވަޅުތައް ފިނިވެ އެންމެފަހުން ގަނޑުވެ ހުއްޓުން އަރައިފި އެވެ. އެއީ ގާތްގަނޑަކަށް ވިއްސަކަށް މީހުންގެ ޖަމާއަތެކެވެ. އަރުވާޖަހައި ފޫގަޅާލައިގެން ތިބެ އެ އެންމެން ދަނޑިބުރިތަކުގައި އަލިފާން ރޯކުރަމުންދިޔައިރު މެއާއި ނިއްކުރިން ބޮކިޖަހާފައި އަރަމުން ދިޔަ އޮށްދަލުގެ ދަޅަގަނޑުން އެއެންމެން ދިއްލިފައިވާ ކަހަލައެވެ.
އިރުގަނޑެއްވަންދެން ގޯތީގެ ބޭރުގައި ސައްލާކުރަން ތިބެފައި އެމީހުންގެ ތެރެއިން އެކަކު ކުރިއަށް ޖެހި އަތުކޮޅަށް އަލިފާންދަރުބުރި ނަގައިގެން ގޯތިތެރެއަށް ވަދެއްޖެ އެވެ. އެއީ ކެލިދުރުކަލޭފާނެވެ. އޭނާ ފަހަތުން ދެންތިބީން ވެސް ވަށައި ހޯދަމުން ކުރިއަށް ޖެހެން ފަށައިފި އެވެ. އޭރު މުޅި ގޯތިތެރެ އޮތީ އަލިފާނުގެ އަލިން ދިއްލާލައިފަ އެވެ. އެ އަލިކަމުގައި ފައުޅުވަމުން ދިޔަ މަންޒަރުތަކާއެކު، ވިރާނާވެފައިވާ އެ ގޯތީގެ ބަލިކަށިކަމާއި ދެރަވަރުކަން ލޮލަށް ފެނި ޔަގީންވަމުން ދިޔަ ނަމަވެސް ގަދަބަދަވި ވިއްސަކަށް މި ފިރިހެނުންގެ ހިތްތަކަށް ވަދެފައިވާ ބިރުވެރިކަން ދެން ވެސް ފިލައިގެންދާގޮތެއް ނުވި އެވެ.
މަޑުމަޑުން ކުރިއަށް ޖެހެމުން ގޮސް ދޮންވެލިން ކުރަހާފައިވީ އިމެއް ހުރަސްކޮށް، އުނަގަނޑުގައި ހަރުކޮށްފައި އޮތް ބޮޑު ރިހި ވަޅިއެއް ނަގައި ކުރިމައްޗަށްވާހެން ދިއްކޮށް ހުށިޔާރުވެލައިގެން ހުރެ ކަލޭފާނު ޖިފުޓީގެ ދޮރުފަތުގައި ނިކަން ބާރަށް ކޮޅުފައިންޖަހައި އެ ދޮރުފަތް ލުއްސުވައި އެތެރެއަށް ގަޅުވާލައިފި އެވެ. އެއަށް ފަހު، ދަލުން ފޯވެ ހާސްވެފައިވާ މޫނަކާ އެކު ފަސްއެނބުރި ބަލައިލިއިރު ފަހަތުގައި ތިބި މީހުން ތިބީ ވަކިން ބޮޑަށް ބިރުގަނެ ހާސްވެފަ އެވެ. އޭރު އެމީހުންގެ ބޯމަތިން ފެންނަން ހުރި ބޮޑުހަނދަށް ލޭފޭދެމުން އޭގެ މައްޗަށް ވިލާގަނޑެއް އަރަމުންދާ މަންޒަރު ފެނެ އެވެ.
ބަލަން ނުހުރެ ކަލޭފާނު އަނެއްކާވެސް ގެއާ ދިމާލަށް އެނބުރި އެތެރެއަށް ވަދެއްޖެ އެވެ. ރޯކޮށްފައިވާ ދަރުބުރިއާއެކު މުޅި ޖިފުޓިގަނޑު އެކުގައި ދިއްލިއްޖެ އެވެ. އޭރު، އަމާ ގޮވައިގެން ކަނަކަށް ވަދެ ފިލައި އޮތް ދަލޭކާގޮމާ ބިރުން ތުރުތުރުއަޅަމުންގެންދަނީ އެވެ. އެ މަންޒަރު ފެނި ވަގުތުން ކަލޭފާނުގެ ހާސްކަން ފިލައި ހަމަޖެހިލެވުނެވެ. އެކަމަކު ހަމައެއާ އެކު އެ ދެމައިން ތިބިގޮތުން ސަހަރޯއޭ ހީވެ ހަމްދަރުދުހީވެފައިވާ ހާލުގައި ގޮތްހުސްވެ އޭނާ އަށް ބަލައިލެވުނީ ފަހަތުގައި ތިބި މީހުންނަށެވެ. އެ މަންޒަރުގެ އަޑާއި ވަގުތުގެ ދުވެލި ބަރުހެލިވެފައިވިޔަސް އެމީހުން އެދި ގޮވަމުން އެ ދަނީ އެތެރޭގައި ތިބި ދެމައިން ކަތިލައި އެތަން ރޯކޮށް ވީހާ އަވަހަކަށް އެގޯތިން ނުކުތުމަށެވެ.
އެކަމަކު ހިކި އަނަރޫފަވެގެން ގޮސް ކަށިގަނޑަށް ބަދަލުވެ ބާރު ދެރަވެފައި އޮތް މުސްކުޅި އަންހެނަކާއި އޭނާގެ ކުޑަކުޑަ އަންހެން ދަރިއަކު ކަތިލައި އަންދާލާނެ ހިތްވަރެއް ކަލޭފާނުގެ ކިބައިގައި ހުރިހެނެއް މިހާރަކު ހީއެއް ނުވެ އެވެ. ނުވަތަ ދަލޭކާގޮމާގެ އަށް މަހަށްދާ ބަނޑު ފެނި ކަލޭފާނުގެ ހިތަށް އިންސާނިއްޔަތުކަމާއި ކުލުނާއި ލޯބި ވަނީ އެވެ. ނަމަވެސް މީގެ އަހަރެއްހާ ދުވަސްކުރިން ތަޅައި އަނިޔާކޮށް ދަލޭކާގޮމާ ވަރިކޮށް ގެއިން ނެރެ އެއްލައިލިއިރު ކަލޭފާނުގެ އެ ހިތުގައި އިންސާނިއްޔަތުގެ ޒައްރެއްގެ މިންވަރު ވެސް ނެތެވެ. އެވަރުގެ ޅަ އަންހެން ކުއްޖަކާ ކަލޭފާނު އިނީ ވެސް ސީދާ ދަރިން ހޯދުމުގެ ދަހިވެތިކަމުގަ އެވެ.
އެކަމަކު އޭނާގެ އެ ހުވަފެން ހަގީގަތަކަށް ނެހެދި އުޅެނިކޮށް ކުރިމަތިވި ސިހުރުވެރިކަމެއްގެ ބިރާއެކު ދަލޭކާގޮމާ އަށް އަނިޔާކޮށް، ދަރިންނުލިބޭ އަންހެނެއް ކަމަށް ބުނެ އެންމެންގެ ކުރިމަތީގައި ފަޟީހަތްކޮށް އަބުރު ވެސް ކަތިލައި ވެއްޔާ މޮޑެލީ އެވެ. އެ އަނިޔާވެރިކަމުގެ ހުޅުގަނޑު ހިފައިގެން މިއަދު އައިސް އެކުއްޖާގެ އަމާގެ ޖިފުޓީގައި ރޯކޮށްލަން ތައްޔާރުވިހިނދު ދެން ފެނުނު މަންޒަރުން ކަލޭފާނު އަޖާއިބު އަންތަރީސްވެ ހުއްޓުންއެރީ އެވެ.
ދަލޭކާގޮމާގެ ބަނޑުގައި އެ އޮތީ ކާކުގެ ދަރިއެއްތޯއާ މެދު އުފެދުނު ސުވާލުން އޭނާގެ ސިކުނޑި އަންދާލިއިރު ފަހަތުން ހަޅޭފަޅޭ ޖަހައި ފުމެމުން އައި މީހުންތައް އަލިފާނުގެ ދަނޑިބުރިތައް ޖިފުޓި ތެރެއަށް އެއްލައި މުޅި އެގޭގައި ރޯކޮށްލައިފި އެވެ. އަދި ހަރަކާތް ހުއްޓި ދެ ލޯ ބޮޑުވެފައި ހުރި ކަލޭފާނުގެ އަތުގައި ހިފައި ޖަހައިގަނެގެން ދަމަމުން ގެންގޮސް ގޯތިން ބޭރަށް ނުކުމެއްޖެ އެވެ. އޭރު ޖަމްބުމާވިލާގެ ޖިފުޓިގަނޑުގެ ފުރާޅުގަނޑު ފަޅާލައި ހުޅުގަނޑު ނުކުމެފައިވާ މަންޒަރު ފެނެއެވެ. ވަކި ހިސާބަކަށް ގެންދިޔަ ފަހުން ކަލޭފާނުގެ ގައިން ވަރު ދޫވެ އޭނާ އަށް އެ މަންޒަރު ފުސްވެއްޖެ އެވެ. އެހިސާބުން ހަތަރު މީހަކުވެގެން ކަލޭފާނު އުފުއްލާލައިގެން ދުއްވައިގެންފިއެވެ.
އަނޮންގްދިޔޯގެ ޖިފުޓިގަނޑު ބިމާހަމަކޮށް އަޅިއަށް ހަދައިލި އަލިފާންގަނޑު މައިތިރިވީ ގަޑިއިރެއްހާ ފަހުންނެވެ. އޭރު ހަނދުވަރުގެ އަލިން އަނެއްކާވެސް ދުނިޔެމަތި އޮތީ ދިއްލާލައިފަ އެވެ. ޖިފުޓިގަނޑާއި ބަދިގެ އާއި ގޯތި ވަށައިގެން ރާނާފައިވީ އިންފާރުގަނޑު ވެސް ވަނީ އަނދައިގެން ގޮސްފައެވެ. އެކަމަކު އެގޯތީގައި ހުރި ޖަމްބުގަހަށް އެ ހުޅުގަނޑުގެ އެއްވެސް އަސަރެއް ކޮށްފައެއް ނެތެވެ.
މި އަޖާއިބުކުރުވަނިވި މަންޒަރުގެ ތެރެއިން ދެން އިވެން ފެށީ ތުއްތުކުއްޖެއްގެ ރުއިމުގެ އަޑެވެ. އެ އަޑެއް އެ އަންނަނީ އަނދައި އަޅިއަށް ވެފައިހުރި ޖިފުޓިގަނޑުގެ ތެރެއިންނެވެ. އިރުގަނޑެއްވަންދެން އެ ކުއްޖާގެ ރުއިމުގެ އަޑު އެގޮތަށް އިވުނެވެ. އެއަށް ފަހު ދެން ފެނުނީ ދިރޭ ދުންގަނޑެއްގެ ސިފައިގައިވީ މީހެއްހެން ހީވާ ބާރަކުން އެ ކުއްޖާ އުރާލައިގެން އެތަނުން ނުކުތް މަންޒަރެވެ. މަޑުމަޑުން ހިނގާލާފައި އައިސް އެމީހަކު ޖަމްބުގަސް ދޮށަށް މަޑުކޮށްލިއިރު އޮލަ ދުންގަނޑެއްގެ ސިފައިން އޭނާ ކެހެރިލީ ބިޔަ ހައިވާނެއްގެ ސިފައަށް ބަދަލުވަނީ އެވެ. އެއަށް ފަހު ކުއްލިއަކަށް ދެ ލޯ ދިއްލި އެނބުރިގަތް ރޯޅިއެއް ފަދައިން އެ ކުއްޖާއާ އެކުގައި އޭތި ގެއްލިއްޖެއެވެ. (ނުނިމޭ)



