ވިލާތަކުގެ ތެރެއިން ފައުޅުވި ރަތްހަނދު ހީވަނީ ބޮޑު ފާރުގަނޑެއްހެންނެވެ. ދުވަހަކުވެސް ރަނގަޅުނުވާނެ ފާރުގަނޑެއް ހެންނެވެ. އެ ފާރުގަނޑުގައި ގެންފައިވާ ދޮސްތަކާ އެކުގައި ފަޅައިގެން ގޮސް ދުނިޔެ މައްޗަށް ވިރެމުން އޮހޮރި ދެމެމުންދާ ހެނެވެ. ކަޅުބޯވިލާތައް ހީވަނީ ދިރިގެން ގޮސް އުދަރެސް ރޮނގު ހުރަސްކޮށް ކަނޑަށް ފައިބަމުންދާހެންނެވެ.

ކަޅުކަނޑުގައި އުފެދިފައިވާ ދުންފިނިގަނޑުގެ ތެރެއިން ނަގަމުންދާ ރާޅުތައް ފުއްޓަރަށް ބިންދަމުން ފޮނުއަރުވަމުން ރަށާ ދިމާލަށް އެ އަންނަނީ ވައްވައްޖަހަމުންނެވެ.

އެ ދިމާލުން ބިންދާލި ރާޅެއްގެ ތެރެއިން ދެން ކުއްލިއަކަށް ފައުޅުވީ ސަންދޯކެކެވެ. އެއް ސަންދޯކަށް ފަހު ދެ ސަންދޯކެވެ. އެއަށް ފަހު ގުނައި އަދަދުނުވާނޭހާ ގިނަ ސަންދޯއްތައް ފުއްޓަރުގެ ހޮޅިރާޅުތަކުގެ ތެރެއިން ނުކުމެ އުފުލެމުން އަޑިވަމުން އަންނަ ދަތުރެއްގައި ރަށާ ދިމާލަށް މިސްރާބު ޖަހައިފި އެވެ.

އެ ސަންދޯތައް ހަލާކުކޮށް ފުނޑުފުނޑުކޮށްލުމަށް މަސައްކަތްކުރަމުން ދިޔަ ރާޅުތައް ހަމަބިމަށް ތިރިކޮށް ސަންދޯކަކަށް ފަހު ސަންދޯކެއް ދިޔައީ ގޮނޑުދޮށަށް ލައްގަމުން ގިނަވަމުންނެވެ. އެކަތި އަނެއްކައްޗާ ޖެހި އެތުރެމުން ދިޔައިރު ހީވަނީ ހަނގުރާމައިގެ ބެރު ޖަހަމުން އައި ލަޝްކަރެއްގެ ސިފައިން ކަނޑި އައްޑަނަތަކާ އެކު ސަފުސަފަށް އެތުރެމުން ދިޔަހެންނެވެ.

ކަޅުކަނޑުގައި އުފެދިފައި އޮތް ދުންފިނިގަނޑު ވެސް މަޑުމަޑުން ކުރިއަށް ޖެހެމުން އައިސް ފުއްޓަރާ ދިމާލުން އެއްގަމަށް ފެތުރެނީ އެވެ.

މި މަންޒަރަށް ހޭބަލަމުން ދިޔަ ކާޅު ބައިގަނޑެއް ހޭޅިފަށުގައި ހެދިފައިވީ ޖަންބުގަހެއްގައި ޖައްސާލައިގެން ތިއްބެވެ. އެ ގަހުގައި ދޮންވެ ފައްކާވަމުން ދިޔަ މޭވާތައް ދޫކޮށްލާފައި އޭގެ ތެރެއިން ކާޅެއް ގޮސް ކުއްލިއަކަށް ތިރިކޮށްލިތަން ފެނުނީ ލައްގާފައިވީ ސަންދޯކެއްގެ މައްޗަށެވެ. މަތި ފިލާގަނޑުގައި ދެ ތިން ފަހަރަށް ކޮށާލި ތަނުން ގަހުން އިތުރު ކާޅުތައް އުދުހިގެން ގޮސް ސަންދޯއްތަކަށް ތިރިކޮށް ކޮށަން ފަށައިގަތެވެ.

ވަރުވަރަށް ހޭރެމުން އެ ސަންދޯއްތަކުގައި ކޮށަމުން ގެންދާއިރު ހީވަނީ ކުރިމަތިވާން އުޅޭ މުސީބާތެއްގެ އިންޒާރަކަށް ބެރުޖަހަމުން ގެންދާހެންނެވެ.

ތުންގަނޑުން ޖަހައި އޭގެ ތެރެއިން ކާޅެއް އެންމެފަހުން ސަންދޯކެއްގެ މަތީފިލާގަނޑު ފޫދުއްވާލައިފި އެވެ. އެއަށް ފަހު ދެން ވާ ގޮތެއް ބަލަން ތިބެފައި އެންމެން އެކުގައި އެ ސަންދޯކަށް އަރައި ދުނބުން ތަޅައި ކޮށަން ފަށައިގަތެވެ.

ރާޅާއެކުގައި ގެންގޮސް ގޮނޑުދޮށަށް އަރުވާލާފައި އޮތް އެ ސަންދޯއް ކުއްލިއަކަށް ތެޅިގަތެވެ. ކުރަކީގެ އަޑުތަކާ އެކު މަތިގަނޑުތައް އިރައިރައިގެންދާން ފަށައިފި އެވެ. އެއާއެކު ކާޅުބައިގަނޑު ހޭރިގެންފައި އުދުހިގެން ގޮސް ރަށު ތެރެއަށް އަރައި ގެއްލިއްޖެ އެވެ.

މަތިގަނޑަކަށް ފަހު މަތިގަނޑެއް ނެއްޓެމުން ދިޔަ ސަންދޯކުތަކުގެ ތެރެއިން އަރަން ފެށި ދުންތަކުގެ ތެރެއިން ދެން ފާޅުވާން ފެށީ ގަބުރުތަކެވެ. ފެތުރިގަތް ބޮކަރާއި ކެލަޔާއި ކާފޫރުގެ ވަސްގަނޑާއެކު އެ ގަބުރުތައް ދިރިގެން ތެދުވަން ފަށައިފި އެވެ.

އެ ގަބުރުތަކުގައި ކަފުނެއް ނެތެވެ. އެ ގަބުރުތައް ވަނީ އަނދައިގެން ގޮސް ފާރުވެފަ އެވެ. ދޮސްގެންފައިވާ ފާރުތަކުގެ ތެރެއިން ކުދި ކަކުނިތައް ނުކުމެ ދުވަމުންދާތަން ފެނެ އެވެ. ތުރުތުރުއަޅަމުންދާ ފިޔަވަޅުތަކާ އެކު ރަށުތެރެއަށް އަރައިގަތުމާ އެކު އެ ގަބުރުތަކުގެ ލޯތައް ރީނދޫ ކުލައަކުން ދިއްލިއްޖެ އެވެ.

ނިދައި މަރުވެފައި އޮތް ބަވަންދީ އަށް ހޭލެވުނީ އެހިސާބުންނެވެ. މުޅި މީހާ އޮތީ ދާހިއްލާ ފޯވެފަ އެވެ.

ބަވަންދީ އަކީ ހުވަފެން ފެންނަ މީހެއް ނޫނެވެ. އޭނާގެ ކުޅަދާނަކަމުގައި ވަނީ އެހެން މީހުންނަށް ފެންނަ ހުވަފެން ތައުބީރުކުރުމުގެ ބާރެވެ. މިއީ އޭނާ އަށް ހުވަފެނެއް ފެނުނު ފުރަތަމަ ފަހަރެވެ. އަދި ބިރުވެރިކަން ހިތަށް ވެރިވި ފުރަތަމަ ފަހަރު ވެސްމެ އެވެ.

ފެނުނު އެ ހުވަފެނާ މެދުގައި ވިސްނަން އޮވެފައި ތެދުވެ ކުނާގަނޑު ދަމައިގަތްތަނުން އޭގެ ދަށުން ބަވަންދީއާ ދިމާލަށް ފުންމައިގެން އައީ ކަޅުކުލައިގެ ނާގަ ހަރުފަ އެކެވެ. ނަމަވެސް މިފަހަރު އޭނާ ބިރެއް ނުގަތެވެ. ނުއެއް ސިހުނެވެ. ބަވަންދީއާ ކަޅި ހަމަކޮށްލައިގެން އޮވެފައި އެ ހަރުފަ އެންމެފަހުން ގޮސް ހިލަގަނޑެއްގެ ދަށަށް ވަދެ ގެއްލިއްޖެ އެވެ.

އެއީ އަނެއްކާވެސް ސުންޕާވެރިކަމެއްގެ އަލާމާތެވެ.

ނަމަވެސް ލާނދެޔޮގަނޑު ހިފައިގެން ބަވަންދީ ނުކުތީ އޭނާގެ އެ ހޮހޮޅައިން ބޭރަށެވެ. އޭރު ފަތިސްވެ އަލިވިލިއްޖެ އެވެ. އާދަކާދައިގައި އެއްވެސް އޮޅުމެއް ނެތެވެ. ނަމަވެސް ފޯޅަވަހީގެ މި ޖައްވުގައި މިއަދު ވަނީ އޭނާ މީގެ ކުރިން އިހުސާސުކޮށްފައި ނުވާ ޒާތެއްގެ ތެތްކަމެކެވެ. މުޅައްއަޅައިގެން ހީމޭންވެ ފުސްވެފައިވީ ގަސްތަކުގެ ތެރެއިން ގޮސް އޭނާ ދެން ފޭބީ އަތިރިޔަކަށެވެ.

އާދައިގެ މަތިން މި ރަށުގައި އިތުރު އެހެން މީހެއްގެ ހިލަމެއް ނެތެވެ. ދޯލިބޯލިކޮށްލައިގެން ގޮސް ފަޅުތެރެއަށް އެރި ލާނދާ އުކައިގަތުމާ އެކު މެކުނު ބައިގަނޑެއް އެ ދިމާލުން ފުމެގަތެވެ. ދަމައިގަތްގަތީނުން ގޮސް ގޮނޑުދޮށަށް އެރުވި ލާނދާ ތެރެއިން ތެޅެމުން ދިޔައީ ދެ ކަޅުއޮށިޔާއި ކިރުޅިޔަމަހަކާއި އުނިޔަ އެކެވެ.

ހޮހަޅައިގެ ބޭރުގައި ނާށިއަނގުރުގަނޑެއް ތައްޔާރުކޮށް އޭގެ މަތީގައި މަސްތައް އަތުރާލާފައި ބަވަންދީ ގޮސް ފޭބީ ޖެހިގެން އޮތް ކުޅިއަށެވެ. އެނބުރި އައީ ކަންކުން ފަތްބޮނޑިއެއް ހިފައިގެންނެވެ. އޭރު މަސްތައް ފިހި ރޯފިލަމުންދާ ވަސްގަނޑު އޮތީ މުޅި ހިސާބުގަނޑަށް ފެތުރިފަ އެވެ.

ފިހެމުން ދިޔަ މަސްތައް އަނެއް ފުށަށް ޖަހާލި އެވެ. އަދި ބަވަންދީ އެތަނުގައި ރަނގަޅަށް ހަމަޖެހިލި އެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ވަރަށް މަތިން ހޯރައަޅަމުން ބުރު ޖަހަމުން ގެންދިޔަ ދޫންޏެކެވެ. އެ ދޫނި ފެނުމާ އެކު އެއީ ކޮން ދޫންޏެއްކަން އޭނާ އަށް ވަގުތުން އެނގިއްޖެ އެވެ. އަދި ފަރިކުރަމުން ގެންދިޔަ ނާސްތާމަތިން އިސާހިތަކު ފޫހިވެއްޖެ އެވެ. ހިތަށް ހާސްކަން ވެރިވެގަތެވެ.

ސާގީސާ ތަހުތުގެ ޖަސްތުކޮޅުލީ އެހަނޑަ ބާޒު އުންޑައެއްހެން ވެއްޓިގެން އައިސް ހޮހަޅައިގެ ބޭރަށް ތިރިކޮށްލީ ފަޅިސިކުންތެއްގެ ތެރޭގަ އެވެ. އަދި ތުނބުން ޖަހައި ދަސްތުކޮޅު ހުޅުވާލުމާ އެކު އެތެރޭގައި ފޮރުވާފައި އޮތް ސިޓީ ވެއްޓިއްޖެ އެވެ. އެވަގުތު އެތަނުގައި އޮތް އެންމެ ބޮޑު ކަޅުއޮށި ނަގައި ބަވަންދީ އެ ބާޒާ ދިމާލަށް އެއްލާލި އެވެ.

ހުސިޔާރުކަމާ އެކު އެއް ފައިން އެ މަސްހިފައިގެން ގޮސް ގަނޑުވަރުގެ ދޫނި އަރައި ހަމަޖެހިލީ އެ ދިމާލުގައި ހުރި ބޮޑު ކާނި ގަހެއްގަ އެވެ. ވެއްޓިފައި އޮތް ސިއްކަޖެހި ސިޓީ ވަޔާ އެކުގައި އުނދުހިގެން ނުދަނީސް ބަވަންދީ ގޮސް ސިޓީ ނަގައި އޭގައިވީ ބަޒާންގެ ސިއްކަ ކުނޑިކޮށްލި އެވެ.

ސިޓީ ކަނޑައި ހުޅުވާލި އެވެ.

އެ ސިޓީގައި ވަނީ މުޅިން ވެސް ހިތާމަވެރި ޚަބަރެވެ. އަދި އެ ސިޓީ ކިޔައި ނިމުމާ އެކު ބަވަންދީގެ މި ފޯޅަވަހީގެ އެކަހެރި ދިރިއުޅުން ނިމުމަކަށް އައީކަން އޭނާ އަށް ޔަގީންވެއްޖެ އެވެ. ތަހުތުގައި އިންނެވި ރަދުން އަވަހާރަވި ޚަބަރަކީ ލޮލުން ކަރުނަ ފާއްދާލި ހިތާމައެކެވެ. އެވަރުގެ ހެޔޮލަފާ ރަސްކަލަކު ވަކިވެ ދިއުމުގެ ހިތާމައެއް ނޫނެވެ. ޒަމާންވީ ގާތް އެކުވެރިޔަކު ލޮލަށް ނުފެންނަތާ އެތައް އަހަރެއް ވެފައި ވަނިކޮށް އަބަދުގެ އަދަބަށް ވަކިވެ ދިއުމުގެ ހިތާމަ އެވެ.

ތަހުތަށް އިސްވެ ވަޑައިގަތުމުގެ މާ ކުރިން ވެސް ސާގީސާ އަކީ ބަވަންދީގެ އެކުވެރިޔެ އެކެވެ. ކުނިޖެހުނު އެ އެކުވެރިކަމުގައި މޫނު ކެނޑިފައިވިޔަސް ދެ މީހުންގެ ހިތުގައި ދެ މީހުންނަށް އޮތް ގަދަރާއި ލޯތްބާއި އިހުތިރާމު ނުހަނު ބޮޑެވެ. ދުވަހަކުވެސް ކުޑަވެގެން ނުދެ އެވެ. ނަމަވެސް ކަން ދިމާކުރި ގޮތުން ބަވަންދީ އަށް މަޖުބޫރުވީ ސާގީސާގެ ސިންގާ ސަނާ އިން ނުކުމެގެން ދުރަށް ދާށެވެ. އެއީ މަސްލަހަތު މެދުވެރިކުރުވި ހާލަތެކެވެ. އެއަށް ފަހު އެ ތަހުތާ މާ ދުރުގައިވީ ރަށަކަށް އަމިއްލަ އަށް އަރުވާލެވިގެން އުޅުމަކީ ބަވަންދީ އަމިއްލަ އަށް މެދުވެރިކުރުވި ހާލަތެކެވެ.

ބަވަންދީ އަކީ މާކަންވެރިއެކެވެ. ސުވާދީޕާގެ ތަހުތަށް ސާގީސާ އައްޔަންކުރި ދުވަހުން ފެށިގެން ބަވަންދީ އަކީ ގަނޑުވަރުގެ ސިހުރު ފަންޑިތަ މަޖިލީހުގެ ބޮޑުފުރަދާނަކަމުގައި ހުންނެވި ފަރާތެވެ. ނަމަވެސް އެ މަޖިލިސް ތެރޭގައި ތަހުތާ ދެކޮޅުވެރި ހިޔާލުތައް އުފަންވެ އެކި ސިފަސިފައިގައި ފައުޅުވާން ފެށި ހިސާބަކީ ބަވަންދީގެ މިހާރުގެ ދިރިއުޅުމުގެ ހާލަތު އުފަންކުރުވުމުގެ ފުރަތަމަ މަރުހަލާ އެވެ.

ނަމަވެސް އޭގެ ފަހުން މިހާރު ސާޅީސް އަހަރުވީ އެވެ. ތަހުތާއި ތަހުތުގައި ތިއްބެވި ވެރިންނާ އެކު ސުވާދީޕާގެ ހުރިހާ ކަމެއް މިއަދު އެ ވަނީ ބަދަލުވެފަ އެވެ. ރަމަލުޖެހި މީހުންނާއި ފަންޑިތަވެރިންނާއި ސިހުރުވެރިން ދިން އިންޒާރުތަކާއި ދެއްކި ވާހަކަތަކާ ވެސް އެ ވަނީ މުޅިން އެހެން ހަގީގަތެއް އަރައި ހަމަކޮށްފަ އެވެ. އަދި ޚުދު ބަވަންދީގެ އަމިއްލަ ލަފާކުރުންތައް ވެސް އެ ވަނީ މިއަދު ބަދަލުވެފަ އެވެ.

އެތެރެ ކޮއިލުގައި މިއަދު އެ ހިނގަނީ އެހެން ބައެއްގެ ލެޔެވެ. ނުބައިވެގެންވީ ރޯޅިތަކެއްގެ އަލާމާތްތަކެވެ.

ވައިބާރުވެ ކުއްލިއަކަށް އެނބުރިގަތް ރޯޅިއެއްގައި ބަވަންދީގެ އަތުން ބަޒާންގެ ސިޓީ ޖަހައިގެން ގޮސް ވައިގެ ތެރެއަށް އަރައިގެން ގޮސް ގެއްލިއްޖެ އެވެ. ބަވަންދީގެ ހުރިހާ ލަފާކުރުމެއް އަރައި ހަމަކުރި ހަގީގަތާ އެކުގައި ވަޔަށް އަރައިގެން ދިޔަ ގޮތަށެވެ.

ސާގީސާ ރަސްގެފާނަށް ދުވަހަކުވެސް އައުލާދަކު ލިބިވަޑައިނުގަންނަވާނެ ކަމަށް ލަފާކުރީ ހަމައެކަނި ބަވަންދީއެއް ނޫނެވެ. އެއީ ސުވާދީޕާ އިން ފެށިގެން ގޮސް ޕަޅަންދީޕާގެ ކޮޅުމަޑޫވާގައި ތިބި ރަދުން ވެސް ރަމަލުޖަހައި ނިންމާފައި އޮތް ގޮތެކެވެ. ސާގީސާގެ ތަހުތު ވެގެން ދާނީ އެ ހާންދާނުގެ އަޖަލު ޖެހި ނިމިގެންދާ ފެށުމަކަށެވެ. މިއީ އެންމެ ބާރުގަދަ ކަންވެރިން އިއުތިރާފުވެފައިވީ ހަގީގަތެކެވެ.

ނަމަވެސް ކިޔައި ނިމުނު އެ ސިޓީ އަކީ ސާގީސާގެ އައުލާދަކު ސިއްކަ ޖަހާފައިވާ ސިޓީ އެކެވެ. ބަޒާން ސާގީސާ އަކީ ތަހުތަށް އައްޔަންކުރުމަށް ސުވާދީޕާގައި ފަރިކޮށްފައިވާ ވަލީއަހުދެވެ. އަދި ޒުވާން ވަލީއަހުދުގެ އެ ސިޓީފުޅަކީ ތަހުތުގެ އެތެރެ ކޮއިލަށް އެނބުރި ވަޑައިގަތުމަށް ބަވަންދީ އަށް ފޮނުއްވާފައިވާ ރަސްމީ ދައުވަތުކޮޅެކެވެ.

"މިއީ ކިހިނެތް ވާނެ ކަމެއް ހެއްޔެވެ؟ މިއީ ކޮން މުސީބާތެއްގެ އަލާމާތެއް ހެއްޔެވެ؟"

ބަވަންދީގެ ހިތަށް އެރީ މިހެންނެވެ. ނަމަވެސް ހިތުގައި ބޮކިޖަހަން ފެށި އެ ސުވާލުތައް ބޮލަށް ލައިގެން ގޮސް އޭނާ ތައްޔާރުވާން ފެށީ އިސްމިޑޫގެ އެ ދަތުރަށެވެ.

ދިރިއުޅެމުން ދިޔަ ފަޅުރަށަށް އެހެލާފައިވީ ފަލި ބޮއްކުރާ ބާލައިގެން އޭނާ އެންމެ ފުރަތަމަ ދިޔައީ އޮޝްބުރުނަށެވެ. އެއީ ފޯޅަވަހީގެ އެންމެ ބޮޑު އާބާދެވެ. ވިޔަފާރީގެ މައި ރަށެވެ. މި އެކަހެރި ފެހެންދީބުގެ ތަހުތު ދުނިޔެއާ ގުޅުވައިދޭ މައި ބަނދަރެވެ.

އޮޝްބުރުނުގައި ރެއަކާއި ދުވާލެއް ހޭދަކުރުމަށް ފަހު އިސްމިޑޫގެ ދަތުރަށް ބޭނުންވާ އެއްޗެއްސާއި ދަތުރުގެ ކޮއްތު ވެސް ހަމަޖައްސައިފި އެވެ. އަދި ޖެހިގެން އައި ދުވަހުގެ ފަތިހަށް އަލިވިލުނުއިރު އޮޝްބުރުނުގެ މައި ބަނދަރުން ފުރައިގެން ގޮސް ރިޔަލު ބައްތެއްޔެއްގައި އޭނާ ކަޅުކަނޑަށް ނުކުމެއްޖެ އެވެ.

އުތުރުހަޅަ ފެށުނީ އެވެ. އުޑުމަތި ވަރަށް ސާފެވެ. ނަމަވެސް ވައި ބާރުވެފައި ކަނޑުތައް ގަދަ އެވެ. އެކަމަކު މޫސުން އިތުރަކަށް ގޯހެއް ނުވާނެ އެވެ. ވާރޭވެހުމަކީ އުތުރުހަޅައިގެ ދުވަސްތަކުގައި ނާދިރު ކަމެކެވެ. އެހެންކަމުގައި ވަނީ ނަމަ ބަވަންދީގެ މި ދަތުރަކީ ދިހަ ވަރަކަށް ދުވަހުގެ ދަތުރެކެވެ.

ނަމަވެސް އޮޝްބުރުނާއި އިސްމިޑޫއާ ދެމެދުގައިވީ ރޯވަނިމަސް ފަރަކީ އިރުވައިގެ ގަދަ ކަނޑުގައި އަބަދުވެސް ނުރައްކަލެކެވެ. އަދި ސާދަވިލޭރެއަކާ ދިމާވެއްޖެ ނަމަ އެ ފަރުގެ ނުރައްކާ އިތުރަށް ބޮޑުވާނެ އެވެ.

ބަވަންދީގެ ބައްތެލި ގޮސް ރޯވަނިމަސް ފަރާ އަރައި ހަމަވުމުގެ ކުރިން އޭނާ ރިޔައުކޮށިކޮށް ދުވެލި މަޑުކުރަމުން ގޮސް ނަގިލިލައި މައިތިރިވެއްޖެ އެވެ. އޮއްސެމުން ދިޔަ އިރާއެކު އުދަރެހާ ދިމާލުން ނުކުންނަން ފެށީ ސާދަވިލޭރެއެއްގެ ބޮޑު ހަނދެވެ. އަދި ހަނދުވަރުގެ އަލިން ރިވެލި އަޅައިގަތުމާ އެކު ރޯވަނިމަސްފަރުން މަސްތައް ފުމެން ފަށައިގަތެވެ. ރަންރީނދޫ އައްޔަކުން މުޅި ފަރުގައި ރެދަންލައި ދިއްލާލައިފި އެވެ.

ބަވަންދީގެ ދަތުރު ދިގުވީކަން އޭނާ އަށް އެ ހިސާބުން ޔަގީންވެއްޖެ އެވެ. ރަންކުލައިން ދިއްލިފައިވީ ފަރުން ފުމެމުން ދިޔަ މަސްތަކުގެ ހިތްގައިމު ނެށުން ބެލުމަށް އޭނާ ގޮސް ޖައްސާލީ ދިރުނބާކޮޅުގަ އެވެ. ފެންނަ ފެނުމަށް އެ ނެށުމުގައި ހަމަ އެއްވެސް ބިރުވެރިކަމެއް ނެތެވެ. ނަމަވެސް ކަޅުކަނޑުގެ ބޭރުގައި އުފެދި ބޯވަމުން ދިޔަ ދުންފިނިގަނޑެއް ލޮލުގައި އަޅައިގަތް ހިސާބުން މި ރޭގަނޑުގެ ހިތްގައިމުކަން ގެއްލުނީކަން އެ ހިސާބުން ކަށަވަރުވެއްޖެ އެވެ.

ފުމެމުންދާ މަސްތަކާ ދިމާލަށް އެ އަންނަނީ ދުންފިނިދެޔޯމާރިދުންގެ ބައިގަނޑެކެވެ. ޝިކާރަ އެ އޮތީ ފެށިފަ އެވެ.

*** ** ***

ވާޑޫގެ ބޭރުގައި އުފެދިފައި އޮތް ދުންފިނިގަނޑު ނޭވާލަމުންގެންދާކަން ޔަގީނެވެ. ކަޅުކަނޑުން ބުރުވަމުން ދިޔަ ލޮނާއި ޝަބުނަމުގެ ފިންޏަށް ހޭލަމުން ގެންދިޔަ ފުރޭތައެއް ފަދައިންނެވެ. ފުއްޓަރަށް ބިންދަމުން ދިޔަ ކޮންމެ ރާޅަކާ އެކު ހީވަނީ އެ ދުންފިނިގަނޑު ބޯވެ، ފުޅާވެ، އޭގެ ގަދަ ނިދިން ހޭލައި ތެދުވިގެން އަންނަހެންނެވެ.

އުޑުމަތި ވިދާލައިފި އެވެ. ގުގުރީގެ އަޑުން ފުނޑައި ކުނޑިކޮށްލައިފި އެވެ. ރާޅުތައް އޭގެ ބަރު ގުގުރިތަކާ އެކު ދުވަން ފަށައިގަތެވެ.

މުގުރަމުން ދިޔަ ރާޅުތަކުގެ ތެރެއިން ގުޅަގުޅައިން ނޭވާލަމުން ގާތްވަމުން އައި ބޯދުންފިނިގަނޑު ގޮސް އެންމެފަހުން ރަށުގެ ހިރިގަލުގެ ފާލަމާ އަރައި ހަމަވެއްޖެ އެވެ. އެތަނުގައި މިނިވަންކަމާ އެކު ދުވަމުން ގެންދިޔަ ހުލިހުލިކަކުނިތައް ހާސްވެ ހުއްޓުން އަރައިފި އެވެ. އެ ހިމޭންކަމުގެ ތެރެއިން އެވަގުތު ފާލަމުގެ ކޮޅަށް މުގުރާލި ރާޅަކާ އެކު އެ ދުންގަނޑުގެ ތެރެއިން ފައުޅުވީ އިސްކޮޅުން ދިގުކޮށް ހެދިފައިވީ މުސްކުޅި ފިރިހެނެކެވެ.

އޭނާ އަނދެފައި ވަނީ އަތްދުތްލީ ފޮށަ އެކެވެ. އޭގެ ކައިރިފަށުގައި ވަނީ އިރުގެ ކުލަ އެވެ. އެއީ އިރަށް ސަޖިދަޖެހި ކޮރޮލީ ދަރިކޮޅު މީހުން އަނދެ އުޅުނު ފޮށަލެކެވެ. އޭނާގެ ބޮލާއި ތުނބުޅީގައި ވަނީ ކާޅެއްގެ އަނދިރިކަމެވެ. އަދި އޭގެ ހުތުރުކަމާއި ނާމާންކަމެވެ. ދެ ލޮލުގައި ވަނީ އޭގެ ދަހިވެތިކަމާއި ލަދުކުޑަ ކަމެވެ. މޭމަތީގައި އޮތީ އިސްތަށީގެ ޖަންގަލީ ހުތުރު ވަލެކެވެ.

ކަނާތުގައި އޮތް އަސާގަނޑު ލާފެންކޮށްފައި ވަނީ އިރުގެ ދޯދިތައް އޭގެ މަތިން ތިރިއަށް ތޮރުފަމުންދާ ކަހަލަ ޒާތަކަށެވެ. އެ އަތުގެ ނިޔަފަތިތަކުގައި ވަނީ ދުންފިނީގައިވީ ބަނަކަމެވެ.

ނޭވާލަމުން ގެންދިޔަ އެ ދުންފިނިގަނޑުގެ ތެރެއިން ނުކުމެ، ފާލަމަށް އަރައި ރަށާ ދިމާލަށް އޭނާ މަޑުމަޑުން ހިނގައިގަތެވެ. އެ ފިޔަވަޅުތަކުގައި ހަމަ އެއްވެސް އަޑެއް ނުވެ އެވެ. ނަމަވެސް ހޭބަލަމުން ދިޔަ ކާކީކުލައިގެ ކަކުނިތައް ފާލަމުގެ ދެ ފަރާތަށް ދުވެ ގޮސް ފިލައިފި އެވެ.

ހޭޅިފަށަށް ވުރެ ތަންކޮޅެއް ރަށުތެރެއިން ފެންނަން ހުރި ޖިފުޓިއެއްގެ ފެންޑާގައި ދިއްލާފައި އޮތް ފުޅިބައްތިއެއް ވަޔާ ހެލެމުންދަނީ އެވެ. އެއީ ހިރިގައު ޖައްސައިގެން ކަޅުވަކަރު އަޅައި ތޮށަލިން ހިޔައުކޮށްފައިވާ ކުޑަކުޑަ ގެއެކެވެ. ރެދިންގެ އުމުރުދިގު، ފަށުވި ފަރުމާއެކެވެ.

ފާލަންމަތިން ގޮސް ރަށަށް އެރި މުސްކުޅި މީހާ އޭނާގެ އަސާގަނޑު ޖަހަމުން ގޮސް ވަނީ އެ ގޭގެ ފެންޑާއަށެވެ. އެލުވާފައި އޮތް ފުޅިބައްތީގެ ހުޅާ ދިމާލަށް ބަލަން ހުރެފައި ގޭގެ ދޮރުގައި ޓަކި ޖަހާލުމާ އެކު އޭނާއާ އެކުގައި އައި ދުންފިނިގަނޑު މަޑުމަޑުން ބިމަށް ތިރިވެ އެ ދޮރުފަތްގަނޑުން އެތެރެއަށް ދެމެން ފަށައިފި އެވެ.

ގޭތެރޭގައި އިން ކޮރޮލީރަހާ އަށް އެ މަންޒަރު ނުފެނުނަސް ބޭރުގައި މަޑުކޮށްލައިގެން ހުރި މުސްކުޅި މީހާގެ ހަށިގަނޑުގައި ދެމެމުންދާ ލޭގައިވީ މުޑުދާރުކަން ވަރަށް ރަނގަޅަށް އިހުސާސުވެ އެވެ. ނަމަވެސް އެއްވެސް ޖެހިލުމެއް ނެތި ގޮސް އޭނާ ދެ ދޮރު ހުޅުވާލި އެވެ. އަދި ހިތުގައި އުފެދިފައިވީ ހުރިހާ ޝައްކެއް، ގޭތެރެއަށް ވަދެގަތް ފިނި ރޯޅިގަނޑާ އެކު ހަގީގަތަށް ބަދަލުވެ ނިމިއްޖެ އެވެ.

ކަރުގައި އޮތް އަޖިދަފަށުގެ ފޫ ތެޅިގަތީ ބިރެއް ފެނިގެން މީހަކު މަރަށް ތެޅިގަންނަ ގޮތަށެވެ.

ކުރިމަތީގައި ހުއްޓިހުރި މުސްކުޅި މީހާ އަކީ، އެމީހަކަށް ކޮރޮލީރަހާގެ މުޅި އުމުރު އިންތިޒާރުކުރަމުން ގެންދިޔަ އޭނާގެ ބައްޕަކަން އެހިސާބުން އޭނާ އަށް ޔަގީންވެއްޖެ އެވެ. ނަމަވެސް އެ މުސްކުޅި މީހާގެ ކިބައިގައި ކޮރޮލީރަހާގެ ބައްޕަގެ އެއްވެސް ސިފައެއް މިހާރަކު ނެތެވެ. އަދި އޭނާގެ ސިފަ ކޮރޮލީރަހާގެ ހަމަ ލޮލަށް ފެންނަ ނަމަ އެއީ ކޮރޮވަލުގައި އޭނާ ގޮވައިގެން އުޅުނު ބައްޕަ ކަމަށް ޚުދު އޭނާ ވެސް ގަބޫލެއް ނުކުރާނެ އެވެ.

ކޮރޮބެއާގެ ސިފަ އާއި އޭނާގެ މުޅި ދިރިއުޅުން އެ ވަނީ ބަދަލުވެފަ އެވެ. އޭނާގެ ނަމާއި އަސްލާއި ނަސްލު ވެސް ވަނީ ކާކުކަން ވަކިކުރަން ނޭނގޭ މިންވަރަށް ބަދަލުވެފަ އެވެ. މިއީ އޭނާގެ ހިތުގައި އުފެދިފައިވީ ދަހިވެތިކަމެއްގެ ނަތީޖާ އެވެ. އަދި އަމިއްލަ އާއިލާ އާއި ދަރިން ދޫކޮށްލުމަށްވި ގުރުބާނީގެ އަގެވެ. ކޮރޮލީވަލުން ނުކުމެ ދުންފިނީގެ ދުނިޔެއަކަށް ގޮސް ސަދިޖަ ޖެހުމުގެ މަތިވެރިވެގެންވީ އިނާމެކެވެ.

ނުވަތަ އޭނާ އަކީ އަބަދުވެސް އިހުތިޔާރުކުރެވިފައިވީ އަޅެކެވެ. އިހްތިޔާރުކުރެވިފައިވާ ވަލީވެރިއެކެވެ.

އޭނާގެ ބަދުނަސީބު ދިރިއުޅުން ބަދަލުވީ އެންމެ ތިން ރެއިންނެވެ. ހަމަ އެންމެ ތިން ރެއިންނެވެ.

އެންމެ ފުރަތަމަ ރޭ އޭނާ އަށް ހޭލެވުނީ ކަންފަތްދޮށުގައި މީހަކު ގޮވާލި އަޑަށެވެ. މާމުއިގެ ފޮނިކަން އޭގައިވީ ވަރަށް ރީތި އަންހެން އަޑެކެވެ. ހީވީ، ހޮއިކަމުގެ ތެރެއިން އޮހޮރިގެން ދިޔަ ފެންތިއްކެއް ގޮސް ހިމޭންވެފައިވީ ފެންގަނޑެއްގައި ޖެހުނު ހެންނެވެ. އެ އަޑުގައި ވަނީ ފެންތިއްކެއްގެ ނާޒުކުކަމެވެ. އެ އަޑު އައިސް ކަންފަތުގައި ޖެހުނު ވަގުތު ހީވީ މާމުއިގެ އާރަކަށް އޭނާގެ ޖިސްމު ގެނބިގެން ދިޔަހެންނެވެ.

ކައިރީގައި އަނބިދަރިން ނިދައި މަރުވެފައި ތިއްބެވެ.

މަޑުމަޑުން ތެދުވެ ޖިފުޓިން ބޭރަށް ނުކުތްއިރު ކަށިވެލީގެ މެދުގޯތި އޮތީ ތެމިފަ އެވެ. އޭގައި ވަނީ ޝަބުނަމުގެ ފިނިކަމެއް ނޫނެވެ. އެއަށް ވުރެ މާ އޮލަ ކަމެކެވެ. ފައިދަށުން ހީވަނީ މާމުއިގެ އާރެއް ދެމޭ ހެންނެވެ.

ބަދިގޭގެ ފަހަތުން އަރައި ގޯތި ތެރެއަށް ފެތުރިގެންފައިވީ ނިކަގަހުގެ ގޮފިތަކުގެ ތެރެއިން އޭނާއާ ދިމާލަށް ބަލަމުން ދިޔައީ ފަނަރާފޮއިގެ ހަނދެކެވެ. ހީވަނީ ސާދަވިލޭރެއެއްގެ ފުރިހަމަ ހަނދެއް ހެންނެވެ. ނަމަވެސް އެ ހަނދަކުން ހަމަ އެއްވެސް ހަނދުވަރެއް ނުދެ އެވެ.

ގަހުން ތިރިއަށް ފައިބާފައިވާ އަޅޯތަކުން ދެމެމުން މުޅި ގޯތިތެރެއަށް ފައިބަމުންދާތަން ފެންނަނީ ރަން ރީނދޫކުލައަކުން ދިއްލިފައިވީ މާމުޔެވެ.

ޖެހިގެން އައިރޭ އޭނާއަށް ހޭލެވުނީ އަރުތެރެއިން މާމުއި ދުވާހެން ހީވެ ނޭވާ ހާސްވެގެންނެވެ. ތަތްވެފައިވީ ދެ ލޯ ގަދަކަމުން ހުޅުވާލެވުނުއިރު ކަރު އޮތީ ހަރުފައެއްގެ ބަނޑުހެން ފުއްޕާލައިފަ އެވެ. ނޭވާނުލެވިގެން ތެޅިގަތުމުން އަރުތެރެއިންނާއި ނޭފަތުން އުތުރިއަރައިގަތީ މާމުޔެވެ.

ޖިފުޓިގަނޑު ތެރެއަށް ވެރިވެފައި އޮތީ އަނެއްކާވެސް ފިނި މެންދަމެއްގެ ހަމަހިމޭންކަމެވެ. ހޭލެވުނުތަނުން ނިބޫ ދެ އަންހެން ދަރިން ރޯން ފަށައިފި އެވެ. ގަދަ ނިދީގައި އޮތް އަންހެނުންނަށް ގޮވައި އޭގެ ތެރެއިން އެކަކު ކިރުޖައްސަން ދީފައި އަނެއް ދަރި އުރާލައިގެން ކޮރޮބެއާ ނުކުތީ ޖިފުޓިން ބޭރަށެވެ. ހަ އަހަރަށް ދާ ފިރިހެން ދަރި، ކޮރޮލީރަހާ އޮތީ ގަދަނިދީގަ އެވެ.

މިރޭ ވެސް ފަނަރާފޮއިގެ ހަނދެއް އަރައި އެބަހުއްޓެވެ. މިރޭ ވެސް އެ ހަނދު އެ ފެންނަނީ ބަދިގޭގެ ބިއްދޮށުގައި ހުރި ނިކަގަހުގެ ގޮފިތަކުގެ ތެރެއިންނެވެ. އެ ހަނދު މިރޭ މާ ބޮޑެވެ. އެކަމަކު ގޯތި ތެރެއަށް ވެރިވެފައި އޮތީ ފުސް އަނދިރިކަމެކެވެ. ހަނދުވަރުގެ އެއްވެސް އަސަރެއް ލޯ މައްޗަކަށް ނުފެނެ އެވެ.

މިއީ ފަނަރާފޮއިގެ ދުވަސްތަކެއް ނޫންކަން ކޮރޮބެއާ އަށް ޔަގީނެވެ.

ނިކަގަސް ތެރެއިން ފެންނަމުން ދިޔަ ފުރިހަމަ ހަނދާ ދިމާލަށް ބަލަން ހުއްޓައި އެ ހަނދު މަޑުމަޑުން ގޮސް ގަހުގެ ގޮފިތަކާއި ފަތްތަކުގެ ނިވަލަށް ވަދެ ގެއްލިއްޖެ އެވެ. އެ ހަނދު އެނބުރިއެއް ނައެ އެވެ. އަތު ތެރޭގައި އޮތް ދަރިފުޅު ރޮއިގަތުމުން ކޮރޮބެއާ ގޮސް ވަނީ އޭނާގެ ޖިފުޓިއަށެވެ.

ޖެހިގެން އައީ އަނެއްކާވެސް ފަނަރާފޮއިގެ ތެރެއިން ރެއެކެވެ. ނިކަ ގަހުގެ ގޮފިތަކުގެ ތެރެއިން ފެންނަމުން ދިޔައީ ސާދަވިލޭ ރެއެއްގެ ބޮޑު ހަނދެކެވެ. އަދި އޭގެ ހަނދުވަރުން މުޅި ގޯތިތެރެ އޮތީ މިރޭ ދިއްލައިފަ އެވެ.

މެންދަމުގެ ފިނިކަމުގައި ހީކަރުވަމުން ގޮސް ކޮރޮބެއާ އަށް ހޭލެވުނުއިރު ޖިފުޓި ތެރޭގައި އޮތީ ހިސާބަކަށް ދުންފިނި ވެސް ހިފައިފަ އެވެ. ނަމަވެސް އެހެން އެންމެން ތިބީ ނިދައި މަރުވެފަ އެވެ.

ޖިފުޓީގެ ދޮރު ހުޅުވާލުމާ އެކު ގައިގައި ބަނާތުގަނޑެއް އޮޅައިގެން އޭނާ ނުކުތީ ބޭރަށެވެ. ގޯތި ތެރެއަށް ވެރިވެފައި އޮތް ހަނދުވަރުގެ އަލި ފެނުމާއެކު އޭނާ އަށް ބަލައިލެވުނީ އެއްކަހަލަ ނިކަގަހާ ދިމާލަށެވެ. އެ ދިމާލުގައި ހަނދު ވެސް އަރައި އެބަހުއްޓެވެ. ނަމަވެސް ލޮލުގައި އަޅައިގަތީ އެ ނިކަގަހުގެ ދަށުގައި މަޑުކޮށްލައިގެން ހުރި އަންހެނެކެވެ.

އެއީ ރޯއޮރިޔާމާ ހުރި އަންހެނެކެވެ. ބޮލުގައި އޮތް ކަޅުކުލައިގެ އިސްތަށިގަނޑު އޮތީ ގޮސް ބިމުގައި ޖެހިފަ އެވެ. ގަހުގެ ގޮފިތަކުން ދެމިގެން ފައިބައިފައިވީ އަޅޯ ވެސް ހީވަނީ އެ އިސްތަށިގަނޑުގެ ފައިތަކެއް ހެންނެވެ. އެ އަންހެން މީހާގެ ހަމުގައި ވަނީ ހަނދުވަރުގެ ރިހި އަލިކަމެވެ.

ކޮރޮބެއާއާ ހަތަރުކަޅި ހަމަކޮށް އެ އަންހެން މީހާ ފުރަގަސްދީގެން ހިނގައިގަތެވެ. އެއްވެސް ޖެހިލުމެއް ނެތި ކޮރޮބެއާ ވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ. ބަނާތުގަނޑު ބިންމައްޗަށް ދޫކޮށްލައިފި އެވެ. އުނަގަނޑުރޮދިގަނޑު ކަނޑާލައި އަނދެގެން ހުރި މުންޑުގަނޑު ވެސް ބޯމަތިން ދަމައިގެން ހޫރާލައިފި އެވެ. (ނުނިމޭ)