ހިލައިގެ ވާރޭހެން ވެހެމުން ދިޔަ ބޯ ވިއްސާރަ ކުއްލިއަކަށް ހުއްޓުމަކަށް އަތުވެއްޖެ އެވެ. ބައްޕަންކަކާގެ ހެއެއް އޭރަކު ނެތެވެ. އުވައިގެ ތަޅުންގަނޑު މައްޗަށް އޭނާ އޮތީ ދެމިފަ އެވެ. މި ޖިފުޓީގެ ކަނަކަށް ވަދެ ބޮނދައި އިން އަނޮންގް ދިޔޯގެ އުނގު ތެރޭގައި މޫނު ފޮރުވައިގެން އޮތް ދަލޭކާގޮމާގެ ވެސް ޚަބަރެއް ނެތް ފަދަ އެވެ. ހިރިނުލެވި ދެ ލޯ ބޮޑުވެ ކަޅިޖަހާނުލެވިފައި ހުރި ދިޔޯ އަށް ބިރެއް ފެނި ގަނޑުވެފައިވާ ކަހަލަ އެވެ.

ޖިފުޓީގައި ދޮރުފަތެއް ނެތެވެ. ގަދަކޮށްލި ވިއްސާރައާ އެކު އެނބުރިގެން އައި ރޯޅިގަނޑެއްގައި އެ ދޮރުފަތް ވަނީ ލުއްސައި މާ ދުރަށް ވިއްސައިގެން ގޮސްފަ އެވެ. ދޮރުން ބޭރު ފެންނަ ހިސާބަށް ވެރިވެފައި އޮތް ފުސް އަނދިރިކަމުގެ ތެރެއަށް ބަލަން އިނދެފައި، އުނގުގައި އޮތް ދަލޭކާގޮމާ ނަގައި އެއް ފަރާތްކޮށްލުމަށް ފަހު ދިޔޯ އެންމެފަހުން ބިރުކަނޑާލާފައި ދެ ފައި މައްޗަށް ތެދުވިއްޖެ އެވެ. މިއޮތްހާ ދުވަހު ބަލިއެނދުގައި ހިރިވެސް ނުލެވިފައި އޮތް މި އަންހެން މީހާގެ ގައިގައި ކުއްލިއަކަށް ދުނިޔަވީ ހުރިހާ ބާރެއް ޖެހުނު ކަހަލައެވެ. ނުވަތަ ބޭރުގައި އޮތް އަނދިރިކަމުގެ ތެރެއަށް ވަދެ ގެއްލިފައިވީ ނުބައި ބާރަކުން އޭނާ ދަމައިގެން ގެންދަނީ އެވެ.

ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާ ޖިފުޓިން ބޭރަށް ނުކުތްއިރު މުޅި މާހައުލު ގުގުމާލާފައި ވަނީ ސޫފާސޫފީގެ ހޭރުމާއި ބޮލަށް ތުރާކުރުވާ އަޑުތަކުންނެވެ. މި އަޑުތަކުގެ ތެރެއަށް ގެއްލި ހުރެ ބޭއިހްތިޔާރުގައި ކުރިއަށް އަޅައިލެވުނު ފިޔަވަޅާއެކު ސޮއްސާލައިގެން ގޮސް އަނޮންގް ދިޔޯ ކަށިވެލިގަނޑު މައްޗަށް ވެއްޓިއްޖެ އެވެ. ހީވީ ގުޅަވަރަކަށް އެރިގެން ލޮންދައިލިހެންނެވެ.

ދިޔޯގެ ހޭވެރިކަން އޭނާއާ ކުއްލިއަކަށް ބައްދަލުކުރިއިރު ކަށިވެލިގަނޑު ނުފެންނަ ވަރަށް ގޯތިތެރޭގައި ފުނިޖެހިފައިވާ ބޮކާއި ފަނިފަކުސާތައް އޭނާގެ ހަތަރެސް ފަޔަށާއި މޫނަށް އަރައި އަނގައަށް ވަންނަނީ އެވެ. ގަތްބިރާއެކު ތެޅިގެންފައި ދެ އަތުން މޫނުގައި ތަޅަމުން ލިބާސް ފޮޅަމުން ދިޔޯ އަވަސްއަވަހަށް އަނެއްކާވެސް ތެދުވިއްޖެ އެވެ. އޭރު ވެސް ގޯތި ތެރެއާއި މުޅި ހިސާބުގަނޑުގައި ބޮކާއި އެހެނިހެން ސޫފިތައް ހޭރެމުން ފުމެމުން ގެންދާ މަންޒަރު ފެނެ އެވެ. ޖިފުޓިގަނޑުގެ ފުރާޅު ވެސް ބޮކުން ފުރިގެން ބަންޑުންވަނީ އެވެ.

ފުރާޅާއި ގޯތިތެރޭގައި ފުމެމުން ހޭރެމުން ދިޔަ މި ސޫފިތަކަށް ބަލަން ދެ ލޯ ބޮޑުވެފައި ހުއްޓައި ދިޔޯގެ ސަމާލުކަން ކުއްލިއަކަށް ދެން ދަމައިގަތީ ކުރިމަތީގައި އޮތް އަނދިރިކަމުގެ ތެރެއިން ފާޅުވީ ރީނދޫ ކުލައިގެ ދެ ލޮލާ އެކު އެ ދިމާލުން އިވެން ފެށި ކުރަކި ނޭވާއެއްގެ އަޑެވެ. އެ އަނދިރިކަމުގައިވީ މީހަކު ރޫރޫލައްވަމުން މަޑުމަޑުން އަނގައިން ފުމެމުން ނޭފަތުން އެތެރެއަށް ނޭވާލަމުން ގެންދާ ރާޅު އަޑެކެވެ.

ލަސްލަހުން މަޑުމަޑުން އިވެމުން ދިޔަ އެ އަޑުގައި ޖެހި އިހްތިޔާރެއް ނެތް ހާލެއްގައި އަނޮންގް ދިޔޯ، ބޮކާއި އެހެން ސޫފިތައް ޗިސްކުރަމުން އަނދިރިގަނޑާ ދިމާލަށް ހިނގައިގެންފި އެވެ. އަނދިރިގަނޑަށް ވަދެ އޭނާ ގެއްލުމާ އެކު ރީނދޫ ކުލައިގެ ދެ ލޯ ވެސް ކުއްލިއަކަށް މެރި، ގެއްލިގެން ހިނގައްޖެ އެވެ. އެކަމަކު ކަށި ނޭވާގެ އަޑު ކެނޑުނީ އިރުގަނޑެއްވީ ފަހުންނެވެ. ކުރިއަށް ވުރެ ބޮޑަށް ކުރަކިވެ، ގަދަވުމަށް ފަހު ކުއްލިއަކަށް ވެއްޓި މުޅި މާހައުލު އެއްކޮށް ހިމޭންވެގެން ދިޔައީ އެވެ.

މެންދަމުގެ އެ ނުތަނަވަސްކަމަށް އަލިވިލުނުއިރު އަނޮންގް ދިޔޯ އޮތީ ކުޅީ ފެންގަނޑެއްގެ ކައިރި އަށް ވެއްޓި ލޯ މެރިފަ އެވެ. ލައިގެން ހުރި ލިބާސްގަނޑެއް ނުވަތަ އެހެން އިތުރު ފޭރާމެއް ވެސް ނެތެވެ. އުނުއޮރިޔާމާ މިހެން އޮތްވައި އޭނާ އަށް ހޭލެވެނީ ކާޅުތަކެއްގެ ހޭރުމުގެ އަޑަށެވެ. އެ ކާޅުތައް އޭރު އޭނާގެ ފައިގެ އިނގިލިތަކުގައި ކޮށަމުން ގެންދެއެވެ. ކުއްލިއަކަށް އެ ތަދު އިހްސާސްކުރެވި ދެ ފައި ގަޔާ ދިމާލަށް ދަމައި ކުރުކޮށްގަތުމުން ކާޅުބައިގަނޑު އުދުހިގެން ހިނގައްޖެ އެވެ. އަރައި އުދުހިގެން ދިޔަ ކާޅުތަކާ އެކު ދިޔޯ އަށް ވަށައިގެން ބަލައި ހޯދާލެވުނީ އެތައް ދުވަހެއް ވަންދެން ނުފެނިވީ މަންޒަރަކުން މުޅި މާހައުލު އެކުގައި ފެހިކޮށްލާފައި އޮތުމުންނެވެ. ރުކާއި ގަހާއި އޭގެ މޭވާގެ ފޮނިކަމާ އެކު ކުޅީފެންގަނޑާއި އޭގެ މީރުކަން ވެސް އެނބުރިއައީ އެވެ. މި ހަގީގަތް ގަބޫލުކުރަން ދަތިވެފައިވާ ހާލެއްގައި ހަތަރެސް ފައި ޖަހާފައި ދާ ކަހަލަ ގޮތަކަށް ނިކަން އަވަސްއަވަހަށް އަނޮން ދިޔޯ ފެންގަނޑާ ދިމާލަށް ދެމިގެން ގޮސް ކައިރިފަށުގައި ދެ އަތް ޖަހައި، ފެންގަނޑަށް ބޯކޮށްޕާލި އެވެ.

ހިއްކައިގެންފައިވީ ކަރާއި ބާރަށް ތެޅެމުން ދިޔަ ހިތަށް އެވަގުތު ފިނިކަމެއް ލިބިގެން ދިޔަ އެވެ. ލޯ ހުޅުވާލިއިރު ފޫޓުމަހާއި އެހެން ކުދި މަސްތައް ދުރުގައިވީ އަނދިރިކަމުގެ ތެރެއަށް ވަދެ ގެއްލެނީ އެވެ. ދެން އަރައިގަތް ބޮކިތަކާ އެކު ނޭވާހާސްވެގެން ކުއްލިއަކަށް ފެންގަނޑު ތެރެއިން ދިޔޯ ބޯ ދަމައިގަނެ ކެއްސައި މާނޭވާލަމުން އެތަނުގައި އިށީނދެއްޖެ އެވެ. އެއަށް ފަހު، ފެނާއެކު މޫނުގައި ތަތްވެފައިވީ އިސްތަށިގަނޑުގެ ފައިތައް ކަހައި އެއްފަރާތްކޮށްލުމަށް ދިއްކޮށްލި އަތުން ފެނުނު އޮމާންކަމަކުން ދިޔޯގެ ހުރިހާ ހަރަކާތެއް އެހިސާބުން ހުއްޓިގެން ދިޔައީ އެވެ. ކަސްއަޅައިގެން ހަލާކުވެފައިވީ އަތަކަށް ކުއްލިއަކަށް ލިބިފައިވީ އޮމާންކަން ފެނި ދެ ލޯ ބޮޑުވެގެން އޭނާ އަނެއްކާވެސް އެނބުރިގަތީ މޫނު ފެންނަ ސާފު ލޯގަނޑެއްހާ މަޑުން އޮތް ފެންގަނޑާ ދިމާލަށެވެ. އެ ފެންގަނޑު ދެއްކި މޫނު ވަކިކުރަން ވެސް އެންމެ ފުރަތަމަ ދިޔޯ އަކަށް ނޭނގުނެވެ. އޭނާ އަށް ހީވީ ފެންގަނޑު ތެރެއިން ޒުވާން އަންހެން ކުއްޖަކު އޭނާއާ އެއްވަރަކަށް ހަރަކާތްކުރަމުން ދިޔަ ހެންނެވެ. ނަމަވެސް އެންމެފަހުން ފެންގަނޑުން ދެއްކި އެ މޫނަށް ބަލަން އިންދައި ދިޔޯގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ފޭދިގެން ދިޔައީ އެވެ.

މި އުފާވެރިކަމުން ނުކުމެ ރަށު ތެރެއަށް އޭނާ ދެން ދުއްވަގަތީ ކުޑަ އަންހެން ކުއްޖެއްގެ ރުއިމުގެ އަޑަށެވެ. ދުއްވައިގަތްއިރު އަނޮންގް ދިޔޯ ހީވަނީ ސޯޅަ ސަތާރަ އަހަރުގެ ބިކުރުވެރި ރީތިކަމެއް ހެންނެވެެ.

ދުވެފައި ދިޔަ ބާރުމިނުގައި ގޮސް އޭނާ ގޯތި ތެރެއަށް ވަންއިރު ދަލޭކާގޮމާ ރޮއިހޭރެނީ އެވެ. ބޭރުގައި ދަމާފައިވީ ރޯނެއްގައި އޮތް ކަނޑިކިބުރިއެއް ޖަހައިގަނެގެން އޮރިޔާން ނިވައުކުރަމުން އެތެރެއަށް ވަދެގެންގޮސް ދިޔޯ ބެލީ ދަލޭކާގޮމާ މައިތިރިކުރެވޭތޯ އެވެ. ހީކުރިގޮތާ ހިލާފަށް، އުރާލުމާއެކު އެ ދަރިފުޅުގެ ރުއިންގަނޑު ކުއްލިއަކަށް ހުއްޓިއްޖެ އެވެ.

ނަމަވެސް ދިޔޯގެ ހިތެއް ނުފުރުނެވެ. ބައްޕަންކަކާ ފެންނަން ނެތީމަ އެވެ.

** ** **

ޒައިނަބުކާނލޯ ގެއްލުނުތާ ދެ ތިން މަސްވީ އެވެ. ގަދަރުވެރި ކެލިދުރުގޭ މަތިފުށަށް ނިސްބަތްވާ ދަރިއަކަށްވުމުން މިފަހަރު ހުރިހާ ކަމެއް ވެސް ތަފާތެވެ. ނުވަތަ، ދޮންރަހާގޭ އައިމިނަ ގެއްލުން އެއީ ރަހުމުކުޑަ މަރެއްކަން އެނގި އޭނާގެ ގަބުރު ފެނުނު ހިސާބުން ހިތަށް ވެރިވި ބިރުވެރިކަމުގައި އެންމެނަށް ވެސް ހޭލެވުނީ އެވެ. އެއަށް ފަހު މި ރަށުގައި ހަމަ އެކަކަށް ވެސް ހަމަނިދި ލިބޭގޮތެއް ނުވި އެވެ. މީހުންތައް އެމީހުންގެ ދަރިން ގެއިން ބޭރަކަށް ނުނެރެ އެވެ. މަކުތަބަކަށް ނުފޮނުވަ އެވެ. އަމުދުން، އިރުއޮއްސުމަށް ފަހު ގެއިން ބޭރަށް ދަރިން ނުނެރޭއިރުގައި ބޮޑު މީހަކު ވެސް ރަށު ތެރެއިން ނުފެންނަނީ އެވެ. މި ބިރުވެރިކަން އެންމެ ބޮޑުވީ ކުޅި ކިސަޑު ވަލުން އައިމިނަގެ ގަބުރު ފެނުމަށް ފަހު ދެން އައި ހަތް ދުވަސް ފަހުންނެވެެ.

އެންމެން ވެސް ގަބޫލުކޮށްގެން ތިބީ ކެލިދުރުގޭ އާއިލާގެ މީހަކަށް ކަމެއް ދިމާވުމުން އެ ކަމެއް އެންމެ ގިނަ ދުވަސްވެގެން ވެސް ހަފުތާއަކުން ހައްލުވެ މުޖުރިމުންނާއި ގާތިލުން އިންސާފުގެ ދަރުބާރަށް ހާޒިރުކުރެވި އެމީހުންގެ ބޯބުރިކުރެވިގެންދާނެ ކަމަށެވެ. ކެލިދުރުގޭ އާއިލާގެ ބާރު އެހައި ވެސް ގަދަވީމަ އެވެ. އެކަމަކު ބާޖިސްކަލޯ އާއި ކެލިދުރު އާއިލާގައި ދެން ތިބި ބަޔަކަށް ވެސް މިފަހަރު ކުރެވުނު ކަމެއް ނެތެވެ. އެމީހުންނާއި ރަށު މީހުން ނުކުމެ އަތްފުނާނާޅާ ހަމަ އެންމެ ތަންކޮޅެއް ވެސް އެއޮތް ބޮޑު ރަށުގައި ނެތެވެ.

އައިމިނަގެ ގަބުރު ފެނުނު ފެންގަނޑު ހެދިފައިވީ ހިސާބު އެއްކޮށް ކޮނެގެން ނަގައިގެން ވެސް އިތުރު މީހެއް ނުވަތަ ގަބުރެއްގެ ނިޝާނެއް އެމީހުންނަކަށް ފެންނާވަރެއް ނުވި އެވެ. ފަން ޖިފުޓިގަނޑު އަޅާފައިހުރި އުސްބިން ވެސް ކޮނެގެން ނަގައި ބެލި އެވެ. އެއަށް ފަހު ކުޅީގައި ފެންގަނޑެއް އޮތް ކޮންމެ ދިމާލަކަށް އެރި އެ ހުރިހާ ތަނެއް ކޮނެ އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަ އެވެ. އެކަމަކު ދެން ވެސް ޒައިނަބުކާނލޯގެ އެއްވެސް ޚަބަރެއް އެމީހުންނަކަށް ވާވަރެއް ނުވި އެވެ.

އޭގެ ހަތް ދުވަސް ފަހުން ހުޅަނގު މޫސުން ލައިގަނެ އައްސިދަ ބުރުނު ކެތި ރޯނުގެ ގަދަ ވަޔާއި ވާރެ އާއި ތެތްކަމާއި މިޔަހެލީގެ މުސީބާތްތައް ލައިގަތީ އެވެ. މޫސުން އަވަހަކަށް ރަނގަޅުނުވާނެކަން އެނގުމުން ކެލިދުރުގޭ ބެއިންނަށް މަޖުބޫރުވީ އެމީހުންގެ ފަކީރާއި އުދަލިތައް ދޫކޮށް ކުޅިން އަރައިގެން ގެއަށް ދާށެވެ.

ނަމަވެސް ބާޖިސްކަލޯ ދެން ވެސް ދޫކޮށެއްނުލި އެވެ. ވާނީވެސް އެހެންތާ އެވެ. ދަރިއަކު ދެއްވާތޯ އާދޭސް ދަންނަވަމުން ދަނިކޮށް އުމުރުން ނަވާވީސް އަހަރުގައި އޭނާ އަށް މިންވަރުކުރެއްވި ހަމައެކަނި ދަރިއަކަށްވީ މައުސޫމް އެ ޒައިނަބުކާނލޯ އެވެ. އަންހެން ދަރިން އެހެން އާއިލާތަކަށް ފަހުރަކަށްނުވިޔަސް ފިރިހެން ބެއިން ގިނަ ކެލިދުރުގޭ އާއިލާގައި އަންހެން ދަރިންނަކީ އެމީހުންގެ އެންމެ އަގުބޮޑު ޖަވާހިރެވެ. އެކަމަކު ހަޔާތުގައި ވިދައިބަބުޅަމުން ދިޔަ އެ ޖަވާހިރު ކުއްލިއަކަށް ގެއްލި ބާޖިސްކަލޯގެ މުޅި ހަޔާތް މިހާރު އެ ވަނީ އަނދިރިވެފަ އެވެ.

ނަމަވެސް އިރުއޮއްސި ކިތަންމެ އަނދިރިވިޔަސް އޭނާގެ ލޮލަކަށް މިހާރަކު ނިންޖެއް ނާދެ އެވެ. ފަހަރުގައި ނިދަން ބޭނުންނުވަނީ އެވެ. ނުވެސް ކެވެނީ އެވެ. ނުވަތަ ޒައިނަބުކާނލޯ އުޅޭނެ ހާލު ހިތަށް އަރައި ބާޖިސްކަލޯގެ އަރުތެރެއިން ހަމަ އެކައްޗެއް ވެސް ނުދިރެނީ އެވެ. މި ހާލަކަށް އޭނާ ވެއްޓިފައި އޮތްއިރު ޒައިނަބުކާނލޯގެ އަމާ ހިތްދަތިބަލިއަޅައިގެން ބަލިއެނދުގައި ހެލިނުލެވި އޮންނަތާ މިހާރު އެމީހުންގެ މި އަންހެން ދަރި ގެއްލުނުހާ ދުވަސްވީ އެވެ. އެމީހުންގެ ލޮލުން އޮހޮރޭ ކަރުނައިން ދެމެމުންދާ ކޯރު މި ސުންޕާ ވާރެއާއެކު ހެދެމުންދާ ކޯރުތަކަށްވުރެން ވެސް ފުނެވެ. ބޯވެހޭ ވާރެއަށް ފުރާނަ ދެމިގެން ގޮސްދާނެހެން ހީވިޔަސް މިރޭ ވެސް ބާޖިސްކަލޯ އައިސް ކުޅީގެ އެންމެ ބޭރުގައި މަޑުކޮށްލައިގެން އެއިނީ އެހެންވެގެންނޭ ބުނެވިދާނެ އެވެ.

ފުރައްދެއަލަ ގަހެއްގެ ބޮޑު ފަތެއްގެ ހިޔަލުގައި ފުޅިބައްތިއެއްގެ އަލިން ހޫނުކަން ހޯދަމުން ބާޖިސްކަލޯ އުޑަފައިން ޖައްސާލައިގެން އިނީ ދޮންރަހާގޭ އައިމިނަގެ ގަބުރު ފެނުނު ފެންގަނޑާ މާދުރު ނޫން ހިސާބެއްގައި ހެދިފައިވީ އުސްބިންގަނޑެއްގަ އެވެ. މާއަލައިގެ ދަނޑެއްހެން ހީވާ އެތަނުގައި ކަޅިޖަހާނުލައި، ހިރި ވެސް ނުލައި ބާޖިސްކަލޯ ބަލަހައްޓައިގެން އިނީ ދުރުން ފެންނަން އޮތް ފެންގަނޑަށާއި އެތަނުގައި އޮތް އުސްބިމުގައި ބިމާހަމަކޮށްލާފައިވީ ޖިފުޓިގަނޑަށެވެ. އެތަން ކޮނެގެން އަނެއް ފުށަށް ޖަހާލާފައި އޮތް ނަމަވެސް ބާޖިސްގެ ހިތަށް އަރަނީ އައިމިނަގެ ގާތިލު އަދިވެސް އެތަނަށް އެނބުރި އަންނާނެއޭ އެވެ. އަދި އައިމިނަ އަށް އެ އަނިޔާދިން ނުބައި ދެ އަތަކީ ބާޖިސްގެ ޒައިނަބުކާނލޯގެ ފުރާނަ ވެސް ޖަހައިގަތް ދެ އަތް ކަމަށެވެ.

އެހެންކަމުން ކެތްތެރިކަމާ އެކު އޭނާ ފިލައި އިނީ މި އަލަ ދަނޑުތެރޭގަ އެވެ. މިހެން އިންދައި ކުއްލިއަކަށް އެނބުރިގަތް ވައިރޯޅިއެއްގައި ފުޅިބައްތި ނިވި މުޅި ހިސާބުގަނޑު ފުސްއަނދިރިކަމެއްގެ ތެރެއަށް ގެނބިއްޖެ އެވެ. އެވަގުތު ހީވީ ބާޖިސްކަލޯގެ ފަހަތުން މީހަކު ހިރިލިހެންނެވެ. އަލަގަހާއި ފަތްތައް ތެޅިލިހެން ހީވެގެން ކުއްލިއަކަށް އެނބުރުނު ވަގުތު ފަތްތައް ފޫއަޅުވަމުން ހޭރެމުން އައި ކެހެރިލީ ބިޔަ ހައިވާނެއްގެ ދަޅުތަކުން ޖައްސައި ބާޖިސްކަލޯ ނަގައި ދުރަށް އެއްލާލައިފި އެވެ. އެއަށް ފަހު ކުރިއަށް ވުރެ ބާރަށް ހޭރެމުން ގޮސް އެ ޖަނަވާރެއް އަނދިރިގަނޑުގެ ތެރެއަށް ގެއްލިއްޖެ އެވެ.

ޖެހުނު ބާރުމިނާ އެކު ވީތަދުން ތެދުވަން ނޭނގި އިރުކޮޅެއް ވަންދެން އަލަފަތްތަކުގެ މަތީގައި އުޑާ ދިމާލަށް ބަލަން އޮވެފައި ބާޖިސްކަލޯ ފުންމައިގެން ތެދުވެ ގެއާ ދިމާލަށް ދުއްވައިގަތީ ދެ ދަޅުލީ އެ ޖަނަވާރުގެ ހަމަލާއިން ކުއްލިއަކަށް ބޮލަށް ވެއްދި ހަނދާނަކާ އެކުގަ އެވެ. ދުވަމުން ދިޔައިރު އަރިކަށްޓާ ދިމާލުން މަސްގަނޑެއް އިރައިގެން ގޮސް ލޭ ފައިބަމުން ދިޔަ ނަމަވެސް އެކަމަށް އެއްވެސް ފަރުވާލެއް ނެތެވެ.

ގެއަށް ފޯރިއިރު ވާރޭ އޮތީ ހިސާބަކަށް ތުނިކޮށްލައިފަ އެވެ. ކުރުފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް ބަދިގެއަށް ވަދެ އަރިކަށީގައި ފޮތިގަނޑެއް އައްސައި ވާންކޮށްލުމަށް ފަހު ފާނޫޒެއްޖަހައިގެން އުދެލި އާއި ފަކީރާ ހިފައިގެން އޭނާ ދުއްވައިގަތީ މިސްކިތްމަގުގެ ކޮޅުގައި އޮތް ފަޅު ގޯއްޗަށެވެ. އެ ގޯތި ތެރެއިން ފެންނަން ހުރި ބިޔަބިޔަ ޖަންބުގަހާ އަރައި ހަމަވަމުން ދިޔަ ވަރަކަށް ބާޖިސްކަލޯގެ ބޮލަށް ވަދެ އެނބުރެމުން އަޑުގަދަވަމުން ދިޔައީ ދޮންރަހާގޭ އައިމިނައާ ބެހޭ ގޮތުން ޒައިނަނބުކާލޯ ކިޔައިދީފައި ހުރި އެކި ވާހަކަތަކެވެ. އެ ޖަންބުގަސްދޮށުން ގިތަލެއް ފެންނަ ވާހަކަ އާއި މަގުމަތިން ބައްދަލުވާ ޒުވާން ފިރިހެން ކުއްޖަކު އެމީހުންނަށް ޖަންބުމާތަކެއް ދޭ ވާހަކަ އެވެ. ޒައިނަބުކާލޯ ގެއްލުނުރޭ ގިފިލި ތެރެއިން ފެނުނު ޖަންބުމަލާއި ކުޅީގައި ހުރި ޖިފުޓި ތެރެއިން ފެނުނު ޖަންބުމާތަކާއި މި ހުރިހާ ވާހަކައަކާއި ހިޔާލުތަކެއް މަސްހުނިވެ ބާޖިސްކަލޯ އަށް ދައްކަމުން ދިޔަ މަންޒަރާއެކު ގަޔަށް ލެވުނު ބާރެއް ލާފައި އޭނާ އުދެލި އާއި ފަކީރާ ޖަހައި ކޮންނަން ފެށީ ފަޅުގޯތި ތެރޭގައި ހުރި ޖަންމްބުގަސްދޮށެވެ. މޮޔަބޮލަށް އަރައިގެން އުޅޭ މީހަކު ތެޅިފޮޅޭގޮތަށެވެ. އެކަމަކު އޭނާގެ ޒައިނަބުކާނލޯ އެތަނުގައި މަރަށް ތެޅިލަތެޅިލަ، ސަލާމަތަށް އެދި ރޮއި ހޭރެމުންދާހެން އޭނާ އަށް ހީވާ ކަހަލަ އެވެ. ނަމަވެސް ކޮނުނު އެއްވެސް ދިމާލަކުން އެއްވެސް މީހެއްގެ ނިޝާނެއް ފެންނަގޮތެއް ނުވި އެވެ.

މި ހާސްކަމެއްގެ ތެރޭގައި ބަނދެވި ނޭވާނުލެވިގެން އުޅެނިކޮށް ބާޖިސްކަލޯގެ ހުރިހާ ހަރަކާތެއް އެކުގައި ގަނޑުކޮށްލީ ފަހަތުން އޭނާ އަށް ގޮވާލި ޒައިނަބުކާނލޯގެ މައުސޫމް އަޑެވެ. ބޭއިހްތިޔާރުގައި ފަކީރާ ދޫކޮށްލާފައި މަޑުމަޑުން ފަހަތަށް އެނބުރުނުއިރު ތަންކޮޅެއް ދުރުން ފެންނަން ހުރި ވަޅުގަނޑަކާއި އަނދައިހުލިވެފައިވީ ޖިފުޓިގަނޑެއް ގޯތި ތެރެއިން ފެނެއެވެ. އެއަށް ވުރެ ދުރަށް އަދި ވަށައިގެން ބަލައި ހޯދާލުމުން ވެސް ބާޖިސްއަކަށް އޭނާގެ އަންހެން ދަރި ފެންނަ ގޮތެއް ނުވި އެވެ. އެއަށް ފަހު ކައިރީގައި ހުރި ފާނޫޒު ނަގައި އަތުގެ ކޮޅަށް ދިއްކޮށްލައިގެން އޭނާ ފަރުވާތެރިކަމާ އެކު ހިނގައިގަތީ ދަބަރަށް ގޮސް ފީވެފައިވާ ފީފާބުރިއެއް ފެންނަންހުރި ވަޅާ ދިމާލަށެވެ.

ނިކަން ފަރުވާތެރިކަމާ އެކު ހިނގަމުން ގޮސް އޭނާ އެ ވަޅަށް އަލިކޮށްލި އެވެ. އެންމެ ފުރަތަމަ ފެނުނީ ނިމުމެއްނެތްހެން ހީވާހާ ފުން އަނދިރިކަމެކެވެ. ދެން ކުރިއަށް ވުރެ ގާތަށް ޖެހިލާފައި އެތެރެއަށް ގުދުވެލަމުން ވަޅު ތެރެއަށް ފާނޫޒު ތިރިކޮށްލި އެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ފެންމަތީގައި އޮތް ކުޑަ ފައިވާން ކިބައެކެވެ. އެއީ ސިލޯނު ދަތުރެއްގައި ބާޖިސްކަލޯ އޭނާގެ ޒައިނަބުކާނލޯ އަށް ގެނެސްދިން ބަކަރިހަންއެޅި ފައިވާނުގެ އެއް ކިބަ އެވެ. (ނުނިމޭ)