އިރާއި ހަނދާއި ބިން އެއްދަނޑިވެ އެއް ސަފަކަށް އެރީ އެވެ. ސާދަވިލޭރެއެއްގެ ހަނދުކޭތަ މި ސޫރުދަ ނިޒާމުގެ ބޮލަށްސަވާރުވީ އެވެ. ލެއިން ކަޅިވަމުން ދިޔަ ހަނދު އޭގެ ސިފައިން ބޮޑުވަމުން ދިޔަހެން ރަށު ތެރެއަށް ވެރިވަމުން ދިޔައީ ބިރުވެރިކަމާއި ނާމާންކަމެވެ. ތަރިތައް ވެސް ބިރުން ފިލައިފި އެވެ. ނުވަތަ އެ އަނދިރިކަމުގެ ތެރެއަށް ޖަހައިގަތީ ތޯއްޗެވެ.

ކަޅު ވިލާތަކުން އުދަރެސް ބައްދާލުމާ އެކު ވިދައި ގުގުރަން ފަށައިގަތެވެ.

މިއީ އިރްކައްލާއޭ ކިޔުނު ނަރަކަ ގެއެއްގެ ހަތް ދޮރު ހުޅުވި އޭގެ މުސީބާތްތައް ދުނިޔެ މައްޗަށް ފައުޅުވެގެން އަންނަ ވަގުތެކެވެ. އަދި ބިކުރުވެރި ތިން އަންހެން ކުދިން ހަމަކޮށް އޮހޮރުވާ ގުރުބާނުގެ ލެއިން އިފްރިންފިރާގެ ކަސްތޮޅު ވިރިގެން ފައިބާނެ ކަމަށް އޭނާ ބުނެފައިވާ ވަގުތެވެ.

އެ ވަގުތު ފާއިތުނުވަނީސް އެ ކަން ކާމިޔާބުކުރަން ހުސޭނު ތެޅިފޮޅެމުން ދިޔައީ އެހެންވެގެންނެވެ.

ޖަމްބުގަހުގައި ރޯނުގަނޑަކުން އުނގުރުވަތަށް އެލުވާފައިވީ ދެ އަންހެން ކުދިން ރޮއި ހޭރެނީ އެވެ. އެ ރޯނުގަނޑުގައި ހިފައި އެ ދެ މީހުން އިސްކޮޅާ ހަމަ އަށް މައްޗަށް ނަގައި އައްސައި ވާންކޮށްލުމަށް ފަހު ހުސޭނުގެ ކިޔެވެލިތައް ފަށައި ވަޖިދުއަރުވަން ފަށައިފި އެވެ. އަދި އިތުރު އިންޒާރެއް ދިނުމެއް ނެތި އެ ދެ އަންހެން ދަރީންގެ ކަރުގައި ވަޅި އަޅައި ކަތިލައިފި އެވެ.

ހުސޭނުގެ މޫނުގައި އަދިވެސް އެ އޮތީ ކަނޑައިގެން ނެގި ޒައިނަބުކާނލޯގެ މޫނެވެ. ގަހުގައި އެލުވާފައިވީ ދެ ކުދިންގެ ކަރުން އޮހޮރިގަތް ލޭތައް ފެނުމާއެކު އަތުގައި އޮތް ވަޅި އާއި ޒައިނަބުގެ އެ މޫނުގަނޑު ނަގައި އެއްލާލުމަށް ފަހު އޭނާ ދެން ގޮސް ހުއްޓުނީ އޮހޮރެމުން ދިޔަ އޮލަ ހޫނު ލޭތަކުގެ ތެރޭގަ އެވެ. ކޮށިއަރައި ކެއްސަމުން ނޭވާ ހުސްވަމުން މަރަށް ތެޅެމުން ދިޔަ އެ މައުސޫމު ދެ ފުރާނަ އަށް އޭނާގެ ހިތުގައި ހަމަ އެއްވެސް ކަހަލަ ހަމްދަރުދެއް ނުވެ އެވެ.

އޮހޮރިގަތް ލެޔާއެކު ވާރޭ ވެސް އޮއްސާލައިފި އެވެ. ނުވަތަ އެއީ ލޭގެ ވާރޭ އެވެ. އިރްކައްލާގެ ދޮރުތައް ހުޅުވުނީ އެވެ. އެއީ ލެޔާއި މަރުގެ އަނދިރިކަމުން ފުރިފައިވާ ހޮހޮޅަ ތަކެކެވެ.

މޫނު މައްޗަށް އޮހޮރެމުން ދިޔަ ލޭތައް ދެ އަތުން ފޮހެލުމަށް ފަހު ހުސޭނުގެ ދެ ލޯ މަޑުމަޑުން ހުޅުވާލި އެވެ. އޭނާ ވަނީ ލެއިން ތެމި ތަތްތެޅިފަ އެވެ. އޭނާގެ ދެ ލޯ މިހާރު އެ ވަނީ ރަން ރީނދޫ ކުލައަކުން ދިއްލިފަ އެވެ. އެއީ އިފްރިންފިރާގެ ދެ ލޯކަން ޔަގީނެވެ. އަދި އޭނާގެ ނިތްކުރީގެ ދެ ފަރާތުން ފަޅައިގެން ނުކުމެ ބޯމަތިން ގޮސް ފަހަތަށް ބަޅުވަމުން އެ ދަނީ އޭނާގެ ނިކަމެތިވި މި ހަށިގަނޑަށް އަބަދުވެސް ސަވާރުވެފައިވީ އެ ދެޔޯގެ ބޮޑު ދެ ދަޅެވެ.

ޖަމްބުގަހުގައިވީ މާތައް ވަނީ ރަތްހަނދުގެ ދަޅައިން ދިއްލިފަ އެވެ. ވެހެމުން ދިޔަ ވާރެއާ އެކު އޭގެ މަޑުފިޔާތޮށި ކުލައިގެ ދަޅަތަކުން މުޅި ފަޅުގޯތި ތެރެ ވިދައި ބަބުޅަނީ އެވެ. ކުދި ބޮކިތަކެއްހެން ދިއްލިފައިވީ އެ މާތައް ގަހުގެ ގޮފިތަކުން ވަކިވެ އެނބުރިގަތް ރޯޅިއަކާ އެކު ބުރުޖަހަމުން ގޮސް ދެން ވަދެ ގެއްލުނީ ހުސޭނުގެ މެޔަށެވެ. އަދި ހަމަ އެ ބާރުގައި އޭނާ ބިމުން ކަޓައި ވައިގެ ތެރެއަށް އުފުލިއްޖެ އެވެ.

ހުސޭނުގެ ގުރުބާނުގެ ވަށްބުރު މިފަހަރު ފުރިހަމަވީ އެވެ.

އެއަށް ފަހު މަޑުމަޑުން ގޮސް ބިމަށް ތިރިވިއިރު އޭނާގެ މުޅި ހަށިގަނޑުގައި ވަނީ ކެހެރި ފަޅައި ދިގުވެފަ އެވެ. ހަތަރެސްފައިގައި މޮށްގަނޑުލައި ހަށިގަނޑު އިތުރަށް ބިޔަވެ ވަރުގަދަ ވެފަ އެވެ. އަދި އެ މޮށްގަނޑުތައް ގޮސް ބިމުގައި ޖެހުމާ އެކު ކިސަޑުގަނޑުގެ ތެރޭގައި ދެމެމުން ދިޔަ ލޭތައް ދިރޭރަހައިގެ ދުވެލީގައި ގޮސް އޭނާގެ ފައިދޮށަށް ޖަމާވެ ހަތަރެސްފަޔަށް މަޑުމަޑުން ފޭދެން ފަށައިފި އެވެ.

ހުސޭނުގެ ކިބައިގައި މިހާރަކު އޭނާގެ އެއްވެސް އަމިއްލަ ބާރެއް ނެތެވެ. އަދި އޭނާގެ އަމިއްލަ އެއްވެސް ސިފައެއް ވެސް ނެތެވެ.

ބޮކާއި ނަންނުގައްޗާއި ކަނޑާގެ ބައިގަނޑުތައް ހޮރުހޮރުތަކުން ނުކުމެގެން އައިސް އޭނާގެ ފައިދޮށަށް އޭރު ޖަމާވަނީ އެވެ. ކަންފަތްތައް ފަޅަފަޅައިގެންދާހާ ތޫލި ހޭރުމެއްގެ ތާޅަފިއްޔަކާ އެކު އޭނާ އެންމެފަހުން އެ ފަޅު ގޯތި ތެރެއިން ނުކުމެ ރަށު ތެރެއަށް ވަދެގެން ހިނގައިގަތެވެ. ނަގަމުން ދިޔަ ކޮންމެ ފިޔަވަޅަކުން އެ ބިންގަނޑުގައި ރެނދު ލައްވަމުންނެވެ.

އެ ރެނދުތައް ރަށު ތެރެއަށް ފެތުރި ބިންގަނޑުގެ ތެރެއިން ރަން ރީނދޫކުލައިގެ އަލިގަދަ ދޯދިތައް އެތަން މިތަނުން ނުކުންނަން ފަށައިފި އެވެ. ހީވަނީ ބިންގަނޑު ތެރެއިން ދިޔާ އޮލަ އަލިފާން ނުކުމެ ބޮކިޖަހަމުންދާ ހެނެވެ. ބިންގަނޑުތައް ކަނޑަކަނޑައިގެން ގޮސް ގެތަކާއި ރުއްގަސް އެ ފުންކަމަށް ގެނބި ރޯވެ އަނދަން ފަށައިފި އެވެ. ފިލަން ވަންނާނެ ތަނެއް ނޭނގި، ހަދާނެ ގޮތް ހުސްވެ ރަށު ތެރޭގައި މީހުންތައް ދުވެ ނަގަން ފަށައިފި އެވެ.

އަލިފާނުގެ ރެނދުތައް އަޅައި ހަވިއްތާ ވެސް ކުދިކުދިވެ ރޫޅިއްޖެ އެވެ. އަދި ހާމުދުރުންގެ ގަބުރުތައް ދިރިގެން ތެދުވެ ރަށު ތެރެއަށް ފެތުރިގަތެވެ.  

** ** **

ބޯކޮށްލި ވާރެއާ އެކު ފުރާޅުގަނޑު ބޮލަށް ވެއްޓިދާނެހެން ހީވިޔަސް ބާޖިސްކަލޯގެ ހަމަ އެއްވެސް ފަރުވާލެއް އެކަމަކަށް ނެތެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ގޮސް ގެއްލިފައި އެ ވަނީ އައްޑޫގެ މަޝްހޫރު ފަންޑިތަވެރިޔާ ބަވަންދީގެ އިލްމީ ދިރާސާކުރުންތަކެއްގެ ތެރެއަށެވެ. އެއީ ރޯނުން ގަތައި އެއްކޮށްފައިވާ ފަންތޮށީގެ ހަނިދިގު ފަތިތަކެކެވެ. ދެލިން ލިޔެފައިވާ ދިވެސް އަކުރުގެ ދުނިޔެ އެކެވެ. ފަންޑިތަ އާއި ސިހުރުހާހޫރުގެ އެންމެ މަތީ ފަޑީގެ ވާހަކަތަކެވެ.

އޭނާ އެ އިނީ ކެލިދުރުގޭ ސައްލާގެ މަޖިލީހުގައި ހަދާފައިވާ ކުތުބުހާނާއެއްގަ އެވެ. ފުޅިބައްތީގެ ހުޅު އޭގެ ހިމޭންކަމުގައި އަނދަމުން ދިޔައިރު ބަވަންދީގެ އިލްމީ ދުނިޔޭގައި ބާޖިސްކަލޯގެ ސިކުނޑި ދިޔައީ އަނދަމުންނެވެ. ރޯފިލަމުންނެވެ. ނަމަވެސް ރަށުގެ ހުޅަނގު ބިތުން އަރައިގެން އަންނަ މުސީބާތުގެ ހޫނުގައިވީ ހިލަމެއް އަދި ދިލައެއް ވެސް އެ ސިކުނޑިއަކަށް އަދި ނުފޯރަ އެވެ.

ފަންތޮށިގަނޑަކަށް ފަހު ގަނޑެއް ކިޔަމުން އުކަމުން ގެންދިޔައިރު ބަވަންދީގެ ގަލަމުން ސިފަކޮށްފައިވާ ރިހިފޮށިގަނޑު ހުރީ އަދިވެސް ސައްލާގެ މަޖިލީހުގެ މެދުގަ އެވެ. ސިހުރުހާހޫރުގެ އެ ދުނިޔެ އިން ނުކުތުމަށް ބާޖިސްކަލޯ އަށް މަޖުބޫރުކުރުވީ މަޖިލިސް ތެރެއިން އިވެން ފެށި އަޑަކުންނެވެ.  

އެ އަޑެއް އެ އަންނަނީ ރިހި ފޮށިގަނޑުގެ ތެރެއިންކަން ޔަގީންވުމުން އޭނާގެ ހިތުގެ ހިނގުން އަވަސްވެގަތެވެ. ކުރިން ވެސް ފެނި ތަޖުރިބާކޮށްފައިވާ ބިރުވެރިކަމެއް އައިސް އޭނާގެ ހަތަރެސްފައިގައި އަނެއްކާވެސް ބައްދައިގަތެވެ. ނަމަވެސް އިށީނދެއިން ގޮނޑިން މަޑުމަޑުން ތެދުވެ ފުޅިބައްތީގެ އަލީގައި އޭނާ ނުކުތީ މަޖިލީހަށެވެ.  

ސައްލާގެ އެ މަޖިލީހުގައި ހުއްޓި އެހެރީ ބާޖިސްކަލޯ އެކަންޏެވެ. ތެޅެމުން ދިޔަ ފޮށިގަނޑުގެ މަތިގަނޑު އޭނާ މަޑުމަޑުން ހުޅުވާލި އެވެ. އެތެރެއަށް ބޯދިއްކޮށް، މަޑުމަޑުން ދެ އަތް ގެންގޮސް ހާވައި ނިއުޅުވާލި ރަތްތަގައްލާ ފޮތިގަނޑުގެ ތެރޭގައި ރޯ މަހެއް ފަދައިން ތެޅެމުން އެދާ އާދަޔާހިލާފު ދިރުމަކީ ކޯއްޗެއްކަން ބާޖިސްކަލޯ އަށް މިހާރު ޔަގީނެވެ. އަދި އޭނާގެ ޒައިނަބުކާނލޯއާ އެއަކާ ގުޅުމެއް ނެތަސް ކުރިމަތިވަމުންދާ މުސީބާތްތަކުގެ އަސްލަކީ މިއީކަން ވެސް ބާޖިސްކަލޯ އަށް މިހާރު ޔަގީނެވެ.

އޭނާގެ ދެ ލޯ ހީވަނީ އެ ފޮށިގަނޑުގެ ތެރެއަށް ފުންމާލަފާނެ ހެންނެވެ. އެ އެއްޗެއް ކުރިއަށް ވުރެ ބާރަށް ތެޅިގަތުމުން ބާޖިސްކަލޯ ދިޔައީ ހުރިތަނުން ސިހިގެންނެވެ. ސިއްސައިގެން ގޮސް ފަހަތަށް ޖެހުނު ގޮތަށް އެންމެ ފިޔަވަޅެއް ވެސް އެ ފޮށިގަނޑާ ގާތަށް އަޅަން ނުކެރި އޭނާ އަށް ހުރެވުނީ ގަބުވެފަ އެވެ. ބާޖިސްކަލޯގެ ހިއްސުތައް އޭނާގެ ހަތަރެސްފައިގައި އަލުން ހިފައި ތަޅުވައިގަތީ ޖަހައި މުގުރާލި ހޮނުގުގުރިއަކާ އެކު ތޮށަލީގެ ފުރާޅުގަނޑު މައްޗަށް ކުއްލިއަކަށް އެއްޗެހިތަކެއް ފޭބި ގަދަ އަޑުފަތްގަނޑަށެވެ. ހީވީ އުޑު ބޮލަށް ވެއްޓުނު ހެންނެވެ.

ފިތްކަނޑައިގެން ގޮސް ބާޖިސްކަލޯ މިހާރު އެ އޮތީ ބިންމަތީގަ އެވެ. އޭނާގެ ކަޅި ބިރުން ތުރުތުރުލަމުން ތޮށަލީގެ ފުރާޅުގެ އެތަން މިތަނަށް ފުންމަނީ އެވެ. ހީވަނީ ފުރާޅު މައްޗަށް ނުބައިވެގެންވީ ބާރެއް އައިސް ސަވާރުވެފައިވާހެންނެވެ. ދެން ފެނުނީ އެތަންމިތަނުން ލޭ އޮހޮރި ފައިބަން ފެށި ތަނެވެ. އަދި ތޮށަލީގައި ހެދިފައިވީ ބާގަނޑުތަކުގެ ތެރެއިން ބޮކާއި ނަންނުގަތި ދެމިގެން ސައްލާގެ މަޖިލިސް ތެރެއަށް ވެއްޓެން ފަށައިފި އެވެ.

ގިޔާމަތްވީ ތޯއްޗެވެ. ބާޖިސްކަލޯގެ ހިތަށް އެރީ މިހެންނެވެ.

ފުންމައިގެން ތެދުވެ ބޯޖެހިތާ ނަގޫ ޖަހާފައި އޭނާ ދުއްވައިގަތެވެ. ރިހިފޮށިގަނޑު މަތިން ހަނދާންވީ އެ ވަގުތު ކުއްލިއަކަށެވެ. އެނބުރިގެން އެއައި ގޮތަށް އައިސް ބަލާކަށް ނުހުރެ އޭގެ މަތިގަނޑު ލައްޕައި ތަޅުލުމަށް ފަހު ކިހިލީގައި ޖަހައިގެން އޭނާ ދުއްވައިގަތީ ބޭރަށެވެ.

ވިދައި ގުގުރަނީ އެވެ. ނަގޫރޯޅިތަކުން ބޮޑެތި އަނބު ގަސްތަކާއި ބަބުކެޔޮ ގަސްތައް މުލުން ލުއްސުވާލައިގެން ރަށްމަތީގައި އަނބުރަމުން ވައްވައްޖަހަނީ އެވެ. ހޮނުއަޅައި ރުކާއި ޖިފުޓިތަކުގައި ރޯވެ އަނދަނީ އެވެ. ވެހެމުން ދާ ލޭގެ ވާރެއާ އެކު މުޅި ގޯތި ތެރޭގައި ވަނީ ތަނބިކައްޓާ ހަމަ އަށް ފެންބޮޑުވެފަ އެވެ. ވިދުވަރުގެ އަލިން ދިއްލާލާއިރު އެ ލޭގެ ކޯރު ތެރެއިން ފެންނަނީ ބޮކާއި ނަންނުގަތި ފުމެ ދުވާ ތަނެވެ. ގަބުރުތައް ދެމޭ ތަނެވެ.

ހިތަށް ވަން ބިރުވެރިކަމާ އެކު ބާޖިސްކަލޯ އަނެއްކާވެސް ހުއްޓުން އަރައިފި އެވެ. ފިލަން ގޮސް ވަންނާނެ ތަނެއް އޭނާ އަކަށް ނުވިސްނުނެވެ. ދުއްވައިގަންނަންވީ ދިމާލެއް ވެސް ނޭނގުނެވެ. ގޯތި ތެރެއިން އޭނާގެ އާއިލާގެ އެއްވެސް މީހެއްގެ ޚަބަރެއް ނުވެ އެވެ. ނޯކަރުންނާއި އަޅުންނާއި ފާރަވެރިންގެ ގޮތުގައި ތިބި އެންމެން އެ ތިބީ މަރުވެގެން ވެއްޓިފަ އެވެ.

ބޯކޮށް ވެހެމުންދާ ވާރެ އާއި ތާޅަފިލީގެ އަޑުހެން މުގުރަމުންދާ ގުގުރީގެ އަޑު ނޫން އަޑެއް ކަންފަތަކު ނުޖެހެ އެވެ.

ބާޖިސްކަލޯ އަށް ދުއްވައިގަނެވުނީ ގޯތިން ނުކުތުމަށެވެ. މީހަކު ފެނޭތޯ އެވެ. ނުވަތަ ފިލަން ގޮސް ވަންނާނެ ހޮރެއް ފެނޭތޯ އެވެ. ނުވަތަ އޭނާ ހަމަ ރަނގަޅަށް ވެސް ދުނިޔެއިން މޮޔަވީ އެވެ.

ކުރު ފިޔަވަޅު ޖަހަމުން ގޮސް ބާޖިސްކަލޯ މަޑުމަޑުން ބޯދިއްކޮށް ބޭރު ބަލައިލި އެވެ. ކަމުދާކަށް ނެތެވެ. މުޅި ރަށުގައި އެ އޮތީ ފެންބޮޑުވެފަ އެވެ. ލޭގެ އެ ކޯރު ގޯޅިތަކުން ނުކުމެ ކުދި ބޮޑު އެންމެން ފަހައި ދުވާ ކަހަލަ އެވެ. މީހުންތައް އެމީހުންގެ ދަރިންތައް އެއްލާލާފައި ބިރުން ފިލަން ދުވަނީ އެވެ.

ރަން ރީނދޫ ކުލައިން ލޯތައް ދިއްލިފައިވީ ގަބުރުތައް ބިންގަނޑު ތެރެއިން ނުކުމެ ޖެހުނު އެއްޗެއް ހަފައި ހަފުސްކުރަމުން ދުވަނީ އެވެ. ބިންގަނޑު ފަޅަމުން، ލަމުން އައި ރެނދުތައް އެންމެފަހުން ކެލިދުރުގޭ އިމަށް ވެސް ފޯރައިފި އެވެ. އެއާ އެކު ބާޖިސްކަލޯ ދުއްވައިގަތީ އަނެއްކާވެސް ގޯތި ތެރެއަށެވެ. އެކަމަކު ދެން ވެސް އޭނާ އެ ރިހި ފޮށިގަނޑު ދޫކޮށެއް ނުލި އެވެ. ނަމަވެސް ފިލަން ގޮސް ވަންނާނެ ތަނެއް އޭނާ އަށް މިހާރު އެނގޭ ކަހަލަ އެވެ.

ކެލިދުރުގޭ ގޮވައްޗަކީ އެއް ލައްކަ އަކަ ފޫޓުގެ ބޮޑު ސިންގާ ބިމެކެވެ. އަދި ރަށުގެ އެންމެ އުސް ހިސާބުގަނޑަކީ މި ގޯތި ނިސްބަތްވާ އުތުރު ފަރާތެވެ. އެ ބިމަކީ ކެލިދުރުކަލޭފާނުގެ ޒަމާނުގައި ސިއްރު އެތައް ބިންގަރާސް މަގުތަކެއް ހަދައި ފޮރުވާފައިވާ ތަރަހައްދެކެވެ. ވިޔަފާރި އާއި ރަސްކަމުގެ ތަހުތާއި ދާޚިލީ ސިއްރުތަކަށް ހާއްސަކޮށްގެން ކެލިދުރުކަލޭފާނުގެ ޒަމާނުގައި ބޭނުންކުރި ބިންގަރާހުގެ ހާއްޔެކެވެ.

ނަމަވެސް އެ ސައުދާގަރުގެ ޒަމާން ދިޔަ ފަހުން މި ބިންގަރާސް މަގުތައް ބޭނުންކުރުން ވަނީ ހުއްޓިފަ އެވެ. އަދި އެތަންތަނުގެ ބޮޑު ބައެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. ބައެއް މަގުތައް ވަނީ ބޮލަށް ވެއްޓި ބެދިފަ އެވެ.

އެތަނުގައިވީ ދޮރުތައް ކެލިދުރުގޭ ބެއިން ނުހުޅުވާތާ މިހާރު ބައި ގަރުނު ވަނީ އެވެ. ޒައިނަބުކާނލޯ ގެއްލިގެން މުޅި ރަށުގައި އަތްފުނާއެޅިއިރު ވެސް މި ބިންގަރާސް މަގުތަކަށް އެއްވެސް ބަޔަކު ނުވަދެ އެވެ. އެއްވެސް ދިރޭ ބާރަކަށް ނުވަދެވޭނެހެން ބަންދުކޮށްފައިވީ ދޮރުތައް ހުޅުވުމުގެ ބޭނުމެއް އޭރު ވެސް ނުފެނުނީމަ އެވެ. އެއްވެސް މީހަކު އެތަނަށް ވަދެފާނެ ކަމަށް ވިސްނިފައި ވެސް ނެތީމަ އެވެ. އެތަނުގައި މީހަކު ފިލައި އޮވެދާނެ ކަމުގެ ހިޔާލެއް ވެސް އެހެންކަމުން ނުއުފެދެ އެވެ.

ބިންގަރާހުގެ ޗާޓުތައް ހޯދައިގެން ހާވައި ބަލާނެ ވަގުތެއް ބާޖިސްކަލޯގެ އަތަކު ނެތެވެ. ރަށް އަނދައި އަޅިއަށްވެ ހަފުސްވަނީ އެވެ. ވީއިރެއް ބުނެދޭން ނޭނގޭ ފުން އަނދިރިކަމެއްގެ ތެރެއަށް ގެނބި ގެއްލެނީ އެވެ. މި ބިރުވެރިކަމުން މިންޖުވެވޭނެ ހަމައެކަނި ދޮރުތައް ވަނީ ކެލިދުރުގޭ ބިންގަރާހުގައި އެކަންޏެވެ.

ބިންގަރާސް ތެރެއިން ރަށުގެ މީރުފެން ކުޅީގެ ބަނދަރަށް ދެވޭކަން ބާޖިސްކަލޯ އަށް އެނގެ އެވެ. މީރުފެން ކުޅީގެ ބަނދަރަކީ ކަނޑާ ގުޅިފައިވާ ކޯރެކެވެ. ކެލިދުރުކަލޭފާނުގެ ވިޔަފާރީގައި ބޭނުންކުރަން އޭނާ އަށް ހާއްސަކޮށްފައިވީ ބަނދަރެކެވެ. ބައްޕަ ކުރައްސަވައިގެން ގެންގުޅުއްވި ޗާޓުތަކުން ބިންގަރާހުގެ ސިއްރު މަގުތައް ފެނިފައިވިޔަސް އޭގެ މަގެއް ބާޖިސްކަލޯ ދުވަހަކު ވެސް ލޯ ނުދެކެ އެވެ. 

ވެހެމުން ދިޔަ ލޭގެ ވާރޭގައި ތުރުތުރުލަމުން ގޮސް ބާޖިސްކަލޯ ހުއްޓުނީ ޗާޓުތަކުން ފެނުނު ފަތްކެޔޮވަލުގެ އުސްބިމުގަ އެވެ. ފަސްއެނބުރި ބަލައިލުމުން ފެންނަނީ ހޮނުއަޅަމުންދާ ތަނާއި އަނދައި ހުލިވަމުންދާ ޖިފުޓިތަކެވެ.

އޭނާ ގޮސް މަޑުކޮށްލައިގެން އެހެރީ ފުސްކެޔޮ ވަލުގެ މި އުސްބިމުގައި ރާނާފައިވާ ބޮޑު ވެވެއް ކައިރީގަ އެވެ. އެ ވެޔޮގައި ވަނީ ފެންބޮޑުވެފަ އެވެ. ލެއިން ފުރިގެން ބަނޑުންވެފަ އެވެ. ނަމަވެސް ބިންގަރާހުގެ މައި ދޮރާއްޓަކީ އެއީކަން ބާޖިސްކަލޯ އަށް ޔަގީނެވެ. ކުޑައިރުގެ ހަނދާންތަކުންނާއި ޗާޓުތަކުން ފެނިފައިވާ ކުރެހުންތަކުން އޭނާ އަށް އެކަން ޔަގީނެވެ. ކަލޭފާނު ފެންވަރަން އޭނާ އަށް ހާއްސަކުރެވިފައިވީ މި ވެވަކީ ދުވަހަކުވެސް ފެންވަރަން ފައިބައި އުޅުއްވި ވެވެއް ނޫނެވެ. އެއީ ދޮރާއްޓެކެވެ.

ހާސްވެ ކުރުވަމުން ދިޔަ ނޭވާގައި ބާޖިސްކަލޯ ރިހިފޮށިގަނޑު ލޭގެ ކިސަޑު ހެދިފައި އޮތް ބިންމައްޗަށް ވައްޓާލި އެވެ. އަދި ވެޔޮ ވަށައިގެން ބަލައި ހޯދައި އެނބުރެން ފަށައިގަތެވެ. ފެހިޖަހައި ސިފަ ގެއްލިފައިވިޔަސް އެ ހިރިގައުތަކުގެ ތެރެއިން ކެލިދުރުގޭ ސިއްކަޖެހި ގައު އަތު ޖެހުމާ އެކު އޭނާ އަށް އެކަން އެނގިއްޖެ އެވެ. އަދި ވަރަށް ޔަގީންކަމާ އެކު، ލެވުނު ބާރެއް ލާފައި އެ ގަލުގައި ދެ އަތް އަޅައި އޮބައިގަތެވެ.

އެންމެ ފުރަތަމަ ގުޑައި ވެސް ނުލި އެވެ. އެކަމަކު އެ ހިރިގައު އެންމެފަހުން އޭގެ އަމިއްލަ ޒާތުގައި އެތެރެއަށް ވަނުމާ އެކު ވެވުގައި އޮތް ފެންގަނޑު ކެކިގަތެވެ. އެ ވެވުގައިވީ ތިލަވަތްގައު ހުޅުވި ފެންގަނޑު އަޑިއަށް އޮހޮރި އިސާހިތަކު ހުސްވެއްޖެ އެވެ.

ވެވުގެ ތެރެއިން މިހާރު އެ ފެންނަނީ ބިންގަރާހުގެ މަގަށް ފޭބުމަށް ހަދާފައިވާ ހިރިގަލުގެ ސިޑި އެކެވެ. ބަލަން ނުހުރެ ރިހިފޮށިގަނޑު ކޮނޑަށް ލައިގެން ބާޖިސްކަލޯ ވެޔޮ ތެރެއަށް ފުންމާލައިފި އެވެ. ލޯތައް ދިއްލިފައިވީ ހާމުދުރުންގެ ގަބުރުތައް ގޯތި ތެރެއަށް ވަދެ ހޭރެމުން އަންނަތަން އޭރު އޭނާ އަށް ފެނެ އެވެ.

ސިޑިން އެތެރެއަށް ފޭބި ގޮތަށް އޭނާ ދުއްވައިގަތެވެ. ހިސާބުގަނޑުގައި ރޯވެފައިވާ އަލިފާނުގެ ދަޅަތަކުން ބިންގަރާހުގެ އެ ހިސާބުގަނޑު އޮތީ ފަނޑު އަލިކަމެއްގެ ތެރޭގަ އެވެ. ބިންގަރާހުގައި އޮތީ ހިރިގައު ޖައްސައިގެން ހަދާފައިވާ ދިގު މަގެކެވެ. އިސްކޮޅުހާ މައްޗަށް ނަގައި ލާފައިވާ ފާރުތަކުގައި ވެސް ވަނީ ހިރިގަލުގެ ނަލަ ކަމެވެ. އެކަމަކު މުޅިތަނަށް ފެތުރިފައި އޮތީ ތަންމުޑުވަހާއި މުޅަމަސްތައް ކުނިވަމުންދާ ވަހެވެ.

އެ ވަސްގަނޑު އައިސް ޖެހުނު ވަގުތު ހީވީ ނޭވާ އާއި ފުރާނަ ޖަހައިގަތްހެންނެވެ. ފުއްޕާމޭ އެކުގައި ކޮށިއަރައިގަތެވެ. ފިޔަވަޅެއް ނުނެގި ފޮށިގަނޑާ އެކު ކަކޫމައްޗަށް ވެއްޓި ހޮޑުލެވިއްޖެ އެވެ. ފުލުފުލުގައި ގޮހޮރު ހުސްވެ އަރުތެރެއިން ދިލަނަގައި ފާރުވަންދެކަށެވެ.

އިރުކޮޅެއް ވަންދެން އެ އޮތްގޮތަށް އޮވެފައި ހަމަ ނޭވާ އެނބުރި އައުމާ އެކު ފޮށިގަނޑު ހިފައިގެން ބާޖިސްކަލޯ އަނެއްކާވެސް ތެދުވިގަތެވެ.

ނަމަވެސް ދުރުގައި އޮތީ ބުނެދޭން ނޭނގޭ ކަހަލަ ކަނު އަނދިރި ކަމެކެވެ. އެތަނުގައި ފިލައި އޮތީ ނުވަތަ ކުނިވަމުން އެ ދަނީ ކޯއްޗެއްކަން ވެސް ބުނާކަށް ނޭނގެ އެވެ.

ބިންގަރާހުގެ ދޮރާ ދިމާލު މަތިން އޮހޮރި ސިޑިން ތިރިއަށް ދެމެމުން ދިޔަ ލެޔާ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ބާޖިސްކަލޯ އެންމެފަހުން ފުންނޭވާއަކާ އެކު ކުރިއަށް ހިނގައިގަތެވެ. އޭނާ ނަގަމުން ދިޔަ ކޮންމެ ފިޔަވަޅަކާ އެކު ހީވަނީ އަނދިރިކަން ވަށާލަމުން ދިޔަ ހެންނެވެ. އިރުކޮޅެއް ނުވެ އެ ކަނު އަނދިރިކަމުގެ ތެރެއަށް ވަދެ އޭނާ ގެއްލިއްޖެ އެވެ.

ދެވޭ ނުދެވޭ ތަނެއް ބުނާކަށް ނޭނގެ އެވެ. ފަސް އެނބުރި ބަލައިލުމުން ފެންނަމުން ދިޔަ އަލިކަން ވެސް ދުރަށް ޖެހެމުން ގޮސް އެންމެފަހުން ބާޖިސްކަލޯ އަށް އެއްކޮށް ގެއްލިއްޖެ އެވެ. ވަށައިގެން ފެތުރި ވަގުޖަހައިގެން އޮތް އަނދިރިކަމުގެ ތެރޭގައި އޭނާގެ ހިނގުން ވެސް މަޑުވެއްޖެ އެވެ.

ގަބުރުތަކުގެ ތޫލި ހޭރުންތައް ވަށައިގެންވީ ހިރިގަލުގެ އެތަން މިތަނުގައި ޖެހި ބާރުވަމުން އަންނަ ވަރަކަށް ބާޖިސްކަލޯގެ ހިތުގެ ތެޅުން ވެސް ދިޔައީ އަވަސްވަމުންނެވެ. އަދި އެންމެފަހުން ހިރިގަލުގެ އެ މަގު ހުސްވެ، ކުޅި ކިސަޑު ލޭގެ ކޯރެއްހެން ހީވާ ހިސާބަކަށް އާދެވިއްޖެ އެވެ.

ކުރިއަށް އެޅި ފިޔަވަޅާ އެކު ގަނބައިގަތެވެ. އެ ފައި ކިސަޑުގަނޑުގެ ތެރޭގައި ހަރުލައިފި ކަހަލަ އެވެ. އަނެއް ފިޔަވަޅާ އެކު އެ ކިސަޑުގަނޑުގެ ތެރެއަށް ބާޖިސްކަލޯ ވެއްޓިއްޖެ އެވެ. އަތުން ދޫވި ރިހިފޮށިގަނޑު ވެސް ގޮސް އެ ތަތްކިލާގަނޑުގެ ތެރޭގައި ތާށިވެއްޖެ އެވެ. ފުޅަތަކާއި ފަނިފަކުސާތައް މުޅިގައިގައި ހަފަން ފަށައިގަތެވެ.

އުނަގަނޑާ ހަމަ އަށް ގަނބައިގެންފައި އޮތް އެ ޗަސްބިމުގެ ތެރެއިން ރިހިފޮށިގަނޑާ އެކު ބާޖިސްކަލޯ އަށް ގޮސް ހިކިފަހަށް އެރުނުއިރު ހީވަނީ ހަތަރެސްފައިން ވާގި ގޮސްފައި އޮތް މީހެއް ހެންނެވެ. ތުރުތުރުއަޅަމުން ދިޔަ ހަތަރެސްފައި ޖަހައި އެ ތަތްކިލާގަނޑުގެ ތެރެއިން ދެމިގެން މައްޗަށް އަރައި ފޮށިގަނޑު ކައިރީގައި އޭނާ ޖައްސާލި އެވެ. އެކަމަކު ވަރުބަލި ފިލުވަން އެގޮތަށް ޖައްސާލައިގެން އޮވެވޭކަށް ނެތެވެ. ހަތަރެސްފައި ޖަހާފައި ދުވަމުން އަންނަ ގަބުރުތަކުގެ ދިއްލިފައިވާ ލޯތައް ދުރުން ދައްކާލުމާ އެކު ދެފަޔަށް ލެވުނު ބާރެއް ލާފައި ތެދުވެ ބާޖިސްކަލޯ އަނެއްކާވެސް ދުއްވައިގަތެވެ.

މިފަހަރު އެ ވަދެވުނީ ހަނިގޯޅިގަނޑަކަށެވެ. އަދި ވަކި ހިސާބަކަށް ދެވުނުތަނުން އެތަނުގެ ކޮޅު ބެދިއްޖެ އެވެ. އެއީ ގޯޅިގަނޑެއް ނޫނެވެ. ބިންގަރާހުގެ ސިއްރު ކޮޓަރިއެކެވެ. ނުވަތަ އެއީ ކަނޑުން އަރައިގެން އަންނަ ކަމަށް ބުނެވޭ ދެވިތަކަށް ގުރުބާންކުރާ މީހުން ކަސްތަޅުޖަހާފައި ތިބޭ ގޮޅިތަކުގެ ތެރެއިން ގޮޅިއެކެވެ.

ކުރިއަށް ދެވެން ނެތްކަން ބާޖިސްކަލޯއަށް އެނގުނީ ދުއްވައިގަތް ބާރުމިނުގައި ގޮސް އެތަނުގެ ހިރިގަލުގެ ފާރުގައި މޫނު ޖެހުމުންނެވެ. ފޮށިގަނޑު އަތުން ދޫވެ އޭނާ ވެސް އެތަނަށް ވެއްޓިއްޖެ އެވެ. އެއަށް ފަހު މުޅި އެ ކޮޓަރިތެރެއަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ނަމަވެސް ބާޖިސްކަލޯ އޮތީ އޭނާގެ ނޭވާ ވެސް ހިފަހައްޓާލައިގެންނެވެ.

އެތަނުގައިވީ ފާރުތަކުން ހީވަނީ އޮލަ ލެޔާއި ފުޅަ ދެމޭހެންނެވެ. ކުރަކި ނޭވާއެއް ލަމުންދާ ހައިވާނެއްގެ ވަކިތައް އެ ފާރުތަކުގައި އަޅައި ދަމަމުން ގެންދާހެންނެވެ. މޭގަނޑު އަނގަޔަށް އައި ވަގުތު ފުރާނައަތަށް ލައިގެން ބާޖިސްކަލޯ ފުންމައިގެން ތެދުވެ އަނެއްކާވެސް ދުއްވައިގަތެވެ.

ނަމަވެސް އެ އަނދިރިގަނޑުގެ ތެރެއިން ފުންމައިގެން އައި އެ އެއްޗެއް އައިސް އެ ހިފައި ބާރުކޮށްލީ އޭނާގެ ދެފައިގަ އެވެ. އެހިސާބުން ބާޖިސްކަލޯ އަނގަވަތަށް ވެއްޓިއްޖެ އެވެ. އަދި އެނބުރިގަތްގަތުމާ އެކު ކޮޅުފައިން ޖަހައި އެ އެއްޗަކުން ސަލާމަތްވެގަތެވެ.

ތެޅިފޮޅެމުން ގޮސް ބާޖިސްކަލޯ އަށް އެ ކޮޓަރިތެރެއިން ނުކުމެވުނުއިރު އޭނާގެ ކަންފަތުގައި އައިސް ޖެހުނީ އަންހެނެއްގެ އަޑެވެ.

"ބާޖިސް"

އަންހެން މީހާގެ އަޑު އައިސް ކަންފަތުގައި ޖެހުމުން ބާޖިސްކަލޯގެ ހިތް ބާރަކަށް ތެޅިގަތެވެ. ވެއްޓިއޮތް ތަނުން ފުންމައިގެން އޭނާ ތެދުވިގަތެވެ.

"އަހަރެން ވެސް ގޮވައިގެން ދޭ. ހެޔޮނުވާނެ އަހަރެން ސަލާމަތްކޮށްދީ،" އެ އަންހެން މީހާގެ އަޑުގައި ވަނީ އިންސާނެއްގެ ހިތް ފަޅައިގެން ހިނގައިދާނެ ރިހުމާއި އާދޭހެވެ.

"އެކަމަކު ތިއީ ކާކު ހެއްޔެވެ؟ ކަލޭގެ ހަތަރެސްފައިގައި ހިލިހިލާއެއް ނެތެވެ. ހިލިހިލާގެ އަޑެއް ނީވެ އެވެ. ކަލެ އަކީ މިތަނުގައި ހައްޔަރުކޮށްފައި އޮތް މީހެއް ނޫނެވެ. އަދި ކަލެއަށް މަގޭ ނަމުން ގޮވަން އެނގުނީ ކިހިނެއް ހެއްޔެވެ؟،"

ތެޅެމުން ދިޔަ ހިތަށް އަރައިފައިބަމުން ދިޔަ އެ ހުރިހާ ސުވާލަކަށް ޖަވާބު ހޯދާނެ ވަގުތެއް ބާޖިސްކަލޯގެ އަތަކު ނެތެވެ. އަދި އެ އަނދިރިކަމުގެ ތެރޭގައި ހިޔަންޏެއް ފަދައިން ހުއްޓިހުރި އެ އަންހެން މީހާ އަށް އިތުބާރުކުރަންވީ ސަބަބެއް ވެސް އެތަނުގައި ނެތެވެ.

އެހެންކަމުން އެ އަންހެން މީހާ އެތަނަށް ދޫކޮށްލާފައި ފޮށިގަނޑު ނަގައިގެން ބާޖިސްކަލޯ އެތަނުގައިވީ ދޮރުން ދެމިގެން އަނެއްކާވެސް ދުއްވައިގަތެވެ.

ބިންގަރާހުގެ އެކި މަގުތަކަށް ވަދެ ހިރިގަލުގެ ދޮރުތައް ހުޅުވައި ލައްޕަމުން ގޮސް އެންމެފަހުން އުޑު ފެންނަ ހިސާބަކަށް އޭނާ އަށް ނުކުމެވިއްޖެ އެވެ. އެއީ މީރުފެން ކުޅީގެ ބަނދަރެވެ. ރަތް ހަނދުގެ ހާޒިރުގައި ރަށުގެ ހުޅަނގު ބިތުން ފަށައިގެން ފެތުރެމުން އައި އަލިފާންގަނޑުގައި ބަނދަރު ވެސް އަނދަނީ އެވެ.

އޮލަ ދުމާއި ދިލަ އާއި ވެހެމުން ދިޔަ ލޭގެ ވާރޭ ތެރެއިން ދުވެފައި ގޮސް ބާޖިސްކަލޯ އެރީ ބޮއްކުރާއަކަށެވެ. ބިންގަރާސް ތެރެއިން ނުކުމެގެން ހޭރެމުން ދިޔަ ގަބުރުތައް ހިފެހެއްޓުމެއް ނެތި ގޮސް ކޯރު ތެރެއަށް ވެއްޓި ގެއްލިއްޖެ އެވެ. ބިންގަރާސް ތެރެއިން އޭރު އޮރިޔާމާ ހުރި ފިރިހެނަކު ނުކުމެގެން އަންނަތަން ފެނެ އެވެ. އޭނާގެ ބޮލުން ބޮޑު ދެ ދަޅު ފަޅައި އަތާއި ފައިގައި ވަނީ ކެހެރި ފަޅައިފަ އެވެ.

ހަމަޖެހިލައިގެން މަޑުމަޑުން ކުރިއަށް ޖެހެމުން އައިސް އޭނާ މަޑުކޮށްލީ ފާލަންކޮޅުގަ އެވެ. އެއަށް ފަހު އެ ދިމާލުގައި ހަދާފައި ހުރި ހިރިގަލު ސިޑިއަކުން ތިރިއަށް ފައިބައި ކޯރުގެ ފެންގަނޑު ތެރެއަށް އެއް އަތްކޮށްޕާލި އެވެ. އެއާ އެކު އެ ފެންގަނޑު ރެދަންލައި ގަދަ ފެހިނޫ ކުލައަކުން ދިއްލިއްޖެ އެވެ. އަދި އެ ރެދަންގަނޑު މަޑުމަޑުން މުޅި ކޯރަށް ފެތުރެން ފަށައިފި އެވެ. ރީނދޫ ކުލައިން ދިއްލިފައިވީ އޭނާގެ ބޮޑު ދެ ލޯ އަމާޒުކޮށްފައި ހުރީ ބޮއްކުރާގައި ފާލަމާ ދުރަށް ޖެހެމުން ދިޔަ ބާޖިސްކަލޯގެ މޫނަށެވެ.

ރެދަންގަނޑުގެ އަވާގައި ނުޖެހި ރިހިފޮށިގަނޑު ބޮއްކުރާ ތެރެއަށް އެއްލާލުމަށް ފަހު ބާޖިސްކަލޯ ބާރަކަށް ފަލި ޖަހައިގަތެވެ. އެ ދެޔޯ ކިތަންމެ ބޭނުންވިޔަސް ކަނޑަށް އެރެން އެޔަށް ނުކެރޭނެކަން ޔަގީންވާ ހާލުގަ އެވެ. ނަމަވެސް ފެންގަނޑު ތެރެއަށް ވެއްޓުނު ހާމުދުރުންގެ ގަބުރުތައް އަނެއްކާވެސް ދިރިގެން މައްޗަށް އަރައިފި އެވެ.

އެ އެންމެން އެތިބީ ރެދަންލައި ދިއްލާލާފައި އޮތް ފެންގަނޑު މަތީގައި ކޮޅަށެވެ. ބާޖިސްކަލޯއާ ދިމާލަށް ބަލަހައްޓައިގެން ގައުވެފަ އެވެ. އެކަމަކު އޭނާގެ ފަހަތުން ދިއުމުގެ ބޭނުމެއް ނެތްކަން އެނގޭ ކަހަލަ ޒާތަކަށެވެ.

ފަލިޖަހައިގަތުމާ އެކު މީރުފެން ކުޅިން ގޮސް އިސާހިތަކު ކަނޑަށް ނުކުމެވިއްޖެ އެވެ. ނަމަވެސް ރަށަށް ވެރިވެފައި އޮތް އަނދިރިކަމާއި ފުސްކަން އަދިވެސް އޭނާގެ ފަހަތުން ދެމެމުން އަންނަ ކަހަލަ އެވެ. ކަޅިއަޅައިގެން އޮތް ކަހަލަ އެވެ. ނުބައިވެގެންވީ ބާރެއް އަދިވެސް އޭނާއާ އަވަލާފައިވާ ކަހަލަ އެވެ. އަދި އިރުގެ އަލިކަން ނުފެނި އުޅެނިކޮށް ވަރުބަލިވެ ވާތާވެ ޚަބަރުހުސްވެގެން ބޮއްކުރާގަނޑުގެ ތެރެއަށް ބާޖިސްކަލޯ ވެއްޓިއްޖެ އެވެ.

ހޭޖެހި ހޭވެރިކަންވީއިރު ގަޑިންވީ ވަގުތެއް ބުނަން ނޭނގުނަސް ވިލާތައް ފަޅާލާފައި އިރުގެ ދޯދިތައް އޭރު ވަނީ ދުނިޔެ މައްޗަށް ފެތުރިގެންފަ އެވެ. މުލަށް ފެންނާކަށް ވެސް ނެތެވެ. އެ އާބާދު އަންދައި އަޅިއަށް ހަދާލި އަލިފާނުގެ އަސަރެއް ވެސް އުޑުމައްޗަކުން ފެންނާކަށް ނެތެވެ. ބާޖިސްކަލޯ އާއި ރިހިފޮށިގަނޑު ގޮވައިގެން އޮޔާއި ވައިގެ ތެރޭގައި ބެހެމުން ފައްސިޔަވަމުން ދިޔަ ބޮއްކުރާ މިހާރު ގޮސް އެ އޮތީ މުލަކާ އެތައް މޭލެއް ބޭރުގަ އެވެ.

އޭނާ އަށް ހޭލެވުނީ ބޮއްކުރާގެ ބަނޑުދޮށަށް ގޮށްރާޅު ބިންދާ އަޑަށެވެ. ލޯ ހުޅުވައި ބަލައިލުމުން އެ ފެންނަނީ ވިލާކޮޅެއް ނެތް ސާފު ނޫ އުޑެކެވެ. ތެދުވެ އެނބުރިގަތްތަނުން އޭނާ އަށް ދެން ފެނުނީ އަޖާއިބުން އަޖާއިބުކޮށްލި މަންޒަރެކެވެ.

ބޮއްކުރާގައި އޮތް ރިހިފޮށިގަނޑުގެ މައްޗަށް އަރައި އެ އިނީ ވަރަށް ރީތި އަންހެނެކެވެ. ރަނާއި ރިހީގެ ފައިސާ ފޮތިތަކެއްހެން ހީވާ ހުޅުނބުތަކާ އެކު އޭނާގެ ފޫޅުން ތިރި އޮތީ ފަންގަނޑުލީ ބޮޑު ނަގުލެއްގެ ސިފައިގައި ޖަރީވެފަ އެވެ. ބޮލުގައި އޮތް ރަންކުލައިގެ ފަން ދިގު އިސްތަށިގަނޑު އޮތީ މުޅި ބޮއްކުރާ ތެރެއަށް ފެތުރިފަ އެވެ. އެ ރީތި ކަމުގައި އިތުރު ނިވަލެއް ނުވެ އެވެ.

އެއީ މީގެ ކުރިން އޭނާ ދުވަހަކުވެސް ލޯދެކެފައިނުވާ ވަރުގެ ރީތި ކަމެކެވެ. އަދި އެއީ މީގެ އިރުގަނޑެއްކުރިން އަނދިރި އެ ބިންގަރާސް ތެރެއިން އޭނާ އަށް ފެނުނު އަންހެން މީހާ ނޫންކަން ވެސް ޔަގީނެވެ. އެއީ ފަތްމިނި ކަނޑުޕަރީ އެކެވެ. ނުވަތަ އިރުގެ އަލީގައި އޭނާގެ ލޯމައްޗަށް ދަޅަދައްކަމުން ގެންދިޔަ ދެޔޯމާރިދެކެވެ. މުލަކައްޑޫ ކަޅުކަނޑުގެ ގޮށްރާޅުތެރެއިން ފެންނަ ކަމަށް ބުނެވޭ ކަނޑު ފުރޭތަ އެކެވެ. ރިހިފޮށިގަނޑުގެ ތެރޭގައިވީ އެއްޗަކަށް ދަހިވެތިފައިވާ އެއަށް ވުރެ ނުބައި ބާރެކެވެ.

ރިހިފޮށިގަނޑާ ދިމާލަށް ބަލަން އިނދެފައި އެ ފެނުޕަރީ އިސްއުފުލައި ބާޖިސްކަލޯގެ މޫނަށް ބަލައިލި އެވެ. އެވަގުތު އޭގެ ލޮލުގައި އަޅައިގަތީ ހޯރައަޅަމުން މާ ދުރުން އަންނަ ދޫންޏެކެވެ. އޭގެ ތޫލި އަޑުފަތްގަނޑާ އެކު ބާޖިސްކަލޯ ވެސް އެނބުރި މައްޗަށް ބަލައިލި އެވެ. އެއީ މާ ސިންގާ އެހަނޑަ ބާޒެކެވެ.

އެ ދޫނީގެ މިސްރާބު އެނގުމާ އެކު ފަތްމިނި ފެނުޕަރީއެއްގެ ސިފައިގައި އިން ދެޔޯ ވަގުތުން ކަނޑަށް ފުންމާލައިފި އެވެ. ހޯރަ އަޅަމުން އަޑު ގޮއްވަމުން އައިސް އެ ބާޒު ތިރިކޮށްލީ ބޮއްކުރާގެ ދިރުނބާކޮޅަށެވެ. ސަލާމަތަށް އެދި ބޮލުގައި ދެ އަތް އަޅައި ބޮނދައި އޮތް ބާޖިސްކަލޯ ތެދުވެ ބޯދިއްކޮށް ބަލައިލުމުން އޭނާގެ ލޮލުގައި އަޅައިގަތީ ދުރުން ދަތުރުކުރަމުން ދިޔަ ގުރާބެކެވެ.

އޭގައި ނަގާފައިވަނީ އައްޑޫގެ އިސްލާމީ ކިއްލާގެ ރިޔަލާއި ދިދަ އެވެ. ބާޖިސްކަލޯއާ ދިމާލަށް ބުމަބޮށްޖަހައިގެން ހުރި އެހަނޑަ ބާޒުގެ ދެ ފައިގައިވީ ޖަސްތުކޮޅުގައި ވެސް ވަނީ އެ ރިޔަލާއި ދިދައިގައިވީ ނިޝާނެވެ. (ނުނިމޭ)