ސާގީސާ އަށް ހޭލެވުނީ ހޭލަމޭލައިގެ އަޑަށެވެ. ރިހި އުށްޖެހި މަރަވަޅި އާއި މިޔަރު މަސްދަތާއި އިތާމުތުން ޖަރީކޮށްފައިވާ މަރަވަޅީގެ ފިޔަވަޅުތައް ހިރިގަލުގެ ތަޅަމުގައި ނަގަމުން އަންނަ އަޑެވެ. އެއީ ކިބުރުވެރިވެ ބޮޑާވެގެންވީ ފިޔަވަޅުތަކެކެވެ. ދުރުން އިވެމުން ދިޔަ ތާރަބެރުގެ ހަރުބީއާ އެއް ވަރަކަށް ނަގަމުން ގެންދިޔަ އެ ފިޔަވަޅުތަކުގެ އަޑު އައިސް ހުއްޓުނީ ސާގީސާގެ ކަންފަތް ދޮށަށެވެ.
ކެލައި އަތަރުގެ އުށްބައްތިތައް ރޯކޮށްލުމާ އެކު ފެތުރިގަތް މީރު ވަސްގަނޑަށް ބަހާރު މޫސުމެއްގެ ފިނިފެންމަލުގެ ތައުރީފު އެއްލަމުން ފައިތައް ހަމަކުރަމުން ގެންދިޔަ ކިބުރުވެރިން އެމީހުންގެ ލާޖެހި މަހުމަލުގެ އުސްގޮނޑިތަކުގައި ފިނދުމަސްގަނޑު ޖައްސައި ހޫނުކުރަން ފަށައިގަތެވެ. ތޯތޯ ވާހަކަތައް އޮލަކުރަމުން ދެބައޮޑުވަމުންނެވެ. އަދި މެދުރީމީހުން އައިސް އެމީހުންގެ ތަށިތަކަށް އޮއްސަން ފެށި ޖޫހާއި ފަންޏާއި ޝަރާބުގެ ކުލަވަރުތަކާ އެކު އެ ޖާފަތްކޮޅު އެ އޮތީ ފެށިފަ އެވެ.
އެއީ މަތިވެރިވެގެންވީ ރަސްސުފުރާ އެކެވެ. ހުދުފޮތީގައި ވަށައިގެން ރަންކުލައިން ޖަރީކޮށް ކުރިބޯށި އަޅައި ރޫރޫ ޖެއްސި ރާޅުތައް ނަގައިގެން ތައްޔާރުކޮށްފައިވާ ފުރިހަމަކަމެކެވެ.
އެ ސުފުރާމަތި ފަޅުފިލުވަމުން ދިޔަ ބަތަލް އަދި ބަތަލާ އަކީ ކަލިޔާ ބިރިންޖީ އާއި މިރުހުލީ ބޮޑު ސިންގާ ކުކުޅެކެވެ. މުގުބަތާއި ބިސް ރިހަ އާއި ރަދުންނަށް ހާއްސަ ރަސްބިރިޔާނީ އެވެ. ބޮޑުފިޔަލުގެ ސަޓަންޏާއި ހެލެނބެލި ހުތު ސަޓަންޏެވެ. ކުޅި ފޮނި ބޯކިބަލާއި ހަލުވާތަކާއި ފަޅޮލާއި ގޯނބިލީގެ މުރުއްބާ ތަކެވެ. ފަންޏާއި ސުވާ އާއި އަލަނާސީގެ ޕުޑިން އެވެ. ބޮޑު ތާހުގައި މަތިޖަހައިގެން ފިހެފައިވާ އަގުބޮޑު ޒީނާރު ހެދިކާގެ ބާވަތްތަކެވެ.
ގަނޑުވަރުގެ މެދުރީ މުސްކުޅިޔާ ހިތުދަސްކޮށްފައިވާ ރަހަތައް ކުޅަނދާއި ތޯލާއި ރާތާއި މަދޮށީގެ މިންތަކަށް ހެޔޮވަރުކޮށް ކައްކައި ހަލުވައި މީރުކޮށްފައި އޮތް އެ ޖާފަތާ އެކު ސުފުރާމަތި އުތުރިއަރަމުން ގެންދިޔައީ ކެއުމުގެ ހިތެއް ލައްވާފައިނުވާ މީހާ ވެސް ކުޅުދިޔާކޮށް އަޅުވެތިކޮށްލަފާނެ މިންވަރަކަށެވެ.
ތެލުލިމަހާއި ހަނާކުރި މަހެވެ. ބޮނޑިބަތާއި ކަނދީގެ އެތައް ވައްތަރެކެވެ. ގަބުޅި ހުންޏާއި ދިވެހި ހަކުރުގެ ފޯލި ފޮނި ބޮނޑިތަކެވެ. އަޅި އުނދުނުގައި ފިހެފައިވާ ކުނބުހުގެ ފޮނިކަމެވެ. ހިކިކެޔޮފަތުގައި ލީ ފޮނިފޮނި އާރޮހެވެ.
ސާގީސާގެ ހޭވެރިކަން އޮތީ އެ ސުފުރާ މަތީގައި ފެތުރެމުން ދިޔަ ވަސްތަކަށް ހަމަ ރަނގަޅަށް ވެސް އަޅުވެތިކޮށްފަ އެވެ. އެ މޭޒު މައްޗަށް ނަގައި ހަތަރެސްފައިގައި ވައު ޖަހައި ދެކޮޅަށް ދަމައި ވާންކޮށްފައި އޮތް ހެންނެވެ.
ދިގުސުފުރާގެ ދެކޮޅުގައި ހީވަނީ ވާދަވެރި ދެ ލަޝްކަރު ހަނގުރާމައަކަށް ތައްޔާރުވަމުންދާހެންނެވެ. ދަތްތައް ގާނަމުން ކަނޑިތައް ހަނުލައި ތޫނުކުރާ އަޑާއި އައްޑަނަތަކުގައި ތަޅައި ވަޖިދުއަރުވާ އަޑެވެ. ނުވަތަ އެއީ ހަތުރުންގެ ޒުވާބުތައް ހޫނުވެ މޭޒުމަތީގައި އަތުން އަޅުވައި ވިހެލާ އަޑުފަތްގަނޑެވެ.
އުލާއި ސަމުސަލާއި ވަޅިތައް ގޮސް ތަށިތަކުގައި ތެޅޭ އަޑެވެ. ކާ އެއްޗެހި ހަފައި ޗިސްކުރާ އަޑެވެ.
ކަނުލައި އަޑުއަހަމުން ދިޔަ ވަރަކަށް ސާގީސާގެ ހިތަށް ވަންނަމުން ދިޔައީ ބިރުވެރިކަމެވެ. އެ ސައްލާގެ މަޖިލީހުގައި ކުރިއަށް ދަނީ އެ މަނިއްޕުޅު ކޮށައި ކުދިކޮށް ކާޅުތަކަށް ދޭނެ ގޮތުގެ މަކަރުވެރި ވާހަކަތަކެވެ. އޭނާގެ ތަހުތާއި އޮގަރު ކަނޑި އައްޑަނަކޮޅަށް ބައިއަތު ހިއްޕަވާފައިވީ ބައެއްގެ މަކަރުވެރި ރޭވުންތަކެއްގެ އަޑެވެ.
ހެމުން ކަމުން ރާބޮމުން ގެންދިޔަ އެ މީހުންގެ މޫނުތައް ބަލަން ސާގީސާ ތެޅިގަތެވެ. ނަމަވެސް އޮތްތަނުން އޭނާ އަށް ހިރި ވެސް ނުލެވެ އެވެ.
ދެން ހީވީ ދޮންކޮށްލާފައި އޮތް ކަނޑިއެއް ބުރަކައްޓަށް ހަރާލިހެންނެވެ. މެޔާއި މޭޒު ފޫއަޅުވާލި އެ ކަނޑީގެ ކޮޅުން ސާގީސާގެ ހަށިކޮޅުގައިވީ ލޭތައް އޮހޮރި ޖާފަތުގެ މަޖިލީހުގައި ދެމިގަތެވެ. އޭނާގެ ހަށިކޮޅުގައި ޖަހާފައިވާ މަސްތައް ހަންޖަރާއި ކަނޑިން ކޮށައިގެން ކާން ފަށައިގަތުމާއެކު ކާޅުތަކުގެ ހުތުރު ހޭރުން ވެސް އިވެން ފަށައިފި އެވެ. ކާޅުތައް ބުރަކަށީގައި ކޮށަން ފަށައިފި އެވެ.
އޭރު ސާގީސާ އަށް ފެންނަނީ އެ ސުފުރާގެ ކޮޅުގައި ބަހައްޓާފައި ހުރި ތަހުތެއްގައި ހަމަޖެހި ހިނިތުންވަމުން ގެންދިޔަ ފިރިހެނެކެވެ. ކައުސަރުގެ ފެން އާރެއް އޭނާގެ ފަހަތުން ދެމެމުންދާތަން ފެނެ އެވެ. ނަމަވެސް ސިލްވަރުގެ ތައްޓަކުން އޭނާ ބޮމުން ގެންދިޔައީ ސާގީސާގެ ހަށިކޮޅުން އޮހޮރެމުން ދިޔަ ލޭގެ ކޯރެވެ.
އެއީ ފަންސަފުރަދާނައިންގެ މަޖިލީހުގެ ސާސްކަ ފުރަދާނަ ކަޅައިބާރު ތަކުރެވެ. ބޮމުން ގެންދިޔަ ތަށި ހުސްކޮށްލުމަށް ފަހު އޭނާގެ އަތަށް ނެގީ ދުނިގަނޑެކެވެ. އަދި އޮބިއަޅައި މޭޒުމަތީގައި އަނގަވަތަށް އައްސާފައި އޮތް ސާގީސާގެ މޫނާ ދިމާކޮށް ދުނިގަނޑުގައި ވާންކޮށްލީ ތީރެކެވެ.
ވިހަ ހިނިތުންވުމަކާ އެކު ދޫކޮށްލި އެ ތީރު ދެ ތީރަށް ބަދަލުވެ އޭގައި އަލިފާން ރޯވެ ސާގީސާގެ ދެ ލޮލާ ދިމާލަށް އެނބުރިގަތް ވަގުތު އޭނާ އަނެއްކާވެސް ސަލާމަތަށް އެދި ތެޅިގަތެވެ. މޭޒާ އެކުގައި އެނބުރިގަތެވެ.
އެއީ ބޮޑު ބާނިއަކާ އެކު ގުރާބުކޮޅު އަރި އަޅާލި ވަގުތެވެ. އޮޑި ބަންޑުންޖަހާ ނުލީ ހަމަ ކިރިޔާ އެވެ. ނިދީގައި އޮތް ސާގީސާ އަށް ހޭލެވުނީ ދާންކޮޅުން ވެއްޓިގެން ގޮސް ޖެހުނު ގޮތަށް ފުއްކިބަ އަށް އެރި ތަދަކުންނެވެ. ފުއްކިބައިގައި ވައަތުން ފިރުމާލާފައި މާބޮޑު ކަމަކަށް ނަހަދައި ފުންމައިގެން ތެދުވިގަތެވެ.
އަތުގެ އިނގިލިތަކުގެ ކުރި ވަނީ ހިސާބަކަށް ފާރުވެފަ އެވެ. ލޮނުޖެހިގެނެއް ނޫނެވެ. އެއީ ލައިގެންފައިވާ މި ސުންޕާވެރިކަމެއްގެ ފާރުތަކެވެ.
ދެ އަތަށް އަންގި އަރުވައި ހެޔޮވަރުކޮށްލައިގެން، ގުރާބުގައި ރަދުންނަށް ހާއްސަކޮށްފައިވާ ކޮޓަރިކޮޅުން ނުކުމެ ބޭރަށް ބޯދިއްކޮށްލިއިރު ކަޅުކަނޑުގެ ބިޔަ ބާނިތަކާ އެކުގައި އަރިއަރިޔަށް ނަށަމުން ގެންދިޔަ އޭނާގެ އޮޑި ހަމަޔަކަށް އަޅުވަން އޭގެ ފަޅުވެރިން ހޯބޯލައްވަމުން ފުމެ ނަގަނީ އެވެ. އަމުރުމައުރޫފު ހިންގަން ހުންގާނު ގޮނޑިއަށް އަރައި އިނީ ހުރިހާ ކަނޑަކަށް ހެޔޮވަރު ކުދުއަބުލާ އެވެ.
އެއީ ސާގީސާ އަށް ލިބިފައިވާ ޖަވާހިރެކެވެ. އޭނާ އަކީ ކަންވެރިކަމުން ފެށިގެން ގޮސް ނިއަމިވެރިކަން ވެސް ދަސްކޮށް ގިރައި ބޮއެގެން ހުރި ފަހުލަވާނެކެވެ.
"ސުވާމީންގެ ގަންދީ ބުނަމެވެ."
"ތަހުތަށް އިސްކުރެވުނު ފަހުން ކަލޭވަރުގެ އާދަމުގެ ދަރިއަކު މަށެއް އަދި ނުދެކެމެވެ"
"މަގޭ މި ފުރާނަ ވެސް ކަލޭގެ ދެ އަތަށް ލައިގެން ގެންދަން ފަހެއް ނުޖެހޭނަމެވެ."
ސާގީސާގެ މި ސިއްރު ދަތުރުފުޅަކީ ހަމަ ހަގީގަތުގައި ވެސް އޭނާގެ ފުރާނަ އަތްމައްޗަށްލައިގެން ފަށާފައިވާ ދަތުރެކެވެ. އެމީހުން ދަތުރުކުރަމުން އެ ގެންދަނީ ޕަޅަންދީޕާގެ މާއުތުރުގައި އޮތް ޖަޒީރާ ރާއްޖެއެއް ކަމުގައިވީ ލަކްޝަދީޕަށެވެ. އެ މަނިއްޕުޅަށް ޖެހިވަޑައިގެންފައިވާ އާލާސްކަންފުޅަކަށް ފަރުވާއެއް ހޯދުމަށެވެ. އެ ސުންޕާވެރިކަން ގޮސް ގުޅިފައި ވަނީ ނިދިޖެހި ވަޑައިގަންނަވާ އިރަށް ކޮންމެފަހަރަކު ފެނިވަޑައިގަންނަވާ މި ހުވަފެނާ އެވެ.
އަމިއްލަ ތަހުތާ މާ ދުރުގައިވީ ތައުބީރުކުރުންތެރިއެއްގެ އެހީތެރިކަމަށް އެދިގެން މި ދަތުރު ފެށީ އަމިއްލަ ގަނޑުވަރުގެ ބޮޑުންނަށް މި ހުވަފެނުގެ ޚަބަރު ނުދޭންވެގެންނެވެ. ފެނިވަޑައިގަންނަވާ ހުވަފެނުގެ ޚަބަރު އޭނާ ކިޔައިދިނީ ކުދުއަބުލާ އަށް އެކަންޏެވެ. ނަމަވެސް ކުދުއަބުލާގެ ކިބައިގައި ނެތް ހަމައެކަނި ކުޅަދާނަ ކަމަކީ ރަސްކަލަކަށް ފެނިވަޑައިގަންނަވާ ހުވަފެން ތައުބީރުކުރުމުގެ ބާރެވެ.
ލަކްޝަދީޕުގައިވީ މަހިލަޑޫއޭ ކިޔުނު އަތޮޅެއްގެ ޚަބަރު ސާގީސާގެ ސަމާލުކަމަށް ގެނެސްދިނީ އިސްމިޑޫ އަށް ޒިޔާރަތްކުރި އަސޭކަރައިގެ ސައުދާގަރެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތްމިނި ޖާރިޔާ އިން އެއްކުރަމުން ގެންދިޔަ އެ ސައުދާގަރަކީ ނުހަނު ރަނގަޅަށް އާޖުފާޖު އެނގި ހުރި މުސާފިރެކެވެ. އަދި އޭނާ އެ ދުވަހު ދިން ނަސޭހަތަކީ ސާގީސާގެ މުޅި ހަށިކޮޅުން ހީބިހިނަގައިގެން ދިޔަ ވަރުގެ ދަރުހެކެވެ.
"ސިންގާއެއްގެ ހިތަކާއި ހިތްވަރު ލިބިހުންނެވި ރަދުންނޭވެ"
"ތަގުދީރަކީ ހުދު އަހެއްގައި އައިސް ތިބާއާ ބައްދަލުކުރާނެ ރައްޓެއްސެއް ނޫނެވެ"
"ތިބާގެ ނިދީގަ އާއި އުށް ބައްތީގެ ފަނޑުއަލީގައި އައިސް ބޮސްދޭނެ ހަގީގަތެކެވެ"
"އެ ތަގުދީރުގެ މެދުވެރިޔަކީ ހުވަފެނެވެ. އަދި ހުވަފެނަކީ ބިލާހެއް ނޫނެވެ."
ސާގީސާ އަށް މި ހުވަފެނެއް ފެންނަތާ ހަނދު މަހެއް ފާއިތުވެ ދިޔައީ އެވެ. ކޮންމެ ދުވަހަކު އެ ހުވަފެން އައިސް އޭނާ ޖަހައިގެން ގެންދަނީ ދިޔަވަރުބޮޑުވާހެންނެވެ. ނުވަތަ އޮއްސޭ އިރާއެކު ވެރިވެގަންނަ ކަނު އަނދިރިކަމެއް ފަދައިންނެވެ. ރޭގަނޑުގެ ނިންޖާއި އަރާމު ވަނީ އެއްކޮށް ގެއްލިފަ އެވެ. ސިކުނޑި އެއް ކަމެއްގައި ހަރެއް ނުލަ އެވެ. ތަހުތުގެ ޒިންމާތަކުގައި ވަރުބަލިވެ މައްސަލަތައް ވަނީ ދަރުބާރުތަކުގައި ފުނިޖެހިފަ އެވެ. އާންމުންގެ ޝަކުވާ އާއި ހޮޅުއަށީގެ ދެބައޮޑުވުންތައް ގަނޑުވަރުގެ ދޮރުގައި ޓަކިދެނީ އެވެ.
މި ހުރިހާ ތުރާލެއް ގޮސް ގުޅިފައި ވަނީ މަންޒަރަކަށް ފަހު މަންޒަރެއް ނިއުޅުވަމުންދާ ހުވަފެނަކާކަން މިހާރު ޔަގީނެވެ. ނަމަވެސް ބަނޑުފުފޭ ގޮތްވުމާއި ބޮލު ތެރޭގައި ފަނި ދުވާހެން ވެސް ބައެއް ފަހަރު ހީވެ އެވެ. ދެ ކަންފަތުން ލޭ ފޭބުމާއި އިނގިލިތަކުގެ ކުރި ފާރުވެ ދޮސްގަންނަ ގޮތް ވެސް ވަނީ ކުރިމަތިވެފަ އެވެ.
މަހިލަޑޫއޭ ކިޔުނު އަތޮޅުގެ މަލަ ފެންނަވަރުވީ ބަރާބަރު ސާދަ ދުވަހުގެ ދަތުރަކަށް ފަހު އެވެ. ހިނިތުންވުމެއްހެން ކަނޑުގައި ކުރެހިފައިވާ މި ރަށަކީ ހަމައެކަނި އަންހެނުންގެ ގަބީލާއަކަށް ހާއްސަވެފައިވާ ރަށެކެވެ. ރަށުގެ އެންމެ އިސް ވެރިޔަކީ ވެސް އަންހެނެކެވެ. އެއީ ފޫޅުމާމައޭ ކިޔުނު މަގާމެކެވެ.
ސާގީސާގެ އޮޑި ގޮސް ނަގިލީ އަތޮޅުގެ ބޮޑު ވިލުގަ އެވެ. ރަށުން ބައްދަލުވި އަސޭކަރައިގެ ސައުދާރު ނުދީ އޮތް އިންޒާރަކީ މަހިލަޑޫގެ އަންހެންވެރިންނަށް ލިބިފައިވާ ރީތިކަމުގެ ވާހަކަ އެވެ. އެ އަންހެނުންގެ ކިބައިން އުފާ ލިބިގަތުމަށް އެދި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ ޖަޒީރާ އަށް ޒިޔާރަތްކުރާ މީހުންގެ އިންޒާރެވެ. ފުރެތިކާލުންނާއި ސައުދާގަރުންގެ އޮޑިފަހަރުތަކާ އެކު ރަށުގެ ވިލުނޫ ފަޅު އޮތީ ހަމަ ރަނގަޅަށް ވެސް ފުރިފަ އެވެ. ނަމަވެސް ބިރުވެރިކަމެއް އަދި ނުރައްކަލެއް ވެސް އޭގައި ނެތެވެ.
ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހަތިޔާރު އެޅި ފުރެތިކާލުންގެ ބޮޑު ދެ ނައު އެތަނުގައި އޮތުމެވެ. އެހެންކަމުން ކަނޑުފޭރޭ ބަޔަކު އެ ހިސާބަކަށް ވައި ވެސް ނޭޅޭނެ އެވެ.
ބޮއްކުރާގައި ގޮސް އެންމެ ފުރަތަމަ ރަށަށް އެރީ ކުދުއަބުލާ އެވެ. ރަށުގެ ހޭޑިފޭޑި ބަލައި ނިމިގެން އެނބުރި އައިސް އޭނާ ދިން ޚަބަރު އުފާވެރި ޚަބަރަކަށް ވެސް ނުވެ އެވެ. އަދި ހިތާމަވެރި ޚަބަރަކަށް ވެސް ނުވި އެވެ.
އެމީހުން ހޯދަން އެ އުޅޭ ހުވަފެން ތައުބީރުކުރާ މީހާ މިހާރު ރަށަކު ނޫޅެ އެވެ. އޭނާ ބަލިވެ އުޅޭތާ މިހާރު ކިތަންމެ ދުވަހެކެވެ. އަދި އޭނާ މިހާރު ވަޒަންވެރިވެ ދިރިއުޅެމުން ގެންދަނީ މަހިލަޑޫގެ ދެކުނު ބިތުގައި އޮތް ފަޅުރަށެއް ކަމުގައިވާ ވިރިންގިލީގަ އެވެ.
"އޭނާ އަށް ވަނީ ޖުޒާމު ބަލި ޖެހިފަ އެވެ."
"އޭނާގެ ހަތަރެސްފައި ގިރިގެން ފައިބަނީ އެވެ."
ކުދުއަބުލާ ގެނެސްދިން ޚަބަރު ސާގީސާ އެއްކޮށް މާޔޫސްކޮށްލައިފި އެވެ. ބޭއިހުތިޔާރުގައި ބަލައިލެވުނީ އަމިއްލަ ދެ އަތުގައި ފާރުވެ ވިރެމުންދާ އިނގިލިތަކުގެ ކުރި އަށެވެ. އަދި ހުވަފެނުގައި ފެންނަ ބިރުވެރިކަމާ އެކުގައި އިތުރު އެތައް ވަސްވާހެއް ބޮލު ތެރޭގައި އެނބުރިގަތެވެ.
ނަމަވެސް އެތައް ދުވަހެއްގެ ނިދި ނަގާލައިގެން މިހިސާބަށް އައިސް އެތައް ދުވަހެއްގެ ނިދި ނަގާލި ހުވަފެނާ އެކުގައި ވުމަށް އެނބުރިދާކަށް ރަދުން ބޭނުމެއް ނުވި އެވެ. ހަމަހިލާ އެގޮތަކަށް އެއްބަސްވެ ވަޑައެއް ނުގަތެވެ.
ހައްދަވާނެ ގޮތަކާ މެދު ފިކުރުކުރެއްވުމުގައި މުޅި ދުވަސް ހޭދަކޮށް އިރުއޮއްސެން ގާތްވެފައި ވަނިކޮށް އެންމެފަހުން ގޮތެއް ނިންމަވައިފި އެވެ. އެ ނިންމެވުމަކީ ބޮއްކުރާގައި ރަދުން ގިނިކަންޏާ އެ ރަށަށް ވަޑައިގަތުމެވެ.
ރަދުންގެ ނިންމެވުމާ މެދު ދެބަސްވާން ކެރުނު ހަމަ އެކަކު ވެސް ނެތެވެ.
ދެ ފަލީގެ ބޮއްކުރާއެއްގައި ފަލިޖަހާފައި ގޮސް ސާގީސާ ވިރިންގިއްޔަށް ފޭބިއިރު އިރުއޮއްސިއްޖެ އެވެ. އެއީ ގިރެމުން ނެތެމުންދާ ކުޑަކުޑަ ގާމަތީ ރަށެކެވެ. އަތިރިމަތީގައި ރީތި ދޮންވެލިގަނޑެއް ނެތެވެ. އެ އަތިރިމަތީގައި ހަމަ އެއްވެސް ދިރުމެއް ނުވާ ކަހަލަ އެވެ. މަރުވެ ކަޅުވެފައިވާ އަކިރި އާއި ގަލުން ފުރި އެމުނި އޮޅުންބޮޅުންވެފައި އޮތް ބަނޑުއަކިރީގެ ހާއްޔެކެވެ.
ރަށު ތެރެއަށް އަރައިގަތުމަށް ދިމާކޮށްލިތަނުން ސާގީސާގެ ލޮލުގައި އަޅައިގަތީ ހޭޅިފަށުގައި ބިމަށް ފައިބައިގެން ހުރި ވަރުގަދަ ކަށިކެޔޮ ގަހެކެވެ. ހީވަނީ ރަށުގެ ހިމާޔަތުގައި ފޯރިއަށް ނުކުތްތަކުން ވަގުތު ހުއްޓި ގައުވެފައި ހުރި އިންފާރަވެރި ފުރޭތައެއް ހެންނެވެ. އޭގެ ގޮފިތަކުން ނުކުމެފައިވާ ދިގު ފަތްތަކުގެ ތެރެއިން ފެންނަނީ ވަކަކާ ޖެހި ވަކެއް ފިތިބާރުވެފައިވީ ބޮޑެތި ލޯތަކެއްހެން ހީވާ އެ ގަހުގެ ފޮނި މީރު މޭވާ އެވެ. އެ މޭވާތަކަށް ވަނީ ރަތްވިލާގެ ކުލަވަރު ފޭދިފަ އެވެ.
ހޭޅިފަށުގައި ދުވަމުން ދިޔަ ބަރުވެލިތައް ޖާދޫގަރެއްގެ އުކުޅުތަކެއް ފަދައިން އެ ސޮރުމެންގެ ތޮށިތަކަށް ވަދެ ގެއްލި ހިމޭންވެއްޖެ އެވެ. މަގޫގަހާއި ކުރެދި ގަސްތަކުގެ ތެރެއިން ކަޅުކުލައިގެ ބަޅިނދުތަކެއް އުދުހިގަތެވެ. އެ ދިމާލުގައި ހުރި މިދިލި ގަހަކަށް އަރައި އޮތް މީދަލެއް ތުނބުގައި ދޮންކަނައެއް ލައިގެން ސާގީސާގެ ވަގު ފިޔަވަޅުތަކަށް އޭގެ ތޫނު ދެ ލޮލުން ފާރަވެރިވެގެން އޮތެވެ. ދޮންވެގެން ގަސްދޮށަށް ވެއްޓިފައިވީ ކަނަތައް ޗިސްކުރަމުން ގޮސް ރަށުތެރެ ފެންނަ ހިސާބަށް ދެވުނުތަނުން ފުޅިބައްތިއެއްގެ އަލިކަމުގައިވީ ފަންޖިފުޓިގަނޑެއް ފެނިއްޖެ އެވެ.
އެ ފުޅިބައްތީގެ އައްޔަށް މުގޯލިއަޅައިގެން ރޯނާވަމުން ދިޔަ ޕަރުވާނާގެ ބައިގަނޑު އެހިސާބު ދުރުން ވެސް ފެނެ އެވެ. އެ ޖިފުޓީގެ ފަހަތުން ހެދިގެން އެ ދިމާލަށް ފެތުރިފައި ވަނީ ބޮޑު ކާނި ގަހެކެވެ. އެއަށް ވުރެ ފަހަތުން ފެންނަ ދޮންރުއްފަލު އޮތީ އަނދިރިކަމުގެ ތެރޭގައި ނިދައި ހިމޭންވެފަ އެވެ.
ސާފުކޮށް ކުނިކަހާފައިވާ މަގެއް ނެތެވެ. މުޅި ރަށުގައި އޮތީ ވަލެވެ. ބިންގަނޑު ފުރިފައި އޮތީ ރަށުގެ ގުދުރަތީ އަހުލުވެރިން ފީކުރަމުން ދިޔަ ފަތާއި ފާކުރަމުން ދިޔަ މޭވާތަކުންނެވެ.
ޖިފުޓިއާ އަރައި ހަމަވަމުން ދިޔަ ވަރަކަށް ސާގީސާ އަށް ފާހަގަވަމުން ދިޔައީ އެ ޖިފުޓިގަނޑު ވަށައިގެން ކުރަހާފައި އޮތް ހުދު ދޮންވެލީގެ އިމެކެވެ. އެ އިމާ ގޮސް އަރައި ހަމަވިތަނުން ޖިފުޓިގަނޑު ތެރެއިން މީހަކު ބޯދިއްކޮށްލައިފި އެވެ. ކުރަހާފައި އޮތް ދޮންވެލީގެ އިން ދިން އިންޒާރާ އެކު އޭގެ ބޭރުގައި ސާގީސާ މަޑުކޮށްލި އެވެ.
ޖިފުޓި ތެރޭގައި އެލުވާފައި އޮތް ފުޅިބައްތީގެ އަލިކަމުގެ ތެރެއިން ފެންނަނީ ދޮރު ކައިރީގައި މަޑުކޮށްލައިގެން އޮތް ހަތަރެސްފައި ޖެހި އަންހެނެކެވެ. ހުދުކުލައިގެ ދިގު އިސްތަށިގަނޑެއް އޭނާގެ ބޮލުގެ ދެ ފަރާތަށް ވިހުރިފައި އޮތެވެ. ބިންމަތީގައި ދެމޭހާ ދިގެވެ. ހިމަކޮށް ދިގުކޮށް ހެދިފައިވީ ހަތަރެސްފައި ޖަހާފައި އެ ޖިފުޓިގަނޑުން ނުކުމެ އޭނާ ސާގީސާއާ ދިމާލަށް މަޑުމަޑުން ހިނގައިގަތެވެ. ހީވަނީ ހޮރަކުން ނުކުމެގެން އަންނަ ފޮށިގަނޑުލީ ފައިދިގުމަކުނެއް ޝިކާރައަށް ބަނޑުހައިވެ ދަހިވެތިވެގެން އަންނަހެންނެވެ.
އެމީހާ ކުރިއަށް ޖެހެމުން އައިސް ކޮކާހަނދުވަރުގެ ތެރެއިން ނުކުމެ ތަރިތަކުގެ ރިހި ހަނދުވަރު ދޭ ހާމަ ހިސާބެއްގައި މަޑުކޮށްލުމާ އެކު އައިސް ބައްދައިގަތް މުޅަ ވަސްގަނޑާއެކު ސާގީސާގެ މުޅިގައިން ހީބިހި ނަގައިގަތެވެ. އެއީ ޖިންނި އަވަލައި މޮޔަވެފައިވާ އަންހެނެއް ނޫނެވެ. ޖުޒާމު ބަލީގައި ވިރެމުންދާ ނިކަމެތިކަމެކެވެ.
އޭނާގެ ނޭފަތާ އެކުގައި މުޅި އަނގަމަތި ވަނީ ގިރިގެން ގޮސް ފާރުވެ ފުޅައަޅައިފަ އެވެ. ސާގީސާގެ މޫނު ފެނުމުން އެ އަންހެން މީހާ ރޮއި ހޭރިގަތެވެ. އެ އަނގައިގައި ހަމަ އެންމެ ދަތެއް ވެސް ނެތެވެ. އަނގަ ތެރޭގައި ދުލެއް ވެސް ނެތެވެ. ކަރު ތެރެއިން ހުތުރު ފެލުންގަނޑެއް އަރުވަމުންދިޔައިރު ބޮކިޖަހަމުން ދަތްދޮޅިއާ ދިމާލުން ބިންމައްޗަށް އޮހޮރެމުން ދާތަން ފެންނަނީ މަޑު ރީނދޫކުލައެއްގައިވީ އޮލަ ދޮހެވެ.
ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލުމާ އެކު އޯކަށްދަމައިގެންފައި ސާގީސާ އޭނާގެ ދެ ކަކޫ މައްޗަށް ވެއްޓިގަތެވެ. ހުދުކުލައިގެ ދިގު އިސްތަށިގަނޑުލީ އަންހެންމީހާގެ ދެ އަތް ބިންމަތީގައި ތަޅައި ކުރިއަށް ވުރެ ބާރަށް އޭނާ ހޭރިގަތެވެ. އެ ދެ އަތަކު އެންމެ އިނގިއްޔެއް ވެސް ނެތެވެ.
އޭނާ ލައިގެން ހުރި ފޭރާންގަނޑު ވެސް ވަނީ އެތަންމިތަނުން އިރައިގެން ގޮސް ހާވިޔާވެފަ އެވެ. ރަނގަޅަށް އޮރިޔާން ވެސް ނިވައު ނުވެ އެވެ. އެ މުޅި ހަށިގަނޑުގައި ވަނީ ފާރު ހެދިފަ އެވެ. އެ ފާރުތަކުން ލެޔާއި ދޮސް ދެމި އޮހޮރެމުން ދަނީ ކުރާއަކުން އޮލަ ފެންގަނޑެއް އޮހޮރެމުންދާހެނެވެ.
ގަތްބިރާ އެކު ސާގީސާ ފުންމައިގެން ތެދުވެ ދުއްވައިގަތީ އޭނާގެ ބޮއްކުރާ އޮތް ދިމާލަށެވެ. އެވަގުތު ކަންފަތުގައި ޖެހުނީ އެ އަންހެން މީހާގެ ކަރުތެރެއިން ސާގީސާގެ ނަން ގޮވާލި އަޑެވެ. ކަންފަތުގައި ޖެހުނު އެ އަޑާއެކު ހުރިތަނަށް ހުއްޓި ސާގީސާ ފަސްއެނބުރި ބަލައިލި އެވެ.
"ސަލް....ސަބީލް"
ގިރިފައިވާ އަނގަތެރެއިން ލެޔާއި ދޮސް އޮހޮރަމުން ދިޔަ އަންހެން މީހާ ބުނި އެއްޗެއް ސާގީސާއަށް ފަހުމުވާ ވަރެއް ނުވި އެވެ. އަދި ގެންފައިވީ ބިރާ އެކުގައި ގޮސް އޭނާ އެރީ ބޮއްކުރާ އަށެވެ. އަދި ފަޅުގައި އޮތް އޭނާ ގުރާބަށް ގޮސް އަރާވަޑައިގަތީ އަނެއްކާވެސް މާޔޫސްވެފައިވީ ހިތަކައިގެންނެވެ.
އެކަމަކު ކިތަންމެ ބޭނުންވިޔަސް ވިރިންގިލީގައިވީ އަންހެން މީހާ ލައްވައި އޭނާގެ ހުވަފެން ތައުބީރުކުރެވޭނެ ގޮތެއް މި އުޑުދަށަކު ނުވެ އެވެ. އަދި މިރޭ އަނެއްކާވެސް އޭނާގެ ނިންޖާ އަރާމު ނަގާލާނީ ސުންޕާވެރިކަމުން ފުރިގެންވީ އެ ހުވަފެނެވެ.
ގުރާބުގެ ކޮޓަރިކޮޅަށް ވަދެ ސާގީސާ އެކަނިވެލި އެވެ. އަތަށް އަރުވާފައިވީ އަންގި އެއް އަތުން ދަމައިގަތުމަށް ފަހު ބަލައިލީ އޭނާގެ ފާރުވެފައިވީ އިނގިލިތަކުގެ ކުރިއަށެވެ. އެ ފާރުގަނޑުތައް ހީވަނީ ޖުޒާމު ބަލީގެ އަލާމާތްތަކެއްހެންނެވެ. ނުވަތަ އެއީ ސާގީސާގެ މޮޔަވަމުންދާ ސިކުނޑި އޭނާ އަށް ކުރާ ޖެއްސުމެކެވެ.
އަތާއި ފަޔާއި މޫނު ދޮވެލައިގެން ގޮސް ދާންކޮޅު މައްޗަށް އަރައި ބުރަކަށި ޖެހުނުތަނުން ސާގީސާ އަށް ރޮވިއްޖެ އެވެ. ރަސްކަލަކަށްވެ ހުންނަވައި ޖެހިވަޑައިގެންފައިވާ ހާލާތު ހިތްޕުޅަށް އަރާވަޑައިގެން އަމިއްލަ ނަފުސާ މެދު ހިތުގައި ހަމްދަރުދު އުފެދިގެންނެވެ.
"ރަސްކަލަކަށް ވިޔަސް، މަހުޖަނަކަށްވިޔަސް އަދި ނިކަމެތި އަޅުކަލޭގެއެއް ކަމުގައިވިޔަސް ވޭނުގެ އިހުސާސް ހަމަ އެއްވަރެވެ."
"އެކަމަކު ކަންތައްތަކަށް އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ހަގީގަތުގައި ވެސް އެންމެ އަތްމަތި ތަނަވަސްމީހާ އެވެ"
"ނިކަމެތި ފަގީރެއްގެ ގައިގައި ވޭން އަޅައިގެން އޭނާ އަށް ގެއްލޭނެ ހަމަ އެކައްޗެއް ވެސް ނުވެ އެވެ."
"އެކަމަކު މި މުސީބާތް މި އަޅާއާ އަރައި ހަމަކުރާއިރު ނުގެއްލޭނީ ކޯއްޗެއް ހެއްޔެވެ؟"
ގުޑުގުޑާއަކުން ދުންބޮމުން މި ފިކުރުތަކުގެ ތެރޭގައި އުދުހެމުން ދަނިކޮށް ނިދި ޖެހުނު އިރެއް ނޭނގެ އެވެ. އެ ނިންޖަކީ މިއަދު ސާގީސާއާ އެންމެ ގާތުގައިވީ އަދާވާތްތެރިޔާކަން ޔަގީނެވެ.
އެރި އިރާއެކު ސާގީސާ އާއި ކުދުއަބުލާ ގޮސް ފޭބީ މަހިލަޑޫގެ މައި ރަށަށެވެ. ޖުޒާމު ބަލީގައި ވިރެމުން ދިޔަ އަންހެން މީހާގެ އަރުތެރެއިން އިވުނުހެން ހީވި ނަމުގައިވީ އަސްލަކީ ކޮބައިތޯ ބެލުމަށް ޝައުގުވެރިވެގެންނެވެ. އެހެންނޫނަސް ބޮލަށް ތުރާކުރަމުން ގެންދާ ހުވަފެންތަކުން މިންޖުވާނެ ގޮތެއް ހޯދަން ސާގީސާ އެ ހުންނެވީ ކެތްމަދުވެފަ އެވެ.
ރަސްމީ ދަތުރުފުޅެއް ނޫންކަމުން ސާގީސާ ރަށު ތެރެއަށް ވަޑައިގަތީ އަސްލު އޮޅުވާލައިގެންނެވެ. ސިފަ ކޮންމެވެސް ވަރަކަށް ބަދަލުކޮށްލައްވައިގެންނެވެ. އެކަމަކު ރަންފޮތިތަކާ އެކު ސައުދާގަރެއްގެ ހެދުން އަޅުއްވައިގެންނެވެ.
މަހިލަޑޫ އަކީ އޭގެ ބިމުގެ މިންގަނޑުން ކުރަހާ ނަމަ އިސްމިޑޫއާ ދާދި އެއްވަރުގެ ރަށެކެވެ. ކަނޑޫފައު ކުޅިތަކާއި ބިއްސާވެލީގެ ތުނޑިއަކާއި ރަށުތެރެއިން އެ ފެންނަ ހުރިހާ ރުއްގަހެއްގެ ފެހި ފިނިހިޔާ ދޭ ހިތްގައިމު ރަށެކެވެ. ފެން މީރުވެފައި ބިންގަނޑު މޮޅެވެ. ނަމަވެސް މި ރަށުގައިވީ ތަފާތަކީ ރަށުގައި ދިރިއުޅޭ އާބާދީ އެވެ. މި ރަށުގެ ރަށްވެހިންނަކީ ހަމައެކަނި އަންހެނުންނެވެ.
އޭގެ ތެރޭގައި އެންމެ ދޮން އަންހެނުންނާއި ރޭގަނޑުގެ އަނދިރިކަމާ އެއްވަރުގެ ބަބުރުން ވެސް ވެ އެވެ. ރީތިކަމުގެ ހުރިހާ ސިފަ އަކާއި ހުތުރުކަމުގެ ހުރިހާ ސިފައެއް ވެސް އެމީހުންނަށް ލިބިގެންވެ އެވެ. ކޮވެލީގެ މޫސީގީ ކަމާއި ކާޅުތަކުގެ ކުރަކި ހުތުރުކަން ވެސް އެމީހުންގެ އަޑުގައިވެ އެވެ. ފާރިސީންގެ ޅެންވެރި ބަގީޗާއަކުން އަޑުއިވޭނާ ފޮނި ފަށުވި ބަސްތަކާއި މުރައްކަބުޖާހިލުންގ ބާޒާރުގައިވީ އަވަގުރާނަ ވެސް އެ ދޫތަކުން އަޑު އިވެ އެވެ.
ސާގީސާ އާއި ކުދުއަބުލާ އެމީހުންގެ ބޮއްކުރާގައި ގޮސް ފާލަމަށް ފައިބައިގެން ރަށުތެރެއަށް އަރަމުން ދިޔައިރު ނިދިން ހޭލައިގެން ދެ އަތަށް ކިރެމުން ބަނޑިބަނޑި އަޅުވަމުން ދާ އަންހެންވެރިންތައް ހުސްގަޔާ ތިބެގެން ގޮސް ގޮނޑުދޮށަށް ފައިބަމުންދެ އެވެ. ހިމުން ދޮންވެލިން ދަތް އުނގުޅަމުން، ހާޖިތަށް ގޮސް ގައިން ތާޚިރުވަމުން، މޫދަށް އެރި ބޮލިހޮވަމުން އޫ އުލަށް މަސް އަމުނަމުންދާތަން ފެނެ އެވެ.
ކުޑަކަޅުވާއާ ހަމަ އަށް ގެނބިފައިވާ ފައުތަކަށް އެރި ތިބި އަންހެންވެރިންގެ ބަޔަކު އަންބާކިޔަމުން ބޮނބިވަޅުލައި ފޫއަނބުރަމުންގެންދާތަން ފެނެ އެވެ. ތިރިކޮށް ހެދިފައިވާ ރުއްތަކެއްގެ ހިޔަލުގައި ތިބި އަނެއް ބަޔަކު ދަތްކުނޑިވިކައިގެން ތިބެ ބޮނބިތަޅައި ޗިސްކޮށް ކުނޑިކުރަމުންދަނީ އެވެ.
ހެނދުނުގެ ތާޒާކަމުގައިވީ ރާ ބޭލުމަށް ރުކަށް އަރައި އޮތީ ވެސް އަންހެނެކެވެ.
އަތިރިމަތީގައި ޖެހިޖެހިގެން ހަދާފައިވާ އޮޑިހަރުގެތަކުގައި ވެސް ހޭ ވައްޓާލާފައި މަސައްކަތްކުރަމުންދާތަން ފެންނަނީ މުޅިން ވެސް އަންހެނުންނެވެ. ރަށުގެ ފަޅުތެރެއިން ފެންނަ ރިވެތި ކިއްސަރު އެޅިފައި ވަނީ އެމީހުންގެ ކުޅަދާނަ ދެ އަތްތަކުން ބަނދެފައިވާ މަސްދޯނިތަކުގައި އެކަންޏެއް ނޫނެވެ. ނަލަ ރިވެތިވެގެންވީ އެބައިމީހުންގެ ހަށިގަނޑުގައި ވެސް ވަނީ ހަމަ އެހާމެ ސާދާ ރިވެތި ކިއްސަރެވެ. ކުލަ އެވެ. ބައްޓަމެވެ.
ރަށުތެރެއަށް އަރައިގެން ދިޔަ ސާގީސާ އާއި ކުދުއަބުލާ ގޮސް ވަނީ އަތިރިމަތީގައި ހަދާފައިވީ ބާޒާރުގެ ގޮޅިތަކަށެވެ. އެތަނުގެ އެންމެ ހާއްސަ އަދި އެންމެ ތާޒާ ބުއިމަކީ ކުރުނބަލާއި ރުކުރަލެވެ. ނަމަވެސް ކާނީގެ ފިނި ހިޔަލުގައި، ރަށުގެ ހިމުން ދޮންވެލީގެ ދާނެއްގައި ހަދާފައިވާ އެ ގޮޅިތަކަށް ޖަމާވަމުން ދިޔަ ސައުދާގަރުންނާއި ފުރެތިކާލުންގެ ކަރުހިއްކައިގެންފައި ވަނީ ރުކުރަލާއި ކުރުނބާގެ ފަންޏަކަށް ނޫނެވެ. އެމީހުންގެ ކުޅުދިޔާވެފައި ވަނީ އެތަނުގައި ތިބި މަހިލަޑޫގެ އަންހެނުންނަށްކަން ވަރަށް ސާފެވެ.
އެއީ ހުދު ފޭލީގައި އުނަގަނޑުން ތިރި ނިވައުކޮށް ފޫޅުންމަތީގައި އިތުރު އެއްވެސް ނިވާކުރުމެއް ނުވާ ބައެކެވެ. އެމީހުންގެ ބޮލުގައިވާ ކަޅު ދިގު އިސްތަށިގަނޑަށް އިރުގެ އަލި އެޅޭއިރު ރަންކުލަ އެއިން ވިދާހެން ހީވެ އެވެ. ބައެއް މީހުންގެ އިސްތަށިގަނޑު ވަނީ ގަތައި ޒީނަތްތެރިކޮށްފަ އެވެ.
އެމީހުންގެ ފޫޅާއި މޭމައްޗާއި ނޭފަތާއި ކަންފަތުގައި ރިހިކުލައިގެ މުދިލައި ޒީނަތްތެރިކޮށްފައިވެ އެވެ. ބައެއް މީހުންގެ ކަރުގައްޔާއި ލަގޮނޑިވަޅުމަތީގައި ނުވަތަ މޭމަތި އެއްކޮށް ފޮރުވޭނެހެން ގަތާފައިވާ ކުދިބޮލީގެ ހާރުތައް ވެސްވެ އައިބެއް ނެތް އެ ހަށިތަކުގައިވެ އެވެ.
އެއީ ސުވަދީޕާގެ ރަށަކުން ފެންނަ ކަހަލަ ބާޒާރެއް ނޫނެވެ. އެ ފޭލީގެ ގޮޅިތަކުން އެ ފެންނަ ޒީނަތްތެރިކުރި ޒުވާން އަންހެން ކުދިންނަކީ ހުސް ޖާރިޔާއިންނެވެ. އެއީ އަޅު އަންހެނުން ގަނެ ވިއްކާ ބާޒާރެކެވެ. އަދި ސަލްސަބީލަކީ ކާކުކަން ސާގީސާ އާއި ކުދުއަބުލާ އަށް ދެނެގަނެވުނީ އޭގެ ގޮޅިއަކާ އަރައި ހަމަވިތަނުންނެވެ.
އެމީހުންނަށް ގޮސް ވަދެވިފައި ތިބި އެ ބާޒާރަކީ ސަލްސަބީލުގެ ޖާރިޔާއިން ވިއްކާ ބާޒާރެކެވެ. ޖާރިޔާއިންގެ އެ ވެރިޔާ އަކީ ރަށުގެ އިސްފޫޅުމާމަ ވެސްމެ އެވެ. އިސްފޫޅޫމާމަ ނުވަތަ ބޭކެނބިބިބީ އަކީ މި ރަށުގެ އެންމެ އިސްވެރިޔަކަށް ހުންނަ އަންހެނަކަށް ހާއްސަ ދަރަޖަ އެކެވެ. އަދި އެ ދަރަޖައަށް އުފުލިފައިވާ ރަނިންނަކީ ސަލްސަބީލެވެ.
ސަލްސަބީލުގެ ދަރުބާރަކީ ރަށުގެ އުތުރުބިތުގައި ކޮނެފައިވާ ބިންގަރާހުގެ ހޮހޮޅައެކެވެ. ދުވާލުގެ ހުރިހާ ވަގުތެއް އޭނާ ހޭދަކުރަނީ އެ ހޮހޮޅައިގެ ތެރޭގަ އެވެ. އިރުއޮއްސުމުން ހޮހޮޅައިން ނުކުމެ ފަރު މައްޗަށް ގޮސް ބޯވަ އާއި އިއްސާއި ރާކަނި ނަގަންދެ އެވެ. ކަނޑުފަރުގައިވީ އެ މީރު ކެއުމަކީ ސަލްސަބީލުގެ ބަލިފަޔެކެވެ. އެކަން ދެނަހުރި ސާގީސާ އޭނާގެ ހޮހޮޅައަށް ވަޑައިގަތީ އޭނާގެ ގުރާބުގައިވީ އިހީގެ ކަންވާރަކުން ކަންވާރެއް ހިއްޕަވައިގެންނެވެ.
އެކުވެރިކަމުގެ ގުޅުމަކަށް ދައުވަތު ދެމުންނެވެ. ނަމަވެސް ހަތަރެސްފައި ޖަހާފައި ބިމުގައި ކޭއްތެމުން ހޮހޮޅަ ތެރެއިން ނުކުމެގެން އައި ސަލްސަބީލުގެ ސިފަ އަށް ދަންމަރު ބައްތިތަކުގެ އަލި އެޅުނު ވަގުތު ސާގީސާގެ ހިތަށް އެންމެ ފުރަތަމަ ވެސް ވެރިވީ ބިރުވެރިކަމެވެ. އެއީ ދެކުނު ބިތުގައި ވަކިން އޮތް ކުޑަ ފަޅުރަށް ވިރިންގިލިން އޭނާގެ ހިތަށް ވެއްދި ކަހަލަ ބިރުވެރިކަމެކެވެ.
އިހީގެ ކަންވާރު ހޮހޮޅަ ތެރޭގައި ބެހެއްޓުމަށް ފަހު ސާގީސާ މަޑުމަޑުން ފަހަތަށް ޖެހިލުމާ އެކު ސަލްސަބީލު ގޮސް ކާން ފެށީ އެ ކަންވާރު ތެރެއިން އޭނާގެ އަތުގައި ޖެހުނު ހުރިހާ އިއްސެކެވެ. ސާގީސާ އަށް ހުރެވުނީ ކިޔާނެ އެއްޗެއް ނޭނގި އަތް މައްޗަށް ނަގައިގެންނެވެ. އިސާހިތަކު އެ ކަންވާރު ތެރޭގައިވީ ހުރިހާ އިއްސެއް ކައި ހުސްކޮށްލައި ފިއެވެ. އަދި ހަތަރެސްފައިން ކެހެރިފެޅި ސަލްސަބީލުގެ ސިފަ ޒުވާން އަންހެން ކުއްޖެއްގެ ސިފައަށް މަޑުމަޑުން ބަދަލުވާން ފެށީ ސާގީސާގެ ކުރިމަތީގަ އެވެ.
"ވިރިންގިލިން ތިބާއާ ބައްދަލުވީ މި އަޅާގެ ނިބޫއެކެވެ"
"ތިބާ މި ހޮހޮޅައިގެ އެތެރެއަށް ވަދެގެން އަންނާށެވެ"
"ރަސްކަލަކަށް ހާއްސަ ދާންކޮޅު ތައްޔާރުކުރެވިފައި ވަނީ ހޮހޮޅައިގެ އެންމެ އެތެރޭގަ އެވެ"
"ތިޔައީ ބިރުކުޑަ ސާފު ތެދުވެރި ހިތެއް ލިބިވަޑައިގެންވީ ގަދަރުވެރި ރަސްކަލެކެވެ"
"އެކަމަކު ތިބާ އަށް ތި ފެންނަ ހުވަފެނަކީ ސިހުރުވެރިއެއްގެ މުޑުދާރު ގޮށްޖެހުމެކެވެ"
"އެތެރެއަށް ވަދެވަޑައިގެން އަންނާށެވެ"
ބޮލުގައި އޮތް ރިހިކުލައިގެ ދިގު ފަން އިސްތަށިގަނޑު ކޮނޑުމަތިން ނަގައި ފަހަތަށް ވައްޓާލުމާ އެކު ނިއަނެތިވި ފިޔަވަޅުތަކެއްގައި ސަލްސަބީލު ހޮހޮޅައިގެ އެތެރެއަށް ވަދެގެން ހިނގައިގަތެވެ. އޭނާގެ ފިޔަވަޅުތަކުގައި އެއްވެސް އަޑެއް ނުވެ އެވެ. ނަމަވެސް ބަސްބުނާ ހިނދު އެއީ އަންހެން އަޑަކާއި ފިރިހެން އަޑަކުން ގަތަމުން ދިޔަ ކުރު ޖުމުލަތަކެކެވެ. އެހެންނަމަވެސް ފިރިހެނެއްގެ އެއްވެސް ސިފައެއް އެ ހަށިގަނޑުގެ ބޭރުފުށަކުން ނުފެނެ އެވެ.
ކުރިއަށް އަޅަމުން ގެންދިޔަ ކޮންމެ ފިޔަވަޅަކާ އެކު ހޮހޮޅައިގެ ފާރުތަކުގައި ހަރުކޮށްފައިވީ ދަންމަރުގެ ބައްތިތަކުގައި ދިޔައީ ރޯވެ ދިއްލެމުންނެވެ. އެންމެ އެތެރޭގައި ދެނީ ފިނިފެންމަލާއި ޗާނދަނީމަލާއި ހުވަނދުމަލުގެ މީރު މަހެވެ. ދުންއަޅަމުން ގެންދިޔައީ އަންބަރީއަތަރާއި ފޮނިމަލާއި ހީނާމަލުންނެވެ.
އެ ވަސްތައް ސާގީސާގެ ހަށިކޮޅުގައި ޖެހި ހެޔަށް ގޮތްގޮތްވަމުންދިޔައިރު ހީވަނީ އޭނާގެ ނަފުސާއި ޖިސްމު މަޑުމަޑުން ގޮސް ސަލްސަބީލުގެ ކިޔެވެލިތަކާއި އޭނާގެ ދެ އަތް މައްޗަށް އަމާންދެމުން ގެންދިޔަހެންނެވެ. ލައިގެން ހުރި ހުރިހާ އެއްޗެއް ބޭލުމަށް ފަހު ސާގީސާ ގޮސް އަރައި ހަމަޖެހިލީ ހޮހޮޅައިގެ އެތެރޭގައި އޭނާ އަށް ހާއްސަކޮށްފައިވީ ދާންކޮށްޅުގަ އެވެ.
އޭނާގެ ބަނޑުގެ ވާތްފަޅީގައި ކުރުނބަލެއްގެ މިނަށް ފުފިފައިވާ ގުޅަގަނޑެއްގެ ތެރޭގައި ދުވަމުންގެންދާ ފަނީގެ ސިފަތައް ހަންގަނޑުގައި ކުރެހި ދިރެމުންދާތަން އަލިފާނުގެ ރަން އަލީގައި އޭރު ވަރަށް ރީއްޗަށް ފެނެ އެވެ. ސަލްސަބީލު ގޮސް ސާގީސާގެ ދާންކޮޅު ކައިރިއަށް މަޑުކޮށްލި އެވެ. އަދި ތަންމިނަށް އަނގަހުޅުވާލުމަށް ފަހު އަނގަތެރެއަށް ނެގި ކަޅުކުލައިގެ އިތާމުތެއް ގުލްކަނދުން ގިރިސްކޮށްލުމާ އެކު ސާގީސާގެ އަނގަތެރެއަށް ލައި ލައްޕުވާލި އެވެ.
ސާގީސާގެ ހަތަރެސްފައި ތުރުތުރުލައިގަތުމާ އެކު އޭނާގެ ނަފުސު ޖަހައިގެން ގެންދިޔައީ ގަދަ ނިންޖެއްގެ ތެރެއަށެވެ. އިރުކޮޅެއް ނުވެ އޭނާގެ ފޫޅާ ދިމާލުން މަސްގަނޑު ފުފެން ފަށައިފި އެވެ. (ނުނިމޭ)



