އަފްޒަލަކަށް ޢުބޭދުގެ އަޑެއް ނީވެއެވެ. އަފްޒަލްގެ ސަމާލުކަން ދެވިފައިވަނީ ދޮރުން ވަތް ފަޒްލީއަށެވެ. ހަގީގަތަކީ އަދި ވެސް އަފްޒަލަށް ފަޒްލީ ރީތިކަމެވެ. ބޭނުންކަމެވެ. ގޮނޑީގައި އިށީންނަންދެން ފަޒްލީއަށް ބެލުމަށް ފަހު ހުރިހާ ތަށިތަކެއްގެ މަތިން އަފްޒަލް ފޫހިވިއެވެ. މޫޑު ކެޓީއެވެ.

”ފުރިގެން އެރީތަ؟“ ޢުބޭދު އެހިއެވެ.

އަފްޒަލް އެއްވެސް ޖަވާބެއް ނުދިނެވެ. ތެދުވެގެން ދިޔައީއެވެ. އަދި އަތްދޮވެގެން އައެވެ. ދެން ބޯލީ ފެންތައްޓެކެވެ. ކޯކު ފުޅީގައި އަތެއްނުލިއެވެ.

”އަހަރެން ބޭނުމީ ނުކާން. އަހަރެން ބޭނުމީ ހަށިގަނޑު ރީތިކުރަން. އެކަމަކު ކެއުމެއް ކޮންޓުރޯލެއް ނުކުރެވުނު އަހަންނަކަށް. އެ ކަމެއް ނުކުރެވޭނެ. އެހާ ހިތްވަރެއް ނެތް.“ އަފްޒަލް ފޫހިވެފައި ބުންޏެވެ.

ވެގެން އުޅޭގޮތް ޑޮކްޓަރު ޢުބޭދަށް ވިސްނެން ފެށިއެވެ. ނަމަވެސް އަފްޒަލަށް ކުރިމަތިވެގެން އުޅޭ މައްސަލައިގެ ބާވަތުން ޢުބޭދަށް އެނގުނު އެއްޗެއް ޢުބޭދު ހާމައެއް ނުކުރިއެވެ.

”ތީ އެއްވެސް ކަމެއް ނޫން. ކެއުން ކޮންޓުރޯލު ކޮށްފަ ކަސްރަތު ފަށާ.“ ޢުބޭދު ހިތްވަރުދިނެވެ.

”އަނގައިން ބުނެލަން ވަރަށް ފަސޭހަ ދޯ؟ ޢަމަލުކުރަން ވަރަށް އުނދަގުލޭ! ގަޑި ސޯނާކޮށްގެން ވެސް ރެއަކު ނުހޭލެވުނު. ލަނޑެއް ލިބުނީ. ސޯނާ ނިއްވާލެވުނީ ވެސް މަށަށް.“ އަފްޒަލް އިނީ މާޔޫސްވެފައެވެ.

ޢުބޭދަށް އަފްޒަލްގެ ފަރުވާ އެނގެއެވެ.

”އެނގޭތަ ކީއްވެގެންކަން އެހެންވީ؟ އަފްޒަލް ގަޑި ސޯނާކުރީ ގަޑިޔަކަށް ހޭލައިގެން މަސައްކަތެއް ކުރަން. ހޭލަން ބޭނުންވުމުގެ އަޒުމެއް ނެތް! ދުވާހިތެއް ނެތް! ކަމަކަށް މަގުފަހިވުމުގެ ތަޅުދަނޑިއަކީ ޝައުގުވެރިކަން. ކުރާހިތްޖެހުން. ތިމާގެ ހިތް އެ ކަމަކަށް ބޭނުންވުން. އެއަށް ފަހު ސޯނާ ގަޑިއެއްގެ ބޭނުމެއް ނުވެސް އޮންނާނެ.“

އަފްޒަލަށް ވިސްނެން ފެށިއެވެ. ޢުބޭދު އެބުނީ ތެދެކެވެ.

”އަފޫ! އަހަރެން ބޭނުން ވާހަކައެއް އަހަން. އެއްޗެކޭ ހީނުކޮށް ޖަވާބުދީބަލަ!“ އުބޭދު އެދުނެވެ.

”ތިބުނީ؟“ އަފްޒަލް ސުވާލުކުރިއެވެ.

”މި ބުނީ ހިތް ބަރުނުކޮށް ޖަވާބު ދެއްޗޭ! އަފޫ ކީއްވެތަ އަންހެންކުދިންނާ މާ ދުރުދުރުން އުޅެނީ؟“

އެއީ އަފްޒަލަށް އާ ސުވާލެއް ނޫނެވެ. އެހެންނަމަވެސް ޢުބޭދު އެ ސުވާލު ކުރީތީ އަފްޒަލްގެ ހިތަށް ކިތަންމެ އެއްޗެއް އެރިއެވެ.

”ކީއްވެގެން ތިހެން ތި އެހީ؟“ އެ ސުވާލުގެ ޖަވާބު އަފްޒަލް ބޭނުމެވެ.

”މީހަކު އެހެން ބުނިއަޑު އިވުނީ. ބުނަން އަފޫ. އަހަރެން މިހާރު މިހިރީ ވަރަށް ރަނގަޅަށް ކިޔަވާ ނިމި ސެޓްފިކެޓު ހިފައިގެން އައިސް. ތެދަށް ބުނޭ!“

ތެދަށް ބުނަންޏާ އެ ސުވާލުގެ ޖަވާބުދީދީ އަފްޒަލް ފޫހިވެއްޖެއެވެ. ހަގީގަތް ކިޔައިދިނުމަކީ އަފްޒަލަށް ކުރެވޭނެ ކަމެއް ނޫނެވެ. ދެން އިސްކުރެވުނީ ރުޅިއެވެ. މޭޒުމަތީގައި އަޅައިފައިވާ ފޮތިގަނޑަށް ދަމައިގަތުމާއެކު ތަށިތައް ވިއްސިވިހާލިވެގެންދިޔައެވެ. އެ އަޑަށް އެންމެން ބަލައިލިއެވެ. ވެއިޓަރުންތައް ވެސް އައެވެ. ޢުބޭދު އަޅައި ވެސް ނުލައި އިނީއެވެ. އަފްޒަލް ނުކުމެގެން ދިޔައެވެ.

”އަހަރެންގެ ބިލަށް އެ ބައި ވެސް އިތުރުކޮށްލާ!“ ޢުބޭދު އެދުނެވެ.

އަފްޒަލް ދިޔައީ ލޮނުޒިޔާރަތްކޮޅަށެވެ. އެއީ އަފްޒަލް ވަރަށް ޝައުގުވެރިވާ މަގާމެއް ހުންނަ ތަނެކެވެ. މާ ބޮޑަށް މާޔޫސްވުމުން ތޮށިގަނޑުގެ ކަނުގައި އިށީނދެލައިގެން އިނުމަކީ އަފްޒަލްގެ އާދައެކެވެ. އަފްޒަލްގެ ބޯކޮޅު ބަލަމުން ޢުބޭދު ދިޔައެވެ. އެހެން ހެދުމަށް ޓަކައި ރެސްޓޯރަންޓުގައި ޢުބޭދުގެ އައިޑީ ކާޑު ބާއްވަން ޖެހުނެވެ. ފައިސާ ދައްކާނެ ވަގުތު ނެތީއެވެ.

އެކަނިވެރިވެފައި އަފްޒަލް އިންތަން ޢުބޭދު ދުށްޓެވެ. އެހެންނަމަވެސް އަފްޒަލް ގާތަށް ދާކަށް ޢުބޭދު ބޭނުމެއް ނޫނެވެ. ޢުބޭދުގެ މަގުސަދަކީ އަފްޒަލްގެ ހިތުގައި އަޒުމެއް އާކުރުވުމެވެ. އެ ކަން ޢުބޭދަށް ކާމިޔާބުވިއެވެ. އަފްޒަލްގެ ހިތުގައި އެ ވަގުތު އުފެދިފައިވަނީ ބަދަލު ހިފުމުގެ ރޫހެކެވެ. އަމިއްލަ ނަފުސަށެވެ. ދުނިޔޭގެ އިނގިލިތައް ދިއްކޮށްކޮށް އަފްޒަލް ފޫހިވެއްޖެއެވެ. ދުނިޔެ ދެކެން ބޭނުންވަނީ އިންސާނާގެ ބޭރުފުށްކަން އަފްޒަލަށް ކަށަވަރު ވެއްޖެއެވެ.

އަފްޒަލް ތެދުވިއެވެ. ކުރިމަތީގައި އޮތީ ހުޅި ނަގައިފައިވާ ރާޅުތަކެވެ. އަފްޒަލްގެ ސިކުނޑި ހުރީ ހަމައިން ނެއްޓިފައެވެ. ޢުބޭދު ހުރީ ދެ ހިޔާލެއްގައެވެ. އަފްޒަލް ހިފަހައްޓަން ދާން ޢުބޭދު ހިތަށްއެރިއެވެ. އެކަމަކު ވެސް ހުރީއެވެ. ކުއްލިއަކަށް އެނބުރިފައި ތޮށިގަނޑުގައި ފައިން އަފްޒަލް ތަޅަން ފެށިއެވެ. ވަރަށް ބާރަށެވެ. ޢުބޭދު ވަރަށް އުފާވިއެވެ. އަފްޒަލް އެ މަސައްކަތް ކުރަނީ ވަދެވިފައި ހުރި ތޮށިގަނޑު ފުނޑުކޮށްލަން ވެގެންކަން ޢުބޭދަށް އެނގެއެވެ. ޢުބޭދު އެނބުރި ދިޔައީ ރެސްޓޯރަންޓަށެވެ. ބިލު ދެއްކުމަށް ޓަކައެވެ.

އަފްޒަލް އޮތީ އެނދުގައެވެ. ސޯނާގަޑި ތައްޔާރުކުރާކަށް އަފްޒަލް ބޭނުމެއް ނުވެއެވެ. ދެން އަފްޒަލަށް ހޭލެވޭނެއެވެ.

”ދަރިފުޅާ! ތިޔަ ފޯނު ނަގާބަލަ!“ މަންމަ ދޮރުން އެތެރެއަށް ބޯދިއްކޮށްލައިފައި ގޮވާލިއެވެ.

ފޯނެއް އަންނަކަން އަފްޒަލަށް އެނގުނީ ދެނެވެ.

”ހަލޯ!“ އަފްޒަލް ފޯނު ނެގިއެވެ.

”ކިހާ އިރެއް ވެއްޖެ އަހަރެން ގުޅާތާ! ކޮންތާކު ތި އުޅެނީ؟“ އުމޭދާ އެހިއެވެ.

އަފްޒަލަކަށް އެ އަޑެއް ނޭނގުނެވެ. އެއީ ކޮންމެ މީހަކަށް ވިޔަސް އެ މީހަކާ ވާހަކަ ދައްކާ ހިތެއް އަފްޒަލް ނެތެވެ.

”ތީ ކާކުބާ؟“ އަފްޒަލް އެހިއެވެ.

”ސާބަސް! މީ އުމޭ! ޕާޓީން ދިމާވިއެއްނު!“ އުމޭދާ ހުރީ ވަރަށް ގަޔާވެފައެވެ.

”ކޮން ޕާޓީއެއް؟ ހޫނ އާނ.. އެނގިއްޖެ!“ އަފްޒަލްގެ ޖަވާބު ކުރެވެ.

”ކިހިނެއް އަހަރެން ނަންބަރު ހޯދީ؟ އެނގޭތަ؟“ އުމޭދާ ބޭނުންވަނީ ވާހަކަ ދައްކުވާށެވެ.

”އުހުނ“ އަފްޒަލް ބުނެލިއެވެ.

”ނަންބަރު ހޯދައިދިނީ ޢައިޝާ.“ އުމޭދާ އުފާވެފައި ބުންޏެވެ.

”އެހެންތަ؟“

އަފްޒަލް ޖަވާބުދޭގޮތުން އުމޭދާއަކަށް ވާހަކަ ކުރިއަކަށް ނުގެންދެވެއެވެ.

”ނިދިއައިސްފަތަ؟“ އުމޭދާ އެހިއެވެ.

”އާނ! ވަރަށް ފަތިހު ތެދުވަންޖެހޭ! ދުވަން ދާންޖެހޭ!“ އަފްޒަލް ބޭނުންވަނީ ފޯނު ބާއްވާށެވެ.

”ތީ ރަނގަޅު ހިޔާލެއް. އަފޫ ވެއްޖެ ދުވަން. ތަންކޮޅެއް ހިކިލީމަ ވަރަށް ރީތިވާނެ.“ އުމޭދާ ވަރަށް ސާދާކަމާއެކުގައި ބުންޏެވެ.

އަފްޒަލް އެންމެ ހިތްހަމަޖެހޭ ލަފައެއް އަޑުއިވުނީ އެ ފަހަރުއެވެ. އެހެންކަމުން އުފާވިއެވެ. ރީތި ނަމަ އިތުރަށް ވާހަކަ ދައްކައިގެން އަފްޒަލްގެ ގުޅުން ވެސް އިތުރަށް ބަދަހިކުރީހެވެ.

”ކިހިނެއް ދުވަން ދާނީ؟“ އަފްޒަލް އެހިއެވެ.

”ކިހިނެއްވީ؟“

”ފޯނު ބާއްވައިގެން އަހަންނަށް ނިދިގެން ފަތިހު ހޭލެވިގެންތާ ދުވަން ދެވޭނީ.“ އަފްޒަލް ބުންޏެވެ.

”އާނ ބާއްވަނީ!“ ހެމުން ހެމުން އުމޭދާ ފޯނު ބޭއްވިއެވެ.

ނިދުނުއިރެއް ނޭނގެއެވެ. އަފްޒަލަށް ހޭލެވުނީ ފަތިހުގެ ބަންގީގެ އަޑަށެވެ. އެ ވަގުތު އަފްޒަލްގެ ލޮލަކު ނިންޖެއް ނެތެވެ. ފުރަތަމަ އަފްޒަލް ދިޔައީ މިސްކިތަށެވެ. ޒަމާން ތަކަކަށް ފަހު ފުރަތަމަ ފަހަރަށް އަފްޒަލް ނަމާދު ކުރިއެވެ. ކިޔަންވާ އެއްޗެހި ހަނދާންހުރީ ވަރަށް ކުޑަކޮށެވެ. ނަމާދަށް ފަހު އަފްޒަލް ދުއާކުރިއެވެ. ކަލާނގެ އެހީއަށް އެދުނެވެ. އެއީ ފުރަތަމަ އަފްޒަލްގެ ވާޖިބެވެ.

ދުވަންވެގެން ލޮނުޒިޔާރަތްކޮޅަށް ދިޔައިރު އިރުގެ އެއްވެސް އަލިކަމެއް ނެތެވެ. މަގުތައް އޮތީ ފަޅުވެފައެވެ. އެކަމަކު އަފްޒަލްގެ ހިތުގައި އުތުރިއަރަނީ ބަދަލުހިފުމުގެ ރޫހެވެ. ބުންވަރު ކިތަންމެ ދެރަ ނަމަވެސް އަފްޒަލް ހިތްވަރު ކުރިއެވެ. މުސްތަގުބަލަށް ޓަކައެވެ. ހަށިގަނޑަށް ލިބެމުންދިޔަ ކެކުޅުންތަކަށް އަފްޒަލް ކެތްކުރީ ކެތްތެރިކަމާ އެކުގައެވެ.

ދުވެ ނިމުމަށް ފަހު އަފްޒަލް މިސްރާބުޖެހީ ގެޔާ ދިމާއަކަށް ނޫނެވެ. ފެތުމަށް ތައްޔާރު ކޮށްފައިވާ ސަރަހައްދާ ދިމާއަށެވެ. އޭރު މޫދުގައި ކޮންމެވެސް މީހަކު އޮތެވެ. ރަނގަޅަށް ފަތަން އެނގޭތީ އަފްޒަލް މޫދަށް ފުންމައިލިއެވެ. މޫދަކީ އަފްޒަލްގެ ގާތް އެކުވެރިއެކެވެ. އަފްޒަލާ މޫދާ ކޮންމެވެސް ގުޅުމެއްވާ ކަހަލައެވެ. އަފްޒަލް ފެތިއެވެ. ފީނިއެވެ. އިރުކޮޅަކަށް ފަހު އަފްޒަލްގެ ލޮލުގައި އަނެއްކާ ވެސް އަޅައިގަތީ މޫދުގައި އޮތް މީހާއެވެ. ރަނގަޅަށް އަލިނުވާތީ އެ މީހާގެ މޫނެއް އަފްޒަލަކަށް ނުފެނެއެވެ. އެ މީހަކީ ވަރަށް މަޑުމައިތިރި މީހެކެވެ. ހަރަކާތެއް ނުކުރެއެވެ. ވަކި ވަރަކަށް އެ މީހާއާ ގާތްވުމުން އަޑެއް އިވެން ފެށިއެވެ. އަޑު ވައްތަރީ ހުސް ފުޅިއެއް މޫދުގެ އަޑިއަށް ލުމުން އެ ފުޅީގެ ތެރެއަށް ލޮނުއެޅެން ފެށުމުން އިވޭ އަޑާއެވެ. ދޭތެރެޔަކުން އެ އަޑު ގަދަވެ މަޑުވަމުންދެއެވެ. މާ ބޮޑަށް ކައިރިވެއްޖެ ނަމަ ބާނިތައް ވަރުގަދަވެއެވެ. އެ މީހެއްގެ ގާތަށް ގޮސް އެ މީހަކު ކުރާ ކަމެއް ބެލުމުގެ ނުވަތަ އެހުމުގެ ޝައުގުވެރިކަމެއް އަފްޒަލްގެ ހިތަކު ނެތެވެ. ކޮންމެހެން ފުރިހަމަކުރަން ޖެހިފައިވާ މާ ބޮޑު ވާޖިބެއް އަފްޒަލްގެ ހިތުގައި ވާތީއެވެ.

މިސްކިތުގައި ކިޔަވަން އިނުމަށް ފަހު ފިރާޤު ގެޔާ ދިމާއަށް ހިނގައިގަތެވެ. ދޮރުން އެތެރެއަށް ވަދެފައި ފުރަތަމަ ވެސް ފިރާޤު ބަލައިލީ އަފްޒަލް ކޮބައިތޯއެވެ. ދޮންދަރިޔަކަށް ޓަކައި ފިރާޤުގެ ހިތުގައި ވަނީ އަޖައިބެއް ކަހަލަ ލޯތްބެކެވެ. އަފްޒަލްގެ ކޮޓަރީގެ ދޮރު ހުޅުވާފައި ހުރުމުން ފިރާޤު ބޯދިއްކޮށްލިއެވެ. އާދައިގެމަތިން އަފްޒަލް ނިދާފައި އޮތެވެ. ހިތްހަމަޖެހުމާ އެކު ދޮރު ލައްޕައިލައިފައި ފިރާޤު ހިނގައިގަތެވެ. ސިހުމެއް ލިބުނީ އެ ވަގުތުއެވެ. އަނެއްކާ ދޮރު ހުޅުވައިލިއެވެ. އަފްޒަލް އޮތްހެން ފިރާޤަށް ހީވިއެވެ. އެނދުގައި އޮތީ ދެ ބާލީހެވެ. އޮތްގޮތުން މީހަކާ ވައްތަރުވީއެވެ. ފާހާނަޔަކު ނުވަތަ ގެޔަކު ވެސް އަފްޒަލެއް ނެތެވެ. ބައިސްކަލެއް ވެސް ނެތެވެ.

”ނަޖްމާ!“ ފިރާޤު ގޮވިއެވެ.

ވަރަށް މަސައްކަތުން ނަޖްމާ ލޯހުޅުވައިލިއެވެ. ފިރާޤު އެނދުގައި އިށީނދެލިއެވެ.

”އަފްޒަލް ކޮބާ؟“ ފިރާޤު ހުރީ ވަރަށް ހާސްވެފައެވެ.

”ނެތްތަ؟ ތި ވާނީ ދުވަން ދިޔައީ ކަމަށް. ރޭގައި ކީ އެ ކަހަލަ އެއްޗެއް ވެސް.“

ފިރާޤު ފުންމައިގެން ތެދުވިއެވެ. ހީވީ ކަށްޓެއް ޖެހިހެންނެވެ.

”ކީއްކުރަން ދުވަންދާންވީ؟ ދެން ހިކިގެން ކަށިގަނޑަކަށް ވީމަ އަހަންނޭ ބަދުނާމު ވާނީ.“

”އޭނަ މިހާރު ތަންކޮޅެއް ފަލަވެއްޖެ! އަހަންނަށް ހީވަނީ ހެނދުނު ތެދުވެލާ ކަސްރަތުކޮށް ހަދާލީމަ ރަނގަޅުވާނެހެން.“ ނަޖްމާ އިނީ ވަރަށް ހަމަޖެހިފައެވެ.

”އާނ! އަހަރެން އަބަދު ވެސް ބުނާނީ އަފްޒަލަށް ގެއްލުންވާ ގޮތްގޮތް. ދެރަ ގޮތްގޮތް. ވާނީ ވެސް އެހެންތާ! މޮޔައީ އަހަރެން. އަހަންނަށް ނުވިސްނެނީ. ކިތަންމެ ކުލުނެއް ޖެހުނަސް ދޮންބައްޕައެއް ބައްޕައަކަށް ނުވާނެ.“ ފިރާޤަށް ރޮވިއްޖެއެވެ.

ނަޖްމާގެ މަގުސަދަކީ އެއެއް ނޫނެވެ. އަފްޒަލަށް ޓަކައި ފިރާޤަކީ ދޮންބައްޕައެއް ކަމަކަށް ދުވަހަކު ވެސް ނަޖްމާއެއް ނުދެކެއެވެ.

”ތިހެން ނުބުނޭ ފިރާޤު. ތި ކަހަލަ މީހެއް ހިއެއްނުވޭ މި ދުނިޔޭގައި އުޅޭނެހެނެއް. ބައްޕައެއްގެ ގޮތުން ވެސް ފިރިއެއްގެ ގޮތުން ވެސް. އެހެން މީހަކު ނަމަ އަހަރެން މިހާރު ދޫކޮށްލައިފީސް. އަހަރެންމީ އަންހެނަކަށް ވެސް ނުފުދޭ މީހެއްނު. ފިރާޤު! އަހަރެން ވަރިކުރާ ހިޔާލެއް ނުކުރަންތަ؟“

”ކިތައް ފަހަރު ބުނެފިން ތިހެން ނުކިޔާށޭ. އަހަރެން ކުއްޖަކު ބޭނުމެއް ނޫނޭ. އަހަންނަށް މުހިންމީ ނަޖްމާ! ދެން އަފްޒަލް! އަހަރެން ބޭނުންވަނީ އަހަރެން ކޮންމެ ހާލެއްގަ އުޅެން ޖެހުނަސް އަހަރެންގެ ތި އާއިލާއަށް ބާއްޖަވެރި ދުވަސްތަކެއް ފެނުން. ހިތާމަތަކާ ބަލިތަކުން ތި ދެމީހުން ސަލާމަތްކުރުން.“

ޖަޒުބާތަކީ އުމުރުގެ ހުރަހެއް އޮންނަ އެއްޗެއް ނޫނެވެ. ވަގުތުގެ އޮޅިގަނޑެއް ގިރާކުރަންޖެހޭ އިހުސާސެއް ވެސް ނޫނެވެ. ފިރިމީހާގެ ބަހާއި ޢަމަލުން އޮހެމުންދިޔަ ލޯތްބަކީ ނަޖްމާގެ ފުރާނައިގެ ދިރުމެވެ. ހަޔާތުގެ އެންމެ އަޑިގުޑަން ވަގުތު ފިރާޤުގެ އެހީތެރިކަން ނުލިބުނު ނަމަ ނަޖްމާ ވަރަށް އެކަނިވެރިވީހެވެ.

”އަހަރެން އަފްޒަލް ގާތުގަ ބުނާނަން ހަށިގަނޑަށް ބަލައްޗޭ! އޭނަ ހިކިދާނެތީ ބިރުނުގަނެބަލަ!“ ފިރާޤުގެ ކޮންމެ ނިންމުމަކަށް ނަޖްމާ އިހުތިރާމު ކުރެއެވެ.

އިތުބާރާއި ޔަގީންކަމާއެކު ފިރާޤު ހީނލިއެވެ. އެ ވަގުތު ފިރާޤުގެ އަނގައިގެ ތެރެއިން ރަން ކުލައިގެ ވިދުވަރެއް ވެސް ފެނުނެވެ. އެ މަންޒަރު ފެންނާނީ ފިރާޤު ވަރަށް ބޮޑަށް ހީނލީމައެވެ.

”ކީއްވެތަ ތިހެނީ؟“ އަފްޒަލް އެހިއެވެ.

އަފްޒަލާއި އޮފީހުގެ އެކުވެރިން ތިބީ ހޮޓަލެއްގައެވެ. ނުވަގަޑީގެ ސައިބޯށެވެ.

”ހޭވަރުގެ ކަމެއް ނުވޭތަ؟ ރޭ ހަތަރުދަމު ކީއްތަކުރީ؟ ތި އިންނަނީ ތާއްޔާޖެހިޖެހި.“ އެކުވެރިޔަކު ޖަވާބުދިނެވެ.

އަފްޒަލް މަސައްކަތްކުރީ ހަމަޖެހެވޭތޯއެވެ. ނިދިފިލުވުމަށް ޓަކައި އަފްޒަލް ގެނައީ ކަޅުކޮފީ ތައްޓެކެވެ. އަވަސް އަވަހަށް ކޮފީތަށި ބޯލުމަށް ފަހު ފެންފޮދެއް ވެސް ބޯލިއެވެ.

”ބޭހެއްތަ ތި ބުއީ؟“ އެހެން މީހަކު އެހިއެވެ.

”އޭނަ ފިޓުވަނީނު! މެންދަމު ތެދުވެގެން ގޮސް މާލެ ކުޑަޔަށްލާ ދުވެފަ މިހާރު ޑަޔަޓު ކުރަން ވެސް ފެށީ. ބަލާބަލަ އޭނަ ހިކިކަން.“

އެކުވެރިން ވަރަށް ދިމާކުރިއެވެ. އަފްޒަލް އަޅައެއްނުލައެވެ. ހީނލަހީނލާ އިނީއެވެ. (ނުނިމޭ)